ޒޭބާ އައިފަހުން ގޭތެރެއިން އަޑު ކެނޑިގެން ނުދެއެވެ. ބަދިގެތެރޭގައި ހުރި މައުސޫމާ އިރުކޮޅަކާ ބޭރަށް ބަލައިލައެވެ. ސިޓިންގރޫމުގައި އިން ޒޭބާ ލޫލު އާ ސަމާސާ ކުރަމުން ދިޔައެވެ. ބައެއްފަހަރު ލޫލުގެ އަޑުވެސް އިވިލައެވެ. އެ އަޑުތައް ވީ މައުސޫމާގެ ކަންފަތަށް އަހަން ފަސޭހަ އަޑުތަކަށެވެ.
"އަނހަ ސާރާ ތަ؟ އާދޭ އަވަހަށް އެތެރެއަށް" ބާޒިލް އާ އެކު އެތެރެއަށް ވަތް ސާރާ ފެނުމުން ޒޭބާ ބުންޏެވެ.
"ކޫ ކިހިނެއްތަ؟ ވަރަށް އުފާވެއްޖެ ފެނުނީމަ" ޒޭބާ ކައިރީގައި އިށީންނަމުން ސާރާ ބުންޏެވެ.
"ރަނގަޅު. ދެން އަވަހަށް ދެކުދިން އިންނަން އުޅޭ. ރައްޓެހިވެގެން އެހާ ގިނަ ދުވަހު އުޅޭކަށްނުވާނެ" ޒޭބާ ބުންޏެވެ. ސާރާ ހީލާފައި ބާޒިލް ގެ މޫނަށް ބަލައިލިއެވެ. ބާޒިލް ވެސް އިނީ ހިނިތުންވެގެންނެވެ.
"ވަރަށް އަވަހަށް. ކޫ ނިކަން މޮޅުވާނެ މޫނުގަ ފާޑުފާޑުގެ ކުލަޖައްސަން. ވެޑިންނައިޓްގަ ކޫ ވާނެ ސާރާގެ މޫނުގަ ކުލަޖައްސަން" ބާޒިލް ބުންޏެވެ. އެހިނދު ޒޭބާ އާއި ސާރާ އެކުގައި ހީލިއެވެ.
"ބަލާބަ. މީނީ ލޫލުގެ ނިއު މަންމި އޭ. ބަލާބަ..." ލޫލު އަށް ކައިރީގައި އިން ސާރާ ދައްކާލަމުން ޒޭބާ ބުންޏެވެ.
"އުރާލަބަ. ދުވަސްކޮޅަކުން ސާރާ ގެ ޒިންމާއެކޭ މިއީ" ސާރާގެ އުނގުގައި ލޫލު ބައިންދަމުން ޒޭބާ ބުންޏެވެ. އެހިނދު ސާރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ފަރުވާކުޑަ ގޮތަކަށް ލޫލު ގެ ގައިގައި ހިފަން އުޅުމުގެ ތެރޭގައި ސާރާގެ އުނގުން ލޫލު އަރިއަޅާލިއެވެ.
'އަސްތާ މަގޭ ދަރި..." ބަދިގެއިން ނިކުމެގެން އައި މައުސޫމާ އެދިމާލަށް ދުއްވައިގަތެވެ.
ނަސީބަކުން ލޫލު އަށް އަނިޔާއެއްވުމުގެ ކުރިން ބާޒިލް ހުޝިޔާރުވިއެވެ. ސާރާ އަތުން ލޫލު ނެގި ގޮތަށް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ލޫލުގެ މޫނުގައި ބޮސްދިނެވެ. މައުސޫމާ ކައިރިވެފައި ބާޒިލް އަތުން ލޫލު ނަގައިގެން ކޮޓަރި އާ ދިމާލަށް ދިޔައެވެ. ދުލުކުރީގައި ދަތްއަޅައިގެން އިން ސާރާ ކަންބޮޑުވެފައި ބަލައިލީ ބާޒިލްގެ މޫނަށެވެ.
"އެވަރުކަމެއް ވެދާނެ. ދެން ފަހަރަކުން ސަމާލުވާތި" ޒޭބާ ސާރާގެ އަތުގައި ހިފާލިއެވެ.
މައުސޫމާ ދިޔަ ދިމާލަށް ޒޭބާ ވެސް ހިނގައިގަތެވެ. ކަންބޮޑުވެފައި އިން ސާރާ ކައިރީގައި އިން ބާޒިލްގެ އަތުގައި ހިފާލިއެވެ. އެހިނދު ބާޒިލް ސާރާ އަށް ބަލައިލިއެވެ.
