ވާހަކަ

އަލިވިލުން - 6

މާފުށީ ޖަލު

މާފުށީ ޖަލުގެ ކަޓަރު ފެންސުތައް، ތިލަ ފެންސުތައް އެތެރޭގައި އުސް ފާރުތަކާއި ދަގަނޑު ތޭރިތަކުގެ ދޮރުތައް، އެފާރުތަކުގެ އެތެރެއަށް އެމީހުން ވަނުމާއެކު ފަހަތުން ލައްޕާލެވޭ މައި ދަގަނޑު ގޭޓުގެ ތަޅު ލެވުމާއެކު، އެ ހިސާބުން އެ މީހުންގެ ހަޔާތުގެ އަލިވިލުމެއް ނެތް، ފަތިހެއް ނުވާނެ ރޭގަނޑަށް ފެށުނީއެވެ.

މާފުށީ ޖަލުގެ އަންހެންފަޅި (އެލްބިލްޑިން)

ފިނިފިނި ދުވަހެއްގެ އަރާމު މެންދުރެކެވެ. ރޭއްސުރެ ވާރޭ ވެހޭތީވެ ޖަލު ގައިދީންތައް ތިބީ އުފަލުންނެވެ. އާންމު ދުވަސްތަކުގައި ފެންސުތަކުން އަރާ ދިލަހޫނާއި އަވިބާރު ދުވަހެއްނަމަ ޓިނުފެންސުތަކާއި ދަގަނޑުތޭރިތަކާއި ދަގަނޑު ދޮރުތަކުން އަރާ ދަގަނޑުއާވިން ސަލާމަތްވެ އަރާމު ފިނިކަމެއް އިހުސާސްކޮށްލަން ލިބޭ ވިއްސާރަ މޫސުމުގެ ދުވަސްތަކަކީ ގައިދީންނަށް އަންނަ އީދެއް ފަދައެވެ. އެއަށްވުރެ ބޮޑަށް އުފާވާ އެއްބަޔަކަށް އުޅޭނީ ވާރޭފެން ނަގައި ފެންސާފުކޮށް ފުޅިފުޅިއަށް އަޅާ ގްރޫޕެވެ. އޭގެ ތެރޭގައި އަޅުގަނޑުމެން ކިޔުންތެރިންގެ ހަތަރު މިތުރުންވެސް ހިމެނެއެވެ.

ޖަލަށް އައުމަށްފަހު މިވީ މަދު ދުވަސްކޮޅު ތެރޭގައި މުޅި ޖަލުގެ އެންމެ ބާރު ހުރި އެއްބަޔަކަށް އެމީހުން ވީ ސަބަބެއް ނެތިއެއް ނޫނެވެ. ފައިސާއަކީ މި މާހައުލުގައިވެސް މުހިންމު އެއްޗެކެވެ. އެއަށްވުރެ މާބޮޑަށްވެސް މުހިންމު ހާއްސަ އެއްޗަކީ ތޫނުފިލި ސިކުނޑިއާއި ކަންކަމުގައި ވިސްނައި ފިކުރުކޮށް ގޮތް ހޯދާ ބުއްދީގެ ބޭނުންކުރާ ސިކުނޑިތަކެވެ.

އެގޮތުން ބަލާއިރު ހަތަރު އަންހެނުންނަކީވެސް ދުނިޔޭގެ ތަޖުރިބާއާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި މީހުންނާ މުއާމަލާތް ކުރުމާއި ސިއްރުން ކުރަން ޖެހޭ ކަންކަން ކެރިގެން ކުރުމުގައި ޑިގްރީ ފާސް ނަގައިގެން ތިބި ބައެކެވެ.

