ދުވަހަކީ ނާޒްއަށް ކިތަންމެހާވެސް އުފާވެރި ދުވަހެކެވެ. ފަތިހުގެ ބަންގީގެ އަޑަށް ތެދުވެ ނަމާދުކޮށްގެން ބަދިގެއަށް ވަނީ އޭނާގެ ދުވަސް ފެށޭނީ ހެނދުނުގެ ނާސްތާކޮށްގެން ކަމަށް ވާތީއެވެ.
މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލުމަށް ރޭޑިއޯ ޖައްސަމުން ނާޒް އެނާގެ މަސައްކަތް ފެށުމުގެ ކުރިން ފުރަތަމަ ކަމަކަށް ކޮފީތައްޓެއް ތައްޔާރު ކުރިއެވެ. އަދި ކޮފީތަށިން ކޯވަރެއް ބޯލުމަށް ފަހު ރޮށި ފިހުމަށް މަސައްކަތް ފެށިއެވެ. ފުށްގަނޑު މޮޑުމަށްފަހު ރޮށިދަމަމުން ރޮށިފިހަމުން، އިރުކޮޅުކޮޅުން ކޮފީތަށިން އެތިކޮޅެއް ބޮމުން ނާޒްގެ ހަރަކާތް ހުރިލެއް ފަރިތަކަމުން އެއީ އާދަކޮށް އޭނާ ކުރާކަމެއްކަން އެނގެއެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ބަދިގޭގައި އޭނާ އުޅުން އިރު ނާޒް އިރުކޮޅުކޮޅުން އޭނާގެ ކަނާތު އަޅާފައިވާ ގަޑިއަށް ބަލަމުން ދިޔައެވެ. ކަމަކަށް އިންތިޒާރު ކުރާފަދައިންނެވެ.
ގޭގެ އެންމެނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމާލުމަށްފަހު ސުފުރާ މަތި ތައްޔާރު ކުރުމަށް ފަހު ނާޒް ބަދިގެއިން ނިކުތީ ސައި ބޮއެގެނެވެ. އަވަސް އަވަހަށް ކޮޓަރިއަށް ގޮސް އޭނާގެ ދުވަހަށް ބޭނުންވާ ސާމާނުތައް ހަމަ ކުރަން ފެށީ ކަމާ ގަޔާވެގެންނެވެ. ލާން ނަގާފައި އޮތް ރީތި ހުދު ކުލައިގެ ކައިވެނީގެ ހެނދުން ރޫ ނުޖެހޭނެހެން އެޅުވުމަށް ފަހު އެއާ އެކީ ބޭނުން ކުރާ ގަހަނާތަކާއި ބޮލުގައި ޖަހާ މާގަނޑު ފޮށިން ނެގުމަށް ފަހު އެނދުގައި އަތުރާލިއެވެ. އަދި އަލަމާރިމަތިން ދުވަހަށް ހާއްސަކޮށް އޭނާގެ ދޮންތަ އާއި ދޮންތަބެ ތައްޔާރުކޮށްދީފައިވާ ބޫޓު ނެގުމަށްފަހު ހެދުން ކައިރީ ތިރީގައި ބެހެއްޓިއެވެ.
ހުރިހާއެއްޗެއް ހަމަކަން ޔަގީން ކުރުމަށްފަހު ނާޒް ފާހަނައަށް ވަދެ ފެންވަރައިގެން ނިކުތެވެ. ނިކުމެ އޭނާގެެ ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލް ކައިރީ އިށީންނަމުން ފޯނުނެގިއެވެ. އަދި ދުވަހުގެ ހުރިހާ އިންތިޒާމްތަކެއް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވޭތޯ ބެލުމަށް އެކި ކަންކަން ހަވާލުކޮށްފައިވާ މީހުންނަށް ގުޅައި، ހަމަނުޖެހި ހުރިކަންކަން ހަމަޖައްސަމުން ދިޔައެވެ.
''އާޗާ! ފޮޓޯއިން ފެނުނު އިރަށްވުރެ ހަމަ ލޮލަށް ފެންނައިރު ތިހެދުން މާރީތި ދޯ؟''
ފޯނު ބޭއްވި ވަގުތު ނާޒްގެ ކޮޓަރިއަށް ވަދެގެން އައި އޭނާގެ ދޮންތަ ޝާނާ ހެދުމަށް ތައުރީފު ކުރިއެވެ.
