ވާހަކަ

ރުހުން ދީފާނުހޭ - 1

5

ކޮޓަރިން އިވުނު އަޑުފަށްގަނޑާއެކު ކުޑައެނދުގައި އޮތް ލޫލު ރޯން ފަށައިފިއެވެ. ދުމެއްޖަހާފައި މައުސޫމާ ކޮޓަރިއަށް ވަދެ ލޫލު ނަގައިގެން މަސަލަސް ކުރެވޭތޯ ތަޅުވަން ފެށިއެވެ. އެނދު ކައިރީގައި ހުއްޓިގެން ހުރި ސާރާ ބަލަން ނުބަލަން އުޅޭ ކަހަލަ ގޮތަކަށް މައުސޫމާއަށް ބަލައިލިއެވެ. އޭނާ އަތުގައި އޮތް ސެންޓްފުޅި ރީތިވާ މޭޒުމަތީގައި ބަހައްޓާފައި ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުތްގޮތަށް ލައިގެން ހުރި ކަޅު ކުލައިގެ ޖީންސްގެ ފަހަތު ޖީބަށް ޖަހާފައި އޮތް ފޯނު ނަގައިފިއެވެ. އޭނާގެ ހިމަ ހޯލި އިނގިލިތަކުން ފޯނުގައި ނަންބަރެއް ނޯޓްކޮށްލާފައި ކަންފަތުގައި ޖެއްސިއެވެ. އެހިނދު އޭނާ ސިހިފައި ފަހަތް ބަލައިލީ މައުސޫމާ ގޮވާލުމުންނެވެ.

"ލޫލު އަށް މިއަދު ވެކްސިން ދިނީ. ފުރަތަމަ ދުވަހު އަބަދުވެސް ބަލިވާނެ. ރޮއެގަތީމަ ސާރާ ތިހުންނަނީ އަޅާވެސްނުލާ. މަސަލަސްކޮށްލި ނަމަވެސް ހެވެއްނު" މައުސޫމާ އަޑުގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ވިއެވެ.

"ކުދިން މަސަލަސް ކުރާކަށް ނޭނގޭ" ސާރާ ބުންޏެވެ.

މައުސޫމާ ދެފަރާތަށް ބޯހޫރާލިއެވެ. ކުދިން މަސަލަސް ކުރަން ނޭނގެނީއެއް ނޫނެވެ. ލޫލު ވީމާ އެއްވެސް ކަމެއް ކުރަން ބޭނުންނުވަނީއެވެ. މައުސޫމާ އެއްޗެއް ނުބުނެ ލޫލު އަތްމައްޗަށް ލައިގެން ދެފަރާތަށް ތަޅުވަމުން ދިޔައެވެ.

"މިއަދު ބާޒިލް އާ ބައްޕަ ގެއަށް ކާން އަންނާތީ އަތްމަތި ތަންކޮޅެއް އަވަސްކުރަންޖެހޭ. ހިނގާބަލަ މަންމަ އާއެކު ބަދިގެއަށް" މައުސޫމާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ސާރާ ބޯޖަހާލުމުން މައުސޫމާ ހިނގައިގަތެވެ. ސާރާ އަންނާނެކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ސާރާ އޭނާގެ ދަރިއަކަށް ވާނެއެވެ. އެހެންކަމުން އުންމީދުކުރުން ނޫންގޮތެއް ނެތެވެ.

