ވާހަކަ

އަލިވިލުން - 8

އަތުގައި އޮތް ތިން ބިޑި ޕޯޗަށް ލުމާއެކު ރަމީޒާ ސުފުޔާނުގެ ރީތި މޫނުމައްޗަށް އަސަރު ކުރުވަނިވި ހިނިތުންވުމެއް ވެރިވިއެވެ. ސާޅީހަކަށް އަހަރުގެ ރަމީޒާ ސުފްޔާނުގެ ރީތި ހިނިތުންވުމަކީ ދެކޮޅު ހެދެން ނެތްހާ ފުރިހަމަ ޗާލު ކަމަކަށްވީ ގޮތަށް އޭނާގެ ހަވަނަ ހިއްސުގެ ކުޅަދާނަކަމަށް އެއްވެސް ސިއްރުކަމެއް ނުފޮރުވޭ ވާހަކައާއި ޖަލުގައި ފޯނު ގެންގުޅޭ ފަރާތްތަކުގެ އެންމެ ހާއްސަ ދެކޮޅުވެރިއަކީ ވެސް ރަމީޒާ ސުފުޔާނު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

"މިގޮޅީގައި ތިބެނީ ތިން މީހުންތަ؟"

ރަމީޒާ ސުފުޔާނުގެ އަޑަކީވެސް ގަސްތަކާނުލައި ޖެހިލުންވެ ފަހަތަށް ޖެހެވޭ ފަދަ ބާރުހުރި އަޑެކެވެ. އެ އަޑުގައި ހިނިތުންވުމެއްގެ އަސަރު ހުންނަހެން ހީވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި ހިނިތުންވުމެއްގެ އަސަރާއެކު ބާރާއި ނުފޫޒުވެސް އެ އަޑުގައި އެކުލެވިގެންވެއެވެ.

"އުނހު، މި...މީ ކާންދޭން އުޅެފައި ތަށްޓެއް ބަލާއައީ، ބާކީ މަސްކޮޅެއް ހުރީމަ ނަގަން ވެގެން. އަހަރެމެން ކާއެއްޗެހި ނަގަނީ އެންމެނަށް އެކުގައި، އެހެންވެ،"

ޖަވާބު ސިކުނޑިން ދުލާ ހަމައަށް އެހާ ފަސޭހަކޮށް އަދި އެހާ އޮމާންކޮށް ތައްޔާރުވެގެން އައި ގޮތެއްވެސް ނޭނގެއެވެ. ރޫހީން ހިނިތުންވެލަމުން މޭޒުމަތިން ތަށްޓެއް ނަގައި ދިއްކޮށްލިއެވެ.

"ދެން މި ގަޑީގައި ކާއެއްޗެހި އިހަށް ބަހައްޓާ، ޒޭނާ ގާތުގައި އަހަރެން ބުނިން ބަރޯ ނިމިފައި ހުރިއްޔާ ނެރެލާށޭ، އާނއެކޭ ބުނުމުން ސަބީނާއާއެކު ބަރޯ ލާންވެސް ފޮނުވާފަ މިއައީ،"

ރަމީޒާ ދެ މާނަ އެކުލެވިގެންވާ ހިނިތުންވުމަކާއެކު ބުންޏެވެ. އަސްތާއެވެ. މިއީ ވަރުގަދަ އަންހެނެއް ނޫން ހެއްޔެވެ. މި ހިސާބަށް އައުމުގެ ކުރިން އެ އައީ ކާމިޔާބު ރޭޑަކަށް ހެދުމަށް ހުރިހާ ކަމަކުން ތައްޔާރު ވެގެންތާއެވެ. އަމުދަކުން ވަރިހަމައެވެ. އެހެނެއް ކާމިޔާބުވިޔަކަ ނުދޭނަމެވެ. ކޮން ރަމީޒާ ސުފުޔާނެއް ހެއްޔެވެ. ފުރަތަމަ ތިމާގެ މައްކާރު ފިރިމީހާއާއި ދުއްތުރާ ބޮޑު ކޮއްކޮ މައިތިރި ކުރަން ދާންވީނޫންހެއްޔެވެ. ކޮންމެހެން އައިސް ޖަލުގައި ބަނދެވިފައި އާރެއް ބާރެއް ނެތް ގައިދީންނަށް ގޮތް ދައްކާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ.

