"އެހެންވީމަ އަވަހަށް ތައްޔާރުވޭ ފެރީ ފުރާގަޑި ޖެހެނީ، މިހާރު ބާކީ ބައިގަޑިއެއްހާއިރުވެސް ނެތް...." ނަޒްމާން ބަންދުމީހުންގެ އުފާވެރިކަން ފެނިފައި ހިނިތުންވެލަމުން ދާން އެނބުރިލިއެވެ. އޭރު ރޫހީނާއި ލާނާވެސް ގޮޅީގެ މެދާހަމައަށް އައިސް ތާތިމެންނާ ވާހަކަދައްކަން ހުއްޓެނީއެވެ. ގޮޅިން ބޭރުގައި ހުރި އަޒްމާންގެ ތޫނު ކަޅި އާއި ކަޅި ހަމަކުރާކަށް ލާނާ ހުރީ ނުކެރިފައެވެ.
"ޝުކުރު އަދާ ކުރާކަށްވެސް ނުކެރިފަ ތިހިރީޔޯ؟" ރޫހީން މަޑުމަޑުން ވައިއަޑުން ލާނާގެ ކަންފަތްދޮށުގައި ރޫހީން ބުންޏެވެ.
"އޮހްހާ.... ދޯ... ނުކެރިފަ ނޫން، ހައިރާންވެފައި، ވާން އުޅެނީ ކީއްކަން ނޭނގިފައި." ލާނާވެސް ރޫހީންގެ ޖުމްލައަށް ބޭރުގައި ތިބި ސީނިއާ އޮފިސަރުންނާ ވާހަކަދައްކަމުން އެއް ނަންބަރުން ނުކުންނަން ފިޔަވަޅު ނަގަމުންދިޔަ ނަޒްމާނަށް ބަލައިލިއެވެ.
"ނަޒްމާން ސަރ...." ދެން ކުއްލިއަކަށް ލާނާ ކުރިއަށް ޖެހި ގޮޅީގެ ކަނުން ފެންސާ ކައިރިވެލަމުން ގޮވާލިއެވެ. އޭރު ނަޒްމާނަށް އެ ހިސާބާ އަރައި ހަމަވެވެނީއެވެ.
ލާނާގެ އަޑު އިވިފައި ނަޒްމާން މަޑުކޮށްލިއެވެ. އަދި ދިމާ ކުރިމަތީގައި ހުރި ތޭރިތަކުގެ ފަހަތުން ފެންނަން ހުރި ލާނާގެ މޫނަށް ބަލައިލިއެވެ.
"ޝުކުރު އަދާކުރުމަށްވުރެ އަހަރެން މާބޮޑަށްވެސް އުފާވާނެ ތަންކޮޅެއް ރުޅި މެނޭޖް ކުރަން މަސައްކަތްކުރިއްޔާ،"
ލާނާ ހުރީ ނަޒްމާންގެ ކުރިމަތީގައެވެ. އެ ދެމެދުގައި ހުރީ ތޭރި ފެންސުގެ ހުރަހެވެ. ލާނާ ފެން ގޮތަކަށް ހިނިތުންވެލަމުން ބޯ ހަލުވާލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެނެވެ.
"ދެން އަވަހަށް ތައްޔާރުވޭ، އަހަރެން އަމިންތައަށް ގުޅާފައި ބުނިން ކޯޓަށް ދާން ތައްޔާރުވާށޭ، މިއަދަކީ ފަހު ދުވަސް ކަމަށް ވެދާނެ ވާހަކަ ވެސް ބުނިން، ހީވަނީ އަމިންތައާއެކު މުންނުވެސް ދާނެހެން ކޯޓަށް،"
މުންނުގެ ނަން އިވުމުން ލާނާއަށް ހައިރާންކަމާއި ސުވާލުތަކުން ފުރިގެންވާ ނަޒަރަކުން ނަޒްމާނަށް ބަލައިލެވުނެވެ. "މުންނު... އެ ކީއްކުރަން.... މުންނު ނުގެންދާށޭ މަންމަ ގާތު ބުނެދީ، އަހަރެން.... އަހަންނަށް ފަސޭހަ ނޫން،" ލާނާ ފަހަތަށް ފިޔަވަޅެއް އަޅާލަމުން މަޑުމަޑުން ބުނެލިއެވެ.
