"އަހަރެންގެ ފޯނު ބެލީ ކީއްކުރަން؟" އަނގައިގެ ތެރެއަށް ދަމާލި ކޮފީ ކޯވަރު ބާޒިލްއަށް ޖެހުނީ ގަދަކަމުން ދިރުވާލާށެވެ. ހޫނު އަލިފާންހެން ހުއްޓާ ކަރުތެރެ ރޯނުފިލީ ކިރިޔާއެވެ. ފޯނު ބެލިކަން މެލެކް އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
މެލެކް އަދިވެސް ވަރަށް ފަރުވާކުޑަ. ފޯނު ބާއްވާފަ ދިޔައީ ކޮންތާކު؟ ވެއްޓެނިކޮށް އަހަރެން ތިފޯނު ސަލާމަތްކޮށްދިނީނު. ތެންކިޔު ބުނެބަލަ" ބާޒިލް ބުންޏެވެ.
"އޯ އެހެންވިއްޔާ ތެންކިޔު" މެލެކް ބުންޏެވެ.
ހުސް ޖޯޑު މެލެކް އަށް ދިއްކޮށްލާފައި ބާޒިލް ކުޑަކޮށް ތެދުވެލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ވަރަށް ވަގުތު ހިނގައްޖެއެވެ. އެއްވެސް މީހެއް އެގެއަށް ނާދެއެވެ. މެލެކް އެކަނި ބައިންދާފާއި ދާން ހުދު އޭނާވެސް ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން ދެން އިތުރަށް ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟
"ކުރުނބައެއް ބޯންވީނު" ބާޒިލް ބުންޏެވެ.
"ބާޒިލްއަށް އެނގޭތަ ކުރުނބާ ހަދަން" މެލެކް އަހާލިއެވެ.
"ވަޅިއެއް ގެނެސްދީފަ ބަލަންހުރޭ" ބާޒިލް ބުންޏެވެ.
ލައިގެން ހުރި އަތްދިގު ޓީޝާޓްގެ އަތްކުރި އުނޅަބޮއްޓާ ހަމައަށް މައްޗަށް ޖައްސާލާފައި މެލެކް ދިއްކޮށްލި ވަޅީގައި ބާޒިލް ހިފިއެވެ. ދެން ކުރުނބާ ހަދަން ތައްޔާރުވިއެވެ. ފުރަތަމަ އެތިފަހަރު ކުރުނބަލަށް ޖަހާލިތަނާ މެލެކް އަށް ފޯނެއް އަންނަން ފެށިއެވެ.
"ޔާން..." މެލެކް ބުންޏެވެ.
ބާޒިލްގެ ނިތަށް ދެތިން ރޫ އަރައިގެން ދިޔައެވެ. އެވަގުތު ރައްޔާން ގުޅާކަށް ނުޖެހެއެވެ. އަނެއްކޮޅުން ރައްޔާން ހަމަ ގުޅާއިރަށް މެލެކް އެހާ އުފާވަނީ ކީއްވެ ހެއްޔެވެ؟ ފޯނުގައި ހުރި މެލެކް ބަލައިލީ ބާޒިލްގެ އަޑު އިވުމުންނެވެ. ހިތުން ރައްޔާނަށް އެއްޗެހި ގޮވަން އުޅެގެން ވަޅި އެޅުނީ އިނގިލީގައެވެ. އަޑެއް ލެއްވުނީ ވީތަދުންނެވެ. މެލެކް ފޯނު ބާއްވާފައި ދުމެއްހެން އައިސް ޖެހުނީ ބާޒިލް ކައިރީގައެވެ.
"ނޭނގޭ ކަންތައްތައް ނުކުރާނީ" ބާޒިލް އަތުން ވަޅި އަތުލަމުން މެލެކް ބުންޏެވެ.
"އެނގޭ" މެލެކް އަތުން ބާޒިލް ވަޅި އަތުލިއެވެ.
"ދެންހެޔޮ. އަހަރެން ކުރުނބައެއް ނުބޯނަން. ދައްކަބަލަ ތި އަތް" މެލެކް ބުންޏެވެ. އޭނާ ވަޅި އާ ކުރުނބަލާ ހިފައިގެން ގޮސް ދުރުގައި ބޭއްވިއެވެ.
"ހެޔޮ ނުބެލިޔަސް. އަހަރެންގެ އަތެއްނު. ދޭބަލަ ފޯނުން ވާހަކަދައްކަން. ރައްޔާނެއްނު ގުޅީ" ބާޒިލް ބުންޏެވެ.
