ވާހަކަ

އަލިވިލުން - 4

1

"މި ހެދުން ލާން ވާނީ، މަންމަ އެކަންޏެއް ނޫނެއްނު އަންނާނީ. ކުރަނގި ވެސް އަންނާނެނު،"

ތިން އެކުވެރިން ތިބީ އަންނައުނާއި ރީތިވާ ސާމާނުފަދަ ތަކެތި ބަހައްޓާފައި ހުންނަ ކަފޭރާ ކައިރީގައެވެ. މޮޑެފައި ހުރި ރޮށި ތަށިން ސުވަލެއް ނަގާ ލާނާގެ އަނގައަށް ލަވައިދެމުން ޒޭނާއަށް ހީނގަނެވުނީ ރޫހީން ބުނި ވާހަކައަށެވެ.

ހަތަރު އެކުވެރިންގެ އަންނައުނާއި ރީތިވާ ސާމާނު ހުންނަނީ އެއް ބައެއްގައެވެ. އެތަނުގައި ހުރި ކަރުދާހުން ހަދާފައިވާ ކޮތަޅަކުން ނެގި ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖީންސެއް ދައްކަމުން ރޫހީން ބުނެލި ޖުމްލައިގެ އަޑު އިވުމުން ލާނާ ދެބުމަ ގޮށް ޖަހާލިއެވެ.

"ކިހާ ދެރަ ކަމެއް، ހެނދުނުހެނދުނާ ދުވަސް ހަރާބުވާ ކަހަލަ ނަންނަން ނުކިޔާ ކަލޭމެން ހިތެއް ނުފުރޭދޯ؟"

ފެންވަރަން ވަނުމުގެ ކުރިން، ލާނާއަށް ކުޑަކުޑަ އެތިކޮޅެއް ކެވުނީވެސް ރޭގައިވެސް އެއްވެސް އެއްޗެއް ނުކައި ހުރުމުން ބަނޑުހައިވެފައި ހުރިވަރުންނެވެ. ލާނާއަށް ފެންތަށި ދިއްކޮށްލާފައި ޒޭނާ ވަނީ ތަށި ދޮންނާށެވެ. އޭރު ކަނާތުފަޅީގައި ހުރި ފާހާނާއިން މެދު އުމުރެއްގެ އަންހެނަކު ދޮވެފައި ހުރި ތަށިތައް ހިފައިގެން ނުކުތެވެ.

"ދަރިފުޅު ކޯޓު ދުވަހެއްދޯ؟"

މިއީ އާންދައްތަ އެވެ. މިވެސް މާފުށްޓަށް ބޯ ލައިގެން ނިދަމުންދާ އަންހެނެކެވެ. މީނާއަށް ލިބުނީ އިތުބާރާއި ޔަގީންކަމުގެ ހަދިޔާއަކަށް ޖަލެވެ. ޅައުމުރުގައި މީހަކާ އިނދެ ދަރިން ލިބި ސާޅީހާ ހަމައަށް ދިޔައިރުވެސް ފިރިމީހާގެ ފަރާތުން ލިބެމުން ދިޔައީ ވޭނާއި ކެކުޅުމެވެ.

އެ ކައިވެނި ރޫޅުނު އިރު ދެކުދިން ތިބީ އަމިއްލަ ފައި މަތީގައި ކަމަށްވުމުން އާންދައްތަ އަމިއްލަ ދިރިއުޅުން އާރާސްތު ކުރުމަށް ގުރުއާން ހިފުސު ކުލާހަކަށް ދާން ފެށިއެވެ. ނަސީރާ ބައްދަލުވީ އެކުލާހަށް ގޮސްއައިސްވި މަހުމަތިންނެވެ.

ނަސީރުފަދަ ޅަޒުވާން އެހާމެ ނަލަ މީހަކު އޭނާގެ ފަހަތުން ދީވާނާ ވެގެން އުޅެން ފެށުމުން އާނަދައްތަ ވަރަށް ފަސޭހައިން އެދިމާއަށް ދީލާލައިފިއެވެ.

