ވާހަކަ

ރުހުން ދީފާނުހޭ - 5

1

ގެއިން އެންމެ ފުރަތަމަ މެލީ ފެނުނު ދުވަހުން މެލީ އަށްޓަކައި އަހަރެންގެ ހިތް ދޫވެއްޖެއެވެ. އޭރުވެސް މެލީގެ ހިތް ވީ އެހެންފަރާތަކަށް ހަދިޔާކޮށްފައެވެ. މެލީގެ އަލަތު ކައިވެންޏަށް ރާއްޖެއިން ބޭރަށް ފުރީ އަހަރެން މިތަނުގައި ހުއްޓަސް އަހަރެންގެ ހިތް ހިފައިގެންނެވެ. ލޯބީގެ ފޮނި މީރުކަމަކީ ގަދަކަމުން ހާސިލްކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންވެ އަހަންނަށް މެލީގެ ރަހްމަތެރިކަން ފުދެއެވެ.

"ކޮން ހިޔާލެއްގަ" ރައްޔަންގެ މޫނުމަތީގައި އަތް ހިންގައިލަމުން މެލެކް ބުންޏެވެ.

"ނުވޭ ކަމެއް. ދެން މެލީ އެތެރެއަށް ވަންނަންވީނުން ނިދަން. ދޮނާ އުޅޭނެ މިހާރު ފޫހިވެގެން" ރައްޔާން ބުންޏެވެ.

"އޯކޭ. ހެނދުނު ސައިބޯން އާދެވޭނެތަ؟" މެލެކް އަހާލިއެވެ.

"ނޫނޭ. ހެނދުނު ބޮޑު ބައްދަލުވުން އޮންނާނެ. އިރާދަކުރެއްވިއްޔާ މެންދުރަށް އަންނާނަން. ތަބައްސުމްދައްތަ ކައިރީގަ ބުނާތި މީރު އެއްޗެއް ކައްކާލައްޗޭ" ޖޯލިން ތެދުވަމުން ރައްޔާން ބުންޏެވެ.

"ގުޑްނައިޓް" މެލެކް ބުންޏެވެ.

ރައްޔާންވެސް އެހެން ބުނެފައި ހިނގައިގަތެވެ.

****

ކޮފީ ބޮއެ ނިމިގެން ސާރާ ނިކުތީ ބާޒިލް ގޮވައިގެން ގޯތިތެރެއަށެވެ. އުނދޯލިގޭގައި ކަރަންޓް ނެތަސް ދެކުދިން ވަނީ އުނދޯލި ގެއަށެވެ. ގޯތީގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލި އުނދޯލި ގެއަށް އެޅިފައި ހުއްޓެވެ.

"ސާރާގެ ދޮންމަންމަ ކޮންވާހަކައެއްތަ އެދެއްކީ" ބާޒިލް އަހާލިއެވެ.

"ރަނގަޅު އެއްޗެއްނު އެކިއީ. މިއަދު އަހަންނާމެދު ވިސްނަން ދައްތަ ނޫނީ ހުރީ ކާކު؟" ސާރާ ބުންޏެވެ.

ބާޒިލް ހީލިއެވެ. އުނގުތެރޭގައި އޮތް ސާރާގެ އަތުގައި ބާޒިލް ހިފާލިއެވެ.

"ތި ހިތުގަ އޮތީ ކީކޭތަ؟ ސާރާ އަށް ކޮންމެ ވާހަކައެއްވެސް އަހަރެން ކައިރީގަ ބުނެވޭނެ" ބާޒިލް ބުންޏެވެ.

"މެލެކް މިއަދު އައިސްފި ދޯ. ތިގެއަށް ދިޔަ ދޯ. ތިގެއިން އެ އާއިލާ ނިކުންނަނިކޮށް ދައްތަ އަށް ފެނުނީމަ އެވާހަކަ އެދެއްކީ" ސާރާ ވާހަކަދެއްކިއެވެ.

