ވާހަކަ

ނުފޫޒަކުން - 45

2

ފަތިސް ނަމާދަށްފަހު ފަޒީލާ ބަދިގެފަރާތަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ސަލާމަތުން ހުރި އެކައްޗެއްވެސް ނެތެވެ. ތަށިތައް ހުރީ ތަޅާލާފައެވެ. ކަރަންޓް ވާތައް ހުރީ ބުރިކޮށްފައެވެ. އައިސްއަލަމާރީގައި ހުރި ކާއެއްޗިއްސާއި ކެއުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތައް ހުރީ ބިންމަތީގައެވެ. ފަޒީލާގެ ބޮލުގައި ރިއްސައިގަތެވެ. އެއީ ގިސާމަތުގެ ކަމެއްކަން ފުރަތަމަވެސް އޭނާ އަށް އެނގިއްޖެއެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ބޭނުމެއް ނެތްކަން އެނގުމުން ފަޒީލާ އައީ ކޮޓަރިއަށެވެ. އެނދުގައި އިށީނދެގެން އިންނަތާ މާގިނަ އިރެއް ނުވެ އަޖުވަދު އައިސް ވަނެވެ. އެހެން ދުވަސްތަކު ނުފެންނަ ވަގުތެއްގައި ފަޒީލާ ކޮޓަރީގައި އިނުމުން ކައިރީގައި އިށީނދެފައި އަޖުވަދު ސުވާލުކުރިއެވެ.

"ބަލީތަ؟"

އަޖުވަދުގެ އަތުގައި ހިފައިގެން ފަޒީލާ ކޮޓަރިން ނިކުތެވެ. އޭނާ އައީ ބަދިގެއަށެވެ.

"މަންމަގެ ކަންތައް" އަޖުވަދު ބުންޏެވެ.

"ދެން ކިހިނެއްހަދާނީ؟" ފަޒީލާ ބުންޏެވެ.

"އެބައިގައި މިއަދުން ފެށިގެން ފުރަންވަންދެން ކައްކާނީ ދޯ. ބަޔަކު ގެނެސްގެން މިއަދު މިތަން ހަމަޔަކަށް އަޅުވާލާނަން. އަހަރެމެންނަށް ކީއް؟ މަންމައަށް ޖެއްސުންކުރެވޭނީ ކުޑަވަގުތުކޮޅަކު" ފަޒީލާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން އަޖުވަދު ބުންޏެވެ.

"އަހަރެން މިދަނީ މިކަމާ އުޅެން. ފަޒީ ގޮސް ވަރަށް މީރުކޮށް ކޮފީއެއް ހަދާލަބަލަ" އަޖުވަދު ބުންޏެވެ.

ފަޒީލާ ނިކުތީ ކުރިން އޭނާ ދިރިއުޅުނު ބަޔަށެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހަތަރު އަންހެންކުދިން ތިބީ ސައި މޭޒު ކައިރީގައެވެ. އެކުދީން މިބަޔަށް އައި އިރެއް ފަޒީލާއަށް ނޭނގެއެވެ.

"ތިކުދީންގެ ކޮޓަރިތަކުގައެއް ނޫންތަ ނިދީ" ފަޒީލާ އެހިއެވެ.

"ނިދޭތަ؟ ގިސާމަތު ހީވަނީ ހޭ ބުއްދި ފިލައިގެން އުޅުނުހެން. އެއްޗެއް ބޮވިފަ ތޯއްޗެ ރޭގަ ހުރީ" އީނާ ބުންޏެވެ. ރަނގަޅަށް ނުނިދުމުން އީނާ އިނީ ރުންކުރުވެފައެވެ.

"އޭނަ ކީއްކުރީ. ކޮޓަރިތަކުގަ ތަޅުލައިގެން ނޫންތަ ތިބީ. އަޖޫބެ ބުންޏެއްނު ފަޒިއްތަ އާ އަޖޫބެ ނޫން މީހަކު ކިތަންމެ ވަރަކަށް ޓަކިޖެހިޔަސް ނުހުޅުވައްޗޭ" ފަޒީލާ ބުންޏެވެ.

"ނުހުޅުވަމޭ. ދޮރުގައި އޭނާގެ އަސާއިން ތަޅާ އުނދަގުކުރީ. ފަޒިއްތަމެންނަށް ހޭލެވިގެން އަންނާނެކަމަށް ހީކުރީ. އެންމެފަހުން ބޮލަށް ތުރާވެގެން އެންމެން އެއްބައި ކިޔަފަ ނިކުމެގެން އައީ މިބަޔަށް" ޒޫނާ ވާހަކަދެއްކިއެވެ.

