ވާހަކަ

ނުފޫޒަކުން - 46 (ފަހުބައި)

3

މައިދާނުގައި ނިވި ދިއްލެމުންދިޔަ އެކި ކުލަތަކުގެ ތަފާތު ބޮކިތަކުގެ ޖާދޫވީ އަލީގެ ތެރެއިން ކައިވެނީގެ ބޮޑު ހެދުމުގައި ދެއަތުން ހިފައި އުފުލާލައިގެން އެ އަންނަނީ ރޫޔާ އެވެ. ހަންނާ އާއި ފަޒީލާ އައީ ރޫޔާގެ ފަހަތުންނެވެ. އެހެނީ ރޫޔާގެ އަތުގައި ހިފާލައިގެން ހުރީ ނިހާނެވެ. ކަޅާއި ހުދު އެކުލެވޭ ކައިވެނީގެ ހެދުމުގައި ނިހާންވެސް ފެންނަނީ ތަފާތު ގޮތަކަށެވެ. އެންމެ ބޮޑު އަޅައިގަތުމެއް ފެންނަމުން ދިޔައީ ނިހާންގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލުންނެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މޭޒާ ހަމައަށް ރޫޔާ އާއި ނިހާން އައި އިރު އެތައް ބައެއްގެ ކެމެރާގައި އެމަންޒަރުތައް ރިކޯޑުވެގެން ހިނގައްޖެއެވެ. އެހެނީ އެ ހަފްލާ އަށް ހަބީބް އާއި އަޖުވަދުގެ ރަހްމަތްތެރި ރާއްޖޭގެ ނަން ހިނގާ އެތައް މަޝްހޫރު ބޭފުޅުން ވަޑައިގެން ތިއްބެވެ.

އަޖުވަދުގެ ފަރާތުން ރޫޔާ އަށް ހައްގު ވަލީ ގާޟީ އާ ހަވާލުކުރުމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިހާނަށް އަނބި ކޮށްދީފިއެވެ. އެހެން ކައިވެނިތަކުގައި އަންހެންކުއްޖާ ފިނިވެގެން ދިޔަސް މިފަހަރު އަތް ފައި ފިނިވެ ނޭވާލާން ދަތިވީ ނިހާނަށެވެ. ހަށިގަނޑަށް އަރައިގެން ދިޔަ ފިނިގަނޑާއެކު އަނބި ގަބޫލުކުރަން ނިހާން ހަނދާންނެތުނެވެ. ހުރިހާމީހުންގެ ނަޒަރު ނިހާނަށް އަމާޒުވުމާއެކު އިތުރަށް އޭނާ ފިނިވެއްޖެއެވެ. ޝީރީނާ ކައިރީގައި ހުރި ނައިރާ ހީލަމުން ކޮށްލި އިޝާރާތާއެކު ހުރިހާމީހުން ނިހާނަށް ބަލަހައްޓައިގެން ތިބި ސަބަބު ފަހުމުވެއްޖެއެވެ. ހީލަމުން އަނބިގަބޫލުކޮށްފީމޭ ނިހާން ބުނިގޮތުން މަންޒަރު ބަލަން ތިބި އެންމެންނަށް ހެވުނެވެ. ގާޒީ އަށް ވެސް ފަހުވަގުތު ހެވިއްޖެއެވެ. ހިނިއައިސްފައި އިން ރޫޔާ ވެސް މަޑުމަޑުން ނިހާންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"ކިރިޔާ ހާޓްއެޓޭކެއް ނައީ..." މަޑުމަޑުން ނިހާނަށް އިވޭވަރަށް އިސްޖަހާލައިގެން އިން ރޫޔާ ބުންޏެވެ.

ދައުވަތު އެރުވުނު މެހެމާނުން އިސާހިތަކު މުޅި ސަރަހައްދު ފުރާލައިފިއެވެ. ދެމަފިރިންނަށް ހާއްސަކޮށްފައިވާ ތަނުގައި ރޫޔާ އާއި ނިހާން ހުއްޓިގެން ތިއްބެވެ. ރޫޔާގެ ހިމަ އުނގަނޑުގައި ނިހާން ހިފަހައްޓާލައިގެން ހުރިއިރު ފޮޓޯނަގަމުން ދިޔަ ކުއްޖާގެ ކޮންމެ އިޝާރާތަކަށް ދެމަފިރިން އިޖާބަދެމުން ދެމުން ދިޔައެވެ. އާއިލާގެ މެންބަރުންގެ ނަޒަރު ދެމަފިރިންނަށް އަމާޒުވެފައި ހުރިތަން ފެންނަ ކޮންމެ ފަހަރަކު ދެމަފިރިން ލަދުގަތަސް ފޮޓޯ ނަގާ ކުއްޖާގެ ކޮމާންޑަށް ދެމަފިރިން ދިޔައީ ތަބާވަމުންނެވެ.

