"ސީރިޔަސްކޮށޭ ދޮނާ. ރޭގަ ނުނިދަން ދޭއް ޖެހިއިރުވެސް. ލޫލު މަތިން މިސްވާވަރުން ދޮނާ ފޯނުން ޒޭބާއްތަ އަށް ވެސް ގުޅިން. އަނެއްކާ ނުލާހިކު ފަތިހާ މިހޭލެވުނީ. ޔަގީނޭ އިމާމު މީހާ އަދި ސަލާންވެސް ނުދޭނެކަން. އެނގޭތަ މިއަދު ހޮޑެއްނުލަވާ. އެހެންވީމަ މިކަމަށް ހައްލު ލިބުނީނު. ކޮންމެ ދުވަހަކު ފަތިހާ އޯކާ ދެމޭވަރުން ކަރުން ހަންގޮސްފަ އޮންނަނީ" މެލެކް ވާހަކަދެއްކިއެވެ.
މައިލީން އާއި ތަބައްސުމް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިނެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.
މެލެކްއަށް ރޭގަނޑު ދޭ ބޭހުގެ މިލިގްރާމް އިތުރުކުރަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގުނެވެ.
މެލެކްގެ ނިންޖަށް ބަދަލެއް އަތުވެއްޖެނަމަ އެއް އަހަރުގެ މުއްދަތަށް ބޭހުގެ މިލިގްރާމް އިތުރުކުރަން ޑޮކްޓަރުން އޮތީ ބުނެފައެވެ. މެލެކްގެ މޫނަށް މައިލީން ބަލައިލާފައި ވާހަކަދެއްކުމަށް ތައްޔާރުވެލިއެވެ.
"ތިއީ ކޮންކަހަލަ ފަރުވާއެއް. ތިއަށް ކިޔާނީ ބޮޑެތި ގެއްލުން. އެންމެ ފުރަތަމަ ހިނގާ ނަމާދުކުރަން. ހެނދުނު ސައި ގަޑީގަ މެލީ އަށް ކިޔައިދޭނަން ނިދި ހަމަނުވީމަ އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން" މައިލީން ބުންޏެވެ.
މެލެކް ދެފަރާތަށް ބޯހޫރާލިއެވެ. ރަނގަޅު އެއްގޮތެއްވެސް ނެތީބާއޭ އޭނާގެ ހިތަށް އެރިއެވެ.
ދެ ދަރީން ނަމާދަށް އެރުމުން ޒިކުރު ކިޔަމުން އައިސް ތަބައްސުމް އިށީނީ ގޭތެރޭގައި ހުރި އަދަރާދު ގޮނޑިއެއްގައެވެ. ކުއްލިއަކަށް މެލެކްގެ ހަޔާތަށް ބިންދާލި ބޮޑު ރާޅުގެ ކުރިންވެސް ދަންވަރު ގިނަވަގުތު ނުނިދާ ހޭލާ އޮވެއެވެ. އޭރުވެސް ބުނާނީ ހަމަ ނިދި ނާންނަނީ ކަމުގައެވެ. ބައްޔަށް ފަހު އެކަން އެއްކޮށް ފިލައިގެން ދިޔައެވެ. އަނެއްކާ މެލެކްގެ ބަލި އެއްކޮށް ރަނގަޅުވާން އުޅެނީ ހެއްޔެވެ؟ އާދައިގެ ދިރިއުޅުމެއް މެލެކް އަށް ލިބެނީ ހެއްޔެވެ؟ އެބުނީ މިއަދު މޭނުބައިވެސް ނުކުރާ ވާހަކައެވެ. ހެއްދެވިފަރާތަށް ތަބައްސުމް ދުއާކޮށްލިއެވެ. އޭނާގެ ހަގުދަރިފުޅަށް ހެޔޮ ސިއްހަތެއް ދެއްވުމަށް އެދިއެވެ.
"މަންމަ ތި ވިސްނަނީ ނުބައިކޮށް. މެލީ ރަނގަޅުވާން އުޅެންޏާ ފެންނާނީ މިކަހަލަ ނިޝާންތަކެއް ނޫން. ނިދު ނަޔުމަކީ މެލީ ކަމަކާ ފިކުރުކުރާކަމުގެ އަލާމާތެއް. އެގޮތަށް ފިކުރުކުރުން އެއީ މެލީއަށް ރަނގަޅު ކަމެއްނޫން. މިހާރު އެނގިއްޖެ ރޭގަނޑު ނުނިދާ އޮވެ މެލީ ފިކުރުކުރަނީކަން. އަޅުގަނޑުމެންވީ މެލީ ކައިރީގަ އަހައިގެން ފިކުރުކުރާކަމެއް އޮޅުންފިލުވަން. އޭރުން ކޮންމެސް އެއްޗެކޭ ކިޔައިގެން ހަމަޖައްސާލެވޭނީ" މައިލީން ވާހަކަދެއްކިއެވެ.
