ވާހަކަ

ރުހުން ދީފާނުހޭ - 11

2

"ދެން ތިދެއްކުނީނު ތިވާހަކަ. ދަރިފުޅު ކޮޓަރިއަށް ވަނުމުގެ ކުރިން މެލީ އަށް ބޭސްދޭން ހަނދާންކުރައްޗޭ. މަންމަ މިދަނީ ކޮޓަރިއަށް" ތަބައްސުމް ހިނގައިގަތެވެ.

"ހިތަށް އަރާ މަންމަ އާއި ބައްޕަގެ ރިލޭޝަން ރަނގަޅުވާނީ ކޮންދުވަހަކުންބާއޭ" މައިލީން ދެފަރާތުން ބޮލުގައި އަތް އެޅިއެވެ.

"ތިއެއްނޫނޭ ދޮނާ. ޔާން އާ ބައްޕަ އާ އޮންނަނީ ކޮން ގުޅުމެއްތަ؟" މެލެކް އަހާލިއެވެ.

މައިލީން މެލެކް އަށް ބަލައިލިއެވެ. އެ ގުޅުންވެސް މެލެކްގެ ސިކުނޑިން އެވަނީ ފޮހެވިފައެވެ. އެކަމަކު ރައްޔާން އަކީ އެކުވެރިއެއްކަން ހަނދާނުގައި އެބަހުއްޓެވެ. އެއީ ކޮންކަހަލަ މެމޮރީ ލޮސްއެއްކަން ވަގުތުން މައިލީން އަށް ނަގައިގަނެވުނެވެ. އޭނާ މެލެކް އަށް ދިނީ ހިނިތުންވުމެކެވެ.

"ވެދާނެއްނު ބައްޕަގެ ރައްޓެއްސެއްކަމަށް. އެނގެއެއްނު އަހަރެމެންގެ ބައްޕަ ނުދަންނަ މީހަކު މިރާއްޖޭގަ ނޫޅޭކަން. އެހެންނޫނަސް މާލޭގަ ޔާން އުޅުނީ ބައްޕަ ކައިރީގަ. ބައްޕަ ދެކެނީ ޔާން އަކީ ބައްޕަގެ ދަރިއެއް ފަދައިން. އެނގެއެއްނު މާލޭގަ ހުންނަ ބައްޕަގެ ގޭގަ ޔާން އަށް ހާއްސަ ކޮޓަރިއެއްވެސް ހުރެއެއްނު. ހަނދާންކޮށްބަލަ" މައިލީން ބުންޏެވެ. މެލެކް ބޯޖަހާލިއެވެ.

"ދެން އާދޭ ބޭސްކާން ދާން" މައިލީންގެ ފަހަތުން މެލެކް ހިނގައިގަތެވެ.

****

ކުޅެންދާން ތައްޔާރުވެގެން ބާޒިލް ގެއިން ނިކުތްތަން ފެނުމުން ޖޯލީގައި ލޫލު އުނގަށް ލައިގެން އިން މެލެކް ބަލައިލިއެވެ. އޭނާ އައީ ވެސް ބާޒިލް އާ ލޫލު ބައްދަލުކޮށްދޭށެވެ. ލޫލު ބަލައިލިގޮތުން ކުއްޖާ އުރާނުލާ ބާޒިލް އަށް ނުހުރެވުނެވެ. އޭނާ ލޫލު އުރާލިއެވެ. ކޮލުގައި ބޮސްދީފައި ލޫލު އާ ސަމާސަކޮށްލިއެވެ. ލޫލުގެ އަނގައިން ވެއްޓުނު ސޮނިކޮޅު މެލެކްގެ އަތުގައި އޮތް ފޮތިކޮޅުން ފޮހެލި ވަގުތު ގޭތެރެއިން ނިކުތް ޒޭބާ ފޯނުން ފޯޓޮއެއް ނަގާލިއެވެ. އެތަން ފެނުމުން ބާޒިލް އާ މެލެކް އެއްކޮށް ބަލައިލިއެވެ.

"ތިއީ ކޮންކަމެއް ކުޑައްތާ" ބާޒިލް ބުންޏެވެ.

"ތެދަށް ބުނަންޏާ ކުޑާއަށް މިދުނިޔެއިން ފެނުނު އެންމެ ގުޅޭ ޖޯޑަކީ ތިއީ" ޒޭބާ ބުންޏެވެ.

