ނިދަން އެނދަށް އެރިޔަސް ބާޒިލް އަށް ނިދޭގޮތެއް ނުވިއެވެ. މިރޭގެ ބައްދަލުވުމުގައި ސާރާ ދެއްކި ވާހަކަތަކާމެދު އޭނާ އަށް ވިސްނެނީއެވެ. ހުރިހާވެސް މައްސަލައަކީ އޭނާގެ ކުޑަ ދަރިޔަކު އޮތުމެވެ. ހަގީގަތުގައި ސާރާ ގެ މަގާމުގައި އޭނާ ގޯހެއް ނޫނެވެ. ގޯސް ހެދީ ބާޒިލް އެވެ. ސާރާ އަކީ ބާޒިލްގެ ކުޑައިރުގެ ލޯތްބެވެ. ބާޒިލް އާ ސާރާ އާ އެކުގައި ސްކޫލު ފަށައިގެން ގޮސް މެލޭޝިޔާ އިން މަތީ ތައުލީމު ނިންމީވެސް ދެކުދިން އެކުގައެވެ. ދިމާވި ކަމަކާހުރެ ކުއްލިއަކަށް ކިޔެވުން މެދުކަނޑާލާފައި އައިރު ބާޒިލްގެ އާއިލާގައި ހަމައެކަނި ކައިވެނިނުކުރާ މީހަކަށް ހުރީ ބާޒިލްއެވެ. ކިޔަވައިގެން ހުރި ރީތި ހަރުދަނާ ރަށަށް އުފަން އަންހެންކުއްޖެއް ބާޒިލްގެ ހަޔާތަށް އައީ އޭނާއަށް ނޭނގިހުއްޓައެވެ. މައުސޫމާ އާއި ޒިޔާދު ނުލާހިކު ލޯބިވާ މައުސޫމު އަންހެންކުއްޖެކެވެ. ރަށުގެ ހުރިހާ ޒުވާން ފިރިހެނުން އެ އަންހެންކުއްޖާގެ ލޯތްބަށް ތިބީ އެދިއެދިއެވެ. ސްކޫލު ދައުރުން ފެށިގެން އެ އަންހެންކުއްޖާވެސް ބާޒިލްދެކެ ލޯބިވާކަން އެނގުނީ ދެކުދިންގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށި ހިސާބުންނެވެ. ހިތާމައަކީ އެ އަންހެންކުއްޖާ ދެކެ ކުޑަކޮށްވެސް ބާޒިލް ލޯބިނުވާކަމެވެ. އޭނާ ބޭނުންވީ ސާރާ އާ އެކު ހަޔާތެއް ފަށާށެވެ. އެދުވަސްތަކުގައި މައިންބަފައިންގެ އާދޭސްތަކަށް އޭނާ އިޖާބަދިބީ ސާރާގެ ހިތް ރޮއްވާލާފައެވެ. ސާރާ އާ މެދު އެގޮތަށް ކަންތައްކުރުމުންވެސް ބާޒިލް އަށް ސާރާ މާފްކުރިއެވެ. މައިންބަފައިންނަށްޓަކައި ބާޒިލް އެފަދަ ގުރުބާނީއެއް ކުރިން ވެފައިވުމުން މިހާރު ބާޒިލް އަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާނެހާ ހިތްވަރެއް މައިންބަފައިންގެ ނެތެވެ.
