ވާހަކަ

ރުހުން ދީފާނުހޭ - 12

5

"އޭނަ ނޫޅެ ބަލިވެގެނެއް. ގަދަކަމުން އެނދުގަ ބާއްވާފަ އޮތީ. ރޯގާޖެހި މީހާގެ ނޭވާ އުފުރިއަރަނީ. އެވަރުންވެސް ބޭނުންވަނީ ބޯދޮވެލައިގެން ގަދައަށް ފެންވަރާށޯ. ކުޑަކޮށް ހުން ހުރީ. ތާބާ އާ މައިލީން ބިރުން އުޅެނީ ހުންގަދަވެގެން ކުރީގަވިގޮތަށް މެލީއަށް ވެދާނެކަމަށް. ދެން އެހެންތާ ވާނީވެސް. އެ ބިރުވެރި މަންޒަރު ފެނިފަ ތިބި ބަޔަކު ބިރުގަންނާނެތާ" މައުސޫމާ ހވާހަކަދެއްކިއެވެ.

"ލޫލު ވެސް ވަރަށް ހާލުން ކާންދީފަ ނިންދެވީ. ލޫލުގެ ކޮންމެކަމެއް މެލީ ކުރާހާ ފާސްޓްކޮށް ފަސޭހައިން ނުކުރެވޭ އަހަންނަކަށް" ޒޭބާ ބުންޏެވެ.

****

އޮށޯވެގެން ނޯންނަންވެގެން މެލެކް އިނީ ހެޑްބޯޑުގައި ލެގިގެންނެވެ. ކައިރީގައި ހުރި ގޮނޑިއެއްގައި ރައްޔާން އިނީ އޮރެންޖެއް ކޮށާށެވެ. މައިލީން އިނީ އަރުސަލް އަށް ގުޅައިގެން ވާހަކަދައްކާށެވެ. އެހެން އިނދެފައި އިރުކޮޅަކާ މެލެކް އާއި ރައްޔާނާ ދިމާލަށް ބަލައިލައެވެ. ބައެއްފަހަރު މެލެކް އަތަށް ނުދީ އޮރެންޖްކޮޅު ރައްޔާންގެ އަތުން މެލެކްގެ އަނަގައިގެ ތެރެއަށް ލަވާލަދޭތީ މައިލިން ހީލައެވެ.

"މިހާރު ކިހިނެއްތަ؟ ތަދުވޭތަ އެއްވެސް ތަނަކަށް" ރައްޔާން އަހާލިއެވެ.

"ނޫނެކޭ. ހަމައެކަނި ރޯގާވެފަ މިހުރީ. ތަނަކަށް ތަދެއްނުވޭ. ހުމެއްވެސް ނެތް. ނޭނގެ އެންމެން މިހާވަރަށް ހާނސްވެގެން މިއުޅެނީ ކީއްވެގެން ކަމެއް" މެލެކް ވާހަކަދެއްކިއެވެ.

"ހުން ހުއްޓޭ އިރުއޮށްސެނިކޮށް ބެލިއިރު. ސަތޭކައަށް ހުރި" ފޯނުގައި އިން މައިލީން ބުންޏެވެ.

"ދެން އަޅެ އެވަރުގެ ކަމެއްތަ އެއީ. ރޯގާޖެހުނީމަ ހުން އަންނާނެއްނު. އައިސްފަ ދާނެއްނު. ބޭސްކެއިމަ ރަނގަޅުވާނެއްނު. ކީއްވެތަ ދޮނާމެން އެލާޓްވެގެން ތިއުޅެނީ. ކިހިނެއް އަބަދު ހުމަށް ފިލައިގެން އުޅެނީ" މެލެކް ވާހަކަދެއްކިއެވެ.

މައިލީން އާ ރައްޔާން އެކަކު އަނެކަކަށް ބަލައިލިއެވެ. މެލެކް ގެ ކޮންމެ ސުވާލަކަށް ޖަވާބުދެވޭކަށް އެއިން އެކަކަށްވެސް ނެތެވެ.

"ބަލިވީމަ ބަލިކުދިން ޖެހޭނެ ދެންތިބި މީހުންގެ ބަސްއަހަން. ރަނގަޅުވީމަ މެލީ އެނދުން ހަމަ ފުންމާލަންވީ" މެލެކްގެ އަތުގެ ތެރެއަށް އޮރެންޖްކޮޅެއް ދެމުން ރައްޔާން ބުންޏެވެ.

"އާރރރރރގގގގ.... ބޯރިންގ ލައިފް..... މާދަމާ ލޫލު ކައިރިއަށް ދެވޭނެތަ؟" މެލެކް އަހައިލިއެވެ.