ޕާޓީ ތެރެއިން މީހުން މަދުވާން ފެށުމާއެކު އެންމެ ކައިރީގައި ހުރި ނައުރީނަށް ރޫޔާ ގޮވާލިއެވެ. ރޫޔާ ގަޑި އަހައިލުމާއެކު ފޯނުން ގަޑި ޗެކްކޮށްލާފައި ގަޑިން ވީއިރެއް ނައުރީން ބުނެދިނެވެ. ޕާޓީ އަށް ކަނޑައަޅާފައިވާ ވަގުތު ޖެހުނީކަން ރޫޔާ އަށް އެނގުނެވެ. ކުރެވުނު އުފާވެރި އިހުސާސްތަކުގެ ސަބަބުން ގަޑި އަރައިގެން ދިޔަގޮތް ވެސް ރޫޔާ އަށް ނޭނގުނެވެ. މިހުރިހާއިރު ފައެއްގައި ވެސް ނުރިއްސައެވެ. ރިއްސަން ފެށީ މާގިނައިރު ކޮޅަށް ހުރެވިއްޖެކަން އިހުސާސްވިކަން އެނގުނު ހިސާބުންނެވެ. ކުއްލިއަކަށް ކޮރެއްވެސް ޖަހަން ފެށިއްޖެއެވެ. ނިހާންގެ އެހީގައި އާއިލާ މެންބަރުން ތިބި ތަނަށް ރޫޔާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

"ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. މިއުފާވެރި ވަގުތުކޮޅު ހަމަވެގެން މިދިޔައީ" ދާއޫދޫ ވާހަކަދެއްކިއެވެ.

"އެކަމަކު ތިދެކުދިންގެ ދިރިއުޅުމުގެ އާ ބާބު މިރެއިން މިފެށުނީ. މިހާރު ތިއީ ވަކި ދެމީހުންނެއްނޫން. ތިއީ އެކައްޗެއް. ތިބީ އެއް އޮޑިއެއްގައި. ތި އޮޑީގެ ހުންގާނުގައި ދަރިފުޅު ހުއްޓަސް ވިސްނަންވާނެ އޮޑިއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބުރަ މަސައްކަތްކުރާނެ މީހަކީ މި ދަރިފުޅުކަން" ދާއުދޫގެ ވާހަކަތައް ނިހާނަށް އަމާޒުކޮށް ހުއްޓަސް ފަހު ބަސް އިއްވާލަމުން ރޫޔާގެ ބޮލުގައި ފިރުމާލިއެވެ.

"ކޮބާ އެމީހެއްގެ މަންޒިލަށް އެމީހަކު ދިޔުމުގެ ދަތުރު ފަށަންވީނުން" ހަބީބް ބުންޏެވެ.

ރޫޔާ އާއި ނިހާންގެ ދަތުރު ހަމަޖެހިފައި އޮތީ ފަތިހަށެވެ. ހަބީބް އާއި ހަންނާ ފުރުމަށް ހަމަޖެހިފައިވަނީ އަނެއްދުވަހުގެ މެންދުރަށެވެ. އަދި ފަޒީލާ އާއި އަޖުވަދު ފުރުމަށް ހަމަޖެހިފައި އޮތީ އެއް ދުވަސް ފަހުންނެވެ. އެއީ ފުރުމުގެ ކުރިން އަޖުވަދު މަންމަ ދެކިލަން ބޭނުންވާތީއެވެ. ހައްޔަރުވިފަހުން މަންމަ ފެނުނީ އެންމެފަހަރަކުއެވެ. އެއީ މުއްދަތް ޖަހަން ކޯޓަށް ގެންދިޔަ ވަގުތުގައެވެ. ފަހުން މަންމަ އާ ބައްދަލުކުރަން އަޖުވަދު ބޭނުންވިޔަސް އެކަމަށް ގިސާމަތު އިންކާރު ކުރުމުންނެވެ. ނިހާންގެ އާއިލާ ބޭނުން ދުވަހެއް ވަންދެން އެގޭގައި ތިބެވޭގޮތަށް ހަމަޖައްސައިދިނަސް ދާއޫދު ބޭނުންވީ ވީއެންމެ އަވަހަކަށް ރަށަށް ދާށެވެ.

އެހެންކަމުން އެ އާއިލާ އަށް މަތިން ދަތުރުކުރެވޭގޮތަށް ހަބީބް ހުރިހާ ކަމެއް ހަމަޖައްސައިދީފިއެވެ. އެ އާއިލާވެސް މާދަމާ ހެނދުނުގެ ވަގުތެއްގައި ފުރާނެއެވެ.

ދުރުގައި އިން އަޖުވަދު ތެދުވެގެން އައިސް ރޫޔާގެ ގާތުގައި ހުއްޓުނެވެ. އެހިނދު ބައްޕަ އާ އެއްހަމަޔަކަށް ރޫޔާ ކޮޅަށް ތެދުވިއެވެ. އަޖުވަދުގެ މޫނަށް ބަލައިލާފައިވެސް ބައްޕަ ދެރަވެފައި ހުރިކަން ރޫޔާ އަށް އެނގުނެވެ. އަޖުވަދުގެ ދެއަތުގައި ރޫޔާ ހިފާލިއެވެ. އެހިނދު އަޖުވަދުގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ދަރިފުޅާ ބައްޕަ ވަކިނުވަން. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިވަގުތު ބައްޕަގެ ބޮލުގައި އެހެން ޒިންމާތަކެއް އެޅިފައި ހުރުމުން ދަރިފުޅު ނުފެންނަ ހިސާބެއްގަ މިޖެހެނީ އުޅެން. އެކަމަކު ދުވަހަކުވެސް ބައްޕަ ދަރިފުޅާ ވަކިނުވާނަން" ރޫޔާގެ ނިތުގައި އަޖުވަދު ބޮސްދިނެވެ.