ބާޒިލް އަވަސް އަވަހަށް މެލެކް އަތަށް ލޫލު ދިއްކޮށްލިއެވެ. ހިނގައިގަތުމުގެ ކުރިން އޭނާ އަށް މެލެކް އަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. އެއީ މެލެކް ވެސް އޭނާއަށް ބަލައިލި ވަގުތެވެ. ހިނިތުންވުމެއް މެލެކް ދިނަސް ބާޒިލްގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.

"އިހަށް މަޑުކޮށްބަ" ޒޭބާ ބާޒިލްގެ އަތުގައި ހިފިއެވެ.

ބާޒިލް މަޑުޖެހިފައި ޒޭބާ އަށް ބަލައިލިއެވެ.

"މިރޭ ސަބް ކާންދާން މިކިޔަނީ. ވާނެ ދާން" ޒޭބާ ބުންޏެވެ.

"ކޮންބައެއް؟" ބާޒިލް އަހާލިއެވެ.

"މާގިނަ ބައެއް ނެތް. ޒެއްލު ބޭނުމިއްޔާ ޓީމް ބޮޑުކޮށްލެވިދާނެ" ޒޭބާ ބުންޏެވެ.

"އޯކޭ.. ކުޅެ ނިންމާފަ ސާރާ ގޮވައިގެން އަންނާނީ" ބާޒިލް ބުންޏެވެ.

ލޫލު އަށް އަތުން ހަނާއަޅާލާފައި ބާޒިލް ހިނގައިގަތުމުން މިފަހަރު ގޮވާލީ މެލެކް އެވެ. ބާޒިލް މަޑުޖެހުނަސް ބަލައިނުލައެވެ.

"ބީ ކެއާފުލް. ތި ހަލާކުވެފަ ހުރި ތަންތަން އަދި އެއްކޮށް ހީލްއެއް ނުވެއެއްނު" މެލެކް ބުންޏެވެ.

ބާޒިލް ބޯޖަހާލާފައި ސައިކަލާ ދިމާލަށް ދިޔައެވެ. މެލެކް ހިތުގައި ސުވާލު އުފެދުނީ ބާޒިލް ހިނގައިގަތްފަހުންނެވެ. އެހެން ބުނެވުނީ ކީއްވެގެން ހެއްޔެވެ؟

ޒޭބާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ދެކުދިން ހިނގައިގަތީ މަގު ހުރިގޮތަށެވެ. އެއީ ހަވީރު ފިންޏަށް ހިނގާލުމަށެވެ.

****

ސާރާ ގޮވައިގެން ބާޒިލް ގޭތެރެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަގުތުގެ ފައިދާ ނަގާފައި އޭނާ ސާރާ ގަޔާ ކައިރިކޮށްލާފައި އަތުގައި ބޮސްދިނެވެ. ސާރާ ބޭނުންވީ އެއަށް ވުރެ ބޮޑަށެވެ. އެހެންނަމަވެސް އެވަރުން ބާޒިލް ފުއްދާލުމުން ސާރާއަށް އެދޭކަށް ނުކެރުނެވެ. ލޫލު ގެ ކޮޓަރިން ރޯ އަޑު އިވެމުން ދިޔައެވެ. ބާޒިލް އެދިމާލަށް ދާން އުޅެނިކޮށް ސާރާ ހުއްޓުވިއެވެ.

"ލޫލު ކައިރީގަ އެކުއްޖާ މަންމަ ހުންނާނެ. ޒެއްލު ނުދިޔަސް އޭނާ ލޫލު މަސަލަސް ކުރާނެ" ސާރާ ބުންޏެވެ. ބާޒިލް ބޯޖަހާލިއެވެ.

"ސާރާ ދާންވީނުން ނަމާދުކޮށްލަން" ބާޒިލް ބުންޏެވެ.

"ކޮން ކޮޓަރިއަކަށް. ނުކެރޭނެ ޒެއްލުގެ ކޮޓަރި ނޫން އެހެން ކޮޓަރިއަކަށް ވަންނާކަށް" ސާރާ ބުންޏެވެ.

"އެއީ ސާރާގެވެސް ކޮޓަރިއެއްނު. ދޭ. އަހަރެން މިތަނުގަ މަޑުކޮށްލާނަން" ބާޒިލް ބުންޏެވެ.