"އާނ އެމީހުން މިއަދު އަތުވެއްޖެ. ދެން އަހަރެން ނުބުންޏަސް އެގެއަށް މެލެކް ދާނެކަން އެނގެއެއްނު. ލޫލު އަކީ މެލެކްގެ ދަރިއެއްނު. އަހަންނަށް ކޮން ހައްގެއް އޮތީ މެލެކް ކައިރީގަ އެގެއަށް ނާންނާށޭ ބުނުމުގެ" ބާޒިލް ބުންޏެވެ.

"އެކަމަކު އަހަރެން ވަރަށް ކަންބޮޑުވޭ. ހިތަށް އަރަނީ އަހަންނަށް ބާޒިލްއާއެކު އުފާވެރި ދިރިއުޅުމެއް ލިބޭނެބާއޭ" ބާޒިލްގެ ކޮނޑުގައި ސާރާ ބޯ އަޅާލިއެވެ.

"އަހަރެން ލޯބިވަނީ ސާރާދެކެ. އަހަރެންގެ ހަޔާތަށް މެލެކް އައުމުގެ ކުރިންވެސް. ކޮންކަމަކާ ކަންބޮޑުވަނީ. އަހަންނާ މެލެކް އާ ދެމެދުގަ އޮތީ ދަރިފުޅުގެ މަންމައަށް ވީތީ އޮތް ގުޅުން. އެހެންނޫނަސް މިގުޅުމަށް ފާޑެއް މެލެކް އަކަށް ނުކިޔޭނެ. މެލެކްގެ ހަނދާނުގައި އެއްވެސް ކަމެއް ނެތް" ބާޒިލް ބުންޏެވެ.

"މެލެކް އާ މެދު ޒެއްލުގެ ހިތުގައި އެއްވެސް އިހުސާސެއްނެތޭ ބުނީމަ ގަބޫލުކުރަން އަހަންނަށް ވަރަށް ދަތި. ދަރިއަކު ލިބޭނީ ދެމަފިރިން ހާދަ ކައިރިއަކަށް ގޮސްގެންނޭ. އަހަރެން ކައިރީގައި ނުބުނަންތަ މެލެކް އާ ކައިރިނުވާނަމޭ. ދެން ކީއްވެ؟ ސޮރީ ޒެއްލު.... އަހަރެން ބޭނުމެއްނޫން އެހާ ޝަކުވާކުރާކަށް. އެކަމަކު ހަމަ ހިތަށް އުނދަގޫވާތީ ބުނެލީ" ސާރާ ބުންޏެވެ.

"ހިތަށް އުނދަގޫވާ ކަމެއް އޮތިއްޔާ ބުނަންވާނެ. ދިރިއުޅުމަށް ފެށޭނީ ކަންކަން ސިއްރުކޮށްގެނެއްނޫން. ލޫލު އަކީ އަހަރެންގެ ދުނިޔެ. އެއީ ކޮންމެހެން މެލެކް ވިހޭ ދަރިއަކަށް ވީމައެއްނޫން. ލޫލު ލިބުނީ އެކްސިޑެންޓްއަކުން. އެއީ އެހެންވި ކަމެއްނޫން. މެލެކް ގެ އެހާ ގާތަށް އަހަންނަށް ދެވުނީ އެންމެރެއަކު. އެންމެރެއަކުން ލޫލު ލިބެން އިރާދައިގަ ހުރީމަ ލިބުނީ. އެއީ އަހަރެމެންނަށް ބާރުފޯރުވޭވަރުގެ ކަމެއް ނޫނެއްނު. މެލެކް ގެ ރީތިކަމުގެ ޖާދޫގަ އަހަރެން ނުޖެހޭ. ނުވެސްޖެހޭނެ. ގަބޫލުކުރޭ. އަހަންނަކީ ހަމައެކަނި ސާރާ ގެ މީހެއް" ބާޒިލް ބުންޏެވެ.