"ވަރަށް ވަރަށް ހަނދާންވާނެ ބައްޕަވެސް ފަޒިއްތަވެސް އީނޫމެންވެސް. ޗުއްޓީގަ އަންނައްޗޭ ބައްޕަމެން" ރޫޔާ ބުންޏެވެ. މައިގަނޑު ގޮތެއްގައި ރޫޔާގެ ދިރިއުޅުން ހަމަޖެއްސީ ނިހާންގެ އާއިލާ އާ އެކު ނިހާންގެ ރަށުގައެވެ. އެއީ ރޫޔާ ބޭނުންވި ގޮތެވެ.

"މިއީ ރޯންވި ވަގުތެއްނޫނޭ. ދެކުދީންނަށް ވަރަށް އުފާވެރި ކައިވެންޏަކަށް ފަޒިއްތަ އެދެން. ﷲ އިރާދަކުރެއްވިއްޔާ މިއީ ވަކިވުމެއްނޫން. މިއީ ފެށުމެއް. ނޫންތަ ހަންނު" ފަޒީލާ ވާހަކަދެއްކިއެވެ.

****

ރޫޔާ އާއި ނިހާން ގެއަށް އައީ ފަޒީލާ އާއި އަޖުވަދާއެކު ކާރުގައެވެ. ގެއަށް ވަނުމަށްފަހު ދެކުދީން ވަރުބަލިވެފައި ތިބުމުން އަޖުވަދު އެދުނީ އަވަހަށް ނިދަން ދިޔުމަށެވެ. ދެރަވެފައި އަޖުވަދުގެ މޫނަށް ރޫޔާ ބަލައިލިއެވެ.

"ދަރިފުޅު ސޭޑް ފޭސް ދައްކަންޏާ ބައްޕައަށް ނުނިދޭނެ އިނގޭ" ސަމާސާ އެކުލެވޭ ރާގެއްގައި އަޖުވަދު ބުންޏެވެ.

"ދެން ކީއްވެތަ ކޮންމެ އުފާވާ ކޮންމެފަހަރަކު ލޮލުން ކަރުނަ އަންނަނީ" ރޫޔާ ބުންޏެވެ.

"އެއީ އިންސާނާގެ ހަޔާތުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ކަރުނައަށް ވީމަ" ޖަވާބުދިނީ ފަޒީލާ އެވެ.

"ދަރިފުޅުމެން ހަތަރެއް ޖަހާއިރަށް އެއާޕޯޓަށް ދާންޖެހެއެއްނު. އިރާދަކުރެއްވިއްޔާ އެވަގުތު ބައްޕަމެން ބައްދަލުކުރާނަން" އަޖުވަދު ބުންޏެވެ.

ރޫޔާ ގޮވައިގެން ކޮޓަރި އާ ހަމައަށް އައިސްފައި ނިހާން މަޑުޖެހިލިއެވެ. ރޫޔާ އާ އެކު އެކަނިވެލަން އޭނާ ބޭނުންވެފައި ހުންނަތާ ކިހާ ހެއްޔެވެ؟ ކައިވެނިކުރަން ރަންކިއި ފަހުން ރަނގަޅަށް ރޫޔާ ގެ މޫނަށް ބަލައިލާނެ ވަގުތުކޮޅެއްވެސް ނުލިބެއެވެ. ދިރިއުޅުން ދިޔައީ އެހާ ބިޒީކޮށެވެ. ދާއިމީ ވަޒީފާއެއް ވެސް ލިބިގެން ދިޔައީ އެދުވަސްކޮޅުގައެވެ.

ކޮޓަރިއަށް ވަނުމާއެކު ރޫޔާ އަށް އަނގަމަތީގައި އަތް އެޅުނެވެ. ނޭފަތުގައި ޖެހުނު ހިތްގައިމު މީރުވަސް ހިތުގެ އެންމެ ފުނަށް ފޯރިއެވެ. އުއްބައްތި ތަކުން މުޅި ކޮޓަރި ޒީނަތްތެރިކޮށްފައި ވާއިރު ލުއި މިޔުޒިކެއްގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ.

"ވާއު. މިއީ ކޮންއިރަކު ކުރި ކަމެއް" ފަހަތަށް އެނބުރިލާފައި ރޫޔާ އަހާލިއެވެ.

"ދެން ކޮންމެސްއިރަކު... " ހީލަމުން ނިހާން ބުންޏެވެ.

"މިހެންވެގެން ދޯ މިއަދު މިގޭތެރެއިން ނައި އާ ނައު އެހާ ގިނައިރު ވަންދެން ފެނުނީ" ރޫޔާ ބުންޏެވެ.

ނިހާން ހީލާފައި ބޯޖަހާލިއެވެ. ދެން ރޫޔާ ނުވިސްނާ ހުއްޓާ އޭނާގެ އަތްދަނޑި މައްޗަށް ރޫޔާ އުފުލާލިއެވެ. އެތެރެއަށް ވަނުމަށްފަހު ދޮރުލައްޕާލީ އޭނާގެ އެއް ފައި ބޭނުންކޮށްގެންނެވެ. އެ ނާޒުކު ވަގުތުކޮޅުގެ ޖާދޫގައި ޖެހި އެނދާ ހަމައަށް ދެވެންދެން ރޫޔާ އަށް އޮވެވުނީ ނިހާން ގެ މޫނަށް ބަލަހައްޓައިގެންނެވެ. އެނދުގައި ރޫޔާ ބާއްވާފައި ގަމީހުގެ ގޮށްތައް ނައްޓުވަމުން ނިހާން އެއް އަރިއަކަށް ރޫޔާ ކައިރީގައި އޮށޯވެލިއެވެ.