މައުސޫމާ އަކީ ދަރިންނަށް ހެޔޮ މަޔެކެވެ. ހަތަރު ދަރީން ތިބިއިރު އޭނާ ވަކި ދަރިޔަކު ތަފާތެއް ނުކުރެއެވެ. އަމުދުން ތިން އަންހެން ދަރީންގެ ހަގަށް ފިރިހެންކުއްޖަކަށް ބާޒިލް ލިބުމުން އިންތިހާ ދަރަޖައަށް އޭނާ ބާޒިލްދެކެ ލޯބިވެއެވެ. ބާޒިލް ނިންމާ ނިންމުންތަކަށް އޭނާއަށް ދެކޮޅު ނުވެވެނީވެސް އެހެންވެއެވެ. ދަރިންނަށް އެއްބާރުލުން ދިނަސް އެކަމަކީ އޭނާ ނުރުހޭ ކަމެއްނަމަ ހުރިހާ ދަރީން ކައިރީގައިވެސް ފާޅުގައި އެވާހަކަ ބުނެއެވެ. އެގޮތުން ބާޒިލްގެ ކައިވެންޏަށް އޭނާ ނުރުހޭކަން ބާޒިލް ގާތުގައި ވެސް ބުންޏެވެ. ބާޒިލް އާ ހިލާފަށް އޭނާގެ ދޮށްޓަށް ތިބެނީ ދޮންތަ ހިބާ އާއި ތުއްތަ ލައިބާ އާއި ކޫ ޒޭބާ އެވެ. މި ތިންކުދީންވެސް ބާޒިލްދެކެ ވަނީ އާދަޔާހިލާފު ލޯތްބެކެވެ. ކައިވެންޏަށްފަހު ތިންއަންހެންދަރީން ފިރިންނާއެކު ވަކި ދިރިއުޅުމެއް ހިޔާރުކުރިއިރު ތިންއަންހެންދަރީންގެ ދިރިއުޅުމާ މެދު މައުސޫމާ އަބަދުވެސް ފަހުރުވެރިވިއެވެ. އޭނާ ހިތާމަކުރަނީ ބާޒިލް އާ މެދުގައެވެ.

****

ގޭތެރެއަށް ވަތްގޮތަށް ސާރާ އައިސްފައި ހުރި ރުޅީގައި ދެފައިގައި އޮތް ބޫޓު ދުރަށް ހޫރާލިއެވެ. އެއްކިބަ ގޮސް ޖެހުނީ ހިކިފައި ހުރި އަންނައުނުތައް ހިފައިގެން ގޭތެރެއަށް ވަދެގެން އައި އޭނާގެ ދޮންމަންމަ ސިހާމާ ގައިގައެވެ. ސިހާމާ ބަލައިލިއިރު ތުން ދަމައިގެން ސާރާ ސޯފާގައި އިނެވެ. އަންނައުނުތައް ކޮޓަރިއަށް ގެންގޮސްފައި ސިހާމާ އައިސް ސާރާ ކައިރީގައި އިށީނެވެ.

"މިހާރު ކިހިނެއްވީ؟" ސިހާމާ އަހާލިއެވެ.

"އަހަރެން ކުޑަކުދިންދެކެ ރުޅިއަންނަނީކީ ނޫން. އެކަމަކު ކުޑަކުއްޖަކު އަދި އަހަންނަކަށް ނުބެލޭނެ" ސާރާ ބުންޏެވެ.

ވީގޮތް ސިހާމާ އަށް ވިސްނުނެވެ. އެކަމަކު ސީދާ އެކަމަށް އިންކާރުކުރެވޭނެ އެއްވެސް ގޮތެއް ސާރާ އަށް ނެތެވެ. ސާރާ އަށް ވިސްނައިދޭން މަސައްކަތްކުރުމަކީ ބޮޑު ފަރުބަދައެއް ކެނޑުން ފަދަ ކަމެކެވެ. ކުޑައިރުން ފެށިގެން ސާރާ ގެންގުޅޭ ރުޅިގަނޑަކީ އޭގެ ބޮޑު ހެއްކެކެވެ.

"ތިކައިވެނި ކުރަން ބޭނުމިއްޔާ ސާރާ ޖެހޭނީ ހުރިހާ ކަމަކަށް ރުހެން" ސިހާމާ ބުންޏެވެ.

ބަހެއްނުކިޔާ ކަނާއަތުގެ ނިޔަފަތިގަނޑު ހަފަން ސާރާ އިނެވެ.

****

ޒިޔާދު ގެއަށް އައީ މެންދުރު ނަމާދުކޮށްގެން ނިކުމެ މައުސޫމާ ޓީވީ ބަލަން އިންދައެވެ. އޭނާ ކައިރީގައި ހުރި ކުޑަ އުނދޯލީގައި ކުޑަކުޑަ ލޫލު އޮތެވެ. ހަ މަހުގެ ތުއްތު ލޫލު އެމަންޖެގެ އަމިއްލަ ދުނިޔެއެއްގައި އޮތްއިރު މައުސޫމާ އިރުކޮޅަކާ ލޫލު އަށް ބަލައިލައެވެ.

"ފިހާރައިން ނިކުތްފަހުން ކަމަކާ ލައިގަނެގެންނޭ ލަސްވީ" ވަދެގެން އައި ޒިޔާދު ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ. ބޭރުން އައިސް އެމަންޖެ ގައިގައި އަތްލަންޖެހޭނީ ދެއަތް ރަނގަޅަށް ދޮވެ ސާފުވެގެން. ތުއްތު ކުދިންނަކީ ނިކަން ނާޒުކު ކުދިބައެއް" މައުސޫމާ ބުންޏެވެ.