ޖަލަށް ފުރަތަމަ ވަދެގެން އައި ދުވަހު އެކުގައި އައި ޑިއުޓީންނާ ވާހަކަދައްކައި އެމީހުންގެ އެންމެ ގާތް އެއް ގައިދީންކަމުގައި ރޫހީނާއި ތާތި ވެއްޖެއެވެ. ޒޭނާ ހުރީ އެމީހުންގެ އެހީތެރިއަކަށެވެ. ތިންމީހުންގެ ރޭވުމާ އެއްގޮތަށް ކަންތައް ވާނެ ކަމުގެ މާބޮޑު އުއްމީދެއް ނެތް ކަމުގައިވިޔަސް އެމީހުން މަސައްކަތް ކުރިއެވެ. އަދި ކުރި މަސައްކަތް ކާމިޔާބުވެސް ކުރިމެއެވެ.

ހަތަރު ކޮރިޑޯގެ ތެރެއިން ބީކޮރިޑޯގައި ހުސްޖާގައެއް ހުރި ތިން ގޮޅިއަށް ތިންމީހުން ލައިދިނީ އެގޮތް ބޭނުންވެފައި ތިބި ނަމަވެސް އެ ވާހަކަ އޮފިސަރުންނާ ހިއްސާކޮށްގެނެއް ނޫނެވެ. އަލަށް އައި ބަޔަކަށް ވުމުގެ އިތުރުން ތިންމީހުންގެ މެދުގައި އެކުވެރިކަން އޮތްކަމުގެ އިހުސާސް ކުރެވުނީ ތޯއްޗެކެވެ. އެއަށްވުރެ ބޮޑު ހަގީގަތަކީ މި ގޮޅިތަކުގައި ތިބި ތިން ގައިދީން ތިބީ ފުރުސަތުގެ ފުރުސަތުގައި ހިމެނިގެން މިނިވަން ވާން ހަފުތާއެއްހާ ދުވަހަށް ވެފައި ތިބިމީހުން ކަމަށްވާތީއެވެ.

ބީ ކޮރިޑޯގެ ހަތެއް، އަށެއް، ނުވައެއްގައި ތިބީ ގެއަށް ދިއުމަށް ތައްޔާރުވޭވޭ ތިބި ގައިދީންނެވެ. އޭގެ ތެރެއިން އެއްގައިދީއަކީ ޖަލުގެ އެންމެ ބާރުއޮތް މީހާއެވެ. ސަބަބަކީ ނަތާގެ ފިރިމީހާ ހުސެންއަކީ ޖަލަށް ފޯނު ވެއްދުމުގެ އެންމެ އިސް ދައުރު އަދާކުރާ މީހާ ކަމަށްވާތީއެވެ. ނަތާ އިނީ ބަލިވެ ކަމަށްވުމުން ވަރަށް އަވަހަށް އޭނާ ފޮނުވާލާނެއެވެ.

މިއީ ރޫހީންމެންގެ ބާރު ޖަލުގައި ފެށުނު ހިސާބެވެ. ހަފުތާއެއް ފަހެވެ. ފުރުސަތުގެ އިންޓަވިއުކޮށްފައި ތިބި މީހުން ގެއަށް ބަދަލުކުރަން ފެށިއެވެ. ނަތާވެސް ގެންދިޔައީއެވެ. އަދި ހަތް ނަމްބަރު ގޮޅިން ހުސްވި ޖާގަ އަނެއް ދުވަހު އަންނަން ހަމަޖެހިފައިވާ ލާނާއަށް ހާއްސަކުރެވުނެވެ. އަށް ނަންބަރު ގޮޅީގައި ރޫހީނެވެ. ނުވަ ނަންބަރު ގޮޅީގައި ޒޭނާއާއި ލަޝްލީއެވެ. ދިހަ ނަމްބަރު، އެންމެ ފަހު ގޮޅީގައި އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމްކޮށްފައިވާ ވިސާލާއާއި ޒުމްރާ ކިޔާ އަންހެނެކެވެ. ބީ ކޮރިޑޯގެ މި ސަރަހައްދު ހީވަނީ ކުޑަވަރެއްގެ ގެއެއް ހެނެވެ. ރޫހީންގެ މިޒާޖުގައި ހުންނަ ގާތް ގޮތަކުން ކަމަށްވެސް ވެދާނެއެވެ. ތިންމަސް ނުވަނީސް ވަޒީފާވެސް ލިބުނީއެވެ. ކާންދޭ ވަޒީފާއަށް ޒޭނާއާއި ރޫހީން ހަމަޖެހުނު އިރު، ތާތިއަށް ކޮރިޑޯ އާއި ޔާޑްގެ ވަޒީފާ ލިބުނެވެވެ.

