ބޮލީވުޑްގެ އެންމެ ހަގު ބަތަލާ ސާރާ އަލީ ޚާން ބަރުދަން ލުއިކޮށް ފިޓްވި ގޮތަކީ ފަހަކަށް އައިސް ފެނުނު ސެލެބްރިޓީ ޓްރާސްފޯމޭޝަންތަކުން އެންމެ ޝައުގުވެރި އެއް ވާހަކައެވެ.
ކޮލުޖުގައި އުޅުނު އިރު ހުރި 96 ކިލޯއިން 55 ކިލޯއަށް ބަރުދަން ލުއި ކުރުމަށް ސާރާ ކުރިދަތުރަކީ ފަސޭހަ ދަތުރެއް ނޫންނަމަވެސް ކަމެއް ކުރުމުގެ އަޒުމެއް ކަނޑައެޅުމުން ހާސިލްނުވާނެ އެއްވެސް ކަމެއް ނޯންނާނެކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.
23 އަހަރުގެ ސާރާ ބަރުދަން ލުއިކުރީ އެކްޓަރަކަށް ވުމަށް ބޭނުންވެގެން ނޫނެވެ. ނަމަވެސް އޭނާއަށް އުޅެވެނީ އެހާ ސިއްހަތަށް ބަލައިގެން ނޫންކަން އަމިއްލައަށް އިހްސާސްވުމުންނެވެ. ޕިއްޒާ އިން ސެލެޑަށް ކެއުން ބަދަލުކޮށް ކާޑިއޯގެ ކަސްރަތުތައް ކުރަން ފެށުމަކީ އޭނާގެ ހަޔާތް ބަދަލުވެގެން ދިއުމުގެ ސިއްރެވެ.
އިންޓަވިއުއެއްގައި ސާރާ ބުނީ ފިޓް ވުމުގެ މަސައްކަތް ފެށީ ނިއުޔޯކުގައި ހުރިއިރު ކަމަށެވެ. އޭރު ހަށިގަނޑުގައި 96 ކިލޯ ހުރުމާއި ޖެހިގެން އަންނަން އޮތް އަހަރަކީ އޭނާ ގްރެޖުއޭޓްވާ އަހަރުކަމުން ފިޓްނަސްގެ ދަތުރު ފެށީކަމުގައި އޭނާ ބުންޏެވެ. ސިއްހަތަށް ރަނގަޅު ކާނާ ކާން ފެށުމާއި ކަސްރަތު ކުރަން ފެށީ ނިއު ޔޯކުގައި ކަމަށް ސާރާ ބުނިއެވެ.
ކަސްރަތު ކުރުމުގައި އެކި ކަހަލަ ކަސްރަތު ތައް ސާރާ އިހްތިޔާރު ކުރެއެވެ. އެއީ ޕިލޭޓްސް އިން ސްޓްރެންތް ޓްރެއިންއިން ބޫޓް ކޭމްޕުން ކާޑިއޯ ވެސް ހިމެނޭ ގޮތަށް އެކި ބާވަތުގެ ކަސްރަތުތައް ސާރާ އަބަދުވެސް ކުރެވޭތޯ މަސައްކަތްކުރެއެވެ.
ސާރާ ބުނީ ބޮލީވުޑަށް ނުކުތުމުގެ ކުރިންވެސް އެކި ކަހަލަ ކަސްރަތުތައް ކުރަން ފަށާފައިވާކަމަށެވެ. އޭގެ ތެރޭގައި ބޮކްސިން އަދި ސައިކްލިންވެސް ހިމެނެއެވެ. ނަމަވެސް އޭރު ބަރުކަމުން އެންމެ ބޮޑަށް ސަމާލުކަމެއް ދިނީ ކާޑިއޯ އާއި ހެވީ ކަސްރަތުތައް ކުރުމަށް ކަމަށް ސާރާ ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިނގުމާއި ތްރެޑްމިލް ހިމެނެއެވެ. ފުރަތަމަ އޭނާ ބޭނުންވީ ބަރުދަން ލުއިކޮށްލުމަށް ކަމަށާއި އޭގެ ފަހުން ފިޓް ވުމަށް އެހެން ކަސްރަތުތައް ކުރަން ފެށީކަމުގައި ސާރާ ބުންޏެވެ.
ބޮލީބުޑަށް ވަން ފަހުންވެސް ކަސްރަތުކުރުން އޭނާ ދުލެއް ނުކުރެއެވެ. ކަސްރަތުކުރުން މިހާރު ވެފައިވަނީ އޭނާގެ ދިރިއުޅުމުގެ އެއްބަޔަށެވެ.
ސާރާ ބުނީ ޕިލޭޓްސް، ބޮކްސިން އަދި ކާޑިއޯ ގެ ކަސްރަތުތައް ބަހާލައިގެން ކޮންމެ ދުވަހަކު އެއްގަޑިއިރު ނުވަތަ ބައިގަޑިއިރު ނަމަވެސް ކުރާކަމަށެވެ. އެއީ އާދިއްތަ ދުވަސްފިޔަވައެވެ. ސާރާ ބުނީ އާދިއްތަ ދުވަހަކީ އޭނާ އަރާމުކުރާ ދުވަސްކަމުގައެވެ.
ކެއުމުގައި ކޮންމެ ދުވަހަކު ގަވައިދުން ބިހާއި ކުކުޅު ސާރާ ހިމަނައެވެ. މީގެ ކުރިން ކެޓޯ ޑައިޓެއް ސާރާ ބޭނުންކުރިކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޑައިޓު އޭނާއަށް އެހާ ކަމުގޮސްފައެއް ނުވެއެވެ.
ގޭގައި ކައްކާ ކާނާއަކީ ސާރާ ބުނާގޮތުގައި އޭނާ ފިޓްވުމުގެ ދަތުރުގައި އެންމެ ބޮޑަށް އެހީވި އެއް ބައެވެ. ޝޫޓިންތަކަށް ދާއިރުވެސް ގެއިން ކައްކާ ކާނާ ކެއުމަށް ގެންދެއެވެ. ރޮށި، މުގުރިހަ، ފެނުކެއްކި ތަރުކާރީ ބިސް އަދި އިޑްލީއަކީ ސާރާއަށް އެންމެ މީރު ކެއުމެވެ.
ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ސާރާ ބޮނީ ތާފަނާ ފެންތަށްޓެކެވެ. އަދި ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުންވެސް ކޮންމެވެސް އެއްޗެއް ކެއުމަށް އޭނާ ވަނީ އާދަކޮށްފަ އެވެ. އެގޮތުން މުސްލީ، މޭވާ ނުވަތަ އޯޓްސް އާއެކު ޕްރޮޓިން ޝޭކެއް ކަސްރަތު ކުރަން ފެށުމުގެ ކުރިން ސާރާ ބޭނުން ކުރެއެވެ. ޕްރޮޓިންސް ހިމެނޭ މި ކެއުންތަކުން ކަސްރަތު ކުރާއިރު އޭނާއަށް އެނާޖީ ލިބި ބަރުދަން ލުއިކުރުމަށް ފަސޭހަވެގެންދާކަމަށް ސާރާ ބުންޏެވެ.