"އޯހް އޯކޭ، ބުނެދޭނަން. ދެންވެސް އަވަހަށް ތައްޔާރުވާންދޭ، އެއިވެނީ ފެރީތަކުގެ އަޑު،" ނަޒްމާން ބުންޏެވެ.
ޑިއުޓީން ގޮސް ނިމުމާއެކުހެން ގޮޅިތެރޭގައި އަޑު ގަދަ ވެގަތެވެ. މާފުށްޓަށް ދާން ޖެހޭ މީހުން އެމީހުންގެ ތަކެތި ތައްޔާރު ކުރުމާއެކު ދޫނިދޫއާއި އެތަނުގެ ބައިވެރިންނަށް އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. ތަނުގައި ސިއްރުސިއްރުން ގެންގުޅޭ ސިނގިރޭޓް، ލައިޓަރު ފަދަ ތަކެތި އަދި މިވަގުތަށް ލާނާ ހުރުމުން އޭނާއާ ހަވާލުކުރި ނަމަވެސް ދެން ލާނާވެސް މިތަނުގައި މާގިނަ ދުވަހަކު ނުހުންނާނެކަން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން ސިއްރު ތަކެތި ބަހައްޓާ ތަންތަނާއި ޑިއުޓީންނަށް ތަކެތި ފޮރުވާނެ ގޮތް މިވަގުތު ދެން އެންމެ ގިނަ ދުވަހަށް ގޮޅީގައި ތިބޭނެކަމަށް ލަފާވާ ބަންދުމީހުންނަށް ކިޔައިދިނުމަށްވެސް ވަގުތުކޮޅެއް ހޭދަކުރަން ޖެހުނެވެ.
"އަހަރެމެންވެސް ދާނެ ކަންނޭނގޭ،" ތައްޔާރުވެގެން އެންމެން ފައިވާންތައް ހިފައިގެން ދޮރުމަތީގައި ހުއްޓިގެން ތިބީ ބަލައި އަންނަން ދެނެވެ.
"އޭ އައިންތާ، ބޭކާރު ވާހަކަ ނުދައްކާ، ކީއްކުރަން އެތަނަށް ދާންވީ؟ ގެއަށް ދޭބަލަ ދެން، ކޯޓަށް މުއްދަތަށް ގެންދާ ދުވަހު ބުނެބަލަ މިހާރު ދެން ދޫނިދޫގައި ނެތޭ އެއްވެސް ކަމެއް، ފޮނުވާށޭ ގެއަށް." ރޫހީން ވަރަށް ލޯތްބާއެކު އައިންތަގެ ބޮލުގައި ފިރުމާލިއެވެ.
"ތެދެއް ތިބުނީ، ތި އެންމެން ތިދަނީ އެއްފަހަރާ، މުޅި ތަން ފަޅުވާނެ، އަހަރެމެން ކިހާ ފޫހިވެފަ ދެރަވާނެކަން އެނގޭތަ؟ ލަޝްލީވެސް ގޮވައިގެން ތިދަނީ،" ފޭރުމުގެ މައްސަލައެއްގެ ތަހުގީގަށް ބަންދުކޮށްފައި ހުރި ނަވާރަ ވަރަކަށް އަހަރުގެ ޒުމްރާ ބުނެލިއެވެ.
"އަހަރެމެން ބޮޑު ދެރަވާނީ، މިތާ އެއްވެސް މީހާ ނުހުންނަނީނު ކަމެއް ވާ ޓައިމްގައި ޑިއުޓީއާ ފައިޓް ކުރަންވެސް،" އިންޑިއާ ރޫމީ ވެސް ހުރީ ކަރުއެލިފައެވެ. "އެކަމަކު މައްސަލަ ނެތީ، ފްރެންޑު ވައްތަރު މީހުން އެކީގަ ދަނީމަ އުފާވާނެ،"
"އަހަރެން އެންމެ އެކަނި ވާނީ، މިރޭ މަ ނިދާނީވެސް ކިހިނެއް...؟" ލާނާ ރޫހީންގެ ކޮނޑުގައި ބޯ ޖައްސާލަމުން ކުސްޖެހިއެވެ.