ލާނާ އައުމާއެކު ހަތަރު އެކުވެރިންގެ ނަމޫނާ ގުޅުން އެހެން މީހުންނަށް ފާހަގަވެ ހާމަވާން ފެށިއެވެ. އަދި އެމީހުންގެ މިޒާޖާއި ވައްޓަފާޅިއާއި އިހުތިރާމާއި މިހެން ގޮސް ހުރިހާ ކަމެއްހެން ތަފާތުވެފައި މިސާލުޖަހައި ވަރަށް ފުރިހަމައެވެ.

މެންދުރުގެ ކެއުމުގެ ވަގުތެވެ. ހެނދުނުގެ ސައިގެ ވަގުތާއި ދިހަގަޑީގެ ޖޫހަށްފަހު މެންދުރުގެ ކެއުން އަންނާނީ ގާތްގަނޑަކަށް އެގާރަގަޑި ބައި ނުވަތަ އެންމެ ލަސްވެގެންވެސް ބާރަ ޖަހާއިރަށެވެ. ހަވީރު ސައި ގަޑީގައިވެސް ބަރޯ ވައްދާނީ ހަމަ މިތަނަށެވެ. މޭޒުމައްޗަށް ނަގާފައި ބަހައްޓާނީއެވެ. ހެދިކާ ބަހާނީ ކާންދޭ މީހާއެވެ. ކެއުމުގެ ވަގުތުތަކުން ތަފާތުކޮށް ކަންތައް ކުރާނީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ކާންދޭ މީހުން ކާއެއްޗެހި އުފުލާ ބަރޯ ވައްދައި، ޔާޑުގައި ބެހެއްޓުމަށްފަހު ބާލިދީތައް ކޮރިޑޯމައްޗަށް އަރުވާނެއެވެ. އިރުއޮއްސި ހައެއް ޖެހުމަށްފަހު ކޮރިޑޯތަކަށް ގައިދީން ވައްދައި ތަޅުލާފައި ހުންނާތީވެ، އެހެން ގަޑިތަކާ ހިލާފަށް މި ގަޑީގެ ކާއެއްޗެހި ބަހާނީ ކޮރިޑޯމަތީގައި ދަގަނޑު ފެންސުން ބޭރުގައެވެ. ކާން ބޭނުން ބަޔަކު ތަށިތައް ހިފައިގެން އައިސް ކާއެއްޗެތި ދިނުމަށް ހަދާފައި ހުންނަ އާގައިން ތަށި ދިއްކުރާނެއެވެ. ކާންދޭ އެމީހުން ބުނާ އެއްޗެއް އެބުނާ ވަރަކަށް ތަށިތަށްޓަށް އަޅައިދީ ސައި ނުވަތަ ޖޫސް، އެރެއަކު އެ ހުންނަ އެއްޗަކުން ބުއިންވެސް އަޅައިދޭނެއެވެ.

ބައެއް ގައިދީން އަންނާނީ ބައިބަޔަށެވެ. ފަސް، ހަ މީހުން އެއްވެގެން ކާއެއްޗެހި ނަގާއިރު ޖޫސް ނުވަތަ ސައި އަޅަނީ ފުޅިއަކަށެވެ. މިއީ އެމީހުންނަށް ޖަލު ފިހާރައިން ގަނެފައި ހުންނަ ފެން ނޫނީ ކޯކް ކަހަލަ އެއްޗެއް ހުސްވާ ފުޅިއެވެ.