މެލެކް ހިނިއައެވެ. ފާޑަކަށް ބާޒިލް ހަސަދަވެރިވެއްޖެކަން ހޭން ނުހޭން އުޅޭ ކަހަލަ ގޮތަކަށް މެލެކް ދެތުންފަތް ބައްދާލިއެވެ. ރައްޔާނާ ބާޒިލް އާ ދެމެދު މައްސަލައެއް އުޅެނީތާއެވެ. އެކަމަކު ކޮން މައްސަލައެއް ހެއްޔެވެ؟
"ދެން ދީބަލަ" ބާޒިލްގެ އަތުގައި މެލެކް ހިފީ ގަދަކަމުންނެވެ.
އިނގިލިން ހަން ގޮސްފައި ހުރި ކުޑަ ތަންކޮޅަކުންނެވެ. ކޮންމެވެސް ވަރަކަށް ލޭ ފޭދިފައި ހުއްޓެވެ. މެލެކް ވިސްނާނުލާ ބާޒިލްގެ އިނގިލި އަނގައަށްލިއެވެ. ލިބުނު ހައިރާންކަމުގައި ބާޒިލގެ ބަސްހުއްޓުނު ކަހަލައެވެ. އެހިނދު އޭނާގެ ސަމާލުކަން މެލެކް ނޫން އެހެން އެއްވެސް މީހަކަށް ނުދެވުނެވެ. އިރުގަނޑަކަށްފަހު އޭނާ މެލެކްގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ގާތަށް ދަމާލާފައި މެލެކްގެ މޫނާ މޫނު ގާތްކޮށްލިއެވެ. ނުރައްކާތެރި ދަރަޖައަކަށް ދެ މޫނު ގާތަށް އައެވެ. އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ގާތަށެވެ. މެލެކްގެ ހިތް ބިރުން ނެގިނެގިފައި ޖެހެން ފެށިއެވެ.
"ބާޒިލް... ކީއްކުރަން ތިއުޅެނީ. އަހަރެން ވަރަށް ބިރުގަނޭ" މެލެކް ބުންޏެވެ. އޭނާއަށް ބާޒިލް ދުރުކޮށެއް ނުލެވުނެވެ.
ކުރެވެން މިއުޅެނީ ކީއްކަން ބާޒިލްއަށް އެނގެއެވެ. މެލެކްގެ އެހާ ގާތުގައި ހުރެގެން އެ އަންހެންކުއްޖާ ނުދަންނަކަމަށް ހަދައިގެން ހުންނަން އެތައް މަސައްކަތެއް އޭނާ ކޮށްފިއެވެ. އޭނާގެ ގާތުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. މެލެކް އަކީ ހިލޭ އަންހެނެއް ނޫނެވެ. މެލެކް އާ އޭނާ ކިތަންމެ ގާތަށް ދިޔަސް އެއީ އޭނާއަށް ކުރޭވޭ ފާފައެއްނޫނެވެ. އެހެނަސް އެއްވެސް ކަމެއް މެލެކް އަށް ނޭނގޭ ހާލު މެލެކްގެ އެހާ ގާތަށް ދިޔުން އެއީ އިންސާފެއް ހެއްޔެވެ؟ އެހެންނަމަވެސް މިވަނީ ކިހިނެއް ހެއްޔެވެ؟ ދުރުނުވެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މިވަގުތުގެ އެހާ އަސަރުގަދަ ވަގުތުކޮޅަކަށް މިވީ ކީއްވެގެން ހެއްޔެވެ؟ ހިތް ބޭނުންވެގެން މިއުޅެނީ ސީދާ ކޮންކަމެއް ހެއްޔެވެ؟ މެލެކް.... ކައިރީގައި ދެހިތުގެ ތެޅުން އިހުސާސްވާހާ ގާތުގައި މިހުރީ މެލެކް އެވެ. ސާރާއެއް ނޫނެވެ.
"އައިމް ސޮރީ މެލެކް..." ބާޒިލް ބުންޏެވެ.