ލުލު އަކީ ބާޒިލްގެ އަލަތު ކައިވެނީގައި އެކަމަށް އޭނާ ތައްޔާރުނުވެ ހުއްޓައި ލިބުނު ކުއްޖެކެވެ. އެކަން ވީ އިތުރަށް ސާރާގެ ހިތްދަތިކުރުވި ކަމަކަށެވެ. އެއީ އަލަތު ކައިވެނީގައި އޭނާ އަށް ހެދުނު ގޯހެއްކަން އޭނާ އެތައްފަހަރަކު ސާރާ އަށް ސާބިތުކޮށްދޭން ޖެހުނެވެ. އެންމެފަހުން ތަގުދީރު ބާޒިލް އާ އެއްބައިވީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސާރާ އޭނާގެ އަންބަކަށް ވާނެއެވެ. އެހެންނަމަވެސް، އޭނާގެ ދަރިފުޅަށް މަންމައެއްގެ ލޯތްބާ އަޅާލުން ލިބޭނެކަމާމެދު މިހާރު އޭނާ އަށްޝައްކެވެ. ސާރާ ބޭނުންވަނީ ބާޒިލް އެވެ. ޅަ އުމުރުގައި ކުއްޖެއްގެ މަންމައަކަށް ވާކަށް ނޫނެވެ. ބާޒިލް އަށް ނުނިދިގެން އެ އުޅެނީ އެކަމާ ވިސްނޭވަރުންނެވެ. ސާރާ އަށްޓަކައި މިއަދު އޭނާ އަށް ދަރިފުޅު ދޫކޮށްލެވޭކަށް ނެތެވެ. ދަރިފުޅުގެ މަންމަ އާ ދަރިފުޅު ހަވާލުކުރެވޭކަށްވެސް ނެތެވެ. ދަރިފުޅު ދޫކޮށްލަން ހުދު އޭނާވެސް ބޭނުމެއް ނުވެއެވެ. އެތައްއިރަކު ވިސްނުމަށްފަހު އެންމެފަހުން އޭނާ ނިންމީ ކައިވެނީގެ ކުރިން ދަރިފުޅާ މެދު ސާރާގެ ރުހުން ހޯދާށެވެ. އޭނާ ދަރިފުޅުވެސް ބޭނުމެވެ. ސާރާ ވެސް ބޭނުމެވެ. އެކަކަށްޓަކައި އެކަކުވެސް ދޫކޮށްލެވޭކަށް އޭނާ އަށް ނެތެވެ.
****
ދަބަސްތައް ޓްރޮލީ އަށް އަރުވައިގެން ތަބައްސުމް އާއި މައިލީން އަދި މެލެކް އަންނަ މީހުންގެ ގޭޓާ ދިމާލަށް އައެވެ. ބޭރަށް ނިކުމެވުމާއެކު ފުރަތަމަވެސް ތަބައްސުމްގެ ލޮލުގައި އަޅައިގަތީ މީހުންތަކުގެ ތެރޭގައި ހުރި ބާޒިލް އެވެ. ތަބައްސުމްގެ ތުންފަތަށް ހިނިތުންވުމެއްވެރިވާން އުޅެފައިވެސް ފިލައިގެން ދިޔައީ ބާޒިލް އެތަނަށް އައިސްހުރީ އެ އާއިލާއަށްޓަކައި ނޫންކަން ހަނދާންވެފައެވެ. ކައިރީގައި ތިބި ދެ އަންހެންދަރީންނަށް ބަލައިލިއިރު ދެ ދަރީންވެސް ތިބީ ފޯނަށް ގެއްލިފައެވެ.
"ހައި... ކާލައްޗެ އޭތި. ތައިމޫރުގެ މާމަ ހަދާފަ ރަށުން ފޮނުވި އެއްޗެއް. ވަރަށް މީރުވާނެ" ފަހަތުން އެމީހުންނާ އަރާ ހަމަވި ޒޭބާ ބުންޏެވެ. މައިލީން ބޯޖަހާލިއެވެ.
"ކޯޗެއްގެ ވާހަކަ އެބުނީ" ތަބައްސުމް އަހާލިއެވެ.
"ފްލައިޓް ތެރޭގަ ކުޅި ރޮށި ދަޅެއް ޒޭބާއްތަ ދިނެއްނު. ދޮނާ އެ އުޅެނީ އެ މީރުވެގެން" މެލެކް ބުންޏެވެ.
ތަބައްސުމް ހީލިއެވެ. ދަރީންނަށް އޭނާ މަނާ ނުކުރީ މައުސޫމާ އާ އޭނާ އަކީ ދެރަހްމަތްތެރިންނަށްވެފައި އެ އާއިލާ އަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. މައުސޫމާ އެގެއަށް ފޮނުވާ އެއްވެސް އެއްޗަކަށް ދުވަހަކުވެސް ތަބައްސުމް އަނބުރާ ފޮނުވާނުލައެވެ. އޭނާދެކެނީ އެގޭ ކުދިންނަކީ އޭނާގެވެސް ދަރީންގެ ގޮތުގައެވެ. ކައިވެނިކޮށްގެން ފިރިމީހާ އާ އެކު ދަންދެންވެސް މައުސޫމާގެ ތިން އަންހެންދަރީން ގިނަ ވަގުތު ހޭދަކޮށްފައިވަނީ އެގޭގައެވެ. އެހެންކަމުން ފަސް އަންހެންކުދިންގެ މެދުގައި އޮތީ ދެކެފަރިތަކަމަށ ވުރެ ބޮޑަށް ގާތް އެކުވެރިކަމެކެވެ. ހުރިހާކުދީންގެ ތެރެއިން ހަގަށް މެލެކް ހުންނާތީ ހުރިހާކުދީންނަށް ވެސް މެލެކް ހާއްސައެވެ.
