މަތީ ތައުލީމު ހާސިލުކުރަން ދޫކުރާ ލޯނުތަކުން، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ދަންނަވާފައިވާނެ ކަމަށެވެ.
އެގޮތުން ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު، ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެއް ޕަސަންޓު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް ރައީސް ވަނީ އަންގަވައިފައެވެ.
އޭގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުމަށް ވެސް ވަނީ އަންގަވައިފައެވެ.
އަދި ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ރައީސް ވަނީ ދަންނަވައިފައެވެ.