"ކޮބާ ތިހެން ތިބޭނީތަ؟ ދިގު އެއްޗެއް ލައިގެން ނުކުންނަންވީނު..." ރޫހީން ހިތާހިތުން ރަމީޒާއާ ދިމާއަށް އެއްޗެހި ގޮވަމުން ދަނިކޮށް ރަމީޒާގެ އަޑުން އޭނާ ސިއްސުވާލައިފިއެވެ.

"ނޭނގޭނެނު، އާ ގޮތަކަށް ކަންތައް ކުރަނީކަމަށް ހީކޮށް މިތިބީ،" އަންނައުނު އަޅުވަން ފާރުގައި ހަރުކޮށްފައި ހުރި ބުޅިގަނޑުން ހަރުވާޅެއް ނަގަމުން ލާނާ ބުނެލިއެވެ.

"އާ ގޮތްގޮތަށް އުޅެނީ ތި ކުދިންނެއްނު، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ކަމެއް ކުރާނެ، އަހަރެމެން ހީކުރީ މި ދެތިން ގޮޅީގަ އުޅެނީ ތަފާތު ކުދިންކޮޅެއް ކަމަށް، އެކަމަކު އެހެނެއް ނުވި. އަވަހަށް ޔާޑަށް ނުކުމޭ. ގޮޅި ތަޅުލަން ލަސްވަނީ،"

އަޒީމާގެ ވާހަކަ އަޑުއިވުމުން ރޫހީނަށް ކޮންމެވެސް ކަމެއް ވެއްޖެކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

ހުރިހާ ގައިދީން ޔާޑަށް ނެރެ ގޮޅިތައް ތަޅުލަމުންދާ އަޑު އިވެއެވެ. އެންމެ ފުރަތަމަ ގައިދީން ނެރުމަށްފަހު ހުރިހާ ގައިދީންގެ ހާޒިރުގައި ގޮޅިތައް ފިޔަވައި އެހެން ހުރިހާ ތަނެއް ބަލައި ފާސްކުރެވޭނެއެވެ. ގޮޅިތައް ޗެކްކުރާނީ އެ ގޮޅިއެއްގައި އުޅޭ ބަޔަކު ގެންގޮސް ގޮޅި ތަޅުލައިގެން ތިބެއެވެ. ގައިދީންނާއި ގޮޅި ބަލައި ފާސްކުރުމަށްފަހު ގޮޅި ތަޅުލާނެއެވެ. ދެން ގޮޅިތައް ހުޅުވާނީ ހުރިހާ ގޮޅިއަކާއި ގައިދީން ބަލައި ފާސްކުރުމަށްފަހު އެންމެ ފަހުގެ ކަމަކަށް ލޯންޑްރީ، ޓީވީ ހޯލު އަދި ޔާޑުތެރެވެސް ޗެކް ކުރުމަށް ފަހުގައެވެ.

"އަސްލު ކިހިނެއް ވެގެން ކުއްލިއަކަށް އައި އެއްޗެއް...؟"

ޔާޑުތެރޭގައި ހުރި ރުކަށް ލެގިލަމުން ރޫހީން ދެބުމަ ގޮށްޖަހާލަމުން އަހާލީ އަމިއްލަ ނަފުސާ ވާހަކަ ދައްކާ ކަހަލަ ގޮތަކަށެވެ.