"ރޫ... މިގަޑީގަ އިތުރު ވާހަކައެއް އިހަށް ނުދައްކައްޗޭ" ރޫޔާ އެއްޗެއް ބުނަން އުޅުނުހެން ހީވެ ނިހާން ބުންޏެވެ.

ރޫޔާ އެއްޗެއް ނުބުނެ ނިހާންގެ ދެލޮލަށް ބަލަހައްޓައިގެން އޮތެވެ. މީގެކުރިންވެސް ރޫޔާ ވަނީ ނިހާނާ ގާތްވެފައެވެ. އެކަމަކު އޭރާއި މިހާރާ ހާސްބައި ތަފާތެވެ. ނިހާންގެ ދެލޮލުން ފެންނަ މަސްތުކަމުގައި ރޫޔާ ގެނބެމުން ދިޔައެވެ. ނިހާން އެދުނު ފަދައިން ހަށިގަނޑަށް ގުޑުމެއްވެސް އަރުވާނުލާ ރޫޔާ އޮތެވެ. ރޫޔާގެ ޝޯލްގައި ހަރުކޮށްފައިވާ ޕިންތައް ނިހާން ނައްޓުވަމުން ދިޔައިރު ދެމަފިރިންގެ ލޮލާ ލޯ ވަނީ ގުޅިފައެވެ. ރޫޔާގެ ބޮލާ ޝޯލް ވަކިކޮށްލި ގޮތަށް ރޫޔާގެ ދިގު އިސްތަށިތައް ނިހާންގެ އަތުން ނިއުޅުވާލިއެވެ. ރޭގަނޑެއްފަދަ ރޫޔާގެ އިސްތަށިގަނޑުގައި ނިހާން ބޮސްދިނެވެ. އެ ބޮސްދިނުންތައް އިތުރުވެގެން ގޮސް ރޫޔާގެ މޫނާ ހަމައަށް ފޯރުމާއެކު ރޫޔާ ފުރަގަހަށް އެނބުރުނެވެ. ނިހާންގެ ބާރުގެ ދަށަށް ރޫޔާ ގެނައީ އެވަގުތުކޮޅުގައެވެ.

އިސާހިތަކު ކައިވެނީގެ އެންމެ ފުރިހަމަ ހަދިޔާ ދެމަފިރިން ލިބިގަތެވެ. ދެމަފިރިންގެ ލިސްޓުގެ އެންމެ ކުރީގައި ރަންއަކުރުން ދެމަފިރިންގެ ނަން ވަށާލައިފިއެވެ. އެއްވެސް ބިރެއް ހިތްނުތަނަވަސްކަމެއްނެތި ހަލާލު ގުޅުމެއް ދެމެދުގައި ގާއިމުކޮށްފިއެވެ. އެކަކު އަނެކަކު ފަރާތުން ހިތް ފުރިގެން ބަންޑުންވާވަރަށް ލޯބީގެ ހަދިޔާތައް ބަދަލުކޮށްފިއެވެ. ދެމަފިރިންގެ ދެމެދުގައި ލެވުނު ލޯބީގެ ވަރުގަދަ ފާލަން ދުވަހަކުވެސް ވެއްޓުނު ނުދިނުމަށް ދެހިތުން ދެހިތަށް ވައުދުވެ އަހުދު ކަށަވަރުކޮށްފިއެވެ.

ގަޑިން ތިނެއްޖަހަން ފަސްމިނިޓެއްހާއިރު ހުއްޓެވެ. ދެހިތަށް ކުރެވުނު ލޯބީގެ އަރާމު އިހުސާސްތަކަށްފަހު ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމުގައި ރޫޔާގެ ދެލޯ މެރުނީ ނިހާންގެ މޫނަށް ބަލަހައްޓައިގެން އޮށްވައެވެ. ރޫޔާ އަށް ވުރެ ކުރިން ނިހާނަށް ނިދިއްޖެއެވެ.

****

ފާހާނައިން ފަޒީލާ އޯކާދެމޭ އަޑު އިވޭތީ އެއާޕޯޓަށް ދާން ތައްޔާރުވެގެން ހުރި އަޖުވަދު ހުރީ ކަންބޮޑުވެފައެވެ. އެ އުމުރުގައި އޭނާ ބައްޕައަކަށް ވެދާނެކަމަށްޓަކައި ވާންވީ އުފަލެއް އޭނާ ނުވިއެވެ. މީހުންގެ ފާޑުކިޔުމާއި މަލާމާތް އަމާޒުވެދާނެކަމަށްޓަކައެވެ. ފަޒީލާ ފާހާނައިން ނިކުމެގެން އައިސް އަޖުވަދު ކައިރީގައި ހުއްޓުނެވެ.

"ކޯޗެއް ތިވިސްނަނީ؟" ފަޒީލާ އަހާލިއެވެ.

"ރޫ މެން ފުރުވާލާފައި އައިސް ހޮސްޕިޓަލަށްދަމާ ޓެސްޓްތައް ހަދާލަން" އަޖުވަދު ބުންޏެވެ.