"އެއީ އިއްޔެގަ އަޅުގަނޑު ނިހާނާއެކު ފެނިފަ އަދި ނިހާން މާމަ ރުޅިއަރުވާލީމަ. އެވަރުގަނޑު އެބޭލީ ރޭގަ. އަޅުގަނޑަކަށް ހިއެއްނުވޭ މިހާރަކު މާމަ ހަމަހެންނެއް" ރޫޔާ ބުންޏެވެ.

"ހަތްބޯ ރާއްސެއް ކަހަލަ އަންހެނެއް. އަޅާނުލާ. ފަހުން ރޭގަ ރަނގަޅަށް ނިދުނުތަ؟" ފަޒީލާ އެހިއެވެ.

"ދެން ނިދިން. މިއަދު ކުލާސް ނިންމާފަ ކުޑަ ޝޮޕިނއެއްކޮށްލަން ދާންކަމަށް މިއުޅެނީ" ޒޫނާ ބުންޏެވެ.

އެކަމަށް ތިންކުދީންނަށް ފަޒީލާ ހުއްދަ ދިނެވެ. ފުރުމުގެ ކުރިން ތިންކުދީން ކޮންމެހެން ބޭނުންވާ އެއްޗެހި ގަތުމަށް އަޖުވަދު ރޭގައި އެކުދީންނަށް ހުރީ ފައިސާ ދީފައެވެ. އަންހެންކުދީންނަށް ވީތީ އެކުދީންނަށް ފިރިހެންދަރިއަކަށް ކުރަންޖެހޭ ވަރަށް ވުރެ ޑަބަލް ހަރަދުކުރަންޖެހޭކަން އަޖުވަދު ހަނދާނުގައި ހުއްޓެވެ.

****

"މިއީ ދުލުކުރީގައި ޖައްސާލަން ކެރޭވަރުގެ އެއްޗެއް ނޫން. އެކަމަކުވެސް ކީއްކުރާނީ؟ ނުކައި ނުހުރެވޭނެ. ދަރިއެކޭ ކިޔާފަ މަށަށް ލިބިފައި ހުރީ ދަރި ޖަވާހިރެއްވިއްޔާ" ގިސާމަތު އިނީ އެނދުގައެވެ. އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި ބަނަހެއް އޮތެވެ. އެއީ ފަތިހު ބޭރަށް ގޮސްފައި އައިރު ޝައުކަތު ގެނެސްދިން ކާއެއްޗެކެވެ.

"ކީއްކުރަން ކުރި ކަމެއް އެއީ. މީހުންނަށް ޖެއްސުންކުރުން ހުއްޓާލާނީ ކޮންއިރަކުން؟ ދެން މިހާރު ހުއްޓާލަންވެއްޖެއްނު" ޝައުކަތު ވާހަކަދެއްކިއެވެ.

"ނުހުއްޓާނަން. އެ ފަޒީލާގެ ދިރިއުޅުން ނަރަކައަށް ނަހަދައިފިއްޔާ މަގޭ ނަމަކަށް ގިސާމަތެކޭ ނުކިޔާނެ" ގިސާމަތު ބުންޏެވެ.

ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ޝައުކަތާ ގިސާމަތު އެކަކު އަނެކަކަށް ބަލައިލިއެވެ. އެދޮރުގައި ގޭތެރެއިން މީހަކު ޓަކިޖަހާނުލާތާ ކިހާ ދުވަހެއް ހެއްޔެވެ؟

"އަޖުވަދަށް ވިއްޔާ މި ސައިތަށި މޫނަށް ޖަހާނަން" ގިސާމަތު ބުންޏެވެ. އަޖުވަދު ދެފަރާތަށް ބޯހޫރާލިއެވެ.

ޝައުކަތު ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ހީކުރިގޮތަށް ދޮރުމަތީގައި ހުރީ އަޖުވަދެވެ. އަޖުވަދުގެ މޫނުމަތިން ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ.

"ކޯޗެއް ހޯދަން މިހިރަ ހަޔާތްކުޑަ ޖަނަވާ..... ހަމަމިހާރު ރައްކާވޭ މަގޭ ލޯމަތިން. މިހާރު ހިތަށް އަރާ ވިހޭތަނުން މަރުވިނަމައޭ" ގިސާމަތުގެ ރަހުމުކުޑަ ބަސްތަކުން އަޖުވަދުގެ ހިތް ފުއަޅައިގެން ދިޔަކަހަލައެވެ. އެއީ މަޔަކު ދަރިއަކާ ދިމާލަށް ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ.

