"ހެއްދެވިފަރާތަށް ނިމުމެއްނެތް ޝުކުރެވެ. އިއްޔެ އެއީ ކޮންފަދަ ހިތާމަވެރި ދުވަހެއް ހެއްޔެވެ؟ ކުއްލިއަކަށް ދިރިއުޅުމަށް ބިންދާލި ރާޅުގެ ބާރުގަދަކަން އަދިވެސް އިހުސާސްވުމުން ގައިން ހީބިހި ނަގައިގެންދެއެވެ. ލޯބިވާ ބަޔަކު ކުއްލިއަކަށް ލޯމަތިން ގެއްލުމުން އޭނާ ހިތަށް ކުރި ފުންއަސަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތަކުންނެވެ. ރަހުމުކުޑަ އިންސާނެއްގެ ނުފޫޒުން އޭނާގެ އުފާވެރި ދިރިއުޅުން ބަދަލުކުރި ދުވަސް އަދިވެސް ހަނދާނުގައި ހުއްޓެވެ. އެ ދިރިއުޅުމަށް ހޭނެން އެތައް ހިތްވަރެއް އޭނާ ކުރަންޖެހުނެވެ. މަންމަގެ ނަސޭހަތްތަކާ ފަޒިއްތަގެ ލޯތްބާ ބީރައްޓެއްސެއް ފަދައިން ދެކުނު އުފަން ބައްޕަގެ ދެލޮލުން ފެނުނު އޯގާތެރިކަމާއި ލޯބީގެ ސަބަބުން ދިރިއުޅެން ރޫޔާ ހިތްވަރު ހޯދިއެވެ. އޭނާ ކެތްތެރިވިއެވެ. އޭނާ ކެތްތެރިވީތީ އެކަމުގެ ނަތީޖާ މިއަދު އެފަރާތުން ދެއްވައިފިއެވެ. އޭނާއަށް ގެއްލުނު ދެމީހުންނާ ބައްދަލުވެއްޖެއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ.
"ރޫ..." ނިހާން އެގޮވާލީ ދެވަނަ ފަހަރަށެވެ.
"އެއްޗެކޭ ބުނިންތަ؟" ހިޔާލީ ދުނިޔެއިން ރޫޔާ ނިކުމެވުނީ ދެނެވެ.
"އަހަރެން ބުނީ ތިހާ ހެޕީ ނިއުސްއެއް ލިބުނީމަ ސެލެބްރޭޓް ކުރަންވާނެއްނު" ނިހާން ބުންޏެވެ.
"އެންމެން ޑިނާއަކަށް ދާން ޕްލޭންކޮށްފިން. ނިހާންވެސް ދާންވާނެ. ތިގޭ ދެކޮއްކޮވެސް މަންމަވެސް އަދި ބައްޕަވެސް"
ނިހާން ހީލި އަޑު އިވުނެވެ.
"ދެން ރޫ ގެ މަންމަ އާ ބައްޕަ ނުގެންދާނެތަ؟" ނިހާން ބުންޏެވެ.
"އެމީހުން އައިމައެއްނު. އަޅޭ އަވަހަށް އަންނާނެނަމަ. އަހަރެން މޮޔަވާނެ. ނިހާން. މިހާރުވެސް އިހުސާސްވާކަހަލަ. މަންމަގެ ވަސް ދޮވާހެން ހީވަނީ. ބައްޕަގެ ސެންޓް. އޯމައިގޯޑް.... ބައްޕަގެ ތުނބުޅި މަތިމަހުގަ އަހަރެން ކުޑަ ފުނަލަކުން ފުނާ އަޅުވާ ދުވަސްތައް. މަންމަގެ އިސްކޮޅަށް ބައްޕަ އާ އެކު އަހަރެން ވަރަށް ޖޯކުޖަހަން. އަލްހަމްދުލިއްލާހް. އަލުން އެދުވަސްތައް އިސާހިތަކު އަތުވެދާނެ"
ރޫޔާ ވާހަކަދައްކަމުން ދިޔައިރު މަގަށް ވުރެ ބޮޑަށް ނިހާނަށް ސަމާލުކަންދެވެނީ ސައިކަލުގެ އެއްލޯގަނޑުން ފެންނަން އިން ރޫޔާގެ މޫނަށެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރޫޔާ ހުންނާނީ އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންއެދާ މައިންބަފައިންގެ އަތުތެރޭގައެވެ. ރޫޔާ ގޮވައިގެން ނިހާން އެދަނީ އެކަނި އޭނާގެ މައިންބަފައިންނާ ބައްދަލުކުރާކަށް ނޫނެވެ.
****
"ތަޅު ހުންނާނީ ހުޅުވާފަ. ރޫ ހަމަ ގޮސް ގެއަށް ވަންނަންވީ. މަންމަމެން ތިބޭނެ ސޯފާގަ. މިއަންނަނީ ތަޅުދަނޑި ހަވާލުކޮށްލާފަ" ނިހާން ބުންޏެވެ.
ނިހާން ހިނގައިގަތުމާއެކު ރޫޔާ ނިހާންގެ އަތުގައި ހިފިއެވެ.
"އަޅެ. ނުކޭރޭނެ. ފުރަތަމަފަހަރު ވީމަ ލަދުގަންނާނެ ވަރަށް" ރޫޔާ ބުންޏެވެ.
"ނުގަންނާނެ. ރޫ އާ ފުރަތަމަ ބައްދަލުވާނީ ކުރިން ބައްދަލުވެފަ ތިބި ބައެއް" ރޫޔާގެ އަތަށް ފިތާލަމުން ނިހާން ބުންޏެވެ.