"ކީއްކުރަން. އަހަރެމެން މި ހީކުރާ ގޮތަށް ނުވެވެސްދާނެއްނު" ފަޒީލާ ބުންޏެވެ.

"އެކަމަކު... އަހަންނަށް ފެންނަނީ ދާން. ޔަގީންކުރަން. އެހެންނޫނަސް މިކަން އެންމެ ބޮޑަށް ޔަގީންކޮށްދެވޭނީ ފަޒީއަކަށްނު. އަހަންނާ އިންފަހުން ކޮންމެ މަހަކުވެސް ވޭ" އަޖުވަދު އެނދުގައި އިށީނެވެ.

"އިންފަހުންނޭ ގަވައިދުން ވާންފެށީ. ދެން ނުވިސްނަބަލަ އެވަރަށް. ދެން ދާނަމޭ ހޮސްޕިޓަލަށް. މިއަންނަނީ ރޫ މެން ތެދުވެއްޖެތޯ ބަލާލާފައި" އަތުގައި އޮތް ތުވާލި ގެންގޮސް ހަރުގައި އަޅުވާލާފައި ފަޒީލާ ކޮޓަރިން ނިކުތެވެ. އަޖުވަދު ކުރިމަތީގައި ނުދެއްކި ނަމަވެސް ފަޒީލާގެ ހިތުގައިވެސް ކަންބޮޑުވުމެއްވިއެވެ. ރޫޔާ ގެ ކޮޓަރި އާ ހަމައަށް ދެވެންދެން އޭނާ ހުރީ އިނގިލި ކުރީގައި ދަތްއަޅާލައިގެންނެވެ.

ފަޒީލާ ކޮޓަރި އާ އަރާ ހަމަވިތަނާ ދޮރު ހުޅުވާލާފައި ރޫޔާ އާއި ނިހާނާ އެކު ނިކުތެވެ. އެހެންކަމުން ހުރިހާމީހުންނަށް އެއްފަހަރާ ހީނލެވުނެވެ.

"ފަޒިއްތަ މިއައީ ގޮވަންވެގެން" ހީލަމުން ފަޒީލާ ބުންޏެވެ.

"ނުނިދަމޭ. ރޫ އުޅުނުގޮތުން ނިންޖެއްނައޭ" ނިހާން ބުންޏެވެ. ފަޒީލާ ގަތްލަދުން އަނގަމަތީގައި އަތްއެޅިއެވެ. ނިހާން ކޮންމެފަދަ ލާނެއް އެއްޗެއްވެސް ބުނެދާނެއެވެ. ގަތްލަދާއެކު ރޫޔާ ގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ފަޒީލާ ނުބަލާ ހުރި ގަޑީގައި ނިހާންގެ ބަނޑުގައި ރޫޔާ ވިކައިގަތެވެ.

"ފޮށިތައް ނެރެން ބައްޕަ އެބަފޮނުވަން އެނގޭ" ފަޒީލާ އަވަހަށް އެތަނުން ދުރަށްޖެހުނެވެ. އޭނާއަށް ހެވުނީ އެކުދީންނާ ދުރަށް ހިނގައިގަތްފަހުންނެވެ.

"ދެން... އެހެން ބުނަންޖެހޭތަ ފަޒިއްތަ ހުއްޓާ" ރޫޔާ ޝަކުވާކޮށްލިއެވެ.

"ނޫންތަ؟ ރޫ ރޭގަ ނުހިފެހެއްޓުނީ. އެހެންވެ ނިދި ހަމަނުވީ ދެމީހުންގެވެސް. ޔަގީން ފްލައިޓްގަ ލޭންޑްކުރަންދެން ނިދޭނީކަން" ނިހާން ބުންޏެވެ.

ރޫޔާ ނިހާނަށް ދެލޯ އަޅާލާފައި އަތުގައި ހިފައިގެން ދޮރާ ދިމާލަށް ދިޔައެވެ.

****

ދެ އަހަރުފަސް

ތިން މަހަށްދާ ކުޑަކުޑަ ޝިނާ ގޮވައިގެން އީނާ ނިކުތީ ހުއްޓާނުލާ އޭނާގެ އަތުގައި އޮތް ފޯނު ރިންގުވަމުންދާތީއެވެ. މި ނިކުންނަނީއޭ އެތައް ފަހަރަކު ޝައުން ކައިރީގައި ބުނެފިއެވެ. އީނާ އާއި ޝައުންގެ ކައިވެންޏަށް އަދި ވީ އެންމެ އަހަރެކެވެ. ދެކުދީން ލޯބީގެ ގޮތުން ގުޅުނީ ބޭރުގައި ކިޔެވި ދުވަސްތަކުގައެވެ. އެ ގުޅުމަށް ފަޒީލާ އާއި އަޖުވަދު ހެޔޮހިތުން ރުހުން ދިނެވެ. އެންމެ ދޮށީ މީހާ ހަޔާތުގެ ބައިވެރިޔަކަށް ހިޔާރުކުރީ ޖަރުމަނުގެ ރައްޔިތެކެވެ. އެ ގުޅުމަށްވެސް އަޖުވަދާއި ފަޒީލާ ރުހުންދިނީ އެއީ މީހުންނާ ގުޅޭ މުސްލިމަކަށްވީތީއެވެ. މީހަކާ އިންނަ ހިޔާލެއްނުކޮށް ހުރީ އެކަނި ޒޫނާ އެވެ. އެއީ ޒޫނާގެ ދިރިއުޅުމުގައި އޭނާ އަމިއްލައަށް ނިންމަންޖެހޭ ނިންމުމަކަށްވާތީ އެކަކުވެސް އޭނާއަށް މަޖޫބުރެއް ނުކުރެއެވެ.