"ގިސާ..." ޝައުކަތު އަޑުހަރުކޮށް ގޮވާލިއެވެ.

ވަގުތުން ގިސާމަތު މައިތިރިވިއެވެ.

"ކިހިނެއްވީ ދަރިފުޅާ" ޝައުކަތު އަހާލިއެވެ.

"ބަޔަކު އައިސް އެބަތިބި. ހިނގާ ބޭރަށް" ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އަޖުވަދުގެ އަޑު އައީވެސް ފާޑަކަށެވެ. އަޖުވަދު ބުންޏެވެ.

އެހެން ބުނެފައި އަޖުވަދު ހިނގައިގަތެވެ. މަޑުމަޑުން ދޮރުލައްޕާލިގޮތަށް ޝައުކަތު ކަންބޮޑުވެފައި ބަލައިލީ ގިސާމަތަށެވެ. އެންމެފަހުން އެވަގުތުކޮޅު އައިސް ޖެހުނީއެވެ. ލޯބިވާ އެންމެން ދޫކޮށް ދުވަހަކުވެސް ދާންޖެހިދާނެ ކަމަށް ހީނުކުރާ ވޭންގަދަ ގޮޅިތަކަށް ޒިޔާރަތްކުރަންވީ ވަގުތު ޖެހުނީއެވެ. ޝައުކަތު ކަރުއެލުވާލިއެވެ.

"ބޭނުންވާ އެއްޗެއް އޮތިއްޔާ ދަބަހަށް އަޅައިގެން ހިނގާ. މިތަނުން މީހަކު އެއްވެސް ކޮށްދޭނެކަމަށް ހީނުކުރާތި" ޝައުކަތު މަޑުމަޑުން ބުންޏެވެ.

"ތިބުނީ؟ ބަޔަކު އައިސްތިބި ވާހަކަ ބުނީ" ކޮޅަށް ތެދުވަމުން ގިސާމަތު ބުންޏެވެ.

އާނ. އެ އައީ ފުލުހުން. އަހަރެމެން ބަލާ. ދެންވެސް ހިނގާ" ޝައުކަތު ބުންޏެވެ.

"ފުލުހުންނޭ... އަސްތާ...." ވަގުތުން ގިސާމަތުގެ ދެފައިގައި ތުރުތުރު އަޅަން ފެށިއެވެ. އޭނާ އަށް ބޭރަށް ނިކުމެވުނީ ޝައުކަތުގެ އެހީތެރިކަމާއެކުގައެވެ.

****

މަންމަ ހައްރުވެގެންދާ މަންޒަރު ބަލަން ކެތްނުވުމުން އަޖުވަދު އެނބުރުނީ އަނެއްފަރާތަށެވެ. އޭނާގެ މޭގައި އޮތް ހިތް އަޑުވީއްލާ ރޮމުން ދިޔައެވެ. ތަކުރާރުކޮށް އޭނާގެ ހިތާ ނަފްސު އޭނާއަށް ހަނދާންކޮށްދެމުން ދިޔައެވެ. މިއީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ނޫނެވެ. މިއީ ހަމަ ހަގީގަތެވެ. ކުށްވެރިންނަށް މިނިވަންކަމުގައި އޮތް ވަގުތު ހަމަވީއެވެ. ބާކީ އޮތީ ގާނޫނުގެ ބައެވެ. އެއަށްފަހު އިލާހީ ގާނޫނެވެ. މަންމައަށް ކުރިން ވިސްނުނުމަ ކިހާ ރަނގަޅު ހެއްޔެވެ؟

"އިހަށް މަޑުކުރޭ" ގިސާމަތާ ދިމާލަށް އައި ދެ ފުލުހުންނަށް އޭނާ ބުންޏެވެ.

"ކޮން ހައިސިއްޔަތަކުން ކަލޭމެން އަހަރެން ބަލާ ތިއައީ" ގޮތްދޫކުރަން ގިސާމަތު ބޭނުންނުވިއެވެ.

އެވަގުތު ވަދެގެން އައި ހަންނާ އާއި ހަބީބް ފެނުމުން ގިސާމަތު ދަތްކުނޑި ވިކައިގަތެވެ. ވަގުތުން ހަންނާގެ މޫނުމަތީގައި ލޭކޮށާލާނަމޭ އޭނާގެ ހިތަށް އެރިއެވެ.

"އެބޭފުޅުންނަށް އެއްބާރުލުންދީ" ޝައުކަތު ބުންޏެވެ.

