ވާހަކަ

ރުހުން ދީފާނުހޭ - 6

3

މަޣްރިބް ކޮށްގެން ތައްޔާރުވެގެން ހުރި މެލެކް ބޭރަށް ނިކުތީ ބުރުގާ ނާޅައެވެ. މޭޒު ކައިރީގައި އިން ގޮނޑީގައި އިން ރައްޔާން ފެނުމާއެކު މެލެކް ހީވީ ބިރެއް ފެނުނުހެންނެވެ. ކޮޓަރިއަށް އަލުން ދެމިގަތީ ނިކަން ބާރަށެވެ. ސިހުނުވަރުން ރައްޔާންވެސް ބޯން އިން ފެންތައްޓާއެކު ކޮށިއަރައިގަތެވެ.

"ހަންޑިއެއް ފެނުނީތަ؟" މެލެކް އަށް އިވޭވަރަށް ރައްޔާން ބުންޏެވެ. އޭރުވެސް އޭނާގެ ކެހިވަރު މައިތިރި ނުވެއެވެ.

"އެހެންނުވާނީ. ބުރުގާ ނާޅާ އޭ ނިކުމެވުނީ" މެލެކް ބުންޏެވެ.

"އެއީ އަހަރެންގެ މައްސަލައެއްތަ؟" ރައްޔާން ހިނިއައެވެ.

"ޔާން ބުނަންވާނެއްނު ތިމަންނަ އެބައިނީމޭ" މެލެކް ބުންޏެވެ.

"ފޯނު ބަލާބަލަ. އަންނަމުން ގުޅިން. ފޯނު ނުނެގީމަ މެސެޖްކުރިން. ނުވިތާކަށް ދޮނާ ކައިރީގަވެސް ބުނިން އައުމުގެ ކުރިން. މެލީ އަށް އެނގެއެއްނު އޮފިސް ކަމެއްގެ ނޫޅެންޏާ އަހަރެން ހުންނާނީ މެލީ ފަހަތުގަ ޖައްސާފަކަން" ރައްޔާން ބުންޏެވެ.

"ތިހެންވިއްޔާ އަހަރެން ތައްޔާރުވެގެން ނިކުންނަންދެން އިނދޭ" މެލެކް ބުންޏެވެ.

"ބައި ދަ ވޭ... ވަރަށް ލޯބިގޮތެއް ހުރޭ ބުރުގާ ނާޅާ ހުންނައިރު" ރައްޔާން ބުންޏެވެ.

"އައްޗީޑި... ބަލާބަ ބުނި އެއްޗެއް" ދޮރުހުޅުވާލި ގޮތަށް އަތުގައި އެންމެފުރަތަމަ ޖެހުނު އަތްދަބަސް ރައްޔާނާ ދިމާލަށް މެލެކް އެއްލިއެވެ. ދަބަހުގައި ހިފިއިރު ރައްޔާން އިނީ ހިނިއައިސްފައެވެ.

މާގިނައިރެއް ނުވަނީސް ތައްޔާރުވެގެން މެލެކް ނިކުތެވެ. މެލެކް ފެނުމުން ރައްޔާން މައާފަށްއެދުނެވެ. އަދި އޭނާ އަށް ބުރުގާ ނާޅާ ހުއްޓާ ނުފެންނަކަމަށް ބުންޏެވެ. މެލެކް ހިނިތުންވެފައި ބަދިގޭގައި އުޅުނު ތަބައްސުމް އަށް ގޮވާލާފައި ރައްޔާނާ އެކު އޭނާ ގެއިން ނިކުންނަނީ ކަމުގައި ބުންޏެވެ. އަދި ލަސްނުވެ އަންނާނެ ވާހަކަވެސް ބުންޏެވެ.

