އަނބިމީހާގެ ކެންސަރު ބައްޔަށް ބޭސްކުރަން އައްޒާމްވެސް އުޅުނީ ހޮސްޕިޓަލުގައި އަނބިމީހާ އެޑްމިޓް ކޮށްގެންނެވެ. ދެފަރާތުން ރަހްމަތްތެރިވެ ދެކެވުނު ވާހަކަތަކުން ބާޒިލް އަށް އެނގުނީ އައްޒާމްގެ އާއިލާ ބިނާވެފައި އޮންނަނީ އޭނާގެ ރަށަށް ކަމެވެ. އައްޒާމްގެ ދެ އަންހެންދަރީން ތިބޭކަމެވެ. އަދި އެދަރީންދެކެ އޭނާ ނިހާޔަތަށް ލޯބިވާކަމެވެ. އައްޒާމްގެ އަނބިމީހާ އަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ ޒިޔާދުވެސް ގޮވައިގެންނެވެ. ދެ ހޮސްޕިޓަލެއްގައި ދެ އާއިލާއިން ތިބެން ޖެހުނަސް ބާޒިލްގެ އަށް އެހީތެރިވުމަށް އައްޒާމްގެ ދޮންދަރިފުޅު ހޭދަކުރިއެވެ. އެއީވެސް ހަރުދަނާ ފުލުހެއްގެ ވަޒީފާ އަދާކުރާ ފަރާތެކެވެ. އެއީ ބާޒިލްއަށްޓަކައި އައްޒާމް ވެދިން ބޮޑު އިހުސާންތެރިކަމެކެވެ.
ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޒިޔާދަށް ހިނގާ އުޅެވެން ފެށުމުން އެނބުރި ރާއްޖެ އައީ ދެ އާއިލާ އެކުގައެވެ. އައްޒާމް އަންނަންޖެހުނީ އަނބިމީހާ އެގައުމުގައި ވަޅުލާފައެވެ. ބައްޕަ ގޮވައިގެން ރަށަށް ފުރުމުގެ ކުރިން ބާޒިލް އައްޒާމް އާ ބައްދަލުކުރިއެވެ. އޭނާ ވެދިން އިހުސާންތެރިކަމުގެ ބަދަލުގައި އޭނާއަށް ދެވޭނެ އެއްވެސް އެއްޗެއް ނެތްކަމުގައި ބުންޏެވެ. އެހެންނަމަވެސް ދުވަހަކުވެސް އެކަން ހަނދާންނައްތާނުލާނެ ކަމުގައި ބުންޏެވެ. އެހެންނަމަވެސް އައްޒާމް އެދުނީ އެހެން ކަމެކެވެ. އޭނާގެ މާޒީގައި ކަންތައް ހިނގާފައިވާ ގޮތް ރަހްމަތްތެރިއެއް ފަދައިން ޒިޔާދު އާއި ބާޒިލް އަށް ކިޔައިދިނެވެ. އަދި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އޭނާގެ ދެ އަންހެންދަރީންނަށް ރަނގަޅު ދިރިއުޅުމެއް ލިބުން ކަމުގައި ބުންޏެވެ. އެއީ ކުޑައިރުން ފެށިގެން އެ ކުދިބަޔަކަށް އޭނާއަށް ވަރަށް ބޮޑަށް އިހުމާލުވެވިފައިވާކަމަށް ބުންޏެވެ. އެހެންނަމަވެސް ދެ ދަރީންނާ އޭނާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކަމުގައި ބުންޏެވެ. ދޮށީ އަންހެންދަރިފުޅު ލޯބީގެ ގޮތުން ތަނަވަސް އާއިލާއެއްގެ ކުއްޖަކާ ގުޅިގެން އުޅޭތީ އޭނާ އެދުނީ އޭނާގެ ސަކަ މިޒާޖުގެ އަންހެންދަރިފުޅު އަބަދުގެ އަބަދަށް ބާޒިލް އާ ހަވާލުވުމަށެވެ. ޒިންމާދާރު ފިރިއެއްގެ ޒިންމާ ބާޒިލްގެ ބޮލުގައި އަޅުވާށެވެ. އެހެންނަމަވެސް އައްޒާމް މަޖުބޫރެއް ނުކުރެއެވެ. ޒިޔާދު އާއި ބާޒިލް ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ނިންމުމަށް އޭނާ އިހުތިރާމުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.