"އުނހު. އެކުއްޖާ ކައިރިއަށް ދެވޭނީ ތި ރޯގާގަނޑު މައިތިރިވި އިރަކުން" މައިލީން ބުންޏެވެ.

****

ފަތިސްނަމާދަށް ފަހު ގެއަށް ނައިސް ބާޒިލް ސައިކަލުގައި ނިކުތީ ރަށުތެރޭގައި ދުއްވާލާށެވެ. އަލަށް ހިއްކާފައިވާ ސަރަހައްދުން ގޮސް މާދުރުން ރަށާ ގުޅިފައިވާ ފިނޮޅެއް ކައިރިއަށް އޭނާ ސައިކަލު މަޑުކޮށްލާފައި ފޭބިއެވެ. ރަށާ ދުރަށް އޭނާ މަޑުކުރީ ބޯ ހަމަޖައްސާލުމަށެވެ. އޭނާ ސައިކަލު މަތީގައި އިށީނދެފައި ސާރާގެ ނަންބަރަށް ގުޅާލިއެވެ. މުޅި ރޭ އޭނާ ހޭދަކުރީ ވިސްނާ ފިކުރު ކުރުމުގައެވެ. ނަތީޖާއެއް ނިކުތީ ފަތިސްނަމާދަށް ވަގުތު ކުޑަތަންވެފައި ހުއްޓައެވެ. މިއުޅެނީ މެލެކް ގެ މައްސަލައެއް ނޫނެވެ. އަދި އޭނާގެވެސް މައްސަލައެއް ނޫނެވެ. ހުރިހާވެސް މައްސަލައަކީ ސާރާއެވެ. ސާރާގެ ވިސްނުމެވެ. ސާރާ އެކުރާ ޝައްކެވެ. ދެމީހުންގެ މެދުގައި ލެވިފައިވާ އިތުބާރުގެ ވާފަށް އެދަނީ ސާރާގެ ސައިޑުން ބަލިކަށިވަމުންނެވެ. ފޯނު ނަގާފައި އޭނާ ސާރާއަށް ގުޅިއެވެ. އެގަޑިއަކީ ސާރާ ޖޮގިންއަށް ހިނގަން އަންނާނެ ވަގުތުކަން އޭނާ އަށް އެނގެއެވެ. ހުރިހާ ކަމަކަށް ވުރެ ބޮޑަށް ސާރާ ސަމާލުކަންދޭނީ އޭނާގެ ހަށިގަނޑަށެވެ. އެއީ ރަށުން ހޮވާލެވޭފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. ސާރާ ފޯނު ނުނެގިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ބާޒިލް ހުއްޓެވެ. މަދުމަދުން އެދިމާލަށް ކަސްރަތަށް ހިނގާމީހުން ފެންނަން ފެށިއެވެ. އެކި އުމުރުގެ އަންހެނުންނާ ފިރިހެނުންނެވެ. ސިހާމާ އާ އެކު ހިނގަމުން އައި ސާރާ ވަކިކުރަން ބާޒިލް އަށް އުނދަގު ނުވިއެވެ. ސާރާ ކަންތައްކުރަނީ ކިހިނެއްތޯ ބަލަން އަނެއްކާވެސް އޭނާ ސާރާގެ ނަންބަރަށް ގުޅިއެވެ. ހިނގުން ކުޑަކޮށް މަޑުކޮށްލާފައި ޖީބުގައި އޮތް ފޯނަށް ސާރާ ބަލައިލިއެވެ. ދެން ފަރުވާކުޑަ ގޮތަކަށް ފޯނު އަލުން ޖީބަށް ކޮށްޕާލިއެވެ. ބާޒިލް ރުޅިއައީ ދެނެވެ. އެގޮތަށް ސާރާ ކަންތައްކޮށްގެން ނުވާނެއެވެ. ވާހަކަނުދެއްކެންޏާ ރީތިކޮށް ބުނަންވީއެވެ. ރުޅިއައިސްގެން ދެކޮޅަށް ބާޒިލް ހިނގަން ފެށިއެވެ.

"މިތަނަށް ކަސްރަތުކުރަން އުޅޭ އަންހެނުންނަށް ބަލަން އިންނާނެކަމެއް ނެތް. އާދޭ ބައިވެރިވެލަން" ތިން އަންހެންކުދިންގެ ގުރޫޕަކުން ބާޒިލް އާ ޖެއްސެވުނެވެ. އެއީ ބާޒިލް އާ މާ ރައްޓެހިބައެއްވެސް ނޫނެވެ. އަންހެނަކަސް ހަމަ ބެހިނުލާ ނުދެވެނީތާއެވެ. އެކަމަކު ނަން ވާނީ ފިރިހެނުންނެވެ.