ކައިވެނިކުރުމަށް އެއްބަސްވެ ތައްޔާރީތަކަށް މާލެ އައީ ނަސީރަކީ މާލޭގެ މުއްސަންޖަކަށްވީތީއެވެ. އެހެންނަމަވެސް އޭރު އާނަދައްތައަށް އެއްވެސް ކަމެއް އޭތު އޮތީ ނޭނގިއެވެ. އާނަދައްތަ އާއި ނަސީރުގެ ކައިވެނި ކުރެވުނީ މާލެ ފެމިލީކޯޓުގައެވެ. އާނަދައްތަ ހުރީ ވަރަށް އުފަލުންނެވެ. އޭގެ ހަމަސް ދުވަސް ފަހުން އައި އެ އަނދިރި ހާސްކަން ބޮޑު އެރޭގެ އިރުއޮއްސުމާ ހަމައަށެވެ.

ރޭޑް އައީ ދަންވަރު އެންމެން ނިދަން ތިއްބާ އެނގުމަކާ ނުލައެވެ. މަސްތުވާތަކެތީގެ ބޮޑެތި ގަނޑުގަނޑު ނެގީ ނަސީރުގެ އަލަމާރިއަކުން ނޫނެވެ. އާނަދައްތަގެ އަންނައުނު އަޅާ ދަބަހުގެ އަޑީގައި އޮތް ކާޑުބޯޑުގެ ދަށުންނެވެ. ދޮޅުކިލޯ ހިރޮއިންގެ ޒިންމާ ނަގަން ޖެހުނީ އާނަދައްތައެވެ..

ތަހުގީގު ނިމެންދެން ދޫނިދީ ކަސްޓޯޑިއަލް އަށް ގެނައި އާނަދައްތަ މިހާރު އެއިނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

"އާނަދައްތާ ހެޔޮދުއާ ކޮށްދޭތި، ފަހު އަޑުއެހުން..." ލާނާ އާނަދައްތަގެ ސުވާލަށް ޖަވާބު ދިނެވެ.

"އާނަދައްތަގެ ހެޔޮދުއާ އަބަދުވެސް ތިކުދިންނާއެކުގައި ވާނެ،"

"ރޭގައި އެނގިފަ އޮތްއިރު ފަތިސްނަމާދު ކޮށްގެން ދަރިފުޅުމެން ނިދީމަ ދައްތަ ހީކުރީ ކެންސަލް ވީކަމަށް،"

އާނަދައްތަ އެބުނީ ތެދެކެވެ. ފަތިސްނަމާދު ކޮށްގެން ހަތަރު އެކުވެރިން އޮށޯވެ ތިބެގެން މިއަދުގެ ވާހަކަ ދެއްކިއެވެ. ވާހަކަ ދައްކަމުން ދަނިކޮށް ނިދުނީ ލާނާއަށެވެ. ކޯޓަށް ދާން ޖެހިފައި އޮތްކަން ކުރިން އެނގިފައި އޮތުމާއެކުވެސް މިހާރު ލާނާގެ ހާސްވުން ދަނީ ބޮޑުވަމުންނެވެ.

މިއަދަކީ އޭނާގެ ޝަރީއަތުގެ އެންމެފަހު ދުވަހެވެ. ކޮންމެވެސް އެއް ގޮތަކަށް އަޑުއެހުން ނިމޭނެ ދުވަސްކަން އެނގޭތީ އޭނާގެ މޭފަޅާފައި ބޭރަށް ނުކުންނަށް އުޅޭހެން ހީވާ ވަރަށް ހިތް ތެޅެނީއެވެ.

"ހާސްވަނީތަ..؟ ކަންބޮޑުނުވޭ، ނިކަން ބަލާބަލަ. ދަރިފުޅު މި ދޮރުން ނުކުމެގެން ގޮސްފައި އެނބުރި އަންނަން ދެން މެދުކެނޑުމެއްނެތި މި ދައްތަ އިންނާނީ ޒިކުރުކޮށްލަކޮށްލާ، ރޫޙީންގެ ކަންތައް އެއަށްވުރެ ބޮޑު ވާނެ. ދަރިފުޅު ތީ ނަސީބުވެރިއެއް، އެހާ ލޯބި މިތުރުން އެބަތިބި،"

އާނަދައްތަގެ އެވާހަކައަށް ލާނާއަށް ހިނިތުން ވެލެވުނީ ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

"ދެންވެސް އަވަހަށް މިކަންތައް ވެސް ނިންމަން ވަދެބަލަ،"

ލައިގެން ހުރި ހަރުވާޅުގެ ޖީބުން އޮޅާލާފައި އޮތް ރުމާލެއް ނަގައި ސިއްރުސިއްރުން ލާނާ އަތަށް ލައިދެމުން އާނަދައްތަ ބުންޏެވެ.

