ވާހަކަ

އަލިވިލުން - 7

3

ދުވަހަކީ މަހުގެ ފުރަތަމަ ދުވަސް ދުވަހަށްވާތީވެ، ވިޔަފާރި ތަކެތި އަވަހަށް ގެނެސް، ބަހަން ފެށީ އަވަހަށް ނިންމުމަށްފަހު މެންދުރު ނަމާދުގެ ކުރިން ކާންދިނުމަށް ބަރޯ ވެއްދުމަށް އަންގާފައި އޮތުމުންނެވެ. މިހާ އަވަސް އަވަސްކޮށް ކަންތައްތައް ނިންމަނީ ކީއްވެގެންތޯ ބަލައިނުލައި ރޫހީންމެންނަކަށް ނުތިބެވުނެވެ.

ބަރޯ ބަލައިދިޔަ މަގުމަތީގައި ޒޭނާއާއި ރޫހީން އެކަކު އަނެކަކަށް ނިތް އަރުވައި އިޝާރާތެއް ކޮށްލަމުން ޑިއުޓީއަށް ބަލައިލިއެވެ.

"އޭތް ރިންނަ.... މިއަދު ޕްރޮމޯޝަން ލިބޭތީތަ މާ އަވަސް އަރުވާލައިގެން ތިއުޅެނީ....؟"

ރޫހީން އަހާލިއެވެ.

ޑިއުޓީ ރިޒްނާއަށް ހީނގަނެވުނެވެ. ބައެއް ފަހަރު ގައިދީން އުޅޭ ގޮތުން އާއިލީ ގާތް ކަމެއް އިހުސާސްކުރެވޭ ކަމަށް އަބަދުވެސް ރިޒްނާ ބުނެއެވެ. ހާއްސަކޮށް ރޫހީންގެ ފަރާތުން ތަފާތުގޮތަކަށް އެ އިހުސާސް ކުރެވެއެވެ.

"ރިންނައަށް އަދި ލަނޑެއް ލިބޭނެ މިހެން ތިމީހުންނާ ގާތްކޮށް އުޅެން ހަދައިގެން،"

ރިޒްނާ ހީނގެންފައި ބުނެލިއެވެ.

"މާގިނައިން ފިރިހެން ފަޅިން މި ފަޅިއަށް ހަދިޔާ ބަދިޔާ އަންނަންޏާ ވާނެގޮތް މިހާރު ވާން އެ އުޅެނީ. އެހެންވީމަ އަވަހަށް ކާންދީފައި ބަރޯ ބޭރު ކުރަން އަންގާފައި އޮތީ،"

ކާންދޭ މޭޒުދޮށުގައި ހުރި ރޫހީންގެ މޫނުމަތިން ކުދިކޮކާ އުދުހިގަތް ކަހަލައެވެ. އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ. ރިންނަ އެ ބުނި ބަހުގެ މާނައަކީ ރޭޑް..... މިހެން ހިތަށް އެރުމާއެކު ފައިދަށުން ބިންގަނޑު ކެހިގަތީހެންވެސް ހީވިއެވެ.

"އޭތް.... ޒޭން، ސަމުސާތައް ދޮވެފައި ބަންކަރަށް ލާންވީނު، އަހަރެން ފާހާނާއަކަށް ވަދެފަ އެބަ އަންނަން..."

ޒޭނާއަށް ވިސްނޭ ކަހަލަ އިޝާރާތެއް އަތުން ކޮށްލަމުން ރޫހީން ބާރުބާރަށް ހިނގައިގަތީ ބީ ކޮރިޑޯ ތެރެއިންލާފައި ހަތް ނަންބަރު ގޮޅިއާ ދިމާއަށެވެ.

ގޮޅިއަށް ވަދެ ބަލައިލުމާއެކު ރޫހީންގެ ދެބުމަ ގޮށް ޖެހިއްޖެއެވެ. މޫނުމައްޗަށް ވެރިވީ ނުރުހުމާއި ފޫހިކަމެކެވެ.

ކޮންމެ ގޮޅިއެއްގައިވެސް އަށީގައި އޮންނާނީ ގޮދަޑި އަޅައިގެން އެނދަކަށް ހަދައިފައެވެ. މި ގޮޅީގެ އެންމެ ހާއްސަ އެއް ކަމަކީ އަށީގައި އޮންނަ ހުދު ބެޑްޝީޓެވެ. އަދި އޭގެ މަތިން އެއްފަރާތަކަށް ފަށްޖަހާފައި އޮންނަ ގަދަ ނޫކުލައާއި ރަތްކުލައެއްގެ ގޮޅިޖެހި މުންޑެކެވެ. ޖެހިގެން ހުރި ރޫހީންގެ އަށް ނަމްބަރު ގޮޅީގައިވެސް މި ހާއްސަކަން މިއަށްވުރެ މާބޮޑަށްވެސް ފުރިހަމައެވެ.