****

ދެ އަންހެންދަރީންނަށް ފަތިސް ނަމާދަށް ގޮވާފައި ތަބައްސުމް ނިކުތީ އިލޮށިފަތި ހިފައިގެން ބޭރަށެވެ. ދެދަރީން ނަމާދުކޮށް ނިމިގެން ކާއެއްޗެއް ގޮހޮރަށް ލުމުގެ ކުރީން އޭނާ ހޯދަން ނިކުންނާނެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް މިއަދު މެލެކް އަށް ވުރެ ކުރީން މައިލީން ނަމާދުކޮށްގެން ނިކުތެވެ. ނިދި ހުރިވަރުން މެލެކް އަށް އެނދުން ތެދުވެވުނީ އެހެން ދުވަސްތަކަށް ވުރެ ލަހުންނެވެ. ފާހާނާ އަށް ވަނުމާއެކު މެލެކް އޯކާދެމެން ފަށައިފިއެވެ. އެ އަޑަށް ގޯތިން ނިކުމެ، ނިކުމެ ހުރި މައިލީން އައިސް ވަނެވެ. އޭނާ ދުވެފައި ފާހާނާ އަށް ވަތްއިރު ފާހާނާ ތަށި ތެރެއަށް ގުދަށް އޮވެ މެލެކް އޯކާދެމެމުން ދިޔައެވެ. ހޮޑަށް އެކައްޗެއްވެސް ނާދެއެވެ. އެހެންނަމަވެސް މެލެކް ހުއްޓައެއް ނުލިއެވެ. މައިލީން މެލެކްގެ ބުރަކަށީގައި ފުރމަމުން ދިޔައެވެ. މެލެކް ހިންދެމިލުމުން މައިލީން އައީ މެލެކް ގޮވައިގެން މޫނު ދޮންނަ ތަށި ކައިރިއަށެވެ. މެލެކްގެ މޫނު ދޮއްވާލީ މައިލީން އެވެ. މައިލީން ދެރަވިއެވެ. އެއީ ކޮންމެދުވަހަކުވެސް މެލެކްގެ ހާލެވެ. އެހެންނަމަވެސް އެއީ މާބޮޑު ކަމެއް ނޫނެވެ. އެއީ ރޭގަނޑު ނިދުމުގެ ކުރިން މެލެކް އަށް ދޭ ބެސް ގުޅައިގެ ސަބަބުން ވާގޮތެކެވެ.

"އަޅެ... ރޭގަނޑު އެ ބޭސް ނުކައި ވާނެގޮތެއް ނޯންނާނެތަ؟" މެލެކް ބުންޏެވެ.

"ނޫނޭ. އަދި ހުއްޓާލެވެން ނެތް. ދޮނާ ބުނާނަން ހުއްޓާލަންވީމަ" މައިލީން ބުންޏެވެ.

"އަހަރެން އިންޓަނެޓް ސާޗްކުރިން. ސިސްޓެއް ނެގިޔަސް އެކަހަލަ ބޭހެއް ކާކަށް ނުޖެހޭ. އަޅުގަނޑާ ހުރީ އަނެއްކާ ކެންސަރު ޖެހިފަތަ؟

"މެލީ..." މައިލީން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" ދޮނާ ކީއްވެ ބޭސްތައް އަޅުގަނޑާ ހަވާލުނުކުރަނީ. އެއިން ބޭހަކަށް ކިޔާ ނަމެއްވެސް އެނގެނީއެއްނޫން" މެލެކް ބުންޏެވެ.

"ދުލުން ބަސް ބޭރުކުރުމުގެ ކުރިން ވިސްނަންވާނެ. މެލީ ކާ ބޭހެއް ތިކަނީ ހަމަ މެލީއަށް ރަނގަޅަކަށް. ކާ ކޮންމެ ބޭހެއްގެ ހުރިހާ މައުލޫމާތެއް ބޭސް ކާ މީހާއަށް ކޮންމެހެން އެނގޭކަށް ނުޖެހޭ" މައިލީން ހުރީ ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހިފައެވެ.

މެލެކް ވަރުބަލި ގޮތަކަށް ތުވާލި ހިފައިގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. މޫނުގައި ހުރި ފެންތައް ފޮހެލާފައި ފުންނޭވައެއް ދޫކޮށްލިއެވެ. އެނާ މައިލީން އަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"ހިނގާ ބަދިގެއަށް. މިއަދު ދޮނާ ހޮސްޕިޓަލަށް ނިކުންނަންޖެހޭ ދުވަސް. ހިނގާ މަންމަ ކުނިކަހާފަ އަންނަންވާއިރަށް މީރު އެއްޗެއް ހަދާލަން ދަމާ" މައިލީން ބުންޏެވެ. ކުޑަކޮށް ތައްޔާރުވެލައިގެން މައިލީން ފަހަތުން މެލެކް ނިކުތެވެ.