''އަސްލުވެސް. އަދި ދޮންތަ ތައްޔާރު ކުރި ބޫޓު ހެދުމާ ކިހާ ގުޅޭ. ވަރަށް ބޮޑަށް ތެންކިއު. މިއަދު މި ހެދުމާއި ބޫޓުގައި އަހަރެންވާނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއަށް!''
''ދޮންތަ ހީކުރީ ކައިވެނި ކުރެވޭތީ ކަމަށް އުފާ ވާނީ''
ނާޒް އެހެން ބުނުމުން އޭނާގެ ދޮންތަ އޭނާއާ ކުޑަކޮށް ދިމާކޮށްލިއެވެ. އަދި އޭނާ އެކޮޓާރިއަށް އައި ސަބަބު ހަނދާން ވުމުން ބުނެލިއެވެ.
''އަސްލު ދޮންތަ މިއައީ ނާޒް ކައިރީ ސެލޫނަށް ދާން ރެޑީވާށޭ ބުނަން. ދޮންތަބެ ސައިބޮއެ ނިމުނީމަ ދެމީހުން ގެންގޮސްދޭނަމޭ ބުނީ. މޭކަޕް ކުރާ ކުއްޖާއަށް ގުޅީމަ ބުނި ސެލޫނަށް ގޮސްފަ އައިސް ފެންވަރައިން ހަމަޖެހިލަން ވަގުތު ކޮޅެއްލިބޭނެއޭ. ދޮންތަ މިދަނީ ތައްޔާރުވާން. ނާޒްވެސް އަވަހަށް ރެޑީވޭ އިނގޭ.''
ނާޒްގެ ދޮންތަ ކޮޓަރިން ނިކުތުމާއެކު ނާޒްވެސް ސެލޫނަށް ދިއުމަށް ތައްޔާރުވުމަށް އިން ތަނުން ތެދުވިއެވެ. ނަމަވެސް ތައްޔާވާން ފެށުމުގެ ކުރިން އޭނާ ފޯނު ނެގުމަށް ފަހު ވާންއުޅޭ ފިރިމީހާ ޖައިލަމްއަށް އޭނާ ދޮންތައާއެކު ސެލޫނަށް ދާންއުޅޭ ކަމަށް ބުނެ މެސެޖެއް ކޮށްލިއެވެ. އަދި ފޯނު ބޭއްވުމަށް ފަހު އަލަމާރި ހުޅުވާލީ ލާނެ ފަސޭހަ ހެދުމެއް ނެގުމަށެވެ.
**********
ސެލޫނަށް ގޮސް ނާޒް އާއި ޝާނާއަށް ގެއަށް އާދެވުނީ މެންދުރު އެކެއް ޖަހަނިކޮށެވެ. ހީކުރިވަރަށް ވުރެ ސެލޫންގައި މީހުން ގިނަވުމުން ލަސްވީއެވެ. ގެއަށް އައިސް ވަދެވުމާއެކު ނާޒް އޭނާގެ ކޮޓަރިއަށް ވަދެ ފެންވަރައިގެން ނިކުމެ މެންދުރު ނަމާދު ކުރިއެވެ. ނަމާދުން ފޭބުމަށްފަހު އޭނާ ފޯނުނެގީ ޖައިލަމް އޭނާގެ އެއްވެސް މެސެޖަކަށް ޖަވާބުދީފައިވޭތޯ ބެލުމަށެވެ.
މުޅި ދުވަހުވެސް ޖައިލަމް އޭނާގެ އެންމެ މެސެޖަކަށްވެސް ޖަވާބުދީފައި ނެތުމުން ނާޒް އެކަމާ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ދެމީހުންނަށް އެހާ ހާއްސަ ދުވަހެއް އެންމެ ފުރިހަމަ ކުރުމަށް ޖައިލަމް މަސައްކަތެއްގައި އަވަދިނެތި އުޅެދާނެއޭ ހިތަށް އެރުމުން އޭނާ ހަމަޖެހިލިއެވެ. މޭކަޕް ކުރާ ކުދިން އިރުކޮޅަކުން އަންނާނެކަން ހަނދާންވުމުން އޭނާ އަވަހަށް އެމީހުންނަށް ފަސޭހަވާނެހެން ކޮޓަރިތެރެ ރާވާލިއެވެ.