"މަންމައަށް ސަލާމްބުނައްޗޭ. ތަބައްސުމްދައްތަ އަށް ހީވަނީ މިއަދު ރަށަށް އަންނަކަން އެނގޭނެހެން" ތަބައްސުމް ބުންޏެވެ.
ޒޭބާ ބޯޖަހާލިއެވެ. އޭނާ ވަކިވުމުގެ ކުރިން މެލެކްގެ ގައިގައި ބައްދާލާފައި މޫނުގައި ބޮސްދިނެވެ.
"އެހެރީ ރައްޔާން" މައިލީން ބުންޏެވެ. އެދިމާލަށް މެލެކް ބަލައިލިއެވެ. ރައްޔާން އަންނާނެކަން މާކުރިންވެސް އޭނާ އަށް އެނގެއެވެ. މެލެކް އިނގިލީގައި ދަތްއަޅާލިއެވެ. މިއަދު އައިސް އެހެރީ ޔުނީފޯމާވެސް އެކުގައެވެ. އެ އާއިލާ ފެނުމާއެކު އެދިމާލަށް ރައްޔާން ހިނގައިގަތެވެ.
"ރައްޔާން އައިސް ހިފީ ޓްރޮލީގައެވެ. އެވަގުތު މައިލީން ދުރަށްޖެހިލާފައި ރައްޔާނަށް ތަންދެއްކިއެވެ.
"ކޮބާ ރަނގަޅުތަ؟" ތަބައްސުމް އަށް ރައްޔާން އަހާލިއެވެ.
"މެލެކް ހާދަ ސީދަލޭ. ބުންޏޭ ރައްޔާން އަންނާނެ ވާހަކަ" މައިލީން ބުންޏެވެ.
އެހިނދު ރައްޔާނަށް މެލެކް ބަލައިލިއެވެ. ދެމެދުގައި ބަދަލުކުރެވިގެން ދިޔައީ ހިނިތުންވުމެކެވެ. ތިންމަސް ދުވަހަށްފަހު މެލެކް ފެނުމުން ރައްޔާން ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.
"ބާޒިލް، " ޒޭބާ އާ އެކު ހިނގައިގަނެފައިވެސް އެ އަޑަށް ބާޒިލް އެނބުރު ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ދާދި ކައިރީގައި ހިނިތުންވެގެން ހުރީ މެލެކް އެވެ. ހިނދުކޮޅަކަށް ނަމަވެސް ބާޒިލް އަށް މެލެކް އަށް ބަލަހައްޓައިގެން ހުރެވުނެވެ.
"ކިހިނެއްތަ؟ މިހާރު ހާދަ ރުޅި އޭ" މެލެކް ބުންޏެވެ. މެލެކްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ތަބައްސުމް އާއި މައިލީން އެކަކު އަނެކަކަށް ބަލައިލިއެވެ. ބާޒިލް އަށް ބަލަހައްޓައިގެން ރައްޔާން ވެސް ހުރީ މާ ހިތްހަމަޖެހޭ ނަޒަރަކުންނޫނެވެ.
"ކީއްވެ ކުޑަމީހާ ގޮވައިގެން ނައީ. އަހަރެން އުރާލާފާނެތީތަ؟" މެލެކް ބުންޏެވެ.
ބާޒިލް ޖަވާބެއްނުދީ ކައިރީގައި ހުރި ޒޭބާ އަށް ބަލައިލިއެވެ. މައިލީން އާއި ތަބައްސުމްވެސް އެކަކު އަނެކަކަށް ބަލައިލީ އެމީހުންނަށް ކުއްލިއަކަށް މެލެކް ދުރުކޮށްލަންވެސް ނުކެރުމުންނެވެ.
"މެރީކުރަން އުޅޭ ވާހަކަ އަޑުއެހިން. ތެދެއްތަ އެއީ" މެލެކް އަހާލިއެވެ. ބާޒިލް އަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ. ހިނިތުންވެލީވެސް ގަދަކަމުންނެވެ.