އިތުރަށް ބާޒިލްގެ މޫނު ގާތްވެއްޖެއެވެ. މެލެކް އަށް ދެލޯމަރާލެވިއްޖެއެވެ. ބާޒިލްގެ ބުރަކަށީގައި ބާރަށް ދެއަތުން ހިފަހައްޓާލެވިއްޖެއެވެ. ދެވުނީ ބާޒިލްއަށް އިތުރު ހިތްވަރެއްކަން ނޭނގޭ ހާލު އޭނާގެ މުޅި ހަށިގަނޑު ބާޒިލްގެ ބީހުންތަކުގެ އަސަރުގައި ޖެހިއްޖެއެވެ. އެވަގުތުކޮޅު އިރުގަނޑަކަށް ދެމިގެން ދިޔައެވެ. މެލެކް ދުރުނުވިނަމަ ބާޒިލް ހުރީ އޭނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. މެލެކްގެ ހަށިގަނޑަށް ލުޔެއް އިހުސާސްވެގެން ދިޔުމާއެކު މަޑުމަޑުން މެލެކް ދުރަށް ޖެހިލިއެވެ. އިސްއޮބާލައިގެން ހުރެ އޭނާ މަޑުމަޑުމް ބާޒިލްގެ މޫނަށް ބަލައިލިއެވެ.
"ކީއްތިކުރީ ބާޒިލް" މެލެކް އަހާލިއެވެ.
"ނޭނގެ" ބާޒިލް މެލެކް އާ ދުރަށް ޖެހުނެވެ. ބާޒިލް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
އޭނާ ކުރިން އިށިންތަނުގައި އައިސް އިށީނެވެ. މުށްކަވާފައިވާ އެއް އަތް އަނެއް އަތްތިލައިގެ ތެރެއަށް ލައިގެން އިސްޖަހައިގެން އޭނާ އިނެވެ. މެލެކް މަޑުމަޑުން ހިނގާފައި އައިސް ކުރިން އިން ޖޯލީގައި އިށީނެވެ. ކުއްލިއަކަށް ދެމީހުންގެ މެދުގައި ހިމޭންކަމުގެ ފާރެއް ލެވިއްޖެއެވެ. ދެމީހުންގެ ދުލުން ބަސް ހުސްވެއްޖެއެވެ. އެކަކު އަނެކަކާ އަނގައިން ނުބުނެ ވަގުތުތަކެއް ފާއިތުވެގެން ދިޔައެވެ. ކުއްލިއަކަށް ބާޒިލް ބަލައިލީ މީހެއް ރުއިމުގެ އަޑު އިވުމުންނެވެ. އޭނާ ބަލައިލިއިރު ކަރުނަ ފޮހެން އިނދެ މެލެކް ރޮމުން ދިޔައެވެ. ބާޒިލް ކަންބޮޑުވިއެވެ. ގޯތިތެރެއަށް ކޮންމެ ގަޑިއަކުވެސް މީހަކު އައިސް ވަދެދާނެއެވެ.
"މެލެކް.... ޕްލީޒް...ޕްލިޒް ހުއްޓާލާ... ދެން އެހެންނުވާނެ" ބާޒިލް މެލެކް އާ ގާތަށް ޖެހިލާފައި ބުންޏެވެ.
****
ދޮވެފައި ހުރި ހެދުންތައް ހިފައިގެން ޒޭބާ ބޭރަށް ނިކުތް ވަގުތު ހައިރާންކަން ލިބުނެވެ. އެތެރެއިން ހުރި ޖޯލީގައި ދެލޯ މަރާލައިގެން އޮތީ ބާޒިލް އެވެ. އޭނާ އޮތީ ކުރެވުނު ކަންތަކާ މެދު ފިކުރު ބޮޑުވެފައެވެ. އޭނާ އާ މެލެކް ދެކޭނެގޮތެއް ނޭގޭތީ ފިކުރު ބޮޑުވެފައެވެ. އަމިއްލަ އެދުން އިސްކުރެވުނީތީ އަމިއްލަ ނަފްސުދެކެ ހިތްހަމަނުޖެހިފައެވެ. ކައިރީގައި މީހަކު އިށިންހެން ހީވެ ބާޒިލް ބަލައިލިއެވެ. ކައިރީގައި އިން ޒޭބާ ފެނުމުން ބާޒިލް ހިނިތުންވެލީ ގަދަކަމުންނެވެ. އޭނާ ތެދުވެ ޖޯލީގައި އިށީނެވެ.
"ރޭގަވި ކަންތަކަށް ސޮރީ" ބާޒިލް ބުންޏެވެ.
"އެކަން މިހާރު ކޫ ހަނދާނެއްނެތް" ޒޭބާ ބުންޏެވެ.