އެނދުގައި ބަންޑުން އޮށޯވެގެން އޮތް ލާނާގެ ދެ ކަންފަތުގައި ހުރި ހެޑްސެޓަށް ރޫހީން ބަލައިލީ ފޫހި ނަޒަރަކުންނެވެ. އޭނާ އެހާ ލޯބިވާ މިތުރުގެ އެއްވެސް ކަމަކަށް އެވަރަށް ނުރުހުންވީ ކީއްވެގެންބާވައެވެ. ޖަލަށް އައިތާ މި ވޭތިވެގެންދިޔަ އަށެއްކަ މަސްދުވަސްތެރޭގައި އެމީހުންގެ ދެމެދުގައި އެހާ ބޮޑަށް ނުރުހޭ ވަރުގެ ކަމެއް ހިނގީ ކޮން އިރަކު ކިހިނެއްބާވައެވެ.

ލާނާ ޖަލަށް ގެނައީ ރޫހީންމެނަށްވުރެ ފަހުން ކަމަށްވިޔަސް އެމީހުންގެ ގުޅުން ނުހަނު ފުރިހަމައަށް އޮތީ ބަދަހިވެފައެވެ.

ޖެހިޖެހިގެން ހުރި ތިން ގޮޅިން އެއްގޮޅީގައި ލާނާ އާއި ތާތި އުޅޭ އިރު، އަނެއް ގޮޅީގައި ރޫހީނެވެ. އަދި ލަޝްލީއާއި ޒޭނާ ނުވައެއްގައި ތިއްބަސް، މި އެންމެންގެ ކެއުމާއި ކޮފީގަޑި އާއި ސައިގަޑިވެސް ހޭދަކުރަނީ އެކުއެކީގައެވެ.

ބަދަލުވާން ފެށީ ކާކު، ކޮން ހިސާބަކުން ކަމެއް ނޭނގުނަސް ޔަގީންވާ ކަމަކީ ލާނާގެ ރެއާދުވާލުގެ ވަގުތުތައް ފޯނަށް ދޭން ފެށިތާ ދުވަސްކޮޅެއް ވެއްޖެކަމެވެ.

މައްސަލައެއް ނޫންތާއެވެ. ހަސަން އޮންނަނީ ފިރިހެން ޖަލުގައެވެ. ހަސަނާއި ލާނާގެ ގުޅުން ފެށުނީ އަދު އިއްޔެއަކު ނޫނެވެ. އެއީ ޒަމާންތަކެއް ކުރީގެ ލޯބީގެ ވާހަކައެކެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި އެ ގުޅުން ބަދަހިވާން ފެށުމުން އެކަމާ އެއްވެސް ވަރަކަށް ދެކޮޅު ހަދަން ރޫހީންމެން ބޭނުން ނުވީއެވެ.

އެހެންނަމަވެސް މިއަދު ވާން މިއުޅެނީ އެހާ ރަނގަޅުކަމެއް ހެނެއް ހިއެއް ނުވެއެވެ.

ގޮޅި ތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ލާނާގެ ގާތަށް ގޮސް ހުއްޓިލިއެވެ.

"ލާނާ. ފިރިހެންފަޅިން ކޮން އިރަކު ކޯޗެއް އައީ؟"

ރޫހީން އަހާލިއެވެ. ރޫހީންގެ މި ސުވާލަށް ނާލާއަށް ހާސްކަމެއް ލިބުނުކަން ކިތަންމެހާވެސް ސާފުކޮށް ފެނުނެވެ.

"އާ. އަދި އެ ވާހަކަ ނުވެސް ބުނެވޭ... ސޮރީ. އެ ހަންނު ފޮނުވި އެއްޗެއް،"

ނާލާގެ ޖަވާބު ކުރުވެފައި ރާގުގައި އަސަރެއް ނެތެވެ.

"އޭތް ނާލާ... ރޭޑެއް އެބައާދޭ، އަހަރެން މި އަހަނީ ހަންނު ފޮނުވީ ކޯޗެއްހޭ، ކޮންއިރަކުހޭ؟"

މިއީ މިފަދަ ވާހަކައެއް ނާލާ، ރޫހީނަށް ސިއްރު ކުރި ފުރަތަމަ ފަހަރެވެ. އެވަގުތު ބޭރުން އައިސް ގޮޅިއަށް ވަނީ ތާތިއެވެ.

"ރޭޑޭ...."

ތާތި ދޮރު ލައްޕާލުމަށްފަހު ދެލޯ ބޮޑުކޮށްލިއެވެ.