"ދެން އެހެންތާ ވާނީވެސް. ވިސްނާނެތާ ކުރިމަތިން ފެންނަ މަންޒަރުތަކުން. މަންމަ ބަލާނަން މިއަދު މެލީ އާ ވާހަކަދައްކާލެވޭތޯ" ތަބައްސުމް ބުންޏެވެ.
"މިއަދު ވަޒީފާ އަށް ދެވޭނީ ތަންކޮޅެއް ލަހުން. ދިހައެއް ޖަހާއިރަށް ފުރަންޖެހޭނެ އަތޮޅު ހޮސްޕިޓަލަށް. ކޮންމެހެންވެސް މެލީގެ ބޭސް ބަދަލުކުރަން އެބަޖެހޭ. އަތޮޅު ހޮސްޕިޓަލުން ނޫނީ އެ ބޭހެއް ނުލިބޭނެ. މަންމަ މެލީއަށް ބަލައްޗެ" މައިލީން ތަބައްސުމްގެ އަތުގައި ހިފާލިއެވެ. ތަބައްސުމްގެ ދެލޮލުން ކަރުނައެއް ނީރާލިއެވެ. މެލެކްއަށް ޓަކައި ކޮންމެދުވަހަކު މައިލީން އެދަނީ އެތައް ސިފައެއްގައި ގުރުބާން ވަމުންނެވެ. ތަބައްސުމް މައިލީންގެ މޫނުގައި ފިރުމާލިއެވެ.
****
ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެން އިނަސް ބާޒިލްގެ ވިސްނުން ގޮސްފައިވަނީ ރޭގައި ސާރަ ދެއްކި ވާހަކަތަކަށެވެ. މިއަދު އޭނާ ސާރާ އަށް ކޮންމެސް ޖަވާބެއް ދޭންޖެހޭނެއެވެ. އޭނާ ބޭނުންވަނީ ސާރާ ހިތްހަމަޖައްސާށެވެ. އޭނާގެ ސަބަބުން ސާރާއަށް ލިބުނު އެކަނިވެރިކަމާއި ހިތްދަތިކަން ހަނދާންނެތޭހާ ވަރަށް އުފާކޮށްދޭށެވެ. އެހެންނަމަވެސް މިފަހަރު ސާރާ އެދޭ އެދުން އޭނާއަށް ފުރިހަމަކޮށްދެވޭނެހެން ހިއެއް ނުވެއެވެ. އޭނާ އަށް ވިސްނެނީ އެކަމާއެވެ. ސާރާ ހިތްހަލާކުކޮށްލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ސާރާ އެދޭ އެދުން ފުރިހަމަކޮށްދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
"ކޮން ވިސްނުމެއްގަ" ބާޒިލް ބަލައިލީ އޮފީހުގައި އުޅޭ އޭނާގެ އެންމެ އެކުވެރި މޯޑު ގެ އަޑުންނެވެ.
"ނޫވިސްނަން. ކަލޭ ކަމަކުތަ؟" ބާޒިލް އަހާލިއެވެ.
"ދީބަ އިންބޮކްސް ޗެކްކޮށްލަން. މަގޭ ސިސްޓަމް ހުރީ ގޮވާފަ" ފަހުދު ބުންޏެވެ.
ލޮގްއައުޓް ވެލާފައި ބާޒިލް އެއްކައިރިއަކަށް ޖެހިލިއެވެ. މޯޑު ބޭނުންކުރަން އޭނާގެ ލެޕްޓޮޕް ދިނުމަށްފަހު ފޯނު ހިފައިގެން ބާޒިލް ޖެހިލީ ބެލްކަންޏަށެވެ. އޭނާ އަށް ސާރާގެ ފޯނު އައީ އެވަގުތުއެވެ.
"ފަހަރެއްގަ ތަންކޮޅެއް ލަސްވެދާނެ. އެކަމުވެސް މިއަދު ގެއަށް ދާނީ ސާރާ ކައިރިއަށް ގޮސްފަ. އޯކެއެއްނު" ބާޒިލް ބުންޏެވެ.
އެއީ މޯޑު ނިކުންނަން ދިޔަ ވަގުތެވެ. އޭނާ ބާޒިލް އަށް ދައުވަތު ދިނެވެ. އޮފީހުގައި މާބޮޑު މަސައްކަތެއް އެވަގުތު ނެތުމުން ދެ ރަހްމަތެރީން ނިކުތީ އޮފީސް ކައިރީގައި ހުންނަ ކެފޭއަށް ދިޔުމަށެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތަށް ވުމުން މާގިނަ މީހުނެއް ނެތެވެ. ރަނގަޅު ހިޔާދޭ ގަހެއްގެ ދަށުގައި ހުރި މޭޒެއް ކައިރީގައި ދެ ރަހްމަތްތެރީން އިށީނެވެ. ކޮފިއަށް އޯޑަރު ދީފައި މޯޑު ސިނގިރެޓެއް ނަގާ ރޯކޮށްލިއެވެ.
