ވާހަކަ

ކުރު ވާހަކަ: އިޝާރާ

(އިއްޔެގެ އަދަދާ ގުޅޭ...)

ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. އޭރު ހުޅަނގު ފަރާތުގައި އަނދުންކޫރެއްހެން ހިމަރޮނގެއް ފެންނަން ހުއްޓެވެ. ބަލަބަލައިތިއްބާ އެއްކަލަ ރޮނގު އުދަރެހުގެ އެއްކޮޅުން އަނެއްކޮޅަށް ދަމާލައިފިއެވެ. މާގިނައިރެއް ނުވެ މުޅި ދުނިޔެ ވިއްސާރައިގެ ކުލަވަރުން އަނދިރިކޮށްލައިފިއެވެ. ކުއްލިއަކަށް ޖަހާލި ގުގުރިއާއެކު އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ވިލާގަނޑުގެ ދަނޑިފަށްތަކުގެ ވައި އައިއިރު ލޯންޗު މާކަނޑުތެރޭގައި ދުއްވަންކެރޭވަރެއް ނުވެއެވެ. ހުޅި ނަގާފައި އަންނަ ރާޅުތައް ހީވަނީ ރުޅިއެއް އަރައިގެން އުޅޭހެންނެވެ. އެންމެންގެ ބޮލުގައި ހުދުތާކިހާ އަޅާފައިވާ ކަހަލައެވެ. ހޯސްލާފައި ބޮޑުތިކިވާރޭ ވެހެން ފަށައިފިއެވެ. ތަނެއްދޮރެއް ފެންނަ ވަރެއް ނުވެއެވެ. ކުރިއަށް ދުއްވެން ނެތުމުން ލޯންޗުގެ ކެޕްޓަން އެންމެފަހުން ލޯންޗުގެ އިންޖީނު ނިއްވާލައިފިއެވެ. ލޯންޗުގައި ހުރި ޕެޓްރޯލުކޮޅު ބޭކާރުވުން ފިޔަވައި އެހެން ކަމެއް ނުވާނެތީ އެވެ. ފަޒީލްމެންވެސް އެއްކުއްޖަކު އަނެއްކުއްޖަކު ގައިގައި ބައްދައިގަނެގެން ތިބީއެވެ. އެފަދަ ވަގުތެއްގައި ދެން ކުރެވޭނީވެސް ވަކި ކީއްހެއްޔެވެ؟

ވެހެމުންދިޔަ ވާރޭ ހުއްޓާލީ ހުއްޓުމެއްނެތި އެދުވަހާއި އެރޭ ވެހުމަށްފަހު އަނެއްދުވަހުގެ އިރު ދެބައިކުޅަ އެއްބަޔަށް އޮއްސިފައި ހުއްޓައެވެ. އޭރު ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ދުއްވާލުމުން ދެވޭ ހިސާބުގައި ރަށެއް ފެންނަން އޮތެވެ. އެއީ ކޮން ރަށެއްކަން ދަންނަ މީހަކު ލޯންޗަކު ނެތެވެ. ހަމަގައިމުވެސް އެއީ މީހުން އުޅޭ ރަށެއްފާޑެއް ނުޖަހައެވެ. އިމާރާތެއް ފާލަމެއް ފަދަ އެއްޗެއް ފެންނާކަށް ނެތެވެ. ރަށުގެ ކަސްކަރަ ދުރަށް ފެންނަ އިރު ހީވަނީ ބޯ ޖަންގައްޔެއްގެ ގަސްތަކެއް ހެންނެވެ.

ކެޕްޓަން ބާރު ސްޕީޑުގައި ލޯންޗު ދުއްވާފައިގޮސް ރަށާ ކައިރި ކޮށްލިއެވެ. ރަށަށް ވަދެވޭނެ އެއްވެސް ދިމާލެއް ރަށްވަށާ ދުއްވިއިރު އެމީހުންނަކަށް ނުފެނުނެވެ. އެކަމަކު ރަށުގެ ފަޅުން އެތެރޭގައި ސާފުވިލު ފެންނަން އޮތުމުން މަޑުމަޑުން ފަޅުމަތިންލާފައި ލޯންޗު ނުބީހޭވަރު ބަލައިގެން ފަޒީލްމެން އެރަށާ ގާތްކުރިއެވެ.

ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ ފަޅުރަށެކެވެ. މީހެއްގެ ހިލަމެއްކީއްކުރަން ހެއްޔެވެ. މީހަކު މިއިންޒަމާނަކު ވެސް އައިސްފައިވާ ރަށެއްހެންވެސް ހިއެއް ނުވެއެވެ. ވަށައިގެން ފެންނަނީ ބޯ ޖަންގައްޔެވެ. މޫދުގެ ބައެއް ހިސާބުތަކުގައި އެކިކަހަލަ މޫދުވިނަ ފަޅާފައިވެއެވެ.