"ސާބަސް، ފަހު ވަގުތުވެސް އެކުގައެއްނު މިދަނީ، އަހަރެމެން ދާނީ ގާޒީއަށް ހުކުމްކުރަން އަންގާފައޭ، އެވެސް ގެއަށް، މާފުށްޓަކަށް ނޫން،" ރޫހީން ލާނާގެ ކޮލުގައި ވިކާލަމުން ބުންޏެވެ.
"އޭތް ފޭކް ހޯޕް ނުދީ، ހުކުމް ކުރާނެ ކަން ހަމަ ޔަގީން،"
"އޭހްހޭ ތަނޑިބައިތައް ގެންނަ އަޑު،" ޒޭނާ ގޮވާލިއެވެ.
ތެދެކެވެ. ބިޑިފަތިތަކުގެ އަޑު އިވެން ފެށުމުން ޑިއުޓީން ބަލާ އަންނަނީކަން އެންމެނަށްވެސް އެނގިއްޖެއެވެ. ބަދަލުވި ޑިއުޓީގެ ތެރެއިން އަންހެން ދެ އޮފިސަރަކު ބަންދުމީހާއާއި ގައިދީން ގޮވައިގެން މާލެ ދާން ޖެހޭނެތީވެ، އަފްނާން އާއި ޝައިނާ ޔުނިފޯމް ބަދަލުކޮށް އާދައިގެ ކުލަ ހެދުމުގައި އައިސް ތިއްބެވެ. އެމީހުންނާއެކުގައި ދާން ތިބީ މި ދެ އޮފިސަރުންކަން އެނގުމުން އެކަކު އަނެކަކަށް ބަލައިލެވުނީ އުފާވެރި ނަޒަރަކުންނެވެ.
ވަދާއުގެ ސަލާމާއި ފެންކަޅިވެފައިވާ ލޯތަކެއް ތޭރިތަކުގެ ފުރަގަހަށް ދޫކޮށްލާފައި ތިން ރަހުމަތްތެރިން އެމީހުންގެ ލޯބިވާ މިތުރުގެ އަތުގައި ހިފައިގެން ދޫނިދޫ ގޮޅިން ބޭރުގައި ފިޔަވަޅު އެޅީ ދެން ދުވަހަކުވެސް މިތަނަށް ނާންނާނެ ކަމަށް ވައުދުވަމުންނެވެ. ހުކުމުން ސަލާމަތް ވިޔަސް ދޫނިދޫގެ މި ގޮޅީގައި ހޭދަކުރި ދުވަސްތައް ދެން ތަޖުރިބާ ކުރަން މިތަނަށް އަންނަން ޖެހޭވަރު ކަމެއް ނުކުރާނެ ކަމަށާއި އެފަދަ ކަމަކާ ކުރިމަތިވެސް ނުލާނެކަމަށް އެމީހުން ވައުދުވިއެވެ.
***************
ފެރީ ތެރޭގައި ވެސް އެމީހުންގެ ވާހަކަ ހުހެއް ނުވިއެވެ. ފަނަރަމިނެޓްގެ ދަތުރަކަށްފަހު އެއްނަމްބަރަށް ކައިރި ކުރި ފެރީން ބޭލި ބަންދުމީހުން ބަލައި އައިސް އޮތް ވެހިކަލަށް އަންހެނުންނާއި ފިރިހެނުން ވަކިވަކިން އެރުވިއެވެ. މޫސުމް ރީތި އުޑުމަތި ސާފު ދުވަހެކެވެ. ޖުމްހޫރީ މައިދާނުގައި ހިނިތުންވެވޭ ފަހުރުވެރިކަމާއެކު މޭފުއްޕާލައިގެން ހުރި ގައުމީ ލޮބުވެތި ޝަރަފަށް ހަތަރު އެކުވެރިންވެސް ސެލިއުޓް ނެގިއެވެ. ހަތަރު މީހުން އެކުއެކީގައި މާލެ އަންނާނެ ދުވަހެއް މިންވަރު ކުރައްވާތޯ އެމީހުން ކުރި އުއްމީދު ފުރިހަމަވެއްޖެއެވެ.
އެހެންނަމަވެސް މި އުފާވެރިކަން ދެމިއޮތީ ކުޑަ ވަގުތުކޮޅަކަށެވެ. ލާނާއާ ވަކިވާން ޖެހުނީއެވެ. ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް އޮތީ ދައްކައި ނިމިގެން ތިބިކަމުން ހަމައެކަނި އެކަކު އަނެކަކަށް ހިންދިރުވާލަމުން ލާނާއާ ސަލާމްކޮށްލީއެވެ.