****

ގޭ ދޮރުމައްޗަށް ނިކުތް ސައިކަލު މަތީގައި އިން ބާޒިލް ތަބައްސުމް އަށް ފެނުނީ ބަދިގޭ ހުޅުވާފައި ހުރި ކުޑަދޮރުންނެވެ. ބާޒިލް އެގެއަށް އަންނަން ޖެހުނީ ކީއްވެތޯ އަމިއްލަ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ލިބުނީ އޭނާ ހަށިގަނޑާ ގުޅުވާފައިވާ އޮތް ބެލްޓުގައި އިން ލޫލު ފެނިފައެވެ.

"ކޯޗެއް ފެންނަނީތަ؟" މައިލީން އައިސް ތަބައްސުމް ކޮނޑުގައި އަތް ޖައްސާލިއެވެ.

"އޯ ބާޒިލް ދޯ. ލޫލު ގޮވައިގެން. މައުސޫމާއްތަ ބުންޏެއްނު ލޫލު ފޮނުވާނަމޭ. މިއަންނަނީ ގޮވައިގެން" މައިލީން ހިނގައިގަތެވެ.

"އާނ މަންމަ ދިޔައިމަ ހައްތާ ބޮޑަށް ބާޒިލް ލަދުގަންނާނީ. ކުށަކާ ނުލާ މެލީ އޭނާ ހަޔާތުން ދުރަށްލިފަހުން މަންމަ އަށް އިސްއުފުލާ ބަލައިވެސްނުލާ. ކޮބާތަ މިހާރު މެލެކް" ތަބައްސުމް އަހާލިއެވެ.

"ފާހާނައިގަ ވެއްޖެ. މިއަންނަނީ ލޫލު ގޮވައިގެން" މައިލީން ހިނގައިގަތެވެ.

ލޫލު ބަލައިދާން މައިލީން އަށް ބަދިގެއިން ނިކުމެވުނީ އެދިމާލަށް އައި މެލެކް ކުރިމައްޗަށެވެ. އެތެރެއަށް މެލެކް ކައިރީގައި ވަންނަން ބުނެފައި މައިލީން ދިޔައީ ދޮރާއްޓާ ދިމާލަށެވެ. ބަދިގެއަށް ވަނުމުގެ ބަދަލުގައި މައިލީން ފަހަތުން މެލެކް ހިނގައިގަތެވެ. ދެބޭން ގޭގައި ހުރިއްޔާ އެކެއްގެ ހިޔަނިހެން ގާތުގައި އަބަދުވެސް އަނެކަކު ހުރެއެވެ.

"ލޫލު ... މަގޭ ލޯބިކޮޅު" މައިލީން ހުޅުވާލި ދޮރުން އެންމެ ފުރަތަމަވެސް ބޭރަށް ދެމިގަތީ މެލެކް އެވެ.

ބާޒިލް ނުދެނިސް މެލެކް ލޫލު ނަގައިގެން އުރާލިއެވެ. އޭނާގެ މޭގައި ލޫލު ޖައްސާލައިގެން ހުރިގޮތުން ބާޒިލް ވެސް ހުރީ ހައިރާންވެފައެވެ. ލޫލު އާ މެދު މެލެކް އެފަދައިން އަމަލުތައް ހުންނާނީ ކޮންމެވެސް ސިފައެއްގައި އޭނާ އަށް މައިވަންތަ އިހުސާސް ކުރެވޭތީއެވެ.