"އަލީބެ ގޯތި ކާރު އެކޮޅުގަ ބައްވާފަ އޮންނާނެ. ހިނގާ ދާން ވާހަކަދައްކާނީ ފަހުން" ރައްޔާން ބުންޏެވެ.
"އެއީ ތެދެއް ދަރިފުޅާ. ހިނގާ ދާން" ތަބައްސުމް ވެސް ބުންޏެވެ.
ވަކި ހިސާބަކަށް ހިނގައިގަނެފައި ވެސް މެލެކް ފަސްއެނބުރި ބަލައިލިއެވެ. ހީކުރީ ބާޒިލް ވެސް ބަލައިލާނެ ކަމަށެވެ. އެކަމަކު އެމީހުން ފަސްދީ ޒޭބާ އާ އެކު މާދުރަށް ބާޒިލް ހިނގައިގަނެއްޖެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ މެލެކް ގެ ހިތުގައި ރިއްސާލިއެވެ.
"އެ ބާޒިލް އަދިވެސް އެހާ ފޮނިތަ؟" މެލެލް އަހާލީ ރައްޔާނަށެވެ.
****
ކާރެއް އަންނަންދެން ޒޭބާ ގޮވައިގެން ބަޒިލް މަޑުކޮށްލައިގެން ހުރީ އެއާޕޯޓް ބޭރުގައެވެ. ރަށަކީ ކާރު މަދުން އޮންނަ ރަށަކަށް ވުމުން އެއްބަޔަކު މަންޒިލަށް ގެންގޮސްފައި ކާރު ހުސްކޮށްފައި އަންނަންދެން އަނެއްބަޔަކު ޖެހެނީ މަޑުކުރާށެވެ. ބާޒިލްވެސް މަޑުކޮށްގެން ހުރީ އެހެންވެގެންނެވެ.
"ސާރާ އާ މީޓުކޮށްލަން ވާނެއްނު. މިރޭ ގެންނާނަން ގެއަށް" ބާޒިލް ބުންޏެވެ.
ޒޭބާގެ މޫނުމަތިން އުފާވެރިކަމެއްވެސް އަދި ހިތްނުތަނަވަސްކަމެއްވެސް ނުފެނެއެވެ. އެހެންނަމަވެސް ބާޒިލް އަށް ހީލާފައި އޭނާ ބޯޖަހާލިއެވެ. ކިރިޔާވެސް ބާޒިލް ދެރަވާފަދަ އެއްޗެއް ނުބުނަން މައިންބަފައިންނާ އެއްބަނޑު ތިން އަންހެނުންވެސް މަސައްކަތް ކުރެއެވެ.
"ޒެއްލު، ކޫ ބުނަންތަ ވާހަކައެއް. ކޮއްކޮ ހަނދާންނައްތާނުލައްޗޭ ލޫލު އާ ގުޅިފައިވާ މީހުން މަތިން" ޒޭބާ ބުންޏެވެ.
"އެންމެން ދައްކަނީ އަބަދު އެއްވާހަކަ. އަހަރެން ގޯސްނަމަ ލޫލު ވެސް ދޫކޮށްލީހެއްނު. އެހެންނޫނަސް އެމީހުންނަށް އެހީވާން ދިމަދިމާލުން މީހުން އަންނަންޏާ ކޮންމެހެން އަހަރެން ބޭކާރު ކަމެއް ކުރަނީ ކީއްކުރަން" ބާޒިލް ބުންޏެވެ. ބާޒިލްގެ ވާހަކައިގެ މިސްރާބުހުރީ ކޮންދިމާލަކަށް ކަން ޒޭބާ އަށް ވިސްނުނެވެ.
****
އުރަހަ ގޭ ބޭރުގައި މެލެކް ހުއްޓިލައިގެން ހުއްޓެވެ. އޭނާ އަށް ހީވާ ކަހަލައެވެ. އޭނާ އަންނަންޖެހޭ ގެއަކީ އެއެއް ނޫނެވެ. އެތެރެއަށް އޭނާ ވަނީ މައިލީން ގޮވާލުމުންނެވެ. ގޭތެރެއަށް ވަދެ ވަދެ ހުއްޓާ މީހަކު އޭނާގެ އަތުގައި ހިފާލިއެވެ. ބަލައިލިއިރު ރައްޔާން ހުރީ ހިނިއައިސްފައެވެ.