ބާޒިލް މަޑުކޮށްގެން އިނީ ސާރާ ތަންކޮޅެއް ކައިރިވަންދެކަށެވެ. ކުރިއަށް އަންނަމުންދިޔަ ސާރާ އަށް ބާޒިލް ފެނުމާއެކު ވަގުތުން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެފަދަ ވަގުތެއްގައި އެތަނުން ބާޒިލް ފެނިދާނެކަމަށް އޭނާ ހިއެއްވެސް ނުކުރެއެވެ. އެތަނަށް ބާޒިލް އައީ ކީއްކުރަން ހެއްޔެވެ؟ ސާރާ ހުއްޓުމުން ކުރިއަށްދިޔަ ސިހާމާ ފަހަތަށް ބަލައިލިއެވެ. ސާރާ ބަލަހައްޓައިގެން ހުރި ދިމާލަށް ސިހާމާ ބަލައިލިއެވެ. ބާޒިލް ފެންނަން ހުރުމުން އިތުރަށް ސާރާ އަށް މަޑުނުކޮށް ސިހާމާ ކުރިއަށް ދިޔައެވެ.

"ސާރާ" އައިކޮޅަށް ސާރާ އަނބުރާލުމުން ބާޒިލް ފަހަތުން ހިނގައިގަތެވެ.

ސާރާ އާ އެއްވަރަށް ހިނގާފައި ގޮސް ބާޒިލް ސާރާ އަތުގައި ހިފެހެއްޓިއެވެ.

"ތިއީ ކޮންކަމެއް؟ ތިއުޅެނީ މިއެންމެން ތެރޭގަ އަހަރެން ލަދުގަންނުވާނެ ގޮތެއް ނޭނގިގެންތަ؟" ބާޒިލް ހިތްހަމަނުޖެހުނެވެ.

"ދޫކޮށްލާ މީހުން ބަލާ އެބަ" ސާރާ ބުންޏެވެ.

އެންމެންނަށް ބަލައިލާފައި ސާރާގެ އަތުން ބާޒިލް ދޫކޮށްލިއެވެ.

"ކޯޗެއް ހޯދަން މިތަނަށް އައިސް" ސާރާ ބުންޏެވެ.

"ސާރާ ހޯދަން. އަހަންނަށް ހުރިހާ މަންޒަރެއްވެސް ފެނުނޭ. އަހަރެން އިގްނޯ ތިކުރަނީ ކީއްވެ؟ ކޮބާތަ އަހަރެން ކުރި ކުށަކީ؟ ކޮބާތަ ސާރާގެ މައްސަލައަކީ؟ ސާރާ ތިއުޅެނީ އަހަރެން މޮޔަނުވެގެންތަ؟" ބާޒިލް ވާހަކަދެއްކީ މީގެކުރިން ވާހަކަނުދައްކާ ރާގެއްގައެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުމާ އެއްވަރަށް ހަރުކަށި ކަމެއްވެސް ވިއެވެ. އެކަން ސާރާއަށް ފާހަގަވުމުން ބާޒިލްއަށް ދެލޯ އަޅާލިއެވެ. ކުށްކުރީވެސް ބާޒިލްއެވެ. އެގޮތަށް ވާހަކަދެއްކުމުގެ ހައްގެއް ބާޒިލްއަކަށް ނެތެވެ. މައާފަށްއެދުމުގެ ބަދަލުގައި ހަޅޭއްލެވުމުގެ ބޭނުމެއް ނެތެވެ.

"ބުނަންތަ ވާހަކައެއް. ބާޒިލްއަށް އެއްވެސް ރައިޓެއް ނޯންނާނެ ތިހެން އަޑުގަދަކުރާކަށް. މިއުޅެނީ އަހަރެންގެ މައްސަލައެއް ދިމާވެގެނެއްނޫން. ބާޒިލް ތިއުޅެނީ އަމިއްލައަށް މޮޔަވެގެން. އެއީ އަހަންނަށްޓަކައެއް ނޫން. މެލެކް. އެއީ ބާޒިލްގެ ހުރިހާވެސް އެއްޗަކީ. ހިތުން މާނޫންކަމަށް ހެދިގެން... އަހަންނަށް ހެޔޮ... ބާޒިލް ނޫޅެންޏާ އަހަރެންވެސް ކޮންމެހެން ނޫޅެން. ކޮންކަމެއް ސާބިތުކޮށްދޭން ކޮންމެހެން މިތަނަށް ތިއައީ. " ސާރާ ބާޒިލް އަށް ފުރަގަސްދިނެވެ.

އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ބާޒިލް ކެތްކުރަމުން ދިޔައެވެ. އިންސާނަކަށް ވީތީ ރުޅި އޭ މިކިޔާ އިހުސާސް އޭނާގެވެސް ވެއެވެ. މީގެކުރިންވެސް ބާޒިލް އަކީ ރުޅިމޮޔަވެގެން މީހަކަށް އެއްޗެއް ބުނި މީހެއް ނޫނެވެ. އެކަމަކު ދެން މި ނިމުނީއެވެ. ދެން އޭނާ ސާރާ ކައިރިއަކަށް އާދޭސްކުރާކަށް ނުދާނެއެވެ. އޭނާގެ ފައިބުޑަށް ވެއްޓެންޖެހޭނީ ސާރާއެވެ.

"އޯކޭ ފައިން... ހަނދާންކުރާތި ސާރާގެ ފައިބުޑަށް ވެއްޓެން ދެން އަހަރެން ނާންނާނެކަން" ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބާޒިލް ކުރިއަށް ދިޔުމުން ސާރާ ދުލުކުރީގައި ދަތްއަޅާލިއެވެ. އެގޮތަށް ބާޒިލް ދިޔުން ރަނގަޅު ނޫންކަން އޭނާގެ ހަވަނަ ހިއްސު ހަނދާންކޮށްދީފިއެވެ. ބާޒިލް އާ ދިމާލަށް އޭނާ ފިޔަވަޅު އަޅަން ފެށިއެވެ. ސައިކަލު ދުއްވާލުމުގެ ކުރިން އެހިސާބަށް ދެވޭތޯ އޭނާ ދުއްވައިވެސްގަތެވެ. އެ މަންޒަރު ފެންނަކަމަށް ނަހަދާ ބާޒިލް ކުރިއަށް ދިޔައީއެވެ.

ބާޒިލް.... އަޅެ ސޮރީ އޭ..." ސާރާ ގޮވާލިއެވެ.

"އޯކޭ ފައިން... ހަނދާންކުރާތި ސާރާގެ ފައިބުޑަށް ވެއްޓެން ދެން އަހަރެން ނާންނާނެކަން" ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބާޒިލް ކުރިއަށް ދިޔުމުން ސާރާ ދުލުކުރީގައި ދަތްއަޅާލިއެވެ. އެގޮތަށް ބާޒިލް ދިޔުން ރަނގަޅު ނޫންކަން އޭނާގެ ހަވަނަ ހިއްސު ހަނދާންކޮށްދީފިއެވެ. ބާޒިލް އާ ދިމާލަށް އޭނާ ފިޔަވަޅު އަޅަން ފެށިއެވެ. ސައިކަލު ދުއްވާލުމުގެ ކުރިން އެހިސާބަށް ދެވޭތޯ އޭނާ ދުއްވައިވެސްގަތެވެ. އެ މަންޒަރު ފެންނަކަމަށް ނަހަދާ ބާޒިލް ކުރިއަށް ދިޔައީއެވެ.

ބާޒިލް.... އަޅެ ސޮރީ އޭ..." ސާރާ ގޮވާލިއެވެ.

****

"މާމަ ގޯތި ކުނިކަހާލާފަ މަންމަ ވަރަށް އަބަހަށް އަންނާނަން. ދަރިފުޅު ގޯތިން ތަނަކަށް ދަންޏާ މަންމައަށް ގުޅާލާތި. ދޮނާވެސް އެދިޔައީ ކޮންމެހެން ދާންޖެހިގެން. ﷲ އިރާދަކުރެއްވިއްޔާ ހުމެއްވެސް މިހާރު ނެތެއްނު" ޖޯލީގައި ފޯނު ހިފައިގެން އިން މެލެކްގެ ނިތާއި ކަރުގައި އަތްޖައްސައިލަމުން ތަބައްސުމް ބުންޏެވެ.

"މަންމަ ދާއިރު މާމަ ގޯތި ސާފުކުރަން އަހަރެންވެސް ދަންތަ؟" މެލެކް ބުންޏެވެ.

"އުނހު. ވަރަށް ހިރަފުސް އޮންނާނެ. ދަރިފުޅު ދާނެކަމެއްނެތް. ރަނގަޅުވީމަ ދާނީ" ތަބައްސުމް ބުންޏެވެ.

ދޮރާއްޓާ ހަމައަށް ނިކުމެފައިވެސް ތަބައްސުމް ފަސްޖެހުނެވެ. ގޭގައި މެލެކް އެކަނި ބަހައްޓާފައި ދާން އޭނާ ކަންބޮޑުވަނީއެވެ. ދޮރާށި ކައިރީގައި ހުއްޓާ ކުއްލިއަކަށް ފެނުނީ ގޯޅިން ނިކުތް ބާޒިލް އައިސް މަޑުކޮށްލިތަނެވެ. ދޮރާށި ކައިރިން ތަބައްސުމް އާ ދިމާވެދާނެކަމަށް އޭނާ ހީވެސްނުކޮށް ހުއްޓާ ކުއްލިއަކަށް ކުރިމަތީން ތަބައްސުމް ފެނުމުން ބާޒިލް އިސްޖަހާލިއެވެ.

