ވާހަކަ

ރުހުން ދީފާނުހޭ - 7

1

"ދަރިފުޅާ، މެލީ ކޮންމެ އެއްޗެއްވެސް އެބުނަނީ ގަސްތަކުނޫން. މީހުންނާ ގުޅޭ މިޒާޖެއްގެ ހިތްހެޔޮ ކުއްޖެއްވީމަ ގިނައިން އަނގަތަޅާނެ. އަދި އެބަޔަކީ އޭނާއަށް ހެޔޮއެދޭ ބަޔަކު އުޅޭ ތަނެއްކަން އޭނައަށް އިހުސާސްވަންޏާ އާދަޔާހިލާފަށް ގިނައިން ވާހަކަދައްކާނެ. މެލީގެ ހަނދާނުގައި އެބަހުރި ތިދެކުދިންގެ ރަހްމަތްތެރިކަން. ހަނދާނުގައި ނެތީ ކައިވެނިކުރި ހަނދާން. މަންމަ ނުބުންޏަސް އެވަރު ޒެއްލު އަށް އެނގެއެއްނު" ބާޒިލްގެ އަތުގައި ފިރުމަމުން މައުސޫމާ ވާހަކަދެއްކިއެވެ.

"ދެން މާގިނައިންނޭ ވާހަކަދައްކަނީ. ސާރާވެސް ދިޔައީ މެލެކްގެ ސަބަބުން" ބާޒިލް ބުންޏެވެ.

"ޒެއްލު ކީއްވެތަ ތިހާ މެލެކް އަށް ނަފްރަތުކުރަނީ. ކޮބާ މެލީގެ ކުށަކީ؟ ވިސްނާލަބަލަ މެލީ އެހުރި ހާލަތު. އަޅެ އަހަރެމެން އެމަންޖެއަށް ހަމްދަރުދީއެއް ނޫންތަ ވާންވީ. ތިދެކުދިންގެ ކައިވެނިކުރީ ޒެއްލުވެސް ރުހުންދިނީމައެއްނު. ގަދަކަމަކުން ނޫނެއްނު. ޒެއްލު ކައިރީގައި ކައިވެނި ކުރުމުގެ ކުރިން މެލީ ނުބުނޭތަ ޒެއްލު ބޭނުމިއްޔާ ދުރަށްދާށޭ... ދެން މިހާރު ކޮން ނަފްރަތެއް. ޒެއްލު ބޭނުން ދިރިއުޅުން ތިލިބެނީނު. ކާކު އެކަމަށް ހުރަސްއަޅަނީ؟ ހަމަ ޔަގީނުންވެސް ހައްގު ހޯދަން ޒެއްލުއަށް އުނދަގުކުރަން އަންނާނެ ހާލަތެއްގައެއްނޫން މެލީ އެހުރީކީ ޒެއްލުގެ ކައިވެނީގެ ފަހުން މެލީ ހުރިހާ ކަމެއް ހަނދާންވިޔަސް ތި ކައިވެންޏަށް ހުރަސްއަޅާކަށް މެލީ އެއްކަމެއްވެސް ނުކުރާނެކަން ޔަގީން ކަށަވަރު. ސާރާ ހާދަ ފިނޑިއޭ. ލޯބިވާނަމަ ނުކުޅެދޭ ހާލަތެއްގައި ހުރި ނިކަމެތި އަންހެންކުއްޖެއްދެކެ އެގަންނަނީ ކޮންހާ ބިރެއް" މައުސޫމާ ވާހަކަދެއްކިއެވެ. މަޑުމައިތިރިކަމާއެކު ބާޒިލް އަށް ވިސްނޭނެފަދަ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑުގައި ޝަކުވާއެއް ވިއެވެ.

"އަހަރެން މެލެކް އަށް ނަފްރަތެއް ނުކުރަން. އޭރުގަވެސް ނުކުރަން" ބާޒިލް ބުންޏެވެ.