"ތިގޮތަށް އަންހެންކުދިން އަތުގައި ހިފާކަށް ނުވާނެ" މެލެކް ބުންޏެވެ.
"ނުހުރެވުނީ. ހިނާ އެތެރެއަށް. މިއަދު ގެއަށް ނުވަންނަން ހިޔާލުކުރާ ދުވަހެއްތަ؟" ރައްޔާން ބުންޏެވެ.
ދެކުދީން އެތެރެއަށް ވަދެގެން ގޮސް މައިގެ އާއި ބަދިގެ އާ ދެމެދުގައި ހުރި ހުސް ޖާގައިގައި ބަހައްޓާފައި ހުރި ޖޯލީގައި އިށީނެވެ. ތަބައްސުމް އާއި މައިލީން ވަނީ އެތެރެއަށެވެ. އިރުކޮޅަކުން ތަބައްސުމް ނިކުތީ ޖަސްތު ގަނޑަކާއި ކުނިއެއްކުރާ ދަތިގަނޑެއް ހިފައިގެންނެވެ. ގޯތީގެ ހަތަރުފާރުން އެތެރެވުމާއެކު ތަބައްސުމްގެ ހަތަރެސްފައި ހެލެން ފަށައިފިއެވެ. ތަބައްސުމްއަކީ ފެންނަ ފެނުމަށް އުމުރަށް ވުރެ ޅަކޮށް ހުންނަ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާ ބަލައިލާފައި ބޮޑެތިވެފައި ތިބި ދެ އަންހެންދަރީން ތިބޭނެއޭ އެއްވެސް މީހަކު ހިއެއް ނުކުރާނެއެވެ.
"ދޮނާ މިހާރު ހުންނާނެ ޖޫސް ތައްޓެއް ހަދާފަ ދަރިފުޅާ. ހަނދާންކޮށް ޖޫސްތަށި ބޯލައިގެން ބޭސްގުޅަ ކާލައްޗޭ. މަންމަ އެފަރާތު މަގު ކުނި އެއްކޮށްލާފަ އެބައަންނަން" ތަބައްސުމް ނިކުތީ އެދިމާލު މަގަށެވެ.
ރައްޔާން ނުގޮސް އިނުމުން މެލެކް ބަލައިލިއެވެ. ޔުނީފޯމުގައި ރައްޔާން އިނީ އެވަގުތަކީ ޑިއުޓީ ވަގުތަށް ވުމުންނެވެ. މެލެކް ކަންބޮޑުވީ އޮފިސް ވަގުތުގައި ރައްޔާން އިނުމުންނެވެ.
"އަހަރެންނަށް މިހުރީ ގެއަށް އާދެވިފައެއްނު. ޔާން ދެން ދާންވީނުން. ގެނައިމޭ ހަދިޔާއެއްވެސް. ހަވީރު ނިންމާފަ އާދޭ" މެލެކް ބުންޏެވެ.
"ކަމަނަ ތިހެން ނުބުނެގެން. ދައްތަ އެބުނީނު ޖޫސްތަށި ބޮއެލައިގެން ބޭސްކައްޗޭ. ދޭ އަވަހަށް. ދޭއްޖަހަން ދެ މިނެޓް މިހާރު ހުރީ" ހީލަމުން ރައްޔާން ބުންޏެވެ. "ސީރިޔަސްކޮށް ނިމުނުހާ އަވަހަކަށް އަންނާނަން" ރައްޔާން ހިނގައިގަތެވެ.
ރައްޔާން ނިކުމެގެން ދިޔުމުން ޖޯލީގައި ބުރަކަށި ދަމަލާފައި މެލެކް ދެލޯ މަރާލިއެވެ. އިރުކޮޅަކު އޮވެލާފައިވެސް ބޭސްކެވިދާނެއެވެ. މަންމަ އާ ދޮނާ ކަންކަމާ ހާސްވަނީ މާބޮޑަށެވެ. މޫނުގައި އައިސް ބީހިލި ވައިރޯޅި ނާނާއެއް ކިޔާލި ކަހަލައެވެ. ދެބައި ނިންޖަކަށް ސިކުނޑި ހުށަހެޅުނު ވަގުތު ކުލަނުވާ ތަސްވީރުތަކެއް އޭނާގެ ސިކުނޑިއަށް ގޯނާކުރަން ފެށިއެވެ. ރަނގަޅަށް ނުނިދޭކަން އޭނާ އަށް ޔަގީނެވެ. އެހެންނަމަވެސް ދެލޯ ހުޅުވަން އުޅެއުޅެ އެކަމެއް ނުވިއެވެ. ޖޯލީގެ ދެފަރާތުން ދަގަނޑުގައި ބާރަކަށް މެލެކް ހިފަހައްޓާލިއެވެ. ނޭވާ ނުލެވިގެން އުޅޭ މީހަކު ފަދައިން މެލެކް ތެޅިފޮޅެން ފެށިއެވެ.