"އޭތް، އަޒާލާ، އާދެބަލަ،"

ކޮނޑުކެނޑި މަތިން ފަރުވާކުޑަ ގޮތަކަށް ލައިގެން ހުރި ޖެކެޓުގެ ޖީބުން ސިނގިރޭޓެއް ނަގާ ރޯކޮށްލަމުން ރޫހީން ގޮވާލީ ކުޑަތަންކޮޅެއް ބާރަށެވެ.

"އަޒާލަށް ގޮވީޔޯ؟"

ލާނާ، ރޫހީންގެ އަތުގައި އޮތް ސިނގިރޭޓް އަތުލަމުން އަހާލިއެވެ.

"އަހަރެންގެ މިތުރުން މަށަށް ސިއްރުސިއްރުން ކަންތައްކުރަންޏާ، މަށަށްވެސް އެހެން ގޮތެއް ނޯންނާނެތާ...."

ރޫހީން ދެކޮނޑު އަރުވާލިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނީ އާދައިގެ އިސްކޮޅެއްގައި ހުރި ދޮން އަންހެނެކެވެ. ބޮލުގައި އޮތް ރާޅުބާނި އިސްތަށިގަނޑުން ހުރީ ބޮލުގެ މެދަށް ޖަހާފައި ހުރި ބޮނޑިވަރެއްހެން ހީވާގޮތަކަށް ހުޅިއެއް ޖަހާފައެވެ. ކަންފަތުގައި ދިހަ ބާރަވަރަކަށް ތަން ތޮރުފާފައި ހުރި އިރު ބުމައިގައި ސްޓަޑެއް ލައްވާފައި ހުއްޓެވެ. ކަންފަތުގައި ތޮރުފާފައި ހުރި ތަންތަނުން ދެ ތަނެއްގައި ބޮޅު އަޅުވާފައި ހުރީ އެއްކަންފަތުގައެވެ. ޖަލަށް ވެއްދުން މަނާ ނޫނަސް ބައެއްކަހަލަ ސާމާނު ތަނުގައި ގެންގުޅުން ހުއްދައެއް ނުވާނެއެވެ. އަދި ބައެއް އެއްޗެހި ގެންގުޅެވޭނީ ވަކި މިންވަރަކަށެވެ. އެގޮތުން ބައެއްކަހަލަ ގަހަނާތައް އަތަށް ދޫނުކޮށް ޖަލަށް ވަންނައިރު އަތުލާ ތަކެތީގެ ތެރޭގައި ހިމަނާފައި އަތަށް ދެނީ އެތަކެތީގެ ސްލިޕެވެ. އެހެންކަމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ބުމައިގައި ހުރި ސްޓަޑާއި ނޭފަތުގައި ހުރި ޑޮޓް އަދި އެއްކަންފަތުގައި ހުރި ބޮޅުތަކަކީ ނަގަން އުޅުނީމަ ނުނެގުނު ތަކެތި ކަމަށްވެދާނެއެވެ. ސަބަބަކީ ޖަލަށް ވައްދަން ހުއްދަ ދޭނީ އެންމެ ފަށަކާއި ދެ އަނގޮޓީގެ އިތުރުން އަތުގައާއި ފައިގައި އަޅާ ދެ ފަށަށް ކަމަށް ވާތީއެވެ.

ދެން ކަންފަތުގައި ލާފައި ހުންނަ ޑޮޓެއް ކަހަލަ އެއްޗެއް ނަމަ ނުނެގިކަމުގައި ވިޔަސް އެގޮތަށް ގިނަ ތޮރުފުންތަކުގައި ހުންނަ ބޮޅުތަކާއި ސްޓަޑްތައް ޖަލަށް ވެއްދުން ހުއްދައެއް ނުވާނެއެވެ. ބައެއް ފަހަރު ސިއްރުސިއްރުން ވައްދާ ގަހަނާތައް ފެނުނަސް އަތުނުލަނީ މާބޮޑަށް ގަވާއިދުގެ ތެރެއިން ގެންގުޅުނީމަ ގައިދީންގެ އަހުލާގު ގޯސްވެދާނެތީ ނަފްސާނީ ގޮތުން އަންނާނެ ހެޔޮ ބަދަލަކަށްވެސް ވިސާނައިފައެވެ.