"ގެއަށް ދާންވީމަ ގުޅައްޗެ" މެލެކް ދޮރާށިން އެތެރެއަށް ވަންނަންދެން ހުރެފައި ރައްޔާން ހިނގައިގަތެވެ. ބޭރުން އެއްވެސް ތަނަކަށް ދާނަމަ ރޭގަނޑުގެ ވަގުތެއްގައި މެލެކް ގޮވައިގެން ދަނީ ރައްޔާނެވެ. އޭނާ މެލެކް އަށް ހިތް އެދޭ މިންވަރު ބުނެދޭން ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެހެންނަމަވެސް ދުލާ ހަމައަށް ނާދެއެވެ. އެއީ އޭނާ އެދޭގޮތަށް މެލެކް އޭނާއަށް ނޭދޭކަން އޭނާއަށް އެނގޭތީއެވެ. މެލެކް އަކީ ކުޑަކުޑަ ދަރިއެއްގެ މަންމަ ކަމާއި މެލެކް ގެ ހިތުގައި ބާޒިލް އޮތް ލޯބި ރައްޔާނަށް ސިއްރުވެފައެއް ނެތެވެ. އޭނާ ބޭނުންވަނީ ހިތުގައި އޮތް ލޯބި މާކިޔާބު ނުވި ނަމަވެސް މެލެކް ގެ އެންމެ ގާތުގައި ހުންނާށެވެ. މެލެކް އޭނާ ދުރުނުކުރާހާ ހިނދެއްގައި އޭނާ ހުންނާނީ އެހާ ގާތުގައެވެ.

މެލެކް ފުރަތަމަވެސް ގޮސް ވަނީ ލޫލުގެ ކޮޓަރިއަށެވެ. އޭރު ލޫލުއަށް ކާންދޭން ޒޭބާ ތައްޔާރުވަމުން ދިޔައެވެ. އިތުރު މީހަކު ކޮޓަރީގައި ނެތެވެ. މެލެކް ފެނުމާއެކު ޒޭބާ ތެދުވެ ލޫލުގެ ކާންދޭ ފުޅި މެލެކް އަތަށް ދިނެވެ.

"މަގޭ ކޮފީ މިސްވެގެން މިއުޅެނީ. މިއަންނަނީ ކޮފީ ހަދައިގެން. މެލީ ފަށާ" ހިނިތުންވެފައި ޒޭބާ ބުންޏެވެ.

ހަތަރެސްފައިން ވައިގެ ތެރޭގައި ކުޅެން އޮތް ލޫލު ނަގާ އުރާލިއެވެ. ލޫލު އެހާ ލޯބިކޮށް އޮތުމުން މެލެކްގެ ހިތް ލޯބިން ފުރުނެވެ. އަނގަ ފުޅާކޮށް ލޫލު ހީލިގޮތުން ހީވީ މަންމަގެ ބީހުން އިހުސާސްވެގެން ހީލި ހެންނެވެ. އެ މަންޒަރު ފެނުމުން މެލެކް ގެ ހިތުގައި މައިވަންތަ ލޯތްބޭ މިކިޔާ އިހުސާސް ހޭލައިގެން ދިޔައެވެ. ނުވެސް އެނގިހުއްޓާ އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޒޭބާ ކޮފީ ހަދައިގެން އައިރު އެނދުގައި އިން މެލެކް ފަރިތަކަމާއެކު ލޫލު ކާންދެމުން ދިޔައެވެ. މައުސޫމާ އާއި ޒޭބާ އަށް ލޫލުއަށް ކާންދެވެނީ ލޫލު އެނދުގައި ބާއްވައިގެންނެވެ. އެހެންނަމަވެސް މެލެކް އިނީ އުނގުގައި ބައިންދައިގެންނެވެ. ބަސްއަހައިގެން އިނދެ މެލެކް ދިން ވަރަކަށް ލޫލު ކަމުން ދިޔައެވެ.

"ކާކު...؟ ކުއްލިއަކަށް މީހަކު ދޮރުހުޅުވާލުމާއެކު ޒޭބާ އެހިއެވެ.

ބޯދިއްކޮށްލާފައި އެތެރެއަށް ވަނީ ބާޒިލްއެވެ.

"ޒެއްލު ތަ؟ ސިއްސައިގެންނޭ ދިޔައީ" ޒޭބާ ބުންޏެވެ.

"ސާރާ ވެސް އެބަހުރި. މިރޭ މިގެއިން ކައިގެން ދާންވެގެން މިގެނައީ. ކޮބާ ލޫލު؟" ކޮޓަރިތެރެއަށް ވަނީ ބާޒިލް އާއި ސާރާ އެކީގައެވެ.