"ކޯޓު އަމުރު ދައްކާފައި ގިސާމަތުގެ ދެއަތުގައި ބިޑި އަޅުވަން އުޅުމުން ހަޅޭއްލަވަން ފެށިއެވެ. އޭނާގެ ބުއްދިއަށް ވީގޮތެއް ނޭނގުނެވެ. ކިޔޭ ނުކިޔެއެއް ނޭނގި ގޭ ދޮރާ ހަމައަށް އޭނާ ނެރެން ޖެހުނީ ދަމާފައި ކަހަލަ ގޮތަކަށެވެ. އެހިނދު ހިތަށް ކެތްނުވެ އަޖުވަދަށް މަންމަ އާ ދިމާލަށް ހިނގައިގަނެވިއްޖެއެވެ.

"ތިމާ އަކީ އާރާ ބާރު އޮތް މީހެކޭ ހީކުރި އަމިއްލައަށް. ގުދުރަތުން ދެ ފޮތި ފައިސާ ދެއްވުމުން މީހާ ބޮޑާވި. މިހާރު ކަލެއަށް އެނގޭނެ މިދުނިޔެއިން ކަލެއަށް ލިބޭނީ އަހަރެމެންނަށްވެސް ލިބޭ ހަފޫޓުގެ ވަޅުގަނޑެއްކަން. އަހަރެންވެސް އަބަދަށްޓަކައި ނިދަންޖެހޭނީ ވެލި ތަންމައްޗެއްގަ. ކަލެއަށް ވެސް އޮތީ ހަމަ އެގޮތް. ކަލޭ މަރުވީމަ ހިނަވާ ކަފުންކުރަން ފޮނުވަނީ މަލާއިކަތްބޭކަލުންގެ ފައުޖެއްނޫން. ހަމަ އަހަރެން ކަހަލަ އާދައިގެ އިންސާނެއް. ކަލޭވެސް ލާނީ ފިލަ އާއި މަޅުން ހަދާފައިވާ ފޮށްޓަކަށްމިއަދު ކަލެއަށް ތި ފެންނަނީ ކަލޭގެ ފެންވަރު. ދެންވެސް ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން ﷲ ގެ މަގަށް ރުޖުއަވޭ" ގިސާމަތަށް އިވޭވަރަށް ހަންނާ ވާހަކަދެއްކިއެވެ.

އިޝާރާތުން ހުއްޓާލަން ހަބީބް ނުބުނިނަމަ ހަންނާ ހުރީ ހުއްޓާ ގޮތަކަށް ނޫނެވެ.

ގިސާމަތުގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ. އޭނާ އަށް ހީވީ އޭނާގެ ފަހުވަގުތު ޖެހުނީހެންނެވެ. ހަންނާގެ ބަސްތައް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. މުޅި ގައިން ހީބިހި ނަގާލައިފިއެވެ. އަލުން އެންމެ ފުރުސަތެއް ލިބޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. އަތުގައި އޮޅުވާފައި އޮތް ބިޑި ފެނުމުން ހީވީ ކަރުތެރެ ހިކި އާނަކަށްވެގެބން ދިޔަހެންނެވެ. ވޭނެއްގައި އުޅޭ މީހަކު ފަދައިން އޭނާ ކޮށިއަރަން ފެށިއެވެ.

"ދަރިފުޅާ... އަޖުވަދު... މަންމަ ސަލާމަތްކުރޭ. މަންމަ ގެންދިޔަނުދީ.. މަންމަ ދެން އެހެން ނޫޅޭނަމޭ" ވެހިކަލަށް ގިސާމަތު އެރުވިއިރު ކިޔަމުން ދިޔަ ބަސްތައް ފަހަތުން ރޮމުން ކަހަލަ ގޮތަކަށް އައި އަޖުވަދަށް އިވެމުން ދިޔައެވެ.

ފުލުހުންގެ އެންމެ އިސްކޮށް ހުރި މީހާ ވަކިން އަޖުވަދާ ވާހަކަތަކެއް ދައްކާފައި ނިކުމެގެން ދިޔައެވެ. ވެހިކަލް ނިކުމެގެން ދަންދެން ހުރި ފިޔަވަޅުމަތީގައި އަޖުވަދު ހުއްޓެވެ. އޭނާގެ މެއަށް ބާރުވެގެން ގޮސް ހީވަނީ ހިތް ފަޅައިގެންދާން އުޅޭހެންނެވެ. ފަޒީލާ އައިސް އަތުގައި ހިފުމާއެކު އަޖުވަދަށް ރަނގަޅަށް ރޮވިއްޖެއެވެ. އަޖުވަދު ގޭތެރެއަށް ވެއްދީ އެއްފަރާތުން ފަޒީލާ އަދި އަނެއްފަރާތުން ރޫޔާ ހިފަހައްޓައިގެންނެވެ.

