ރޯދަމަހަށް ހާއްސަކޮށް ކާބޯތަކެތި ވިއްކާ ތަންތަނުގެ މާސް އިންސްޕެކްޝަނެއް ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅިގެން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ މާސް އިންސްޕެކްޝަން ފަށައިފައިވަނީ މިއަދު ހެނދުނު 9:00 ގައި ކަމަށާއި އެ އިންސްޕެކްޝަން މިއަދު 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްދާނެ ކަމަށެވެ.
އެ އިންސްޕެކްޝަން ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކައި، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިތޯ ކަށަވަރު ކުރުން ކަމަށެވެ.
"މިގޮތުން މިއިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ބުޅާ މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެ އިރުޝާދާ އެއްގޮތަށްތޯ ބެލުމާއި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުން ހިމެނެއެވެ." ހެލްތު މިނިސްޓްރީން ބުންޏެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މޭމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ ގާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށު މާއެކު އެމްއެފްޑީއޭއިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ހިދުމަތްދިނުމަށް ކަނޑައަޅައިފައިވާ އިރު، ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.