"ދެން ކީއްވެ މިއަދު އެހެން ބުނީ. ދުލުން އެއްޗެއް ބޭރުކޮށްލާއިރު ވިސްނާލަންވާނެއްނު. ދަރިފުޅު މިއަދު އެހެންބުނީމަ މެލީ ދިޔައީ ކުއްލިއަކަށް ހުއްޓުމަކަށް. އެކަހަލަ އެއްޗެއް ބުނީމަ އޭނަ ސިކުނޑިއަށް ބާރުލާނެއްނު ކޮންއިރަކު ކިހިނެއްވި ކަމެއްތޯ ބަލަން ބޭނުންވާނެއްނު. މިއަދު މި އާއިލާ އާ ވެސް މެލީ އެވަނީ ގުޅިފައެއްނު. މެލީ އަށް ކަމެއްވިއްޔާ ލޫލު ކިހާ ނިކަމެތިވާނެ. ދަރިފުޅާ، އަހަރެމެންނަށް ވިސްނާނުލާ ކުރެވޭ ކިތަންމެ ކުޑަވެސް އަމަލެއްގެ ސަބަބުން މެލީ އަހަރެމެންޏާ އަބަދަށްޓަކައި ވަކިވެގެން ހިނގައިދާނެ"

މައުސޫމާގެ އެ ލަފްޒާއެކު ބާޒިލްގެ ނޭވާ އަވަސްވެގެން ދިޔައެވެ. އެހެންވާކަށް އޭނާވެސް ނޭދޭކަން އޭނާގެ ސިކުނޑި ހަނދާންކޮށްދިނެވެ.

"މެލީ އެގަޑީގަ އެހާވަރަށް ވާހަކަދެއްކީމަ އަހަންނަށް އެހެން ބުނެވުނީ. ސޮރީ މަންމާ. ކުރީގަވެސް މެލެކް ވަރަށް އެގޮތަށް އަހަންނާ ޖެއްސެވެއެއްނު" ބާޒިލް ބުންޏެވެ.

****

ކައިގެން ވަދެ މެލެކް އޮތީ ޒޭބާގެ ކޮޓަރީގައެވެ. އޭނާ އެ އޮތީ ރައްޔާން އައިސް ގުޅަންދެކަށެވެ. ޒޭބާގެ ފޯނު ހިފައިގެން އޮވެފައި ބަލައިލީ ޒޭބާ ފާހާނާއިން ނިކުތް އަޑަށެވެ.

"ކާކު ގުޅީ؟" ޒޭބާ އަހާލިއެވެ.

"ތައިމޫރުބެ" ޒޭބާ އަތަށް ފޯނު ދެމުން މެލެކް ބުންޏެވެ.

އެއީ ރައްޔާން ގުޅި ގަޑިއެވެ. އެނދުން ފުންމާލިގޮތަށް މެލެކް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ހެދުން ރީތިކޮށްލާ އަޅައިގެން ހުރި ބުރުގާގެ ދެފަރާތުގައި ހިފައި އެއްވަރުކޮށްލިއެވެ. ސައިޑްކަބަޑު މަތީގައި އޮތް ދަބަސް ނަގަމުން އޭނާ ދަނީ ކަމުގައި ފޯނުގައި ހުރި ޒޭބާ އަށް އިޝާރާތުން އަންގާލިއެވެ.

މެލެކް ބޭރަށް ނިކުތީ އޭނާ ގެއަށްދާ ވާހަކަ ކޮޓަރީގައި ތިބި ޒިޔާދު އާއި މައުސޫމާ ކައިރީގައިވެސް ބުނެފައެވެ. ދޮރާށިން ބޭރަށް އޭނާ ބަލައިލިއިރު ފާރުގައި އެއްފައި ވިއްދައިގެން ރައްޔާން ހުއްޓެވެ. މެލެކް ފެނުމާއެކު ހިނިތުންވުމެއް ދިނެވެ.

"ސޮރީ ލަސްވެއްޖެ ދޯ. އެންމެންނަށް ރިޕޯޓްކޮށްފަ ލޫލުއަށް އުންމަ ދީފަ މިއައީ. އެހެންވެ ލަސްވީ" މެލެކް ބުންޏެވެ.

ކުއްލިއަކަށް ގޭ ދޮރުމައްޗަށް މަޑުކޮށްލި ސައިކަލުގެ ލައިޓް ގެ އަލި ދެކުދީންގެ މޫނަށް އެޅިގެން ދިޔައެވެ. ސައިކަލު މަތީގައި އިން ބާޒިލް ފެނުނީ ލައިޓް ނިއްވާލުމުންނެވެ. މެލެކް އަށް ބަލައިލުމަށްފަހު ބާޒިލްގެ ނަޒަރު ދެން މަޑުމަޑުން ދަތުރުކޮށްލީ ރައްޔާންގެ މޫނަށެވެ.