"އޮހްހޯ، އާނަދައްތާ..." ލާނާ ކަރުދަމާލާފައި ހީނލިއެވެ.

"އޭތް. ވަންނަން ހިނގާ."

އާނަ ގޮސް ފެންސު ދޮރު ކައިރިއަށް ހުއްޓި އަތުގެ އިޝާރާތުން "އޯކޭ" ބުނާއިރަށް ލާނާ ގޮވާލީ ހެދުން ނަގައި ތައްޔާރުކުރުމަށްފަހު ރީތިވާ ސާމާނު ހަމަޖައްސަން ތިބި ޒޭނާއާއި ރޫހީނަށް ބަލާލިއެވެ.

ހަތަރު އެކުވެރިން އެކުގައި ފާހާނާއަށް ވަންނަން ދިޔަ ތަން ފެނިފައި އެހެން ގައިދީން އެކަކު އަނެކަކަށް ބަލާލާފައި ފާޑަކަށް ހީނލިއެވެ. ކައި ނިމިގެން ތަށިތައް ނެގުމަށްފަހު އަނެއްކާވެސް އެމީހެއްގެ ތަންމަތިތަކުގައި އޮށޯވެގެން ތިބި އެންމެނަށްވެސް ފާޑަކަށް އުފާވެފައެވެ.

"އަހަރެމެންނަށް ވީ ބައި އޮންނާނެދޯ...؟" ޓީޝާޓަކާއި ސޯޓެއްގައި އިން އަންހެނަކު އަހާލިއެވެ.

"އާން. އެކަމަކު އިހަށް ލާނާ ކޯޓަށް ދިޔައިމަ އެކަމާ އަހާލާނަން ރޫހީން ގާތު." އަތްދިގު ކުރުތާއެއްގައި އިން އަންހެނަކު ބުނެލިއެވެ.

"އޭތް ވަސް އަންނަނީއޭ...." ކުރިން ވާހަކަ ދެއްކި އަންހެންމީހާ ގޮވާލިއެވެ.

"ޝުޝް..ޝުޝް..." ފާހާނާއިން ބޭރަށް ބޯދިއްކޮށްލަމުން ރޫހީން ބުނެލިއެވެ.

"އާނަދައްތާ، މެޖިކެއް ހަދާލަބަލަ. އޭރުން އެބައި އޯކޭ ވެދާނެއެއްނު. އަދި އާ، ލާނޫ ދިޔައިމަ ކޮންމެ ހަތަރު މީހަކަށް އެކަތި އޮންނާނެ ބެންކުގައި، ނިމިގެން ރިމޯޓް އާނަދައްތައާ ހަވާލު ކުރަން ހަނދާން ނައްތާ ނުލާތި،"

އޭރު އާނަދައްތަ ދުންދަނޑިއެއް ހިފައިގެން ގޮޅި ތެރޭގައި ދެކޮޅަށް ހިނގަން ފަށައިފިއެވެ.

"އޭތް... ނުނިމޭތަ؟"

ފާހާނާގެ އެތެރޭގައި ތިބި ތިން މީހުން ރޫހީނަށް ބަލާލިއެވެ. އޭރު ހުލިވަމުންދިޔަ ސިނގިރޭޓް އެންމެ ފަހު ފަހަރަށް ދަމާލުމަށްފަހު ދެއިނގިލި ދެމެދުން ހިފަހައްޓާލިއެވެ. އަދި މާނޭވާއަކާއެކު ދުންގަނޑު ފާހާނާ ތެރެއަށް ދޫކޮށްލިއެވެ.

"ދެން އަވަހަށް ފެންވަރައިގެން ނުކުމޭ، އަހަރެމެން ތިބޭނަން ބޭރުގައި..." ރޫހީން ފާހާނާއިން ނުކުންނަން ކަމަށް އެނބުރިލިއެވެ.