އެއްފަހަރާ އެތައް ބައެއްގެ ކާއެއްޗެހި ނަގަން އަންނަ ގައިދީން، ޖަލުން ދީފަ ހުންނަ ރަބަރު ކާތަށީގެ އިތުރަށް ބަތާއި ރިހަ ކަހަލަ އެއްޗެހި އެޅުމަށް ގެންނަނީ ފަސްލީޓަރުގެ ފެން ހުސްކުރި ފުޅިތައް މެދުން ބުރިކޮށްލައިގެން އޭގެ ދެބައި ބޭނުންކޮށްގެން ހަދާފައި ހުންނަ މަތިޖަހާ ކަހަލަ އެއްޗެކެވެ.

ގައިދީންގެ ސިކުނޑިއަށް ހިޔާލުތައް އަންނަ ގޮތާ މެދު ހައިރާންވާހާ ފުރިހަމަ ތަފާތު ތަކެތި، އުކާލަން ޖެހޭ ފަދަ ތަކެތި ބޭނުންކޮށްގެން ނުހަނު ފުރިހަމައަށް ތައްޔާރުކޮށްލާނެއެވެ.

އަންހެން ޖަލުގެ އޮފީސް ނުވަތަ ބަންކަރު ތެރެއަށް ބޭރުން ވަދެވެން ހުންނަނީ ދެގޮތަކަށެވެ. އެއްގޮތަކީ ޖަލުގެ އެތެރެއަށް ގައިދީންވެސް ވައްދަން އަދި ކާއެއްޗެހި ފަދަ ތަކެތިވެސް ވައްދަން ހުންނަ ދަގަނޑު ތޭރި ގޭޓެވެ. ތަންކޮޅެއް ހަނިކޮށް ހުންނަ މި ގޭޓު ވައްތަރީ ތޭރިން ހަދާފައި ހުރި ދޮރަކާއެވެ.

ވަށައިގެން ގަތާފައިވާ ގޮޅި ފެންސާއި އޭގެ ހަމަ އެއްވަރެއްގައި ހުންނަ ތިލަ ފެންސުގެ އެތެރެއިން އެލްބިލްޑިންގެ ފާރުތަކުގެ ފުޅާމިނަށް އަދި ދިގުމިނަށް ވާއިމަށް ޔާޑެއް އޮވެއެވެ. މިޔާޑުގެ ފަހަތުގައި ގައިދީން ދޮންނަ ތަކެތި ހިއްކުމަށް އެއްޗެހި އަޅާނެ ރޯނުތަކެއް ހުރެއެވެ. އަންހެން ޖަލުގައި، ގާތްގަނޑަކަށް ޖަލުގައި އަބަދުވެސް އާއްމުގޮތެއްގައި ފަސްދޮޅަހުން މަތީގެ އަދަދަކަށް ގައިދީން އުޅެއެވެ.

ޖަލު ފަރުމާކޮށްފައި ހުންނަ ގޮތުން ގޮޅިތަކުގެ އެތެރެ ނޫނީ ހުރިހާ ތަނެއްހެން ސާފުކޮށް ފެންނާނެއެވެ. ގޮޅިތަކުގެ އެތެރެވެސް ތިރީގައި ހުންނަ ތޭރި ކުޑަދޮރުތަކުން ފެންނާނެއެވެ. ކޮންމެ ގޮޅިއެއްގެ ދެ ފަރާތުގައި ދެ ކުޑަދޮރު ހުންނައިރު މެދަށް ހުންނަނީ ބޮޑު ދަގަނޑު ދޮރެކެވެ. ކުޑަދޮރު ހުންނަނީ ދަގަނޑު ތޭރިތަކާއި ކުދި ހަތަރެސްކަނަށް ހުންނަ ގޮޅިތަކުން ބަންދުކޮށްފައި ނަމަވެސް ފޮތިގަނޑެއް އަޅާފައި ނުހުންނަނަމަ ރީއްޗަށް އެތެރެ ފެންނާނެއެވެ. ގަވާއިދާ އެއްގޮތްވާ ގޮތަށް ކޮންމެވެސް އެއްކޮޅެއްގެ ދޮރު ނިވާ ނުކުރެވޭނެއެވެ.

