ފެންވަރަން ވަނުމުގެ ކުރިން ލޫލު ކޮބާތޯ ބަލައިލަން ބާޒިލް ދިޔައީ ލޫލުގެ ކޮޓަރި އާ ދިމާލަށެވެ. ކޮޓަރީގެ ދޮރުން ނިކުންނަން އައި މީހެއްގެ ގައިގައި ބާޒިލް ލައިގަތެވެ. މެލެކްގެ އަތުގައި އޮތް ކާންދޭ ފުޅި ޖެހުނީ ބާޒިލްގެ ބަނޑުގައެވެ.
"ބަލައިގެން" މެލެކް ބާޒިލް އަށް ބަލައިލިއެވެ.
ވާނީވެސް އެހެންނެވެ. މެލެކް ގެ ދެއަތުގައި ބާޒިލް ހުރީ ހިފަހައްޓައިގެންނެވެ.
ބާޒިލްގެ ދެލޮލަށް ބަލަން ހުރިގޮތަށް މެލެކްވެސް ހުރީ ހުއްޓުންއަރާފައެވެ. އޭނާ އަށް ބުނެދޭން ނޭނގޭ ގޮތެއް ވެއްޖެއެވެ. ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތް ބުނީ ބާޒިލް އަކީ އޭނާ އާ ދުރުމީހެއް ނޫންކަމެވެ.
"ސާބަހޭ ދޫކޮށްލަބަލަ" ބާޒިލްގެ ދެއަތުން ދެއަތް ދަމައިގަންނަމުން މެލެކް ބުންޏެވެ.
"އަދި މަ ކައިރީގައޭ ތިބުނީ ބަލައިގެންނޭ. ބާޒިލް ކީއްވެ ނުބަލާ އައީ؟ ކޮބާތަ؟ ނުގެންނަންތަ ތީނަގެ އޭނަ؟ " ސަމާސާ ގޮތަކަށް މެލެކް ބުންޏެވެ. އެވަގުތު އެއީ ލޫލު އުރާލައިގެން ހުރެ ޒޭބާ ނިކުތް ވަގުތެވެ.
"މިއީ ދޯ މިވީގޮތަކީ. ލަސްވެގެންނޭ މިނިކުތީ" ބާޒިލް އާއި މެލެކް ފެނުމުން ޒޭބާ ބުންޏެވެ.
"މިއަންނަނީ " ހިނިތުންވެލާފައި މެލެކް ދިޔައީ ބަދިގެ އާ ދިމާލަށެވެ.
"އޭނަ މިގޭގަތަ މިއަދު އެއްކޮށް" ލޫލު އުރާލަމުން ބާޒިލް އެހިއެވެ.
"މިނޫނީ އޭނަ ދާނީ ކޮންތާކަށް؟ ތިހެން އަހާއިރުވެސް އިނގޭނެއްނު" ޒޭބާ ބުންޏެވެ.
"ފަހަރެއްގަ މިގެއިން މާގިނައިން އޭނަ ފެންނަންޏާ ސާރާ ހިތްހަމަނުޖެހިދާނެ" ބާޒިލް ބުންޏެވެ.
"ޒެއްލޫ. ކޫ މިބުނާ އެއްޗަކުން އެއްޗެއް ހިތުގަ ނުޖަހާތި. އާދެބަލަ އެތެރެއަށް. މިވާހަކަތައް މެލެކް އަށް އިވޭކަށް ބޭނުމެއްނޫން"
"ތިބުނީނު މެލެކް މިގޭތެރެއިން ފެނުނިއްޔާ ސާރާ ހިތްހަމަނުޖެހިދާނޭ. ކޫ ގަބޫލުކުރާ ގޮތުގައި އެގޮތަށް އެކަން ވާނީ ސާރާ އަމިއްލަ އެދުން ބޮޑުވީމަ. ލޫލު އަކީ މެލެކްގެ ދަރިއެއްކަން ސާރާ އަށް އޮތީ ސިއްރުވެފައެއް ނޫނެއްނު. ސާރާއަށް ވުރެ ކުރިން އަންބަކަށްވެގެން ޒެއްލުގެ ލައިފްއަށް އައީ މެލެކް ކަން ސާރާ އަށް ނޭނގޭތަ؟ އަނެއްކޮޅުން މެލެކް އެހެރީ މީހަކު ނަފްރަތުކޮށް ކާލާނެ ހާލަތެއްގަތަ؟ ލޫލު ކައިރިއަށް އޭނަ އައީ ކުރިންވެސް ލޫލު އާ އެހާ ގާތްކޮށް އުޅެފައި ހުރީމަ. ހުރިހާ މީހުންގެ ތެރެއިންވެސް އޭނަގެ ސިކުނޑި ލޫލު ހަނދާންކޮށްދީފި. އޭނަ ހަނދާނެއްނެތް ލޫލު ވިހޭ ހަނދާނެއް. އެންމެން އޭނައަށް ހަމްދަރުދީއެއް ނޫންތަ ވާންވީ" ޒޭބާ ވާހަކަދެއްކިއެވެ.
