ޚަބަރު

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކަށް ލިބޭ އިތުރުގަޑީގެ ފައިސާ ދިނުމުގެ ލިމިޓު އުވާލައިފި

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކަށް ލިބޭ އިތުރުގަޑީގެ ފައިސާ ދިނުމުގެ ލިމިޓު އުވާލައިފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކުރިން ބަންދު ދުވަސްތަކަށް ލިބެމުންދިޔަ އިތުރުގަޑީގެ އެލަވަންސް ލިމިޓުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރު އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އެ ބަދަލުތަކާ ގުޅިގެން ބަންދު ދުވަސްތަކުގައި ވެސް އިތުރުގަޑީގެ އެލަވަންސް ގޮތުގައި މުވައްޒަފުންނަށް ލިބެމުންދިޔައީ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން ދިހަ ޕަސަންޓަށްވާ އަދަދެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ގެޒެޓުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ހަތްވަނަ އިސްލާހާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއަށެވެ.

އެ އިސްލާހުގައިވާ ގޮތުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނުން އިސްތިސްނާވާ މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އެ މިންގަނޑުގައި ބުނާ ދިހަ އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެ ކަމަށެވެ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ފެށިގެން އެ މަހުގެ ނިޔަލަށް ހުރިހާ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށާއި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ގެޒެޓުގައި އެ އިސްލާހު ޝާއިއުކުރުމާއެކު، މިއަދުން ފެށިގެން ވަނީ އެ އިސްލާހަށް އަމަލުކުރަން ފަށައިފައެވެ.