"އައްތާ...."

ލާނާ ހިފެހެއްޓީ ރޫހީންގެ މެދުހަށީގައެވެ. ގައިގައި އޮޅުލައިގަތުމާއެކު ބާރުބާރަށް ރޮއިގަތެވެ.

"ބިރު ގަންނަނީ، ހީވަނީ އަހަރެން އެނބުރި މިއަދު މިކޮޅަށް ނާންނާނެހެން، ބިރުގަންނަނީ،" ރޫހީން އޭނާގެ ގާތުގައި ތިބި އަނެއް ދެއެކުވެރިންނަށް ބަލާލިއެވެ.

"އަޅޭ، ދެރަ ނުވާނެއެއްނުދޯ، ބަލާލަ....އަހަރެމެން އެންމެން އެކުއެކީގައި މި ދޯނިގަނޑުން ބޮޑު ބޯޓަށް ދާނީ، ލާނޫއަށްވުރެ ކުރިން އަހަރެމެން ދާނަން، ޕްރޮމިސް ކުރީމެއްނު، އޭގެ މާނައަކީ ދާނަމޭ، ޔަގީނެއްނު،"

ލާނާގެ ބޮޑުބޮޑު ދެލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެލަދެމުން ރޫހީން ވާހަކަދެއްލިއެވެ.

"ވިއްސާރަ....ވިއްސާރަ...."

އާނަދައްތަގެ އަޑު އިވުމާއެކުހެން ލާނާ ގަޔާ ދުރުކޮށްލާފައި ރޫހީންވެސް ޒޭނާ މެނާއެކު ފާހާނާއިން ނުކުންނަން ފިޔަވަޅު ނެގީ އަވަސް ހަލުވި ވިދުވަރެއްހެނެވެ.

އެވަގުތު ޓޯކީ ހިފައިގެން ހުރި އަފްނާން ދޮރުގެ ތޭރިތަކާ ކައިރިވެލިއެވެ.

"އާދެބަލަ...ތި މީހުން...." އަފްނާން މަޑުމަޑުން ގޮވާލި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އެމީހުންނަށް ވިސްނޭކަށް ވަގުތުތަކެއް ނުނަގައެވެ.

"އެކެއް. އެކެއް އެކެއް އަލްފާ..." ޒޭނާއާއި ރޫހީން އަދި ތާތި އަށް އަފްނާނާ ހަމައަށް ނުދެވެނީސް ޓޯކީން އަޑުއައެވެ.

"ސެންޑްއޯވާ، ސެންޑްއޯވާ،" އަފްނާން ޓޯކީއަށް ޖަވާބު ދިނެވެ.

"ޒޭނާ ޝިހާބު، ޒޭނާ ޝިހާބު، ތަސްނީމް ފަހުމީ، ތަސްނީމް ފަހުމީ، ކޮސްޓެންޒާ އިވްލަޝްލީ ވެލެރީން، ކޮސްޓެންޒާ އިވްލަޝްލީ ވެލެރީން. ތަކެއްޗާއެކީ ތައްޔާރުވުމަށް، ވަރަށް ވަގުތު ކުޑަ، މިގަޑީގަ މާލެދާ މީހުންނާއެކު ގެންދަން ޖެހޭ. އަވަސް ކުރަން އަންގާ،"

"އަލްފާ އަލްފާ، އޯކޭ،"

އެ އިވުނު އަޑާއެކު މުޅި ގޮޅި ތެރެއަށް ވެރިވީ ހިމޭންކަމެކެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިން މީހުން ތިބިއިރު ކޮސްޓެންޒާ އިވްލަޝްލީ ވެލެރީން އޮތީ ގަދަނިދީގައެވެ.

"އޭތް. ފަނި ނަހަދާ، އަފޫ،" ކުއްލިއަކަށް ބަރު އަޑެއް އިވިއްޖެއެވެ. ފާހާނާއިން ނުކުތް ލާނާގެ އަޑެވެ.

"އެންމެން ގެންދަން ނަން ކީ އިރު އައްތަގެ ނަން ކޮބާ؟ ތިހެން ނުހެދޭނެ ދޯ....ތީތި ކަޑައެއްނު..."