"ފާހާނައިގަ" ޒޭބާ ބުންޏެވެ.

އެއީ ލޫލު ގޮވައިގެން މެލެކް ފާހާނައިން ނިކުތް ވަގުތެވެ. ބާޒިލް ކައިރިއަށް ދާހިތުން ލޫލު އަތް އުކަން ފެށުމުން ބާޒިލް އަށް ދާން ނުކެރުނެވެ. ސާރާ ހުއްޓާ ދާންނުކެރުނީއެވެ.

"ޒެއްލުއަކަށްނު އެގޮވަނީ ދޭބަލަ" ޒޭބާ ބުންޏެވެ.

ބާޒިލް މަޑުމަޑުން ކުރިއަށް ގޮސް މެލެކް އަތުގައި އިން ލޫލުގެ ގައިގައި އޮޅާލާފައިވާ ހުދު ކުލައިގެ ތުވާލިކޮޅާއެކު އުރާލިއެވެ. އެއާއެކު މެލެކް ޖެހުނީ ލޫލުގެ އަލަމާރި ކައިރިއަށެވެ. އިރުކޮޅަކާ އޭނާ ސާރާ އަށް ބަލައިލައެވެ. އެންމެފަހަރަކު މެލެކް އަށް ބަލައިލިގޮތަށް ސާރާ ހުރީ ނުބަލާށެވެ. އެހެނީ މެލެކް އަކީ ސާރާ މާހިތްހަމަޖެހޭ މޫނެއް ނޫނެވެ.

"ކީއްވެ ކޮޅަށް ތިހުންނަނީ؟ އާދޭ އިށީންނަން" ސާރާ ހައިރާންވެފައި ބަލައިލިއެވެ. އެހެން އެބުނީ ހަމަ މެލެކް ހެއްޔެވެ؟ އޭނާ ހުރިހާ އެއްޗެއް ހަނދާން ހުރިނަމަވެސް އެހެން ބުނާނެ ހެއްޔެވެ؟

"މި ފޮނި ބާޒިލް ބުނީތަ ނުއިށީންނާށޭ" ބާޒިލް އަށް މެލެކް ދެލޯ އަޅާލިއެވެ. އެވަގުތު އެއީ ބާޒިލް ވެސް މެލެކް އަށް ބަލައިލި ވަގުތެވެ.

"އަން ދޮނާ... އެބައަންނަން" ބާޒިލް ހިނގައިގަތެވެ. އޭނާ ނިކުންނަމުން ސާރާ އަށް ބަލައިލިއެވެ. ސާރާގެ އަތުގައި ހިފައިގެން ނިކުންނަން އުޅެފައިވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާ ސާރާގެ އަތުގައި ނުހިފިއެވެ.

"ބާޒިލް ދާ ތަނަކަށް ދޭބަލަ. އޭނަ ބަހައްޓަބަލަ. އޭނަ އޭ ދެން މިކަން ކުރަންޖެހޭ މީހަކީ" މެލެކް ބުންޏެވެ.

އެއްޗެއް ނުބުނެ ބާޒިލް ފަހަތުން ސާރާ ނިކުތުމުން ވީގޮތެއް ނޭނގި ޒޭބާ އަށް މެލެކް ބަލައިލިއެވެ. ދެން ލޫލު ގޮވައިގެން އައިސް އެނދުގައި ބޭންދިއެވެ.

"އަނގައިން ނުބުނި. އެއީ މަންމަން ކުއްޖެއްތަ؟" މެލެކް އަހާލިއެވެ. ބާޒިލް އާއި ސާރާ ކަންތައްކުރި ގޮތުން ޒޭބާ އިނީ ހިތްހަމަނުޖެހިފައެވެ.

"އަނގައިން ނުބުނާ މީހުންނާ އަނގައިން ނުބުނަން މެލީ ދަސްކޮށްބަލަ" ޒޭބާ ބުންޏެވެ.

"ތިއެއްނު މައްސަލައަކީ ޒޭބާއްތާ. ރައްޓެހި ނޫން މީހުންނާވެސް އަހަރެން ރައްޓެހިވާނެ. އަހަރެން ކައިރީގަ އެއްވެސް މީހަކަށް އަނގަ ލައްޕައިގެން ހުންނަން ނުކެރޭނެ" ހީލަމުން މެލެކް ބުންޏެވެ.