"މިއަދު ނިންމައިދޭށޭ ބުނާނަން، މިހާރު ދެން އިތުރު ކޮން ކަމެއް އޮތަތީ ކަމެއްވެސް ނޭނގޭ، އެއްބަސްވީމަވެސް ހުކުމް ކުރަން އަހަރުދުވަސް، ކިހާ ހެއްވާ، މަންމަމެން ގާތުގައި ބުނެވުނު އަދަދެއްވެސް ނޭނގޭ،" ލާނާ ދާން ބަހަށް އެރުމުގެ ކުރިންވެސް ރޫހީންމެން ގާތުގައި ކޮށްލީ ޝަކުވާއެކެވެ.
ފެރީ ކައިރިން ބަންދު މީހުންނާއި ގައިދީން އަރުވައިގެން ފުލުހުންގެ ދެ ވެހިކަލް ދަތުރު ފެށީ އެކުއެކީގައި ނަމަވެސް މިސްރާބު ބަދަލުކޮށް އެއް ވެހިކަލް އަތޮޅުވެހި ހުންނަ ދިމާއަށް އަދި އަނެއް ވެހިކަލްގެ ދަތުރުގެ މިސްރާބު ހުރީ ޖަސްޓިސްބިލްޑިންއާ ދިމާއަށެވެ.
*****************
ކްރިމިނަލް ކޯޓް، 2009
"މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކިގަރީނާތަކަށް ރިއާޔަތްކުރާ އިރު، އައްޑޫސިޓީ ވިލިނީހިޔާ، ވިލިނީ ހަފީޒުގެ މައްޗަށް ކޮށްފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ، ސ.ހުޅުދޫ ޕެންޒީމާގޭ ހުސެން ޒާހިދު ވަގާރު މަރުވީ ގަސްދުގައި ހުސައިން ޒާހިދު ވަގާރު މަރާލުމަށް ވިލިނީ ހަފީޒު ދިން ހަމަލާއަކުން ކަން، ވިލިނީ ހަފީޒުގެ އިއުތިރާފުން އެނގެން އޮތަތީ، ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގައި މަރަށް މަރުގެ އަދަބު ކަނޑައަޅައި، މި މައްސަލައިގައި ހުސައިން ދާނިޝްގެ ވާރިސުންނާއި އާއިލާއިން ވިލިނީ ހަފީޒަށް ހުސައިނަށް މާފުކޮށްފައިވާތީވެ، މަރުގެ ހުކުމުގެ ބަދަލުގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް މި ގަޟިއްޔާ ނިންމީމެވެ."
ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރިތެރޭގައި ގާޒީގެ އަޑު ގުގުމާލިއެވެ. އެ އަޑު ތޫނު ހަންޖަރެއްގެ ސިފައިގައި ގޮސް ޝަރީއަތް އަޑުއަހަން ތިބި މީހުންގެ ތެރެއިން ފަހަތުގައި ތިބި ދެ އަންހެނުންގެ މެއަށް ހެރުނު ކަހަލައެވެ.
އެ ދެމީހުންނަށް އެކަކު އަނެކެއްގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. މިއީ ވިލިނީގެ މަންމަ ގުރައިޝާ ނާސިރާއި ޒާހިދުގެ މަންމަ އަމީނާއެވެ. ގުރައިޝާގެ އެއްފަރާތުގައި އިން ވިލިނީގެ ދޮންދައްތަ ވާސިފާއަށްވެސް ސިހިގެން ގޮސް މަންމައަށް ބަލައިލެވުނެވެ. ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ދެ އާއިލާއިންވެސް ވިލިނީ ސަލާމަތުން ގެއަށް ގެނެވޭތޯ އެތަކެއް މަސައްކަތެއް ކުރިއެވެ.
އެހެންނަމަވެސް މިއަދު އެ ހުރިހާ މަސައްކަތަކާއި ކުރި ހޭދައެއް ބޭކާރުކޮށްލުމަށްފަހު، ޝަރީއަތުން ވިލިނީއަށް 25 އަހަރުގެ ޖަލު ހުކުމެއް ކުރީއެވެ.