އެންމެނަށް ވެސް އެގޮވީ މާލެއިން މާފުއްޓަށް ގެންދާ މީހުންގެ ލިސްޓުކަން އެނގެއެވެ. އެކަމަކު އެ ލިސްޓުގައި ރޫހީންގެ ނަމެއް ނެތެވެ. އެއީ އެމީހުންނަށް ގަބޫލު ކުރެވޭނެ ވާހަކައަކަށް ނުވިއެވެ.

"އަފޫ، އޭތް، ޗާލީ ވައްދަދީ...." ލާނާ އޭނާގެ ބޮލުގައި އޮޅާގައި އޮތް ތުވާލި ދަމައިގަންނަމުން ބުނެލިއެވެ.

"ޗާލީ ތަ ނޫނީ އެންސީއޯތަ؟ ނޫނީ....އުހުހުހު އިންޗަރޖްތޯ؟" އަފްނާން ދެމާނަ އެކުލެވޭ ރާގެއްގައި އަހާލިއެވެ.

"ކޮން އެންސިއޯ އެއް ޗާލީ އެއް. އިންޗަރޖެއް، ތިމީހުންނަށް އޭނގެ ނަން ކިޔަން ނުކެރުނަސް މަށަށް ނަން ކިޔަން ކެރޭނެއޭ، ނަޒްމާން އަޝްހަދް ސާހިބަށް ގޮވާ، އޭނަ ބޭނުންހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ، މިއަދު މާލެ ގެންދާ ލިސްޓުގައި އައްތަގެ ނަން އޮތަސް ގަސްދުގައި ކަނޑާލާފަ އެ ގޮވީ، ނިކަން އަމިއްލަ އެދުންވެސް ބޮޑު ފިރިހެނެއް."

ލާނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ކަބަޑު ކައިރިއަށް ގޮސްހުއްޓި އިސްތަށިގަނޑުން ގޮށް ފިލުވަމުން ބާރުބާރަށް ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރު ގޮޅީގެ ބޭރުން އަފްނާން ކައިރިއަށް އައިސް ދެމީހަކު ތިބިކަމެއްގެ ހިލަމެއްވެސް އޭނާއަށް ނުވެއެވެ.

"ކަލޭމެން ތިޔަތިބީ ކޮން ގަބެއް އަރާފަ. މިބުނީނު، އޭނަ ވައްދާށޭ، ތަނުގެ ވެރިމީހާއޭ އެއީ، އޭނައަށް ނުވިކަމެއް އެހެން މީހަކަށް ނުވާނެކަން އެނގޭތީ މިބުނަނީ، އޭނަ ގަސްދުގަ އެންމެންގެ ނަން އޮއްވާ އައްތަގެ ނަން ކަނޑާލާނީ، އޭރަށް ތާ....!" ލާނާގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިންފުންމައިގެން ކަހަލަ ގޮޔަކަށް އައިސް ލާނާގެ އަތުގައި ހިފީ ރޫހީނެވެ.

"އޭތް، މައިތިރިވެބަލަ، ނަޒްމާން ގަސްދުގައި އެކަހަލަ ކަމެއް ކުރާނީ ކިހިނެއް...؟ އޭނައަކަށްވެސް ބޭނުމިއްޔާ ބޭނުންހާ ގޮތެއް ނުހެދޭނެ،"

ރޫހީން ލާނާގެ ދެކޮނޑުގައި ހިފާ އެއްފަރާތަށް ގޮވައިގެން ޖެހިލިއެވެ. އެވަގުތު އޭނާއަށް ކިތަންމެހާވެސް ރީއްޗަށް ޑިއުޓީ އޮފިސަރުންގެ ފަހަތުގައި އާދައިގެ ގަމީހަކާއި ޖީންސެއްގައި ހުރި ދޫނިދޫއާއި މާލެ ކަސްޓޯޑިއަލްގެ އިންޗަރޖް ނަޒްމާން އަޝްހަދު ފެނުނެވެ. ހަމައެކަނި ފެނުނީ ނޫނެވެ. އެ ތޫނު ނަޒަރާ ހަތަރުކަޅިވެސް ހަމަ ކުރެވުނެވެ.