****

އައިސް ފެންފުޅިއެއް ހިފައިގެން ބާޒިލް ގެ ކޮޓަރި އާ ދިމާލަށް ދިޔަ ސާރާ އާ ދިމާވީ ނަމާދުކޮށްގެން ކޮޓަރިން ނިކުތް މައުސޫމާ އާއެވެ. އޭރު މަޣްރިބް ނަމާދަށް ދިޔަގޮތަށް ޒިޔާދު ގެއަށް ނާދެއެވެ.

"ސާރާވެސް އެބައުޅެންތަ؟ މައުސޫމާ އަހާލިއެވެ.

ސާރާ ބޯޖަހާލިއެވެ.

"ކުޑައިރުކޮޅެއްވެއްޖެ އައިފަހުން" ސާރާ ބުންޏެވެ.

"ބާޒިލް އެބައުޅޭދޯ. ނަމާދަށް މިސްކިތަށް ނުދޭ ދޯ. ތި ފެންފުޅި ބާޒިލް އަތަށް ދީފަ އަންނައްޗޭ ބަދިގެއަށް. ސާރާ ވެސް މިރޭ ދާންޖެހޭނީ ކައިގެން" ހިތްހެޔޮކަމާއެކު މައުސޫމާ ބުންޏެވެ.

އެނދުގައި އިން ބާޒިލް އަތަށް ފެންފުޅި ދިއްކޮށްލާފައި ސާރާ ބާޒިލްގެ ކައިރީގައި އިށީނެވެ.

"ހިނގާ އަހަރެން ގެއަށް ލާން" ސާރާ ބުންޏެވެ.

"އެނގޭ ސާރާ ދާން ތިއުޅެނީ ކީއްވެގެންކަން" ބާޒިލް ބުންޏެވެ.

"އޭނަ ކީއްވެތަ އެހާ މަޖާވެފަ ޒެއްލު އާ ވާހަކަދައްކަނީ؟ އަހަރެން ވަރަށް ހިތްހަމަނުޖެހޭ" ސާރާ ބުންޏެވެ.

"އޭނަ އެއްވެސް ކަމެއް ހަނދާން ހުރިނަމަ ނުދެއްކީސް. އަހަރެމެންނަށް އޭގަ ކުރެވޭނެ ކަމެއް ނެތެއްނު" ބާޒިލް ބުންޏެވެ.

"އެކަމު އޭނަ އަށް އަންގަންވީނުން" ސާރާ ބުންޏެވެ.

"ކޮންކަމެއް؟" ބާޒިލް އަހާލިއެވެ.

"ނޭނގެ އަހަންނަކަށް. ކައިވެންޏަށްފަހު މިގޭގަ އެއްނޫން އަހަރެމެން އުޅޭނީ. އަހަރެން ބޭނުމެއްނޫން ދަރިފުޅުގެ މަންމަ ލޯމަތީގައި ޒެއްލު އުޅޭކަށް. އޭނަ އެއްވެސް އެއްޗެއް ހަނދާންނެތަސް އެގޮތަށް ޒެއްލު އާ ވާހަކަދެއްކީމަ އަހަރެން ރުޅިއާދޭ. ނުޖެހޭ ދައްކާކަށް" މޫނު ކުނިކޮށްލަމުން ސާރާ ބުންޏެވެ.

ފެންފުޅި ސައިޑްކަބަޑު މަތީގައި ބަހައްޓާފައި ސާރާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. އެވަގުތު ބާޒިލްގެ ގަމީހުގެ މަތިން ނެއްޓިފައިވާ ދެގޮށް ދޭތެރެއިން ސާރާ އަތްލައްވާލުމަށްފަހު ބާޒިލްގެ މޭގައި ފިރުމަން ފެށިއެވެ. ނަފްސު ކޮންޓްރޯލް ނުކުރެވިދާނެކަމުގެ ބިރަށް ބާޒިލް ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

"ވަރަށް ބަނޑުހައިވެސްވޭ އެބަ. ކައިގެންނު ދާނީ" ބާޒިލް ބުންޏެވެ.