އެވާހަކަތަކަށް ޖަވާބެއްދޭން ޒިޔާދުގެ އެ އާއިލާ އެތައް ވަގުތު ނެގިއެވެ. ގޮތެއް ނިންމުނީ ރަށަށް އައި ފަހުންނެވެ. ބާޒިލް ފާޅުގައި އެކަމަށް ދެކޮޅު ހެދިއެވެ. އޭނާ ލޯބިގާ ކުއްޖަކު ހުރި ކަމުގައި ބުންޏެވެ. އެހެންނަމަވެސް މައިންބަފައިން އެތައް އާދޭހަކާއި ނަސޭހަތްތަކަށް ފަހު އޭނާ ހަތިޔާރު ބެހެއްޓިއެވެ. ހަމައެކަނި ނަމެއްގައި ކައިވެނި ކުރުމަށެވެ. އޭނާ މީހަކާ އިންނަން އުޅޭކަން ސާރާ އަށް އެންގިއެވެ. އޭނާ އަށް ދިމާވި މަޖުބޫރާއި ކަންތައްތައް ދިމާވިގޮތް ސާރާ އަށް ކިޔައިދިނެވެ. އޭނާ އެއްވެސް ކަމެއް ސާރާ އަށް އޮޅުވައެއްނުލައެވެ. ކައިވެނިކުރަން ހަމަޖެހުނުކަމާއި ރަންކިޔާ ދުވަހާއި ކައިވެނިކުރާ ދުވަހާއި އެކައިވެންޏާ އޭނާ ނުރުހޭކަން ބަރާބަރަށް ސާރާއަށް އަންގަމުން ދިޔައެވެ. އޭނާއަށް ކިޔެވުމުގެ ދުވަސްތައް ފުރިހަމަނުކުރެވޭނެ ކަމަށާއި ހިތްވަރާއެކު ސާރާ ކިޔެވުމަށް އޭނާ އެދުނެވެ. ކައިވެނިވުމާ ހަމައަށް ވެސް އޭނާ އިސްއުފުލާ މެލެކް އަށް ބަލައިވެސްނުލައެވެ. އެހެންނަމަވެސް ތަފާތު އެކިފަހަރުމަތިން މެލެކް ވަނީ ބާޒިލްދެކެ ލޯބިވާކަމަށް އިއުތިރާފްވެފައެވެ. މާކުރިން ފެށިގެންނެވެ. ބާޒިލް އާ ކައިވެނި ކުރުމަށް ބައްޕަ ހުށަހެޅި ހުށަހެޅުމަށް މެލެކް އެހާ އަވަހަށް އާބަސް ބުނީ ސަބަބެއް ނެތިއެއް ނޫނެވެ.
"ބާޒިލް އަހަރެންދެކެ ދުވަހަކުވެސް ލޯބިނުވާނެކަން އިނގޭ. އެކަމަކު އަހަރެން ދޫކޮށްނުލައްޗޭ. އަހަރެން ވަރަށް ދެރަވާނެ. އަހަރެން ބާޒިލްދެކެ ވަރަށްލޯބިވޭ" މެލެކްގެ އެ ބަސްތައް ބާޒިލް އަށް ހީވީ އޭނާގެ ކަންފަތަށް އިވިލި ހެންނެވެ. ކުއްލިއަކަށް ބާޒިލް އަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ބޭރުން މީހަކު ކަރުކެހިލި އަޑަށެވެ. އޭނާ އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ފަތިސްނަމާދަށް ގޮވަން ކުޑަ ވަގުތުކޮޅަކަށް ވީއެވެ. މަންމަ އާއި ބައްޕަ ހޭލާ އުޅެނީކަން ބާޒިލް އަށް އެނގުނެވެ. ސާރާ ގެ ސަބަބުން އޭނާގެ މުޅި ރޭގަނޑު ހަރާބުވީއެވެ. ލޮލުގައި އަދިވެސް ނިންޖެއް ނެތެވެ. އެންމެފަހުން އޭނާ ތެދުވިއެވެ. ވުޟޫކޮށްގެން ނިކުމެ ބައްޕަ އާއެކު މިސްކިތަށް ދާން އޭނާ ތައްޔާރުވިއެވެ.