****

ފާއިތުވެގެންދާ ކޮންމެ ވަގުތެއް އަޖުވަދަށް އުނދަގޫކުރަމުން ދިޔައެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން އޭނާ އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. ގާތުގައި ތިބި ހުރިހާމީހުން އޭނާއަށް ހިތްވަރުދެމުން ދިޔައެވެ. މިވަގުތު މަންމައަށް އެންމެ ރަނގަޅުތަނަކީ އެތަން ކަމުގައި ބުންޏެވެ. ވަގުތާއެކު ގިސާމަތަށްވެސް ވިސްނޭނެކަމަށް ބުންޏެވެ. ބައެއް ހާލަތްތަކުގައި ގިނަމީހުންނަށް ރަނގަޅު މަގު ފެންނަނީ އެގޮތަށް އަދަބެއްދެވި އެކަނިވެރިކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ހިނދުގައެވެ. ހިތުގައި ޒައްރެއްގެ މިންވަރަށްވެސް އީމާންތެރިކަމެއް ހުރި މީހެއް ވިއްޔާ އެކަނިވާވަގުތު މަރު މަތިން ހަނދާންވާނެއެވެ.

"އެކަމަކުވެސް... މަންމަ އޭ އެއީ... އަހަންނަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. ފަޒީ! އަހަންނަށް ފާފަ ހުންނާނެތަ؟ އަހަރެން މަސައްކަތްކުރީން މަންމަ ރަނގަޅުވޭތޯ. އަހަރެން ކިތަންމެ ބޭނުންވިޔަސް ބައެއްގެ ހައްގުތަކަށް މަންމަ އަރައިގަނެފައި ހުރީމަ އެމީހުން މަންމައަށް ދޫކޮށްލާނެތަ؟ ފަހު ވަގުތު ފުލުހުންގެ އޮފިސަރެއް އަހަރެން ކައިރީގައި އެދެއްކީ އެވާހަކަތައް. އެތައް ދައުވާތަކެއް މަންމަގެ މައްޗަށް އުފުލޭނެކަމަށް. މަންމަގެ އުމުރަށާއި ސިއްހީ ހާލަތަށް ބަލާފައި ވިޔަސް ގޮތެއް ނިންމަން އުނދަގޫވާނެކަމަށް. އެބައި ކުރިއަށް ގެންދާނީ ކޯޓުންނޭ ބުނީ" ފަޒީލާގެ އަތުގައި ހިފައިގެން އިނދެ އަޖުވަދު ކިޔަމުން ދިޔައެވެ. ރޮއެރޮއެ އޭނާގެ ދެލޯ ރަތް ލޭކޮޅަކަށް ވެއްޖެއެވެ.

"ދެން ހިތާމަކުރުން ހުއްޓާލާ. މިކަން މިނިމުނީނު. މަންމަ ދުނިޔެ އަޅާފައި ދިޔައީކީ ނޫނެއްނު. އަދިވެސް ވަގުތުފާއިތެއްނުވޭ. އަދިވެސް މަންމަ އަށް ހިދާޔަތް ދެއްކެވުމަށް އެދި ދުއާ ކުރެވޭނެ. ﷲ ގެ އިރާދަފުޅުގައި ހުރިއްޔާ އަދިވެސް މަންމަ ގޮވައިގެން އުޅުމުގެ އުފާވެރިކަން ލިބިދާނެ. އަޖޫ އެކަންޏެއް ނޫނޭ. އަހަރެން އަބަދުވެސް އަޖޫ އާ އެކު ހުންނާނަން. އަޖޫ އަށް ލިބޭ ކޮންމެ ހިތާމައެއްގަ އަދި ކޮންމެ ދެރައެއްގަ އަހަރެން އެބަހުރީމު. އަހަންނަށް އިތުބާރުކުރޭ" ފަޒީލާ ލޯތްބާއެކު ވާހަކަދައްކަމުން ދިޔައެވެ.

