"މެލެކް ވެސް ތިއީ ލޫލު އަށް ހަމަ މަންމައެއްފަދަ ކުއްޖެއްނު" ސާރާ ބުންޏެވެ.
"އާނ... ލޫލު އަހަންނަށް ވަރަށް ހާއްސަ. ކީއްވެގެންކަމެއް ނޭނގޭ. ލޫލު ގެ އެއްވެސް ކަމެއް ކުރާކަށް އެއްވެސް މީހަކު އަތަށް ދޭކަށް ބޭނުމެއްނޫން. އެކަމަކު އެހެނެއްވެސް ނުވާނެއްނު..." މެލެކް ވާހަކަދެއްކިއެވެ.
"މެލެކް ލޫލޫ އެއްކޮށް ގެންދަންވީނުން" ސާރާ ބުންޏެވެ.
މެލެކް ހައިރާންވެފައި ސާރާއަށް ބަލައިލިއެވެ.
"މިބުނީ އަހަރެމެންގެ ކައިވެނީގެ ފަހުން. އަހަރެން ބޭނުމެއްނޫން ލޫލުއެއް. މިބުނީ އެހާ އަވަހަށް ބޭބީއެއް ބޭނުންނުވާ ވާހަކަ. ލޫލުދެކެ ފޫހިވާ ވާހަކަ ނޫނީ ރުޅިއަންނަ ވާހަކައެއްނޫން. އަހަރެން ބޭނުމީ ޒެއްލު އާ އެއްކޮށް ވަރަށް މިނިވަން ލައިފްއެއް. އަހަންނާ ޒެއްލު އާ ދެމެދު އޮތީ ވަރަށް ޒަމާންވީ ލޯބީގެ ގުޅުމެއް. ދެމެދަށް އިތުރު އަންހެނެއް ނުވަންނަމާ މިއަދު ޒެއްލު ވާނީ ހުރިހާ ގޮތަކުން އަހަރެންގެ މީހަކަށް" ސާރާ ވާހަކަދެއްކިއެވެ.
"އެކަމަކު ލޫލޫ އެއީ ޒެއްލުގެ ދަރިއެއްނު. ޒެއްލު ގޮތަށް ލޫލު ވެސް ސާރާ ޖެހޭނެއްނު ގަބޫލުކުރަން" މެލެކް ބުންޏެވެ.
ސާރާ ކައިރިއަށް ރުޅިއައެވެ. ރަނގަޅު ގޮތް ބުނެދޭން މެލެކް އެއީ ކާކު ހެއްޔެވެ؟ މެލެކްގެ މޫނަށް ސާރާ ބަލައިލީ ފޫހި ނަޒަރަކުންނެވެ. ދަރިއަކު ވިހާފައި ބަލިކަމަށް ހެދިގެން އެހެން މީހެއްގެ ބޮލުގައި ދަރި އަޅުވަން މިހާ ކުޅަދާނަ އަންހެނެއް ދުވަހަކުވެސް ނުދެކެމެވެ. ސާރާ ހިތާހިތުން މެލެކް އަށް އަޑުލަމުން ދިޔައެވެ.
"އަހަންނަކަށް ނުވާނެ. ލޫލު އެކްސެޕްޓެއް ނުކުރެވޭނެ. އަހަންނަށްވެސް އަހަރެން ބޭނުންވާ ލައިފް ލިބެންޖެހޭނެއްނު" ސާރާ ބުންޏެވެ.
"އެކަމަކު ބާޒިލް ގަބޫލުވާނެހެނެއް ހިއެއްނުވޭ" މެލެކް ބުންޏެވެ.
"ޒެއްލުގެ ގޮތް މެލެކްއަށް ވުރެ ބޮޑަށް އެނގޭނީ މަށަށް. ޒެއްލު ގަބޫލުވާނެ. މިހާރުވެސް ބާޒިލް ހުރީ އަހަންނަށް ބިޓްރޭ ވެވުނީމަ ކުށްވެރިވެފަ. އަހަންނާ މެރީކުރަން ބޭނުމިއްޔާ ޒެއްލުޖެހޭނީ ގަބޫލުވާން. މިބުނީކީ ލޫލު ދޫކޮށްލާ ވާހަކައެއް ނޫނެއްނު. ލޫލު ބަލާނެ ކިތަންމެ މީހަކު އެބަތިބި. ކުޑައްތަ އެބަހުރި ޒެއްލުގެ މަންމަ ނުވީތާކަށް ލޫލު މަންމަވެސް ތިހުރީނު" ސާރާ ބުންޏެވެ.