*********
ނާޒް އާއި ޖައިލަމް ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގެ ބިއްލޫރި މާލަމުގައެވެ. ކައިވެނީގެ މޭޒުދޮށުގައި ތިބޭ އެންމެނަށް ތައްޔާރުކޮށްފައިވާ މޭޒު މަތީ ހުދު ފޮތިގަނޑެއް އަޅާފައިވާ އިރު މޭޒުމަތީ ކުޑަ ޓުކުރިއެއްގައި ތާޒާ މާތަކެއް ހުއްޓެވެ. ޕާޓީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަންނަބަނޑޭރި މާލަމަށްވެސް ހީވަނީ ބަހާރު މޫސުމް އައިސްފައިވާހެނެވެ. މުޅިތަން ވަނީ އެކި ވައްތަރުގެ މަލުން ޒީނަތްތެރިކޮށްފައެވެ. ނާޒް އެދުނު ގޮތަށް ޖައިލަމް ވަނީ މުޅިތަން އެންމެ ފުރިހަމައަށް ޒީނަތްތެރިކޮށްދީފައެވެ.
މުޅި ދުވަހު ދަރުބާރުގޭގައި އެކި މަސައްކަތް ނިންމުމަށް އަވަދިނެތި އުޅުމުން ޖައިލަމް ވަނީ ވަރުބަލިވެފައެވެ. ނަމަވެސް އޭނާގެ މަސައްކަތްފެނި ނާޒް އުފާވާނެ ވަރު ހިތަށް އެރުުން އޭނާއަށް ހިތްހަމަޖެހުން އިހުސާސްކުރެވުނެވެ. ހިތްހަމަޖެހި ހުރެ ފޯނުނަގައި ބަލާލިއިރު ނާޒް ވަނީ އެތަށް ފަހަރެއްގެ މަތިން މެސެޖުކޮށްފައެވެ. ޖަވާބެއް ނުދެވި ލަސްވުމުން އެކަމަށް މައާފަށް އެދި ތައްޔާރުވާކަމަށް ބުނެ ޖައިލަމް ނާޒް އަށް މެސެޖު ކުރިއެވެ. ދަރުބާރުގެއިން ނިކުމެ ސައިކަލަށް އަރައި މިސްކިތާ ދިމާއަށް ދުއްވާލީ މެންދުރު ނަމާދުނުކޮށް ހުރުމުން ނަމާދުކޮށްގެން ތައްޔާރުވުމަށްދާން ހިތުއަޅައިގެންނެވެ.
*********
ނާޒް ހުރީ އަސުރަށް ނުގޮވައިން ކެތްމަދުވެފައެވެ. އަސުރު ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އަވަހަށް ނަމާދަށް އެރިއެވެ. ކައިވެނި ކުރުމަށް ޖައިލަމް ފަދަ ރަނގަޅު ބައިވެރިއަކު ލިބުމުން ހެއްދެވިފަރާތަށް ޝުކުރުކޮށް ދެރަކުއަތުގެ ނަމާދެއް ކުރިއެވެ. އެއަށްފަހު އެންމެ ފަހު ފަހަރަށް މޭކަޕް ރީތި ކުރުމަށް ފަހު އޭނާގެ އިސްތަށިގަނޑު ސްޓައިލްކުރަން ފެށިއެވެ.
ތައްޔާރުވެ ނިމުމުން އޭނާގެ ދޮންތައާއެކު ދަރުބާރުގެއަށް ދިޔައެވެ. އޭރު ޖައިލަމްގެ އާއިލާގެ އެންމެންގެ އިތުރުން ނާޒްގެ ދޮންތަބެއާއި ބައްޕަވެސް ދަރުބާރުގޭގައި އުޅެއެވެ. ޖައިލަމް އަށް ވުރެ ކުރިން ދަރުބާރުގެއަށް އާދެވުމުން ނާޒް ހިތްހަމަ ޖެހުނެވެ. ކައިވެނި ކުރާ ދުވަހު ނާޒް ތައްޔާރުވުމަށް ލަސްކަމުން ގަޑިޖެހޭނެއޭ ކިޔައި ދިމާކުރި ޖައިލަމް ލަސްވުމުންނެވެ. ނަމަވެސް އޭނާގެ އުފާވެރިކަން މާޔޫސް ކަމަށް ބަދަލުވާން ގިނައިރެއް ނުނެގިއެވެ.