"އޭނަ މިގެއަށް އައިސް ލޫލު ގޮވައިގެން ކިތަންމެ ވަރަކަށް އުޅުނަސް އަހަންނަށް އޯކޭ އޭ. ސާރާ މައްސަލައަކީ.....ދެން އެހެންވާނެކަން ކޫ އަށް ވެސް އެނގެއެއްނު" ލޫލު އާ ލޯބިކުރަމުން ބާޒިލް ބުންޏެވެ.
"ތި ކައިވެނިވުމުގެ ކުރިން މިހެން ބުނަން ފުރުސަތު ލިބުނުކަން ނަސީބު...." ޒޭބާ ބުންޏެވެ. ބާޒިލް ހައިރާންކަމާއެކު ޒޭބާ އަށް ބަލައިލިއެވެ. ބާޒިލް ބުނަންއުޅޭ އެއްޗެއް އެނާއަށް ނުވިސްނުނެވެ. "ކިތަންމެ ލޯބި ވިޔަސް އަންހެނެއްގެ ދަށު ނުވައްޗޭ. މިބުނީ ވަރަށް ވާހަކަ" ޒޭބާ ބުންޏެވެ.
****
ރޭގަނޑުގެ ކެއުމަށް ބާޒިލް ނިކުތްއިރު ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. އޭނާ ހީކުރީ ލޫލު ނިދުމުން މެލެކް ގެއަށް ދާނެ ކަމަށެވެ. އެހާއިރު ފަހުން ކޮޓަރިން ނިކުތީވެސް މެލެކް ނުހުންނާނެ ކަމަށެވެ. އެހެންނަމަވެސް ޒިޔާދު ދެއަތުގެ ތެރޭގައި ހުރި މެލެކް ފެނުމުން ބާޒިލް އަށް އެންމެންގެ ތެރެއަށް ނިކުންނަން ނުކެރުނެވެ. މަންމަ އާއި ބައްޕަ އަށް މެލެކް ހާއްސަ މިންވަރު އެ މަންޒަރު ފެނުމުން އެކަނިވެސް އޭނާއަށް އިހުސާސް ކުރެވުނެވެ. އެތަނުގައި ތިބި މީހުން ދައްކަމުންދިޔަ ވާހަކަތައް އިވޭ ހިސާބުގައި އޭނާ މަޑުކޮށްލައިގެން ހުއްޓެވެ.
"ދަރިފުޅު އެކަނިތަ ގެއަށް ދަނީ. ޒެއްލު ފޮނުވަންތަ ގެއަށް ލައިދޭން" ޒިޔާދު ބުންޏެވެ.
"ސުބްހާނަﷲ އަޅުގަނޑަކަށް ލާހިކެއްނޫން. އަޅުގަނޑު ފެނުނުފަހުން އޭނަ ހީވަނީ ބިރެއް ފެނިގެން އުޅޭހެން. ހެހެހެ..." މެލެކް ބުންޏެވެ. އެހިނދު މައުސޫމާ އާއި ޒިޔާދު އަދި ޒޭބާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.
"މަންމަ ހިނގައިދާނަން. އެކަމަކު ނުކައިތަ ދަނީ؟" މައުސޫމާ ބުންޏެވެ.