"މިރޭ ވީ ކަންތަކަށް ސޮރީ އެނގޭ. އެއީ އެހެން ބުނި އެއްޗެއް ނޫން" ބާޒިލް އަށް މެލެކް ބުންޏެވެ.

އިޓްސް އޯކޭ" ބާޒިލް ބުންޏެވެ.

މެލެކް އަށް ބަލައިލާފައި އަނެއްކާވެސް ބާޒިލްގެ ނަޒަރު ހުއްޓުނީ ރައްޔާނަށެވެ. އެކަން ރައްޔާނަށް އެނގޭއިރުވެސް ފަރުވާލެއް ނުބެހެއްޓިއެވެ.

ބާޒިލްގެ ކުރިމަތިން މަޑުމަޑުން ރައްޔާނާއި މެލެކް ނެއްޓުނުއިރު ބާޒިލްގެ ދެލޯ އަމާޒުވެފައި ހުރީ ރައްޔާނަށެވެ. މެލެކް އަށް ވުރެ ކުޑަތަންކޮޅެއް ކުރީގައި ހުރި ރައްޔާންގެ އަތުގައި މެލެކް ހިފާލި މަންޒަރު ފެނުމުން ބާޒިލްއަށް ސައިކަލުން ފޭބެން އުޅުނެވެ. އަވަހަށް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލުމަށްފަހު ސައިކަލު ޕާކުކޮށްފައި ދޮރާއްޓާ ދިމާލަށް ދިޔައެވެ.

"ހިނގާލާފަ ދޯ ދާނީ" މެލެކް ބުންޏެވެ.

"ގޭ މީހުން ލަސްވެގެން ނޫޅޭނެތަ؟ ރައްޔާން ބުންޏެވެ.

"މަންމަ އަށް އެނގޭނެ އެގެއިން ނިކުތްކަމާ މިހާރު ހުންނާނީ ޔާން ކައިރީގަކަން" މެލެކް ބުންޏެވެ.

ދެކުދިން ވާހަކަދައްކަމުން ނިކުތީ ރަށުގެ ބަނދަރަށެވެ. އޮރެންޖް ކުލައިގެ އަލިން މުޅި ސަރަހައްދު ދިއްލާލާފައިވީއިރު ހިތްގައިމު ވަރަކަށް ވައިރޯޅި ވަމުން ދިޔައެވެ. ވަގުތުގެ ގޮތުން މާގިނަ މީހުން ނެތަސް ތަން ފަޅެއް ނޫނެވެ. ވާހަކަދައްކަމުން ގޮސް ދެކުދިން މަޑުކޮށްލީ ރަށުގެ ހޮސްޕިޓަލާ ދިމާލު އެންމެ އަލިގަދަ ހިސާބުގައި ހުރި ހޮޅުއައްޓެއްގައެވެ. ހޮޅުއަށީ ބިއްދޮށު ހުރި ގެތަކުން މީހުން ވާހަކަދައްކާ އަޑާއި ކުޑަކުދިން ރޯ އަޑު އިވިއިވި ހުއްޓެވެ.

"ވާއު... ހާދަ އަރާމޭ" ވަޔަށް މޫނު ދިއްކޮށް ދެލޯ މަރާލަމުން މެލެކް ބުންޏެވެ.

ރައްޔާން މެލެކްގެ މޫނަށް ބަލައިލިއެވެ. ކިހާ ރީތި މައުސޫމު މޫނެއް ހެއްޔެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ރައްޔާންގެ ހިތް އެދުނީ އެ މޫނުގައި އޭނާގެ އިނގިލިތަކުން ބީހިލުމަށެވެ. ހަގީގީ ދަރިއުޅުމުގައި އެފަދަ ފުރުސަތެއް އޭނާއަށް ލިބުމަށް ހިތް އެދެވުނެވެ. އެކަމަކު އާހް.... ދުވަހަކުވެސް ނުލިބޭނެ ލޯތްބެއްކަން އެނގުނު ހިނދު ރައްޔާންގެ އަނގައިން ނިކުތީ އާހެއްގެ އަޑެވެ. ކުރެވުނު މޮޔަ ހިޔާލުން އޭނާ އަށް އަމިއްލަ ނަފްސަށް މަލާމާތްކޮށްލެވުނެވެ. ދެލޯ މަރާލައިގެން އިން މެލެކް ބަލައިލީ ރައްޔާން ހީލި އަޑަށެވެ.