"މިއީ ވަރަށް ނަސީބުދެރަ ކުއްޖެއް. މިހާ ތުއްތުއިރު މިކުއްޖާގެ މަންމަ ވީތަނެއް ނޭނގޭ. ލިބެން އުޅޭ މަންމަވެސް ތިހެރީ ދައްކާވާހަކަ. ދެން ކީކޭ ބުނާނީ" ލޫލު ބާލީސް މަތީގައި ބާއްވާލަމުން މެލެކް ބުންޏެވެ. ލޫލު ނިކަމެތިވެދާނެ ކަމުގެ ބިރު ހީވެ މެލެކްގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"މެލެކް އެކްޓްކުރަން ހާދަ މޮޅޭ. މެލެކްވެސް ދަރިއަކު ތިކުރަނީ ނިކަމެއްޗެއް ނޫންތަ؟ މެލެކްވެސް ޒިންމާނަގަން ދަސްކޮށްބަލަ" ކުރު އަތްމައްޗަކަށް އެނދުގައި އޮށޯވެލަމުން ސާރާ ބުންޏެވެ.
"އިނަފް ސާރާ" މެލެކް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. "ތިއަށް ކިޔަނީ އަމިއްލަ އެދުން އިސްކުރުމެއް ނޫންތަ؟ ބައި ދަ ވޭ.... ލޫލު ނިދާ ގަޑި ޖެހުނީ. ސާރާ އިހަށް ބޭރުގަ މަޑުކޮށްލާ" މެލެކް ބުންޏެވެ. ހަގީގަތުގައި ސާރާ ދެކެ މެލެކް ވަރަށް ހިތްހަމަނުޖެހުނެވެ. ލޫލު އަށް ނިކަމެތިކަމަށް ލިބިދާނެކަމަށް އޭނާއަށް ރޮވެން ފެށުނެވެ. ސާރާގެ ހިނިތުންވުން ފަނޑުވިއެވެ. ކޮޓަރިން ބޭރަށް ނިކުންނަން އޭނާ ކައިރީގައި ބުނާކަށް މެލެކް އަށް ނުޖެހޭނެއެވެ. ހިތްހަމަނުޖެހިފައި ހުރެ ސާރާ ހިނގައިގަތެވެ.
"އަދި ބުނަންތަ. އަހަންނަކީ ލޫލުގެ އަސްލު މަންމަ ނޫނަސް އަހަރެން ދުނިޔޭގައި ހުރިއްޔާ ލޫލުގެ ބައްޕަގެ ހަޔާތަށް ކިތަންމެ ގިނަ އަންހެނުންނެއް އަޔަސް ލޫލު ނިކަމެތިވިޔަކަ ނުދޭނަން" މެލެކް ބުންޏެވެ.
ސާރާ ކޮޓަރި ދޮރު ލައްޕާލީ ނިކަން ބާރަށެވެ. މެލެކްގެ އަތްމަތީގައި އިން ލޫލު ސިހުނުވަރުން ބާރަށް ރޯންފެށިއެވެ. ކަރުނަތަކާއެކު އެ ތުއްތު ކުއްޖާ މެލެކް އަށް ބަލައިލިއެވެ. ލޫލު މަސަލަސް ކުރުމުގެ ގޮތުން މެލެކް ކޮނޑުމައްޗަށް ލައިގެން ކުޑަކޮށް ތަޅުވަން ފެށިއެވެ. ލޫލުގެ އަޑު މަޑުމަޑުން ކެނޑެމުން ގޮސް އެއްކޮށް ހުއްޓާލުމުން މެލެކް އެނދުގައި އިށީނެވެ. ދެން ބާލިސް އޭނާގެ ފައި މަތީގައި ބާއްވާފައި ލޫލު ބާއްވާލިއެވެ.
****
ބާޒިލްގެ ކަނާއަތުގެ ހަލާކުވެފައި ހުރިތަނުގައި ބޭސް އަޅާފައި ހުރިގޮތުން އޭނާ އަށް އަތް ގުޑުވާވެސްނުލެވެއެވެ. އެހެންވެ ރޭގަނޑުގެ ކެއުން އޭނާ އަށް ދިނީ ޒޭބާގެ އަތުންނެވެ. ކައިގެން ކޮޓަރިއަށް ވަންނަން ދަނިކޮށް ފަހަތުން ސާރާވެސް ދިޔައެވެ. ފެންޖަގު ހިފައިގެން ބާޒިލްގެ ކޮޓަރިއަށް ދިޔައިރު ސާރާ އެތެރެއަށް ވަދެ ދޮރުލައްޕާލައިފިއެވެ. ކައިވެންޏެއްނުކޮށް ތިބި ހިލޭ ދެމީހުން ކޮޓަރިއަށް ބަދެ ދޮރުލެއްޕުމަކީ ޒޭބާ އަށް ބަލައިގަނެވޭވަރުގެ ކަމަކަށް ނުވިއެވެ.