"ކިހިނެއްވެފަ ތި އޮންނަނީ. ކޮން ވިސްނުމެއް ތިވިސްނަނީ. އަދިވެސް ސާރާ އޯކޭ ނުވަނީތަ؟" ޒޭބާ އަހާލިއެވެ.
ސާރާ މަތިން ބާޒިލް ހިތަށް އެރީވެސް ޒޭބާ އެ ނަން ކިޔާލުމުންނެވެ. ދެއަތުން މޫނުމަތީގައި އޭނާ އަތްއުނގުޅާލިއެވެ. ހީވީ އޭނާ ކޮށްގެން ނުވާވަރުގެ ކަމެއް ކޮށްފިކަން މޫނުމަތިން އެހެން މީހަކަށް އެނގުމުގެ ކުރިން އެއްކޮށް ފިލުވާލިހެންނެވެ.
"ސާރާ... ނޭނގެ. ހަބަރެއްނުވޭ އެފަހުން" ބާޒިލް ބުންޏެވެ.
"ރަނގަޅުވާނެ އަދި. އެކަމާ އެހާ ބޮޑަށް ނުވިސްނާ" ޒޭބާ ބުންޏެވެ.
ބާޒިލް ތެދުވެގެން ދާން ހިނގައިގަތެވެ. މައިދޮރާ ހަމަވެފައި ފަހަތް ބަލައިލިއެވެ.
"ބައްޕަ ބޭރުގަތަ؟" ބާޒިލް އަހާލިއެވެ.
"އެބައުޅޭ. ޒެއްލި ހެނދުނު ސައި ގަޑިއަށް ނައިމަ ވަރަށް އެވާހަކަދެއްކި. ދޭބަލަ" ޒޭބާ ބުންޏެވެ.
ބާޒިލް އެތެރެއަށް ހިނގައިގަތުމުން އަންނައުނު ހުސްކުރި ބާލިދީ ހިފައިގެން ޒޭބާ ދިޔައީ ދޮންނަ މެޝިން ބަހައްޓާފައި ހުރި ދިމާލަށެވެ.
****
ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިން މެލެކް އިރުކޮޅަކާ ދެލޮލުން ފައިބާ ކަރުނަތައް ފޮހެލައެވެ. އަމިއްލަ އަށް ތުންފަތުގައި އަތްހާކާލައެވެ. އޭނާއަށް ވަމުންދާ ގޮތެއް ދެނެގަންނަން ނޭނގިގެން އުޅޭ ކަހަލައެވެ. އެވަގުތު ހަށިގަނޑުގައި އުފެދުނު ތުރުތުރުލުން އަދިވެސް ނުފިލާ ކަހަލައެވެ. ބާޒިލްގެ ވިސްނުމެއް އޭނާއަށް ނޭނގެއެވެ. އެންމެފަހުން ސޮރީ ބުނެފައި ފުއްދާލީއެވެ. އޭގެފަހުން ބައިގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް ދެމީހުންގެ މެދުގައި ވާހަކަނުދެކެވެއެވެ. ނިޔަފަތި ހަފަން މެލެކް އިނީ ބާޒިލް އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. އެންމެފަހުން ތަބައްސުމްއަށް ރަނގަޅަށް ގޯތިތެރެއަށް ނުވަދެވެނީސް ބާޒިލް ހިނގައްޖެއެވެ. އޭގެފަހުން ހަމަޖެހުމެއް ނުލިބިގެން އެ އުޅެނީ މެލެކް އެވެ. އެ މަންޒަރުތައް އޭނާގެ ހިތުން ފިލުވާނުލެވުނެވެ. އޭނާއަށް ރޮވެމުން ދިޔައީ ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާ ބޭނުންވަނީ ބާޒިލްގެ ގާތަށް ދާށެވެ. އޭނާއަށް ޖަވާބު ނުލިބެން އުޅޭ ސުވާލު ބާޒިލް އާ ކުރާށެވެ. ޖަވާބު ލިބެންދެން ބާޒިލްގެ ފަސްފަހަތުގައި ހުންނާށެވެ.
"މީނީނު މިތާ" ތަބައްސުމް ބުންޏެވެ.
މެލެކް ބަލައިލިއެވެ. ދެލޯ ކައިރި އޭނާ ފޮހެލީ މަންމައަށް ބަލައިލަމުންނެވެ.