"ތިހެންވިއްޔާ މައުސޫމާ އެފަރާތަށް އެމަންޖެ ގޮވައިގެން ގޮސްލާ. އަހަރެން މިދަނީ ހެދުން ބަދަލުކޮށްލައިގެން" ޒިޔާދު ބުންޏެވެ.

ޒިޔާދު ކޮޓަރި އާ ދިމާލަށް ހިނގައިގަތުމުން ލޫލު އުރާލައިގެން ހުރެ މައުސޫމާ އައީ ބަދިގެ އާ ދިމާލަށެވެ. ލޫލު ގޮވައިގެން އޭނާ އެއް އަތުން ތައްޓަށް ޖޫސް އަޅަން ހުއްޓާ ޒިޔާދު އަތުވެއްޖެއެވެ. އިށީނުމުގެ ކުރިން އޭނާ ކާފަ ދަރިފުޅު އުރާލާފައި ލޯބިކޮށްލިއެވެ. މައުސޫމާގެ އަތްމަތި އަވަސްވީ އެހިސާބުންނެވެ.

"ކާފަ ލޯބިކޮޅު މިއަދު ހާދަ އުފަލުން. މިހާރު ބަނޑުފުރާލައިގެންތަ ތިއޮތީ" ތުއްތު އަޑުން ލޫލު އާ ވާހަކަދައްކަމުން ޒިޔާދު އިށީނެވެ.

"ދެން އެމަންޖެ އަހަރެން އަތަށް ދީފަ ކާން ފަށަންވީނުން. ކާންހަދާފަ ހުންނަތާ މިހާރު ކޮންއިރެއް؟" މައުސޫމާ ބުންޏެވެ. ޒިޔާދު ކާންފެށީ މައުސޫމާ ލޫލު އުރާލުމުންނެވެ. ފިރިމީހާ އާ އެކު އެއް ސުފުރާ މަތިން އޭނާ ކާން ބޭނުންވިޔަސް މިއަދު އެހެންވާކަށް ނެތެވެ. ލޫލު ގޮވައިގެން އޭނާ ހިމޭނުން އިނެވެ. ޒިޔާދު މައުސޫމާ އަށް ބަލައިލިއެވެ. ބާޒިލް ގެ ނިންމުން އިއްވި ދުވަހުން ފެށިގެން މައުސޫމާގެ ނަފްސަށް ވެރިވެފައިވާ ހިމޭންކަން އަދިވެސް ފިލާނުދާކަށް ޒިޔާދަށް އެނގުނެވެ. ދިރިއުޅުން ކުރީގައި އޮތް ގޮތަށް ބަދަލުކުރެވޭތޮ ރެއާ ދުވާލު އޭމނާ މަސައްކަތް ކުރަމުން ދެއެވެ.

"ވީގޮތަކީ އައި މަގުމަތީގަ ބާޒިލް އަށް ފޯނެއް...." ޒިޔާދު ވާހަކަ ފުރިހަމައެއް ނުވެއެވެ.

"އަހަންނަށް އެނގޭ. އެހެންވެ ބާޒިލް އާ ބެހޭގޮތުން އެއްޗެއް ނާހާ މި އިންނަނީ" މައުސޫމާ ބުންޏެވެ.

" އަހަރެން މަސައްކަތްކުރާ ގަޑީގަ މި މަންޖެ ބަލާލަދޭން މަޑުކޮށްލާނެ ކުއްޖަކު ހޯދަންވީނުން. ބަދިގޭގަ ހުއްޓަސް މި މަންޖެގެ ފިކުރު އަބަދުވެސް ކުރެވެނީ" މައުސޫމާ ވާހަކަދެއްކިއެވެ.

"އިހަށް މަޑުކޮށްލަންވީނުން. ތައިމޫރު އެދިޔައީ ފުރައިގެން. އަހަރަކަށް އެދިޔައީ. ޒޭބާ ބުނި މިގެއަށް ބަދަލުވާނަމޭ. އެހެންވީމަ އަދި ކުއްޖަކު ނުހޯދިޔަސް ވެދާނެއްނު. އެހެންނޫނަސް ސާރާ މިގެއަށް އައިމަ ދެން ހުރިހާ ކަމެއް ހަމަޖެހޭނެއްނު. މިހާރު އޮތްގޮތަކީ އެއީއެއްނު" ޒިޔާދު ވާހަކަދެއްކިއެވެ.