ޖޫސްތަށި ހިފައިގެން ނިކުތް މައިލީން އަވަސް އަވަހަށް ދެކޮޅު ހޯދާ ބަލައިލިއެވެ. ފާހާނައިން އޭނާ ނިކުތްއިރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. ފިޓުޖެހިގެން އުޅޭ މީހަކު ފަދައިން މެލެކް ތެޅެމުން ދިޔަ މަންޒަރު ފެނުމާއެކު ދުވެފައި އައިސް ކައިރީގައި ހުރި ގޮނޑިމަތީގައި ޖޫސްތައްޓާއި ބޭސްކާޑު ބޭއްވިއެވެ. އޭނާ ދެއަތުން ހުރި ބާރެއްލާފައި މެލެކްގެ ކޮނޑުގައި ހިފާފައި ތަޅުވައިގަތެވެ. އެހިނދު ފުން ހުވަފެނެއްގައި އޮތް މީހެއް ފަދައިން މެލެކް ސިހިގެން ދިޔައެވެ. ދެލޯ ހުޅުވާލިއިރު މެލެކްގެ ދެލޮލުގެ ކަޅީގެ އެއްބައި ހުރީ ބޮނޑިދަށަށް ވަދެފައެވެ. އޭނާގެ މުޅި ގައި ވަނީ ދަލުން ފޯވެފައެވެ. އަވަސް ހަރަކާތަކާއެކު މެލެކް ލައިގެން އޮތް ކަޅު ހެދުން މައްޗަށް އުފުލާލާފައި ފައިގެ ކަކުލުން ތިރީގައި މައިލީން އަތް ޖައްސާލިއެވެ. އޭނާ އަށް ހީވީ ހަމަ ރަނގަޅަށެވެ. މެލެކްގެ ފޫޅުން މަތި އެވަނީ ދާހިއްލާފައެވެ. ފޫޅުން ތިރި އެވަނީ ހުން އައިސްފައެވެ. މައިލީންގެ ދެލޮލުން ކަންބޮޑުވުން ފާޅުވިއެވެ. މިއީ ކޮއްކޮއަށް ނުރައްކާތެރި ވަގުތުކޮޅެކެވެ. މައިލީންގެ ހިތް ތެޅެން ފެށިއެވެ.
"ހިނގާ އެތެރެއަށް" މެލެކް ގެ ދެކޮނޑުގައި ހިފައި ޖޯލިން ނަގާފައި މައިލީން ބުންޏެވެ. ދޮންތަގެ ގައިގައި ބާރަށް ހިފަހައްޓާލައިގެން ހުރެ މެލެކް ދިޔައެވެ. އެއްވެސް ސަބަބެއް ނޭނގި އޭނާ ވަރުބަލިވަމުން ދިޔައެވެ. ބައެއްފަހަރު ފިޔަވަޅު ނުނެގި ބިންމަތީގައި ދެފައިތިލަ ހޭކެމުން ދިޔައެވެ. ބޮލަށް އެނބުރުން އަރާފައި ހުރިވަރުން ހީވަނީ ވެއްޓިދާނެހެންނެވެ. ކޮޓަރި އަށް ވަދެ އެނދުގައި މެލެކް ބާއްވާފައި ކުއިލްޓް މެލެކް ގެ ފޫޅުން ފެށިގެން ތިރީގައި އަޅާފައި މައިލީން ޖެހުނީ އަލަމާރި ކައިރިއަށެވެ. އިތުރު ރަޖައެއް ގެނެސް ކުއިލްޓް މަތިން އެޅިއެވެ.
"ދޮ ނާ.... ކިހިނެއްމިވަނީ" އަނގައިގެ އެއްވެސް ވާތްގެއް ނެތް މީހެއް ފަދައިން މެލެކް ބުންޏެވެ. ދެލޯ ހުޅުވައިގެން އޮތަސް މެލެކްއަށް ކުރިމަތިން ފެންނަ ކޮންމެ އެއްޗެއް ފެންނަނީ ފުސްގަނޑެއް ފަދައިންނެވެ.