"މަންމަމެން ދާނެކަމެއްނެތް. ޔާން އެބައާދޭ ބަލާ. އެކަމު ކާނީ ގެއިން. މަންމަ އާ ދޮނާ ހުންނާނެ އަޅުގަނޑު ދަންދެން ނުކައި" މެލެކް ބުންޏެވެ.
މެލެކް އާ އެކު ދޮރާ ހަމައަށް މައުސޫމާ އާއި ޒޭބާ ނިކުތެވެ. އޭރު ރައްޔާން ދޮރާށި ކުރިމަތީގައި ފާރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.
****
ކާން ނުގޮސް ބާޒިލް ވަނީ އަލުން ކޮޓަރިއަށެވެ. އޭނާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް އޭނާ ބަލައިލިއެވެ. ހުދު އަމިއްލަ ދެލޮލުން އޭނާ ހޯދީ ކޯޗެއް ކަމެއް ނޭނގެއެވެ. އޭނާ އަށް އެނގެނީ އޭނާގެ ކަންފަތަށް ތުރާވަމުންދާ ކަމެވެ. އިވުނު ވާހަކަތަކުންނެވެ. މެލެކް އާ އާއިލާ މީހުންނާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ދެން ކޮންމެ ދުވަހަކު އޭނާ އަށް ފެންނާނެއެވެ. އަނެއްކާ އޭގެ ނޭދެވޭ އަސަރު އޭނާ އާއި ސާރާގެ ދިރިއުޅުމަށް ނުކުރާނެ ހެއްޔެވެ؟ ސާރާ އަށް ވިސްނައިދޭން ވަރަށް އުނދަގުވާނެއެވެ. ސާރާ އަކީ ރަނގަޅަށް ވިސްނައިދީނީމާ ވިސްނޭނެ ކުއްޖެކެވެ. އެކަމަކު މެލެކް ގެ ކަމެއްގައި ސާރާ އަށް ވިސްނައިދޭން އުނދަގުވާނެއެވެ.
"ޒެއްލު...." ބާޒިލް ސިއްސައިގެން ދިޔައީ ޒޭބާ ގެ އަޑުންނެވެ. ޒޭބާ ގޮވަނީ ކޮޓަރިން ބޭރުގައި ހުރެފައެވެ.
"އެބަދަން" ބާޒިލް ބުންޏެވެ. ޒޭބާ އެގޮވަނީ ކާންވެގެންކަން އޭނާ އަށް އެނގުނެވެ.
"އެކަމަކު... ޔާން... އެއީ؟ އެއުޅޭ ރައްޔާން ތަ؟ ޕޮލިސް ގަ އުޅޭ. އެއީ ވަރަށް ފޮނި ފިރިހެނެއް" އަމިއްލަ ހިތާ ބާޒިލް ސުވާލުކުރިއެވެ.
ހިނގައިގަންނަން އުޅެފައިވެސް އަލުން އޭނާ ހުއްޓުނެވެ. އޭނާގެ ނަފްސު ހައިރާންކޮށްލާ ވަރުގެ ކަމެއް ވެއްޖެއެވެ. މެލެކް އާ ރައްޔާން ގެ އެކުވެރިކަމަކީ އޭނާ އާ ކޮންބެހޭ ކަމެއް ހެއްޔެވެ؟ ރައްޔާން ނޫނަސް މެލެކް ގެ ހަޔާތަށް ކިތަންމެ ފިރިހެނަކު އަޔަސް ކޮންކަމެއް ހެއްޔެވެ؟ މެލެކް އަކީ އޭނާ އާ ގުޅުމެއް އޮތް މީހެއް ނޫނެވެ. އެއީ ހަމައެކަނި ދަރިފުޅުގެ މަންމައެވެ.
****
ކައިގެން ބަދިގޭ މަސައްކަތްތައް ނިންމާފައި ތަބައްސުމް ވަނީ ކޮޓަރިއަށެވެ. މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުން ބަލައިލިއެވެ. ފޯނަށް އަރާފައި އިން ނަން ފެނުމުން ހިތްހަމަނުޖެހުމުގެ އަސަރު ތަބައްސުމްގެ މޫނުމަތިން ފެނިލިއެވެ. ފޯނު ނުނަގަން ހުރެފައި އެންމެފަހުން އޭނާ ފޯނު ނަގާފައި އެނދުގައި އިށީނދެލިއެވެ.