ސާރާ އެތެރެއަށް ވަދެ ދޮރުލައްޕާލުމުން ބާޒިލް އިރުކޮޅަކު މަޑުކޮށްގެން ހުއްޓެވެ. ސާރާ މަނާކުރުމުންވެސް އޭނާ އަށް ކުރިއަށް ފިޔަވަޅު އެޅެމުން ދިޔައީ ލޫލުގެ ކޮޓަރި އާ ދިމާލަކަށް ކަމެއް ޔަގީނެއް ނުވިއެވެ. އޭނާ ހުއްޓެން ބޭނުންވިއެވެ. އެކަމަކު ހިތް އެއްބަހެއް ނުވިއެވެ. ނަސީބަކުން ކޮޓަރި އާ ހަމައަށް ދިޔުމުގެ ކުރިން ކޮޓަރި ހުޅުވާލި އަޑު އިވިއްޖެއެވެ. އޭނާ އެކޮޓަރި އާ ދިމާލަށް އަންނަކަން މެލެކް އަށް އެނގިދާނެތީ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ބާޒިލްގެ ހަރަކާތްތައް ވަރަށް ރީއްޗަށް ޒޭބާ އަށް ފެނުނެވެ. އޭނާ ގޮސް ބާޒިލްގެ ކުރިމައްޗަށް ހުއްޓުނެވެ.

"ދެލޯ މަރާ ބާރުކޮށްގެން ކޮން ފިލްމެއްގެ މަންޒަރު ތިނަގަނީ" ބާޒިލް އަވަސް އަވަހަށް ދެލޯ ހުޅުވާލިއެވެ. ޒޭބާ ކުރިމަތީގައި ހުރުމުން ބާޒިލް ރަކިވާގޮތް ވިއެވެ. އޭނާ ހީކުރީ ކޮޓަރިން ނިކުންނާނީ މެލެކް ކަމަށެވެ.

"ފިލްމެކޭ... ސާބަހޭ.... އާދެބަ ބައްޕި ލޯބިކޮޅު" އޭރުވެސް ލޫލުއަށް ގިސްޖެހެމުން ދިޔައެވެ. ދެލޯ ކައިރިން ކަރުނަ ފާޅުވާން ހުއްޓެވެ. ލޫލު ގެ މޫނުމަތިން އަންގައިދެނީ އޭނާ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރި ތަނެވެ.

"ނޭނގެ ލޫލުގެ ރުޅިގަނޑު ފާޅުވެގެން އުޅޭ ރެއެއް. ހާދަ ވަރަކުންނޭ ކާންދެވުނީ. އޭނައަށް އިނގޭ މިރޭ އޭނަ މަންމި މިގޭގަ ނެތްކަން" ޒޭބާ ބުންޏެވެ.

މެލެކް ގޭގައި ނެތްކަން އެނގުމުން ބާޒިލްއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެކަމަކު މެލެކް ނައީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ ބާޒިލްގެ ހިތާއި ސިކުނޑިއަށް ވެރިވި ސުވާލުތައް ވަގުތުން ނެރެލަން ބޭނުންވިއެވެ.

"މިއަންނަނީ މަޣްރިބްގެ ތިން ރަކްއަތް ކޮށްލައިގެން. ވަރަށް އަވަސްކޮށްލާނަން" ޒޭބާ ހިނގައިގަތެވެ.

"މަންމަ އަތަށް ދޭންވީނު. އަހަރެން މިހުރީ ކުޅެގެން އައިގޮތަށް އަދި ފެންވެސްނުވަރާ. ސާރާވެސް އެބައުޅޭ" ބާޒިލް ބުންޏެވެ.

ޒޭބާ ހައިރާންވެފައި ބާޒިލް އަށް ބަލައިލިއެވެ. ދެން ހީލާފައި ދެފަރާތަށް ބޯހޫރާލިއެވެ.

"ކީއްތަވީ ސާރާ އުޅެންޏާ. ޒެއްލު ތިހިރީ ހަރާންކަމެއް ކޮށްގެނެއް ނޫނެއްނު" ޒޭބާ ބުންޏެވެ.

އެއީ ޒޭބާ ކޮޓަރިން ނިކުތް ވަގުތެވެ. އޭނާ އައިސް ހުއްޓުނީ ބާޒިލް އާ ޒޭބާ ގާތުގައެވެ.