****
ދެ އަންހެންދަރީންނާއެކު ހެނދުނުގެ ނާޝްތާ ނިންމައިގެން ތަބައްސުމް އުޅުނީ ބަނބުކެޔޮ ގަހުން ކަނޑާފައި ހުރި ކެޔޮތައް ސާފުކޮށް ތެލުލަން ތައްޔާރުކުރުމުގައެވެ. ފޮތެއް ހިފައިގެން ޖޯލީގައި މައިލީން އޮތެވެ. ލޫލުގެ ބުށްފުޅި ގިރައިގެން މެލެކް ވަނީ ކޮޓަރިއަށެވެ. ކިޔަން އޮތް ފޮތް ލައްޕާލުމަށްފަހު މަންމަގެ ހަރަކާތްތަކަށް ބަލަން މައިލީން އޮތެވެ. ފޯނެއް އަންނަން ފެށުމުން އޭނާ ބަލައިލިއެވެ. ދެން މަންމައަށް ބަލައިލާފައި ފޯނު ހިފައިގެން އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭނާ ފޯނުން ވާހަކަދެއްކީ ތަބައްސުމް އަށް ނީވޭ ހިސާބުގައެވެ. މަންމަ ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފާނެތީއެވެ. އިރުކޮޅަކުން ފޯނު ހިފައިގެން އައިސް ކުރިން އިންތަނުގައި އިށީނެވެ. ނިޔަފަތި ހަފަން އިނދެ އޭނާ މީހަކަށް އިންތިޒާރު ކުރިއެވެ. މާގިނަ އިރެއްނުވެ އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް ބަލައިލިގޮތަށް އޭނާ ހިނގައިގަތީ ދޮރާއްޓާ ދިމާލަށެވެ.
"ކޮންތާކަށް ތިދަނީ؟" ތަބައްސުމް އަހާލިއެވެ.
"ދޮރާށި ކައިރިއަށް" މައިލީން ބުންޏެވެ.
ދޮރާށި ކައިރީގައި އޭނާ ހުންނަތާ މާގިނައިރެއް ނުވެ ސައިކަލުގައި ކައިރިކޮށްލީ ރައްޔާނެވެ. އޭނާ އިނީ ފުލުހުންގެ ޔުނީފޯމުގައެވެ. މައިލީން ކައިރިއަށް މަޑުކޮށްލާފައި ފޯނުން އޭނާ ނަންބަރުތަކެއް ކިޔައިދިނެވެ. އަމިއްލަ ފޯނުގައި އެ ނަންބަރުތައް ނޯޓުކޮށްގެން މައިލީން އެތެރެއަށް ވަންނަން އުޅެނިކޮށް ރައްޔާން ގޮވާލިއެވެ. ގޭ ކައިރިއަށް އައިސްފައި މެލެކް ވީތަނެއް ބަލައިނުލާ ނުދެވޭނެއެވެ.
"ކޮބާ މެލީ؟" ރައްޔާން އަހާލިއެވެ.
"ލޫލު ގޮވައިގެން އެބައުޅޭ" މައިލީން ބުންޏެވެ.
"ހަވީރު ނިންމާފަ އަންނާނަން. އެހާއިރަށް ތަބައްސުމްދައްތަ އާ ވާހަކަދައްކާފަ ބާއްވާތި" ރައްޔާން ބުންޏެވެ.
ދޮރާށި ލައްޕާލާފައި މައިލީން ގޮސް ޖޯލީގައި އިށީނެވެ. ދަރު ޑަބިޔާ އުނދުން މައްޗަށް ތެޔޮ ތާސް އުދާފާއި ތަބައްސުމް މައިލީން އަށް ބަލައިލިއެވެ. ދެން އައިސް މައިލީން ކައިރީގައި އިށީނެވެ.
"ކޮންކަމެއްގަ ތިއުޅެނީ؟" ތަބައްސުމް އަހާލިއެވެ.
ތަބައްސުމް އަށް ބަލައިލާފައި މައިލީން އެއްޗެއް ނުބުނެއެވެ. އަދި އެވާހަކަ ބުނަންވީ ވަގުތު ނުޖެހެއެވެ. އެހެންވިޔަސް ހަވީރު ރައްޔާން އައުމުގެ ކުރިން އެވާހަކަތައް އޭނާ ދައްކަންޖެހޭނެއެވެ.