"ކިޔާބަލަ ބޮލަށް ތި އުނދަގުކުރާ ކަންތައް" ވައި ތެރެއަށް ދުންތައް ފޮނުވާލަމުން މޯޑު ބުންޏެވެ.
"ސާރާ ކަމަކަށް ޑިމާންޑްކުރަނީ" ބާޒިލް ބުންޏެވެ.
އޭނާ މޯޑަށް އެވާހަކަތައް ކިޔައިދިނެވެ. އަދި އެކަން އެގޮތަށް ކުރުމަށް އޭނާ އޮތް ހުރަސްތައް ވެސް ކިޔައިދިނެވެ. ހަމަ އެގޮތަށް ކުރިން ސާރާ އަށް ބޭވަފާތެރިވެވިފައި ވާތީ އެކަންކަން ކޮށްދޭން ބޭނުންވާ ވާހަކަވެސް ބުންޏެވެ. ފަހުވަގުތު އޭނާ އެދުނީ ރަހްމަތްތެރިޔާގެ ހިޔާލަކަށެވެ. މީގެކުރިންވެސް މޯޑު ވަނީ ބާޒިލް ބޭނުންވި ކޮންމެ ވަގުތަކު ހިޔާލު ދީފައެވެ. މޯޑަކީ ބާޒިލް އަށް ލިބިފައިވާ ރަނގަޅު ރަހްމަތްތެރިއެކެވެ.
"އަހަރެން ބުނަންތަ ވާހަކައެއް. މި އޮފީހުގަ އުޅޭ އެއްވެސް މީހަކަށް އެނގޭހެނެއް ހިއެއްނުވޭ ކަލޭ އުރަހަގޭ މެލެކް އާ އިންކަމެއް. މިރަށު ގިނަމީހުންނަށް ވެސް އެނގޭހެނެއް ހިއެއްނުވޭ. ރަށު މީހުންގެ ފާޑިކިޔުންތަކުން ސާލާމަތްވެފައި ތިވަނީ އެހެންވެ. ބުނަން މިއުޅެނީ ސާރާގެ ވާހަކަ. އަހަރެން ގަބޫލުކުރަން ސާރާ އަކީ އަބަދުވެސް ކަލޭ އެންމެ ލޯބިވި މީހާ ކަން. މެލެކް އާ އިނީ ކީއްވެގެންކަން ސާރާ އަށް އެނގެއެއްނު. އަހަރެން ބުނަންތަ ރަހްމަތްތެރިޔާ. ގިނަ މީހުންނާ އެއްކޮށް ދިރިއުޅުމުގެ ގިނަ ތަޖުރިބާތައް ކުރެވިފައި ހުރީމަ ގިނަ ތަޖުރިބާ ލިބޭނެ. މިބުނީ އަހަރެންގެ ވާހަކަ. އުމުރުން ތިރީސް އަށް އަހަރު ވިއިރު އިނދެގެން މިއުޅެނީ ފަސް ވަނަ މީހާ އާ. ހަތް ދަރީން އެބަތިބި. އަހަރެންނަށް ކުރެވުނު ތަޖުރިބާގެ އަލީގައި މިބުނަނީ ތިމާގެ ހަޔާތަށް ކިތަންމެ ލޯބިވާ މީހެއް އައި ނަމަވެސް މައިންބަފައިން މަތިން ލޯބިވާ އާއިލާ މަތިން ހަނދާންނައްތާނުލާތި. ތިމާ އާ އެކު ހަޔާތް ވޭތުކޮށްލާނެ ހިތްހެޔޮ ބައިވެރިޔަކު ލިބިދާނެ. އެކަމަކު ގެއްލިއްޖެ މައެއް ބަފައެއް އާއިލާ މީހެއް ދުވަހަކުވެސް ނުލިބޭނެ. ތިމާ ހާލެއްގަ ޖެހިއްޖިއްޔާ އަޅާލާން ތިބޭނެ ބަޔަކީ ހަމަ އެމީހުން. އަހަރެން މިބުނަނީ ސާރާ އާ ފާޅުގައި ނޫނެކޭ ބުނާށެކޭ ނޫން. ސާރާ އަށް ވިސްނައިދީ. ސާރާގެ ހިތުގައި އުފެދިފައިވާ ބިރަކީ ކޮބާތޯ ބަލާ އޮޅުންފިލުވާ" މޯޑުގެ ވާހަކަތަކަށް ފަހު އޭނާ އަމަލުކުރަންވީ ގޮތް ބާޒިލް އަށް ވިސްނިއްޖެއެވެ.