ގަސްތުގައި ސާރާ ހުއްޓުވީކަން ސާރާ އަށް އެނގުނެވެ.

"މީގެކުރިން ޒެއްލު ތިހެނެއްނޫން. ތިއީ އަހަރެންގެ ފަރާތުން އިޝާރާތެއް ނުލިބިފަ ހުންނަ މީހެއް. މިހާރު ކީއްވެ؟ ކީއްވެތަ ދެމީހުން މިހެން އެކަނި ތިބޭއިރުވެސް ޒެއްލު އަހަރެން ގައިގައި ބައްދާނުލަނީ. ދުރުހިލޭ މީހާ ވެސް މުސްލިމަކަށް ވީތީ ސަލާމްކޮށްލަން އަތުގަ ހިފާލާނެ. ޒެއްލު އުޅެނީ ދުރުހިލޭ މީހެއްގޮތަށް" ސާރާ ޝަކުވާކޮށްލިއެވެ.

"އެއީ އަހަރެން ސާރާ އަށް ރެސްޕެކްޓު ކުރާތީ. އަހަރެން ބޭނުމެއްނޫން އެއްވެސް ކަމެއްގަ ހައްދުފަހަނައަޅާ ދާކަށް. ދެން ހިނގާ ބޭރަށް" ބާޒިލް ތެދުވެގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑަށް ވުރެ އޭނާގެ އިސްކޮޅު ދިގުކަމުން އޭނާ ލޯގަނޑު ކުރިމަތީގައި ހުރީ ކުޑަކޮށް ގުދުވެގެންނެވެ. ދެއަތުން އިސްތަށިގަނޑު ރީތިކޮށްލާފައި އޭނާ އައިސް ސާރާގެ އަތުގައި ހިފިއެވެ.

"މަޑުކޮށްބަ" ސާރާ ބުންޏެވެ. "ފެންފުޅި ހިފައިގެންނު ދާނީ" ސާރާ ބުންޏެވެ.

****

ލޫލު ނިންދަވާފައި މެލެކް ކޮޓަރިން ނިކުތްއިރު ހުރިހާ މީހުން ކާ މޭޒު ކައިރީގައި ތިއްބެވެ. ކޮޓަރި ދޮރުމަތީގައި ހުރި މެލެކް ފެނުމާއެކު ޒިޔާދު ގޮވާލިއެވެ.

"މިރޭ ދާންވާނީ ބައްޕަމެންނާއެކު ކައިގެން" ޒިޔާދު ބުންޏެވެ.

މެލެކް އަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ޒޭބާ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"ޒޭބާ ދާންވީނު ޒެއްލު އަށް ގޮވާލަން. ފެންފުޅިއެއް ހިފައިގެން ދަނިކޮށް ސާރާ ކައިރީގައި މަންމަ ބުނިން އަންނައްޗޭ މަންމަ އާ އެކު ކާންހަދާލަން. ހަބަރެއްނުވޭ. ގެއަށް ދިޔައީ ކަންނޭނގެ" މައުސޫމާ ބުންޏެވެ.

ޒޭބާ ތެދުވެ ހިނގައިގަންނަން އުޅެނިކޮށް ގޭތެރެއަށް މީހަކު ވަދެ ދޮރުލައްޕާލި އަޑު އިވިއްޖެއެވެ. އެންމެން އެދިމާލަށް ބަލައިލިއިރު ޖީބަށް ތަޅުދަނޑި ލަމުން އެދިމާލަށް ބާޒިލް އާދެއެވެ. ހުސްކޮށް ހުރި ގޮނޑީގައި އޭނާ އިށީނެވެ.

"ސާރާ ކޮބާ؟" މައުސޫމާ އަހާލިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާ ވާހަކަ ބުނީމަ މިއައީ ގެއަށް ލާފަ" ބާޒިލް ބުންޏެވެ.

"ދެން ކާން އުޅެންވީނުން. މިހާރު މާ ލަސްވެސްވެއްޖެ" ޒިޔާދު ބުންޏެވެ.

"މަންމަ ރޮށި ތަށި" ރޮށި އަޅާފައި ހުރި ތަށި ހުރީ ތަންކޮޅެއް ދުރުގައެވެ.