ޝަރީއަތް ކުރާ ކޮޓަރި އޮތީ ގާތްގަނޑަކަށްހެން ފުރިފައެވެ. ދައުލަތުގެ ވަކީލުންނާއި ނޫސް ރިޕޯޓަރުންގެ އިތުރުން އާއިލާގެ މީހުންނެވެ. ވިލިނީގެ މަންމައާއި ދޮންދައްތަ ފިޔަވައި އެ އާއިލާގެ އެހެންމީހަކު ނެތެވެ. ހަގު ކޮއްކޮ މުނިޔާ، މުންނު އައިކަން އެނގުމުން ލާނާ ކަނޑައެޅިގެން ކޯޓުރޫމަށް މުންނު ވަނުން މަނާކުރިއެވެ. މުންނުއާ މާގިނަ ވާހަކަދައްކަން ފުރުސަތެއް ނުލިބުނު ނަމަވެސް މިނެޓެއްހާ އިރު ތެރޭގައި ލާނާ ބުނީ އެވަރުގެ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ. މުންނު އަމިއްލައަށް ކޯޓުން ނުކުމެގެން ގެއަށް ދާނެ ފަދަ ކޮންމެވެސް ވާހަކައެއް ލާނާ މުންނު ގާތުގައި ބުނެފިކަން ޔަގީނެވެ.
ލާނާގެ ހިތް ފިތިގެންދިޔަ ކިތަންމެ ކަމެއް ދިމާވިއެވެ. މިއޮތްފަދަ ދުވަހުވެސް ބައްޕަގެ ހިލަމެއް ނެތުމުންނެވެ. އޭނާގެ މަންމައާއި ދައްތަ ނޫން އެހެންމީހަކު ނެތުމުން ހިތް ގެނބިގެން ދިޔައެވެ.
ދިމާކުރިމަތީގައި އިން އިއްޒަތްތެރި ގާޒީ އިއްވި ހުކުމުގެ އަޑު އެމީހުންނަށް ފުރަގަސް ދީގެން ކޮޅަށް ހުރި ލާނާގެ ކަންފަތަށް ނީވެނީކަމެއް ނުވަތަ އެ އަޑުން އެއްވެސް އަސަރެއް ނުކުރަނީކަމެއް ނޭނގެއެވެ. ޔަގީނުންވެސް ޖެހި ބުދެއްހެން ހުރި ލާނާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނާދެއެވެ.
ޝަރީއަތުގެ މަޖިލިސް ރޫޅާލުމާއެކު ކަރެކްޝަނަލް ސާވިސްއިން ހާޒިރުވެ ތިބި ދެ މުވައްޒަފުންނާއި ފުލުހުންގެ ތެރެއިން ހާޒިރުވެ ތިބި އޮފިސަރުން ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު ފަހަތު ގޮނޑިބަރީގައި ތިބި ދެމަފިރިންނަށް އިޝާރާތެއް ކޮށްލިއެވެ. އޮފިސަރުންގެ ހުއްދަ ލިބުނުކަން އެނގުމުން ދެބައި އުމުރުން މައްޗަށް ގޮސްފައިވާ ދެމަފިރިން ގޮނޑިބަރިން ތެދުވެ ކުށްވެރިންގެ ގޮނޑީގައި އިން ލާނާއާ ގާތަށް ހިނގައްޖެއެވެ. އަދި އޮފިސަރުންގެ އިޝާރާތަށް އެމީހުންގެ ފަހަތުން އެންމެން ވެސް ޝަރީއަތް ކުރާ ކޮޓަރިން ބޭރަށް ނުކުތެވެ. އެވަގުތު ލާނާ ގެންދިއުމަށްޓަކައި އައިސް ތިބި އަންހެން އޮފިސަރުން ވެސް ބޭރުގައި ތިއްބެވެ.
"ދަރިފުޅާ ތުއްތު ކަނބުލޯ،"
ބައްޕަގެ ތުރުތުރު އަޅާ އަޑަކުން ގޮވާލިއެވެ. އަދި މަންމަ ފިނިވެފައިވާ އަތަކުން ދަރިފުޅުގެ އަތްތިލައިގައި ހިފާލިއެވެ. ދެމީހުންގެ ހިތް ފަޅަފަޅައިގެން ކުދިކުދި ވަނީ ކަހަލައެވެ. މިއީ ކޮންފަދަ ހިތްދަތި ވަގުތެއް ހެއްޔެވެ.