"ޒެއްލޫ. ކޮޓަރި ދޮރުލައްޕައިގެން ތިބުން އެހާ ރަނގަޅެއްނޫން" ޒޭބާ ބުންޏެވެ.
"ހުޅުވާލަންވީނުން" ބާޒިލް ބުނީ ސާރާ އަށެވެ.
ފެންޖަގު ބަހައްޓާފައި ޒޭބާ ދިޔައީ ކޮޓަރި ދޮރުހުޅުވާލާފައެވެ. އެގޮތް ސާރާ އަށް ކަމުނުދިޔައެވެ.
"އޭސީ ޖައްސާފައެއްނު" ސާރާ ބުންޏެވެ.
"އެނގެއޭ ލޯބި. ކުޑައްތަވެސް އެބުނީ ދޮގެއް ނޫނެއްނު. އަހަރެމެން ދެމީހުން ކޮޓަރި ދޮރުލައްޕައިގެން ތިބޭކަށް ނުވާނެއްނު" ބާޒިލް ބުންޏެވެ.
"އެކަމު ޒެއްލުގެ މަންމަ އާ ބައްޕަ މިކޮޓަރި ދޮރުމަތިން އަބަދު ހުރަސްކުރާއިރު އަހަންނަކަށް ނުކެރޭނެ މިހެން އިންނާކަށް" ސާރާ ބުންޏެވެ. ބާޒިލް އަށް ހެވުނެވެ. ދެން ސާރާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"އެންމެންނަށްވެސް އެނގޭނެ ސާރާ ތިއީ ދުވަސްކޮޅަކުން އަހަރެންގެ އަނބިމީހާކަން" ބާޒިލް ބުންޏެވެ.
"އެކަމު މިއަދު ތިގޮތަށް ކަންތައްކުރީމަ އަހަރެން އަސްލު ވަރަށް ކަޓާފަ މި އިންނަނީ. ބާޒިލް އަށް ތިހާވަރެއްވިއިރު އަހަންނަކަށް ނޭނގޭ. އެހެން އެންމެންނަށް އެނގޭ. ނުވީތާކަށް ބާޒިލް ހޮސްޕިޓަލުން ގެއަށް ނާންނަކަންވެސް އަހަންނަށް އެނގުނީ މެލެކްގެ ފަރާތުން. އަހަރެންނަށް ބާޒިލްގެ ނޭނގޭ އެއްވެސް ކަމެއް މެލެކް އަށް އެނގޭކަށް ނުޖެހޭނެ. ބާޒިލްގެ އެއްވެސް ކަމެއް އަހަންނަށް އޭނަ ކިޔައިދޭކަށްވެސް ނުޖެހޭނެ" ސާރާ ބުންޏެވެ.
"މެލެކް... އޭނަ ކީކޭ ކިއީ" ބާޒިލް ކަންބޮޑުވީ މިއަދު ވީކަންތައް މެލެކް ބުނީ ކަމަށެވެ.
"ނޭނގެ. އޭނައަށް ކީއްތަ އަހަރެން ލޫލު އާ ގާތްވިއްޔާ ނުވިއްޔާ. އޭނަގެ ދަރިއެއްނު. އޭނަ ގާތްވީމަ ނިމުނީނު" ސާރާ ބުންޏެވެ.
"ސާރާ އިހަށް ހަމަޖެހިލަން ގެއަށް ދާންވީނުން. ދެމީހުން ރަނގަޅަށް ވާހަކަދައްކާލެވޭނީ ދެމީހުންވެސް ރަނގަޅަށް ހަމައިގަ ތިބޭ ވަގުތެއްގަ. ޑޮކްޓަރު ދިން ބޭސްތައް ކެއިމަ އަހަރެންވެސް ވަރަށް ލޮލަށް ބަރުއެބަވޭ. ސާރާވެސް ގެއަށް ދާންވީނުން" ބާޒިލް ބުންޏެވެ.
އެހެންބުނުމާއެކު ސާރާ ފުންމައިގެން ތެދުވެއްޖެއެވެ.