"މިއަންނަނީ ދޮނާ" ދޮރުން ނިކުންނަން މައިލީން ދުއްވައިގަތެވެ. އެއީ ކޮޓަރިއަށް ތަބައްސުމް ވަތް ވަގުތެވެ. އެނދުގައި އޮތް މެލެކް އަވަސް ނޭވާތަކެއް ލަމުން ދިޔަ ގޮތް ފެނި ތަބައްސުމަށް ހީވީ އޭނާގެ ނޭވާ ހަށިގަނޑުން އުފުރިގެން ދިޔަހެންނެވެ. ތަބައްސުމަށް ރޮއެގަނެވުނެވެ. އޭނާ އައިސް އިށީނީ މެލެކް ގެ ދެފައި ކައިރީގައެވެ. އެއަށް ވުރެ ގާތަށް ނުދެވޭނެކަން އޭނާ އަށް އެނގެއެވެ. އެވަގުތަކީ އެހެން މީހެއްގެ ހޫނު ނޭވާގެ އިހުސާސް މެލެކް އާ ހަމައަށް ފޯރައިފިނަމަ މެލެކް ގެ ފުރާނައަށް މާބޮޑަށް ނުރައްކާވާނެ ކަމެކެވެ.
"މަގޭ ދަރި. ޔާރައްބީ... ރަހްމަތް ލައްވާށި" ތަބައްސުމްއަށް ރޮވިއްޖެއެވެ. ދަރިއަކު އެފަދައިން ތެޅެމުންދާ މަންޒަރު ބަލާކަށް އެއްވެސް މަޔަކަށް ކެތެއްނުވާނެއެވެ.
"މަންމާ... ހަމަޖެހިބަލަ އިހަށް" ބޭސްތައްޓާއި ޖޫސްތަށި ހިފައިގެން އައި މައިލީން ބުންޏެވެ.
ތަބައްސުމް ދުރަށް ޖެހުމުން ފައި ކައިރީގައި މައިލީން އިށީނެވެ. މެލެކްގެ ހުޅުވިފައިވާ އަނގަ އަށް ހުދު ކުލައިގެ ކުޑަކުޑަ ބޭސްގުޅަ ވައްޓާލުމަށްފަހު ބޭސްތަށީގައި އޮތް ބޭސް ސަމްސަލުން ވިހި އެމްއެލް ގެ ފެން މެލެކް ގެ އަނގައަށް އަޅާލިއެވެ. މެލެކް ކެއްސައިނުގަތުމުން ބޭސްގުޅަ ދިރިއްޖެކަން މައިލީން އަށް އެނގުނެވެ. އަނެއްކާވެސް އިތުރު ވިހި އެމްއެލްގެ ފެން ސަމްސަލެއް މެލެކް ގެ އަނގައަށް އެޅިއެވެ. މާގިނައިރެއް ނުވެ މެލެކް ގެ ނޭވާ ހަމަޔަކަށް އެޅި ދެލޯ މެރެމުން ދިޔައެވެ. މައިލީންގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި ތަބައްސުމްގެ ހިތުގެ ވިންދުވެސް މެލެކް ގެ ނޭވާ އާ އެކު ހަމަޔަކަށް އެޅެމުން ދިޔައެވެ. މެލެކް އަށް ނިދި ހަމަޔަކަށް އެޅިއްޖެކަން އެނގުމުން މެލެކްގެ ގައި މަތީގައި އޮތް ދެ ކުއިލްޓް މައިލީން ނެގިއެވެ. އޭނާ މެލެކްގެ ފައިގައި އަތްޖައްސާލިއެވެ.
"އަލްހަމްދުލިއްލާހް..." މައިލީން އަށް ބުނެލެވުނެވެ. ބޭހުގެ އަސަރު މެލެކް ގެ ހަށިގަނޑަށް ކުރަން ފަށައިފިއެވެ.
"ހިނގާ ބޭރަށް" މައިލީން ބުންޏެވެ.
"މެލީ ރަނގަޅުތަ މިހާރު" ނިކުންނަން ބޭނުންނުވެފައި ހުރެ ތަބައްސުމް އަހާލިއެވެ.