"ހިނގާ ގެއަށް ދާން" މަޑުމައިތިރިކަމާއެކު ބާޒިލް ބުންޏެވެ.
"ސޮރީ ލަވް. އަހަރެން ގަސްތަކުނޫން" ސާރާ ބުންޏެވެ.
"އެނގޭ. ދެން އެކަމުވެސް މިގަޑީގަ ހިނގާ ދާން" ބާޒިލް ބުންޏެވެ.
އިސްޖަހައިގެން އިން ސާރާ މަޑުމަޑުން ބާޒިލްގެ ފަހަތުން ހިނގައިގަތެވެ.
****
ނިދާލާފައި ހޭލެވެނުއިރު މެލެކް ހުރީ މާބޮޑަށްވެސް ހަމަޔަކަށް އެޅިފައެވެ. އޭނާ އަށް ދިމާވި ކަންތައް ހަނދާނުގައި ނެތެވެ. އެނދުން ފުންމާލިގޮތަށް ފުރަތަމަވެސް އޭނާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ހިނިތުންވެފައި އަމިއްލަ މޫނު އެކި ދިމާލަށް އަނބުރާލާފައި ބަލައިލިއެވެ. ކުރިއަށް ވުރެ މާބޮޑަށްވެސް ދޮންކަމަށް ދައްކަފައެވެ. ހުރެވުނީ ރަށުގައި ކަން ހަނދާންވުމާއެކު ދުވެފައި ގޮސް ކުޑަދޮރުތައް ހުޅުވާލިއެވެ. އެއާއެކު ގުދުރަތީ ވައިތައް އައިސް އޭނާގެ މޫނުގައި ބީހިލިއެވެ. އެހިނދު އޭނާ އަށް ދެލޯމަރާލާ ވަޔާ އޭނާގެ މުޅި ނަފްސު ހަވާލުކުރިއެވެ. އެގޮތުގައި އޭނާ ހުރީ ހިނދުކޮޅަކުއެވެ. ނިކަން ބާރަށް އައިސް ކޮޓަރީގެ އެއްފަރާތުގައި ހުރި އޭނާގެ ބްރީފް ކޭސް އުފުލާލިއެވެ. ބަރު އަޑެއް އަނގައިން ލައްވާލިގޮތަށް ފޮށި ނަގާ އެނދުމަތީގައި ބެހެއްޓިއެވެ.
"އަނހަ ތިއީ ކޮންކަމެއް" މެލެކްގެ ހަބަރެއް ބަލައިލަން ކޮޓަރިއަށް ވަން މައިލީން ބުންޏެވެ.
"ބޭރަށް މިދަނީ. ދޮނާ ނިކަން މި ހެދުން އިސްތިރިކޮށްދީބަލަ" މެލެކް ބުންޏެވެ. މައިލީން ހިނިތުންވެލާފައި އައިސް މެލެކް ދިއްކޮށްލި ހެދުމުގައި ހިފިއެވެ.
"އަން. މި ބުރުގާވެސް" މެލެކް ބުންޏެވެ.