"ރޮށި ތަ ކަނީ" މައުސޫމާ އަހާލިއެވެ. ބާޒިލް ބޯޖަހާލިއެވެ.

މައުސޫމާ ތެދުވެގެން އައިސް ބާޒިލްގެ ތައްޓަށް ރޮށި ފިލުވަން ފެށިއެވެ. އޭގެއަށް ރިހަ އަޅާފައި ސަމްސަލަކާ އުލެއް ލައިދީފައި ދެން އައިސް އިށީނެވެ.

"ރިހަ މަދު މަންމާ" ބާޒިލް ބުންޏެވެ.

"މެލީ ޒެއްލުގެ ތައްޓަށް ކުޑަ ރިހަކޮޅެއް އަޅާދީބަލަ" މައުސޫމާ ބުންޏެވެ.

މެލެކް ތެދުވެގެން ގޮސް ބާޒިލް ކައިރީގައި ހުއްޓުނެވެ. ރިހަ ތަށިން ދެ ސަމްސާ އަޅައިދީފައި ހުއްޓާލިއެވެ. އެހިނދު ބާޒިލް އިސްއުފުލާ މެލެކް އަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ އަދި އަޅަންވީތަ؟" މެލެކް އަހާލިއެވެ.

ބާޒިލް އެއްޗެއް ނުބުނެ ސަމްސަލުން ރޮށިތަށި މޮޑެން ފެށިއެވެ. އެގޮތް މެލެކް އަށް ކަމުނުދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ ބާޒިލްގެ އަތުގައި ހިފައި ހުއްޓުވިއެވެ. ދެން އޭނާ އާ ތަށި ކައިރިކޮށްލާފައި އެންމެ ހެޔޮވަރަކަށް ރޮށި ތަށި މޮޑެފައި ބާޒިލް އާ ކައިރިކޮށްލިއެވެ. ބާޒިލްގެ ހަނދާނަށް އައީ މާޒީގެ ތެރެއިން ދުވަސްތަކެކެވެ. މެލެކް އާ ކައިވެނިކުރި ފަހުން ދުވަހަކުވެސް އޭނާ އަމިއްލަ އަށް ކާއެއްޗެހި ތަށި މޮޑެފައެއް ނުވެއެވެ. މުޅިންވެސް އޭނާ އަށް ކާއެއްޗެހި މޮޑެދެނީ މެލެކް އެވެ. އޭނާ ކެއުމަށް ބޭނުންކުރާ އެއްޗެހީގައި ކުޅި ރަހަ ހުންނާނެ ވަރާއި ފޮނި ރަހަ ހުންނާނެވަރު މެލެކް އަށް ވުރެ ބޮޑަށް އެނގޭ އެއްވެސް މީހަކު ގޭގައި ނޫޅެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް މެލެކް ގެ ފަރާތުން އޭނާ އަށް ލިބިފައިވަނީ އިހުތިރާމާއި އޭގެ އިންތިހާއެވެ. ލޯތްބާ އަޅާލުމާއި އޭގެ އިންތިހާއެވެ. އަންބެއްގެ މަގާމުން ދުވަހަކުވެސް މެލެކް ފެއިލްނުވެއެވެ. ޝަކުވާކުރަން ބާޒިލް އަށް ފުރުސަތެއް ނުދެއެވެ.

"މަންމަގެ މި ބޭބީ ބޮޑުވާނީ ކޮންއިރަކުންތަ؟" ކުއްލިއަކަށް މެލެކް ބުނި އެއްޗަކުން ހުރިހާ މީހުން އެއްފަހަރާ މެލެކް އަށް ބަލައިލިއެވެ. ބާޒިލްވެސް ދެލޯ ވަށްކޮގެން މެލެކް އަށް ބަލަހައްޓައިގެން އިނެވެ.

"އާ ބުނާނެއްނު. އަމިއްލަ އަށް ކާއެއްޗެހި މޮޑެން ނޭނގޭނީ ބޮޑުނުވާތީނުން" މަޖާވެފައި މެލެކް ބުންޏެވެ.