****
ހަވީރުގެ ވަގުތެވެ. ބަނދަރުމަތީގައި އެންމެން ތިބީ ހަވީރުގެ ވަގުތަށް ހިނގާލަން ގޮހެވެ. ގޭ ކައިރީ ހުރި ފިހާރައަށް މެލެކް އައީ ލޫލޫ މައިލީން އާ ހަވާލުކޮށްފައެވެ. ހެޕީކޯނަރ ކައިރީގައި ހުރި ފިހާރައިން މެލެކް ނިކުތް ވަގުތު އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ގޭ ދޮރާށި ކައިރީގައި ވެއްޓިފައި އޮތް ސައިކަލެވެ. އޭނާ ފިހާރައަށް ވަތްއިރު އެ ސައިކަލެއް ނެތެވެ. ހައިރާންވެފައި އެއަށް ބަލަހައްޓައިގެން ހުއްޓާ ކައިރިން މީހަކު ވާހަކަދެއްކި އަޑު އިވުނެވެ.
"މިގޭ ފިރިހެން ސޮރު ތަންތަން މަށާލައިގެން އައިސް އެވަނީ. މަންޖެ ދޭބަލަ ބަލައިލަން" އެއީ ހެޕީކޯނަރ ދޮރުމަތީގައި ހުންނަ ގޭގައި ދިރިއުޅޭ އަންހެންކެވެ.
"ދައްތަމެންގޭ ސޮރެއް ލައްވާ މި ސައިކަލް ކޮޅަށް ޖަހާލަދޭންވީނުން" މެލެކް ބުންޏެވެ.
މޭގައި އަތް އަޅައިގެން ހުރެ މެލެކް ގޭތެރެއަށް ވަނެވެ.
"މަންމާ... މަންމާ..." އޭނާ އެ އިވުނީ ބާޒިލްގެ އަޑެވެ. މެލެކް މޭގައި އަތްއަޅާލިއެވެ. ބާޒިލްގެ އަޑުގައި ރިހުމެއްގެ އަސަރު ހުއްޓެވެ. ބަލައިލިރު ބާޒިލް އިނީ ސޯފާގައެވެ. ނިތުގެ ބުމަ މަތިން ފަޅައިގެން ގޮސްފައި ހުރިތަނުން ލޭތައް ފައިބަމުން ދިޔައިރު އެއް އަތުގެ އުނޅަބޮށިން ވެސް ބޮޑު ތަންގަނޑެއް މަށައިގެން ގޮސް މީހާ އިނީ އަޅަމުން ދިޔަ ވޭނެއް ކެތްކުރަން ދަތިވެފައެވެ.
"ސުބްހާނަﷲ... މިއީ ކޮންކަމެއް" އަތުގައި އޮތް ކިއްލި ގޮށި ސޯފާއަށް ދޫކޮށްލާފައި މެލެކް އަށް ހިފުނީ ބާޒިލްގެ އަތުގައެވެ. އެއްވެސް އިހުތިޔާރަކާނުލާ އޭނާއަށް ބާޒިލްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިގޮތަށް ބުމަ ކައިރިން ފަޅައިގެން ގޮސްފައި ހުރިތަނަށް ފުމެން ފެށުނެވެ. މެލެކްގެ މޫނަށް ގާތުން ބާޒިލް ބަލައިލިއެވެ. މެލެކް ހުއްޓުވާނެ ހިތްވަރެއް އެވަގުތު އޭނާއަށް ނުލިބުނެވެ.
"މި އަންނަނީ" ދުމެއްހެން މެލެކް ދުއްވައިގަތީ ގޭތެރެއަށެވެ. ބާޒިލްގެ އެ ޒަހަމްތަކަށް ފަރުވާއެއް ދެވޭނެ އެއްވެސް އެއްޗެއް ހިތްއަވަސްވެފައި ހުރުމުން އޭނާއަށް ނުފެނުނެވެ. އެހެންވެ އޭނާ އައީ ހުދު ފޮތިކޮޅަކާ ލޫލޫ ގެ ރީތިވާ ވަށިގަނޑުގައި ފޫޅު ސާފުކުރަން ގެންގުޅޭ ސްޕިރިޓް ފުޅި ހިފައިގެންނެވެ.
"ޔަގީން ސައިކަލުން ކަހާލީކަން. ބާޒިލް އަށް އަޅެ ނޭނގޭތަ ބަލައިގެން ދުއްވަން" ކައިރީގައި އިށީނދެފައި މެލެކް ހިފެހެއްޓީ ބާޒިލްގެ އަތުގައެވެ. ބާޒިލްގެ ސަމާލުކަން ދެވިފައިހުރީ މެލެކް ގެ މޫނަށެވެ. އެއީ މީގެކުރިންވެސް މެލެކްގެ ފަރާތުން އޭނާ އަށް ލިބިފައިވާ ހިތްހެޔޮކަމެވެ. އެއަކަށް ބަދަލެއް ނާދެއެވެ. ކުއްލިއަކަށް މެލެކްގެ އަތުތެރެއިން ބާޒިލް އަތް ދަމައިގަތެވެ.