"މި...މިއައީ ކުރުނބާކޮޅެއް ހިފައިގެން" ބާޒިލް ބުންޏެވެ.

"ގޭތެރެއަށް ވައްދާ" އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ގޯތިތެރެއަށް ވަތް ބާޒިލް ފަހަތުން ތަބައްސުމް އެތެރެއަށް ވަނެވެ. ޖޯލީގައި އިން މެލެކް ފެނުމުން ބާޒިލް އަށް އެދިމާލަށް ބަލައިލެވުނެވެ. މެލެކްގެ ހާލުއަހާނުލާ އެނބުރި ދާން އޭނާއަށް ނުކެރުނެވެ. ފަހަތުގައި ތަބައްސުމްވެސް ހުރުމުންނެވެ.

"މަންމަ އަންނަންދެން މެލީ ކައިރީގަ މަޑުކޮށްލެވޭނެތަ؟ އެހާ ވަގުތު އެބައޮތްތަ؟ އެކަނި ބައިންދާފަ ދާން ނުކެރިގެން ދޮރާށި ކައިރީގަވެސް ހުރީ" ތަބައްސުމް ބުންޏެވެ. ބާޒިލް ބޯޖަހާލުމުން ތަބައްސުމް ހިތްހަމަޖެހިގެން ހިނގައިގަތެވެ.

****

ރޮށި ކަހަނބު ސާރާ އާ ގާތްކޮށްލާފައި ކައިރީގައި ހުރި ގޮނޑީގައި ސިހާމާ އިށީނެވެ. ހިނގާފައި ގެއަށް އައިފަހުން ސާރާ އަދި އެތަނުން ނުތެދުވެއެވެ. ކާމޭޒު ކައިރީގައި ހުރި ގޮނޑިއަށް ދެފައި އަރުވައިގެން އެ އިންނަނީ އިރުކޮޅަކާ ކަރުނަ ފޮހޭށެވެ. ރޮށިފިހެން ހުރެވެސް ރިހަކޮޅު ކައްކަން ހުރެވެސް ސިހާމާ އެހާވަރަށް ވާހަކަދެއްކިއެވެ. އެއްވެސް ހަރަކާތެއްނެތް ބުދެއް ފަދައިން ސާރާ އިންނާތީ އޭނާ ކަންބޮޑުވިއެވެ.

"ތިކަމާ އެއްޗެއް ނުބުނެ ނުހުރެވިގެން ދައްތަ މިއައީ" ސާރާގެ އިސްތަށިގަނޑުގައި ފިރުމާލާފައި ސިހާމާ ބުންޏެވެ.

"ބާޒިލް ހާދަ ރުޅިއައިސްފައޭ ހުރީ" ސާރާ ބުންޏެވެ.

"ނުޖެހޭ އެހާ ރުޅިއަންނާކަށް. ސާރާ ކަންތައްކުރީ ގޯސްކޮށެއްނޫން. ދައްތަ ބުނަންތަ ވާހަކައެއް. އަންހެނާގެ މުށުތެރެއަށް ފިރިމީހާ ނުލެވޭހާ ހިނދަކު އަނބިމީހާ ބޭނުންވާ ދިރިއުޅުމެއް ނުލިބޭނެ. ދެން އޮތީ އެންމެ ގޮތެއް. ދެފަރާތަށް ބާޒިލް ލޯބި ބަހަންދެން ސާރާ މައިތިރިވެގެން ހުރޭ" ސިހާމާގެ ވާހަކަތަކާއެކު އިތުރަށް ސާރާ އަށް ރޮވުނެވެ. އޭނާ ދެ ކަކުލުގައި ބޯއެޅިއެވެ. ދެފަރާތުން ފައިބާފައިވާ ސާރާގެ އިސްތަށިތަކުގައި ސިހާމާ ފިރުމަމުން ދިޔައެވެ.

"ކަންކަމާ ސާރާ ތިހާ ދެރަވެގެން އުޅޭކަން ސާރާގެ ބައްޕައަށް އެނގުނިއްޔާ ވަރަށް ދެރަވާނެ. މާމަގެ ހާލަތަށް ކުރިއެރުމެއް ނުލިބޭތީ މިހާރުވެސް ވަރަށް ދެރަވެފަ ހުންނަނީ. ފޯނުކުރާ ކޮންމެފަހަރަކު އެންމެފުރަތަމަ އަހާނީ ސާރާގެ ވާހަކަ" ސިހާމާ ވާހަކަދައްކަމުން ދިޔައެވެ.