"ޒިޔާދު އެއްޗެކޭ ހީނުކުރައްޗޭ" މައުސޫމާ ބުންޏެވެ.

"ބުނެބަލަ. މައުސޫމާ ތިބުނަން އުޅޭ އެއްޗަކީ ހަމަ ޔަގީނުންވެސް ހީވާ ހީވުމަކަށް ބުނާނެ އެއްޗެއް ނޫން. އަހަރެންގެ އަނބިމީހާ މިހާރު ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. ތިކަހަލަ އަންބެއް ތިކަހަލަ މަންމައެއް މިޒަމާނު ހޯދުމަކީ ފަސޭހަކަމެއް ނޫން" ޒިޔާދު ވާހަކަދެއްކިއެވެ.

"މި މަންޖެ އާ ސާރާ ގަޔާވާހެނެއް ހިއެއްނުވޭ. މިއަދުވެސް..." ކަންތައްވީގޮތް މައުސޫމާ ކިޔައިދިނެވެ.

"ބާޒިލް އާ ވާހަކަދައްކާލަންވީނުން" ޒިޔާދު ބުންޏެވެ.

"އުނހު. އެދެކުދިން މެދުގައި މައްސަލައެއްޖެހޭ ކަމެއް ނުކުރާތި. ކަމެއް ގޯސްވުމަށް ވުރެ އެކަމެއްގެ މަސްލަހަތު ދެމެހެއްޓުން އަހަންނަށް މުހިންމީ. ބާޒިލް ހިތުގައިޖެހޭނެ ކަމެއްވެސް އަދި ސާރާ ހިތްބުރަވާ ކަމެއްވެސް އަހަރެން ނުކުރާނަން" މައުސޫމާ ވާހަކަދެއްކިއެވެ.

"ތިހެންވިއްޔާ ތިމަންޖެ ބާއްވާފައި އައިސް އެއްޗެއް ކާންވީނުން" ޒިޔާދު ބުންޏެވެ.

މައުސޫމާ ބަލައިލިރު ލޫލު އަށް އޮތީ ނިދިފައެވެ.

"އަހަރެން ކާނީ ބާޒިލް އާދޭތޯ އަދި ބަލައިލާފަ. އެބައަންނަން މި މަންޖެ ބާއްވާފަ" ލޫލު ގޮވައިގެން ތެދުވަމުން މައުސޫމާ ބުންޏެވެ.

****

ކައިގެން ތެދުވެފައި ބާޒިލް ނިކުތީ ބެލްކަންޏަށެވެ. މޭޒުކައިރީގައި ހުރި ސިހާމާ ލޮލުން ސާރާއަށް އިޝާރާތެއްކޮށްލިއެވެ. އަތް ދޮވެލައިގެން ސާރާ ނިކުތެވެ. ޖަނބުރޯލު ގަސް ކައިރީގައި ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ބާޒިލްގެ ފުރުގަހުގައެވެ. ދެން މަޑުމަޑުން ބާޒިލްގެ ފުރަގަހުން ލެގިލާފައި ބާޒިލްގެ އަތުގައި އަތްއަޅުވާލިއެވެ.

"ހާދަ ކުޑަކޮށް ތިކެއީ" އެހެން ހުރެފައި ސާރާ ބުންޏެވެ.

"އެއީ ހަމަ އާންމުކޮށްވެސް ކާވަރު" ބާޒިލް ބުންޏެވެ.

ޖީބުގައި އޮތް ފޯނު ނަގާފައި ބާޒިލް ގަޑި ބަލައިލިއެވެ. މެންދުރުފަހު ދޭއް ޖަހަން ހުރީ ދެތިން މިނެޓެވެ.

"ދާންތަ ގަޑި ތިބަލަނީ" ސާރާ އަހާލިއެވެ.

"އާނ ދާންޖެހޭނެ. މިއަދު އަދި ބޭބީ ލޮލަށް ނުފެނޭ. އުޅެނީވެސް ކުޑަކޮށް ބަލިކޮށް" ބާޒިލް ބުންޏެވެ.

"އަހަރެން ދިޔައިރު ނިދާފަ އޮތީ. އެހެންވެ މަޑުނުކޮށް އައީ" ސާރާ ބުންޏެވެ.