"އަހަންނަށް އެނގޭ މޮޑެން. ކާކު މެލެކް ކައިރީގަ އަހަންނަށް ކާއެއްޗެހި މޮޑެން ނޭނގެއޭ ބުނީ" ޖަވާބުދިނީ ބާޒިލް އެވެ. މިއީ އެތައް ދުވަހަކަށްފަހު މެލެކް އާ ބާޒިލް އަނގައިން ބުނި ފުރަތަމަ ފަހަރެވެ.

"އެކަމެއް ނޭނގެ. މަންމާ ރޮށި.... މަންމާ ރިހަ.... މަންމަ ރިހަ އަދި ބޭނުން..." މެލެކް ހެމުން ވާހަކަދެއްކިއެވެ. ހީވާގޮތުން އޭނާ އިނީ ބާޒިލް އާ ދިމާކޮށްލާނެ ފުރުސަތެއް ނުލިބިފައެވެ.

"އަހަރެން ބުނިންތަ މެލެކް ކައިރީގަ ރޮށި މެޑެދޭށޭ. ނުބުނަމެއްނު. ކީއްކުރަން މޮޑެދެނީ" ބާޒިލް ބުންޏެވެ.

"އަހަރެން ކޮންމެހެން ބާޒިލް އަކަށްނޫނޭ މޮޑެދިނީ. ތަށި ތެރެއަށް ސަމްސާ ލައިގެން އެ ހާވަން އުޅުނުގޮތުން ބޮލަށް އުނދަގުވީ" މެލެކް ބުންޏެވެ.

ބާޒިލް އާއި މެލެކް ގެ ޒުވާބުގަނޑު އަޑުއަހަން މައުސޫމާ އާއި ޒިޔާދު ޒޭބާ އިނެވެ. އެ އެންމެންގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ދެކުދީން ކައިވެނިކުރަން އުޅުނުއިރުވެސް އެއީ އާންމު ކަމެކެވެ.

"ބުނަން. އަބަދު މަންމަމެންނެއް ނުތިބޭނެ ބާޒިލް ކަންތައްކޮށްދޭކަށް. އެހެންވީމަ އަމިއްލަ އަށް ކަންކަން ކުރަން ދަސްކުރޭ" މެލެކް ބުންޏެވެ.

"ކޮންހާ ބޭކާރު ވާހަކައެއް. އަނގަ މަޑުންލައިގެން އިނދެ ތި ބަތްތަށި ހުސްކުރެވޭތޯ ބަލާބަލަ. އަބަދު އަނގަ ތަޅުވަންޖެހޭތަ؟ ލޫލުއަށް ބަނޑުބޮޑު އިރުވެސް އެހެން ކަމެއް ނުކުރެއޭ..."

ބުނެވުނު އެއްޗަކާ މެދު ބާޒިލް އަށް ވިސްނާލެވުނީ މާފަހުންނެވެ. ބަތް ސުވާ ނެގިގޮތަށް މެލެކް އަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ކުއްލިއަކަށް މަހައުލާ ނުގުޅޭ ވާހަކައެއް ބާޒިލް ބުނެއްޖެކަން ޔަގީނެވެ. ހަށިގަނޑަށް ގެންނަންވީ ކޮންކަހަލަ ހަރަކާތެއްކަން އެ ހިނދުކޮޅު މެލެކް ހަނދާންނެތިފައި އިނެވެ.

"ދެން ތިއީ ކޮންކަމެއް. ޒެއްލު ނުޖެހޭނެ މިތަނުގަ ކުރީގެ ވާހަކަތައް ދައްކާކަށް. އެހެންނޫނަސް ލޫލުގެ މަންމަ އާ މެލީ އާ ކޮންކަމެއްތަ؟ ނޫންތަ މެލީ؟" މައުސޫމާ ވާހަކަ އޮޅުވާލީ ނިކަން މޮޅަށެވެ. މެލެކް އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ.

"ލޫލުގެ މަންމަ މަތިން މާބޮޑަށް ހަނދާންވަނީ ތޯއްޗެ. ތިހާވަރުން ކީއްކުރަން ސާރާ އާ އިންނަން ތިއުޅެނީ. ލޫލުގެ މަންމަ ހޯދަބަލަ ތިހާ ހަނދާންވަންޏާ" މެލެކް ބުންޏެވެ.