"ނުގޮސް ތިއިންނަނީ ކީއްވެފަތަ؟ ތި އިންނަން އުޅޭ މީހާ މިގޭ ދޮރާއްޓަކުން ބޭރަކަށް ނުނިކުންނާނެ. މިހާރު މިއީ މެލީގެ ދަރިއެކޭ ދޯ. ބާޒިލް ދެން ދިޔަސް އެންމެރަނގަޅު. މަންމަ ބުނި ހަވީރު ވަންދެން އަހަރެން ކައިރީގަ ލޫލު ބަހައްޓާށޭ" މެލެކް ބުންޏެވެ. ބާޒިލް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މެލެކް ލުލު ގޮވައިގެން އެތެރެއަށް ވަނެވެ.

"މައިލީން ދޮރުލައްޕާލަން އުޅެނިކޮށް ބާޒިލް ގޮވާލިއެވެ.

"ދޮނާ..." ބާޒިލް އިސްޖަހާލީ މައިލީން ބަލައިލި ގޮތަކުންނެވެ. އެ ބަލައިލުމުން މައިލީން ބުނި ކަހަލައެވެ. އެއް އިރެއްގައި ބާޒިލްގެ ދޮނާ ކިޔުން ހައްގެވެ. މިހާރު އެ ފެންވަރެއް ނޫނެވެ.

"ސޮރީ... މަންމަ ބުނި ލޫލު ގެ އެހެނިހެން ސާމާނު ހިފައިގެން ނާޝްތާ ނިންމާފަ އަންނާނަމޭ" ބާޒިލް ބުންޏެވެ.

ބަހެއް ނުބުނެ މައިލީން ދޮރާށި ލައްޕާލިއެވެ.

****

ފޯނުގައި ހުރި ސިހާމާ ގޭތެރެއަށް ވަންއިރު ސޯފާގައި ސާރާ އޮތެވެ. އޭނާ އޮތީ ފޯނުން އެއްޗެއް ބަލާށެވެ. ދިގަށް ހުރި ސޯފާގައި ދެފައި ދަމާލައިގެން އޮތްއިރު އޭނާގެ ބަނޑުމަތީގައި ކުޑަ ތައްޓެއްގައި ބަދަން ހުއްޓެވެ. ބަލާބެލުމަށް އޭނާ އޮތީ ވަރަށް ހަމަޖެހިގެންނެވެ. ސިހާމާ ކައިރީގައި ހުއްޓުމާއެކު އިށީންނަން ތަން ދައްކާފައި ސޯފާގައި އިށީނެވެ.

"މިއަދު ހާދަ ކުޑަކޮށް ތިކެއީ" ސިހާމާ ބުންޏެވެ.

"އެގަޑީގަ އެހާ ބަނޑުހައެއްނުވޭ" ސާރާ ބުންޏެވެ.

"މިހާރު އެއްކަލަ ވާހަކަ ބާޒިލް ކައިރީގަ ދެއްކީތަ؟" ސިހާމާ އަހާލިއެވެ.

"ކުއްލިއަކަށް ސީދާ އަދި އެހެން ނުބުނަން. އެވާހަކަ އާ ހަމައަށް ދާން މަގު ކޮށަމުން މިދަނީ" ސާރާ ބުންޏެވެ.

"ކައިވެނިކުރަން ތިކިޔަނީ ކިހާތާކު؟" ސިހާމާ އަހާލިއެވެ.

"ވަރަށް އަވަހަށް" ސާރާ ބުންޏެވެ.

ސިހާމާ އުނގުގައި އޮތް ފޯނަށް ބަލައިލިއެވެ. ކަލަންޑަރު ހުޅުވާލާފައި ދުވަސްތައް ގުނަމުން ދިޔައެވެ.

"ވަރަށް އަވަހަށޭ ބުނާއިރު ދުވަސްކޮޅަކުން ފުރަންޖެހޭކަން ހަނދާނުގަ ބަހައްޓާތި. ސާރާގެ ބައްޕަ އަށް މިކޮޅަށް އާދެވޭނީ އަހަރެން ގޮސްގެން. މާމަ ނުލާހިކު ބަލި. ދައްތަ ނޫނީ ބައްޕަ އަބަދުވެސް ހުންނަންޖެހޭ" ސިހާމާ ވާހަކަދެއްކިއެވެ.