"ކޮބާތަ ފޯނު؟ ނޭނގެ އަހާލަންޖެހޭނީ. މަންމަ ގުޅާނަން" މައިލީންގެ ފޯނު ބާއްވާފައި މެލެކް އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.
"ކިހިނެއްވެފަ ތިއިންނަނީ. ކީއްވެ ރޮވެނީ" ތަބައްސުމް އަހާލިއެވެ.
ނޫންކަމަށް ހެދެންވެގެން މެލެކް ހީލިއެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ޖަޒުބާތުތައް އަދި އެއްވެސް މީހެއްގެ ގާތުގައި ބުނާކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭނާ އެއަށް ޖަވާބުދެވޭނީ ބާޒިލް އާ ސުވާލުކޮށްފައެވެ.
"ބާޒިލް އެއްޗެއްކިއީތަ؟ އޭނަ ކިޔާފާނެ. މަންމައަށް އެހެންގޮތެއް ނެތިގެން އޭނަ ކައިރީގަ މަޑުކޮށްލަން ބުނީ" ތަބައްސުމް ބުންޏެވެ.
މެލެކް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ބާޒިލް އެއްޗެއް ނުބުނާކަން އަންގައިދިނުމުގެ ގޮތުންނެވެ.
"ނޫން. މިއަދު ބާޒިލް އަނގައިން އެކައްޗެއްވެސް ނުކިޔާ. ކުރުނބާ ހަދަން އުޅެނިކޮށް އޭނަ އަތުގަ ވަޅި އެޅުނީ. ދެރަވަނީ އެކަމާ. އަހަރެންގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބުނީމަ" މެލެކް ބުންޏެވެ.
ތަބައްސުމް ހިނިތުންވެލިއެވެ. މިފަހަކަށް އައިސް މެލެކް ކަންތައްތަކާ ޖަޒުބާތީވާކަން ތަބައްސުމް އަށް ފާހަގަކުރެވެއެވެ.
"އެކަމާ ނުވިސްނާ. ބޭސްމަލަމެއް އަޅާލީމަ އެކަން ރަނގަޅުވެދާނެ. ދޮނާ އޭ އެގުޅީ. މެލީ ފޯނު ނުނެގީމަ. ކޮންތާކަށް ފޯނު ލައިގެން ތިއުޅެނީ" ތަބައްސުމް ބުންޏެވެ. ފޯނު ވީތަނެއް ނޭނގޭތީ މެލެކްވެސް ފޯނު ހޯދާލިއެވެ.
"ފޯނު ހިފައިގެން އާދެބަލަ އެފަރާތަށް. ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ. މިއަދު މެންދުރު ކާން ތިބޭނީ ދަރިފުޅާ މަންމަ އެކަނި. ދޮނާ އަށް ނާދެވެޔޯ. ރައްޔާންވެސް ބުނި ބިޒީވެގެން އުޅޭވާހަކަ" ކޮޓަރިން ނިކުންނަމުން ތަބައްސުމް ބުންޏެވެ.
****
އެނދުގައި އިސްއޮބާލައިގެން އިން ބާޒިލް އަށް ބަލަން ކައިރީގައި ޒިޔާދު އިނެވެ. ވަކިން ހުރި ގޮނޑިއެއްގައި ބާލީހެއް މަތީގައި ލޫލު ބާއްވައިގެން ކުޑަކޮށް ތަޅުވަން އިން މައުސޫމާ ވެސް އިނީ ބާޒިލް އަށް ބަލަހައްޓައިގެންނެވެ.
"ތިއީ ބާޒިލްގެ މައްސަލައަކީ. އަމަލުކުރެވޭފަހުން ވިސްނޭނީ" ޒިޔާދު ބުންޏެވެ.
"ސޮރީ ބައްޕާ" އަނެއްކާވެސް ބާޒިލް ބުންޏެވެ.
