ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން ފިތުރު ޒަކާތް ބަހާގޮތަށް ބަދަލު ގެނެސް، ކޮންމެ މީހަކަށް 4500 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މީގެ ކުރިން އޮންނަ ގޮތަކީ ފިތުރު ޒަކާތަށް އެ ރަށަކަށް ލިބެނީ، އެ ރަށަކުން ލިބޭ އެއްޗެެއް ކަމަށާއި މިހާރު ތަފާތަކީ މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފިތުރު ޒަކާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގެނެވުނު އެފަދަ ބަދަލުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"1446 ވަނަ އަހަރު ފިތުރު ޒަކާތް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމުގައި ދަންނަވަން. މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިތުރު ޒަކާތް ލިބޭނެ. މި ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިއަހަރު ފިތުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ އިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އިއްޔެ ހެނދުނު 6:00 ގައި ވަނީ ހަމަވެފައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސިން އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިންކޮށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 7,632,214.03 (7.6 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ.
އެއީ ފުރަތަމަ 10 ދުވަހު ލިބުނު 2،913،839.61 (2.9 މިލިއަން) ރުފިޔާ އާއި މެދު 10 ގައި ލިބުނު 4،718.372.42 (4.7 މިލިއަން) ރުފިޔާއާ އެކުއެވެ. މެދު 10 ގައި ލިބުނު އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ތިން މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން އިތުރު އަދަދެކެވެ.
ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.