"މަންމަ ކޮބާ؟ ކުޑައްތަ އަށް ވިޔަސް ގޮވާބަލަ" ބާޒިލް ބުންޏެވެ.
"އެކަކުވެސް ގެއަކު ނެތޭ. އެންމެން އެބަތިބި ބަނދަރުމަތީގަ. ދެން މިގަޑީގަ ބޮޑާނަހާކަލަބަ. ނެތެއްނު މިތަނުގަ ސާރާއެއްވެސް ބާޒިލް އަށް އަޅާލާކަށް. ބަސްއަހާބަލަ" މެލެކް ބާޒިލް އާ އިތުރަށް ގާތްވެލިއެވެ. ދެއަތް އުފުލާލުމަށްފަހު ގެނައި ފޮތިކޮޅުން ބުމަ ކައިރި މެލެކް ދިޔައީ ސާފުކުރަމުންނެވެ. އެހާ ގާތުން މެލެކްގެ މޫނު ފެންނަމުން ދިޔައިރު ބާޒިލްގެ ހިތުގެ ތެޅުމަށް ބަދަލުއަންނަމުން ދިޔަކަމެއް ނޭނގެއެވެ. މެލެކްގެ ހޫނު ނޭވާތައް ބާޒިލްގެ ނޭފަތު ކުރިއަށް އިހުސާސުވަމުން ދިޔައެވެ. މެލެކްގެ ޖިސްމުން ދުވާ ހިތްގައިމު މީރު ވަސް ބާޒިލްގެ ވޭންތަކަށް ފަރުވާއެއް ކަމުގައި ވެއްޖެއެވެ.
"މިއީ އެވަރުގެ ކަމެކޭ. ދެން ރަނގަޅުވާނީ ހޮސްޕިޓަލަށް ގޮސް ބޭސްއަޅާލިއްޔާ" ބާޒިލް އާ ދުރުވެލަމުން މެލެކް ބުންޏެވެ. ކަޅިޖަހާނުލާ ބާޒިލް އިނީ މެލެކްގެ މޫނަށް ބަލަހައްޓައިގެންނެވެ.
"މުޅި ގަމީހުގަވެސް ލޭ" ބާޒިލް ލައިގެން އިން ވައިލެޓް ކުލައިގެ އެއްފަރާތު މޭމަތިން ލޭތައް ފެނުމާއެކު ބޭއިހްތިޔާރުގައި މެލެކް އަށް އެތަނުގައި އަތް އެޅުނެވެ. މަޑުމަޑުން އޭނާ ލޭތަކުގެ މަތީގައި އިނގިލިތައް ހިންގާލިއެވެ. މެލެކް އަށް ހައިރާންކަމެއް ލިބުނީ އޭނާގެ އަތުގެ އިނގިލިތަކުގައި ބާޒިލް ހިފެހެއްޓުމުންނެވެ. ސިހިފައި މެލެކް އަށް ބާޒިލް އަށް ބަލައިލެވުނެވެ. ބާޒިލްގެ ދެލޮލުން ފާޅުވަމުން ދިޔައީ މިފަހުން މެލެކްއަށް ފެނުނު ކުލަވަރެއް ނޫނެވެ. އެ ބެލުމުގައި ބަހުރުވައެއް ވާކަމުގައި އޭނާގެ ހިތް ބުންޏެވެ. އޭނާ އަށް ނޭނގުނީ އެ ބަހުރުވަ ޝަރަހަ ކުރާށެވެ. ދެ ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބެވެ. މެލެކްގެ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ދެ ޒުވާނުންނަށް ވެސް އެކަކު އަނެކަކާ ދުރަށް ޖެހިލެވިއްޖެއެވެ.
"ދޮނާ... " ބާޒިލްގެ އަތުތެރެއިން މަޑުމަޑުން އަތް ދަމައިގަނެފައި ފޯނު ހިފައިގެން މެލެކް ދުރަށް ޖެހިލިއެވެ.
ބޮލުގެ ދެފަރާތުން އަތް އެޅިގޮތަށް ބާޒިލް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އޭނާއަށް ކުއްލިއަކަށް އައި ބަދަލެއް ނޭނގުނެވެ. އެގޮތަށް އެކަން ވެގެނެއް ނުވާނެއެވެ. އޭނާއަކީ ސާރާގެ މީހެކެވެ.