"ލޫލުގެ ޒިންމާއަކީ ޒެއްލު ފަދައިން ސާރާވެސް ނަގަންޖެހޭ އެއްޗެއް. ޒެއްލުގެ އަންބަކަށްވާ ހިސާބުން ސާރާ އެވީ ލޫލުގެ ދޮންމަންމައަށް. ދޮން ކިޔާފަވެސް ފަހަތަށް މަންމަ އެބައާދެއެއްނު. ކުޑާ މާގިނައިރެއްނުވާނެ. އެހެންނޫނަސް މަންމަވެސް ބައްޕަވެސް ގޭގަ ނެތް. މެލީ ވަރަށް ބަލިވެގެން އެގެއަށް ގޮސްފަވީ" ޒޭބާ ވާހަކަދެއްކިއެވެ.

"މެލީ... މެލެކް އަށް ކިހިނެއްވީ؟" އެންމެފަހުން ބާޒިލް އަށް އެހިއްޖެއެވެ. ކައިރީގައި ސާރާ ހުރިކަން ބާޒިލް ހަނދާންވީ މާފަހުންނެވެ. ބާޒިލް އަށް ސާރާ ބަލައިލީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. ސާރާގެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ އަސަރު ފެނުމުން ބާޒިލް ލޫލު ގޮވައިގެން ދުރަށްޖެހުނެވެ.

"އަދި ހަނދާންނެތިފައޭ މިހުންނަނީ. މިރޭގެ ޕްލޭން ކެންސަލް އެނގޭ" ޒޭބާ ބުންޏެވެ.

"ކީއްވެ؟ އެހާވަރަކުން ސާރާ އެ އައީވެސް ސަބް ކާހިތުން" ބާޒިލް ބުންޏެވެ.

"މެލީ އަށް ނުދެވޭތީ. އެކަކަށްވެސް ނުދެވެންޏާ ދާކަށް ނުވާނެއްނު" ޒޭބާ ބުންޏެވެ. ބާޒިލް ހިނިތުންވެލާފައި ބޯޖަހާލިއެވެ.

****

ގައިމަތީގައި ރަޖާ އަޅައިގެން އޮތް މެލެކް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ނިތްމަތިން ކިރިޔާ ހުންކޮޅެއްގެ އަސަރުވެލާއިރަށް މުޅި އާއިލާ އެލާޓަށް އައުމުންނެވެ. އޭނާގެ ގާތުގައި އިށީނދެގެން އިނީ ތަބައްސުމް އެވެ. މައިލީން ފޯނުގައި ހުރެ މެލެކްގެ ޑޮކްޓަރާ ފޯނު ވާހަކަދައްކަމުން ދިޔައެވެ. މެލެކްގެ އަނެއްފަރާތުން އިށީނދެގެން އިނީ މައުސޫމާ އެވެ. ބޮލާ ވީ ދިމާލުގައި ކޮޅަށް ހުރީ ޒިޔާދެވެ. އިރުކޮޅަކުން މެލެކްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ.

"ބައްޕަ އެގުޅަނީ. ދޮނާ ދޯ ބައްޕައަށް އެހާ އަވަހަށް ރިޕޯޓްކުރީ" މެލެކް ބުންޏެވެ.

"ތި ފޯނު ނަގަންޏާ ނަގާ. މަންމަ އެބައަންނަން އެ ސޫޕްކޮޅު ހިފައިގެން" ތަބައްސުމް ތެދުވެގެން ހިނގައިގަތެވެ.

"ހުމުގެ އަސަރު މިހާރު ނެތް ދޯ" މައިލީން އައިސް އިށީނީ މެލެކްގެ ގާތުގައެވެ.

ތަބައްސުމް ކޮޓަރިން ނިކުތީ އައްޒާމް އާ މެލެކް ވާހަކަދައްކާއިރު އެތަނުގައި އިންނަން ބޭނުންނުވާތީއެވެ. އެހެންކަމުން ތަބައްސުމް ގެއިން ނިކުމެ ބަދިގެ އާ ދިމާލަށް ދިޔައެވެ. މޭޒުމަތީގައި ހުރި އާވިއަރަމުން ދިޔަ ސޫޕްތައްޓަށް ބަލަހައްޓައިގެން ތަބައްސުމް ހުއްޓެވެ. ފައިބަން ނުފައިބަން އުޅޭ ކަހަލަ ގޮތަކަށް ތަބައްސުމްގެ ދެލޮލުން ކަރުނައެއް ފައިބަން އުޅުނެވެ. ކަރުނަތިކި ވެއްޓުމުގެ ކުރިން އޭނާ އަތުގެ ނުފުށުން ދެލޯ ކައިރި ފޮހެލައިފިއެވެ.