މިވަގުތު ލާނާގެ ހޫނުވެފައިވާ މިޒާޖު ހިމޭން ކުރުން ފަސޭހަ ނުވާނެ ކަން އެނގޭތީވެ ގޮޅީގެ ދޮރުގައި ހިފަހައްޓައިގެން ހުރި ތާތީއަށް ލޮލުން އިޝާރާތް ކުރިއެވެ.

"ޑިއުޓީ، އެއްޗެކޭ ހީނުކުރައްޗޭ، ލާނޫ ކޯޓަށްދާ ދުވަސް، އެހެންވެ ކުޑަކޮށް ހޫނުވާނެކަން އެނގެއެއްނުދޯ، އަމުދުން ތިކަހަލަ ވާހަކައެއް އިވުނީމަ ދެރަވާނެއެއްނުދޯ..!"

ތާތި ހީނލަމުން ވާހަކަ ދެއްކިއެވެ.

"ދެން ލިސްޓުވެސް ތި ގެނައީ ކުއްލިއަކަށްވިއްޔަ، ރޭގައި އެނގިފަ އޮންނާނީ، ކީއްތަވާނީ އަހަރުމެންނަށް އަންގާލިނަމަ،" ޒޭނާ ދެބުމަ ގޮށް ޖަހާލަމުން ބުންޏެވެ.

"އައްސަލާމްއަލައިކުމް، ކޮން ކުއްޖެއް މާ އަޑުގަދަ ވެގެން އުޅެނީ، އަންހެން ފަޅީގެ އަޑު މެސްއާ ހަމައަށް އިވުނީމަ ނޮޓް އޯކޭ ނު...!"

އެއީ ހިތްގައިމު ބަރު އަޑެކެވެ. އަޑުގައި ހުރީ ދަމާ ބާރެކެވެ. އަކުރުތައް އެމުނިގެން އަންނައިރު ހާދަ ހިތްގައިމެވެ. ގޮޅީގައި ތިބި ހުރިހާ އަންހެނުންވެސް ޖެހިލުންވެފައި ތިބެމެ ފެންސުން ބޭރުގައި ހުރި އެމީހާ އަށް ބަލާލީ ހިތް ރުހޭ ފަދަ ނަޒަރަކުންނެވެ.

"ކަމްއޯން، ނަޒްމާން، ލާނާ އެބުނަނީ ވެސް ދޮގެއް ނޫނެއްނު، އަހަރެމެން އެންމެންގެ ނަން ލިސްޓުކޮށްފައި އޮތްއިރު ރޫހީ ގެ ނަމެއްނެތް، އެއީ ކިހިނެއް ވާނެ ކަމެއް؟" ތާތި ފެންސުގައި ހުންނަ ކާންދޭ ތަކެތި ވައްދާ ތަނުގައި އަތުގެ އުޅަނބޮށި ޖައްސާލަމުން ބޭރުގައި ތިބި ސީނިއަރ އޮފިސަރުންގެ ތެރޭގައި ހުރި އަޒްމާން އަޝްހަދަށް ބަލާލިއެވެ.

"ލިސްޓުގައި ތި ހަތަރު، ފަސް ނަން އޮތް ކަމެއް ނޭނގޭނެ އެކަކަށްވެސް، އެކޮޅުން އެކަކުގެ ނަން ނުގޮވަނީ ކަމަށްވެސް ވެދާނެއެއްނު. ރުޅި ނައިސް އަޑުގަދަ ކުރާ އިން ނުގޮވާ ރީތިކޮށްވެސް ބުނެވިދާނެތާ ދޯ.."

ނަޒްމާން ފިނި ގޮތަކަށް ހިނިތުންވެލަމުން ދެއްކި ވާހަކަ އިވިފައި ތާތިއާއި ޒޫނާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

"އެކެއް އެކެއް އަލްފާ." ޓޯކީން ގޮވި އަޑު އިވުނެވެ. އަދި އެންމެންގެ ކަޅި އެދިމާއަށް ހުއްޓުނެވެ.