"ނެތްތަ ބާ ކޮފީގަނޑަކާ ބާ ބިޑިގަނޑެއް...؟" ތޫނުތޫނު އަޑަކުން އެ އަންހެންމީހާ އަހާލިއެވެ. މިއީ އަޒާލު ފަތުހުﷲ އެވެ. 12 އަހަރުގެ ޖަލު ހުކުމެއްގައި އުޅޭ އިރު، ޖަލުގައި އަޒާލާއި އޭނާގެ އެކުވެރިންގެ ބާރާއި ނުފޫޒު އޮންނަ ވަރާ އެއް މިނެއްގައި ޖަލުގައި ކުރާ ހުރިހާ ނުރަނގަޅު ކަމެއްގެ މައި މުލުގައި ތިބެނީ މި މީހުންނެވެ.

"އޯހް ދީނާ، ޖާނާ، ބާ ކީއްކުރަން، ރަމްޓީ ހުއްޓައި ރަމީގެ އަޒާޖާން ބަޓު ހޮވާކަށް ނުޖެހޭނެ،"

އަންހެންމީހާގެ ފަހަތުން އައިސް ކޮނޑުގައި ހިފަހައްޓާލުމާއެކު އިސްތަށިގަނޑު ރަނގަޅުކޮށްލަދިނީ އަންހެނެއްގެ ބައްޓަމާއި ވައްޓަފާޅި ހުއްޓަސް އެއްވެސް އަންހެންވަންތަކަމެއް ނެތް ޖީންސްސޯޓަކާއި އަތްދިގު ޓީޝާޓެއްގައި، އިސްތަށިގަނޑުން އޮޅާލައި ހުޅިއެއް ޖަހާފައި ހުރި 32 ވަރަކަށް އަހަރުގެ އަންހެނެކެވެ.

ޖަލަށް އައި ދުވަހުން ފެށިގެންވެސް މިއީ ރޫހީންމެން އެހާ ގަޔާވާ ބައެއް ނޫނެވެ. ޖަލުގައި އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު، މި މީހުންގެ އާދަތަކާއި އުޅުމުގައި އެހެން އާދައިގެ މީހުންނާ ތަފާތު ވައްތަރެއް ހުންނާތީ ކަމަށްވެސް ވެދާނެއެވެ. ބީ ކޮރިޑޯގެ ފުރަތަމަ ބައި ނިމޭ 5 ނަންބަރު ގޮޅި މަޝްހޫރުވެފައި އޮންނަނީ "ސިންސިޓީ"ގެ ނަމުންނެވެ.

ދޭތެރެދޭތެރެއިން ޖަލަށް މަސްތުވާތަކެތި ވައްދައި ވިއްކުމާއި ބޭނުން ކުރުމުގައި ގައިދީންތަކުގެ ތެރެއިން މަދު ބައެއް ފިޔަވައި އެހެން މީހުން ހޭލަމޭލަ ވެގަންނަ އިރު، ފަސްނަންބަރު ގޮޅިއަކީ އެކަމުގައިވެސް އެންމެ ފުންނާބުއުސް މީހުން އެއްވާ މައިދާނެވެ. ޖަލުގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ރޫހީންމެން ރުހޭ، އެއްބަސްވާ ކަންކަމެއް ނޫނެވެ.

އެހެންނަމަވެސް މިއީ އެއްދުވަހުން، އެއްމަސްދުވަހުން ނުވަތަ އެއް އަހަރު ދުވަހަކުން ރަނގަޅު ކުރެވޭނޭ ކަންކަމެއް ނޫންކަން އެނގޭތީވެ އެކަމާ ދެކޮޅަށް ސީދާ ނުކުމެ އެއްޗެއް ނުބުނި ކަމުގައިވިޔަސް އެއީ އެމީހުން ރުހޭ ކަމެއް ނޫންކަން އެކަން ކުރުމުގައި އުޅޭ މީހުންނަށްވެސް އެނގޭނެއެވެ. އެކަން އެނގޭތީ ކަމަށްވެސް ވެދާނެއެވެ.