"މިހިރީ ދޯ. ހީވެއްޖޭ މިތާނގައޭ" މައުސޫމާގެ އަޑަށް ތަބައްސުމް ބަލައިލިއެވެ.

"ލަސްނުވަންޏާ އިހަށް ތި ގޮނޑީގަ އިށީނދެބަލަ" މައުސޫމާ ބުންޏެވެ. ތަބައްސުމް އިށީނދެލިއެވެ.

"ފާހާނާއިގައި އުޅެނިކޮށް މައިލީން އައިސް ބުނެފި މެލެކް ހުން އައިސްފައޭ. ނޭނގެ ހުރެވުނު ތަނެއްވެސް. މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ. ރަނގަޅަށް އެއްޗެހި އެރުވުނު ކަމެއްވެސް ނޭނގޭ. އެހެންނު ވާނީ. އަހަރެން ބޭނުމެއްނޫން މެލެކް ބަލިވާކަށް. ހުމޭ ބުންޏަސް ބިރުން ފިތްކަނޑައިގެންދާވަރުވޭ. ރޭގަ ކިއި ރޯގާވެފައޭ ވެސް. މައުސޫމާ! މިއީ އަހަންނަށް ހާދަ ބިރުވެރި ކަމެކޭ" ތަބައްސުމް ވާހަކަދެއްކިއެވެ.

"އަހަންނަށް އިހުސާސް ކުރެވޭ. މެލެކް ގެ މުޅި ދިރިއުޅުން ބަދަލުވާން ދިމާވި ސަބަބަކީވެސް އައި އާދައިގެ ހުމެއްނު. އެހެންވީމަ ކޮންމެ މަޔަކަށްވެސް އުނދަގުވާނެ. އަހަރެން ނަމަވެސް ތެޅޭނީ ހަމަ ތިހެން. ރޯގާ ޖެހިގެން ވިޔަސް އެ ހުންގަނޑު ބޮޑުވަރުވިޔަނުދީ ވޭތޯ އަހަރެމެން އެންމެންވެސް ބަލަންވާނެ. މިކަން އެހާ ކުޑަކުޑަ ކަމަކަށް ހަދައިގެން މެލެކް އެ އުޅެނީ އޭނާ އެކަން ހަނދާނުގަ ނެތީމަ. އޭނާ އޮތް ހާލު އޭނާއަށް އިހުސާސްވެސް ނުވޭ. އެހެންވީމަ އެ މަންޒަރު ފެނި ހިތާމަޔާ ހިތްދަތިކަމުގައި ދުވަސްތަކެއް ވޭތުކުރި ބަޔަކަށް އަސަރުކުރާނެ ދޯ. އަހަރެންވެސް ގޭގަ ހަމަ ކެއްނުވެގެން މިއައީ. އަހަންނަކީ އެމަންޖެގެ އުފަން މަންމަ ނޫނަސް ބާޒިލް އާ އިނދެގެން ގެއަށް އައި ދުވަހުން ފެށިގެން މިހާތަނަށްވެސް ދުވަހަކުވެސް އެއީ ދަރިއެއްގެ އަނބިމީހާގެ ގޮތުގައެއް ނޫން އަހަރެން ދުށީ. އެއީ ހަމަ އަހަރެންގެ ތިން އަންހެންދަރީން ފަދަ ދަރިއެއް" ތަބައްސުމްގެ އަތުގައި ފިރުމަމުން މައުސޫމާ ވާހަކަދެއްކިއެވެ. އެއީ މައުސޫމާ ހޯދަމުން ޒިޔާދުވެސް އެތަނަށް އައި ވަގުތެވެ. ދެ އަންހެން ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށް އޭނާ އަނގަނުލާ ގޮނޑީގައި އިށީނދެގެން އިނެވެ.

"މައުސޫމާ އަހަރެން ހާދަ ހިތްނުތަވަސްވެޔޭ އެބަ. މިރޭ އަހަންނަށް ލޮލުފިޔަ ޖެހޭނެ ކަމެއްވެސް ނޭނގޭ" ތަބައްސުމް ބުންޏެވެ.