މައިލީން ސޯފާގައި އިށީނދެފައި ކޮއްކޮ އަށް ބަލައިލިއެވެ. ކޮއްކޮ ދުވަހަކުވެސް ކުލަ ހެދުމެއް ނުލައެވެ. ކޮއްކޮ ގްރޭޑް ފަހެއްގައި އުޅެނިކޮށް ބައްޕަ މަޖުބޫރުކޮށްގެން ބުރުގާ އަޅުވައިފިއެވެ. އޭރުއްސުރެ ފެށިގެން ކޮއްކޮ ހެދުންތައް ހުސް ކަޅަށް ބަދަލުކުރިއެވެ. ހުސްކަޅު ހެދުމާއެކު ކަޅު ބޮޑެތި ބުރުގާ ކޮއްކޮ އަޅާލާފައި ހުންނައިރު ތަފާތު ރީތިގޮތެއް ހުރެއެވެ. ކޮއްކޮއަކަށް މޭކަޕެއް ބޭނުމެއް ނުވެއެވެ. ގުދުރަތުން ކޮއްކޮއަށް ދެއްވާފައިވާ ރީތި ކަމަކީ އެއަށް އިތުރު ކުލަތަކެއް ގެންނަންޖެހޭ ވަރަށް ވުރެ ތަފާތު ރީތި ކަމެކެވެ. ކުލަކުލައިގެ ލިޕްސްޓިކެއް ކޮއްކޮ ބޭނުމެއް ނުކުރެއެވެ. ގައިގެ ހަމުގެ ކުލައަށް ވުރެ އަލި ފަނޑުކަމެއް ހުންނަ ފިޔާތޮށި ކުލައެއް ކޮއްކޮގެ ތުންފަތަށް ލިބިފައިވެއެވެ. ހިތާމައަކީ އެ ރީތިކަމުން ކޮއްކޮ އަށް ލިބުނު ފައިދާއެއް ނެތްކަމެވެ. ކޮއްކޮގެ ރީތިކަމުގެ އަސަރުގައި ކޮއްކޮ އެންމެ ލޯބިވީ މީހާ ނުޖެހުނެވެ. ކޮއްކޮގެ ނަސީބާމެދު ވިސްނާލެވުމާއެކު މައިލީންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ކޮއްކޮގެ ހަނދާނުގައި ނެތްކަން އެއީ ހަމަ ނަސީބެވެ. އެހެންނޫނީ ހިތާމަކޮށްކޮށް ކޮއްކޮ މިދުނިޔެއިން ފަނާވެގެން ދިޔައީހެވެ.
"އޭ ދޮނާ..." މައިލީންގެ ލޯމަތީގައި މެލެކް އަތްހިންގާލުމާއެކު މައިލީން ދިޔައީ ސިއްސައިގެންނެވެ.
"އަރުސަލްބެ މަތިން ހަނދާންކުރަނީތަ؟" މަޖާވެފައި މެލެކް އަހާލިއެވެ.
"ދެން އެނޫނީ ނެތެއްނު ހަނދާންކުރަންޖެހޭ މީހެއް" މައިލީން ބުންޏެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރީގައި ހުރި އިސްތިރިކުރާ މޭޒު ފަތުރާލިއެވެ. އޭނާ މެލެކްގެ ހެދުން އިސްތިރިކުރަން ތައްޔާރުވެލިއެވެ.
"މަންމަ ކޮބާ؟ އަޅުގަނޑު އެކަނިތަ ދަތުރު ވަރުބަލިވެގެން ނިދީ" މެލެކް ބުންޏެވެ.'އެއާއެކު މައިލީން މެލެކް އަށް ބަލައިލިއެވެ. ބޭސްކާވަގުތު ފާއިތުވުމުން ކޮއްކޮގެ ހަށިގަނޑަށް ވީގޮތް ވެސް ކޮއްކޮ ގެ ހަނދާނުގައި ނެތީއެވެ. ހާދަހާ ދެރައެވެ. އެއީ ހީކުރެވުނު ގޮތްވެސް މެއެވެ.
"މެލެކް އިހަށް މަޑުކޮށްބަލަ" ފާހާނާއަށް ވަދެ ވަދެ ހުރެފައި މެލެކް މަޑުޖެހިލިއެވެ.
"އުނދަގުލެއް އެބަވޭތަ؟" މައިލީން އަހާލިއެވެ. މެލެކް ދެފަރާތަށް ބޯހޫރާލިއެވެ.
****
ސަލާމްގޮވާލި އަޑު އިވުމާއެކު ފުޓްބޯޅަ ކުޅެން ދާން ނިކުންނަން އައި ބާޒިލް ހުއްޓުނެވެ. އެ އަޑު ޖެހުމުންވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިސްފިއެވެ. އޭނާ އަށް ދޮރާ ދިމާލަށް ބަލައިލިއެވެ. ދޮރުމަތީގައި ތިބީ އެބައެއް ފެނުމާއެކު އޭނާގެ ހިއްސުތައް މަސައްކަތްކުރުން ހުއްޓާލުމަށް މަޖުބޫރުކުރާ އާއިލާ އެވެ. ތަބައްސުމް އާއި މައިލީން އާ ހިލާފަށް މެލެކް ހިނިތުންވެފައި ގޭތެރެއަށް ވަދެއްޖެއެވެ. އެއީ އޭނާ އަށް އާ ތަނެއްހެން އޭނާ އަށް އިހުސާސެއް ނުވެއެވެ. ހިނގަމުން ގޮސް އޭނާ ހުއްޓުނީ ބާޒިލްގެ ކުރިމަތީގައެވެ. ބަލަން ނުބަލަން އުޅޭ ކަހަލަ ގޮތަކަށް ބާޒިލް މެލެކްގެ މޫނަށް ބަލައިލިއެވެ.