ކައިވެނި ކުރުމަށް ގާޒީ އައި އިރުވެސް ޖައިލަމްގެ ހަބަރެއް ނުވިއެވެ. އެކި މީހުން ޖައިލަމްއަށް ގުޅުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ޖައިލަމް ތައްޔާރުވާ ކަމަށް ބުނެ ނާޒް އަށް މެސެޖުކޮށްފައިވާތަންވެސް ފެނުނީ އެގަޑީ ނުގުޅިގެން އުޅެނިކޮށެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ގަޑި ކައިރިވި ވަރަކަށް އެންމެންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް ޖައިލަމްގެ އެއްވެސް ހަބަރެއް ނުވިއެވެ.
ނާޒްއަށް ހީވީ އޭނާއަށް ހުވަފެނެއްގައި އުޅެވޭހެނެވެ. ކައިވެންޏަށް އެދި ހުށަހެޅީ ޖައިލަމް ކަމަށް ވީއިރު ކައިވެނިކުރަން އެހާ ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖައިލަމް ކައިވެންޏަށް ފިލަންވީ ސަބަބެއް ނެތެވެ. ޖައިލަމްގެ އިންތިޒާރުގައި ކުޑަ ވަގުތު ކޮޅަކު ގާޒީ މަޑުކޮށްލީ ޖައިލަމްގެ މައިންބަފައިންނާ އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުންނެވެ. ނަމަވެސް ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ގަޑި ފަހަންއެޅުމުން ގާޒީ އިތުރަށް މަޑު ކުރެވެން ނެތްކަމަށް ބުނެ ޖައިލަމްގެ މައިންބަފައިން ކިބައިން މާފަށް އެދުމަށްފަހު އެތަނުން ދާން ހިނަގައިގަތެވެ.
އެވަގުތު ނާޒްގެ ފޯނަށް މީހަކު ގުޅަންފެށިއެވެ. ދެ ފަހަރަކު އެމީހަކު ގުޅުމުން މީހުންނާ ކުޑަކޮށް ދުރުވުމަށް ފަހު ނާޒްގެ ދޮންތަ، ޝާނާ ފޯނުނެގީ ކޮއްކޮގެ ހިތް ކުދިކުދިވާނެ ފަދަ ހަބަރެއް ލިބޭނެ ކަމަކަށެއް ނޫނެވެ. ނަމަވެސް ނާޒްގެ ފޯނަށް ގުޅި ފިރިހެންމީހާ ޖައިލަމްގެ ހާލު ދެރަކަމަށް ބުނުމުން ވަގުތުން ޝާނާ އެންމެނަށް އެހަބަރު ދިނެވެ.
**********
ޖައިލަމްގެ ހަބަރު ލިބުމާއެކު ނާޒް އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ކައިވެނީގެ ހެދުމުގައިވިޔަސް، އެ ހެދުން ހަޑިވި ކަމުގައި ވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. ޖައިލަމް އޭނާއާ ކައިވެނި ނުކުރަން ފިލީ ނޫންކަން އެނގުމުން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނު ކަމުގައި ވިީނަމަވެސް އޭނާ މަޑުމަޑުން ދުއާ ކުރަމުން ދިޔައީ ޖައިލަމް ސަލާމަތްވޭތޯއެވެ. ޖައިލަމްގެ އާއިލާއާ އެކުއެކީހެން ހޮސްޕިޓަލަށް ވަދެ އެމީހުންގެ ފަހަތުން އައިސީޔޫއާ ދިމާއަށް ހިނގައިގަތް އިރު ނާޒް އުއްމީދު ކުރަމުންދިޔައީ ޖައިލަމް ރަނގަޅުވެ، އޭނާގެ ކުރިމަތިން ފެންނާކަމަށެވެ. އައިސީޔޫ ކައިރިން އެމީހުންނަށް ދިމާވީ މިސްކިތުން ޖައިލަމް ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ.
