ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުމާލޭގެ ދެ ސްކޫލެއްގެ 640 ދަރިވަރެއްގެ ހެލްތު ސްކްރީނިން ހަދައިދީފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ކާމިލް ދީދީ ސްކޫލުގެ ދަރިވަރުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ކުރީބައިގައި ބަލިތައް ދެނެގަތުމާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ޒުވާން އުމުރުފުރައިގެ ކުދީންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 640 ދަރުވަރުންގެ ހެލްތު ސްކްރީނިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ސިއްހީ ދުޅަހެޔޮކަމަކީ ކޮންމެ ދަރިވަރެއްގެވެސް ތައުލީމީ ކުރިއެރުމަށް މުހިންމު ކަމަކަށްވާތީ އެފަދަ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތްކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިފަދަ ސްކްރީނިން ތަކުގެ ސަބަބުން އެކިއެކި ބަލިތަކާއި ސިއްހީ މައްސަލަތައް ވީހާވެސް އަވަހަށް ދެނެގަނެވޭ. އަދި މިގޮތުން އަވަސް ފިޔަވަޅު އެޅުމަށާއި ދިރިއުޅުމުގެ އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން 'ޕްރޯއެކްޓިވް ޓްރީޓްމަންޓެއް' އެބަ ފޯރުކޮށްދެވޭ" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދާރް ޖީ ވިދާޅުވިއެވެ.

"ކުރީކޮޅުގައި އެޅޭ ފިޔަވަޅަކީ ދުރު ރާސްތާގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއް. މިއީ ބަލި ބޮޑުވުމުގެ ކުރިން އެކަންކަން ބަލަހައްޓައި ފަރުވާ ދިނުމަށް އެހީތެރިވެދޭ ކަމަކަށްވާތީ، ނުރައްކާތެރި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރެވޭ" ޑރ. އިޔާޒު ވިދާޅުވިއެވެ.

ސިއްހީ ސްކްރީނިންގެ މުހިންމުކަން

  • ދަރިވަރުންނާއި މުޅި މުޖުތަމައުގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮކަމުގެ ސަގާފަތެއް އާލާވުން
  • ސިއްހީ މައްސަލަތައް އަވަހަށް ދެނެގަތުމަށް އަމާޒުކޮށް، ވަގުތުން ފަރުވާދީ އަދި ރައްކާތެރިވުމަށް މަގުފަހިކޮށްދީ، ސިއްހީ ގޮތުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރެވުން
  • ކިޔެވުމަށް ހުރަސްއެޅޭ ސިއްހީ ސަބަބުތައް ހައްލުކުރުމަށް މަސައްކަތްކޮށް، ދަރިވަރުންގެ ތައުލީމީ ނަތީޖާ ރަނގަޅުކުރުމަށް އެހީތެރިވުން
  • މުޅި މުޖުތަމައުއަށް ފައިދާކުރަނިވި އަދި ދެމެހެއްޓެނިވި ސިއްހީ ޙައްލުތައް ކުރިއެރުވުމަށް މަސައްކަތްކުރުން

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ ސިއްހީ ހޭލުންތެރިކަން އިތުރުކޮށް އަދި ސިއްހީ ހިދުމަތްތައް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ހެލްތް ކޭމްޕްތަކާއި ހެލްތް ސްކްރީނިން އަދި ހޭލުންތެރިކަމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.