"ކިހިނެއްވީ؟" ތަބައްސުމް އަށް ވާހަކަދެއްކުނީ ރުންކުރުކޮށެވެ.
"ކިހިނެއްތަ؟ ދަރީން ރަނގަޅުތަ؟" އެއީ ފިރިހެން އަޑެކެވެ.
"ބުނަންތަ އައްޒާމް ވާހަކައެއް. ކުދީންގެ ވާހަކަތައް އަހަން ދެގަޑިން ކާބޭހެއްހެން އަހަންނަށް ނުގުޅިޔަސް ހެޔޮ. އެކުދީން އެތިބީ ބޮޑެތިވެފަ. ކޮންމެ ކުއްޖަކު އަތުގަ ފޯނެއް އޮންނާނެ. އަހަންނަކީ ކާކު އައްޒާމް ގުޅަން" ތަބައްސުމް ބުންޏެވެ.
"ތާބާ އެނގެއެއްނު ތިއީ އަހަރެންގެ ކާކު ކަން. ތާބާ އަށް ނުގުޅާ ދެން އަހަރެން ގުޅާނީ ކާކަށް" އައްޒާމް ބުންޏެވެ.
"އަހަންނަކީ ކާކު ކަން މީގެ އަހަރުތަކެއް ކުރިން އައްޒާމް ހަނދާންނައްތާލައިފި. އަހަރެން ބުނެދެންތަ. އަހަންނަކީ މާލެއިން ރީތި އަންހެނަކު ފެނުނީމަ އެ ރީތިކަމުގެ އަވައިގައި ޖެހިގެން އަހަރެން ދޫކޮށްލާފަ އައްޒާމް ވަޑައިގަތް ނިކަމެތި އަންހެނާ. އަދިވެސް އަހަންނަކީ ރާއްޖެތެރޭ ލިބާސްގަނޑުގައި އިން ހަމަ އެ އަންހެނާ. އައްޒާމަށް އެކުދީން ފެނުނީ ބޮޑެތިވެ މީހުންނަށްވީމަ. އައްޒާމަށް އެކުދީން ހިތްސާފުކަން އެއީ އަހަރެން ދިން އެކުދީންނަށް ދިން ހެޔޮ ތަރުބިއްޔަތު. މިއަދު އަހަރެން ހިތާމަކުރަން. އަހަރެން ގިރާކުރި ދުވަސްތައް، އެ ހިތާމަތައް އަހަރެންގެ މެލެކް ބަރުދާސްތުކުރަމުން އެދަނީ. މިވަގުތު ކުރީގެ ދިރިއުޅުން މަތިން އެކުއްޖާ ހަނދާން ނެތްކަން އެއީ ﷲ ލެއްވި ނަސީބެއް ކަންނޭނގެ. އެހެންނޫނީ އަހަރެން ކެތްކުރި މިންވަރަށް އެދަރިފުޅަށް ކެތްތެރިއެއް ނުވެވޭނެ. އައްޒާމް މީގެފަހުން އަހަރެންނަށް ގުޅައިގެން ނުވާނެ. ދަރީންގެ ހާލު ބަލަން ދަރީންނަށް ގުޅާ" ތަބައްސުމް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. އޭނާގެ އަޑުގައި އިންތިހާދަރަޖައިގެ ޝަކުވާ އާއި ރިހުން ވިއެވެ.