"މަންމަ ބުންޏޭ ސާރާ ދިޔަވާހަކަ. މިދަނީ އެނގޭ" ބާޒިލް ބުންޏެވެ. ސާރާގެ މޫނުގައި ފިރުމާލާފައި ދޮރާ ދިމާލަށް ދާން ބާޒިލް ހިނގައިގަތެވެ. ފަހަތުން ސާރާ ވެސް އައެވެ. އޭނާ ބާޒިލްގެ އަތުގައި ހިފެހެއްޓީ ދޮރުން ނިކުންނަން ދަނިކޮށެވެ.

"އަހަރެން ވާހަކައެއް ދައްކަންވެފަ އެބައޮތް" ސާރާ ބުންޏެވެ.

"އަވަހަށް ބުނޭ" ބާޒިލް ބުންޏެވެ.

"މިހެން ހުރެފަ ބުނެވޭ ކަހަލަ ވާހަކައެއްނޫން" ސާރާ ބުންޏެވެ.

"އެހެންވިއްޔާ އަހަރެން މިރޭ އަންނާނަން. ކުޑަކޮށް ދުއްވާލަން ނިކުންނާނީ ދޯ. އެކަމު ބޭރުން ޑިނަރ އެއް ނުނެގޭނެ. މިރޭ މަންމައަށް ޓައިމް ދޭންވާނެއްނު" ބާޒިލް ބުންޏެވެ. އޭނާ ހިނގައިގަތީ ސާރާ ހީލާފައި ބޯޖަހާލުމުންނެވެ. ސާރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ބާޒިލް ގެއިން ނިކުތްފަހުންނެވެ. އެވަގުތު އޭނާގެ ފަހަތުގައި ޖެއްސީ ސިހާމާ އެވެ.

"ބުނެވުނުތަ އެވާހަކަ" ސިހާނާ އެހިއެވެ.

"ނުބުނެވުނު. ޖެހިލުންވީ ބުނަން. އެކަމު މިރޭ ބުނާނަން" ސާރާ ބުންޏެވެ.

****

ލޫލު އަށް ކާންދީ ރީތިކޮށް ނިންދަވާ ހެދުމަށްފަހު އިޝާނަމާދުކޮށްގެން މައުސޫމާ އަށް ކޮޓަރިން ނިކުމެވުނީ އަށްގަޑި ބައިވާން ކައިރިވެފައި ހުއްޓައެވެ. ބަދިގެއިން އަޑު އިވޭތީ އޭނާ ދިޔައީ ބަދިގެއަށެވެ. އޭރު ކާންހަދަން ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައީ ޒިޔާދެވެ. އަތްގާތްކޮށްދޭން ބާޒިލް ވެސް ހުއްޓެވެ. ބާޒިލްގެ ފަރާތުން ބައެއް ވަގުތުތަކުގައި އެފަދަ އެއްބާރުލުން ފެންނާތީ މައުސޫމާ ހިތްހަމަޖެހެއެވެ. ދެރަކަމަކީ ހުރިހާ ކަމެއްގައި އެފަދައިން ބާޒިލް ނުވުމެވެ. ޒިންމާއުފުލަންޖެހޭ ބައެއް ކަންކަން އޭނާގެ ހަނދާނުން ކައްސާލާފައި ވުމެވެ.

"އިށީނދޭ. ބާކީ ކަންކަން އަހަރެން ކޮށްލާނަން" ލައިގެން ހުރި އަތްދިގު ހެދުމުގެ އަތްކުރިން ކުޑަކޮށް މައްޗަށް ޖައްސައިލަމުން މައުސޫމާ ބުންޏެވެ.

"މަންމާ ލޫލު ނިދީ ވަރަށް ރޮއެފަތަ؟" އިށީންނަމުން ބާޒިލް އަހާލިއެވެ. މައުސޫމާ ހިނިތުންވެލާފައި ދެފަރާތަށް ބޯހޫރާލިއެވެ.

ޒިޔާދު އާއި ބާޒިލް މޭޒުކައިރީގައި އިށީނެވެ. ކާން ހަދާފައި މައުސޫމާ ވެސް ގޮނޑިއެއްގައި އިށީނެވެ. އޭނާ އިރުކޮޅަކާ ބާޒިލް އަށް ބަލައިލައެވެ. އެންމެފަހުން ބާޒިލް އަށް އެކަން ފާހަގަވެގެން މަންމަ އަށް ސަމާލުކަންދިނެވެ.

"މަންމަ އެއްޗެއް ބުނަން އޮތީތަ؟" ބާޒިލް އަހާލިއެވެ.