ފަހުން ބާޒިލް ވާހަކައެއްނުދައްކައެވެ. އަވަސް އަވަހަށް ކައިގެން އޭނާ ތެދުވިއެވެ. ފެންތަށި ވެސް ހުސްނުކޮށް އޭނާ އެތަނުން އަވަހަށް ދިޔައެވެ. ޒޭބާ އަށް ބަލައިލާފައި ހިމޭނުން އިނދެ މެލެކް ވެސް ކަމުން ދިޔައެވެ. އޭނާއަށް އިހުސާސްވަމުން ދިޔައެވެ. ބުނަންނުޖެހޭ ކަހަލަ އެއްޗެއް ބުނެވިއްޖެއެވެ.

"ބާޒިލް ރުޅިއައިސްގެންތަ އެދިޔައީ" ޒޭބާ ކައިރިން މެލެކް އަހާލިއެވެ.

"ހިއެއްނުވޭ" ޒޭބާ ބުންޏެވެ. "ދެން ބޭކާރު ކަންތަކާ ނުވިސްނާ އަވަހަށް ކާން އުޅޭ"

****

ބާޒިލްގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލާފައި ކުޑައިރުކޮޅަކު މައުސޫމާ މަޑުކޮށްގެން ހުއްޓެވެ. ކޮޓަރި ދޮރުހުޅުވިގެން ދިޔައީ މައުސޫމާ ދެވަނަ ފަހަރަށް ޓަކިޖަހާލުމުންނެވެ. މަޑުނުކޮށް ބާޒިލް ދިޔައީ އެތެރެއަށް ވަދެގެންނެވެ. އޭނާ ގޮސް މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ.

"މަންމަ އައިމަވެސް ދުރަށްތަ ދަނީ" ބާޒިލްގެ ފަހަތު ހުއްޓެމުން މައުސޫމާ ބުންޏެވެ.

"މަންމާ، އަހަންނަށް ވަރަށް އުނދަގޫއެބަވޭ" ބާޒިލް ބުންޏެވެ.

"މަންމަ އައިމަތަ؟ އެހެންވިއްޔާ މަންމައަށް ބުނެވޭނީ މަންމަ މިއައީ ޒެއްލުއަށް އުނދަގުކުރާކަށް ނޫނޭ. މަންމަ މިއައީ ޒެއްލު ފެން ނުބޮއެ އައިމަ ފެން ހިފައިގެން. މަންމަ އަށް އެނގޭ ދަރިފުޅު އައީ ހިތްހަމަނުޖެހިގެންކަން" މައުސޫމާ ބުންޏެވެ.

"މަންމާ، މަންމަ ގެ ސަބަބުން އުނދަގުވެގެން ނޫޅެން" ފެން ތަށީގައި ހިފަމުން ބާޒިލް ބުންޏެވެ.

"ދަރިފުޅާ، މެލީ ކޮންމެ އެއްޗެއްވެސް އެބުނަނީ ގަސްތަކުނޫން. މީހުންނާ ގުޅޭ މިޒާޖެއްގެ ހިތްހެޔޮ ކުއްޖެއްވީމަ ގިނައިން އަނގަތަޅާނެ. އަދި އެބަޔަކީ އޭނާއަށް ހެޔޮއެދޭ ބަޔަކު އުޅޭ ތަނެއްކަން އޭނައަށް އިހުސާސްވަންޏާ އާދަޔާހިލާފަށް ގިނައިން ވާހަކަދައްކާނެ. މެލީގެ ހަނދާނުގައި އެބަހުރި ތިދެކުދިންގެ ރަހްމަތްތެރިކަން. ހަނދާނުގައި ނެތީ ކައިވެނިކުރި ހަނދާން. މަންމަ ނުބުންޏަސް އެވަރު ޒެއްލު އަށް އެނގެއެއްނު" ބާޒިލްގެ އަތުގައި ފިރުމަމުން މައުސޫމާ ވާހަކަދެއްކިއެވެ.

"ދެން މާގިނައިންނޭ ވާހަކަދައްކަނީ. ސާރާވެސް ދިޔައީ މެލެކްގެ ސަބަބުން" ބާޒިލް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