"އަހަންނަށް އޭރުވެސް އެނގޭ ޒެއްލު އަށް އަހަރެން މިތާ އިނުން ކަމަކުނުދާނެކަން. އަދި ބާޒިލްއަށް އެނގޭނެ ހަމަ ގަސްދުގަ އެއްވެސް ކަމެއް ހަނދާނުގަ ނެތްކަމަށް ހެދިގެން މެލެކް އުޅެނީކަން. ނިކަންހުރޭ މަގޭ އެތިފަހަރު ބަލަން. މެލެކްއަށް ހަނދާންވާވަރުކޮށްދޭނަން" ސާރާ ހިނގައިގަތެވެ. ބާޒިލް ހައިރާންވިއެވެ. މިއީ ދުވަހަކުވެސް ސާރާ އޭނާ އާ ވާހަކަދެއްކި ގޮތެއް ނޫނެވެ. އަމުދުން އެދިން އިންޒާރު ބާޒިލް އަށް ބަލައެއްނުގަނެވުނެވެ.
"އިހަށް މަޑުކޮށްބަލަ" ބާޒިލް ގޮވާލިއެވެ. ސާރާ މަޑުޖެހުނެވެ. "މެލެކްއަކީ އަހަންނަށް ހަމައެކަނި ލޫލުގެ މަންމަ އޭ ކުރިންވެސް ބުނިން. ސާރާ ކީއްވެ ތިތެޅެނީ؟ ސާރާގެ ފަރާތުން މެލެކްއަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ހަނދާންކުރާތި އަހަރެމެން ދެމީހުންގެ މިގުޅުމުގެ ނިމުމުގެ ސިއްކަ ޖެހުނީކަން" ބާޒިލް ބުންޏެވެ.
ސާރާ ފަހަތަށް ބަލައިނުލައެވެ. އެހެންނަމަވެސް އޭނާގެއ އެތެރެހަށީގެ ލޭ ހޫނުވަމުން ދިޔައެވެ. ބާޒިލް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ދެން ފޯނު ނަގާފައި ޒޭބާ އަށް ގުޅާލިއެވެ.
"ކޮންމެހެން އަހަރެން ގެއަށް ގެންގޮސްދޭން މީހުންނަށް ގުޅާނެކަމެއްނެތް. އަހަރެންގެ ދެފައި އެބައޮތް. ބާޒިލް އަރާމުކުރޭ" ސާރާ ނިކުމެގެން ދިޔައެވެ. ޒޭބާ އައިސް ވަނީ ސާރާ ނިކުތްތާ އިރުކޮޅެއް ފަހުންނެވެ.
"ކޮބާ ސާރާ؟" ޒޭބާ އަހާލިއެވެ.
"ލަސްވެގެން ހަމަ ދެންމެ އެދިޔައީ. ކޫ ލަސްވީމަ" ބާޒިލް ބުންޏެވެ.
"ލަސްތަ އަޅެ. މެލީ ބަލާ ރައްޔާން އަންނަންދެން ގޭދޮރުމަތީގަ ހުއްޓަ ޒެއްލު ގުޅީ. ރައްޔާން އައިމަ މިއައީ. ގުޅިފަހުން އަދި ތިންމިނެޓްވެސް ނުވޭ. ޔަގީން ސާރާ އެދިޔައީ ހިތްހަމަނުޖެހިގެންކަން. ނިކުތްއިރު ނުވެސްފެނޭ" ޒޭބާ އައިސް ބާޒިލްގެ މަގަތުން އިށީނެވެ. ސާރާ ދިފާއުކޮށް ވާހަކަދައްކަން ބާޒިލް ހިތަށް އެރިއެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭނގުނެވެ.
"ނިދެންދެކަށް ބޮލުގަ މަސާޖްކޮށްލަދީބާ" ބާޒިލް ބުންޏެ
****
މަޑުމަޑުން ހިނގާފައި އައިސް މެލެކް އާއި ރައްޔާން ޖައްސާލީ ގޭ ކައިރީގައި ހުރި ޖޯލީގައެވެ. ދެކުދިން ތިބީ ޖެހިޖެހިގެންނެވެ. ބަލާ މީހަކަށް ހީވާނީ ވަރަށް ގާތް ދެމީހުން ހެންނެވެ. ކައިރިން ލާފައި ދާ ކޮންމެ މީހެއްގެ ނަޒަރު އެދެކުދިންނަށް ހުއްޓެމުން ދިޔައެވެ.
"ދެން ތިހެން ނޫޅެ ދެކުދިން އަވަހަށް އިންނަންވީނު" އެއީ ގޭދޮށުގައި އުޅޭ އުމުރުން ދޮށީ އަނގަ ގަދަ ފިރިހެނެކެވެ. އެމީހާ އެހެން ބުނުމުން އެންމެ ފުރަތަމަ ހެވުނީ މެލެކް އަށެވެ.
"ކޮބާ ހީވޭ. މެލީ އާއެނކޭ ބުންޏަސް އަދި އިނދެވޭކަށް ނެތް" ރައްޔާން ބުންޏެވެ.