"ކޮންކަމަކާ ތިހެނީ" މެލެކް އަހާލިއެވެ.

"ހޭނެއްނު. މިރޭ ކޭ ގަޑީގަ މެލީ ނެތީމަ ވަރަށް ފަޅު. ދޮނާމެން މެލީގެ ވާހަކަ ވަރަށް ދެއްކި" ރައްޔާން ބުންޏެވެ.

"އެގޭ މަންމައާއި ބައްޕަ ކައިގެން ދާން ބުނީމަ ނުކެރުނީ" މެލެކް ބުންޏެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ރައްޔާން ބުންޏެވެ.

"އޯ އަހާބަލަ. ޔާން މިހާރު ވާހަކައަހަނީ އަހަރެންގެ ހުއްދަ ހޯދައިގެންތަ؟" މެލެކް ބުންޏެވެ.

"ހެހެހެ... ނޫން... އަހަން އުޅޭ ވާހަކައިގެ ގޮތުން" ރައްޔާން ބުންޏެވެ.

"މެލީ އެގޭގަ އިންނަ ގަޑީގަ ކަންތައްތައް ކިހިނެއް ދަނީ. މިބުނީ ބާޒިލް ވަރަށް ރޫޑްތަ؟" މިގެކުރިން ބާޒިލް އާ ގުޅޭގޮތުން އެއްވެސް ވާހަކައެއް މެލެކްގެ ކައިރިން ރައްޔާން ނާހައެވެ. އޭނާ އެހުމުގެ ކުރިން ހުއްދަ ހޯދީ އެހެންވެއެވެ.

"އަނެއްހެން ރޫޑެއް ނޫން. އަހަރެން ވާހަކަދައްކަނީ. އޭނަ ވާހަކައެއްނުދައްކާ. އޭނަގެ ގާލްފްރެންޑް ގޮވައިގެން މިރޭ އައިސް ހުއްޓަ އަހަރެން އަނގަ ގަދަކަމުން އޭނަވެސް ރުޅިއަރުވާލެއްވިއްޖެ" މެލެކް ބުންޏެވެ.

"ވާހަކަދައްކާއިރު ވިސްނައިގެން ވާހަކަދައްކައްޗޭ. މެލީ އަކީ އެންމެންނާ ގުޅޭ ކުއްޖަކަށް ވިޔަސް އެހެންމީހުން އެހެން ނުވެދާނެ. ސާރާ އަކީ ވަރަށް ގޮތުގަ ހުންނަ ކުއްޖެއް" ރައްޔާން ވާހަކަދެއްކިއެވެ.

"ޔެސް ސާރާ .... ސާރާ އެ ގާލްއަށް ކިޔަނީ. ޔާން އަށް ކިހިނެއް އެނގުނީ؟" މެލެކް ބުންޏެވެ.

"ހެހެ.. މެލީ އަހާ މޮޔަވާހަކަ. މިރަށު ނޫޅޭނެ އެކަކު އަނެކަކު ނުދަންނަ ކުޑަކުއްޖެއްވެސް. އެހެންނޫނަސް އެގޭ ސިހާމައްތަ އަންނާނެ ވަރަށް އެކި މައްސަލަތަކުގަ ސްޓޭޝަނަށް. ކުޑަކޮށް އަހަންނާ އެންޓީވެފަ ހުންނާނީ އޭނަގެ ގެއްލުނު ފޯނުގެ މައްސަލައިގަ. ފުލުހުންނަށް ވަރަށް އެއްޗެހި ގޮވާނެ. ސާރާ އެނގުނު ގޮތަކީ ބަޔާންދޭން އެއްފަހަރު އައި އިރު އައީ ސާރާ ގޮވައިގެން" ރައްޔާން ވާހަކަދެއްކިއެވެ.

"ނޭނގޭނެއްނު. އަހަރެން ހީކުރީ ޔާން ގެ ބިޓެއް ކަމަށް" މަޖާވެފައި މެލެކް ބުންޏެވެ.