"ދައްތާ، މިފަހަރު ޒެއްލު އަހަރެން އަތުން ބީވެގެން ދާކަށް ބޭނުމެއްނޫން. އަދި އެހެންމީހަކަށް ލޯބި ބައިކުރާކަށްވެސް ބޭނުމެއްނޫން. ޒެއްލު އަކީ އަހަރެންގެ މީހެއް. މެލެކް އަކީ ޒެއްލުގެ ހަޔާތުގައިވާ މީހެއްނޫން. މެލެކް ގާތްކޮށްގެން އުޅެނީ ޒެއްލު އާއިލާއިން. އަހަރެން ބޭނުންވަނީ ޒެއްލު ކައިރިއަށް ދާން. ކުރެވުނު ކަންތަކަށް ސޮރީ ބުނަން. މިއީ ރަނގަޅުގޮތެއްނޫން. މެލެކް އެބަލިން ރަނގަޅުވެގެން އައިފަހުން ދެމީހުންގެ މެދުގައި މާގިނައިން މައްސަލަތައްޖެހެނީ. ވެދާނެ... ވެދާނެ މިއީ އަހަރެންގެ މައްސަލަ ކަމަށްވެސް" ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެއަތުން ފޮހެމުން ސާރާ ވާހަކަދެއްކިއެވެ.

"އުނހު. ފިރިހެނަކުގެ ދަށުވާނެ ކަމެއްނެތް. ބާޒިލް ޖެހޭނީ އަންނަން. ތިލޯބީގާ ހުރިވަރެއް އެނގިދާނެތާ" ސިހާމާ ބުންޏެވެ.

"ނާންނާނެ. މިފަހަރު ޒެއްލު ނާންނާނެ. އެ ޔަގީންކަން ޒެއްލުގެ ދެލޮލުން އަހަރެން ދުށިން" ސާރާ ބުންޏެވެ.

"އިރުއޮށްސެންދެން ބަލަމާ. އެހާއިރަށް ނައިސިއްޔާ އިޝާނަމާދުކޮށްގެން ދޭ. ބުނަން. ގޮސްފަ ތިޖެހުނު މައްސަލަ ހައްލުކޮށްފައި ނޫނީ ނާންނާތި. ބާޒިލްގެ އާއިލާ އަށާ ތި މެލެކް އަށް ސާބިތުކޮށްދޭންވާނެ ބާޒިލް އަށް ލޯބިދޭވޭނީ އަދި ދިރިއުޅެވޭނީވެސް ސާރާ އަށްކަން" ސިހާމާ ވާހަކަދެއްކިއެވެ.

****

ފަހަތުގައި މީހަކު ހުރިހެން ހީވުމުން ފަހަތް ބަލައިލަން އުޅެފައިވެސް މެލެކް ބަލައިނުލާ އިނެވެ. ރައްޔާން ފަހަތުގައި ހުރީކަން އޭނާއަށް އެނގުނެވެ. މެލެކް އިނީ ނޭނގޭ ކަމަށް ހަދައިގެންނެވެ. އެންމެފަހުން ރައްޔާން ކުރިމައްޗަށް ނައުމުން މެލެކް އަމިއްލަ ނަފްސަށް ހީލިއެވެ.

"ޔާން...." މެލެކް ބުންޏެވެ.

ބާޒިލް އަވަސް އަވަހަށް ދުރަށް ބަލައިލިއެވެ. ރައްޔާން ގެ ނަން މެލެކް ކިޔުމުން ބާޒިލްއަށް އުނދަގުވިއެވެ. އޭނާ އަށް މެލެކްގެ ކުރިމައްޗަށް ނުދެވިގެން އުޅޭ ސަބަބެއް ނޭނގުނެވެ.

"ދެން އެނގެއޭ ޔާން ކަން. ދެން އަންނަންވެއްޖެއްނު" މެލެކް ބުންޏެވެ.

"މީހަކު ކަރުކެހިލިޔަސް، މި ދިމާލުން ވައިކޮޅެއް ޖެހުނަސް އެއީ ރައްޔާނުތަ؟" މެލެކް ސިހިފައި ބަލައިލީ ބާޒިލްގެ އަޑު އިވުމުންނެވެ.

ބާޒިލްކަން އެނގުމުން މެލެކް ހައިރާންވިއެވެ. އެއްޖޯލި ދޫކޮށް އަނެއް ޖޯލީގައި ބާޒިލް އިށިން އިރުވެސް މެލެކް އިނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. ގޭތެރެއިން އެފަދަ ވަގުތެއްގައި ބާޒިލް ފެނިދާނެކަމަށް އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ.