"ރަނގަޅޭ. މަންމަ ކަންބޮޑުނުވެބަލަ" ތަބައްސުމްގެ ކޮނޑުގައި ހިފަހައްޓާލަމުން މައިލީން ބުންޏެވެ.
ކޮޓަރި ދޮރުލައްޕާލާފައި ތަބައްސުމް އަށް މައިލީން ބަލައިލިއެވެ. އޭނާގެ ކޮންޓްރޯލުން ނެއްޓުނީ ދެނެވެ. އޭނާ އަށް ތަބައްސުމްގެ ގައިގައި ބައްދައިގަނެވުނެވެ. އެހިސާބުން މައިލީން އަށް ރޮވިއްޖެއެވެ. މެލެކް އަށް އެހެންވާތަން ބަލަން އޭނާ ކޮންމެފަހަރަކު ޖެހެނީ ކަށިން ހިތްވަރު ނެރޭށެވެ. މަންމަ އަށް ވިސްނައިދޭން އޭނާ ހުއްޓަސް އެވަގުތަކީ އޭނާ މުޅިން ބަދަލުކޮށްލާ ވަގުތެވެ.
"މަންމާ، މެލެކް އަށް ވަރަށް ބަލަންޖެހޭ. ވަރަށް ބޮޑަށް ބަލަންޖެހޭ. ސިކުނޑި އެއްކޮށް މަރުނުވެ މެލެކް ސަލާމަތްވެފަ އެވަނީ ހަމަ ކިރިޔާ. ކޮއްކޮ އަށް ކުޑަކޮށްވެސް ފަރުވާކުޑަ ނުކުރައްޗޭ މަންމާ. ހުރިހާ ވަގުތެއްގަ އަޅުގަނޑު ގޭގަ ނުހުންނާނެ. ވަޒީފާ އަށްވެސް ނިކުންނަންޖެހޭނެ. ކޮއްކޮ އަށް އެގޮތަށް ދިމާވާ ކޮންމެފަހަރަކީ މިކޮޅަށް ކޮއްކޮ ގެނެވޭވަރަށް ވުރެ ނުރައްކާ ކަމެއް" ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން މައިލީން ވާހަކަދެއްކިއެވެ. ދެމައިން ވާހަކަދައްކަމުން އައިސް ނިކުތީ ބޭރު ޖޯއްޔަށެވެ.
"ކުދިކުދި ކަންތައްތައް މަތިން މެލެކް ހަނދާންނެތުން. މިއީ ދާއިމީ ކަމެއް މަންމާ. މިއަދު އެހެންއެވީ ބަރާބަރު ވަގުތަށް ބޭސްނުކެވުނީމަ. މިކޮޅަށް ފޮނުވުމުގެ ކުރިން ޑޮކްޓަރ އަހަދު ކިހާ އިރުޝާދެއްދިން. މަންމައަށް ވެސް އަދި އަޅުގަނޑަށްވެސް ފަރުވާކުޑަކޮށްލެވުނީ" މައިލީން ބުންޏެވެ.
"އެފަރާތަށް ކުނިކަހަން ނިކުންނަމުން މަންމަ ބުނިން ބެސްކާން ދާށޭ" އަސަރާއެކު ތަބައްސުމް ބުންޏެވެ.
"އެވާނީ ކޮންކޮ ހަނދާންނެތުނީކަމަށް. އެހެންވެ މިބުނީ އަޅުގަނޑު ނޫނީ މަންމަ ބޭސްނުދެންޏާ ކޮންމެފަދަ ވަގުތެއްގަވެސް ހަނދާނުން ކައްސާލަފާނެ. ދުވާލު ދޭ ބޭހަކީ އެންމެ މުހިންމު ބޭސް. ރޭގަނޑު ނިދާ ވަގުތު ދޭ ބޭހަކީ ނިދީގައި ދިމާވާ އުނދަގުތަކުން ލުއިކަން ގެނެސްދޭ ބޭހެއް" މައިލީން ކިޔައިދިނެވެ.
"ދެން މަންމަ ވަރަށް ސަމާލުކަންދޭނަން. ދަރިފުޅު ގޭގަ މަޑުކޮށްލައްޗޭ. މަންމަ މިއަންނަނީ މިސްކިތް ސާފުކޮށްލާފަ. މިއަދު ވަޒީފާ އަށް ނިކުތީމަ މިއަދުގެ މުސާރަ ހިނގާނީ" ތަބައްސުމް ބުންޏެވެ.
(ނުނިމޭ)