"ބިޓޭ. އަހަރެންގެ ނުހުންނާނެ ބިޓެއް. ހުންނާނީ މެލީ ކަހަލަ ލޯބި ކުއްޖެއް" ރައްޔާން ބުންޏެވެ.

"ކޮންމެސް އަހަރެން ކަހަލަ ކުއްޖެއް ނުހޯދާތި. ދެމީހުން އޮޅިދާނެ.... ދެން ހިނގާ ގެއަށް ދާން. ފިނިބޮޑުވެއްޖެ" ތެދުވަމުން މެލެކް ބުންޏެވެ.

****

ނިދަން ތައްޔާރުވެގެން މެލެކް އެނދަށް އެރުމުން ފޯނުގައި އިން މައިލީން އައިސް މެލެކް ކައިރީގައި ހުއްޓުނެވެ.

"އިހަށް މަޑުކޮށްބަލަ ދޮނާ" ކުއިލްޓް ގައިމަތީގައި ފަތުރާލާފައި އޮށޯންނަމުން މެލެކް ބުންޏެވެ.

"ދެން އަދި ނުވެއޭ ނިދާކަށް. ނިދުމުގެ އެއްގަޑިއިރު ކުރިންނެއްނު ތި ބޭސް ކާންޖެހެނީ"

"ހެލޯ އަރޭ. ބޭބީ ނިންދަވާލާފަ މިގުޅަނީ" ފޯނު ކަންފަތުގައި ޖަހާލާފައި މައިލީން ބުންޏެވެ.

މެލެކް ހައިރާންވެފައި ދެ އުކުޅުގައި އަތްވިދެލިއެވެ. މައިލީން ކައިރިއަށް ހިނިއައެވެ.

"ބުނާނެއްނު. ބައެއްފަހަރު މެލީ ގެންގުޅެންޖެހެނީ ބޭބީއެއްހެން. އަން މިކާލާ" ފެންތައްޓާއެކު ކުޑަކުޑަ ބޭސްގުޅައެއް ދިއްކޮށްލަމުން މައިލީން ބުންޏެވެ.

"ކޮންމެރެއަކު ވެސް ބުނާނެ ފޯނާ ކުޅެން އޮންނާނީއޭ. އެކަމަކު ފަނަރަ މިނެޓްވެސް ނުވާނެ. މިހާ އޮންނާނީ ބެޓްރި ހުސްވެފަ" މައިލީން ބުންޏެވެ.

"ދެން އެކަމު އަރުސަލްބެ ހިތަށް އަރާނެ ދޮންތަ ބޭބީއެއް ހޯދީ ކޮންތާކުންހޭ" އެއްފަރާތަކަށް އޮވެ ކުއިލްޓްގެ ދެބައިކުޅަ އެއްބައި ދެއަތާ މޫނާއެކު ފިއްތާލަމުން މެލެކް ބުންޏެވެ.

"އަރޭ އަށް އެނގޭނެ ދޮނާގެ ބޭބީ އަކީ ތިއީކަން" ހީލާފައި ލައިޓް އަލި ފަނޑުކޮށްލަމުން މައިލީން އެރީ މެލެކްގެ އަނެއް ފަރާތަށެވެ. އަނގަ ތަޅުވަން އޮވެ މާގިނައިރެއް ނުވެ މެލެކް ނިދާނެކަން މައިލީން އަށް އެނގެއެވެ.

****

ގަޑިން ބާރަޖަހަން ދެތިންމިނެޓް ހުއްޓެވެ. ބާޒިލް އިނީ ކާގޭ މޭޒު ކައިރީގައެވެ. ގޭތެރެ އޮތީ ހިމޭންކޮށެވެ. މިގަޑީގަ އެކަކުވެސް ހޭލައިގެން ނާންނާނެކަން އޭނާ އަށް އެނގެއެވެ. ނިދި ނާންނާތީ އޭނާ އިނީ ކޮފީތައްޓެއް ހަދައިގެންނެވެ. ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކަމުން ދިޔައީ ސާރާ އާއެވެ. އޭނާ ސާރާ ދައްކަމުން ދިޔަ ވާހަކަތައް ބާރަބަރަށް ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ އެއްވެސް މެސެޖަކަށް ރިޕްލައި އެއް ނުދެއެވެ. އެންމެފަހުން ސާރާ ބުނެލި ޖުމްލަ ކިޔާލުމަށްފަހު ވަގުތުދެކެ ބާޒިލް ހިތްހަމަނުޖެހުނެވެ. އެ ހިތްހަމަނުޖެހުން އެއްވެސް ސިފައެއްގައި ސާރާ އަށް ބާލަން ބޭނުންނުވާތީ އޭނާ ހަތިޔާރު ބެހެއްޓިއެވެ.