"ހުރިހާ ކަމަކާވެސް ވިސްނަންޖެހޭ. ބޮލުގައި ރިހުން ނުފިލާ" ސާރާ ބުންޏެވެ. އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ސިހާމާ އިތުރަށް ސާރާ އާ ގާތްވެލިއެވެ. ސާރާގެ ބައްޕަ ހަސީބު އާ ސިހާމާ ކައިވެނިކުރީ ސާރާ ބޮޑުވެ ފުރާ ފުރިހަމަވެފައި ހުއްޓައެވެ. ސިހާމާ މީގެކުރިން ދެ ކައިވެންޏެއް ކޮށްފައިވިއިރު އެއިން އެއްވެސް ކައިވެންޏަކަށް އޭނާ އަށް ދަރިއަކު ނުލިބެއެވެ. އެހެންކަމުން ސާރާ އޭނާ ދެކެނީ އުފަން ދަރިއެއް ފަދައިންނެވެ.

"ދައްތަ ބުނާ އެއްޗެއް އަޑުއަހައްޗެ. ސާރާ އަށް ދެރައެއް ލިބޭކަށް ދައްތައެއް ނޭދެން. ބާޒިލް އަކީ ސާރާ އަބަދުވެސް އެންމެ ލޯބިވި މީހާ. މީހަކަށް އަންދާޒާ ނުކުރެވުނަސް ސާރާ ބާޒިލް ދެކެ ލޯބިވާވަރު ދައްތައަށް އަންދާޒާކުރެވޭ. ކުރިންވެސް ސާރާގެ އިހުސާސްތަކަށް ގަދަރުނުކޮށް ތިލޯބީގައި ކޮޅުފައިންޖެހީ ބާޒިލް. މިހާރު ހާލަތު ކޮންމެގޮތަކަށް ބަދަލުވެފައި އޮތް ނަމަވެސް ބާޒީ ތިއޮތީ ސާރާގެ އަތުގަ. މި ކައިވެނީގެ ހުރިހާ ކަމެއް ދާންޖެހޭނީ ސާރާ ބޭނުންވާގޮތަށް. ބާޒިލް އާ އިނދެގެން ސާރާ ބޭނުންވަނީ ވަކިން މިގޭގައި ދިރިއުޅެންނަމަ އެ ފުރުސަތު ސާރާ އަށް ލިބެންޖެހޭ. އެއީ ސާރާގެ ހައްގެއް. ސާރާ ބޭނުންވަނީ ބާޒިލްގެ ދަރިފުޅު އެގޭ މީހުންނާ ހަވާލުކުރަންނަމަ އެކަމުގައި ގޯހެއް ނެތް. ލޫލު ބަލާނެ މީހުން ބައިވަރު އެބަތިބި. ސިކުނޑިއަށް ބައްޔެއް ޖެހިފައި ވިޔަސް ލޫލުގެ މަންމައެއްނު މެލެކް އެއީ. އެހެންވިއްޔާ އޭނައަށް މެލެކް ބެލޭނެ" ސިހާމާ ވާހަކަދެއްކިއެވެ.

"ތިހުރިހާ ކަމެއް އަހަރެން ބޭނުންގޮތަކަށް ނިންމަން ބާޒިލް ފުރުސަތުދޭނެނަމަ ކިހާ ރަނގަޅު. އަހަންނަކީ ގޯސް މީހެއްނޫން. ބާޒިލްގެ އާއިލާ ދެކެ އަހަރެންވެސް ލޯބިވޭ. އެގޭމީހުންވެސް އަހަންނަށް ގޯހެއްނޫން. އެކަމަކު... އަލަތު ކައިވެނި ކުރެވޭއިރު ދަރިއަކު.... ނޫން... އަހަރެން އަދި ތައްޔާރެއްނޫން" ސާރާ ބުންޏެވެ.

"އެހެންވީމަ ދައްތަ މިބުނަނީ ތިވާހަކަދައްކަން ލަސްނުކުރޭ. ލަސްކޮށްގެން ސާރާ ބޭނުންވާ ގޮތަކަށް އެއްކަމެއްވެސް ނުނިންމޭނެ. ބާޒިލް އަށް ރަނގަޅު ގޮތެއް ނިންމޭނީ ވަގުތުދިނީމަ" ސާރާ ބޯޖަހާލަ ޖަހަލަ އިނެވެ.