"ތާބާ އަށް އޮޅިފަ އޮތްކަމެއް އަހަރެން ރަނގަޅުކޮށްދީފާނަން. އޭރުވެސް އަހަރެން ތާބާ ދުލެއް ނުކުރަން. މިހާރުވެސް ނުކުރަން. ތިއީ އަހަންނަށްޓަކައި ހަމައެކަނި އަހަރެންގެ ދަރީންގެ މަންމައެއް ނޫން. ގަބޫލުކުރަން އެއީ ކުރެވުނު ކުށެއްކަން. ކުރެވުނު ކަންތަކަށް އަހަރެން މައާފަށްއެދުނީމު. އޭރު އެގޮތަށް ދިމާވީ ސަބަބުތަކެއް ހުރީމަ. އަހަންނަށް އެނގޭ ތާބާގެ ހިތުގައި އަހަންނަށްޓަކައި އޭރުގަ އޮތް ލޯތްބާ އިތުބާރު ނެތްކަން. ގެއްލުނު އިތުބާރު ހޯދަން އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ވެސް އެނގޭ. ތާބާ! އަހަންނަށް ފުރުސަތުދީ. އަހަރެން އަތުގައިވާ ފައިސާ އާއި މުދަލަކީ މަރުވެގެން ދާއިރު ހިފައިގެންދެވޭ ތަކެއްޗެއް ނޫން. އޭގައި އަހަރެންގެ އަނބިދަރީންގެ ހައްގުތަކާ ބޭނުންޖެހިފައިވާ ނިކަމެތި ފަގީރުންގެ ޙައްގުތަކެއްވޭ. އަހަރެން މަސައްކަތް މިކުރަނީ އެ ހައްގުތައް އަދާކުރަން. ތާބާގެ ތި ބަސްތަކުން އަހަރެން ހުއްޓުވަން މަސައްކަތްނުކުރޭ" އައްޒާމް ވާހަކަދެއްކިއެވެ. ތަބައްސުމް އަށް ލިބުނީ ހައިރާންކަމެވެ. އިންސާނަކު އެދަރަޖައަށް ބަދަލުވެދާނެ ހެއްޔެވެ؟ އެހެންނަމަވެސް އެ ބަސްތައް ބޭރުވެގެން ދިޔައީ އޭނާއަށް އިތުބާރު ގެއްލިފައިވާ އިންސާނެއްގެ ދުލުން ވީތީ އެ ބަސްތަކަށް އިތުބާރުކުރަން އޭނާގެ ޒަމީރު ދެކޮޅު ހެދިއެވެ.
"ދަރީންގެ ހައްގު އަދާކުރޭ. އަހަރެން މިހުރި ހިސާބުގަ އަހަރެން ބަހައްޓާ. ދެން ބާއްވަނީ" ތަބައްސުމް ބުންޏެވެ. އޭނާ ފޯނކަނޑާލާފައި އެނދުގައި ބޭއްވިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ދެނެވެ. ހަނދާނަށް އައީ ދެ ދަރީން ބޮޑެތިކުރަން އޭނާ އެކަނި އުފުލި ތަކުލީފެވެ. ގޭގެއަށް މަސައްކަތްކޮށްދޭން ދިޔަ ހަނދާނެވެ. ދަރީންނަށް ބޭނުންވާ ހަރަދުތައް ހަމަނުޖެއްސިގެން އޭނާ ރުއި ރުއިމެވެ. އެހެން ކުދީން އަތުގައިވާ ރީތި ހެދުންތަކާ ފައިވާންތަކާ ފޮތް ފަންސުރާ ދަބަސް ފަދަ ތަކެތި ފެނުމުން ޅަ ދެހިތް ކުރި ޝަކުވާތަކެވެ. މީރު އެއްޗެހި ކާން އެކުދީން ތެޅުނު ވަރެވެ. އޭރުވެސް އެކުދީންގެ ބައްޕައަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިޔާއެވެ. އަގުބޮޑެތި ރިސޯޓްތަކާ ދަނޑުވެރިކަން ކުރާ އެކި ރަށްތަކާއި މުޅި ރާއްޖޭގައި އެބައެއްގެ ވިޔަފާރި ފުޅާވެފައި އޮތް އޭ ޒެޑް ކޮންމެޕެނީގެ ޒިންމާދާރު ވެރިޔާއެވެ. ދަރީންގެ ބައްޕަ އަކީ ތަނަވަސް މީހަކަށްވުމުން ދަރީންނަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. ދުވަހަކަށް ފަހު ދުވަހެއް ކުރާ މަސައްކަތްތައް ގިނަވެ އެއް ރުފިޔާ އިން ބައި ރުފިޔާ ފޮރުވައިގެން އޭނާ ވި ގުރުބާނީ އިން ހާސިލްވި އެންމެ ބޮޑު ކާމިޔާބީ އަކީ ދޮށީ ދަރިފުޅު ބޭނުންވި ރޮނގުން ބޭނުންވި ހިސާބަކަށް ފޮނުވައިގެން ބޭނުންވި ދާއިރާއިން ކިޔަވައިދިނުމެވެ. މިއަދު އޭނާ ފަހުރުވެރިކަމާއެކު ކޮންމެ މީހެއް ކައިރީގައިވެސް ބުނެއެވެ. މައިލީން އަކީ މުޅި އަތޮޅުގައިވެސް ހުރި ހަމައެކަނި ނާރުގެ ހާއްސަ ޑޮކްޓަރެވެ. އެދަރިފުޅު ދަރިއަކަށް ހެދީ އޭނާއެވެ. އެ ދަރިފުޅުގެ ބައްޕަ ފައިސާއިން ބައި ރުފިޔާވެސް އެކަމަށް ހަރަދުކޮށްފައެއް ނުވާނެއެވެ. އޭނާ އަށް މީހަކަށް ނެހެދުނީ ހަގު ދަރިފުޅެވެ. މިއަދު ހަގު ދަރިފުޅަށް ޖެހިފައިވާ ހާލަކީ އޭނާ އަށް ޖެހިފައި އިން ހާލެވެ. ދަރީންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ހިތުން ރަނގަޅު ބަފައެއްގެ ރޯލު އަދާކުރަން ބާޒިލްފަދަ އިންސާނެއްގެ އަތްދަށަށް މެލެކް ހަވާލުކުރީވެސް ހަމަ އައްޒާމެވެ. އެދުވަހުވެސް މެލެކް ހުއްޓުވަން ހުރަހަކަށް ތަބައްސުމް ވިއެވެ. އޭނާ އެއްފަރާތްވާން ޖެހުނީ ބާޒިލް އަކީ މެލެކްގެ ހިތުގައި އޮތް ލޯބިކަން ފާޅުގައި މެލެކްގެ ދުލުން ބުނި އަޑު އިވުނު ހިސާބުންނެވެ. އެއީ ތާއަބަދު އޭނާ ހިތާމަކުރާ ކަމެކެވެ.
****
ކިޔަން ގެންގުޅުނު ބޭސްވެރިކަމާ ބެހޭ ފޮތް ބާއްވާފައި މައިލީން ބޭރަށް ބޯދިއްކޮށްލިއެވެ. މެލެކް ވީ ހިސާބެއް ނުބަލާ އޭނާ އަށް އިތުރަށް ކޮޓަރީގައި ނީނދެވުނެވެ. ދެމީހަކު ވާހަކަދައްކާ އަޑު އިވުމުން މައިލީން ބޭރަށް ބޯދިއްކޮށްލިއެވެ. މައި ދޮރު ކައިރީން ގޯތީގައި ހުރި ޖޯލީގައި މެލެކް އާއި ރައްޔާން އިންތަން ފެނުނެވެ. މައިލީން ހިނިތުންވެލާފައި އެތެރެއަށް ވަންނަން އުޅެނިކޮށް މެލެކް އަށް ފެނިއްޖެއެވެ.
"ދޮނާ! އާދެބަލަ" މެލެކް ބުންޏެވެ.
"ނޫނޭ މެލީ މެން އަނގަތަޅާލާ. ދޮނާ ކަމެއްކުރަނީ" މައިލީން ވަނީ އެތެރެއަށެވެ.
އުޑުމެދުގައިވާ ހަނދަށް ރައްޔާން ބަލައިލިއެވެ. ދެން އޭނާ ބަލައިލީ ކައިރީގައި އިން މެލެކް އަށެވެ. އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މެލެކް އަށް އޭނާގެ ހިތް ކިތަންމެ އެދުނަސް އެ ހަނދާ ބިމާ ދެމެދުގައިވާހާ ދުރުމިން އެދެމެދުގައި އެބަހުއްޓެވެ. އެއީ އޭނާއަށް ހާސިލްވާނެ ލޯތްބެއްކަން ވެސް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.