"މާދަމާ އޮފީސް ނިންމާފަ ތިގެއަށް ދާނަން. އޭރުން ދެމީހުން ހަމަޖެހިގެން ތިބެ ތިވާހަކަ ދައްކާލާނީ ދޯ" ބާޒިލް ލިޔެލިއެވެ.

ދެން އޭނާ ސާރާ އަށް ރޭގަނޑުގެ ފަހު ސަލާންކޮށްލުމަށްފަހު ފޯނު މޭޒުމަތީގައި ބެއްވިއެވެ. ދެއަތުން މޫނުގައި އުފެދިފައިވާ އުދާސްތައް ފޮހެލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ސާރާ އެދުނު އެދުމަކީ އޭނާއަށް ކޮށްދެވޭނެ ކަމެއްހެން ހިއެއް ނުވެއެވެ. ކޮމްޕިޔުޓަރެއް ފަދައިން އޭނާގެ ހިތުގެ ސްކްރީނަށް އެތައް އެއްޗެއް އަރާ ފައިބަމުން ދެއެވެ. ބައެއް އެއްޗެހި އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވެއެވެ. މިވާގޮތެއް އޭނާއަށް ނޭނގެއެވެ. ހިތަށް އަރާ ފައިބަމުން ދަނީ ކޯޗެއްކަން ދެނެގަންނަން އޭނާ ބޭނުންވިއެވެ. އޭރުން އަމިއްލަ ނަފްސަށް ޖަވާބުދޭން އޭނާ އަށް ދެވިދާނެއެވެ. ދެލޯ މަރާލައިގެން އޭނާ އިނީ ޖަވާބު ހޯދުމަށެވެ. ކުއްލިއަކަށް އޭނާ ދެލޯ ހުޅުވާލިއެވެ. ހިތަށް ސިފަވެގެން ދިޔައީ ހާލަތާ ނުގުޅޭ ދެމީހުންނެވެ. މެލެކް އާއި ރައްޔާން ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސުދެކެ ބާޒިލް ރުޅިއައެވެ. މިއީ ބޭކާރު މީހުން މަތިން އޭނާ ހަނދާންކުރަންވީ ވަގުތެއް ނޫނެވެ. ދެފަރާތަށް ބޯހޫރާލާފައި އޭނާ ކޮފީތަށި ނަގާ ތުނބުގައި ޖައްސާލިއެވެ. އެންމެފަހުން އެވެސް އޭނާއަށް ނުބައި ވެއްޖެއެވެ.

"ނިދި އައީ ކަންނޭނގެ" އަމިއްލަ ނަފްސަށް ބާޒިލް ބުންޏެވެ. ދެން އޭނާ ތެދުވެގެން ހިނގައިގަތެވެ.

****

މިފަހަރު ވީ އެހެންރޭތަކާ ހިލާފު ގޮތެކެވެ. މެލެކް އަށް ނިދޭގޮތެއް ނުވިއެވެ. އޭނާ އަނެއްފަރާތަށް އެނބުރުނުއިރު މައިލީން އޮތީ އަރާމު ނިދީގައެވެ. ސައިޑްކަބަޑު މަތީގައި އޮތް ފޯނު ނަގާފައި އޭނާ ބަލައިލިއެވެ. ބާރަގަޑި ބައިވެއްޖެއެވެ. އޭނާ ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލިއެވެ. އޭނާ މާބޮޑަށް ލޫލު މަތިން ހަނދާންވާން ފެށިއެވެ. ކުއްލިއަކަށް އެކުއްޖާ ދެކޭހިއްވެއްޖެއެވެ. އެކަމަކު ވަގުތުގެ ގޮތުން އޭނާ ކުރާނެކަމެއް ނެތެވެ. އިސްތަށިގަނޑުގެ ދެފަރާތުން ގެނެސް ކުރިމައްޗަށް އެއްލައިގެން އޭނާ އިނީ ވިސްނުމެއްގައެވެ. ކޮތަރި ތެރެއިން ޖައްސާފައި ހުރި އޭސީ ގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ.