ކޮންމެހެން އަހަންނާ އިނދެގެން ޔާން ގެ މަލިކާގެ ހިތް ހަލާކުކޮށްލަން އުޅޭނެކަމެއްނެތް" މެލެކް ބުންޏެވެ.
"އިންނަ ވާހަކަ ނުދައްކަމާ. ތިކަހަލަ ވާހަކަދެއްކީމަ އަހަރެން ދެރަވަނީ" ރައްޔާން ބުންޏެވެ.
"ދެން ކޮންވާހަކައެއް ފަށަންވީ؟" މެލެކް ބުންޏެވެ.
"ސާރާގެ ވާހަކަ. މިރޭ އެހާ ނައްޓާފަ އެދިޔައީ. ނުވީތާކަށް މެލީ އަށް ވެސް ބޮންއަޅާފަ. ކީއްވެބާ އޭނަ އެހެން އެބުނީ މެލީގެ ކަންކަމާ މެލީ އުޅޭށޭ" ރައްޔާން ވާހަކަދެއްކިއެވެ.
އިރާކޮޅުގެ ވަގުތުގައި ސާރާ އާ ދެކެވުނު ވާހަކަތައް ރައްޔާނަށް މެލެކް ކިޔައިދިނެވެ. އެވަގުތު އޭނާ ލޫލު އާ މެދު ކުރެވުނު މައިވަންތަ އިހުސާސްތައް ވެސް ކިޔައިދިނެވެ.
"އަހަންނަކަށް ހިއެއްނުވޭ ސާރާ އާ އިނދެގެން ބާޒިލް އަށް ދިރިއުޅުމެއް ލިބިދާނެހެނެއް" މެލެކް ބުންޏެވެ.
"ކީއްވެ؟ އެކަކު އަނެކަކުދެކެ ލޯބިވަންޏާ ކީއްވެތަ ދިރިނޫޅެވެންވީ. ތިހެން ބުނަންވީ އެއްފަރާތުން ލޯބިވާނަމަތާ" ރައްޔާން ބުންޏެވެ.
"ތިއެއް ނޭނގެ. މިއަދު ވިކަމެއް އެނގޭތަ" މެލެކް ބުންޏެވެ.
ބާޒިލް އާ އޭނާ އާ ދެމެދު މިއަދު ހިނގައިދިޔަ ކަންތައް ރައްޔާނަށް ކިޔައިދޭން އޭނާ ފެށިއެވެ. މިވީހާތަނަށް ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއް އޭނާ ވަނީ ރައްޔާނަށް ހިއްސާކޮށްފައެވެ. މެލެކްގެ އެވާހަކަތައް އަހައިގެން އުނދަގޫވީ ރައްޔާންގެ ހިތަށެވެ. އޭނާ އަމިއްލަ އަށް ހިތަށް ވިސްނައިދިނެވެ. މެލެކް އަށް ކުރެވުނު އިހުސާސާއި ބާޒިލް އާ ދެމެދުގައި ހިނގާ ދިޔަ އެއްވެސް ކަމެއްގައި ގޯހެއް ނެތެވެ.
"އަހަރެން އަބަދުވެސް އެދެނީ މެލީ އަށް ރަނގަޅު ގޮތް ވުމަށް" ރައްޔާން ބުންޏެވެ.
"ތިހެން ބުނީމަ ހީވަނީ އަހަންނާ ބާޒިލް އާ ދެމެދުގަ ކަމެއްވިއްޔާ ވާނީ ރަނގަޅަކަށޭތަ؟"މެލެކް ބުންޏެވެ.
"ޝައްކެއްވެސް އޮތް ކަމެއްނޫން" ރައްޔާން ބުންޏެވެ.
"އަހަރެން ވަރަށް ބިރުގަނޭ ޔާން. އަހަންނަކަށް ނޭނގެ. މިއަދު ބާޒިލް އެގޮތަށް ކަންތައްކުރީމަ ވަރަށް ލަދުވެސްގަތް. އަހަރެން ބޭނުމެއްނޫން ބާޒިލްގެ ކައިވެނި ކުރިމަތީގައި އޮށްވާ އެއްވެސް ކަމެއް ގޯސްވާކަށް. ނޭނގި ކުރެވޭ ކަމެއްގަ ދެ އާއިލާ މެދުގަ އަލިފާން ރޮއެވިއްޔާ ކިހާދެރަ. އޭރުން އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއްނުކުރެވޭނެ" މެލެކް ވާހަކަދެއްކިއެވެ.