"ތިދަނީތަ؟" ސޯފާގައި އިން ފަޒީލާ އަށް ނިކުމެގެން އައި އީނާ ފެނުމުން އަހާލިއެވެ.

"ދެން އެވަރަށޭ ޝައުން ގުޅަނީ. ޝިނާ އަށް މަހެއްފުރޭ ކޮންމެ ފަހަރަކު ހީވާނީ މޮޔަވެގެން އުޅޭހެން. މިއަންނަނީ އެނގޭ ވަރަށް އަވަހަށް" އީނާ ބުންޏެވެ. އަވަސްއަރުވާލާފައި ހުރުމުން ޝިނާ އާ ލޯބިކޮށްލަންވެސް ފަޒީލާ އަށް ވަގުތުކޮޅެއް ނުލިބުނެވެ.

ބަދިގެއަށް ވަދެ ނިންމަން ހުރި ކަންކަން ނިންމާލާފައި ފަޒީލާ ކޮޓަރިއަށް ދާން ނިކުތްއިރު ސޯފާގައި އަޖުވަދު އިނެވެ. އިސްޖަހާލައިގެން އިންއިރު ޓީވީގެ އަޑުވެސް ހުރީ މަޑުކޮށްފައެވެ. ފަޒީލާ ގޮސް ދާދި ގާތުގައި އިށީނެވެ.

"ބައްދަލުވިތަ؟ ކައިރީގައި އިށީނދެފައި ފަޒީލާ ބުންޏެވެ.

އަޖުވަދު ބޯޖަހާލިއެވެ. ދެން ފަޒީލާގެ އަތުގައި ދެއަތުން ހިފަހައްޓާލިއެވެ.

"މަންމަ އެހެރީ އުމުރު ދުވަހުގެ ހުކުމެއްގަ. ފަޒީ...، މަންމަ ވަރަށް ބަލި. ފުލުހުން ބުނި އަހަރެމެން ބޭނުމިއްޔާ މަންމަގެ ހާލަތަށް ރިއާޔަތްކޮށްފައި ގެއަށް ބަދަލުކުރެވިދާނޭ. އެކަމަކު މަންމަ ބޭނުމެއްނުވޭ. މަންމަ ހުރީ ވަރަށް ބޮޑަށް ބަދަލުވެފަ. މީހާގެ އެއްކޮށް ސިފަގެއްލިއްޖެ. ހިކި އިލޮށްޓެއްހެން ކިރިޔާ ކޮޅަށްވެސް ހުރެވެނީ. ގައިގަ ހުރީ ހަންކޮޅު އެކަންޏޭ ބުންޏަސް ދޮގަކަށްނުވާނެ. އިނގޭތަ އަހަރެން ކައިރީގައި އަހާލީ ކީކޭ ކަން" އަޖުވަދު އަސަރާއެކު ވާހަކަދެއްކިއެވެ.

"ފަޒީލާ ވިހައިފިހޭ. ކުއްޖާ މަންމައަށް ދައްކާލާނީ ކޮންއިރަކުންހޭ" އަޖުވަދު އެތެރެއަށް ނޭފަތް ދަމާލިއެވެ.

"ދެން އަޖޫ ތެދަށް ކިޔައިދިންނަމަ" ފަޒީލާ ބުންޏެވެ.

'އަހަރެން ބުނިން ފަޒީގެ ބަނޑަށް ތިންމަހުގަ ކުއްޖާ ފައިބައިގެން ދިޔައީ އޭ. އެހެންބުނީމަ ބުނެފި ކުރިން މަންމަ ކައިރީގަ ނުބުނީ މަންމަ ބޭކާރުވީމަ ދޯ އޭ" އަޖުވަދު ވާހަކަދެއްކިއެވެ.

ފަޒީލާ ތުންފަތުގައި ދަތްއަޅާލިއެވެ. ހަގީގަތުގައި ބުނަންޖެހެއެވެ. ގިސާމަތަކީ އަޖުވަދުގެ މައިމީހާ އަށް ވީތީއެވެ. އިންސާނަކަށް ބަދަލެއް އައިސްފައިނުވާނަމަ އެހާ ރީތިކޮށް ވާހަކަނުދެއްކީހެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. މާޒީގައި ހިނގާފައިވާ ކަމެއް މިހާރު އެވަނީ ހިނގާފަ. އެއީ އަހަރެމެންނަށް ބަދަލުކުރެވޭނެ ކަންކަމެއްނޫން. ކުރި ކަންކަމަށް މަންމައަށް ހައްގު އަދަބު އެދަނީ ލިބެމުން. ﷲ ގެ ހަޟްރަތުގައި މަންމަ ތައުބާނުވާ ކަމެއްވެސް ނޭނގެއެއްނު. ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭ. ހަޔާތުގެ ފަހުދުވަސްތައް އަހަރެމެން ގާތުގައި ހޭދަކުރަން މަންމަ ގެންނަވީނުން" ފަޒީލާ ބުންޏެވެ.