"މަންމަ ބައިވަރު އެއްޗެހި ބުނަން ބޭނުން. އެކަމަކު މިވަގުތަކު އެހުރިހާ އެއްޗެއް ނުބުނެވޭނެ" މައުސޫމާ ބުންޏެވެ.

"އެހެންވީމަ އެންމެ މުހިންމު އެތި ބުނެބަލަ" ހީލަމުން ބާޒިލް ބުންޏެވެ.

"މާދަމާ އެއާޕޯޓަށް ދެވޭނެތަ؟ ޒޭބާ ބުނި މެންދުރެއްހާއިރު ފްލައިޓް ޖައްސާނެ ވާހަކަ" މައުސޫމާ ބުންޏެވެ.

"އާނ ހަނދާންނެތިފައޭ މިހެރީ. ކޫ ގުޅި. ބުނި ކޫބެ ފުރި ވާހަކަ. މަންމަ ނުބުންޏަސް އަހަރެން ދާންހުރީ" ބާޒިލް ބުންޏެވެ.

ބާޒިލް އަށް މައުސޫމާ ބަލަހައްޓައިގެން އިންއިރު އޭނާގެ ދެލޮލުން ރިހުމެއްގެ އަސަރު ފެންނަން ހުއްޓެވެ. ހިތަށް އެރިއެވެ. ހުރިހާ ކަމެއްގައިވެސް ބާޒިލް ފަރުވާތެރިކަން ބަހައްޓާނެނަމައެވެ. ޒިންމާދާރުވާނެނަމައެވެ. ބާޒިލް އަކީ ގޯސްކޮށް އުޅޭ ވިޔާނުދާ ކުއްޖެއް ނޫނެވެ. މައިންބަފައިންގެ ބަސް ގަބޫލުނުކުރާވެސް ކުއްޖެއް ނޫނެވެ. ލޯބީގެ ކަންކަމުގައި ބޮޑެތިވެފައި ތިބި ދަރިންނާ ދެކޮޅަށް ވާހަކަދައްކައިގެން މައިންބަފައިންނަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އަމުދުން ފިރިހެންދަރިންގެ ދިރިއުޅުމުގެ ކަންކަމާ ހަނގުރާމަކޮށް ގޭތެރޭގެ މަސްލަހަތު ނަގާލެވޭ ހިސާބުން އެދަރި ދެން ނިކުންނާނީ މަގުމައްޗަށެވެ. އޭރުން އޮންނާނީ މައިންބަފައިންގެ އަތްނުފޯރާ ހިސާބަށް އެދަރިއަކު ގޮސްފައެވެ. އޭރުން ތާއަބަދު ކަރުނައަޅަން ޖެހި އެއްދުވަސް އެއްއަހަރަށް ދެމިގެން ހިނގައިދާނެއެވެ.

"އެ ފްލައިޓުން އެހެން ބަޔަކުވެސް އާދޭ ދަރިފުޅާ. އެމީހުންގެ ހާލު ބަލާލައްޗޭ" މައުސޫމާ ބުންޏެވެ.

ބާޒިލްގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެމީހުންނާ ބައްދަލުކޮށް ހާލުބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަމުދިން އެއިން މީހެއްގެ ކުރިމައްޗަށް އަރަން ލަދުވެސްގަނެއެވެ. އެހެންނަމަވެސް މަންމަ ބުނީތީ އޭނާ ބޯޖަހާލިއެވެ.