އޭ ކޮރިޑޯ ހުންނަނީ ބަންކަރާ އިންވެގެންނެވެ. އެލް އަކުރެއްގެ ބައްޓަމަށް ހުންނަ އިމާރާތުގެ މި ފަޅި އެލް އަކުރުގެ ތިރީ ކުރު ރޮނގު ބުރި ސިފަކޮށްދޭ ގޮތަށް މި އޭ ކޮރިޑޯގައި ހުންނަނީ ހަތަރު ގޮޅިއެވެ. އޭ ކޮރިޑޯއަށް ވަދެވޭނީ ޓީވީ ހޯލު ހުރަސްކޮށްފައެވެ. ޓީވީ ހޯލުގައި ޖޯލިފައްޗަކާއި ހައެއްކަ ގޮޑީގެ ޖާގަ އޮވެއެވެ. އަދި ކުޑަވަރެއްގެ މޭޒަކާއި ފާރަށް ލައްގާފައި ހުންނަ ކެރަމްބޯޑެއް ހުއްޓެވެ. މިތަނުގައި ފަންކާއެއް ހަރުކުރެވިފައި ހުންނަ އިރު، ގައިދީން އަބަދުވެސް މިތަން ބާއްވަނީ ވަރަށް ރީއްޗަށް ފޮޅާ ސާފުކޮށްފައެވެ.

ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ޖަލުގެ ކޮރިޑޯތަކާއި ޔާޑު ސާފުކުރަން އުޅޭ މަސައްކަތު ދެ ގައިދީއަކު ނުކުމެ މި ހުރިހާ ތަނެއް ވަރަށް ރީތިކޮށް ސާފުކުރާނެއެވެ. އެހެން ކަމުގައިވިޔަސް ދޭތެރެއަކުން ކޮންމެވެސް ގައިދީއަކު އަމިއްލައަށް ނުކުމެ ޓީވީ ހޯލު ސާފުކޮށް ރީތި ކޮށްލައެވެ. ޓީވީގައި ކޭބަލްޓީވީ ލިބެން ހުރިއިރު އަބަދުވެސް މިތަނުގައި ގިނަ ގައިދީން ތިބެއެވެ. އެކަމަކު ފަހަކަށް އައިސް މިތަނަށް ނުކުންނަނީ އަމިއްލަ ގޮޅީގައި ޓީވީ ނުހުންނަ މީހުންނާއި ގަސްތުގައި މެންދުރުފަސް ކަހަލަ ޕްރޮގްރާމްތައް ބަލައި އެއަށް ހަޖޫޖަހާ މީހުންނެވެ. އަދި ބައެއް ގަޑިތަކުގައި އެންމެން އެކުގައި ސަމާސާކޮށް ހިތްއުފާކޮށްލަން ކޮފީ ފަދަ ބުއިންތައް ހިފައިގެން ގައިދީން މިތަނަށް ނުކުމެ ތިބޭނެއެވެ.

އެންމެ ހާއްސަ ގޮތެއްގައި ޑިއުޓީންނަށް ނާންގައި، ސިއްރުން ގެންގުޅޭ ފޯނުތައް ޗާޖު ކުރަން ޖެހުމަށްފަހު، ޑިއުޓީންގެ ފޯރިމަރަން ނުކުންނަ ބައެއް ގައިދީން ޖޯލި ފަޅު ފިލުވަން ތިބެއެވެ. ނޫނީ ކެރަމް ބޯޑު އަޅައިގެން މި ހޯލުގައި ކެރަމް ކުޅެން އެހެންނޫނީ ތާސް ކުޅެން ވެސް ތިބެއެވެ. ސަބަބަކީ މި ހޯލު ހުންނަނީ ސިދާ ޑިއުޓީ ޕޯސްޓާ ކުރިމައްޗަށް ވާ ގޮތަށް ކަމަށް ވާތީއެވެ. އަދި މި ހޯލުގެ ފަހަތުން ހުންނަނީ މައްޗަށްދާ ސިޑިކަމަށްވުމުން ސިޑީގެ ހަރުފަތްތައް މަތީ ތިބެގެންވެސް ބައެއް ގައިދީން ޓީވީ ބަލާނެއެވެ.