****

ހަވީރުގެ ވަގުތެވެ. މައުސޫމާ އާއި ތަބައްސުމް އިނީ ގޭކައިރީ މަގުމަތީގައި ހުރި ޖޯލީގައެވެ. ލޫލު އިނީ ތަބައްސުމް އުނގުގައެވެ. އިރުކޮޅަކުން ގޭތެރެއިން ނިކުތް އަންހެން ގުރޫޕަކާއެކު މެލެކް ހިނގައިގަތެވެ. އެކުދީން އައީ ތިންމުގޯލި ކުޅެންދާން މެލެކް ބަލައެވެ. ހިނގައިގަނެފައި ވެސް ތަބައްސުމްގެ އުނގުގައި އިން ލޫލު އާ ދިމާލަށް މެލެކް އައެވެ.

"ހައި ލޯބީ... މެލީ މިދަނީ ކުޅެލަން އެނގޭ. ވަރަށް އަވަހަށް އަންނާނަން" ލޫލުގެ ކޮލުގައި ލޯބިކޮށްލާފައި މެލެކް ބުންޏެވެ.

"ކޮން މެލީއެކޭތަ މިކިޔަނީ. ތިއީ ލޫލު ގެ މަންމި" މައުސޫމާ ބުންޏެވެ.

ހަގީގަތުގައި މައުސޫމާ ދެރަވީއެވެ. އެއްޗެއް ހަނދާންނުވާ ހާލު މެލެކް މަސައްކަތްކުރަނީ ލޫލު އަށް އޭނާ އަކީ 'ދައްތަ' ކަމުގައި ބުނެދޭށެވެ. މައުސޫމާ އެތެރެހަށީގައި ފުރާނަ ހިނގާހާ ހިނދެއްގައި އެހެންވިޔަކަ ނުދޭނެއެވެ. ލޫލު މަންމަ ކިޔާނީ މެލެކް އަށެވެ. މެލެކް އަކީ ލޫލުގެ މަންމަ އެވެ. އެކަމަށް މުޅި ދުނިޔެވެސް ހެކިވާނެއެވެ.

"ކުޅެގެން އައިސް ފެންވަރައިގެން ނަމާދުކޮށްލައިގެން ދާނަން ތިގެއަށް. އޯކޭ ދޯ މަންމާ" މެލެކް ބުންޏެވެ. ތަބައްސުމް ވަގުތުން ބޯޖަހާލިއެވެ.

"ދާދި އަވަހަށް މިހާލަތު ބަދަލުވާނެނަމަ ކިހާ ރަނގަޅު" މެލެކް ދިޔަ ދިމާލަށް ބަލަން އިން އަސަރާއެކު މައުސޫމާ ބުންޏެވެ.

މެލެކް ދިޔަތާ އިރުކޮޅެއްވީތަނާ ގޭތެރޭގައި އުޅުނު މައިލީން ނިކުމެއްޖެއެވެ. އޭނާވެސް ހުރީ ހަވީރީ ހެދުމެއްލައި ތައްޔާރުވެގެންނެވެ.

"މެލީ ގޮވައިގެން އެކުދީން ދިޔައީތަ؟" މައިލީން އަހާލިއެވެ. ތަބައްސުމް ބޯޖަހާލިއެވެ.

ވަގުތުން އަލުން ގޯއްޗަށް ވަދެ ބައިސްކަލް ހިފައިގެން މައިލީން ނިކުތެވެ. އެވަގުތު ހައިރާންވެފައި ތަބައްސުމް އަހާލިއެވެ.

"ކަމެއް ގޯސްވީތަ އަނެއްކާ" ތަބައްސުމް ހިތް ބިރުގަތެވެ.