"ލޫލު... އެހާ ކުޑައިރު ލޫލު ގެ މަންމަ އާ ވަކިވާންޖެހުނީ ކީއްވެބާ؟ އެއީ ކޮންރަށެއްގެ މީހެއް ކަމެއްވެސް ނޭނގޭ. ބާޒިލް އާ އެ އަންހެންކުއްޖާ ޖެހުނީ ކޮންކަހަލަ މައްސަލައެއްބާ؟ އެއްވެސް މީހަކު ލޫލު ގެ މަންމަގެ ވާހަކަނުދައްކަނީ ކީއްވެތަ؟ އެ އަންހެންކުއްޖާ ދިޔަ ތަނަކަށް ދިޔައިރު ކީއްވެ ލޫލު ނުލާ ދިޔައީ. މެލީގެ ލޯބިލޯބި ޕިންކީޕައި...." ކުއްލިއައަކަށް ލޫލުއަށް ޓަކައި މެލެކް ގެ ދެލޯ ކަރުނުން ފުރުނެވެ.

"ކީއްވެތަ މިރޭ ނިދި ނާންނަނީ؟ ދޮނާ ނިދީއެއްނު އަހަރެން ބާއްވާފަ. ގޮވަންވީ ކަންނޭނގެ" މައިލީން އަށް ގޮވަން އުޅެފައިވެސް އެ ވިސްނުން މެލެކް ދޫކޮށްލިއެވެ. އޭނާ ނެގީ މައިލީން ބޯ އަޅައިގެން އޮތް ބާލިސް ކައިރީގައި އޮތް މައިލީންގެ ފޯނެވެ. އެ ފޯނު ހުޅުވާލުމަށްފަހު ފަރިތަކަމާއެކު ޕާސްކޯޑު ޖަހާލިއެވެ. ދެން ޒޭބާގެ ނަންބަރު ހޯދާލާފައި އެ ނަންބަރަށް ގުޅާލިއެވެ.

"އާނ ކީކޭ މައި... މެލީ އަށް ކަމެއްވީތަ އަނެއްކާ" ދެ ރިންގާއެކު ޒޭބާ ފޯނު ނަގައިފިއެވެ.

"ހެހެހެ...." ޒޭބާގެ ނިންޖާ ކުޅެލެވުނުގޮތުން މެލެކް އަށް ހެވުނެވެ.

"ދޮނާއެއް ނޫން. މިއީ މެލީ" މެލެކް ބުންޏެވެ.

"މެލީ... މިގަޑީގަ ކޮންކަމެއް. އަވަހަށް ނިދަންއުޅޭ. މިރޭ ބޭސްނުކަންތަ؟" ޒޭބާގެ އަޑުގައި ނިދީގެ އަސަރުވިއެވެ.

"ނިދި ނައިސްގެން. ލޫލު މަތިން ވަރަށް ބޮޑަށް މިސްވަނީ" މެލެކް ބުންޏެވެ.

"ލޫލު މިރޭ އޮތީ ޒެއްލު ރޫމުގަ. ޒެއްލު ވެސް ދެންމެ އައިސް ލޫލު ގެންދިޔައީ. މިރޭ ލޫލު މަތިން މާބޮޑަށް މިސްއެބަވެޔޭ ކިޔާފަ. ދެން އޯކޭތާ. ލޫލު މަންމި ތިތާ ހުއްޓަސް ބައްޕި ވަރަށް ރަނގަޅަށް ލޫލު ބަލައޭ" ޒޭބާ ބުންޏެވެ.

ޒޭބާ ގެ އެ ޖުމްލައާއެކު މެލެކް އަށް ވީގޮތެއް ނޭނގުނެވެ. ހިތުގެ ކަނަކުން އެއީ ހަގީގަތަކަށް ވުމަށް އެދެވުނެވެ.

"އޯކޭ.. ސޮރީ މިގަޑީގަ ގުޅުނީމަ" މެލެކް ބުންޏެވެ.