ސިޑިއާ އިިންވެގެން ހުންނަނީ ލޯންޑްރީއެވެ. އެއީ ދޮންނަ މެޝިނު ހުންނަ ތަނެވެ. މެޝިނުގައި މައްސަލައެއް ޖެހިގެން ގެންދިޔަފަހުން ލޯންޑްރީ ހުންނަނީ ދޮރު ތަޅުލައި ބަންދުކޮށްފައެވެ. ނަމަވެސް ސިޑި މައްޗަށް އެރުމުން ލޯންޑްރީގެ އެތެރެ ވަރަށް ރީއްޗަށް ފެންނާނެއެވެ. ސިޑި މަތިން އެތަނަށް ފުންމާލެވޭގޮތް ހުރެއެވެ. ހަގީގަަތަކީ މެޝިނާއި ލޯންޑްރީ ތެރެއިން ޖަލުގައި ގެންގުޅުން މަނާ ތަކެތި ފެނުނު ފަހަރު އެތަނުން މެޝިނު ނެރެފައި އެތަން ބަންދުކުރިކަމެވެ. އޭގެ ފަހުުން އެތަން ބަންދުކޮށްފައި އަދި ޓީވީ ހޯލުގައި ހުރި ކޫލަރުވެސް ގެންދިޔަ ފަހުން އަނބުރާ ކޫލަރެއްވެސް މެޝިނެއްވެސް އަންހެން ގައިދީންނަށް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން ގައިދީން ދޮވެ ހަދަނީ އަތުންނެވެ.

ކަންތައް މިހެން ވީ ފަހުންވެސް ގައިދީން ލޯންޑްރީއަށް ފުންމާލައިގެން އެތަނުގައި އެހެން ގޮތަކަށް ތަކެތި ރައްކާކުރެއެވެ. ކުރިން އެއްޗެހި ބިމުގައި ކޮނެ ވަޅުލާފައި ވަނިކޮށް އެއްދުވަހަކު މެއިންޓެނެންސް މަސައްކަތުމީހުން ގެނެސް އެތަނަށް އޮންނަނީ ސިމެންތި އަޅައި ތަޅުމެއް އަޅައިފައެވެ. މެޝިނުން މަނާ ތަކެތި ފެނުނީ އޭގެ ފަހުންނެވެ. ގައިދީންނަކީ ގައިދީން ކަމަށްވުމުން ތަން ތަޅުލި ފަހުން، ދެން ކުރަން ފެށި ކަމަކީ މަތިން ފުންމާލައިގެން، ލޯންޑަރީގެ އެއްކަނުން، ތަޅުންގަނޑުން ބައެއް ހަލާކުކޮށްލައި އެތަނުގައި ތަކެތި ރައްކާކުރާނެ ޖާގައެއް ހެދީއެވެ. އަދި މިތަނަށް ލައި ފޮރުވަނީ ގިނަ ދުވަހު ރައްކާކުރަން ޖެހޭ ކަހަލަ ސާމާނެވެ. ސިމެންތި ގެނައި ދުވަހު އެ ސިމެންތި އެތިން ކޮންމެވެސް ގައިދީއަކު ނެގި ގޮތަކަށް ނަގާފައި ހުރި ސިމެންތި ބޭނުން ކޮށްގެން، އެ ތައްޔާރު ކުރި "ސޭފް" މަތީ ސިމެންތި އަޅައި، އެތަން ހުންނަނީ ކުރިން ހުރި ގޮތަށް ތަޅުންގަނޑު ރީތިވެސް ކޮށްފައެވެ.