"އަހަރެން ބޭނުން. މަންމަ ބޭނުމެއްނުވޭ އަންނަން. އެކަމަކު އަހަންނަށް އަދި ވާހަކަދައްކާލެވިދާނެ" އަޖުވަދު ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. ހިނގާ ކާންދަމާ. ކާން ހަދައިގެން އިންނަތާ ކޮންއިރެއް" ފަޒީލާ ބުންޏެވެ.

ފުން ނޭވައެއް ދޫކޮށްލާފައި އަޖުވަދު ތެދުވިއެވެ. ފަޒީލާގެ ފަހަތުން ގޮސް އޭނާ ކާ މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.

"ޝައުން ކިޔަވާ ނިމިގެން އައިމަވެސް މިޖެހެނީ އެކަނި ކާން. ކޮބާތަ އޭނަ؟ ކާފަގެ ޝިނާ ވެސް މިއަދު ނުފެނޭ. އެކުދިން ނެތީތަ ގޭގަ" ކުރިމަތީގައި އޮތް ބަތްކާ ތަށި ހެޔޮފުށަށް ފޮރޮޅާލަމުން އަޖުވަދު ވާހަކަދެއްކިއެވެ.

"ފޮޓޯނަގަން ދިޔައީ. އީނާ ބުނި ވަރަށް އަވަހަށް އަންނާނަމޭ" ފަޒީލާ ބުންޏެވެ.

****

ވަގުތަކީ އިރުއަރަމުން އައި ވަގުތެވެ. ދީމާ ސީދަލަށް އޮތް ހަނި މަގަކަށް ކާރެއް މަޑުކޮށްލިއެވެ. އިރުކޮޅެއްނުވެ އެއްފަރާތުން ފައިބައިގެން ކާރު ވަށާލާފައި ގޮސް ނިހާން ދޮރުހުޅުވާލިއެވެ. އަތްދިކޮށްލުމާއެކު ރޫޔާގެ އުނގުގައި އިން ދޮޅު އަހަރުގެ ނާޒެޝް ނިހާންގެ އަތުގައި އެލިގަނެއްޖެއެވެ. ކާރުން ރޫޔާ ފައިބަން ނިހާން އެހީވެދިނެވެ. ނުވަމަހުގެ ބޮޑު ބަނޑާއެކު ރޫޔާ އަށް ކުރިއަށް ހިނގަން އުނދަގޫވެފައި ހުރި ކަހަލައެވެ. ރޫޔާގެ އުނގަނޑުގައި އެއް އަތުން ވަށާލާފައި މަގު ހުރިގޮތަށް އެ އާއިލާ ހިނގައިގަތެވެ.

ހުސް ހުދުކުލައިގެ ފޭރާމުގައި ތިބި އެ އާއިލާ ފައިބައިގެން ދިޔައީ ނިހާނާއި ރޫޔާގެ ހަޔާތުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެދެމަފިރިންގެ ލޯބި ފަށައިދިން ލޯބީގެ މަންޒިލަށެވެ. ވާދީ އަށް ދިޔުމަށް ފަތިހުގެ ވަގުތު ދެމަފިރިން ނިންމީ އެވަގުތަކީ ވާދީ އެންމެ އަމާންވަގުތަށް ވާތީއެވެ. ވީ ވެސް އެހެންނެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ވާދީގައި ނެތެވެ. ދޫނި ސޫފާސޫފީގެ ނަލަ އަޑުން މުޅި ސަރަހައްދު ގުގުމާލާފައި ހުރިއިރު ފަތިހަށް ފޮޅިފައިވާ މާތަކާއި ފޮޅެމުން އަންނަ މާތަކުގެ ހިތްގައިމު މީރު ވަސް މުޅި ވާދީގައި ހުރީ ހިފާލާފައެވެ. އެހެންނަމަވެސް މިފަހަރު އެވަހުން ރޫޔާ އަށް ވީ އުނދަގުލެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިންފަހުން ރޫޔާ އަށް މީރުވަހެއް ދުވަނީ ހަމައެކަނި ނިހާންގެ ގައިން އެކަންޏެވެ. އުނދަގޫވެގެން އެންމެފަހުން ނޭފަތުގައި ރޫޔާ އަތް އެޅިއެވެ. އެ މަންޒަރު ފެނުމުން ނިހާންގެ އަތްމަތީގައި އިން ނާޒެޝް ވެސް އެއް އަތުން ނޭފަތުގައި އަތް އެޅިއެވެ. އަދި އަނެއް އަތުން ނިހާންގެ ނޭފަތުގައި ވެސް އަތް އެޅިއެވެ. ނާޒެޝްގެ ލޯބިލޯބި އެ އަމަލުން ނިހާނާއި ރޫޔާ އެއްކޮށް ހީނލެވިއްޖެއެވެ.

ނިހާނާއި ރޫޔާ މަޑުކޮށްލީ ދެމަފިރިންގެ ހަޔާތުގައި އައި އެންމެ މުހިންމު ތާރީހުތައް ކަނޑާ ނަގާފައިވާ ބޮޑު ގަސް ކައިރީގައެވެ. ވިނަތަކުގެ މައްޗަށް ނާޒެޝް ދޫކޮށްލާފައި ނިހާން އިށީނެވެ. ބަނޑާއެކު ރޫޔާ އަށް އިށީންނަން ދަތިވުމުން އެންމެފަހުން ނިހާން ތެދުވިއެވެ. ރޫޔާގެ ގައިގައި ބައްދާލައިގެން ނިހާން ހުއްޓެވެ. ދެމަފިރިންގެ ނަޒަރު ސީދާވެފައި ހުރީ ހަސްތީ ތެރެއަށެވެ. ތާޒާ މާތަކާއެކު ކެނޯތައް އޮތީ ލޯބިވެރިންނަށްޓަކައި ތައްޔާރުކޮށްފައެވެ.