"ކުރިން ނުވިކަމެއް މިހާރު ވޭތަ؟ އަހަންނަކީ މެލީ ނަމަ ބަލާނީ ބާޒިލް ހާސިލްކުރެވޭތޯ. މެލީ އަށް ނޭނގޭތަ ބާޒިލް އެއީ މެލީގެ..." ކުއްލިއަކަށް ރައްޔާން ހުއްޓާލިއެވެ. އެވާހަކަތައް އެހެން ދަމުން ގޮސް ދާންނުޖެހޭ ހިސާބަކަށް ގޮސްދާނެއެވެ.
"ބާޒިލް އަކީ އަހަރެންގެ ކާކު؟ އެއްވެސް މީހެއްނޫން. ކުރީގެ ރައްޓެހިކަން އޮތިއްޔާ އެކަންވެސް މިހާރު ބާޒިލް ބޭނުމެއްނުވޭ. އޭނަގެ އަމަލުތަކާ ބަސްތަކުން އެކަން އެނގޭ. އެހެންނޫނަސް ކޮންމެހެން އަހަރެން ލައްވާ ބާޒިލް ހާސިލްކުރުވަން ޔާން އުޅޭނެ ކަމެއްނެތް. އަހަރެން ނޫޅެން ސާރާ އާ ފައިޓްކުރާކަށް. އަހަންނަކަށް ނުވެސް އެނގޭ މީހުންނާ ފައިޓްކުރާކަށް. އެހެންނޫނަސް އަހަރެން މީހަކާ ތަތްވާނީ ޔާން މީހަކާ ތަތްވި ދުވަހަކުން. ދެމީހުންގެ ވެޑިން އޮންނަންޖެހޭނީ އެއްތަނެއްގަ. އެއްވަގުތެއްގަ. ސާފުތަ؟ މެލެކް ވާހަކަދެއްކިއެވެ.
"ވަރަށް ސާފު މެޑަމް.." ދެއަތް މައްޗަށް އުފުލާލަމުން ރައްޔާން ބުންޏެވެ.
****
ބާޒިލް އަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. މާއިރާގެ ވަގުތުގައި އޭނާ ނިދިފައި އަދި އެ ހޭލެވުނީއެވެ. ފެންތައްޓެއް ބޮއެގެން އަނެއްކާވެސް ނިދޭތޯ އޭނާ އޮށޯވެލިއެވެ. ރޭގަނޑުގެ ބާކީ އޮތް ވަގުތުގައިވެސް އޭނާ އޮތީ ނިދާފައެވެ. ކައިރީގައި އޮތް ފޯނު ބަލައިލީ ގަޑި ޔަގީންކޮށްލުމަށެވެ. އޭނާ އަށް ފޯނުން ފެނުނީ ގަޑިއެއް ނޫނެވެ. ސާރާގެ މެސެޖްތަކެވެ. އެނދުގެ ހެޑް ބޯޑުގައި ލެގިލާފައި އޭނާ ފަހަރަކު މެސެޖެއް ހުޅުވަން ފެށިއެވެ. ސާރާގެ ވާހަކަތައް ފެނިފައި އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ތެދުވެރި ލޯތްބަށް ސާރާ އިތުބާރު ނުކުރާކަން އެ މެސެޖްތަކުން އޭނާ އަށް އެނގުނެވެ. ސާރާ އެދޭހާ ކަމެއް އޭނާއަށް ނުކުރެވޭނެކަން ވިސްނާލައިފިއްޔާ ސާރާ އަށް ވެސް އެނގޭނެއެވެ. ލޯބީގެ ގޮތުން ސާރާ އާ ގުޅިގެން އުޅެނިކޮށް މައިންބަފައިންގެ އެދުމަށް އޭނާ މެލެކް އާ ކައިވެނިކުރި ކުރުން އެއީ މިހާރު މާޒީވެފައި އޮތް ކަމެކެވެ. ސާރާ ބޭނުންވިޔަސް އަދި އޭނާ ބޭނުންވިޔަސް އެއީ ނުވާނެ ކަމަކަށް ނުވާނެއެވެ. ކިތަންމެ ފަހަރަކު ސާރާގެ ކިބައިން މައާފަށްއެދެވިއްޖެއެވެ. އިތުރަށް ކުރާނެ ކަމެއް ނޭނގެއެވެ.