"ތިއީ ހަމަ ބާޒިލް ތަ؟" މެލެކް އަހާލިއެވެ.

"ނޫނޭ ބަލާބަލަ ރަނގަޅަށް. ރައްޔާނެއް ނޫންތަ؟" ބާޒިލް ބުންޏެވެ.

މެލެކް ބާޒިލް އަށް ބަލަހައްޓައިގެން އިނަސް ބާޒިލް މަސައްކަތްކުރީ ނޭނގުމުގެ ތެރެއިންވެސް މެލެކްގެ މޫނަށް ނުބެލުމަށެވެ.

"ހެހެހެ... ގަބޫލުކުރަން އުނދަގުވާނެއްނު. ކީއްކުރަން ތިއައީ؟" މެލެކް އަހާލިއެވެ.

"އަހަރެން އައިސްގެން ނުވޭތަ؟" ބާޒިލް ބުންޏެވެ.

މެލެކް އެއްޗެއް ނުބުނެ ބާޒިލް އަށް ބަލަން އިނެވެ.

"ތިހާވަރަށް ތިބަލަނީ އަހަރެންގެ މޫނުން ކޯޗެއް ފެންނާތީތަ؟" ބާޒިލް ބުންޏެވެ.

"ތިއެއް ނޭނގިގެން މިއުޅެނީ. ހަމަ ސުމަކުން މިދަނީ. ބާޒިލް ބުނެބަލަ އަހަރެންގެދެކެ އެހާ ފޫހިވާ ސަބަބެއް" މެލެކް ބުންޏެވެ.

"އަހަރެން އެކަކުދެކެވެސް ފޫއްސެއްނުވޭ. މިހާރު ކިހިނެއްތަ؟" ބާޒިލް އަހާލިއެވެ.

"އަހަރެން ބައްޔެއްނޫން. މަންމަމެން މާބޮޑަށް ކަންބޮޑުވަނީ. ލޫލު ކައިރިއަށް ދާކަށްވެސް އަހަންނަކަށް ހުއްދައެއްނެތް" ދެރަވެފައި މެލެކް ބުންޏެވެ.

"ބަލި ނޫންކަމެއް ނޭނގެ. އަޑު ތިވަނީ އެއްކޮށް ގޮސްފައެއްނު" މެލެކް ބުންޏެވެ.

"އެއީ ރޯގާޖެހިފަ ހުރީމަ. ކޮފީއެއް ގެނެސްދެންތަ؟" މެލެކް އަހާލިއެވެ.

ބާޒިލް ބޯޖަހާލުމުން ހީލާފައި މެލެކް ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. އޭނާގެ އަތުގައި އޮތް ފޯނު ޖޯލީގައި ބާއްވާފައެވެ. އެ ފޯނަށް ބާޒިލް ބަލައިލިއެވެ. ފޮޓޯތައް ހުޅުވިފައި ހުރިތަން ފެނުމުން ބާޒިލް ފޯނު ބަލާލާހިއްވީ ކީވެކަމެއް ނޭނގުނެވެ. އޭނާ ފޯނު ނަގާފައި ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔައެވެ. ބުރުގާ ނަގައިގެން މެލެކް ރީތިވާން ހުއްޓަ ފެނުނު ވީޑިޔޯއަށް ކަޅިޖަހާނުލާ ބާޒިލް ބަލަމުން ދިޔައެވެ. އޭނާގެ ހަނދާނާ ކުޅެމުން ދިޔައީ މާޒީގެ ތެރެއިން ދުވަސްތަކެކެވެ. އެވަގުތުވެސް އޭނާއަށް އެއްބަސްވެވުނެވެ. މެލެކް އަކީ ތަފާތު ރީތިކަމެއް ގުދުރަތުން ދެއްވާފައިވާ ކުއްޖެކެވެ. މެލެކްގެ މަންމަ އަށް ވުރެ ބޮޑަށް މެލެކްގެ ސިފަ އެންމެ ވައްތަރީ މެލެކްގެ ބައްޕައާއެވެ. މެލެކްގެ ކަރުދަށުން ފެންނަން އިން ކަޅުކުލަ ގަދަ ބޮޑު ކަޅުތިލައަށް ބާޒިލްގެ ކަޅި ހުއްޓުނެވެ. ހަނދާނަށް އައީ އަނެއްކާވެސް އޭނާގެ ހަޔާތުގައި ދިމާވި ހާއްސަ ރެއެކެވެ. އެއީ ދެމަފިރިންނަށް ދަރިއަކު ލިބުމަށް ﷲ ގެ ހަޟްރަތުގައި ރޭވިފައިވާ ރެއެވެ. ވިއްސާރަ ރެއެއް ނޫން ނަމަވެސް ފުދޭވަރަކަށް ވައިގަދަ ރެއެކެވެ. އެއީ އޭނާ ބޮލެއްގައި ރިއްސާތީ އޮފީހުގައި އޮތް ބައްދަލުވުމަށް ނުގޮސް ގޭގައި އޮތް ރެއެކެވެ. ބޭރުން މެލެކް އައިސް ވަތްއިރު ބޮލުގައި ރިއްސާތީ ނިތުގައި ހާކަން ބޭނުންކުރާ ބާމްފުޅިއެއް އޮތެވެ. ބާޒިލް އަށް ދެލޯ ހުޅުވާލެވުނީ އޭނާގެ ނިތްމަތިން މެލެކްގެ އިނގިލިތަކުގެ އިހުސާސްވުމުންނެވެ. ދެލޯ ހުޅުވާލިތަނާ އޭނާއަށް މެލެކްގެ މޫނު ފެނުނީ ދާދި ކައިރިންނެވެ. މެލެކްގެ ރީތިކަމަށް އޭނާގެ ހިތާހިތުން އެންމެ ފުރަތަމަވެސް ތައުރީފް ކުރެވުނު ރެޔަކީ އެއީއެވެ.