"ދަރިފުޅުމެންގެ އުފަލަށްޓަކައި މަންމައާއި ބައްޕަ ނުވަނީ ކޮން ގުރުބާނީއެއް. ހާއްސަކޮށް ބާޒިލް. ބާޒިލް ކޮންމެކަމެއް ކުރަން ބޭނުންވެގެން ބުންޏަސް އެކަމަށް މައިންބަފައިން ހުރަހެއް ނާޅާ. ގަބޫލުކުރަން މެލެކް އަކީ އެއްވެސް އިރެއްގައި ދަރިފުޅަށް މުހިންމުވެގެން ކައިވެނިކުރި އަންހެނެއް ނޫންކަން. އެކަމަކު އެއީ ހަމަ ލައްކައަކުން އެކެއް. މިޒަމާނުގަ ތިމާ ލޯބިވާ މީހާ އަށް ވުރެ ބޮޑަށް ދިރިއުޅުމަށް ގެންނަން އެންމެ ރަނގަޅުވާނީ ތިމާދެކެ ލޯބިވާ މީހެއް. މިއީ ބައްޕަ ބުނާ އެއްޗެއް ނޫން. ބުއްދިވެރިން ބުނާ އެއްޗެއް. ކަންތައްތައް ވެގެންދިޔަ ގޮތުން ބައްޕަމެންގެ ހިތަށްވެސް އަރާ އޭރުގައި މެލެކް އާ ކައިވެނިކުރަން ދަރިފުޅު ކައިރީގަ ނުބުނެވުނުނަމައޭ. ދަރިފުޅުގެ ލޯބި ގުރުބާންކޮށް އެ ކައިވެނިކުރަން މަޖުބޫރު ކުރެވުނީތީ މިއަދުވެސް މައާފަށްއެދެން" ޒިޔާދު ވާހަކަދައްކަމުން ދިޔައެވެ.
"ތިއީ ކޮންވާހަކައެއް ބައްޕާ. ބައްޕަމެން މައާފަށްއެދޭކަށް ނުޖެހޭނެ" ޒިޔާދުގެ އަތުގައި ހިފާލަމުން ބާޒިލް ބުންޏެވެ.
"ތިހެންވިއްޔާ ޒިންމާތަކުގެ މަތިން ހަނދާންކޮށްދިނުމުން ދަރިފުޅު ނުރުހެނީ ކީއްވެ؟ ދަރިފުޅަކީ އިސްލާމްދީނުގެ ކަންކަން ނުފިލާ ހުރި ޖާހިލެއްނޫން. އައްޒާމްއަށް ބައްޕަ ދައްކާނީ ކޮން މޫނެއް. މިއަދު ދަރިފުޅުގެ ކުރިމަތީގައި ދެފައި މައްޗަށް ކޮޅަށް ބައްޕައަށް މިހުރެވުނީ އައްޒާމް ވެދިން އިހުސާންތެރިކަމެއްގެ ސަބަބުން. އެއީ ހެޔޮ އިންސާނެއް. ބަދަލުގައި ލޯ ލާރިއެއްވެސް ބައްޕަ އަތުން ބޭނުމެއްނުވި. އެދުނީ އޭނާގެ ހަގު ދަރިފުޅުގެ ޒިންމާތަކާ ދަރިފުޅު ހަވާލުވާން. އެކުއްޖާ އާ ކައިވެންޏެއްކޮށް އަބަދަށްޓަކައި އުފަލުގަ ގެންގުޅެން. އެއީ ކުޑައިރުން ފެށިގެން އޭނާއަށް އެދަރިންނާމެދު އިހުމާލެއްވެވިފައި އޮތީތީ އެކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް އޭނާ އެދޭތީ. ފުރަތަމަ ނަޒަރުންވެސް އޭނައަށް އިހުސާސްވީ ދަރިފުޅަކީ ހަރުދަނާ ކިޔަމަންތެރި ތައުލީމީ ޒުވާނެއްކަން. މިއަދު އެހެންމީހުންގެ ލޯތްބާ ހަމްދަރުދީ އާ އަޅާލުމަށް އެކުއްޖާ އެންމެ ބޭނުންވި ވަގުތު ދަރިފުޅު އެކުއްޖާ ދޫކޮށްލީ. ދަރިފުޅު ލޯބިވާ މީހާއަށްޓަކައި ދަރިފުޅުދެކެ ލޯބިވާ މީހާ ބާކީ ކުރީ. މިއަދު އެކުއްޖާ ސިއްހަތު ސަލާމަތުން ހުރެ ހުރިހާ ކަމެއް ހަނދާނުގަ ހުރިނަމަ ކިހާ ހިތާމައެއް ކުރީސް. މީހުން ބުނޭ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ. ގަދަ ހުމެއް ޖެހިގެން އޭގެ އަސަރު ސިކުނޑިއަށްކޮށް ހާލު ސީރިޔަސްވެގެން ގޮސް ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި އެކުއްޖާގެ ހަނދާނުގަ މިވަގުތު ނެތުން އެއީ އެކަލާނގެ މެދުވެރިކުރެއްވި ރަހްމަތެއް. ވެދާނެ ދަރިފުޅުގެ ތިދުރުކަމާ އެކުއްޖާ އާ މެދު ކަންތައްކުރި ގޮތް ބަރުދާސްތުނުކުރެވި މިދުނިޔޭގައި އެކުއްޖާ ކޮށްފާނެ ހިތާމައަކުން މިންޖުކޮށްދެއްވުމަށް އެކަލާނގެ މެދުވެރި ކުރެއްވި އިމްތިހާނެއް ކަމަށްވެސް. މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ" ޒިޔާދު ވާހަކަދެއްކިއެވެ.