"ބާޒިލް އަހަންނާ އިނދެގެން ދިރިއުޅެން އަހަރެން ބޭނުންވަނީ އަހަރެންގެ ގޭގަ. ލޫލު ގެ ހުރިހާ ހަރަދުތަކެއް ބާޒިލް ބެލެހެއްޓުމަކީ ކޮންމެހެންވެސް ބާޒިލް ކުރަންޖެހޭ ކަމެއް. އެކަމަކަށް އަހަރެން ހުރަހެއް ނާޅާން. އެކަމަކު އަހަންނަށް އަދި ލޫލުގެ ޒިންމާތަކާ ހަވާލުވެވޭކަށް ނެތް. އަހަރެންވެސް މިނިވަންކަން ބޭނުން. ބާޒިލް އާ އެކު ވަރަށް އުފާވެރި ދުވަސްތަކެއް ބޭނުން. ޕްލީޒް އެއްޗެކޭ ހީނުކުރައްޗޭ"
ދެވަނަ ފަހަރަށްވެސް ސާރާގެ ފަހު މެސެޖް އޭނާ ކިޔާލިއެވެ. ކިއި ކިއީނުން ހިތުގައި ޒަހަމްތައް އިތުރުވަމުން ދިޔައެވެ. ލޫލު އަކީ ބާޒިލް ދިރިހުރުމަށް އެންމޭ ބޭނުންވާ ނޭވާ ކަން ކަނޑައެޅިގެން ސާރާ އަށް އެނގޭނެއެވެ. ވީއިރު ބާޒިލް ގަބޫލުކުރަންޖެހޭނީ އޭނާ އާ ގުޅިފައިވާ އެހެން އެއްޗެއްސާވެސް އެކުގައެވެ. ސާރާގެ ވާހަތަކުން ދެރަވެ ހިތުގައި ޖެހުނު ވަރުން ސާރާގެ އެންމެ މެސެޖަކަށްވެސް އޭނާ ޖަވާބުނުދިނެވެ. އަލުން އޮށޯވެފައި އޭނާ އަތް އެލީ ނިތްމައްޗަށެވެ.
ވިސްނަން ފެށުނީ ދެނެވެ. ސާރާ އަށް ބޭވަފާތެރިވެވުނު ގޮތެވެ. އެއީ އޭނާ ސާރާ އާ އެކު މަތީ ތައުލީމު ހާސިލްކުރަން މެލޭޝިޔާ ގައި ކިޔަވަން ހުރި ދުވަސްވަރެވެ. އާއިލާ މީހުންނާ ދުރުގައި ސާރާ އާ އެކު ލޯބީގެ އެތައް ވަގުތެއް އޭނާ ހޭދަކުރިއެވެ. ކިޔަވާ ނިންމާފައި ގޮސް އާއިލާ މީހުންނަށް ސާރާ ތައާރަފްކޮށްދޭން އޭނާ ހުރީ ވިސްނައިގެންނެވެ. އެހެނީ ކުޑައިރުން ފެށިގެން ސާރާ ދިރިއުޅުނު ތަނަކީ މާލެ ކަމަށް ވުމުން ރަށު ދިރިއުޅޭ ގިނަ މީހުން އޭނާ އަށް ނޭނގެއެވެ. ބާޒިލްގެ އާއިލާގެވެސް އެއްވެސް މީހަކު އޭނާގެ ހަނދާނުގައި ނެތެވެ.
ދިރިއުޅުމުގެ އުފާވެރި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ދޯންޏެއް ބާލަން އުޅުމުގެ ތެރޭގައި ޒިޔާދު އަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެއީ މީގެ އަހަރެއްވަރު ކުރިއެވެ. ޒިޔާދުގެ މައިބަދައަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ނުކުޅެދޭ މީހަކަށް ވިއެވެ. ޒިޔާދަކީ ރަށުގައި ހިންގާ އެސްޓީ އޯ ޓްރޭޑް އޯގަނައިޒޭޝަން ފިހާރައިގައި ޒިންމާދާރު މަގާމެއް އަދާކުރަމުންދާ މީހަކަށް ވުމުން އޭނާ އަށް ޖެހުނީ ވަގުތީގޮތުން ވަޒީފާ އާ ދުރަށް ދާށެވެ. ބާޒިލް ފަދައިން ހިބާ އާއި ލައިބާ ވެސް ދިޔައީ މާލޭގައި ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކުރަމުންނެވެ. ކުއްލިއަކަށް ޒިޔާދަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ދިރިއުޅުން ހުއްޓުމަކަށް އައެވެ. ވަޒީފާ އަދާކުރާ ކުންފުނިން ބައެއް ހަރަދުތައް ބަލަހައްޓައިދިނަސް ދިރިއުޅުމުގެ ގިނަ ބޭނުންތައް ފުއްދޭގޮތެއް ނުވިއެވެ. ރާއްޖެއިން ބޭރުން ޒިޔާދަށް ކުރަންޖެހޭ ފަރުވާއަށް ވެސް ލައްކައިން ހަރަދު ދާނެ ކަމަށް ޑޮކްޓަރުން އޮތީ ހަބަރު ދީފައެވެ.