"އެންމެން އެބަ އާދޭ" މެލެކް ބުންޏެވެ.
ބާޒިލް ބަލައިލަންވާއިރަށް މެލެކް އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ދިޔަގޮތަށް ވަނީ ބަދިގެއަށެވެ. ކޮފީ ހަދައިގެން އައިސް އެއް ތަށި ބާޒިލް އަށް ދިއްކޮށްލިއެވެ. ތަށީގައި ނުހިފަން ހުރެފައިވެސް ބާޒިލް ހިފިއެވެ. މެލެކް އިށީނީ ސޯފާގެ އަނެއްކޮޅުގައެވެ. ދެމީހުންގެ މެދުގައި ދެމީހުންނަށް އެކަކަށް އިށީނދެވާހާ ޖާގަ ހުއްޓެވެ. ލަސްލަހުން ކޮފީ ބޮލުން މެލެކް ގެ މޫނަށް ބާޒިލް ބަލައިލައެވެ. ކޮފީ ތަށީގައި ހިފައިގެން އިންގޮތަށް މެލެކް އިނެވެ.
އެއްޗެއް ބުނަން ކަރުކެހިލިގޮތުން މެލެކް ބަލައިލިއެވެ.
"މެލީ ކޮންއިރަކު ކޮފީ ބޯން ފެށީ" ބާޒިލް އަހާލިއެވެ.
މެލެކް ކޮފީ ތައްޓަށް ބަލައިލިއެވެ. އޭނާ ކޮފީ ނުބައިކަން އެނގޭ އިރުވެސް ބާޒިލް އާ ބައިވެރިވާހިތުން ކޮފީ ހަދައިގެން އައީއެވެ. އޭނާ އެންމެފަހަރަކު ވެސް ތަށީގައި އަނގަ ޖައްސާނުލައެވެ.
"ބާޒިލް އަށް އަހަރެންގެ ކޮންކަމެއް އެނގެނީ. ކޮފީ ބޯތީއެއްނު ކޮފީ ހަދައިގެން އައިސް މީނީ" މެލެކް ބުންޏެވެ.
"މެލެކްގެ އަހަންނަށް ނޭނގޭ އެއްކަމެއްވެސް ނޯންނާނެ. ބުނެދޭންވީތަ؟" ކުއްލިއަކަށް މެލެކް އާ ވާހަކަދައްކާލާހިއްވީ ކީއްވެކަމެއް ބާޒިލްއަށް ނޭނގުނެވެ.
"އުނހު. ބުނާނެ ކަމެއްނެތް. އަހަރެންގެ ކަންކަން އެނގުނަސް ކޮންފައިދާއެއް ވާނީ. ބާޒިލްއަށް އެނގެންޖެހޭނީ ސާރާގެ ކަންކަމެއްނު" މެލެކް ބުންޏެވެ.
"ސާރާއެއް ނޫނޭ އަހަރެންގެ...." ބާޒިލްއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
ދޮރާށި ލެއްޕިގެން ދިޔަ އަޑު އިވުމާއެކު މެލެކް އަށް އެންމެން ގެއަށް އައީކަން އެނގުނެވެ. އޭނާ ތެދުވެގެން ދިޔަގޮތަށް ޒިންކަށް ކޮފީ ތަށި އަޅާލިއެވެ. ތަށި ދޮވެލާފައި އަލުން ގޭތެރެއަށް ނިކުތްއިރު ބާޒިލްގެ ދެފަރާތުގައި މައުސޫމާ އާއި ޒޭބާ އިނެވެ. އެމީހުން ބާޒިލް އާ ސުވާލުކުރަމުން ދިޔައެވެ. އަލުން އައިސް މެލެކް އިށިންކަން އެނގުމުން އަނެއްކާވެސް މެލެކްއަށް ބާޒިލް ބަލައިލިއެވެ. އޭނާގެ ޖުމްލަ ފުރިހަމަނުކުރެވެނީސް ގޭ މީހުން އައިކަން ނަސީބެކެވެ. މަންމަ ބުނިހެން ވާހަކަދެއްކުމުގެ ކުރިން ވިސްނާލަން އެބަޖެހެއެވެ.
"ނަސީބެއްނު މެލީ އަށް އެވަގުތު އާދެވުނުކަން. ދަރިފުޅަށް ނޭނގޭތަ ވެއްޓި ތަންތަން ފަޅައިވގެން ދިޔުމުން ހުރި ހިސާބުން ފަރުވާދޭ ހިސާބަކަށް ދާން" މައުސޫމާ ބުންޏެވެ.
"ހަނދާނެއްނުވި މަންމާ" ބާޒިލް ބުންޏެވެ.
ބަލާބަލަ. ލޫލޫ... ދެލޯ ވަށްކޮށްގެން ބަލަހައްޓައިގެން އިންގޮތުން އެނގެއޭ ބައްޕަ އަށް އައްދޮ ވެފައި އިންކަން" ޒޭބާ ބުންޏެވެ.