ޖައިލަމްގެ ބައްޕަ ސުވާލުކުރުމުން ވީގޮތް އެމީހާ ކިޔައިދިނެވެ. އެމީހާ ބުނި ގޮތުގައި ޖައިލަމް މެންދުރު ނަމާދަށް ދިޔައީ އަސުރަށް ވަރަށް ގާތްވެފައިވަނިކޮށެވެ. މެންދުރުނަމާދު ކުރުމަށްފަހު އޭނާ މަޑުކުރީ އަސުރުކޮށްގެން ދިއުމަށެވެ. އަސުރު ނަމާދު ކުރުމަށްފަހު މިސްކިތުން ނިކުތުމަށް ޖައިލަމް ހިނގައިގަތީ ވަރަށް އަވަހަށެވެ. އެވަގުތު އޭނާ ކައިރީ ގޮނޑިއެއްގައި އިން މީހެއްގެ ފައިގައި އަޅައިގަނެ އޭނާ ވެއްޓުނީއެވެ. ނަސީބު ދެރަކަމުން އޭނަ އަރި އަޅާލަައިގެން ވެއްޓުނީ އެދިމާލުގައި ހުރި ސިޑިން ތިރިއަށެވެ.
އެމީހާގެ ވާހަކަ އަޑުއަހަން ހުރި އިރު ނާޒް އަށް އޭނާއާ ދިމާއަށް ޖައިލަމް ކިޔާ ވާހަކަތައް ސިފަވިއެވެ. އަބަދުމެ ކޮންމެވެސް ތަނެއްގައި އަޅައިގަނެ ވެއްޓި ނުވަތަ ތަނަކަށް ތަދުވެގެން ނާޒް އުޅޭ ކަމަށް ބުނެ ދިމާކުރުމަކީ ޖައިލަމްގެ އާދައެކެވެ. ނާޒް އަށް ގަވައިދުން ނަމާދު ކުރުމުގެ އާދަ ރަނގަޅަށް ކަށީގައި ހިފީވެސް ޖައިލަމްއާ ދިމާވި ފަހުންނެވެ. އައިސީޔޫގެ ދޮރު ކުރިމަތިވާގޮތަށް ދުއާކޮށްލަ ކޮށްލަ ނާޒް އިނީ އެންމެ ކަމަކަށެވެ. އޭނާގެ ޖައިލަމްގެ ފުރާނަ ސަލާމަތްވޭތޯއެވެ.
ނާޒްގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް ވާންވީދުވަސް ނިމިގެން ދިޔައީ ހުވަފެނުންވެސް ނުދެކޭފަދަ ހިތްދަތިކަމެއް އޭނާއަށްކުރިމަތި ކުރުވަމުންނެވެ. ޖައިލަމް ދުނިޔެއާ އަލްވަދާއުކީ ސިޑިން ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކަށް ފަރުވާކުރަމުންދަނިކޮށެވެ. ކައިވެނީގެ ގޮށް ޖެހުމުގެ ވަގުތު ޖެހިފައިވަނިކޮށް ނާޒްގެ ހިތް ދުނިޔެއާ އަލްވަދާއުކީއެވެ. އެމީހުންގެ ކައިވެނީގެ ޕާޓީއަށްފަހު ހަނީ މޫނަށް ފުރުމަށް ހަމަޖެހިފައިވާ ވަގުތުވީ ޖައިލަމްގެ ޖަނާޒާއަށް ތައްޔާރުވަމުން ދިޔަ ވަގުތަށެވެ. އެހުރިހާ ވަގުތުވެސް ނާޒް އިނީ އޭނާ ޖައިލަމްއާ ކައިވެނިކުރާއިރު ލާންގެނައި ހެދުމުގައި ޒީނަތްތެރިވެގެނެވެ. ފަހު ފަހަރަށް ޖައިލަމް ދެކިލަން އޭނާ ބޭނުންވީ ކައިވެނީގެ ހެދުމުގައެވެ. ޖައިލަމް ދިޔައީ އެނބުރި އައުމެއްނެތް ތަނަކަށެވެ. ހަމައެކަނި އޭނާގެ ހަނދާންތަކާއި ހުވަފެންތައް ދޫކުރުމަށްފަހުއެވެ.