ކޮންމެއަކަސް ގައިދީންގެ ރެއާދުވާ އޮންނަނީ ވަރަށްވެސް ގިނަ ކަންތައްތަކުން ފުރުވާލާފައެވެ. ޖަލު ގައިދީންގެ ސިކުނޑި މަސައްކަތް ކުރާ މޮޅު އަދި ކުޅަދާނަ ގޮތުން، ބަލައިޗެކް ކުރުމަށް އަންނަ ފުލުހުންނާއި ސިފައިންވެސް ހައިރާންވެއެވެ. އަދި ތާއަބަދު މިފަދަ މަންޒަރުތައް ފެންނަ ޖަލު އޮފިސަރުންވެސް އަޖައިބު ކުރުވާ ކަންތައް ފެނެއެވެ. ހާއްސަކޮށް ޒަމާނަށް އަންނަ ކުރިއެރުމާއި ޓެކްނޮލޮޖީއަށް އަންނަ ތަރައްގީގެ އަސަރުތައް، ދުނިޔޭގެ އެއްވެސް މަންޒަރެއް ނުފެންނަ، ތޭރިތަކުގެ ފުރަގަހުގައި ބަންދުވެ ހަތަރެސްފައި ހުރެމެ، ނުކުޅެދިފައި ތިބޭ ގައިދީންގެ ފަރާތުން ފެންނާތީ އެންމެންވެސް ހައިރާންވެއެވެ.

ގަބޫލު ކުރަން ފަސޭހަ ނުވި ނަމަވެސް ބައެއްފަހަރު އޮފިސަރުންވެސް ގައިދީންގެ ބޭނުން ޖެހިގެން އެމީހުން ގާތަށް ދެއެވެ. ގައިދީންގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުގެ ބޭނުން އެމީހުންނަށްވެސް ޖެހެއެވެ.

މެންދުރު ކާންދޭން ތަކެތި މޭޒުމަތީ އަތުރާލުމަށްފަހު އަތްމަތި އަވަސްކޮށް ރޫހީ ތަށިތަށްޓަށް އަޅައިދެމުން ދިޔައީ ކުކުޅާއި ސެލެޑެވެ. މިއަދަކީ ހޯމަ ދުވަސްކަމަށްވާތީ ހެނދުނު ހޭލި ގޮތަށް އުޅުނީ އަވަދިނެތިއެވެ.

ފިހާރަތަކެތި މި އަންހެން ޔުނިޓަށް ލިބޭނީ ހަފުތާގެ ހޯމަ ދުވަހުގައި ކަމަށްވާތީ މިއަދު ކާންދިނުމުގެ ކުރިން ފިހާރައިން ގައިދީން ގަނެފައި ހުރި ތަކެތި ޑިއުޓީންނާއެކުގައި ގޮސް ބަރޯތަކުގައި ބަންކަރާ ހަމައަށް އުފުލުގައި އުޅެފައި ވަނުމާއެކު ދުވެފައި ދިޔައީ ދިހަގަޑީގެ ޖޫސް ވެއްދުމަށެވެ. ޖޫހާއި ބިސްކޯދު މޭޒުމައްޗަށް އަރުވާފައި ގޮޅިއަށް ދިއުމުގެ ބަދަލުގައި ދިޔައީ ހަތް ނަންބަރަށެވެ. އޭރު ލާނާއާއި ތާތި ތިބީ ހެނދުނުގެ ކޮފީގައެވެ. މޭޒުދޮށުގައި ހުރި ސިމެންތި ގޮނޑިން އެއްގޮނޑީގައި ޒޭނާވެސް އިނެވެ. ޖޫސް ގަޑީގައާއި ހަވީރުގެ ސައިގަޑީގައި ބަދިގެއަށް ތަކެތި ބަލާ ދާނީ ކޮންމެވެސް އެކަކެވެ. އެއީ ދެމީހުން އެއްބަސްވެފައިވާ ގޮތެވެ. އެހެން ހެދުމުން ދެމީހުނަށްވެސް އެއްދުވަސް ހަމަޖެހިގެން ހުސްކޮށް އުޅުމުގެ ފުރުސަތު ލިބެއެވެ.