ޖަލުގައި އެ "ވަކި ކުޑަ ގޭންގެއް" ހެން އުޅޭ އެ ގްރޫޕުގެ އެންމެންހެން ހަތް ނަންބަރާއި އަށް ނަންބަރު އަދި ނުވަ ނަންބަރު ގޮޅިތަކަށް ވަދެ ނޫޅޭނެއެވެ. ކޮރިޑޯ ތެރެއިން ފެނިއްޖެ ނަމަވެސް ހިނިތުންވެލައި ހެލޯ ބުނެލުން ފިޔަވައި މާގިނަ ވާހަކަ ދައްކަން އެއިން އެކަކަށްވެސް ނުކެރޭނެއެވެ.

އަމުދުން އަޒާލައާއި ރަމްޓީ ނުވަތަ ރަމްލާ އާއި އެ ދެމީހުންގެ އެޑަޕްޓްކޮށްފައި ތިބި ދެ ދަރިންހެން އެނބުރިއެނބުރި ތިބޭ ދެ އަންހެންކުދިންނާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް ނުހަދައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަޒާލައާއި ރަމްޓީ އަތާއަތް ގުޅައި، ކޮނޑާއި ކޮނޑު ޖައްސައިގެން އުޅޭ އުޅުމަކީ އެއްވެސް ގޮތަކަށް ރޫހީންމެނަށް ބަލައިގަނެވޭނެ ކަމަކަށް ނުވާތީއެވެ. ހާއްސަކޮށް އެ ދެމީހުންގެ ކަޅި ލާނާއަށް ހުއްޓިފައި ހުންނަ މަންޒަރު ފެންނަން ފެށިފަހުން، އާދަޔާހިލާފަށް ރޫހީންގެ ހިތުގައި ރަމްޓީމެނާ މެދު ނުރުހުންތެރިކަން އޮތީ އުފެދިފައެވެ.

"ސިސް، ގޮވީ ކީއްކުރަން؟ އަނެއްކާ ކަޑަ ކަމެއް އުޅެނީތަ؟"

އަޒާލާ އަހާލީ ރޫހީނަށް ބަލައިލަމުންނެވެ. ކޮންމެ ގޮތަކަށް ކަންތައްތައް އޮތް ކަމުގައި ވިޔަސް މިވަގުތު ޖަލުތެރޭގައި އޮތް ހާލަތަކީ އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަހަލަ ހާލަތެއްކަން އެންމެންވެސް ގަބޫލު ކުރެއެވެ.

"ވާހަކައެއް އަހާލަން ކަމަށް، އެކަމަކު އަޒާލަ ބޮސް ގޮވައިގެން އައީމަ ކިހިނެއް އަހަން ކެރޭނީ....؟" ރޫހީން އިޝާރާތް ކޮށްލީ ރަމްޓީއަށެވެ.

"ހޫން، އަމުދަކުން އަހަރެން ނޫޅެން ތިމީހުން ދައްކާ ވާހަކަ އަޑުއަހާކަށް، އެކަމަކު ބުނަން، އަހަރުމެންގެ ބޭނުންވެސް ޖެހޭނެ ދުވަހެއް އަންނާނެ، އޭރުން ތިގޮތަށް ކެރަމްޝޮޓެއް ނުޖެހޭނެ، އެކަން ހަނދާނުގައި ބަހައްޓާތި، މިއީ އަހަރެމެންގެ ޖަލު، އަހަރެމެން