"ދެން ހިނގާ. ހަބީ އާ ހަންނާ ހީކުރާނީ ކީކޭ. އަނގައިން ނުބުނެ ތިއްބަސް އެމީހުންވެސް ތިބީ ފާޑަކަށް ދެރަވެފަ. އަނެއްކޮޅުން އަހަރެމެންގެ ރޫ ގެ ވާންއުޅޭ މައިދައިތަ އާ ބަފައިބެވެސް އެބައިން. ހިނގާ އުފާވެރި މޫނަކައިގެން އެމީހުންނާ ބައްދަލުކޮށްލަން"

ފަޒީލާގެ އެތައް ހިތްވަރަކާއެކު އަޖުވަދު އެނދުން ތެދުވިއެވެ. ފާހާނާއަށް ވަދެ ރީއްޗަށް މޫނު ދޮވެލިއެވެ. ވުޟޫކޮށްލައިގެން ނިކުމެ އޭނާ ދެ ރަކްއަތް ނަމާދެއް ކޮށްލިއެވެ. ސަޖިދައިގައި އޮވެ އޭނާގެ ފާފަތައް ފުއްސެވުމަށް އެދި ދުއާ ކުރިއެވެ. އެކަލާނގެ މެދުވެރިކުރެއްވި ކޮންމެ އިމްތިހާނަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރިއެވެ. މަންމަގެ ފާފަތައް ފުއްސަވާ އަދިއެއްފަހަރު މަންމަ އާ އެކުކޮށްދެއްވުމަށް އެދި ދުއާ ކުރިއެވެ.

"އަހަރެން ހީލައިގެން ހުރެ ދިޔައިމަ އެތަނުން މީހަކު ނުބުނާނެތަ މަންމަ ލޯމަތިން ގެއްލުނީމަވެސް އަހަރެން ހެނީ އޭ" ކޮޓަރިން ނިކުތުމުގެ ކުރިން ފަޒީލާ އަށް އަޖުވަދު ބުންޏެވެ.

"ތިއީ މުޅިންވެސް ވަހުމް. އިންސާނާ ބަލިކަށިވާ ވަގުތު ޝައިތާނާ އެންމެ ބޮޑަށް މަސައްކަތްކުރާނީ އިންސާނާގެ ސިކުނޑީގައި ވަސްވާސްތައް އުފައްދަން. މިދުވަހަށް އަހަރެމެން މާކުރީން ތައްޔާރުވީމެއްނު" ފަޒީލާ ބުންޏެވެ.

****

ވަގުތާ ހާލަތާއެކު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ކޮންމެ ނަމާދަކަށްފަހު އަޖުވަދު ދުއާ ކުރަމުން ދިޔައެވެ. ހެއްދެވިފަރާތާ މެދު އޭނާގެ ހިތުގައި އޮތް ޔަގީންކަން އިތުރަށް ވަރުގަދަ ކުރިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާ އުންމީދު ކަނޑާނުލައެވެ.

އަސުރުން ފައިބައިގެން ގެއަށް އައިސް ވަންއިރު ގޭތެރެ އޮތީ ހަލަބޮލި ކޮށެވެ. ރޫޔާ ގެ ކައިވެންޏަށް މުޅި ގޭތެރެ އޮތީ ތައްޔާރުކޮށްފައެވެ. މަސައްކަތުގައި އުޅުނު މީހުން އެކިކޮޅުކޮޅަށް ދުވަމުން ދިޔައެވެ. ގޭތެރޭގައި ހޭލަމޭލަވެ އުޅުނު ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެންމެންގެ ހަރަކާތްތަކަށް ބަލަމުން ގޮސް އަޖުވަދު އިށީނީ ސޯފާގައެވެ. ކުރިމަތިން ހުރަސްކުރި ފަޒީލާ އަށް އަޖުވަދު ފެނުމުން ކޮޓަރިއަށް އައިސްލުމަށް އެދުނެވެ.

"އެތެރެއަށް ވަދެފައި ކޮޓަރި ދޮރު ފަޒީލާ ލައްޕާލިއެވެ.

"ހާދަ ވަރުބަލިވެފަ މަގޭ އަންހެނުން. މަސައްކަތުގެ މެދުތެރެއިން އަނެއްކާ ކިހިނެއްވީ؟ އަހަރެން މަތިން މާބޮޑަށް މިސްވީތަ؟" އަޖުވަދު ސަމާސާކޮށްލިއެވެ. އަދިވެސް އަޖުވަދުގެ އެގޮތްގަނޑު ނުކެނޑޭތީ ފަޒީލާ ހިނިއައެވެ.

"މިއުޅެނީ ވަރަށް އެހެންކަހަލަ ހަބަރެއް ދޭންވެގެން" ފަޒީލާ ބުންޏެވެ.