"މެލީ ދެކެ ހާދަ ބަޔަކު ލޯބިވެޔޭ. އެކަން އެނގޭތަ؟" ރައްޔާން ބުންޏެވެ.
"އާނ އެނގޭ. އަހަރެންދެކެ ލޯބިވާ އެންމެންދެކެވެސް އަހަރެންވެސް ލޯބިވެޔޭ" މެލެކް ބުންޏެވެ.
"ތިބުނީ އަހަރެންދެކެވެސް ލޯބިވެޔޭ ތަ؟" ރައްޔާން އަހާލިއެވެ.
"އާނ " ވަގުތުން މެލެކް ބުންޏެވެ. ރައްޔާންގެ ހިތުގައި އެވަގުތު އާދަޔާހިލާފު ވިންދެއް ޖަހާލިއެވެ. ހަށިގަނޑު ސީދާކޮށްލި ގޮތަށް މެލެކްގެ މޫނަށް ގާތުން ބަލައިލިއެވެ.
"ކީއްވެ ޔާންދެކެ އަހަރެން ލޯބިނުވާންވީ. ތިއީ އަހަރެންގެ އެންމެ، އެންމެ ބެސްޓް ފްރެންޑަކީ. އަހަންނަށާ މަންމައަށާ ދޮނާ އަށް ޔާން ކިހާ ރަނގަޅު. ތިކަހަލަ ފްރެންޑެއް އެންމެންނަށް ނުލިބޭނެ. ބުނީމެއްނު ޔާން ލޯބިވާ ވަރަށް ލައިކްވާ ކުއްޖެއް ހުންނަ ވާހަކަ. ކޮބާ މިހާރު އެކުއްޖާ" މެލެކް އަހާލިއެވެ.
"އަދި ހަމަ އަތުޖެހޭހާ ކައިރީގަ ކުރިއަށް ފިޔަވަޅެއް އެޅީމަ ދުރުގައިކަން އިހުސާސްވާހާ ދުރުގައި އެބަހުރި. އަދި ކާމިޔާބެއްނުވޭ. ކާމިޔާބުވީމަ އެންމެ ފުރަތަމަވެސް އެނގޭނީ މެލީ އަށް" ރައްޔާން ބުންޏެވެ.
"އަހަރެން ދުއާކޮށްދޭނަން" މެލެކް ބުންޏެވެ. އެހިނދު ރައްޔާންގެ ދެލޮލުން ވިދުމެއް ފެނިލިއެވެ.
"އެކަމަކު... ކީއްވެތަ އަހަންނަށް ހީވަނީ އަހަރެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ކަންތައްތަކެއް ހިނގާފަ އެބަހުއްޓޭ. ކީއްވެތަ އަހަރެންގެ ދިރިއުޅުމުން ދެ މަސްދުވަސް ފާއިތުވެގެން ދިޔައިރު އެ ދެމަހުގައި އަހަންނަށް ނޭނގޭ ކަންތައްތަކެއް ހިނގާފަ ހުރީ. ޔާން ބުނެބަލަ. އެ ދެމަހުގަ ރާއްޖޭގައި ހިނގީ ކޮންކޮން ކަމެއް. އަހަރެންގެ ހަޔާތުގައި އަހަންނަށް އެނގެންޖެހޭ އެއްވެސް ކަމެއް ވިތަ؟ މިބުނީ ބައެއްފަހަރު ހީވޭ މިއޮށް އުޅޭ ފޮނިބޮޑު ބާޒިލް އަހަރެންދެކެ ވަރަށް ރުޅިއާދެޔޭ. އޭނަގެ ދަރި އަހަރެން އުރައި ހަދާތީ ހިތްހަމަނުޖެހެއޭ" މެލެކް ވާހަކަދެއްކިއެވެ.