"ހިތްވަރުކޮށްލާ. ނަމާދުކޮށްގެން ޒިކުރުކިޔާލީމަ ތިކަން ހަމަޔަކަށް އެޅިދާނެ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވާނެ. އަދި މާބޮޑުވަރުވީކީވެސް ނޫނެއްނު. ތާބާމެން ތިހެން އުޅުނީމަ މެލެކްއަށް ޝައްކުވެގެން ސުވާލުކުރަން ފަށާފާނެ. އޭރުން އެޖެހުނީ އަނެއް ހަކަންތައް. ހިތްވަރުކޮށްލާ"

މައުސޫމާގެ ވާހަކަތައް އަހައިގެން ތަބައްސުމް ހިތްވަރު ހޯދިއެވެ. ހިތްހަމަޖައްސާލައިގެން އޭނާ ތެދުވެ ހިނގައިގަތެވެ.

****

ކައިގެން ބާޒިލް ސިޓިންގރޫމަށް އެހާ އަވަހަށް ނިކުތްއިރު ސާރާއެއް ނެތެވެ. ޒޭބާ އެވަރަށް ކިޔުމުންވެސް ބާޒިލް އާ އެކު ކާން އިށީންނަން ސާރާ އެއްބަހެއް ނުވިއެވެ. އެންމެފަހުން ބުނެވެސްނުލާ ދިޔައީ އެވެ. ބާޒިލް ސޯފާގައި އިށީނެވެ. ޓީވީ ހުޅުވާލިގޮތަށް އޭނާއަށް ޓީވީއަށް ވެސް ސަމާލުކަމެއް ނުދެވުނެވެ. ސާރާ އެދިޔައީ ވަރަށް ހިތްހަމަނުޖެހިގެންނެވެ. ސާރާ ރުއްސަން އެގެއަށް ދާންވީކަމެއް ނުވަތަ ނުދާންވީ ކަމެއް އޭނާއަށް ނޭނގުނެވެ. ދެ ވިސްނުމެއްގައި އިންދާ އޭނާ ސިހުނީ ފިނި އަތްތިލައެއް އޭނާގެ އަތުގައި ޖެހުމުންނެވެ. ބަލައިލިއރު ޒޭބާ ކައިރީގައި އިށީނދެއްޖެއެވެ.

"ސާރާ ދިޔައީ ދޯ. ވަރަށް ރުޅިއައިސްގެން ދޯ އެދިޔައީ" ޒޭބާ ބުންޏެވެ. ބާޒިލް ޖަވާބެއް ނުދެއެވެ.

"ސާރާ ހާދަ އަވަހަދޭ ކަންކަމާ ރުޅިއަންނަލެއް. ތިހާ އަވަހަށް ކަންކަމާ ދެބަސްވާންޖެހޭ އިރު ކިހިނެއް އެކީގަ ދިރިއުޅެނީ" ޒޭބާ ބުންޏެވެ.

"ސާރާއަކީ ކަންކަމާ އެހާ އަވަހަށް ރުޅިއަންނަ ކުއްޖެއްނޫން. އެހެންއެވީ އަހަރެންގެވެސް މައްސަލައެއް އޮތީމަ. އަހަރެން ނުޖެހޭ މެލެކްގެ ވާހަކަ ކޫ ކައިރީގަ އަހާކަށް" ބާޒިލް ބުންޏެވެ.

ޒޭބާ ދެފަރާތަށް ބޯހޫރާލިއެވެ. ކޮއްކޮގެ ވިސްނުން ކޮށިކަމެވެ. ކުރާނެ ކަމެއް ނެތެވެ.

"ޒެއްލު ޖެހޭ މެލެކްގެ ވާހަކަ އަހަން. އަދި އެގޮތަށް ޒެއްލު މެލީގެ ވާހަކަ އެހުމަކީ މީހަކު އެކަމާ ރުޅިއައިސްގެން އުޑުގައި ޖެހިފަ ބިމުގަ ޖެހެންވި ސަބަބެއްނޫން. އިތުރަށް މި މައުލޫއަށް ވާހަކަދައްކާކަށް ނެތިން. އަހަރެން ބޭނުމެއްނޫން ޒެއްލު ރުޅިއަރުވާކަށް" ޒޭބާ ތެދުވެގެން ހިނގައިގަތެވެ. ބާޒިލްގެ ވިސްނުނުކޮށި ކަމަށް ވުރެ ބޮޑަށް ޒޭބާ އަށް ރުޅިއާދެވުނީ ސާރާ ދެކެއެވެ. ވަރެއްގެ އަންހެނެކެވެ.