މީ ޖަލުކާޅުން، ކަލޭމެން ހެން ޕީއެޗްޑީ ހިފައިގެން އައުމަކުން އަހަރެމެންގެ މަގާމަކުން ވައްޓައެއް ނުލެވޭނެ، މިތަނަކަށް ޕީއެޗްޑީ ބޭނުމެއް ނުވޭ، މިތަނަށް ބޭނުންވަނީ މި، މީގަ ތެތްކަން ހުރުން،" ބޮލުގައި އަތުން ޖަހައި ބޯ ދައްކަމުން ރަމްޓީ ވާހަކަދެއްކީ ބަރު އަޑަކުންނެވެ. ރަނގަޅަށްވެސް ރުޅިއައިކަން ޔަގީންވެއްޖެއެވެ.

ރޫހީނަށް ހީނގަނެވުނެވެ. ރަމްޓީއަކަށް ދޫދޭކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

"އޮހްހޯ. ހާދަ ވަރެއް ތިވީ، އަހަރެމެން އަތުގައި ސެޓްފިކެޓްތައް ހުންނާތީ ޖޭ ބޯޑު އެޅުވުނީތަ؟" ރޫހީން ހަށަން ބަދެލަމުން އަހާލިއެވެ.

"އޭތް، ކުނި ކަރުދާސްތަކެއްގައި އޮންނަ ރަން ވަނައަކުން މިތަނުގައި މަގާމެއް ނުހޯދޭނެ،" ރަމްޓީ ކުރިއަށް އެއް ފިޔަވަޅު އަޅައި ރޫހީންގެ ކަނާތުން ކޮނޑުގައި ހިފަހައްޓައިގެން ހުރި ލާނާއާ ދިމާއަށް ބަލައިލަމުން ބަސްތަކަށް ބާރުލަމުން ބުނެލިއެވެ.

"މިތަނުގައި އުޅެން ބޭނުންވަނީ ގަޓު، ތިހެން ފިނޑިކޮށްގެން އެއްއަތް މައްޗަށް ލައިގެން އަނެއް އަތުން މަތިޖަހާ ފޮރުވައިގެން ސަލާމަތް ކުރާކަށް ނުޖެހޭނެ، އަހަރެމެން އެކަނި ސަރވައިވް ވާނަން މިތަނުގައި، އަދި ބޭނުން ކޮންމެ އެއްޗެއް ހޯދައިގެން މީރުވި ކޮންމެ އެއްޗެއް ކައިގެން އުޅުނީ، އަދި އުޅޭނީވެސް ހަމަ އެހެން،"

ރޫހީންއާއި ތާތިއަށް އަދި ޒޭނާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެކޮޅަށް ޖަދަލު ދިނުމުން ހައްތަހާ ގޯހުން ގޯހަށް ދާނެކަން އެނގޭތީ، ރޫހީން ރަމްޓީއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"އޮހްހޯ، ސޮރީ. ސޮރީ،" ރޫހީން މާފަށް އެދުނެވެ.

"ނަސީބެއް ވިސްނުނުކަން،" ރަމްޓީ ބުނެލީ ޒާތެއްގެ މަލާމާތެއް ކޮށްލާ ކަހަލަ ގޮތަކަށެވެ.

"ޖާން، ގޮޅިތަކަށް ގޮވާނެ އިރުކޮޅަކުން، ބިޑިކޮޅެއް ނުހުންނާނެ ގޮޅިއަކު، ހުޅުވަންދެން ޑާކުގަ ކިހިނެއް ހުންނާނީ، އަންނާނަން އެކޮޅު މައްޗަށް ޖެހިލާފަ،" ރަމްޓީ އަޒާލާގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. އަދި ލޮލުގެ ކުޑަކޮޅުން ރޫހީނަށް ބަލައިލުމަށްފަހު ދުރުގައި ތިބި މީހުންނާ ދިމާއަށް ހިނގައިގަތެވެ.