****
ދުވާލުގެ ގިނަ ވަގުތު ނިދާފައި ބާޒިލް އަށް ހޭލެވުނީ އަސުރިވީފަހުންނެވެ. ފެންވަރައިގެން ނިކުމެ އޭނާ ފުރަތަމަވެސް މިސްރާބުޖެހީ ސާރާ އާ ބައްދަލުކުރުމަށް އެގެއަށް ދާށެވެ. މުޅި ދުވަސް އޭނާ ހޭދަކުރީ ނިދުމުގައެވެ. ސާރާގެ އެތައް ކޯލެއް މިސްވެފައި ހުއްޓެވެ. ރޭގައި ސާރާ ފޮނުވާފައި ހުރި މެސެޖްތަކާ މެދު ހިތްހަމަނުޖެހިގެން އޭނާ ސާރާ އާ ނުގުޅީ ހަމަ ގަސްތުގައެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެއެވެ. ވާހަކަދައްކައިގެން ހައްލުނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ސާރާ އާ ބައްދަލުކުރަން އޭނާ އެދަނީ އެހެންވެއެވެ. ވާހަކަދައްކައިގެން ހައްލު ހޯދާށެވެ. ސަލާމްގޮވާލުމާއެކު ޓީވީ ބަލަން އިން ސިހާމާ ބަލައިލިއެވެ. އައީ ބާޒިލްކަން އެނގުމުން އޭނާ ސާރާ އަށް ގޮވާލިއެވެ. ކޮޓަރީގައި އޮތް ސާރާ ބޭރަށް ނިކުތެވެ. ދެކުދީން ވާހަކަދައްކަން ފެށުމުން ސިހާމާ އެތެރެއަށް ހިނގައިގަތެވެ. ސާރާ ސޯފާގައި އިށީނދެފައި ކުޝަން ނަގާ އުނގުމަތީގައި ބޭއްވިއެވެ. ކައިރީގައި ބާޒިލް އިށީނުމުން ސާރާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"ރުޅިއައިސްފަތަ؟" ބާޒިލް އަހާލިއެވެ.
ސާރާ ބަހެއް ނުކިޔުމުން ބާޒިލް ސާރާގެ އަތުގައި ހިފާލިއެވެ.
"ކީއްކުރަން ތިއައީ؟" ބާޒިލްގެ ދެއަތް ފޮޅުވާލަމުން ސާރާ ބުންޏެވެ.
ސާރާގެ ފަރުވާކުޑަ އެ އަމަލުން ބާޒިލް ހިތުގައިޖެހުނެވެ. އޭނާ ދެއަތްތިލައިގެ އިނގިލިތައް ގުޅުވާލާފައި ސާރާގެ މޫނަށް ބަލައިލިއެވެ.
"ސާރާ...، ތިގޮތަށް ކަންތައްނުކުރޭ. ސާރާ ތިހެން ކަންތައްކުރީމަ އަހަރެން ވަރަށް ދެރަވޭ" ބާޒިލް ބުންޏެވެ.
"ޒެއްލު ކަންތައްކުރާގޮތުން އަހަރެންވެސް ދެރަވެއޭ. އަހަންނަކަށް ނޭނގޭ. އަހަންނަށް ހީވަނީ މެލެކް އައިފަހުން އަހަންނާ ޒެއްލު ވަރަށް ދުރުހެން" ސާރާ ބުންޏެވެ.
"ތިއީ ސާރާގެ ހިތް ބުނާގޮތް. ތިއީ ރަނގަޅު ހީވުމެއްނޫން. އަހަންނާ މެލެކް އާ ގުޅުމެއްނެތް. އަހަރެން ކިތައްފަހަރުތަ ބުނަންވީ. ދެން އަހަރެން ކިހިނެއް ސާރާއަށް މިކަން ސާބިތުކޮށްދޭންވީ" ބާޒިލް ބުންޏެވެ.
"ތިހެންވިއްޔާ ނިކަން އަހަރެން މިބުނާ އެއްޗެއް މިބުނާ ގޮތަކަށް ބުނަން ކެރޭނެތަ؟" ސާރާ ބުންޏެވެ.
"ބުނެބަލަ. އަހަރެންނަށް ކުރެވޭވަރުގެ ކަމެއްވިއްޔާ ބޮޑު ފަރުބަދައެއް ކަނޑަން ޖެހުނަސް އަހަރެން ފަސްނުޖެހޭނަން" ބާޒިލް ބުންޏެވެ.
"ހެހެ... ތިހެންވިއްޔާ ބުނޭ....."
" ސޮރީ.. ތިކަމެއް އަހަންނަކަށް ނުވާނެ. ކީއްވެ އަހަންނަށް ތިހާ އަދަބުތިދެނީ.. އެނގެއެއްނު އަހަރެން ތިހެން ނުބުނާނެކަން. އަހަންނަށް ބުނެވޭކަށްވެސް ނެތް. ސާރާ ފަދައިން އަހަރެންގެ މައިންބަފައިންނަކީވެސް އަހަރެންގެ ހަޔާތުގައި މުހިންމު ބައެއް. ސާރާ ހިތްހަޖައްސައިދޭން މަސައްކަތްކުރާ ފަދައިން އެމީހުންވެސް ހިތްހަމަޖެހިގެން ހުންނަން އަހަރެން ބޭނުން. މިހާރުވެސް އަހަރެންގެ މި ނިންމުމާ ގުޅިގެން އެމީހުން ތިބީ ހިތްހަމަޖެހިގެނެއްނޫން. އަހަންނަށްޓަކައި އަހަންނާ ސާރާ ގުޅެން އެމީހުން ތިބީ ރުހުންދީގެން" ބާޒިލް ވާހަކަދެއްކިއެވެ.