ހާލިދު ހުރީ ކޯޓު ޝަރީއަތް ކުރާ ކޮޓަރިން ބޭރުގައެވެ. އޭނައަށް ދަރިފުޅަށް އަދަބު ކަނޑައެޅި ހުކުމް އިއްވާ އަޑު އަހާނެ ހިތްވަރު ނުލިބުނީއެވެ. ސިޔާސީ މަގާމުގެ ގޮތުން ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރަށްވެ ހުރެވެސް ދަރިފުޅަށް އެއްވެސް ކަމެއް ކޮށްނުދެވުނު ކަމުގެ ހިތި އަސަރު މުޅި އުމުރަށްވެސް އަރުގައި ހަރުލާފައި ހުންނާނެކަން ޔަގީނެވެ.
ވިލިނީ، މަންމައާއި ބައްޕަގެ މޫނަށް ބަލައިވެސް ނުލައެވެ. މަންމަގެ ގިސްލުމުގެ އަޑު އިވުމުން އޭނަގެ ހިތަށް އަސަރު ނުކުރީ ބާވައެވެ. ނުވަތަ އޭނާގެ އެއްވެސް ހިއްސެއް މަސައްކަތް ނުކުރަނީއެވެ. މަންމަމެންނާ ވަކިވާން ޖެހުނީއެވެ.
ދިގު ފަންސަވީސް އަހަރު ދުވަހަށް، މާލޭގެ މަގުތައް މަތީގެ ވަހާއި އަޑުތަކަށް ވަދާއުގެ ނޭވާއެއް ދޫކޮށްލަމުން ކަރެކްޝަން އޮފިސަރުންގެ އެހީއާއެކު ވެހިކަލަށް އެރިއެވެ. ދުރުގައި މަންމަމެން ބަލަން ތިއްބެވެ.
ދެ އާއިލާގެ ފަރާތުން އައިސް ތިބި މީހުންގެ ފަހަތުން ކުޑަކޮށް ދުރުގައި ހުރި ސައިކަލު ލާނާގެ ލޮލުގައި އަޅައިގަތީ ވެހިކަލަށް އަރަން ފިޔަވަޅު ނެގި ވަގުތު އިއްތިފާގަކުން އަމާޒުވި ކަޅިއަކުންނެވެ. ކަޅުކުލައިގެ އެވެންޖާ ސައިކަލުގައި އިން ޒުވާނާ، ލޮލުގައި އޮތް އަވިއައިނު ލޮލުން ނަގައި ލާނާގެ ދެލޮލަށް ބަލައިލިއެވެ. ހިންދިރުވާލަމުން ލާނާ ހިނިތުންވެލިއެވެ.
ޝަރީއަތުން އޭނާއަށް ކުރި ހުކުމް އޭނާއަށް ދިން، މިނިވަންކަމުގެ އަލިވިލުމެއް ހަޔާތަށް ނާންނާނެ 25 އަހަރު ހިފައިގެން މާފުށްޓަށް ހިތްހަމަޖެހިގެން ދެވިދާނެއެވެ.
އޭނާ ބޭނުންވަނީ މިއަދުން މިއަދަށް މާފުށްޓަށް ފޮނުވާލުމެވެ. ހެޔޮއެދޭ އެކުވެރި މިތުރުން ގާތަށް ދާން ބޭނުންވާތީއެވެ.
މާފުށީ ޖަލު
މާފުށީ ޖަލުގެ ކަޓަރު ފެންސުތައް، ތިލަ ފެންސުތައް އެތެރޭގައި އުސް ފާރުތަކާއި ދަގަނޑު ތޭރިތަކުގެ ދޮރުތައް، އެ ފާރުތަކުގެ އެތެރެއަށް އެމީހުން ވަނުމާއެކު ފަހަތުން ލައްޕާލެވޭ މައި ދަގަނޑު ގޭޓުގެ ތަޅު ލެވުމާއެކު، އެ ހިސާބުން އެ މީހުންގެ ހަޔާތުގެ އަލިވިލުމެއް ނެތް، ފަތިހެއް ނުވާނެ ރޭގަނޑަށް ފެށުނީއެވެ.
(ނުނިމޭ)