ޚަބަރު

ތެލެސީމިއާ ސެންޓަރުގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި

މުހައްމަދު އިޝާން

ތެލެމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ތެލެސީމިއާ ސެންޓަރުގެ ޑިރެެކްޓަރުގެ މަގާމުގައި ހުންނެވި އަހުސަން ހުސައިން އަދި އެ ސެންޓަރުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ފައިސަލް އިބްރާހިމް އިއްޔެގެ ވަގުތެއްގައި ވަނީ މަގާމުން ވަކިކުރައްވައިފައެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވައިފައެއްނުވެއެވެ.

ތެލެސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދީންގެ ބެލެނިވެރިން ވަނީ އެ ސެންޓަރު ދޮށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހުތިޖާޖުކޮށް އެ ސެންޓަރުގެ ވެރީންގެ އިސްތިއުފާއަށް ގޮވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް އާދިއްތަ ދުވަހު ވަޑައިގެން، ވަގުތުން ވަގުތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އަންގަވައިފައެވެ.

ތެލަސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތަށްފަހު އަޅަމުން އަންނަ ފިޔަވަޅުތައް:

  • އެމްބީއެސް އިން ހިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރުން
  • އެމްބީއެސްއަށް ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސުން (މި މަގާމަށް މިހާރު ވަނީ ބޭފުޅަކު ހަމަޖައްސާފައި)
  • ހިދުމަތް ރަނގަޅުކުރުމަށް އިންޓާނަލް މެނޭޖްމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  • މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ހަލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
  • ޕޭޝަންޓުންނަށް ހިދުމަތްދިނުމަށް ޑޮކްޓަރުން ހަމަޖެއްސުން
  • އެމްބީއެސްގެ ބިލްޑިން ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް އަވަސްކުރުން