ފޯނުގެ ކޯލް ލިސްޓުގައި އެންމެފަހުން ސާރާއަށް ގުޅާފައި އިން ގަޑިއަށް ބާޒިލް ބަލަން އިނީ ސާރާއަށް ގުޅަންވީއޭ ހިތާއެވެ. ނަންބަރުގައި އިނގިލި ޖައްސާލިތަނާ ދޮރުކައިރިން ވާހަކަދައްކާ އަޑުއިވިއްޖެއެވެ. ބަލައިލިއިރު މައުސޫމާ އާއި ޒިޔާދު ވަދެގެން އާދެއެވެ. ދެމަފިރިން ވަތްގޮތަށް އިށީނީ ސޯފާގައެވެ.

"ދަރިފުޅާ ޒޭބާ" ޒިޔާދު ގޮވާލިއެވެ.

ޒޭބާ އައުމުން ޒިޔާދު އެދުނީ ފިނި ފެންތައްޓެއް ގެނެސްދިނުމަށެވެ.

"ކާންދާވީނު. ކާންހަފާދަ ހުންނާނީ" ޒޭބާ ބުންޏެވެ.

"ނޫނޭ. އެގެއިން ކައިގެން މިއައީ" މައުސޫމާ ބުންޏެވެ.

ޒޭބާ ފެންތަށި ބަލާ ދިޔުމުން މައުސޫމާ ބާޒިލް އަށް ބަލައިލިއެވެ. ބާޒިލް މާބޮޑަށް ހިމޭނުން އިންކަން މައުސޫމާ އަށް ފާހަގަވިއެވެ. ފެންތަށި ހިފައިގެން އައިސް ޒިޔާދު އަށް ދިއްކޮށްލި ޒޭބާ އަށް މައުސޫމާ ބަލައިލިއެވެ. ލޮލުގެ އިޝާރާތުން ބާޒިލް ދައްކާލާފައި ކިހިނެއްވެފަހޭ އަހާލިއެވެ. "މަންމަ އަހާބަލަ" ޒޭބާ އެހެންބުނީ ބާޒިލް އަށް ނީއްވާ ވައި އަޑުންނެވެ.

"ކިހިނެއްވެފަ ދަރިފުޅު ތިއިންނަނީ. މިހާރު ކައިފިންތަ؟" މައުސޫމާ އަހާލިއެވެ.

ބާޒިލް ބޯޖަހާލިއެވެ.

ހަމައެކަނި ބޯޖަހާލުމަކުން ބާޒިލް ފުއްދާލުމުން ކަމަކާ ބާޒިލް ހިތްހަމަނުޖެހިފައި އިންކަން މައުސޫމާ އަށް ޔަގީންވިއެވެ. ޔަގީންނުވީ ސަބަބެވެ.

"ދަރިފުޅާ. މެލެކް އުޅެނީ ބަލިވެ. އެމަންޖެގެ ހާލު ބަލާލައްޗޭ" މައުސޫމާ ބުންޏެވެ.

ބާޒިލްގެ ބޮލަށް ވީ އުތުރު އުނދަގުލެކެވެ. ސާރާ ހިމާޔަތްކުރަން ހަދައިގެން ކުޑައްތަވެސް ރުޅިއަރުވާލެވިއްޖެއެވެ. މައިންބަފައިން ކުރިމަތީގައި އެއްޗެއް ބުނަން ބޭނުންނުވާތީ އޭނާ ފުންމައިގެން ތެދުވިއެވެ. ބަހެއްނުކިޔާ ބާޒިލް ހިނގައިގަތުމުން ޒިޔާދު ހިތްހަމަނުޖެހުނެވެ.

"ބާ ޒި ލް...." ޒިޔާދު އަޑުހަރުކޮށް ބާޒިލް އަށް ގޮވާލިއެވެ.

ވަގުތުން ބާޒިލް މަޑުޖެހުނެވެ.

"ސޮރީ ބައްޕާ، ކުޑަކޮށް ބޮލުގައި ރިއްސާތީ ޖައްސާލަން މިދަނީ" ބާޒިލް ބުންޏެވެ.

މައުސޫމާ ޒިޔާދުގެ އަތުގައި ހިފެހެއްޓިއެވެ. ފިރިމީހާގެ އަތުގައި އޭނާ ފިރުމަމުން ދިޔައީ ފިރިމީހާގެ ރުޅިގަނޑު ފިނިކުރުމަށެވެ. މައުސޫމާ އަކީ ދަރިންގެ ހައްގުގައި އާއިލީ މަސްލަހަތު ދަމަހައްޓަން އަބަދުވެސް މަސައްކަތްކުރާ މައެކެވެ.