"ނޫން. ކަމެއް ގޯސްވެދާނެތީ. ވާހަކަދެއްކުމުގެ ތެރެއިންވެސް އެއިން ކުއްޖަކު މެލީ އާ ކުރީގެ ދިރިއުޅުމުގެ ވާހަކައެއް ދައްކައިފާނެތީ. އެކަހަލަ ކަމެއް ވިއްޔާ ކުރަމުންމިދާ ހުރިހާ ކަމެއް ފެނަކަށްނު ދާނީ" ކުޅޭތަނާ ދިމާލަށް މައިލީން ބައިސްކަލުގައި ދުއްވާލިއެވެ.

"ވަޒީފާ އިން އައިގޮތަށް ތަނެއްގަ އެމަންޖެ ޖައްސާވެސްނުލާ. ގޭތެރޭގައި ހުރިއްޔާ އަބަދު މެލެކްގެ ފަހަތުގައި ޖައްސާފަ. މައިލީން ކަހަލަ އެއްބަނޑު އެއްބަފާ ދައްތައެއް މެލެކް ލިބިފައިވުމަކީ ހަމަ ނިއުމަތެއް" ތަބައްސުމްގެ ދެލޮލުން ކަރުނައެއް ވެއްޓިގެން ދިޔައެވެ.

"ﷲ އެކަލާނގެ އަޅަކަށް އެއް ދޮރު ބަންދުކޮށްފިއްޔާ އެ އަޅާގެ ދިރިއުޅުން ލުއިފަސޭހަ ކުރުމަށްޓަކައި އެތައް ދޮރެއް ހުޅުއްވައިދެއްވާ. އެހެންވީމަ އަހަރެމެންގެ މެލީ އަށް ވެސް ގޮތެއް އޮންނަންވާނެއްނު" މައުސޫމާ ބުންޏެވެ.

"މައުސޫމާ، ތިގޭތެރެއަށް ގޮސް އުޅޭއިރު މެލެކް އަށް ކުރީގެ ދިރިއުޅުމުގެ އެއްވެސް ނިޝާނެއް ފެންނަން ނުބަހައްޓައްޗޭ. މިބުނީ ބާޒިލް އާ ދެކުދިންގެ ކައިވެނީގެ ތަސްވީރެއްނޫނީ ކައިވެނީގެ އެއްވެސް ލިޔުމެއް ނޫނީ އެހެން އެއްޗެއް ވިޔަސް" ތަބައްސުމް ވާހަކަދެއްކިއެވެ.

"ނުހުންނާނެ. އަހަރެން ވިސްނާނެއްނު. އެދެކުދިންގެ އަލަތު ކައިވެނި ކުރެވުނީ ލަންކާގަ. މިކޮޅަށް އައިސް ކައިވެނި ރަޖިސްޓްރީކުރި ލިޔުންތަކާ އެކޮޅުގެ ލިޔުންތަކާ ލޫލުގެ އުފަންދުވަހުގެ ސެޓްފިކެޓާ ހުރިހާ އެއްޗެއްވީ ޒިޔާދުގެ އަލަމާރީގަ. އޭގެ ތަޅުދަނޑި އަހަންނާވެސް ޒިޔާދު ހަވާލެއްނުކުރޭ. އަހަރެން ކަންބޮޑުވަނީ ލޫލުގެ އައިޑީ ކާޑު މެލީ އަށް ފެނިދާނެތީ. ތަބައްސުމް އާ މައި އެކަންޏެއްނޫން. އަހަންނާ ޒިޔާދު އަދި ޒޭބާ ވެސް އުޅެންޖެހޭނީ ވަރަށް ވިސްނައިގެން" މައުސޫމާ ވާހަކަދެއްކިއެވެ.

****

މަޣްރިބް ކޮށްގެން ތައްޔާރުވެގެން ހުރި މެލެކް ބޭރަށް ނިކުތީ ބުރުގާ ނާޅައެވެ. މޭޒު ކައިރީގައި އިން ގޮނޑީގައި އިން ރައްޔާން ފެނުމާއެކު މެލެކް ހީވީ ބިރެއް ފެނުނުހެންނެވެ. ކޮޓަރިއަށް އަލުން ދެމިގަތީ ނިކަން ބާރަށެވެ. ސިހުނުވަރުން ރައްޔާންވެސް ބޯން އިން ފެންތައްޓާއެކު ކޮށިއަރައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