ބާޒިލް ލޫލޫ އަށް ބަލައިލިއިރު ތެދެކެވެ. ލޫލޫ ގެ ނަޒަރު ހުއްޓިފައިވަނީ ބާޒިލް އަށެވެ. ލޫލޫ އިނީ މެލެކްގެ އަތްމަތީގައި ވުމުން ކައިރިވެލާކަށް ނުކެރުނެވެ.
"ތެދުވޭ. ހިނގާ ހޮސްޕިޓަލަށް ދާން. ބައްޕައަކަށް ނާދެވޭނެ އެހާ އަވަހަކަށް" ޒޭބާ ބުންޏެވެ.
****
ބާޒިލް އާ ނުލާ މިއީ ސާރާ ހެޕީކޯނާ އަށް އައި ފުރަތަމަ ފަހަރެވެ. ސައިކަލުން ބާޒިލް ވެއްޓިގެން އަނިޔާވެގެން މަރުކަޒަށް ގެންދިޔަ ވާހަކަ ސާރާ ކައިރީގައި ބުނީ ސިހާމާ އެވެ. ސިހާމާ އަކީ މަރުކަޒުގެ މަސައްކަތު މީހެކެވެ. ބޭސްއަޅާ ކޮޓަރިއަށް ބާޒިލް ވަދެ އިންދާ ފެނުމުން ސީހާމާ ސުވާލުކުރީ ޒޭބާ އާއެވެ. ސާރާ އައީ ބާޒިލް ކައިރިއަށް ނައިސް ނުހުރެވިގެންނެވެ. ގޭތެރެއިން އެއްވެސް މީހަކު އޭނާ އަށް ނުފެނުނެވެ. އޭނާ މަޑުމަޑުން ގޮސް ބާޒިލްގެ ކޮޓަރި ދޮރުހުޅުވާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތެވެ. ލޫލޫ ގެ ކޮޓަރިން ނިކުތް މެލެކް އަށް ގޭތެރޭގައި ހުރި ސާރާ ފެނުމުން ހިނިތުންވެލީ ގަދަކަމުންނެވެ. ކުއްލިއަކަށް އޭނާ ހިތަށް ސިފަވީ ބާޒިލް އޭނާގެ އަތުގައި ހިފަހައްޓައިގެން އިންގޮތެވެ. އޭނާއަށް ޔަގީނެވެ. އެވަގުތުކޮޅަކީ އޭނާއަށް އެތައް ހިތްހަމަޖެހުމެއް ގެނެސްދިން ވަގުތުކޮޅެކެވެ.
"ބާޒިލް ހޮސްޕިޓަލުން އަދި ނާދޭ" ސާރާ ބަލައިލީ މެލެކް ވާހަކަދެއްކި އަޑަށެވެ. ސާރާ ބަހެއްނުކިޔާ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. އޭނާ ހިތްހަމަނުޖެހުނީ ބާޒިލް ދެކެއެވެ. އެވަރަކުން ގެއަށް އައީ ބާޒިލް ގޭގައި ހުރިކަމަށެވެ. ގުޅީމަ ފޯނު ނެގީއެއް ނޫނެވެ. މެސެޖަށް ރިޕްލައި ކުރީއެއް ނޫނެވެ. ބާޒިލް ގޭގައި ނެތްކަން މެލެކްގެ ފަރާތުން އެނގުމުން އިތުރަށް ހިތްހަމަނުޖެހުނެވެ.
"މަންމަ އާ ޒޭބާއްތަ ނަމާދަށް ވަތްގޮތަށް އަދި ނުނިކުމޭ. އާދޭ އަހަންނާއެކު ލޫލޫ ގެ ކޮޓަރިއަށް" މެލެކް ވާހަކަދެއްކީ އެކުވެރިކަމާއެކުގައެވެ.
ސާރާގެ ފަރާތުން ވަކި ޖަވާބެއް ނައުމުން މެލެކް ކޮޓަރި އަށް ވަނެވެ. ލޫލޫ އެނދުގައި ބާއްވާފައި އޭނާ އައީ ރީތިވާ ވަށިގަނޑު ހިފައިގެންނެވެ. ދެން އަލަމާރިން ޕިޖާމާކޮޅެއް ނަގައިގެން އައިސް ލޫލޫ ކައިރީގައި އެނދުގައި އިށީނެވެ. އޭގެއިރުކޮޅެއް ފަހެވެ. މަޑުމަޑުން ކޮޓަރީ ދޮރުހުޅުވާލައިފިއެވެ. ސާރާ ވަތްތަން ފެނުމުން މެލެކް ހީލިއެވެ.
'އަވަހަށް އާދޭ" މެލެކް ބުންޏެވެ.