"އަހަރެންވެސް ކުރިން މިހެން ނުބުނަން. އެކަމަކު މިހާރު ޔަގީންވެއްޖެ. ފުރަތަމަ އަނބިމީހާ އަށް ހިތުން ތިވަނީ ޖާގައެއް ހުސްކޮށްފަ. އެއީ ދަރިފުޅުގެ މަންމަ ވިއްޔާ. އަހަރެން މިއީ ކާކު؟" ސާރާ ވާހަކަދެއްކިއެވެ.
ސާރާގެ ވާހަކަތައް ހުރިގޮތުން ބާޒިލް އިންތިހާ އަށް ދެރަވެއްޖެއެވެ. އެތަނުން ތެދުވެގެން ދާންވެސް ހިތަށް އެރިއެވެ. ފަހުން ހިތަށް އެރިއެވެ. އެތަނަށް އޭނާ އައި ކަންކަން ގޯސްކުރާކަށް ނޫނެވެ. ވާހަކަދައްކައިގެން ކަންކަން ހައްލުކުރާށެވެ. ސާރާ އެހެރީ ރުޅިއައިސްފައެވެ. މިވަގުތު އޭނާ ޖެހޭނީ ސާރާ ރުއްސާށެވެ. ދިރިއުޅުން ފަސޭހަވާނީ އޭރުންނެވެ. އެކަކު އަލިފާނަށް ވާއިރު އަނެކަކު ޖެހޭނީ ފެނަށް ވާށެވެ.
"ސާރާ، އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ސާރާ... ވިސްނާލަބަލަ. އެނގޭތަ ތިބުނެވޭ އެއްޗެއް. ސާރާ ކޮންއިރަކު އަހަރެމެންގެ ލޯތްބަށް ޝައްކުކުރަންފެށީ. އަހަރެން މިބުނީނު އަހަންނާ ލޫލު ގެ މަންމަ އާ އެއްވެސް ގުޅުމެއްނެތޭ. އެއީ ހަމައެކަނި ލޫލުގެ މަންމަ. ޕްލީޒް... ރުޅިނާދެބަލަ" ބާޒިލް މަސައްކަތްކުރީ ސާރާ ރުއްސުމަށެވެ.
ސާރާ ފުންނޭވައެއް ދޫކޮށްލިއެވެ. ހަގީގަތުގައި އޭނާ ރުޅިއައީ ބާޒިލް އޭނާ ދުރުކުރަން އުޅޭހެން ހީވާތީއެވެ. ރުޅިއާއި ހިތްދަތިކަން އެކުވެގެން ދިޔުމުން އޭނާ ބޭނުންވީ ހުރިހާ އިހުސާސެއް އެއްފަހަރާ ބޭރުކުރާށެވެ.
"ބާޒިލް ނިކަން ވިސްނާލަބަލަ. މުޅި އުމުރު އަހަރެން ހުންނަންވީ ބާޒިލްގެ ލޯތްބަށް އެދިއެދިތަ؟ އަހަންނަށް ބޭވަފާތެރިވީ ބާޒިލް. ބާޒިލްގެ ކައިވެންޏެއް ކުރިކަން އެނގުމުން އަހަންނަށް ރަނގަޅަށް ނުވެސްނިދޭ. ނުވެސް ކެވޭ. ބާޒިލް ނުބުނަންތަ ތިމަންނަ އެ އަންހެނާ އާ ކައިރިނުވާނަމޭ. ނުބުނަންތަ އޭނަ ގައިގަ އަތްވެސް ނުލާނަމޭ. އެކަމަކު ދަރިއެއްވެސް ހޯދީ. އަހަންނަށް ކިހިނެއް އެނގެނީ ބާޒިލް އޭނާ އާ ގާތްވީ ކިތައް ރޭ ކިތައްފަހަރު ކަމެއް ބުނާކަށް. މިހުރިހާ ކަމަކަށްފަހު ވެސް އަހަރެން ބާޒިލްއަށް މާފްކުރިން. ލޯބިވާވަރުން. އެކުގަ އުޅެން ބޭނުންވާވަރުން. އަހަރެންވެސް ހުވަފެންތަކެއް ދުށީން. އެ ހުވަފެންތައް ހަގީގަތަކަށް ވާންއުޅޭއިރު އުފާތަކަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް ކަމެއް އަހަރެން ބޭނުމެއްނޫން. ލޫލު ދެކެ އަހަރެން ލޯބިނުވާތީއެއް ނޫން. އަހަންނަށް އެކުއްޖާއަށް އިހުމާލެއް ވެވިދާނެތީ. އަހަރެން ހިތުގަ އަބަދުވެސް ބިރުވެރިކަން އޮވޭ. ހާއްސަކޮށް މެލެކް އައިފަހުން. ކައިވެންޏަށްފަހު މިގޭގަ އަހަރެމެންނަށް ނޫޅެވެންވީ ކީއްވެ؟ މައިންބަފައިންނާ ދުރަށް ދަނީކީ ނޫނެއްނު. އެއްރަށެއްގަ. އެއްފަސްގަނޑެއްގަ. ގޮވާލީމަ އަޑުއިވޭ ހިސާބުގަ. ކައިވެންޏަށްފަހު އަހަރެން އެކަކާވެސް ވަތްކެއް ނުވާނަން. ތިއާއިލާ އާ ވެސް ގުޅޭނަން. ކިއްތަވާނީ މި ދިރިއުޅުމުގެ ކަންކަން އަހަރެން ބޭނުންވާގޮތަށް ކުރަން ދޫކޮށްލިއްޔާ. ބާޒިލް އަހަރެން ނުވިސްނޭ ނުލަފާ މީހެކޭ ހީކުރިޔަސް އަހަރެން މި ކިޔާދިނީ އަހަރެންގެވެސް ހިތުގެ އިހުސާސްތައް. އެއްފަހަރު އަހަރެން ބާޒިލް އާ ވަކިން އުޅެއްޖައިން. ދެވަނަ ފަހަރަށް އަހަންނަށް މިހެން އުޅޭކަށް ކެތެއްނުވާނެ. ޕްލީޒް ބާޒިލް... މިކަންކަމަށް އާއެނކޭ ބުނެބަލަ" ސާރާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ހިތާމަވެރިކަން ވިއެވެ. ވަކި އެއްޗެއް ނުބުނެ ބާޒިލް އިނީ އިސްޖަހާލައިގެންނެވެ. ސާރާ އެދެއްކި ވާހަކަތަކާ މުޅިއަކުން ގޯސްވާހަކަތަކެއް ނޫނެވެ.
"ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ؟" ބާޒިލްގެ އަތުގައި ސާރާ ހިފާލިއެވެ.
"އަހަރެން ވިސްނާނަން. އެހާ ފުރުސަތު އަހަންނަށް ދީ. ކުއްލިއަކަށް ގޮތް ނިންމަން ފަސޭހައެއްނޫން. މަންމަމެންނާ ވާހަކަވެސްދައްކަންޖެހޭނެ" ބާޒިލް ބުންޏެވެ.
ސާރާ ހިނިތުންވެލިއެވެ. ބާޒިލްގެ އަތުގައި ހިފާލާފައި ގާތްވެލިއެވެ. އަތުގައި ފިރުމަމުން ކޮނޑުގައި ބޯ އަޅާލިއެވެ.
"އަހަރެން މާޔޫސްކޮށް ނުލައްޗޭ" ސާރާ ބުންޏެވެ.
****
ތަބައްސުމް އަވަސް އަވަހަށް ތިން މީހުންނަށް ކާން ހެދިއެވެ. މެންދުރު ނަމާދުކޮށްގެން މެލެކް އާއި މައިލީން އަދި ނުނިކުމެއެވެ. އޭނާ މޭޒު ކައިރީގައި މަޑުކޮށްލައިގެން އިނީ އެ ދެކުދީން ނިކުންނަންދެކަށެވެ. އިރުކޮޅަކުން މެލެކް އައެވެ. އޭނާ އިށީނީ ތަބައްސުމް އާ ޖެހިގެން ހުރި ގޮނޑީގައެވެ.
"ދޮނާ ހައްޖުކުރަނީތަ؟" މެލެކް އަހާލިއެވެ.
"ސާބަހޭ ދަރިފުޅާ. ދޮނާ އެއީ ސުންނަތް ނަމާދުތައް ބަރާބަރަށް ކުރާ ކުއްޖެއް. އެހެންވީމަ ލަސްވާނެއްނު. ދަރިފުޅު ކީއްވެތަ ސުންނަތް ނަމާދުތައް ދޫކޮށްލަނީ. ނަމާދުކުރާއިރު އަހަރެމެންނަށް ކުރެވޭ ކުދިކުދި ކުށްތައް ފޫބައްދައިދެނީ ސުންނަތް ނަމާދުތަކޭ. ވީވަރަކުން ސުންނަތްތައް ކުރާތި ދަރިފުޅާ" ތަބައްސުމް ބުންނެވެ.