"އެހެންވިއްޔާ އަވަސްކުރޭ. އަހަރެންވެސް އެބަޖެހޭ ހަބީބް ކުރަންހުރި މަސައްކަތުގެ އެއްފަރާތުގަ ހިފަން. ދުނިޔޭގައި ހުރި އަހަރެންގެ ހަމައެކަނި ދަރިފުޅުގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ރޭ" އަޖުވަދު ބުންޏެވެ. ފަޒީލާގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރިގޮތުންވެސް އޭނާ ހިތްހަމަޖެހިފައިވާ މިންވަރު ހާމަވެއެވެ.

"އަހަންނަށް ހީވަނީ ރޫޔާގެ އެއްބަފާ ކުއްޖަކު އުފަންވާން އުޅޭހެން" ފަޒީލާ ބުންޏެވެ.

"ޔާރައްބީ..." ފުރަތަމަވެސް އަޖުވަދަށް ބުނެވުނީ އެހާވަރަށެވެ. އޭނާ އަށް ގަބޫލުކުރަން ދަތިވީއެވެ.

"ވެދާނެ. ޗާންސް އެބައޮތް" ފަޒީލާ ބުންޏެވެ.

އަޖުވަދުގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ހިތަށް ނުތަނަވަސްވެރިކަމެއް ވެރިވެގެން ދިޔައީ ދެމަފިރިންގެ އުމުރަށް ވިސްނާލާފައެވެ.

****

ލޯގަނޑު ކުރިމަތީގައި ހުރި ރޫޔާ ކައިވެނީގެ ހެދުން ގައިގައި ޖައްސާލިއެވެ. ކައިވެނީގެ ހެދުމުގެ ޝޯލް އާއި އެތެރެއިން އަޅާ ބުރުގާކޮޅު އިސްތިރިކުރަން ކޮޓަރީގައި ފަޒީލާ ހުއްޓެވެ. ހަންނާ ބޭރުން އައިސް ވަނީ އެވަގުތުއެވެ.

"ރޫ ވާނެ ފަސް ގަޑިބައިގަ ރީތިކޮށް ފެންވަރައިގެން ހުންނަން. ރީތިކޮށްދޭ ތިން އަންހެންކުދީން އަންނާނެ ހައެއް ޖަހަންވާއިރަށް" ހަންނާ ބުންޏެވެ.

"އެއީ ތެދެއް. ވުޟޫކޮށްގެން ހުންނާނީ. އޭރުން ވަގުތު ޖޭހޭއިރަށް ނަމާދުކޮށްލެވޭނީ" ފަޒީލާ ބުންޏެވެ.

"ދެން ތިބާއްވާފަ އާދެބަލަ" ރޫޔާގެ އަތުގައި ހިފާލަމުން ހަންނާ ބުންޏެވެ.

ހެދުން ކޮނޑުގައި އަޅުވާފައި ރޫޔާ އައިސް އިށީނީ ހަންނާ ކައިރީގައެވެ. ރޫޔާގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ހަންނާ ހީލިއެވެ.

"އެންމެފަހުން ދަރިފުޅުގެ ބޮޑު ރޭ. ދަރިފުޅުގެ ހަގިގީ ލޯބި ފިރިއެއްގެ ސިފައިގައި ތި ހާޔަތަށް އަންނަން ކުޑަ ވަގުތުކޮޅަކަށްވެއްޖެ" ހަންނާ ބުންޏެވެ.

"އިނގޭ މަންމާ. ޝުކުރިއްޔާ ތި ދެ މަންމައަށް ވެސް" ރޫޔާ ބުންޏެވެ. ރޫޔާ އެހެން ބުނިގޮތުން ފަޒީލާ އަށް ހެވުނެވެ.

"ފަޒީ، އަހަރެން މިދަނީ އެގެއަށް އިނގޭ. ބަލާނަން ތައްޔާރުވާނޭ ވަގުތުގައި އާދެވޭތޯ. ނިހާންގެ މައިންބަފައިންނަށް އަދި މިތަނެއް މާބޮޑަކަށް ނޭނގޭނެއްނު. އަހަރެމެންގެ ތެރެއިން މީހަކު ނުދިޔަކަން އެނގުނިއްޔާ ހަބީ ވަރަށް ހިތްހަމަނުޖެހޭނެ" ހަންނާ ބުންޏެވެ.

"އާނ ތިއީ ތެދެއް. ތަންކޮޅެއް ކުރީން އަޖޫ ބުންޏޭ ތިވާހަކަ. އެކަމު ހަންނު ދޭ. މިކޮޅު ކަންތައްތައް އަހަރެން ބަލާނަން" ފަޒީލާ ބުންޏެވެ.