"އަދި އެއް ނަން. ރޫހީން އާލަމަށް ވެސް އަންގާ، ތަކެއްޗާ އެކު ތައްޔާރުވާން، ގަޑިއަށް ނުކުންނަން ޖެހޭނެކަން އަންގާތި، ފެރީ މަޑެއް ނުކުރާނެ،"

ޓޯކީން އިވުނު އަޑާއެކު ގޮޅި ތެރެއިން ހީވީ އެއްޗެއް ގޮވޮ ހެނެވެ. ފެންސުކައިރީގައި ތިބި ތާތިއާއި ޒޭނާއަށްވެސް ފުންމައިގަތުމަކާއެކު އެނބުރި ބަލާލެވުނީ ލާނާއާއި ރޫހީނަށެވެ.

"ހައްޔާހް....އަހަރެމެން އެންމެން އެކީގައި ގޮސް އަހަރެމެންގެ ޕްރިންސަސް އަންނަންދާއިރަށް މުޅި ތަން ފަތަހަ ކޮށްލާނަން، އަވަހަށް ތައްޔާރުވަމާ ހިނގާ،"

ތާތި، ޒޭނާގެ އަތުގައި ހިފާ ނަށަމުން ވާހަކަދެއްކިއެވެ.

"އޭތް ކޮސްޓެންޒާ އިވްލަޝްލީ ވެލެރީން....ތެދުވަން އުޅޭ. ދެން ނިދާނީ ބޮޑު ބޯޓަށް ގޮސް، ކޮސްޓެންޒާ އިވްލަޝްލީ ވެލެރީން ތެދުޗާށޭ، ޕެކްކޮށް ތައްޔާރުވާންވީ..." އާނަ ދައްތަ ގޮސް ނިދާފައި އޮތް ލަޝްލީގެ ގައިމަތީގައި އޮތް މުންޑުގަޅި ނަގާ ބާރަށް ގޮވާލިއެވެ.

"އެހެންވީމަ އަވަހަށް ތައްޔާރުވޭ ފެރީ ފުރާގަޑި ޖެހެނީ، މިހާރު ބާކީ ބައިގަޑިއެއްހާއިރުވެސް ނެތް...."

ނަޒްމާން ބަންދުމީހުންގެ އުފާވެރިކަން ފެނިފައި ހިނިތުންވެލަމުން ދާން އެނބުރިލިއެވެ. އޭރު ރޫހީނާއި ލާނާވެސް ގޮޅީގެ މެދާހަމައަށް އައިސް ތާތިމެނާ ވާހަކަދައްކަން ހުއްޓެނީއެވެ. ގޮޅިން ބޭރުގައި ހުރި އަޒްމާންގެ ތޫނު ކަޅި އާއި ކަޅި ހަމަކުރާކަށް ލާނާ ހުރީ ނުކެރިފައެވެ.

"ޝުކުރު އަދާ ކުރާކަށްވެސް ނުކެރިފަ ތިހިރީޔޯ؟" ރޫހީން މަޑުމަޑުން ވައިއަޑުން ލާނާގެ ކަންފަތްދޮށުގައި ރޫހީން ބުންޏެވެ.

"އޮހްހާ....ދޯ...ނުކެރިފަ ނޫން، ހައިރާންވެފައި، ވާން އުޅެނީ ކީއްކަން ނޭނގިފައި." ލާނާވެސް ރޫހީންގެ ޖުމްލައަށް ބޭރުގައި ތިބި ސީނިއަރ އޮފިސަރުންނާ ވާހަކަ ދައްކަމުން އެއްނަންބަރުން ނުކުންނަން ފިޔަވަޅު ނަގަމުންދިޔަ ނަޒްމާނަށް ބަލާލިއެވެ.

"ނަޒްމާން ސަރ...." ދެން ކުއްލިއަކަށް ލާނާ ކުރިއަށް ޖެހި ގޮޅީގެ ކަނުން ފެންސާ ކައިރިވެލަމުން ގޮވާލިއެވެ. އޭރު ނަޒްމާނަށް އެހިސާބާ އަރާ ހަމަވެވެނީއެވެ.

ލާނާގެ އަޑު އިވިފައި ނަޒްމާން މަޑުކޮށްލިއެވެ. އަދި ދިމާ ކުރިމަތީގައި ހުރި ތޭރިތަކުގެ ފަހަތުން ފެންނަން ހުރި ލާނާގެ މޫނަށް ބަލާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