"ކުރަން ވަރަށް މަސައްކަތްކުރަން މަންމާ. ބައެއްފަހަރު ދޫކޮށްލެވެނީ. އެކަމަކު ދެން ވިސްނާނަން" މެލެކް ބުންޏެވެ.
ތަބައްސުމް ހިނިތުންވެލަމުން މެލެކްގެ ބޮލުގައި ފިރުމާލިއެވެ.
"މިއަދު ކާން ރައްޔާންވެސް ނާންނަ ދުވަހެއްތަ؟" ތަބައްސުމް އަހާލިއެވެ.
"ޔާން ވެއްޖެ މިތާ ކައިރި ރަށަކަށް ރަސްމީ ކަމެއްގަ ގޮސް. ހީވަނީ މިރެއަށްހެން އާދެވޭނީ" މެލެކް ބުންޏެވެ.
މޭޒުމަތީގައި ހުރި އާވިއަރަމުން ދާ ގަރުދިޔަ ތައްޓަށް ބަލަހައްޓައިގެން މެލެކް އިނީ މައިލީންގެ އިންތިޒާރުގައެވެ.
"ލޫލު ނިދާފަ ދޯ" ތަބައއްސުމް އަހާލިއެވެ.
"އާނ ކާންދީފަ ފެންވަރުވާލިތަނާ ނިދައިފި" މެލެކް ބުންޏެވެ.
މައިލީން އައުމުން މެންދުރުގެ ކެއުމަށް އިންސާފު ކުރެވެން ފެށުނެވެ. މާގިނަ ވާހަކަތަކެއް އެކަކުވެސް ނުދައްކައެވެ. އެންމެ މަދުން ކެއީ މެލެކް އެވެ. އެއީ އަބަދުވެސް ތަބައްސުމް ޝަކުވާ ކުރާ ކަމެކެވެ.
"ވަރަށް މީރު. އެކަމު ބަނޑު ފުރިއްޖެ" ތަބައްސުމް ބަލަހައްޓައިގެން އިންގޮތުން ބަނޑުގައި އަތް ހާކާލާފައި މެލެކް ބުންޏެވެ.
"މަންމަ އަތުން މީތިކޮޅު ކާލަން އާދެބަލަ" ތަބައްސުމް ބުންޏެވެ.
އެހާ ލޯބިން މަންމަ ބުނުމުން މެލެކް އަލުން އިށީނެވެ. ތަބައްސުމް ތަށީގައި ބާކީ ހުރި ބަތްކޮޅު އޭނާގެ އަތުން މެލެކް އަށް ލަވަމުން ދިޔައެވެ. ކުޑަކުއްޖެއްހެން އިނދެ މެލެކް ކަމުން އެ ތަށި ހުސްކުރިއެވެ.
"ދެން ތީގެން މަންމައަށް ކެވުނީ ކޯޗެއް" ފެންތަށި ބޯލަމުން މެލެކް ބުންޏެވެ.
"ދަރިފުޅު ބަނޑު ފުރިއްޖެއްނު. އެވަރުން މަންމައަށް ފުދޭ" ތަބައްސުމް ބުންޏެވެ.
ތަށި ދޮވެގެން ހަރުގަނޑުގައި ތަށި ބާއްވާފައި އައިއިރުވެސް މައިލީން އަށް ބަތް ތަށި ހުސްނުކުރެވެއެވެ. ފެންތަށި ހިފައިގެން ތަބައްސުމް އިށީނީ މައިލީންގެ ކުރިމަތިންނެވެ. އައިސްއަލަމާރި މަތީގައި ހުރި ދުފާ ތަށިން ކަރަންފުލެއް ހިފައިގެން އައިސް މެލެކްވެސް އިށީނެވެ. ދޮނާ މާބޮޑަށް ބަސްމަދުވެފައި އިންކަން އޭނާ އަށް ވެސް ފާހަގަވެއްޖެއެވެ.
"ދަރިފުޅާ މައިލީން، " މަންމަ ގޮވާލި އަޑު އިވުމާއެކު މައިލީން ސިހުނެވެ. ބަލައިނުލާ އަވަސް އަވަހަށް ފަހު ސުވާ އަނގައަށް ލިއެވެ. ތަށި ހިފައިގެން ޒިންކު ކައިރިއަށް ގޮސްފައި އައިސް އިށީނީ ފެންފުޅި ހިފައިގެންނެވެ.
"ދަރިފުޅު ތިހާ ވަރަށް ތިވިސްނަނީ ކޮންކަމަކާ" ތަބައްސުމް އަހާލިއެވެ.