އެކަމުގެ ސަބަބުން ބާޒިލް އަށް ޖެހުނީ އެހިސާބުން ކިޔެވުން މެދުކަނޑާލާފައި ބައްޕަ ބަލަހައްޓަން ރަށަށް އަންނާށެވެ. އޭރުވެސް ބާޒިލް އަޔަނުދިނުމަށް އެކި ގޮތްގޮތަށް ވިސްނައިދޭން ސާރާ މަސައްކަތް ކުރިއެވެ. ހުރިހާ ކަމެއް ދޫކޮށްލާފައި ލޯބިވާ އާއިލާއަށްޓަކައި ބާޒިލް އައީ ރަށަށެވެ. އޭނާ ބައްޕަގެ ހުރިހާ ކަމެއް ބެލެހެއްޓިއެވެ. އެސްޓީއޯ ގަ ބައްޕަ އަދާކުރި ވަޒީފާ އޭނާ އަށް ހަމަޖައްސައިދިނުމަށް އޭނާ އެކިފަހަރު މަތިން ސިޓީ ލައިގެން އެންމެފަހުން އެކަން ކާމިޔާބުވެސް ވިއެވެ. ލޯބިވާ ދައްތައިންގެ ކިޔެވުމުގެ ހަރަދުތަކާ ގޭތެރޭގެ އެހެނިހެން ހަރަދުތައް ބާޒިލް އަށް ހަމަޖެއްސުނެވެ. އެކަމަކު ދެން ދިމާވީ އެހެން ގޮތެކެވެ. ބައްޕަގެ ބޭސްފަރުވާއަށް ގޮވައިގެން މާލެ އަންނަންޖެހުނީ މުސާރައިގެ އެއްބައި ލިބޭގޮތަށް ޗުއްޓީ ހަމަޖައްސައިގެންނެވެ. މާލޭގައި ބައްޕަ އާއި މަންމަ ގޮވައިގެން އޭނާ ދިރިއުޅުނީ ތަނަވަސް ދިރިއުޅުމެއް ނޫނެވެ. ބައްޕަގެ ނާރަކަށް ލިބިފައިވާ ގެއްލުމަށް ރާއްޖެއިން ނުކުރެވޭ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރަންޖެހުމުން އޭނާ ހަތަރުއުދަރެސް ފެނުޖެހުނެވެ. ހަދާނެ އެއްވެސް ގޮތެއް ނެތިގެން އޭނާ ބައްޕަ ގޮވައިގެން ހޮސްޕިޓަލުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އޭނާގެ ބޮލުގައި އޯގާތެރިޔަކު ފިރުމާލިއެވެ. އެއީ މާލޭގެ ނަން މަޝްހޫރު ވިޔަފާވެރިޔާ އައްޒާމް އެވެ. ފުރަތަމަ ނަޒަރުންވެސް ބާޒިލްގެ ސާދާ ދިރިއުޅުން އައްޒާމްގެ ހިތް އަތުލިއެވެ. އަނބިމީހާގެ ކެންސަރު ބައްޔަށް ބޭސްކުރަން އައްޒާމްވެސް އުޅުނީ ހޮސްޕިޓަލުގައި އަނބިމީހާ އެޑްމިޓް ކޮށްގެންނެވެ. ދެފަރާތުން ރަހްމަތްތެރިވެ ދެކެވުނު ވާހަކަތަކުން ބާޒިލް އަށް އެނގުނީ އައްޒާމްގެ އާއިލާ ބިނާވެފައި އޮންނަނީ އޭނާގެ ރަށަށް ކަމެވެ. އައްޒާމްގެ ދެ އަންހެންދަރީން ތިބޭކަމެވެ. އަދި އެދަރީންދެކެ އޭނާ ނިހާޔަތަށް ލޯބިވާކަމެވެ. އައްޒާމްގެ އަނބިމީހާ އަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ ޒިޔާދުވެސް ގޮވައިގެންނެވެ. ދެ ހޮސްޕިޓަލެއްގައި ދެ އާއިލާއިން ތިބެން ޖެހުނަސް ބާޒިލްގެ އަށް އެހީތެރިވުމަށް އައްޒާމްގެ ދޮންދަރިފުޅު ހޭދަކުރިއެވެ. އެއީވެސް ހަރުދަނާ ފުލުހެއްގެ ވަޒީފާ އަދާކުރާ ފަރާތެކެވެ. އެއީ ބާޒިލްއަށްޓަކައި އައްޒާމް ވެދިން ބޮޑު އިހުސާންތެރިކަމެކެވެ.
(ނުނިމޭ)