"ސާބަހޭ... ކޯޗަކަށް ތިބަލަނީ އަނގަ ނަގައިގެން" ބާޒިލް ކުރިމަތީގައި ހުއްޓިފައި މެލެކް ބުންޏެވެ.
މެލެކް ގެ މޫނަށް ބާޒިލް ބަލައިލިއެވެ. ހަމަ އެހިނދުގައި އޭނާގެ ނަޒަރު މެލެކްގެ މޫނުން ވަކިކޮށްލައިފިއެވެ. މެލެކްގެ މޫނަށް ބަލަން އޭނާއަށް އުނދަގުލެވެ. އަދި އަމުދުން އެމަންޒަރު ބަލަން ތަބައއްސުމް އާ މައިލީން ތިއްބައެވެ.
"އާގަމަވެފަ ހުންނާނެކަމެއް ނެތޭ. ތިދާ ތަނަކަށް އަވަހަށް ދޭ. އެކަމު ބުނަން. ބާޒިލް ގެ ވާންއުޅޭ ވައިފީ ދެއްކީމަ ނޫނީ މިއަދު ގެއަކަށް ނުދާނަން" ދެ އުކުޅުގައި އަތް އަޅުވާލަމުން މެލެކް ބުންޏެވެ.
ފަހަތުގައި ތިބި މައިލީން އާއި ތަބައްސުމް އެކަކު އަނެކަކަށް ބަލައިލިއެވެ. ބާޒިލް އާ ގާތަށް ދިޔުން މެލެކްގެ ފަރާތުން ހުއްޓުވަން ބޭނުންވިޔަސް އެކަމެއް ދެމައިންނަށްވެސް ނުވިއެވެ. ބާޒިލް މެލެކް އަށް ޖަވާބެއްނުދީ ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ. ދެން ކުރިއަށް ހިނގައިގަތެވެ. ތަބައްސުމް އާއި މައިލީން އަށް ބަލައިވެސްނުލައެވެ.
ކޮޓަރިން މައުސޫމާ ނިކުތީ ތަބައްސުމް އަންނާނެ ގަޑިއަށް ލޫލު ރީތިކޮށްލަން ދާށެވެ. މަސައްކަތްތައް ހުރިގޮތުން އަދި ކިރިޔާ އޭނާއަށް އަސުރުކޮށްލެވުނީއެވެ. ސިޓިންގރޫމު މެދުގައި ހުރި މެލެކް ފެނުމާއެކު މައުސޫމާ އަށް ވީގޮތެއްވެސް ނޭނގުނެވެ. މެލެކް އާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އަމިއްލަ ދަރިއެއް ފަދައިން އޭނާގެ ދެއަތުގެ ތެރެއަށް މެލެކް ގެނެސްފައި މެލެކް ގެ ނިތުގައި ބޮސްދިނެވެ. ލޯތްބާ ކުލުނާއެކު މެލެކްގެ މޫނުގައި ފިރުމާލިއެވެ. ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"ކޮބާ ލޫލު؟" މެލެކް އަހާލިއެވެ.
"މިގޭތެރޭގަ ދަރިފުޅަށް ނުވަދެވޭނެ އެއްވެސް ތަނެއް ނޯންނާނެ. އަވަހަށް ދޭ ލޫލުގެ ކޮޓަރިއަށް" މައުސޫމާ ބުންޏެވެ.
އަނެއްކާވެސް މައިލީން ބަލައިލީ ގާތުގައި ހުރި މަންމަގެ މޫނަށެވެ. މެލެކް ގޮވައިގެން ދެމައިން ހެޕީކޯނާރ އަށް އައީ އެއްޗެއް ޓެސްޓް ކުރުމަށެވެ. ހެޕީކޯނާރގައި ދިރިއުޅޭ އެންމެން މެލެކްގެ ހަނދާނުގައި ހުއްޓެވެ. އޭނާ ހަނދާނުގައި ނެތީ އެގޭ މީހުންނާ އޭނާ އާ ދެމެދު އޮތް ގުޅުމެވެ. އެގޭ ކޮންމެ ކޮޓަރިއެއް ކޮންމެ ތަނެއް ހަނދާނުގައި އެބަހުއްޓެވެ.