"ކޮބާ ނެތްތަ ކޮފީއެއް؟" ގޮޅިއަށް ވަދެ ލާނާގެ އެނދާއި ކުޑަދޮރާ ދެމެދު ހުރި ނޫކުލައިގެ ޕްލާސްޓިކް ގޮނޑީގައި އިށީންނަމުން ރޫހީން ގޮވާލިއެވެ.

"ރޫހިންތަ އަންނަންދެން މިތިބީ، އަން،" ގިރާފައި ހުރި ކޮފީތަށި ރޫހީނަށް ދިއްކޮށްލަމުން ލާނާ ބުނެލިއެވެ.

"ކާކު ކޯލުގައި....؟" ކޮފީތަށީގައި ހިފަމުން ރޫހީން އަހާލިއެވެ. ލާނާގެ ކަންފަތުގައި ހުރި ހެޑްސެޓާއި އަތުގައި އޮތް ފޯނަށް އިޝާރާތްކޮށްލަމުން ރޫހީން އަހާލިއެވެ.

"އެހެންކާކު ހެން ހީވަނީ... މުނާޖާ ކޮނޑުއަޅައިގެން އަންހެންފަޅިއަށް އައިސް އުޅޭނީ ޒައްމަތު ނޫން އެހެން ކާކު...!"

ޒޭނާގެ ވާހަކައަށް އެންމެން އެކުއެކީގައި ހީނގަތީ ބާރަށެވެ.

"ފިހާރަތަކެތި ބަލާ އަންނަން ގޮވާނެ. ތައްޔާރުތަ...؟" ކޮފީފޮދެއް ބޯލަމުން ރޫހީން ބުނެލިއެވެ.

"މިހާވަރަކަށް ތައްޔާރު ވެވޭނީ، ފެގެއް ނެތިގެން މޯޅިވެފައި ތިބި ބަޔަކަށް ތިއަށްވުރެ ވަކި އުފާވެރި ވާހަކައެއް ނުބުނެވޭނެއެއްނު،"

ތާތި އަނގައަށް ވައްތަރެއް ޖައްސާފައި ބުނެލިގޮތުން އެންމެނަށްވެސް ހީނގަނެވުނެވެ.

"ފިހާރަތަކެތި ބަލާ އަންނާށޯ، ބީ ކޮރިޑޯ އިންމޭޓުން ފިހާރަތަކެތި ބަލާ އަންނާށޯ،"

"އަމައްޔާތް، ހާދަ އަވަސް ދުވަހެކޭ!" ޒޭނާ ދެލޯބޮޑުކޮށްލިއެވެ.

ދުވަހަކީ މަހުގެ ފުރަތަމަ ދުވަސް މަހުގެ ފުރަތަމަ ދުވަހަށްވާތީވެ، ވިޔަފާރިތަކެތި އަވަހަށް ގެނެސް، ބަހަން ފެށީ އަވަހަށް ނިންމުމަށްފަހު މެންދުރު ނަމާދުގެ ކުރިން ކާންދިނުމަށް ބަރޯ ވެއްދުމަށް އަންގާފައި އޮތުމުންނެވެ. މިހާ އަވަސް އަވަސްކޮށް ކަންތައްތައް ނިންމަނީ ކީއްވެގެންތޯ ބަލައިނުލާ ރޫހީންމެނަކަށް ނުތިބެވުނެވެ.

ބަރޯ ބަލައި ދިޔަ މަގުމަތީގައި ޒޭނާއާއި ރޫހީން އެކަކު އަނެކަކަށް ނިތް އަރުވައި އިޝާރާތެއް ކޮށްލަމުން ޑިއުޓީއަށް ބަލައިލިއެވެ.

"އޭތް ރިންނަ.... މިއަދު ޕްރޮމޯޝަން ލިބޭތީތަ މާ އަވަސް އަރުވާލައިގެން ތި އުޅެނީ....؟" ރޫހީން އަހާލިއެވެ.

(ނުނިމޭ)