ރަމްޓީ ދިއުމުން ރޫހީން ބަލައިލީ އަޒާލާއަށެވެ.

"ހެނދުނު ބަންކަރުން ސާމާނުތަކެއް ހަވާލު ކުރިއެއްނު. އެފަޅިން ކޮން އެއްޗެއް އަޒާލަށް އައީ؟ ކާކު ފޮނުވީ؟"

ރޫހީންގެ އެ ސުވާލުގެ އަޑުއިވުމުން އަޒާލަ ސިހިފައި އެއްފަހަރު ރޫހީނަށް، އަނެއް ފަހަރު ލާނާއަށާއި ތާތިއަށް ބަލައިލިއެވެ. އެ ބެލުމުގައި ވަނީ ހާސްކަމާއި ކޮންމެވެސް ކަހަލަ ފަސްޖެހުމެކެވެ.

"ދޮގު ހެދުމުގެ އެއްވެސް މާނައެއް ނެތް، އަހަންނަށް އެނގިހުރެ މި އަހަނީ..." ރޫހީން އޭނާގެ ގާތުގައި ހުރި ލާނާއަށް ބަލައިވެސް ނުލައި ވާހަކަދެއްކީ ގަސްތުގައި ލާނާ ދުރުކޮށްލުމުގެ ނިޔަތުގައެވެ.

"އެ..އެއީ....ލާނާ ބުނެގެން އެކޮޅުން ގެނެސްދިނީ، ދުންފަތްކޮޅަކާއި ސިނގިރޭޓް، ދެން ކޮފީކޮޅެއް،...."

އަޒާލާގެ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ވަރަށް ބޮޑަށް ހާސްވެފައި ހުރިކަން އޭނާގެ ވާހަކަދެއްކުމުގެ ރާގާއި މޫނުގެ ކުލަވަރުން އެނގޭހާވެއެވެ.

"އެހެންވީމާ، އެކޮޅުން ފޮނުވި ކޮފީއަށް އައި ރޭޑެއް މިއީ، އެހެންނު،" ޒޭނާއަށް ބުނެވުނީ ބާރަށެވެ.

"އަޒާލަ އެއްޗެއް އެކޮޅުން މިކޮޅަށް ގެނެސްދޭނެތަ ހިލޭ ސާބަހަށް.....މަށަކީ ކުޑަކުއްޖެއް ނޫނޭ، އެވަރުގެ ބޮޑު ކަމެއް އޮޅުވާލީމަ މަ ދެރަވީ، ރުޅިއެއް ނޫނޭ އައީ، ހިތުގައި ޖެހުނީ،"

ލާނާއަށް ބަލައިލަމުން ރޫހީން ވާހަކަދެއްކިއެވެ.

"އެކަމަކު ރޫހީ، އެއީ އަހަރެންގެ އެއްޗެއް ނޫނޭ، އެއީ ލާނާގެ އެއްޗެކޭ. މަށަށް ބައި އަޅާ ގޮތަށޭ ދިނީ، އެކޮޅުން ގެނަޔަސް އެއީ އެކޮޅުގެ އެއްޗެއް ނޫން، އެއީ މިކޮޅުގެ އެއްޗެއް، މިކޮޅުގައި ވިއްކަން ފަށަން ގެނައި އެއްޗެހި،" އަޒާލާ ކިޔައިދިން ވާހަކަ އިވުމުން ހަގީގަތުގައިވެސް ރޫހީން ސިހިއްޖެއެވެ.

"ކާކު، ކިކިކީކޭ ތިބުނީ ކީކޭތަ..؟" ލާނާއަށް އަހާލެވުނީ މިހާވަރަށެވެ. ގޮޅިތަކަށް ވަންނަން އައުމަށް ގޮވަން ފަށައިފިއެވެ. އެންމެ އަވަހަށް ދާން ޖެހޭނީ ތާތިމެންކަން އެނގޭތީ އެ ވާހަކަ ފަހުން ދައްކާނަމޭ ބުނެ ރޫހީން ހިމޭން ވެއްޖެއެވެ. އޭރު އިހުތިޔާރަކާ ނުލައި އޭނާގެ އެސްފިޔަތައް ތެމުނު މަންޒަރު ލާނާއަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.