"ދަރިފުޅު ދޭ ކޮޓަރިއަށް" މައުސޫމާ ބުންޏެވެ.

ކޮޓަރިއަށް ވަދެ ބާޒިލް ދޮރުލައްޕާލުމުން މައުސޫމާ ބަލައިލީ ޒޭބާ އަށެވެ. ޒޭބާ ސޯފާގައި އިށީނދެފައި އަތުގައި އޮތް ބިއްލޫރި ތަށި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ.

"ސާރާ އައިތަ؟ ޔަގީންކުރަން މައުސޫމާ ބޭނުންވިއެވެ.

"ވީގޮތަކީ މަންމައާއި ބައްޕަ ކޮބައިތޯ ޒެއްލު އެހުމުން އަހަންނަށް ބުނެވުނީ މެލީ ބަލިވެގެން އެގޭގައޭވީ. އެގަޑީގަ ޒެއްލު އަހާލީ މެލީއަށް ކިހިނެއްވީތޯ. ސާރާ ރުޅިދުރުވީ އެކަމާ. އަހަންނަށް ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވުނީ ބޯގޮވާފަ އިންދަ މަންމަ އައިސް މެލީގެ ވާހަކަދެއްކީ" ޒޭބާ ކިޔައިދިނެވެ. މައުސޫމާ ފިނި ނޭވައެއް ދޫކޮށްލިއެވެ.

"މަންމަ މިހާރު ވެއްޖެއްނު މެލީގެ ވާހަކަ ޒެއްލު ކައިރީގަ ނުދައްކަން. ޒެއްލުގެ އެހީތެރިކަމާ އޯގާތެރިކަމާ އަޅާލުން މެލީއަކަށް ބޭނުމެއްނުވޭ" ޒޭބާ ބުންޏެވެ.

"ކީއްވެ ނުދައްކަންވީ. ދަރިންގެ ޒިންމާތަކުގެ މަތިން ދަރިންނަށް ހަނދާންކޮށްދިނުމަކީ މައިންބަފައިންގެ ވާޖިބެއް. ތިބުނާ އަންހެނަކު ބާޒިލްއަށް ހުރިހާ ކަމަކަށް ވުރެ މުހިންމުތަ؟" ޒިޔާދު ހިތްހަމަނުޖެހުނެވެ.

"ރުޅިމަޑުކުރޭ ޒިޔާ. މިދަނޑިވަޅުގައި ރުޅިއިސްކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. މީގަ ބަދަލުކުރަންޖެހޭނީ ސާރާގެ ވިސްނުން. އަހަރެން ސާރާ އަށް ވިސްނައިދޭނަން. އޭގެކުރިން އަހަރެން ވާހަކަދައްކާނީ ސިހާމާ އާ" މައުސޫމާ ވާހަކަދެއްކިއެވެ.

" މެލީ ކިހިނެއްތަ މިހާރު؟" ޒޭބާ އަހާލިއެވެ.

މެލެކްގެ ވާހަކަ އަހާލުމާއެކު މައުސޫމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އޭނަ ނޫޅެ ބަލިވެގެނެއް. ގަދަކަމުން އެނދުގަ ބާއްވާފަ އޮތީ. ރޯގާޖެހި މީހާގެ ނޭވާ އުފުރިއަރަނީ. އެވަރުންވެސް ބޭނުންވަނީ ބޯދޮވެލައިގެން ގަދައަށް ފެންވަރާށޯ. ކުޑަކޮށް ހުން ހުރީ. ތާބާ އާ މައިލީން ބިރުން އުޅެނީ ހުންގަދަވެގެން ކުރީގަވިގޮތަށް މެލީއަށް ވެދާނެކަމަށް. ދެން އެހެންތާ ވާނީވެސް. އެ ބިރުވެރި މަންޒަރު ފެނިފަ ތިބި ބަޔަކު ބިރުގަންނާނެތާ" މައުސޫމާ ހވާހަކަދެއްކިއެވެ.

"ލޫލު ވެސް ވަރަށް ހާލުން ކާންދީފަ ނިންދެވީ. ލޫލުގެ ކޮންމެކަމެއް މެލީ ކުރާހާ ފާސްޓްކޮށް ފަސޭހައިން ނުކުރެވޭ އަހަންނަކަށް" ޒޭބާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