"އަރާމުވާނެ. ދެލޯ މަރާލައިގެން އޮވޭ" މެލެކް ބުނެލި އަޑު އިވުނެވެ.

މެލެކް ބުންޏަސް އޭނާއަށް ދެލޯ މެރޭ ގޮތެއް ނުވިއެވެ. މެލެކްގެ ކަރުން ހާމައަށް ފެންނަން އޮތް ތަންގަނޑަށް އޭނާއަށް ބެލެނީއެވެ. އެއް އަތް ހިއްލާލާފައި އޭނާއަށް ކަޅުތިލައިގައި އިނގިލި ޖައްސާލެވުނެވެ. މެލެކްގެ ހަށިގަނޑަށް ހީވީ ކަރަންޓް އައި ހެންނެވެ. ދުރަށް ދާން އުޅުނަސް ބާޒިލްގެ ދެލޮލުން ބަލަމުން ދިޔަ ދިޔުން މެލެކްގެ ދެފައިގައި ކަސްތޮޅު އެޅުވިއެވެ. އެންމެފަހުން މެލެކް އާމެދު ދެމަފިރިކަމުގެ ފާލަމެއް ގާއިމުކުރެވިގެން ދިޔައީ ދެފަރާތުގެވެސް ރުހުމުގައެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ބާޒިލް ދިޔައީ ސިހިގެންނެވެ. އެއީ މެލެކްވެސް އެދިމާލަށް އައި ވަގުތެވެ. ފޮޓޯތައް މައްޗަށް ސްކްރޯލް ކުރެވުނުކަން ހަމަ ނަސީބެކެވެ. ޖޯލީގައި ފޯނު ބޭއްވިތަން މެލެކް އަށް ފެނުނެވެ. ބާޒިލް އަށް ކޮފީތަށި ދިއްކޮށްލާފައި ކުރިން އިންތަނުގައި މެލެކް އިށީނދެލިއެވެ.

"ކޮފީ ވަރަށް މީރު" ބާޒިލް ބުންޏެވެ.

"ގިރީ ކާކު؟ މީރުވާނެއްނު" މެލެކް ބުންޏެވެ.

ފޯނަށް ބަލަން އިން މެލެކް އަށް ބަލައިލާފައި ބާޒިލް ހީލިއެވެ. މެލެކް އަކީ ތަފާތު އަންހެންކުއްޖެކޭ އެވަގުތުވެސް އޭނާ ގެ ހިތް ބުނެލިއެވެ.

"އަހަރެންގެ ފޯނު ބެލީ ކީއްކުރަން؟" އަނގައިގެ ތެރެއަށް ދަމާލި ކޮފީ ކޯވަރު ބާޒިލްއަށް ޖެހުނީ ގަދަކަމުން ދިރުވާލާށެވެ. ހޫނު އަލިފާންހެން ހުއްޓާ ކަރުތެރެ ރޯނުފިލީ ކިރިޔާއެވެ. ފޯނު ބެލިކަން މެލެކް އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

މެލެކް އަދިވެސް ވަރަށް ފަރުވާކުޑަ. ފޯނު ބާއްވާފަ ދިޔައީ ކޮންތާކު؟ ވެއްޓެނިކޮށް އަހަރެން ތިފޯނު ސަލާމަތްކޮށްދިނީނު. ތެންކިޔު ބުނެބަލަ" ބާޒިލް ބުންޏެވެ.

"އޯ އެހެންވިއްޔާ ތެންކިޔު" މެލެކް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