"ކިހާ އިރަކު ނައްޓާލައިގެން ދެވޭނީ؟" ނިހާން އަހާލިއެވެ.

"މިތަނުން ނިކުންނަ ގޮތަށް ހޮސްޕިޓަލަށް ދާންޖެހޭނީ. އަހަންނަށް ޔަގީން ނިހާންގެ ޕްރިންސް މިއަދު ދުނިޔެއަށް އަންނާނެކަން. އަދިވެސް އެއްވެސް ވަރަކަށް ނުރިއްސައޭ. އެމީހުން މިއަދު އަހަރެންގެ ބަނޑު ފަޅާލާނެ" ރޫޔާ ބުންޏެވެ.

"އެކަމު ނާޒެޝް ގޮވައިގެންތަ ދާނީ" ނިހާން ބުންޏެވެ.

"އެހާއިރަށް މަންމަ އާ ބައްޕަ ދާނެ ހޮސްޕިޓަލަށް. ހޮސްޕިޓަލުން ދޫކޮށްނުލަނީސް އަޖޫބައްޕަ އާ ފަޒިއްތަވެސް އަހަންނަށް ޒިޔާރަތްކުރާނެ. ދެރަވަނީ ނިހާންގެ މަންމަމެންނަށް ނާދެވުނީމަ" ރޫޔާ ބުންޏެވެ.

"އެއީ ނައި ވެސް ވިހަން ކައިރިވެފަ އިނީމަ. ނައި ކައިރީގަ މަންމަ ނޫނީ އެކަކުވެސް ނެތެއްނު. ލަވް ދެރަނުވައްޗޭ މާބޮޑަށް" ނިހާން ބުންޏެވެ.

"ދެރައެއްނުވެޔޭ..." ނިހާންގެ އަތުތެރޭގައި ހުރެފައި ރޫޔާ ދުރަށްޖެހިލިއެވެ. ދެން ނިހާންގެ ޖީބުގައި އޮތް ކާރުގެ ތަޅުދަނޑި ނަގާފައި ގަހުގައި ކަނޑާފައި ތާރީހުތަކުގެ އެންމެ ތިރީގައި މިއަދުގެ ތާރީހު ކެނޑިއެވެ.

"މިއަދަކީ އަހަރެމެންގެ ނުޔާން އުފަންވާނެ ދުވަސް. ނާޒެޝް އަށް ދެ އަހަރުފުރޭ ދުވަހާއި ނުޔާން އަށް އަހަރު ފުރޭ ދުވަސް ސެލެބްރޭޓްކުރަން އަހަރެން ބޭނުންވަނީ މިތަނުގަ" ރޫޔާ ބުންޏެވެ.

"މިއަދާ ހަމައަށްވެސް ރޫ ބޭނުންވި ކޮންމެ ކަމެއް އަހަރެން ކޮށްދިނިން. އިންޝާﷲ ތިއެދުންވެސް ފުއްދައިދޭނަން" ނިހާން ބުންޏެވެ.

ކުއްލިއަކަށް ދެމަފިރިން ބަލައިލީ ނާޒެޝްގެ ހިނިގަނޑެއްގެ އަޑަށެވެ. ވާދީ ބަލަހައްޓާ މީހާ އާއެކު ނާޒެޝް ދިޔައީ ކެނޯ ދުއްވަމުންނެވެ. ނާޒެޝް ގޮވައިގެން ވާދީ އަށް މާގިނައިން އައިސްފައި ވާތީ، ވާދީ ބަލަހައްޓާ މީހާ އާއި ނާޒެޝް އާ މެދު އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ. ކެނޯ ތެރޭގައި ހުރި މާތައް ނާޒެޝް އުކަމުން ދިޔައިރު އެ މަންޒަރު ބަލަހައްޓައިގެން ހުރި ނިހާނަށް ސިފަވީ ރޫޔާގެ ލޯތްބަށް އެދުނު ދުވަހެވެ. ނިހާން ރޫޔާ އަށް ބަލައިލިއެވެ. ރޫޔާ ވެސް ބަލަހައްޓައިގެން ހުރީ އެދިމާލަށެވެ. އެއް އަތުން ނާޒެޝް އަށް އަތްހޫރަމުން ރޫޔާ ދިޔައެވެ. އެހިނދު ނިހާން ރޫޔާ އާ އިތުރަށް ގާތްވެލިއެވެ. މޫނާ މޫނު ގާތްކޮށްލާފައި ރޫޔާގެ ކޯތާފަތުގައި ނިހާން ބޮސްދިނެވެ.

ނިހާނާއި ރޫޔާގެ އުފާވެރި ދިރިއުޅުން އަދި ހިތާމަ އާއި ހިތްދަތިކަން ތަހައްމަލުކުރަމުންދާ ކޮންމެ މީހެއް، ތާއަބަދު އުފާވެރިކަމާއި ފާގަތިކަމުގައި ލައްވާށިއެވެ.

-ނިމުނީ-

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