"އަސްލު، ކީއްވެ، އެވަރުގެ ކަމެއްގެ ތެރެއަށް ލާނާ ފޮރުވީ، އަހަރެން މީ އެހާ ދުރުމީހަކަށް ވީ ކޮންއިރަކުތަ؟ އެވަރުގެ ކަމެއް....މަސްތުގެ ވިޔަފާރި ކުރަން، ލާނާއަށް ޖެއްސީ ކޮންފަދަ ކަމެއް ލައިގަނެގެން އުޅޭތީތަ....؟"

ރޫހީނަށް ސުވާލުކޮށްނުލައި ކެތެއް ނުކުރެވުނެވެ.

"ބައެއް ވާހަކަތައް އިވޭ ގޮތަށް އެ ވާހަކައިގެ ހަގީގަތް ވާކަށް ލާޒިމެއް ނޫން، އަހަރެން ރޫހީއްތައަކަށް ދޮގެއް ނުހަދަން، އޮޅުވައެއް ނުލަން، އާނ، ދިމާވެގެން އުޅެނީ ކުޑަކަމެއް ނޫން، ބޮޑުކަމެއް، ކުއްލިއަކަށް ކަންތައްތައް ވެގެން ދިޔަ ގޮތުން ކިޔައިނުދެވެނީސް މިއަދު މިހެން މިވީ...."

ލާނާ ކުރިއަށް ޖެހި ރޫހީންގެ އަތުގައި ހިފާލިއެވެ.

"ފައިސާ ހޯދަން މަޖުބޫރު، ފައިސާ ނެތި ނިންމޭ ވަރަށްވުރެ ބޮޑު ކަމެއް ދިމާވީ، އަހަންނަށް އެނގޭ ވަރަކީ ހަގީގަތް އެނގުމުން ރޫހީއްތަވެސް ދެކޮޅެއް ނުހަދާނެކަން،"

"ދެން ނުބުނެ ތިހިރީޔޯ..." ޒޭނާ ރުޅި އައިސްފައިވާ ގޮތަކަށް ބުންޏެވެ.

"ރޫހީއްތާ....ކަމަނަ، ކަމަނަ އިނީ ބަލިވެ، ބަނޑަށް ހަތަރުމަސް ވަނީ، އޭނައަށް ގޮތެއް ވާތަން ދެކޭކަށް އަހަރެންގެ ހިތް ކެތެއް ނުކުރާނެ،"

ރޫހީނަށް ފުން ނޭވާއެއް ލެވުނެވެ. ގައިގެ ވަރު ދޫވީހެން ހީވުމުން ރުކުގައި ލެގިލީ ގޮތް ހުސްވެފައިވާ ގޮތަކަށެވެ. ކަމަނަ، ކަމަނައަކީ އެމީހަކަށްޓަކައި ލާނާ އުމުރު ދުވަހު ޖަލުގައި އޮންނަން ރުހި އެއްބަސްވި މީހާއެވެ. އެމީހާއަށްޓަކައި ލާނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ދަރިންނަށްޓަކައި މައިން ނުކުރާ ކަމެއް ނޯންނާނެއެވެ. ކަމަނައަކީ ލާނާގެ މޭގެ އެތިކޮޅެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެފައި އޮތަސް ލާނާއަށް ކަމަނަގެ އަބުރާއި އިއްޒަތާއި އުފަލާއި ރައްކާތެރިކަމަށްވުރެ އެހެން އެއްވެސް ކަމެއް މުހިންމު ނުވާނެކަން ރޫހީންމެން އެންމެނަށްވެސް އެނގެއެވެ.

(ނުނިމޭ)