މެލެކް ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އެއީ ލޫލު ނިދާ ހޭލިތާ އިރުކޮޅެއް ފަހެވެ. ތަންމަތިން ލޫލު ނުނަގާ ގުދުވެގެން ލޫލު އާ ޒޭބާ ސަމާސާކުރަމުން ދިޔަ ވަގުތެވެ. މެލެކް ވަދެގެން އެދިޔަގޮތަށް ގޮސް ލޫލު އުރާލިއެވެ. ލޫލުގެ ގައިގައި ބައްދާލައިގެން ހުރެ ލޫލުގެ ޗަބީ ކޮލުގައި ބޮސްދެމުން ދިޔައެވެ. އެމަންޒަރު ބަލަހައްޓައިގެން ހުރި ޒޭބާ ގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މެލެކް ނަސީބާ މެދު ޒޭބާ އަށް ވެސް ވިސްނުންހިނގާލެވުނެވެ. އެކި މީހުންގެ ހަޔާތް އެކަލާނގެ އިމްތިހާނު ކުރައްވާނީ އެކިގޮތަށެވެ. މިއީ މިއަދު މެލެކް އަށް ހުރި ގޮތެވެ. އެކަލާނގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. ލޫލު އުރާލައިގެން ހުރެ މެލެކް ކޮޓަރިން ނިކުތެވެ. އެއާއެކު މާމަ ދަރިފުޅާ ދިމާލަށް ތަބައްސުމް އަށް ދެވުނެވެ. އެއީ އޭނާ އަށް ފުރަތަމަ މާމަ ކިއީ ދަރިފުޅެވެ. ދަރިފުޅު އޭނާގެ ލޮލަށް ވެސް އެފެނުނީ ތިންމަސް ފަހުންނެވެ. މެލެކް ދަރިފުޅު މަންމަ އަތަށް ދިއްކޮށްލިއެވެ. އެއާއެކު ތަބައްސުމް ލޫލު އުރާލާފައި ލޯބިކޮށްލިއެވެ. މައިލީން އަށް ދިއްކޮށްލުމުންވެސް މައިލީން އަމަލުކުރީ އެފަދައިންނެވެ. އެހުރިހާ އެންމެންގެ މެދުގައި ލޫލު ބަދަލުކުރަމުން ދިޔައިރު އެ ތުއްތު ފުރާނަ ހިތްހަމަނުޖެހިގެން އަޑެއްވެސް ލައްވާނުލައެވެ. އެ ތުއްތު ފުރާނާއަށް އިހުސާސްވާ ކަހަލައެވެ. އެއީ އޭނާގެ ލެއެވެ.
"ކޮބާ ދޮނާ ކޮތަޅު؟" މެލެކް އަހާލިއެވެ.
ގޮނޑިމަތީގައި ބަހައްޓާފައި ހުރި ކޮތަޅު މައިލީން ދިއްކޮށްލުމާއެކު މެލެކް އޭގައި ހިފިއެވެ.
"އެއީ ލޫލު އަށް ބޭނުންވާ އެއްޗެހި. މައިލީންގެ އެއްމަހު މުސާރަ ހުރިގޮތަށް ދިނީ މެލެކް އަށް. އެފައިސާއިން މެލެކް އެއްޗެހި ހޯދީ ލޫލު އަށް" ތަބައްސުމް ބުންޏެވެ.
"އަޅުގަނޑު މިރޭ ލޫލު އަށް ނިދެންދެކަށް މިގޭތެރޭގަ ހުންނަންތަ މަންމާ" ތަބައްސުމް އަށް މެލެކް އަހާލިއެވެ. އެއަށް ޖަވާބެއް ނުދެވި ތަބައްސުމް އަށް ބަލައިލެވުނީ މައިލީން އަށެވެ.
"ކީއްވެ ނުހުރެވެންވީ؟ މިއީ ދަރިފުޅުގެވެސް ގެއެއްނު. ތިއީ ހަމަ ދަރިފުޅުގެ ދަރިއެއްނު. ލޫލު އަށް ދަރިފުޅަށް ވުރެ ބޮޑަށް ބާރުދެއްކޭނެ އެއްވެސް މީހަކު ނުހުންނާނެ" މައުސޫމާ ބުންޏެވެ.