"މެލީ ބަސްއަހައިގެން، ޝަހާދަތް ކިޔައިގެން ނިދޭތޯ މަސައްކަތްކުރޭ. ދަންވަރުގެ މިފަދަ ވަގުތުތަކުގަ ވަރަށް ޝައިތާނާ ސިކުނޑިއަށް ނުބައި ވަސްވާސްތައް ވައްދާނެ. އެންމެ ރަނގަޅުވާނީ އެ ފުރުސަތު އޭނައަށް ނުދީ ނިދުން. އަވަހަށް ނިދާ އެނގޭ. ހެނދުނާ ލޫލު ގެންދާނެއްނު ތިގެއަށް" ޒޭބާގެ ވާހަކަތަކަށް މެލެކް ބޯޖަހާލިއެވެ. އެއާއެކު އަނގައިން "ހޫމް' އެއްގެ އަޑު ވެސް ބޭރުވެގެން ދިޔައެވެ.

****

ކިތަންމެ ލަހުން ނިދި ނަމަވެސް ފަތިސް ނަމާދަށް ގޮވުމުގެ ކުރިން މެލެކް ހޭލައިފިއެވެ. ފާހާނާ އަށް ވަދެފައި އައިސް އެނދުގައި އޭނާ އިނީ އިށީނދެގެންނެވެ. ތަބައްސުމް ކޮޓަރިއަށް ވަތްގޮތަށް ފެނުނު މަންޒަރަކުން ހައިރާންވިއެވެ. މައިލީން ނިދާފައި އޮތްއިރު މެލެކް ހޭލައެވެ. މިއީ އެހެން ދުވަސްދުވަހާ ދިމާ އިދިކޮޅެވެ.

"އައްދެ ކިހާ އިރަކު ހޭލައިގެން" ތަބައްސުމް އަހާލިއެވެ.

މައިލީން އަށް ހޭލެވުނީ ދެމައިން ވާހަކަދައްކާ އަޑަށެވެ. އެނދުގައި އިށިންގޮތަށް ހައިރާންވެފައި މައިލީންވެސް ބަލައިލީ މެލެކް އަށެވެ.

"އެވާނީ ހުވަފެނެއް ކަމަށް" މައިލީން ބުންޏެވެ.

"އަދި ވަރަށް ހެވިފައޭ އެ އިންނަނީ" ތަބައްސުމް ބުންޏެވެ.

މައިލީން ގޮސް ފާހާނާއަށް ވަނުމުން މުސައްލަ ހިފައިގެން މެލެކް ތައްޔާރުވީ ނަމާދަށް އަރާށެވެ. ކޮޓަރިން ނިކުންނަންދިޔަ ތަބައްސުމްއަށް އޭނާ ގޮވާލިއެވެ.

'އާދެބަލަ އިހަށް" ތަބައްސުމް އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދާފައި އޭނާ ކައިރީގައި އިށީނެވެ.

"ވަރަށް ރަނގަޅު ފަރުވާއެއް އެނގިއްޖެ" ނަމާދު އިސްޓާކީނަށް އަރަން އިނދެ ހީލާފައި މެލެކް ބުންޏެވެ.

"ކޮން ފަރުވާއެއް. މިއަދު އެއްޗެއް ކިޔަން އެ އުޅެނީ" ފާހާނައިން ނިކުމެގެން ގޮސް ތުވާލިން މޫނު ފޮހެން ހުރި މައިލީން ބުންޏެވެ.

"ސީރިޔަސްކޮށޭ ދޮނާ. ރޭގަ ނުނިދަން ދޭއް ޖެހިއިރުވެސް. ލޫލު މަތިން މިސްވާވަރުން ދޮނާ ފޯނުން ޒޭބާއްތަ އަށް ވެސް ގުޅިން. އަނެއްކާ ނުލާހިކު ފަތިހާ މިހޭލެވުނީ. ޔަގީނޭ އިމާމު މީހާ އަދި ސަލާންވެސް ނުދޭނެކަން. އެނގޭތަ މިއަދު ހޮޑެއްނުލަވާ. އެހެންވީމަ މިކަމަށް ހައްލު ލިބުނީނު. ކޮންމެ ދުވަހަކު ފަތިހާ އޯކާ ދެމޭވަރުން ކަރުން ހަންގޮސްފަ އޮންނަނީ" މެލެކް ވާހަކަދެއްކިއެވެ.

މައިލީން އާއި ތަބައްސުމް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިނެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

މެލެކްއަށް ރޭގަނޑު ދޭ ބޭހުގެ މިލިގްރާމް އިތުރުކުރަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