"ނޭނގޭ ކަމަށް ނުހަދާ، މި ގޮޅީގައި އެއްވެސް ކަމެއް ކަލެއަށް ނޭނގި ނުހިނގާނެ، މިހާރުވެސް ތިއައީނު ބޭރުގައި ވިއްސާރައަށް އިނދެފައި. މަ މިއަހަނީ ހަންނު ފޮނުވީ ކޯޗެއްހޭ؟ ކިހިނެއްހޭ ގެނައީ....؟"

"ސާބަސް، އެވަރުގެ ކަމެއްތަ؟ ދުންފަތް ޑާކް ވެގެން އިއްޔެ ބުނީމަ ސިނގިރޭޓް ފޮށްޓަކާއި ދުންފަތްކޮޅެއް ފޮނުވީ، އާޒަލްގެ ބޭބެގެ ނަމުގައި ފޮނުވީ.... އެ ވާހަކަ ބާއްވާފަ ބުނެބަލަ، ކޮން ރޭޑެކޭ ތި ކިޔަނީ...؟"

ތާތި މޭޒު ކައިރިއަށް ޖެހި ޗާޖަށް ޖަހާފައި އޮތް ފޯނު ނަގައި ޗާޖަރުވެސް ނެގިއެވެ.

"ކިހާ ތާހިރު، ދެމީހުން ވެގެން ތިކޮށްލި ކަންތައް..."

"އަނހާ، ކޮބާހޭ މައްސަލައަކީ...."

ތާތި ޖަދަލު ދޭ ގޮތަކަށް އަހާލިއެވެ.

ފެންކައްކާ ޖަގެއް ނަގައި ގޮނޑިމަތީ އިށީންނަމުން ލާނާ، ތާތިއަށް ބަލައިލީ ޒުވާބު ނުކުރާށޭ ބުނާކަހަލަ ލޮލަކުންނެވެ.

"އާޒަލްގެ ބޭބެއޭ ބުނާއިރު އާޒަލްގެ ނަމުގައި ގެންނަ އިރު، އޭގައި އާޒަލަށް ފައިދާއެއް ނެތި މި ހިސާބަކަށް ނާންނާނެ، އާޒަލް ބޭނުންވާނެ އަގު ވަރަށް ރަނގަޅަށް އެނގޭ...."

ރޫހީން ހުރީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެކަމަކު މި ދަނޑިވަޅަކީ ރުޅި އައިސްގެން ޒުވާބުކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާއަށް ވެސް އެނގެއެވެ.

"ހަންނު ވަރަށް އާދޭސް ކުރަން ފެށީމަ ދެކޮޅު ހަދަން ނުކެރުނީ، އަސްލު މަގޭ ބާތުޑޭ އެބަ އާދެއެއްނު. އެހެންވެ ކުޑަ ހަދިޔާއެއް ފޮނުވަން ކުރީބައިގަ ޗެކެއް ޖެހީކަންނޭނގޭ،"

ލާނާ ވާހަކަ ދެއްކީ ރޫހީން ހުރީ ހިތްހަމަނުޖެހިފައިކަން އެނގޭތީވެ، އިތުރަށް އެ މައްސަލަ ހޫނުނުކޮށް ނިންމާލުމުގެ ބޭނުމުގައި މަޑުމަޑުންނެވެ.

"ތި ހުރިހާ ވާހަކައެއް ދައްކާއިރުވެސް އެނގޭނެ އެހެން ގޮތްތައްވެސް ހޯދޭނެކަން. އާޒަލްމެނަށް އަހަރުމެންނާ ދެކޮޅަށް ބަހެއް ބުނެލާނެ ފުރުސަތެއް ދީގެން ނުވާނެއެއްނު،"

ރޫހީންގެ އަޑުގައި ހުރީ ނުރުހުމާ އެއްވަރަށް ދެރަވުމެވެ.

"ކަމްއޯން. ރޫހިއްތާ. އެނގެއެއްނު އެކަހަލަ ކޮސްކަމެއް ނުކުރާނެކަން، އޭނައަށް ނޭނގޭނެ ހަންނު ފޮނުވި އެއްޗެއް ކަމެއް، އެނގޭނަމަތާ ހަންނުމެން ގޮޅިން އަޒާލަމެން ބޭނުން އެއްޗެއް ހޯދަން ބުނާނީވެސް. އަޒާލަށް ހީވާނީ މި ކޮތަޅަކީ އާސިމްބެ ފޮނުވި އެއްޗެއް ހެން،"

އަށްޓާ ދިމާއަށް މޭޒު ހުރި ދިމާލަށް ގުދުވެ އެތަނުން ނޫކުލައެއްގެ ކޮތަޅެއް ނަގައި ދައްކާލަމުން ތާތި ފަހުރުވެރި ރާގަކަށް ބުނެލިއެވެ.