"އެކަމަކު... އެ ބާޒިލް.... މިހާރު އަބަދު ހުންނަނީ ރުޅިއައިސްފަ. މެރީކުރަން އުޅޭތީ ފޮނިވެފަ. އަޅުގަނޑު ލޫލު އާ ހެދިގެން އުޅޭތަން ފެނުނީމަ އޭނަގެ ދަތްވެސް ހީލިކަރުވާނެ. ވަރަށް ފޫހިވޭ" އަނގަ އަށް ގޮތެއް ހަދައިލަމުން މެލެކް ބުންޏެވެ.
މެލެކްގެ އެ ބަސްތަކުގެ އެތެރޭގައި ފޮރުވިފައިވާ އަސަރުގަދަ މާނަ ފަހުމްވީ ހަމައެކަނި އެ ބަސްތައް އަޑުއަހަން ތިބި މީހުންނަށެވެ. އޭގެ އެއްވެސް އިހުސާސެއް މެލެކް އަށް ނުކުރެވެއެވެ. އެ އެންމެންގެ ތެރެއިން އޭނާ އަށް ހަމައެކަނި ފެންނަނީ ލޫލުގެ މޫނެވެ. ލޫލު ހުދު ބޯކިރުކޮޅެއް ފަދަ ދެލޮލުގެ ތެރެއިން ހޯދަމުންދިޔަ މައިވަންތަ ލޯބި މެލެކް ގެ ދެލޮލުން އެކުއްޖާ ހޯދައިފިއެވެ. ކަޅިޖަހާނުލާ މެލެކް އަށް ބަލަހައްޓައިގެން ލޫލު އިންނަނީ އެހެންވެއެވެ.
"ޒޭބާއްތަ ބުނި ލޫލު އަޅުގަނޑާ ވަރަށް ވައްތަރޭ.. ހެހެހެ... ކިހާ މަޖާ ދޯ. އަޅުގަނޑު ލޫލުދެކެ މިހާ ލޯބިވާތީ ކަންނޭނގެ" ލޫލު ބުންޏެވެ.
"ދެން ހިނގާ. ޒޭބާއްތަ ހުންނާނަން މެލެކް ކަމަކަށް ބޭނުންވޭތޯ" ޒޭބާ ބުންޏެވެ.
****
ހެދިކާ އާއި ކަޅު ސައި މޭޒުމަތީގައި އަތުރާފައި މައުސޫމާ ތަބައްސުމް އާއި މައިލީން އަށް ގޮވާލިއެވެ. އެއާއެކު ދެމައިން އައިސް މޭޒު ކައިރީގައި އިށީނެވެ. މެލެކް އިނުމުން ދައްކަން ބޭނުންވި ވާހަކަ މައުސޫމާ އަށް ނުދެއްކުނެވެ. މިވަގުތު އޭނާ ބޭނުންވަނީ ހިތުގައި އުފެދިފައިވި ހުރިހާ ސުވާލެއްގެ ޖަވާބެވެ. އޭގެކުރިން އޭނާ ބޭނުންވަނީ ތަބައްސުމްގެ މާފެވެ.
"އެއީ ބޮޑުވެފައި ހުރި ޒުވާން ފިރިހެން ދަރިއެއް. އަހަންނަށް އެދަރިފުޅު މައިތިރި ނުކުރެވުނު. އަހަންނަށް މާފްކުރޭ ތާބާ" މައުސޫމާ ބުންޏެވެ.
"އެއީ މައުސޫމާ މާފަށްއެދެންޖެހޭވަރުގެ ކަމެއް ނޫން. މެލެކްގެ ތަގުދީރުގައި ލިޔެފައިވާ ގޮތަށް އެކަމެއް ވެގެންދާނީ. އެއީ އެދަރިއަށް މިވަގުތު ހުރިގޮތް. އެދަރި ދުނިޔެއަށް އަނބުރާ ގެނެވިފައި އެހެރީ ޑޮކްޓަރުން ހާދަ މަސައްކަތެއް ކޮށްގެންނޭ. މާތް ﷲ ރަހްމަތްފުޅު ކުށެއްނެތް އެދަރިފުޅަށް އައީ އޮހެމުން. ބާޒިލްގެ ކުށެއްނޫން. އަހަރެމެންގެ ޝަކުވާއެއް މި އާއިލާގެ އެއްވެސް މީހަކަށް ނެތް" ތަބައްސުމް ވާހަކަދެއްކިއެވެ. ހިނިތުންވުމެއް މައުސޫމާގެ ތުންފަތުގައި ވިޔަސް އެ ހިނިތުންވުން އޭނާގެ ހިތާ ހަމައަށް ނުފޯރައެވެ. އޭނާގެ ދަރިއެއްގެ ސަބަބުން އަންހެންދަރިއަކު ނިމަމެތިވިކަމުގެ އިހުސާސް ތާއަބަދު އޭނާއަށް ކުރެވެއެވެ.