ވާހަކަތައް އެހިސާބަށް ދިޔަތަނާ ނިދިފައި އޮތް ލޫލު ގޮވައިގެން މައުސޫމާ ތެދުވެއްޖެއެވެ. އެނދުގެ އަނެއްފަރާތުގައި ލޫލު ބާއްވާފައި އައިސް ބާލިސް ކައިރިކޮށްލިއެވެ. ލޫލުގެ މޫނާއި އިސްތަށިކޮޅުގައި ފިރުމާލާފައި ދެން އައިސް އިށީނީ ބާޒިލްގެ އަނެއްފަރާތުގައެވެ. މަންމަގެ މޫނަށް ބަލައިލާފައި ބާޒިލް އަނެއްކާވެސް ކުރިން އިންގޮތަށް އިނެވެ. މިއަދު ކޮޓަރިއަށް ވަތްފަހުން މަންމަ އަދި އޭނަ އާ އެއްވެސް ބަހެއް ނުކިޔައެވެ.
"އަހަރެންގެ ޒިންމާތައް އަހަރެން ހަނދާނުގަ އެބަހުރި. މިއީ ރަހުމެއްނެތް އިންސާނެއްނޫން. ޒިންމާދާރު މީހަކަށް ވާންވެގެން މާހިރުބޭ ރުއް ދަނޑަށް ގޮސް މީހަކު ހޯދައިގެން ރުކަށް އަރުވާފަ ކުރުނބާ މެލެކް އަށް ގެންގޮސްދިނީ. އަދި އެގަޑީގަ އެގޭގަ މެލެކް އެކަނި އިނީމަ މަންމަ އަންނަންދެން މަޑުވެސްކުރިން. މިއަދު އެއްކޮށް މިދިޔައީ އެގޭގަ" ބާޒިލް ވާހަކަދެއްކިއެވެ.
"ކީކޭ؟ މެލީ އަށް ކުރުނބާ ގެންދިޔައީމޭ. އަސްތާ .... ކޮންދިމާލަކުންބާ މިއަދު އިރުއެރީ" މައުސޫމާ ބުންޏެވެ.
ބާޒިލް އަށް ހެވުނެވެ. ލޯތްބާއެކު ބާޒިލްގެ ބުރަކަށީގައި ޒިޔާދު ފިރުމާލިއެވެ.
"ޒިންމާތައް އަދާނުކުރައޭ ބުނެ ދެން ނުޖެހޭނެ ތި ޝަކުވާ މަންމަމެން ކުރާކަށް" ބާޒިލް ބުންޏެވެ.
"މަންމަމެން އެދެނީ އަބަދުވެސް ޒެއްލު އަށް ރަނގަޅު ގޮތް ވުމަށް. ސާރާ އާ ކައިވެނިކުރަން ބޭނުންވެގެން ބުނީމަވެސް ގަބޫލުވީމެއްނު. މަންމަމެންނަށް އެނގޭ ޒެއްލުއަށް ޒިންމާނެގޭނެކަން. އެހީވާން ކައިރީގައި އަބަދުވެސް އާއިލާ މިތިބީ" ބާޒިލްގެ ބޮލުގައި މައުސޫމާ ފިރުމާލިއެވެ.