ގިސާމަތުގެ ހައްޔަރަށްފަހު ދެފަރާތުގެ އާއިލާ އާ ވެސް ކުރިމަތިލާން ޖެހުނީ ފުން ހިމޭން ކަމަކާއެވެ. އަޖުވަދު ފަދައިން ހަބީބްވެސް އިންތިހާ އަށް ހިތާމަކުރިއެވެ. އެއްވެސް މީހަކަށް ދެރައެއް ލިބުމަކީ ދުވަހަކުވެސް އޭނާ ބޭނުންވި ކަމެއް ނޫނެވެ. އެހެންނަމަވެސް ގިސާމަތު ކަންތައްކުރި ގޮތާއި އޭނާ އުފުލާންޖެހުނު ވޭންތަކާއި ހިތަށް ލިބުނު ތަކުލީފުތައް އެފަދަ ފިޔަވަޅެއް އެޅުމަށް އޭނާއަށް މަޖުބޫރުކުރީއެވެ. ގިސާމަތުގެ ހާޒިރުގައި އޭނާއަށް ވެސް އަދި އޭނާ ލޯބިވާ އެއްވެސް މީހަކަށް ސުލްހަވެރިކަމާއެކު ނޫޅެވޭނެކަން އޭނާ ޔަގީންވެއެވެ. އަނެއްކޮޅުން ރާއްޖޭގެ މީޑިޔާތަކުގެ ފަލަ ސުރުހީގައި އެނޫން ވާހަކައެއް ނެތެވެ. މީހުންގެ ފާޑުކިޔުންތަކާއި ކެމެރާތަކަށް އަޖުވަދުވެސް އަދި ހަބީބްވެސް އުޅެންޖެހުނީ ފިލައިގެންނެވެ.

އެ ހިތާތަކަށް މަހެއްވެގެން ދިޔައިރު ދެފަރާތުގެ އާއިލާވެސް ތިބީ ހަމަޔަކަށް އެޅިފައެވެ. ނިހާނާއި ރޫޔާގެ ކައިވެނީގެ ވާހަކަތައް ފެށުނީ އެހިސާބުންނެވެ. ދާއުދަކީ ރަށު މިސްކިތުގެ މުދިމަށްވެފައި އެތައް ކުޑަ ކުދިންތަކެއްގެ އެދުރުބެއަށް ވީތީ މަހަކަށް ވުރެ ގިނަ ދުވަހު މާލޭގައި މަޑުކުރެވެން ނެތުމާވެސް އެކުގައެވެ. ހަބީބް އާއި ހަންނާ މާލޭގައި ދިރިއުޅުނުގެ ނިހާންގެ މައިންބަފައިން ބައިތިއްބާފައި އަޖުވަދުގެ އެދުމަށް ހަބީބްގެ އާއިލާ އެގެއަށް ބަދަލުވީއެވެ. އެހެނީ އެއީ ހަބީބްގެ ބޮޑު ހިއްސާއެއް އޮތް ގެއަކަށް ވީތީއެވެ. އަޖުވަދު އެދުނުގޮތަށް ފަޒީލާގެ ބެލުމުގައި ތިބި ތިން އަންހެންކުދީން ޖަރުނަމަށް ފުރިތާ އަދި ވީ އެންމެ ފަނަރަ ދުވަހެވެ. ރޫޔާގެ ކައިވެންޏަށް އަންނަން އެކުދީން ބޭނުންވިޔަސް ޔުނިވާސީޓީގެ ކިޔެވުން ފެށޭތީ އެއިން އެއްވެސް ކުއްޖަކަށް ބައިވެރިވެވޭ ގޮތް ނުވިއެވެ. ރޫޔާ ގެ ކައިވެންޏަށް ފަހު އަޖުވަދާއި ފަޒީލާ ޖަރުނަމަށް އަދި ހަންނާ އާއި ހަބީބް ކުރިން ދިރިއުޅުނު ގައުމަށް ދާން އެދަނީ ތައްޔާރުވަމުންނެވެ. އަޖުވަދާއި ފަޒީލާގެ ދިރިއުޅުން އެއްކޮށް ބަދަލުކުރި ނަމަވެސް ހަބީބް އާއި ހަންނާ އެދަނީ ރޫޔާގެ ހަނީމޫނު ދަތުރުގައި ރޫޔާ އާ އެކު ގޮސްލުމަށެވެ. ދެކުދިންވެސް ބޭނުންވީ އެކުދިންގެ ލޯބީގެ ފަސާނާ ފެށުނު ތަނުގައި ހަނީމޫނުގެ ދުވަސްތައް ހޭދަކުރާށެވެ.

****

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