ސިއްހަތު

ޕީސީއޯއެސްއިން ހަމަށް ދިމާވާ މައްސަލަތައް

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަކީ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. މީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޫނުގައި ބިހިނެގުމާއި، ފަލަ ވުމާއި، ހަން ތެޔޮވުމާއި، ހަށިގަނޑުގައި އާދަޔާ ހިލާފަށް ގިނައިން އިސްތަށި ފެޅުމާއި، ބޮލުން އިސްތަށި ފޭބުމާއި މިނޫންވެސް ގިނަ މައްސަލަތައް ދިމާވެ އެވެ.

ޕީސީއޯއެސް ހުންނަ ނަމަ ދަރިމައިވުމަށް އުނދަގޫވުމާއި ޕީރިއަޑް މައްސަލަތައް ޖެހެއެވެ. އަދި ހޯމޯނަލް އެކިއެކި މައްސަލަތައްވެސް ކުރިމަތިވެއެވެ.

އެތެރެހަށިން ދިމާވާ މައްސަލަތައް ފިޔަވައި މި ބަލީގައި މީހާގެ ރީތިކަމާއި އަންހެންވަންތަކަމަށް ވެސް އެކިއެކި އުނދަގޫތައް ކުރިމަތިވުމަކީ އެންމެ ބޮޑު ސަމާލުކަމެއް މިބައްޔަށް ދެވޭ އެއްކަމެވެ.

ޕީސީއޯއެސް ހުންނަ ނަމަ ހަމުގެ މައްސަލަތައް އިތުރުވެއެވެ. އެއަށް ހައްލުވެސް އެބަހުއްޓެވެ. ބަދަލު ކުރަން ޖެހެނީ ލައިފްސްޓައިލެވެ. ކާބޯހައިޑްރޭޓްސް އަދި ސްޕައިސަސް ހިމެނޭ ކާނާ ވީހާވެސް މަދުކޮށްލުމަށްފަހު ޕްރޮޓިންސް ހިމެނޭ ކާނާ ގިނައިން ކެއުމަށް އާދަކުރުން މުހިއްމެވެ. މިއީ އެތެރެހަށިން ހަމަށް ފަރުވާ ކުރެވޭނެ ގޮތެކެވެ. މީގެ އިތުރުން ކަސްރަތު ކުރުމުން ބިހި ނެގުމާއި މޫނު ތެޔޮވުމުން ރައްކާތެރިކޮށްދޭނެއެވެ.

ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ޕީސީއޯއެސް ހުންނަ ނަމަ ހަމަށް ދޭން ޖެހޭ ފަރުވާ އިތުރުކުރަން ޖެހެއެވެ. އެގޮތުން ގަވައިދުން މޫނު ދޮވެ ސާފުކޮށް މޮއިސްޗަރައިޒް ކުރަން ޖެހެއެވެ. ބްލޮޓިން ޝީޓްސް (މޫނު ތެޔޮވުމުން އެ ފުހުމަށް ބޭނުން ކުރާއެއްޗެއް) ބޭނުން ކުރުމާއި ސްޓްރެސް ފްރީކޮށް އުޅުމަށް މަސައްކަތް ކުރުމުންވެސް ބިހިން ރައްކާތެރިވާނެއެވެ.

ހޯމޯނަލް ބިހިން ރައްކާތެރިވުމަށް އެކި ކަހަލަ ކްރީމްތައް ލިބެން ހުންނަ އިރު، އެކްރީމްތައް ގަނެ ބޭނުން ކުރަން ފެށުމުގެ ކުރިން ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

ގައިގައި މާގިނައިން އިސްތަށިފަޅާނަމަ އެންމެ ރައްކާތެރިގޮތަކީ ލޭޒާ ހެއާ ރިމޫވަލްއެއް ހެދުމެވެ. ނަމަވެސް ރަނގަޅު އިތުބާރު ކުރެވޭ ތަނެއް އިހްތިޔާރު ކުރުން މުހިއްމެވެ. އެއާއެކު ސްޕިއާމިންޓް ސަޔަކީވެސް ގިނައިން އިސްތަށިފަޅާނަމަ ބޯން ރަނގަޅު ސަޔެކެވެ. ތުރުކީގައި ހެދި ރިސާޗެއްގައި ދައްކާގޮތުން މި ސައި ބުއިމުން ގިނައިން އިސްތަށިފެޅުން ކޮންޓްރޯލް ކޮށްދެއެވެ.

ޕީސީއޯއެސް އެންމެ ގިނައިން ދިމާވަނީ އުމުރުން 15 އަހަރުން ފެށިގެން 30 އަހަރުގެ މެދުތެރެއަށެވެ. އަދި 30ގެ ފަހުކޮޅު ނުވަތަ 40ގެ ކުރީކޮޅު މި ބަލި ހަށިގަނޑުން ނެތިދެއެވެ.

ބައެއް ޓިޕްސް

  • 30 މިނިޓްގެ އިންޓެންސިޓީ ވޯރކްއައުޓެއް ހަފުތާއަކު މަދުވެގެން ތިން ދުވަހު ކުރުން.
  • ބަރުދަން ލުއިވުމުން ޕީރިއަޑްގެ މައްސަލައަށް ހައްލުލިބިގެންދޭ. އެހެންކަމުން ފުރަތަމަ ފަށާއިރު ވެސް %5 ބަރުދަން ލުއިކުރުމަށް ޓާގެޓް ކުރުން ރަނގަޅު.
  • ކެއުމުގައި ކާބޯހައިޑްރޭޓްސް މަދުކޮށްލުން.
  • އޮމެގާ ތިނެއްގެ ސަޕްލިމެންޓެއް ނަގަން ފެށުން އަދި ކާތަކެތީގައި ވެސް އެމާއްދާ ހިމެނޭ ކެއުން ބޭނުން ކުރުން އޭގެ ތެރޭގައި މަސް، ވޯލްނަޓްސް، ޗިޔާ ސީޑްސް، ފްލެކްސް ސީޑްސް އަދި ބެޒިލް ހިމެނޭ.
  • ވީހާވެސް ގިނައިން ފެންބުއިމަށް އާދަކުރުން.