****
ދުވަހުގެ ހަވީރުއަތަށް އެޅިއިރު މެލެކްގެ ބަލިގަނޑު ހަމަޔަކަށް އެޅިއްޖެއެވެ. ހަމައެކަނި އަޑުގޮސްފައި ހުރިކަމެވެ. ރޯގާ ގަނޑު މައިތިވެފައި ހުރުމުން އޭނާ ރީތިކޮށް ފެންވަރާލިއެވެ. ތައްޔާރުވެގެން ނިކުތް ގޮތަށް އެމްމެ ފުރަތަމަވެސް ބޭނުންވީ ލޫލު ކައިރިއަށް ދާށެވެ. އެކުއްޖާ ނުފެނި ގިނައިރުވާތީ އޭނާއށް ހީވަނީ ނޭވާ ހުއްޓިދާނެހެންނެވެ. ބޭރު ޖޯލީގައި އިން ތަބައްސުމް ކައިރީގައި ބުނެލާފައި މަގު ހުރިގޮތަށް އޭނާ ހިނގައިގަތެވެ. މެލެކް ލޯމައްޗަށް ގެއްލެންދެން ތަބައްސުމް ބަލަހައްޓައިގެން އިނެވެ. މެލެކް އެކަނިދާތީ ޖެހިލުންވެފައި އިނަސް ބައެއް ހަލާތްތަކުގައި މެލެކް އެކަނިވެސް ދޫކޮށްލަން ޖެހޭނެކަން އޭނާއަށް ވިސްނެއެވެ. އެއީ އަނެއް މަގުން ނިކުތް ފުލުހުންގެ ސައިކަލުގައި ރައްޔާން ގޭ ކައިރިއަށް އައި ވަގުތެވެ. އޭރުވެސް ރައްޔާން އިނީ ފުލުހުންގެ ޔުނީފޯމުގައެވެ. ރައްޔާން ފެނުމުން ތަބައްސުމް ހިނިތުންވެލިއެވެ.
"މެލީ އެދިޔައީ ލޫލު ކައިރިއަށް. ބަލީގެ ބަހަނާގަ ވަރަށް ގިނައިރު ގޭގަ ބޭއްވިއްޖެއްނު" ހީލަމުން ތަބައްސުމް ބުންޏެވެ.
'އާ އިނގޭ މެލީ ގުޅި ދެންމެގަ. މިއައީ އެހެންކަމަކު އޭ. އިރުކޮޅަކުން އަންނާނެ ޕިކަޕެއް. އެކޮޅު ދޮރު ހުޅުވާލާފަ ބަހައްޓައްޗޭ ގޯތިތެރެއަށް އެއްޗެހިތަކެއް ވައްދަންޖެހޭ" ރައްޔާން ބުންޏެވެ.
ތަބައްސުމް އެއްޗެއް ނުބުނެ ބޯޖަހާލިއެވެ. އެއީ އައްޒާމްގެ ކަމެއްކަން އޭނާ އަށް އެނގެއެވެ. މުށުތެރޭގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. އައްޒާމްގެ އަށް ކޯލު މިސްވެފައި އިނެވެ. އެހާވަރަށް އެގުޅީ އެ ޕިކަޕް އަންނަ ވާހަކަ ބުނަންތާއެވެ.
"ބޭބެ ބުނި މާދަމާ ދައްތަމެން މާމަ ގޯއްޗަށް ބަދަލުވުމުގެ ކަންކަމުގަ އުޅެއްޗޭ" ރައްޔާން ބުންޏެވެ.
"ދައްތަ އުޅޭނަން ތިކަމާ" ތަބައްސުމް ބުންޏެވެ.
އައްޒާމްދެކެ އައިސްފައިވާ ރުޅިގަނޑު ބައެއްފަހަރު އޭނާއަށް ރައްޔާނަށް ބޭލެން އުޅެއެވެ. އެފަދަ ވަގުތުތަކުގައި އޭނާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައެވެ. އައްޒާމް އާ އޭނާ އާ ދެމެދު ހިންގި އެއްވެސް ކަމެއްގައި ރައްޔާން ބައިވެރިކުރަން އޭނާ ބޭނުމެއްނުވެއެވެ. އެހެނީ ރައްޔާން އަކީ އޭނާގެ ދޮންދަރިއެއް ނަމަވެސް އުފަން ދަރިއަކަށް ވުރެ އެންމެ ތަންފުކެއްވެސް ދަށް ކުއްޖެއް ނޫނެވެ.
"ތިދަނީތަ؟ ކޮފީ ބޮއެގެން ދާންވީނު" ރައްޔާން ސައިކަލް ސްޓާޓްކޮށްލުމުން ތަބައްސުމް ބުންޏެވެ.
"މިރޭ އަދި އާދެވޭނެއްނު" ހީލާފައި ރައްޔާން ބުންޏެވެ.
(ނުނިމޭ)