"ޒިންމާދާރުވާންޖެހޭނީ ވަކި ކަންކަމުގައެއްނޫން ދަރިފުޅާ. މަންމަ ހެވާ ނުބައި އެންމެ ބޮޑަށް ކިޔައިދިން ދަރިއަކީ ތިއީ. މަންމަ އާ ބައްޕައަށްޓަކައި މީގެ އަހަރެއްކުރިން ދަރިފުޅު ބޮޑު ގުރުބާނީއެއްވީ. އެކަން މަންމަމެން ގަބޫލުކުރަން. އެކަމަކު މިހާރު އެދުވަސް މާޒީ އާ އެކުވެގެން ހިނގައްޖެ. އޭރު އުފެދުނު ގުޅުމަކުން އުފެދިފައިވާ ހަނދާންތަކާ ނިޝާންތަކުން މިއަދު ރެކެވެން ނެތެއްނު. ދިރިއުޅުމުގައި ކުރިއަށްދާންޖެހޭނީ ހުރިހާ ޒިންމާއެއް ތިމާއަށް ނެގެންޏާ. ހަޔާތަށް ކިތަންމެ އަންހެނެއްވެސް ގެނެވިދާނެ. ޒިންމާދާރު މީހާއަކީ ވިސްނައިގެން ހުރެ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅާ މީހާ. މަންމަގެ ދެ ކަންފަތަކަށް ކެތެއްނުވާނެ މިރަށު މީހުން ދަރިފުޅާ ދިމާލަށް އެއްޗެއް ބުނާ އަޑު އަހާކަށް. ދަރިފުޅު ކުރަން ތިއުޅޭ ކައިވެންޏަށް މަންމަ ދެކޮޅެއް ނުވަން. އެކަމަކު ފުރިހަމަ ރުހުމެއްވެސް ނުދެވޭ. އެކަމަކުވެސް ކައިވެންޏެއްކުރަން ވާނީ ތިމާގެ ކުރީގެ ދިރިއުޅުމުގައިވެސް ޒިންމާވަންޖެހޭ ކަންކަން ހުރިކަން ދެނެގެން" މައުސޫމާ ވާހަކަދެއްކިއެވެ.

"މަންމަ ތިބުނަނީ ލޫލުގެ ވާހަކަ ދޯ. އެއީ އަހަރެންގެ ދަރިއެއްނު. ލޫލު އަށް ދެރަގޮތެއް ނަހަދާނަމޭ" ބާޒިލް ބުންޏެވެ.

"ހަމައެކަނި ލޫލުގެ ވާހަކައެއްނޫން މަންމަ އެބުނަނީކީ" ޒިޔާދު ބުންޏެވެ.

"އެނގޭ. މަންމަ އާ ބައްޕަ އަބަދު ހަނދާންކޮށްދޭކަށް ނުޖެހޭނެ" ބާޒިލް ބުންޏެވެ.

****

ރޭގަނޑު ނުވައެއްޖެހީއެވެ. މައުސޫމާ މަގުމައްޗަށް ނިކުތްއިރު ދޮރާށި ކައިރީގައި ހުރި ޖޯލީގައި ޒިޔާދު އިނެވެ. އޭނާ އިނީ ފޯނުން ނޫސްތަކަށް ވަދެގެން ހަބަރެއް ކިޔާށެވެ. މައުސޫމާ އިށީނުމާއެކު އެމަންޖެ ރަނގަޅު ތޯ ޒިޔާދު އަހާލިއެވެ.

"މިދަނީ ސާރާ އާ ބައްދަލުކޮށްލަން އެގެއަށް މަންމާ" ދޮރާށިން ނިކުތް ބާޒިލް ބުންޏެވެ. ސައިކަލުގައި ބާޒިލް ނައްޓާލުމަށްފަހުވެސް ވަކި އިރެއް ވަންދެން އޭނާ ޖަހާފައިވާ ސެންޓްގެ ވަސް ހިސާބުގައި ހަރުލާފައި ހުއްޓެވެ. މައުސޫމާ ޒިޔާދަށް ބަލައިލިއެވެ.

އަނބިމީހާގެ އެ ބަލައިލުމުގައި ބުނީ ކީކޭ ކަން ފަހުމުވުމުވިއެވެ. މައުސޫމާގެ އަތްތިލަމަތީގައި ޒޮޔާދު އަތް އަޅާލިއެވެ. ފައިމަތީގައި ބާއްވާފައި އޮތް ފޯނަށް މައުސޫމާ ބަލައިލިއެވެ. އެ ފޯނުން އޭނާގެ ކޮޓަރީގައި ނިދާފައި އޮތް ލޫލު ފެންނަން އޮތެވެ.

"އަނހަ މައުސޫމާ... މިހާ ދުވަސްކޮށްފަ ފެނުނީމަ މިތާ މަޑުކޮށްލާފަ ދާނީ" އެއީ އެމަގުން ދިޔަ މައުސޫމާގެ ދުރުތާ ތިމާގެ އަންހެނެކެވެ. ތިމާގެ ކަމަށްވުރެ އެދެމެދުގައި އޮތީ ރަހްމަތްތެރިކަމުގެ ގުޅުމެކެވެ. ހަމައެހެންމެ ޖާވިދާ އަކީ މައުސޫމާ އެކު ރަށުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރެކެވެ.

"ހާދަ ހަބަރެއްނުވެއޭ މިހާރު" ގާތުގައި އިށީންނަމުން ޖާވިދާ ބުންޏެވެ.