ރައްޔާން ކަންބޮޑުވިއެވެ. މެލެކް ގެ ހާލަތު މައިލީން އޮތީ ވަރަށް ރަނގަޅަށް ރައްޔާނަށް ކިޔައިދީފައެވެ. އެގޮތަށް ދިރިއުޅުމާމެދު މެލެކް ވިސްނުމަކީ ރަނގަޅު ފާލެއް ނޫނެވެ. އެ ވިސްނުންތަކާ މެލެކް ދުރުކުރަންޖެހެއެވެ.
"ހީވާ ހީވުމަކީ ހަގީގަތެއްނޫން. ދެމަސް ދުވަހު ކޯމާގައި މެލީ އޮތީ ވަރަށް ބަލިވެގެންނު. އެހެންވެ ހިތަށް އަރާ އެއްޗެހި ތިއީ. މެލީ އަށް އެނގޭތަ. މާތްﷲ މެލީ އަށް ލެއްވި ރަހްމަތް. މެލީ ތިއީ އެކަލާނގެ ވަރަށް ބޮޑު ރަހްމަތެއް ލައްވާފައިވާ އެކަލާނގެ ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް" ރައްޔާން ބުންޏެވެ.
"އެނގޭ. އެހެންވެއެއްނު އެހާ ބޮޑު ސިސްޓެއް ނެގީމަވެސް އަނބުރާ އަހަރެން ދުނިޔެއަށް އައީ. ނަސީބެއްނު އޭގައި ނުރައްކާތެރި ބައްޔެއް ނެތްކަން" މެލެކް ބުންޏެވެ.
އަލްހަމްދުލިއްލާހް. ތިބުނާ ސިސްޓް އަކީ މިދުނިޔޭގައި މެލީ އަށް ލިބުނު އެންމެ ބޮޑު ނިއުމަތް. އެ ނިއުމަތުން މެލީ މަހުރޫމްކޮށްލެވޭވަރުގެ އެއްވެސް ބާރެއް އެ އިލާހު ފިޔަވައި ނުވޭ" ރައްޔާން ބުންޏެވެ.
"ސީރިޔަސްލީ. ދޮނާ ނުދެއްކި އޭގެ ފޮޓޮއެއްވެސް. އަހަންނަށް ފަރުވާކުރި ލަންކާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމު ފޮޓޯ ދެއްކީ" މެލެކް ބުންޏެވެ.
"ތާ އަބަދު މެލީގެ ލޯމަތިން އެ ނިއުމަތް ފެންނަން ހުއްޓާ ކީއްކުރަން ބަލާ ފޮޓޮއެއް. ލޫލު ފެނުނީމަ މެލީ އަށް ތިބުނާ ސިސްޓް އެފެނުނީ" އެވާހަކަތައް ވީ ރައްޔާންގެ ހިތުގައެވެ. މެލެކް އަށް ބުނެދޭން ބޭނުންވިއެވެ. ލޫލު އަކީ މެލީ ގެ ލޯބީގެ ދުނިޔޭގައި އެޅި ފުރަތަމަ މަލެވެ. މެލީ ތިޔަވަނީ ދިރިއުޅުމުގެ އެންމެ މުހިންމު ހަގީގަތް މަތިން ހަނދާންނެތިފައެވެ. މެލީ ދެކެ ހަގީގީ ލޯބިވާ މީހާ އަކީ އަހަރެންނެވެ. ގެއިން އެންމެ ފުރަތަމަ މެލީ ފެނުނު ދުވަހުން މެލީ އަށްޓަކައި އަހަރެންގެ ހިތް ދޫވެއްޖެއެވެ. އޭރުވެސް މެލީގެ ހިތް ވީ އެހެންފަރާތަކަށް ހަދިޔާކޮށްފައެވެ. މެލީގެ އަލަތު ކައިވެންޏަށް ރާއްޖެއިން ބޭރަށް ފުރީ އަހަރެން މިތަނުގައި ހުއްޓަސް އަހަރެންގެ ހިތް ހިފައިގެންނެވެ. ލޯބީގެ ފޮނި މީރުކަމަކީ ގަދަކަމުން ހާސިލްކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންވެ އަހަންނަށް މެލީގެ ރަހްމަތްތެރިކަން ފުދެއެވެ.
(ނުނިމޭ)