ލޯންޗުގެ ވަލެއް އެއްގަމު ގަހެއްގައި އެއްސުމަށްފަހު މޫދުގައިވާ ގަލެއްގައި އަނެއްކޮޅު އައްސައި ލޯންޗު އަޅާނެ ފައްތިޔަލެއް ފަޒީލްމެން ތައްޔާރުކުރިއެވެ. އެއަށްފަހު ލޯންޗުން އެމީހުން ގެނައި ސަތަރިއާއި އެހެނިހެން ބައެއް ސާމާނު ހިފައިގެން އަވަހަށް އެއްގަމަށް ފައިބައިގަތެވެ. އޭރު އިރުއޮއްސިއްޖެއެވެ. އަވަސް އަވަހަށް ސަތަރި ދެގަހެއްގެ ދެމެދުގައި ދަނޑިއެއްގެ މަތީގައި ދަމައިލިއެވެ. އަދި އޭގެ ދަށުގައި ނިދޭނެ އިންތިޒާމު ހަމަޖެއްސިއެވެ. މިކަންކަމުން ސަލާމަތްވިއިރު އިރުއޮއްސުމަށްފަހު ދުނިޔެމައްޗަށް ވެރިވެފައިވާ ރަތްވިލާތައްވެސް އޮއްސިއްޖެއެވެ. އެހެން ކަމުން ރަށުތެރެ ބަލައިލައިހަދާނެ ފުރުސަތެއް އެއްވެސް މީހަކަށް ނުލިބުނެވެ. އެހެން ނޫނަސް ކަނޑުމަތީގައި އުޅެން ޖެހުނު ހާލުގެ ސަބަބުން އެންމެންވެސް ތިބީ ދިރިއުޅުމުގެ އުންމީދު ގެއްލިފައެވެ. އެހެން ތިއްބައި ހިކިފަސްތަނަކަށް އާދެވެމުން ވާނެ ގޮތް އެންމެނަށްވެސް ވީއެވެ. ސަތަރި ހަމަ ދަމާލުމާއެކު އެންމެންނަށް ވެސް ބުރިކަށި ދަމައިލެވުނީއެވެ.

ފަޒީލަށް ކުއްލިއަކަށް ހޭލެވުނީ އާދަޔާ ހިލާފަށްބޮޑަށް ފިނިވުމުގެ ސަބަބުންނެވެ. އެހެން ނޫނަސް އޭނާއަކީ ފިންޏަށް ދެރަ މީހެކެވެ. ދުވަހަކުވެސް ފަންކާ ޖަހައިގެން ނިދި ހަނދާނެއް ނުވެއެވެ.

ވަށައިގެންވާ މާހައުލަށް ފަޒީލް ނަޒަރު ހިންގާލިއެވެ. އެމީހުން އޮށޯވެގެންތިބި ދިމާއަށް ގޮނޑުދޮށާއި މޫދު ވަރަށްވެސް ރީއްޗަށް ފެނެއެވެ. އެހެން ކަމުން އޭނާ ތެދުވެ އިށީނދެލިއެވެ. އަދި ގޮނޑުދޮށާ ދިމާއަށް ކަޅިހުއްޓާލިއެވެ. ވަރަށް ރީތި ހަނދުވަރެއް ދިއްލާފައި އޮތް ރެއެކެވެ. ގަޑި ބަލައިލިއިރު ގާތްގަނޑަކަށް ފަތިސްވަނީއެވެ. އޭރު ފަހެއްޖަހާބޮޑުވެއްޖެއެވެ.

ކުއްލިއަކަށް ފަޒީލްގެ ކުރިމަތިން ގޮޑުދޮށުން ޒުވާން އަންހެން ކުއްޖަކު ހުރަސްކުރިތަން އޭނާއަށް ފެނުނެވެ. އެވަގުތު މުޅިގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ހަށިގަނޑަށް ލިބުނު ފިނިކަން ކުރިއަށްވުރެވެސް ބޮޑުވެގެން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށްއެރީ ކީކޭކަމެއް ނޭނގެއެވެ. މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ. އަދި ގޮނޑުދޮށަށް ފޭބިއެވެ. އޭރު އެކުއްޖާ ކިރިޔާ ލޮލުކޮޅަށް ފެންނަނީއެވެ. ފަޒީލް ބަލަބަލައި ހުއްޓާ އެކުއްޖާ އެދިޔަގޮތަށްގޮސް ތުނޑިއާދިމާއިން ވަށައިލުމަށްފަހު ބޮޑުސިންގާ ގާގަނޑެއްގެ މަތީގައި އިށީނދެލިއެވެ.

ފަޒީލަށް ސިފަވެގެން ދިޔައީ ވަރަށް އެހެން ކަހަލަ މަންޒަރެކެވެ. އާއެކެވެ! ކުރިމަތިން އޭނާއަށް މިހާރު އެފެންނަނީ މީގެ ހަތަރުފަސްދުވަހެއް ކުރީއްސުރެ ހުވަފެނަކުން ދެކެމުން އައި މަންޒަރެވެ. އެ އަޖައިބެއް ފަދަ އަންހެން ކުއްޖާއެވެ. އޭނާ އެހުރީ ހަމަ އެހެދުމުގައެވެ. ހަމައެދިމާއަށް ބަލަހައްޓައިގެންނެވެ.