"މައުސޫމާއްތަ އަށް އެނގޭތަ؟ މިކޮޅުން ގެންދިޔައިރު މެލެކްގެ ސިކުނޑީގެ އެއްބައި އިނީ ދުޅަވެފަ. ވަރަށް ބޮޑަށް އިންފެކްޓްވެފަ. ވަގުތުން ވެންޓިލޭޓަރަށްލީ. އުންމީދު ވަރަށް ކުޑަކަމަށް ބުނީ. ލޭ ތިރިއެއް ނުވޭ. ހުން މަޑެއްނުވޭ. ފުރަ މޭ އަށް އަސަރުކޮށްފަ. ކިޑްނީ އަށް އަސަރުކޮށްފަ. ސިޒޭރިއަން ހެދި ފާރުގަނޑު އެއްކޮށް ފަސޭހައެއްނުވޭ. ބަރުދަން ވަރަށް ބޮޑަށް ލުއިވެފަ ހުރީ. ޑޮކްޓަރުން ބުނީ މެލެކްގެ ފުރާނަ ސަލާމަތްވުން މިއީ ފަހުގެ ތާރީހެއްގަ އެމީހުންނަށް ފެނުނު ވަރަށް އާދަޔާހިލާފު ކަމެކޭ" ތަބައްސުމްގެ ވާހަކަތައް އަޑުއަހަން މައުސޫމާ އިނެވެ. ތަބައްސުމް ކަޅުސައި ތަށިން ކޯވަރެއް ބޯލިއެވެ. ދެން ވާހަކަދައްކަން ފެށީ މައިލީން އެވެ.
"ކޮއްކޮގެ ހަމައެކަނި ފުރާނަ ސަލާމަތްވިކަން. ކޮއްކޮ އަށް އާދައިގެ އިންސާނެއްގެ ދިރިއުޅުމެއް ނުލިބޭ. ބޭސްކާ ގަޑި ކަޓައިފިއްޔާ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް. ގަދަކަމުން ކަމެއް ހަނދާންކޮށްދޭން އުޅެފިއްޔާ ފިޓު ޖެހުމުގެ ފުރުސަތު އެބައޮތް. ޑޮކްޓަރުން ބުނީ އޭގެ ޒާތުގަ ކޮއްކޮގެ ހަނދާންތައް އެނބުރި އަންނަންދެން ބަހައްޓާށޭ. ހަނދާންތައް ގެނުވާކަށް ބޭހެއްނުދޭ. ހަނދާންތައް އަންނާކަށް ވަކި މުއްދަތެއްނުދޭ. މިއަދުވެސް ނޫނީ މާދަމާވެސް ނޫނީ އެއް އަހަރު ދެއަހަރުވެސް ނަގާފާނޭ. ރަނގަޅުވެގެން ގެއަށް ދޫކޮށްލިފަހުން ސިޒޭރިއަން ހެދި ފާރުގަނޑު ފެނިގެން ވަރަށް ސުވާލުކުރި. މެލެކް ބަލިވެގެން ލަންކާ ހޮސްޕިޓަލުގަ ދެ މަސް ދުވަސް ވަންދެން އޮތީ އެތަނުން ބޮޑު ސިސްޓެއް ނަގައިގެންނޭ ކިޔައިގެން ހަމަޖެއްސީ. މިއަދު ގެއަށް އައިފަހުންވެސް ވަރަށް ސަކަރާތްވެއްޖެ" އެއްވެސް ވާހަކައެއް މައުސޫމާ އަށް ސިއްރުކުރަން މައިލީން ބޭނުމެއްނުވިއެވެ. މައުސޫމާ އަކީ މެލެކް އަށް މަޔަކަށް ވުރެ ދެރަ މީހެއް ނޫނެވެ.