ސާރާ ވަދެގެން އައިސް އިށީނީ އެނދުގެ ކުޑަ ތަންކޮޅެއްގައެވެ.
"ސާރާ އަދިވެސް ހާދަ ބީރައްޓެއްސޭ ދޯ. ނިކަން ލޫލޫ އަށް ގޮވާލަބަލަ. ސަމާސަކޮށްލަބަލަ. ތިއެއްނު ލޫލޫގެ ފިއުޗާ މޯމް އަކީ" ލޯޝަންފުޅިން އަތަށް އެތިކޮޅެއް އަޅާލަމުން މެލެކް ބުންޏެވެ. ފަރިތަކަމާއެކު ލޫލުގެ ގައިގައި މެލެކް ލޯޝަން ހާކަމުން ދިޔަގޮތް ބަލަން ސާރާ ހުއްޓެވެ. އޭނާ މަޑުމަޑުން އެނދުގެ ކަނެއްގައި އިށީނެވެ. މެލެކްގެ މޫނަށް ބަލައިލީ ފާޑެއްގެ ބެލުމަކުންނެވެ.
"މެލެކް ތިހުރިހާ ކަމަކަށް ހާދަ ފަރިތައޭ ދޯ" ސާރާ ބުންޏެވެ.
"އާނ. ހިއެއްނުވޭ އަލަށް ހެނެއް. ހީވަނީ ކުރިންވެސް ކުރަމުން އައި ކަމެއްހެން. އަން އާދެބަލަ ހެދުންކޮޅު ލައްވާލަން" މެލެކް ބުންޏެވެ.
"ނޫނޭ އަހަރެން ކުރަންޖެހޭ ކަމެއްނޫން ތިއީ. މެލެކް އާ މާ ގުޅޭ" ސާރާ މަނާވެގަތެވެ. މެލެކް ހީލާފައި ލޫލޫ ނަގާ އޭނާ އުނގަށް ލިއެވެ. ސާރާގެ އެ ޖުމްލަ މެލެކްގެ ސިކުނޑީގައި ހަރުލައިފިއެވެ. ލޫލުގެ ކަމަކީ ސާރާ ކުރަންނުޖެހޭ ކަމެކޭ ބުނެވިގެން ނުވާނެއެވެ. މާދަމާވެސް ބާޒިލް އާ ކައިވެނި ކުރުމަށްފަހު މިކަންކުރަންޖެހޭ މީހަކީ ސާރާ އެވެ. ސާރާއަށް ހާދަ ނުވިސްނެއެވެ.
"ދެން ކޮންއިރަކުންތަ ދެކުދިންގެ ބޮޑު ރޭ އޮތީ" މެލެކް އަހާލިއެވެ.
"ނޭނގެ. ޒެއްލު ގެ ދޮންތަ އާ ތުއްތަ އަށް އާދެވުނު ދުވަހަކުން. އެކި ސަބަބުތަކާ ހުރެ އަދިވެސް ލަސްވަނީ މި" ސާރާ ވާހަކަދެއްކިއެވެ.
"އެހެންތަ... މި ނިމުނީ އޭ ދޯ ލޫލޫ ތިއްތިވެ. ނަންނަ ކިޔާ ގަޑި ޖެހުނީއޭ..." ލޫލޫ ނަގާ ދެއަތްތިލައިގައި ބޮސްދެމުން މެލެކް ބުންޏެވެ. އެ މަންޒަރު ބަލަހައްޓައިގެން އިން ސާރާގެ ހިތުގައި ކޮށްޓާލިހެން ހީވިއެވެ. ބާޒިލްގެ ފަރާތުން ޖަވާބެއް ނުލިބިގެން އުޅޭ ވާހަކަ މެލެކް އާ ދައްކަން އޭނާ އާ ވިސްނުނެވެ.
"މެލެކް ވެސް ތިއީ ލޫލު އަށް ހަމަ މަންމައެއްފަދަ ކުއްޖެއްނު" ސާރާ ބުންޏެވެ.
"އާނ... ލޫލު އަހަންނަށް ވަރަށް ހާއްސަ. ކީއްވެގެންކަމެއް ނޭނގޭ. ލޫލު ގެ އެއްވެސް ކަމެއް ކުރާކަށް އެއްވެސް މީހަކު އަތަށް ދޭކަށް ބޭނުމެއްނޫން. އެކަމަކު އެހެނެއްވެސް ނުވާނެއްނު..." މެލެކް ވާހަކަދެއްކިއެވެ.
"މެލެކް ލޫލޫ އެއްކޮށް ގެންދަންވީނުން" ސާރާ ބުންޏެވެ.
މެލެކް ހައިރާންވެފައި ސާރާއަށް ބަލައިލިއެވެ.
(ނުނިމޭ)