"އެހެންދޯ، އަހަރެމެންގެ ސިކުނޑި ތިހާ ގަމާރުވީ ކޮންއިރަކު؟ ހަދިޔާއަށް ނުކިޔައި އަޒާލް މިވަރުގެ އެއްޗެއް ގެނެސްދިނީ. ތިއީ ކަނޑައެޅިގެން ދޮގެއްނު..."

ރޫހީންގެ ވާހަކަ ހުއްޓާލަން ޖެހުނީ ބަރު އަޑަކުން ގޮވިހެން ހީވެގެންނެވެ.

"އޭތް.... ދަރިންނޭ، ބަންކަރުގެ ދަގަނޑުކޮޅު ވައްޓާލައިފި...."

ދޮރުމަތިން ހުރަސްކުރަމުން ފިޔަވަޅެއް މަޑުޖެހިލުމަށްފަހު ބާރު ބަރު އަޑަކުން ގޮވާލި އަޑު އިވުނެވެ. އަދި އަނެއްކާވެސް އެގޮތަށް ދިހަ ނަންބަރާ ދިމާއަށް ގޮސް ގޮވާލި އަޑުވެސް އިވުނެވެ. ހަމަ އަނެއް ސިކުންތުގައި އަނެއްކާވެސް ހަތް ނަންބަރާ އަރައި ހަމަކުރަމުން ގޮވާލައިފިއެވެ.

"އޯހް ޝިޓް، ބެންކު ހުޅުވާ،"

ބިންމަތީގައި އޮށޯވެލުމާއެކު އަށި ތަންދޮށަށް ދެމިގަތީ ރޫހީންނެވެ. ފަހަތުން ނާލާވެސް އައިސް އެ ދިމާލުން އަށި ދަށަށް އަލިކޮށްލުމަށް ފޯނުގެ ބައްތި ދިއްލާލިއެވެ.

"ކޮބާ ޕެކިން ހެދި އެއްޗެހި، ފޯނުތައް ދިއްކޮށްލާފައި ލާނާ ޗާޖަރަކާއި ހުރިހާ ސިމަކާއި ކާޑުތަކާ ހަވާލުވެބަލަ،"

"ރޫހީއްތަގެ ފޯނާއި މިގޭގެ ދެ ފޯނު، ޒޭނާގެ ފޯނު އޮންނާނީ ބެންކުގައި، އަދި ނުނަގާނެ، އިރުއޮއްސުނީމަ އޭނަ ފޯނު ނަގާނީ...."

"އޭތް، އޯތް، މިއޮތް ކަޑަބޮއްކަޑަބޮއް ޖަހާފައި ދުއްވައިގަތީ،"

ބާރުބާރު ގަދަ އަޑަކުން ގޮވާލިއެވެ. ރޫހީނަށް އަށި ތަންދޮށު ފާރުގައި ހުރި ތަނަށް ސިމެންތިކޮޅު އަޅައި އެ ދިމާލުން އަށި ތަންދޮށުގައި ހުރި ކޮތަޅުތައް އެ ދިމާއަށް ޖައްސައި އެތަނުން ބޭރަށް ދެމިގަނެވުނީ ހަމަ ކިރިޔާއެވެ.

ބަންއަޑު ކިޔާފައި ގޮޅީގެ ދަގަނޑު ދޮރު ހުޅުވާލެވިއްޖެއެވެ. ދޮރުމަތީގައި ތިބީ އޮފިސަރުންގެ ތެރެއިންވެސް އެންމެ ވަރުގަދަ ކަމަށް ނަން މަޝްހޫރު މެޑިކް އަޒީމާ އާއި އަންހެން ޖަލުގެ އެސްއޯ ރަމީޒާ ސުފުޔާނެވެ.

އަތުގައި އޮތް ތިން ބިޑި ޕޯޗަށް ލުމާއެކު ރަމީޒާ ސުފުޔާނުގެ ރީތި މޫނުމައްޗަށް އަސަރު ކުރުވަނިވި ހިނިތުންވުމެއް ވެރިވިއެވެ. ސާޅީހަކަށް އަހަރުގެ ރަމީޒާ ސުފްޔާނުގެ ރީތި ހިނިތުންވުމަކީ ދެކޮޅު ހެދެން ނެތްހާ ފުރިހަމަ ޗާލު ކަމަކަށްވީ ގޮތަށް އޭނާގެ ހަވަނަ ހިއްސުގެ ކުޅަދާނަކަމަށް އެއްވެސް ސިއްރުކަމެއް ނުފޮރުވޭ ވާހަކައާއި ޖަލުގައި ފޯނު ގެންގުޅޭ ފަރާތްތަކުގެ އެންމެ ހާއްސަ ދެކޮޅުވެރިއަކީ ވެސް ރަމީޒާ ސުފުޔާނު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