"މިފަހަރު މައިލީން ގޮވައިގެންވެސް މިއައީ ހަމައެކަނި މެލެކްއަށްޓަކައި. އަހަރެން ކިހިނެއް އެކަނި އެމަންޖެގެ ހުރިހާ ކަމެއް ބަލަހައްޓާނީ. މެލެކްގެ ފަހަތުގައި އަބަދުވެސް މީހަކު ހުންނަންޖެހޭ. މިހާރު ހިތަށް މިއަރަނީ މައި ވަޒީފާ އަށް ނިކުންނަން ފެށީމަ ދެން ކިހިނެއްބާއޭ ހަދާނީ" ތަބައްސުމްގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވާނެ. އަހަންނަށް ފެންނަނީ ދުވާލުގެ ވަގުތުގައި ލޫލު ތިގެއަށް ގެންދަން. ކުޑަމީހާ ފެންނަން އޮތިއްޔާ މެލެކްގެ ސިކުނޑިއަށް ބޭކާރު ކަންކަމާ ވިސްނާކަށް ޖާގައެއް ނުލިބޭނެ" މައުސޫމާގެ ހިޔާލު ފާޅުކުރިއެވެ.
"ޑޮކްޓަރ އަހަދު ބުނި ގޭގަ ކުޑަކުއްޖަކު އުޅޭހޭ. އަޅުގަނޑު ބުނިން މެލެކްގެ ދަރިފުޅު ހުންނަނީ އެހެން ގެއެއްގައޭ. އެކަމަކު ގެނެވޭނޭ. ޑޮކްޓަރު ބުނި އެއީ ވަރަށް ބޮޑު ފަރުވާއެކޭ" މައިލީން ބުންޏެވެ.
"ތިދެމައިން އެކަންޏޭ ހީނުކުރައްޗޭ. އަހަރެމެންގެ ދެމަފިރިން މިތިބީ އެމަންޖެ އާ އެކު. ޒިޔާދު ކިޔައިގެން އެއުޅެނީ މިރޭ ތިގެއަށް ދާން. އަހަރެންގެ އަބަދުގެވެސް ދުއާ އަކީ ބާޒިލްގެ އެ ގެންގުޅޭ ވިސްނުން ދޫކޮށްލުން. އެސޮރަށް ހެޔޮ ވިސްނުން ލިބުން" އަސަރާއެކު މައުސޫމާ ވާހަކަދެއްކިއެވެ.
****
ގެއަށް ރަނގަޅަށް ނުވަދެވެނީސް ބާޒިލްގެ ފޯނު ރިންގުވާން ފަށައިފިއެވެ. އޭނާ އަށް ގުޅަނީ ސާރާ ކަން އެނގުމުން އަވަސް އަވަހަށް ފޯނު ނެގިއެވެ. މާގިނައިން ސާރާގެ ފޯނަށް ބާޒިލް ޖަވާބުނުދީ ހުރެއްޖެނަމަ ޖެހޭނީ ސާރާ ރުއްސަން އެގެއަށް ދާށެވެ.
"އާދެވޭނެތަ" ފޯނު ނެގުމާއެކު ސާރާ ބުންޏެވެ.
"މިހާރުތަ؟ ހަމަ ދެންމެ ކުޅެ ނިންމާފަ މިއައީ" ބާޒިލް ބުންޏެވެ.
"ކިހާއިރެއްވާނެ އަންނަން" ސާރާ ބުންޏެވެ.
"ލޫލު ނިދާ ގަޑީގަ ބޭނުން ހުންނަން. ކައިގެން ދާނަން. ލަސްވާނެތަ؟" ބާޒިލް ބުންޏެވެ.
"ހޫމް... އެންމެރަނގަޅު" ސާރާ ބުންޏެވެ.
ފެންވަރަން ވަނުމުގެ ކުރިން ލޫލު ކޮބާތޯ ބަލައިލަން ބާޒިލް ދިޔައީ ލޫލުގެ ކޮޓަރި އާ ދިމާލަށެވެ. ކޮޓަރީގެ ދޮރުން ނިކުންނަން އައި މީހެއްގެ ގައިގައި ބާޒިލް ލައިގަތެވެ. މެލެކްގެ އަތުގައި އޮތް ކާންދޭ ފުޅި ޖެހުނީ ބާޒިލްގެ ބަނޑުގައެވެ.
"ބަލައިގެން" މެލެކް ބާޒިލް އަށް ބަލައިލިއެވެ.
ވާނީވެސް އެހެންނެވެ. މެލެކް ގެ ދެއަތުގައި ބާޒިލް ހުރީ ހިފަހައްޓައިގެންނެވެ.
(ނުނިމޭ)