"ހައްތާވެސް މަންމަ ނުރުހޭ ކަމެއް ނުކުރަންވެގެން" މައިލީން ބުންޏެވެ.
"މަންމަ ނުރުހޭ ކަމެއް ދަރިފުޅުމެންނަކަށް ނުކުރެވޭނެ" ތަބައްސުމް ބުންޏެވެ.
"ބައްޕަގެ ވާހަކައެއް ފަށައިފިއްޔާ މަންމަ ހެޕީއެއްނުވާނެ. އަބަދުވެސް ބުނާނެ ބައްޕަގެ ވާހަކަނުދައްކާށޭ" މައިލީން ބުންޏެވެ.
މައިލީން އާއި މެލެކް އެކަކު އަނެކަކަށް ބަލައިލީ ބައްޕަގެ ވާހަކަ ފެށުމާއެކު މަންމަ ހިމޭންވި ގޮތުންނެވެ. އެވާހަކަ ނުދައްކަން ދެކުދިން ނިންމައި ތެދުވަން އުޅެނިކޮށް ތަބައްސުމް ވާހަކަދެއްކިއެވެ.
"ބައްޕަގެ ފޯނެއްގަތަ މިއަދު މައިލީން އެހާ ގިނައިރު ހުރީ" ތަބައްސުމް އަހާލިއެވެ.
"އާނ މަންމާ. ބައްޕަ ދެއްކި ވާހަކަތައް ކިޔަންތަ؟" މައިލީން ހުއްދަ ހޯދިއެވެ.
"ކިޔާބަލަ" ތަބައްސުމް ބުންޏެވެ.
"ބައްޕަ ބުނީ ވަރަށް އަވަހަށް އެބައަންނަމޭ. ދަރިންނާ ކާފަ ދަރިފުޅާ މަންމަ ދެކިލާހިތުންނޭ" މައިލީން ބުންޏެވެ.
"ކޮންމެހެން އަހަރެން ދެކޭހިތުން އަންނާނެކަމެއްނެތް" ތަބައްސުމް ބުންޏެވެ.
"އަޑުއަހާބަލަ މަންމާ. ބައްޕަ ބުނި މި ދަތުރުގަ ގެ ހެދުމުގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރާނަމޭ. ގެ ހެދެންދެކަށް ބައްޕަ ބޭނުންވަނީ އަހަރެމެން މާމަ ގޯއްޗަށް ބަދަލުވާން. ބައްޕަ ބުނި މަންމަ ކައިރީގަ މިވާހަކަދައްކަން ގުޅީމޭ. އެކަމަކު ފޯނެއް ނުނަގައޭ. މިއަދު މެންދުރު ޔާން އެއައީ ބައްޕަ ފޮނުވައިގެން ގެ ހަދަން ހަވާލުކުރާ ކުންފުނީގެ މީހުންގެ ފޯނު ނަންބަރުތައް ދޭންވެގެން. ބައްޕަ ދިޔައިމަ މިކޮޅުގެ ހުރިހާ ކަމަކާ ރައްޔާން ހަވާލުވަނީ" މައިލީން ކަޅިޖަހާނުލާ މަންމަ އަށް ބަލަހައްޓައިގެން އިނެވެ. ބައްޕައަށް ވުރެ ބޮޑަށް އޭނާއަށް މުހިންމީ ބައްޕައެވެ. ބައްޕަގެ ވާހަކަތައް ދައްކައިގެން މަންމަގެ ރުޅިގަދަކުރުވަން އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ އިނީ މަންމަގެ ފަރާތުން އަންނާނެ ޖަވާބެއް ނޭނގިފައެވެ.
"ދެން ތިދެއްކުނީނު ތިވާހަކަ. ދަރިފުޅު ކޮޓަރިއަށް ވަނުމުގެ ކުރިން މެލީ އަށް ބޭސްދޭން ހަނދާންކުރައްޗޭ. މަންމަ މިދަނީ ކޮޓަރިއަށް" ތަބައްސުމް ހިނގައިގަތެވެ.
"ހިތަށް އަރާ މަންމަ އާއި ބައްޕަގެ ރިލޭޝަން ރަނގަޅުވާނީ ކޮންދުވަހަކުންބާއޭ" މައިލީން ދެފަރާތުން ބޮލުގައި އަތް އެޅިއެވެ.
"ތިއެއްނޫނޭ ދޮނާ. ޔާން އާ ބައްޕަ އާ އޮންނަނީ ކޮން ގުޅުމެއްތަ؟" މެލެކް އަހާލިއެވެ.
(ނުނިމޭ)