"އާނ. މިހާރު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ނުދެވެނީ. މާދަމާ އިން ފެށިގެން ބަލާނަން ދެވޭތޯ" މައުސޫމާ ބުންޏެވެ.

އެވަގުތު މައުސޫމާގެ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. ދެން ބަލައިލީ މައުސޫމާގެ މޫނަށެވެ.

"ކުޑަމަންޖެ ބޮޑުވެއްޖެދޯ. މި މަންޖެގެ މަންމަގެ ހަބަރެއްނުވޭތަ؟" ޖާވިދާ އަހާލިއެވެ.

"ނޫނޭ. ދަރިއެއްގެ ހަބަރު ނުބަލައެއް މަޔަކު ނުހުންނާނެއްނު. ޖާވިދާ، ތިއެއް ނޫނޭ. ހައުސިންޔުނިޓްތަކަށް މީހުން ބަދަލކުކުރާ ތާރީހް މިހާރު ކަނޑައަޅައިފިތަ؟ އެންމެފަހުން އޮތް ބައްދަލުވުމުގަ ރަށު ކައުންސިލްގެ ރައީސް ބުންޏެއްނު ތާރީހް ކަނޑައަޅާ ވާހަކަ" މައުސޫމާ ވާހަކަދެއްކިއެވެ.

"އެ ހަމަ އަނގައިން ބުނުމާއެކު އޭގެ އަސަރު ފިލާފައިވި ކަމެއް. ތިކަން ވާނެ ދުވަހެއް ސަރުކާރަކަށްވެސް ނޭނގޭ. މައުސޫމާ، އަހަރެން އަޑުއެހިން ސިހާމާގެ ދޮންދަރިއަކާ މިގޭ ސޮރު އިންނަން އުޅޭ ވާހަކަ. އެއީ ތެދެއްތަ؟ މައުސޫމާމެން ހަމަ ގަބޫލުވީތަ އެކަމާ"

އެހިސާބުން ޖާވިދާގެ ބޭނުމަކީ ކޮބައިކަން މައުސޫމާ އަށް އެނގުނެވެ. ވާހަކަ ހޯދައިގެން އެހެންމީހުންނަށް އެކަން ފޯރުކޮށްދިނުމެވެ. ޔަގީނުންވެސް މީހަކަށް ހެޔޮއެދިގެން ވާހަކަދައްކާނެ އަވަށްޓެރިން މަދު ޒަމާނެކެވެ.

"އާނ އެއީ މައްސަލައެއް ނޫނެއްނު. ކައިވެނި ކުރުމަކީ އެކަމަށް އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެއް. ފިރިހެނަކަށް ހަތަރު އަނބިން ހުއްދައޭ. އެހެންނޫނަސް ބާޒިލް ކައިވެންޏެއް ކުރަން އުޅެނީ ސިއްރަކުން ނޫނޭ. އަހަރެމެންގެ ގަބޫލުގަ" މައުސޫމާ ވާހަކަދެއްކިއެވެ.

"އެކަމަކު އެމަންޖެގެ..." އިތުރަށް ޖާވިދާ ވާހަކަދައްކަން މައުސޫމާ ފުރުސަތު ނުދިނެވެ. ދަރީންނާ ގުޅުން ހުންނަ ވާހަކަތައް އެހެންމީހުންނާ ހިއްސާކުރުމަކީ ކުރަން އޭނާއަށް ފަސޭހަކަމެއްވެސް ނޫނެވެ.

"ޖާވިދާ، މިހެން އިނދެވޭކަށްނެތޭ. ﷲ އިރާދަކުރެއްވިއްޔާ މަސައްކަތުގެ މާހައުލުން އަދި ބައްދަލުވާނެ. މިރެއަށް މި ބައްދަލުވުން ހިނގާ ނިންމާލަމާ" ޖާވިދާގެ ފައިގައި ކުޑަކޮށް ޖަހައިލަމުން މައުސޫމާ ބުންޏެވެ.

****

ނިދަން އެނދަށް އެރިޔަސް ބާޒިލް އަށް ނިދޭގޮތެއް ނުވިއެވެ. މިރޭގެ ބައްދަލުވުމުގައި ސާރާ ދެއްކި ވާހަކަތަކާމެދު އޭނާ އަށް ވިސްނެނީއެވެ. ހުރިހާވެސް މައްސަލައަކީ ލޫލުއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