ބޭއިހުތިޔާރުގައި ފަޒީލަށް ގޮސް ހުއްޓިލެވުނީ އެކުއްޖާއާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓުހާ ކައިރީގައި އެކުއްޖާގެ ފަހަތުގައެވެ. އެއަށްވުރެ ގާތަށްދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެހެން ހުރެވުނީ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓެވެ. ކޮންމެވެސް ކަމެއް ފާހަގަވެގެން ނުވަތަ އެނގިގެން ފަހަތް ބަލައިލާގޮތަށް އެ އަންހެން ކުއްޖާ ފަހަތް ބަލައިލިއެވެ. ފަޒީލް ހުރީ ބިރުން ހަދާނެ ގޮތް ހުސްވެފައެވެ. ކަމެއް ދިމާވެއްޖެނަމަ ސަލާމަތްކުރާނެ މީހަކު ނެތްކަމާއި އޭނާގެ ދުވަސް މިދަނީކަމުގެ އިހްސާސްތައް ކުރެވުނެވެ.

އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އެކުއްޖާ ތެދުވިއެވެ. ފަޒީލް ހަމަހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ގުޑިލަންވެސް ނުކެރިފައެވެ. ވަކި ހިސާބަކަށް ގާތަށް އައިއިރު އެކުއްޖާގެ ލޮލުން ކޯތާފަތްމައްޗަށް ހޯސްލާފައި ފައިބަމުންދާ ކަރުނަތައް ފަޒީލަށް ފެނުނެވެ. އަތް ދިއްކޮށްލުމުން އަތްފޯރާ ހިސާބަށް އައުމަށްފަހު އެކުއްޖާ ހުއްޓުނީ ސީދާ ފަޒީލްގެ ކުރިމަތީގައެވެ. އޭރު ފަޒީލްގެ މުޅި ހަށިގަނޑު ތުރުތުރު ލައެވެ. ވާން މިއުޅެނީ ކީއްބާއޭ އޭނާގެ ހިތަށްއެރިއެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރުމަށްފަހު އެންމެ ފަހުން "ތީ ކާކު؟ ކީއްވެފަ މިތާ ތިހުރީ؟" މިސުވާލު ފަޒީލަށް ކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.

ފަޒީލްގެ އެ ސުވާލުން އެކުއްޖާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ގިސްލާފައި އެކުއްޖާއަށް ރޮއިގަނެވުނެވެ. އެކުއްޖާ ހަމައަކަށް އެޅުވުމަށް ފަޒީލަށް ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. އެއަށްފަހު އެކުއްޖާގެ ވާހަކަތައް އަޑުއިވުމުން ފަޒީލްގެ ހިތުގައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އެވާހަކަތައް ކިޔައިދީ ނިމުނުއިރު އެކުއްޖާގެ ބޯވަނީ ފަޒީލްގެ ކޮނޑުމަތީގައި ބާއްވައިލެވިފައެވެ. ފަޒީލްގެ ދެއަތް ވަނީ އެމައުސޫމާގެ އުނަގަނޑާ ލާވަށާލެވިފައެވެ.

އެއީ ފަޒީލްމެން ފަދައިން ބެހިގެން މިރަށަށް އާދެވުނު ކުއްޖެކެވެ. އެމީހުން ދަތުރުކުރި ދޯނި ރޭގަނޑުގެ ކަނު އަނދިރީގައި ބަންޑުންވެ "އިޝާރާ" ގެ ނަމުން ނަން ލިބިފައިވާ ރީތީގެ ދެވަނައެއް ނެތް ފަދަ އެ އަންހެންކުއްޖާއަށް މިރަށަށް އާދެވުނީ މާބޮޑު އަމިއްލަ އިހްތިޔާރަކާނުލައި ދޯނިންދޫވި ދިގުފިލައެއްގެ އެހީގައެވެ. މިރަށުގައި އެކުއްޖާ އެކަނިމާއެކަނި ރޭދުވާ ހޭދަކުރަމުންދާތާ ފަސްދުވަސް ވެއްޖެކަން އޭނާގެ ވާހަކައިން ފަޒީލަށް އެނގުނެވެ. އެއިން ކޮންމެ ރެއެއްގެ ފަތިހުވެސް އެގާގަނޑުގެ މަތީގައި އިށީނދެ އިނދެ އަމިއްލަ ނިކަމެތި ހާލާމެދު ހިތާމަކޮށް ކަރުނައަޅާކަން އޭނާގެ ވާހަކަތަކުން އެނގުނެވެ.

ފަޒީލްއާއި އިޝާރާގެ މި އަޖައިބު ކުރުވަނިވި ބައްދަލުވުމުގެ ނިމުން އައީ އާދުވަހަކަށް އަލިވިލުމާއެކު އާހަޔާތަކަށް ދެމީހުންގެ ހިތުގައި ލޯބީގެ ވަރުގަދަ ޝުއޫރުތަކެއްވެސް އުފައްދަމުންނެވެ.

-ނިމުނީ-