"ކޮންބައެއް؟" ރޫޔާ އަހާލިއެވެ.
"މިބުނީ ނައު އާ ނައި ގެ ވާހަކަ. ފޯނުން ވާހަކަދެއްކީމެއްނު. ދެން ދޭ ލަވް. ވަރަށް އަވަހަށް މިއަންނަނީ"
ނިހާން ހިނގައިގަތުމުން ރޫޔާ ލަސްލަހުން ދޮރާ ދިމާލަށް ދިޔައެވެ. ދޮރާ ހަމަވެފައި މަޑުމަޑުން ތަޅުގައި އަތްޖައްސާލިއެވެ. ނިހާންގެ މައިންބަފައިންނާ ބައްދަލުވާ ފުރަތަމަފަހަރު ގާތުގައި ނިހާން ނެތުމުން ރޫޔާ ނިހާނަށް ކުދި ކިޔާލާފައި ތަޅު އެތެރެއަށް ހުޅުވާލިއެވެ. އޭނާއަށް ފެނުނީ މުޅި ތަން އަނދިރިވެފައި ވަނިކޮށެވެ. ނިހާން ދެއްކީ ނުބައި ދޮރެއްކަން އެނގުމުން ރޫޔާ އެތެރެއަށް ނުވަދެ ފަސްޖެހުނެވެ. ފަހަތަށް ބަލައިލިއިރު ނިހާން މިހުރީ ފަހަތުގައި ޖައްސާފައެވެ.
"ތިއީ ހަމަ ރަނގަޅު ގެ. ލައިޓް ޖެއްސީމައެއްނު އަލިވާނީ. މަންމަމެން އެފަރާތުގަ ކަންނޭނގެ. އެކަމު ލައިޓްތައް އެއްކޮށް ނިއްވައިގެން ނުވާނެއްނު" ރޫޔާގެ އަތްތިލައިގައި ހިފަހައްޓާލަމުން ނިހާން ބުންޏެވެ.
ރޫޔާ އެތެރެއަށް ވަނީ ނިހާނާ އެކުގައެވެ. ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައީ ވަކި ހިސާބަކަށް ދެކުދީންނަށް ވަދެވިފައި ވަނިކޮށެވެ. ކުރިމަތީން ފެންނަން ތިބި މީހުންނަށް ރޫޔާއަށް ބަލައިލެވުނީ ނުލާހިކު އަވަހަށެވެ. ހިތްއަވަސްވެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ނުކުރުމުން އޭނާއަށް އެއްވެސް މީހެއްގެ މޫނަށް ރަނގަޅަށް ނުބެލޭކަން އެނގުނެވެ.
ފުރަތަމަ އިހުސާސް ކުރެވުނީ އޭނާ އަށް ނުދަންނަ ބައެއްގެ ތެރެއަށް ވަދެވިގެން ދިޔަ އިހުސާސެކެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ފަހަރަކު މީހެއްގެ މޫނަށް ހުއްޓެމުން ކަޅި ދައުރުވަމުން ގޮސް ހުއްޓުނީ ނިހާންގެ އާއިލާ ގެ ފަހަތުގައި ތިބި އޭނާގެ މައިންބަފައިންނަށެވެ. ނޭވާ އަވަސްވެގެން ދިޔަވަގުތު އިތުރަށް ރޫޔާ ޔަގީންކޮށްލިއެވެ. އޭނާ މަޑުމަޑުން ހިފައިގެން ހުރި ނިހާންގެ އަތަށް ދޫދެމުން ގޮސް ނިހާންގެ އަތާ އޭނާގެ އަތް ވަކިކޮށްލިއެވެ. ދެން ދުވެފައި އެދިޔަ ގޮތަށް ގޮސް ހަބީބްގެ ގައިގައި އޮޅުލައިގަތެވެ. ހެވިފައި ހުރި ނިހާން ކައިރިވެލާފައި އޭނާގެ މަންމަގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި ދެކޮއްކޮ އާ މަންމަ އަށް އިނގިލިން އިޝާރާތްކޮށްލާފައި އެއީ ރޫޔާ އޭ ބުންޏެވެ. ނިހާންގެ އަޑުގައި ފަހުރުވެރިކަން ހުއްޓެވެ. ހީވާ ކަހަލައެވެ. އޭނާ އާއިލާ އަށް އެދައްކާލީ މި އުޑުދަށުގައި ހުރި އެންމެ ފުރިހަމަ އަންހެންކުއްޖާއެވެ. އެހިނދު ނައުރީން އާއި ނައިރާ ދޮންބެގެ ހޮވުން ބެސްޓް އޭ ބުންނެވެ. ޝިރީނާ ގެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ.
ރޫޔާ ގެ ހޫނު ކަރުނަތަކުން ހަބީބް ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓް ގެ މޭމަތި ތެންމަމުން ދިޔައެވެ. މަންޒަރު ބަލަހައްޓައިގެން ހުރި ކޮންމެ މީހެއްގެ ދެލޮލުގައި ކަރުނައެއް ވިއެވެ. ދެބަފައިން ވެސް އެކަކު އަނެކަކާ ދުރުވާން ބޭނުންނުވާ ކަހަލައެވެ. ކިތަންމެ ހިތްވަރެއް ކޮށްގެން ހުރި ނަމަވެސް ނަންބަރު އައިނުގެ ދަށުން ހަބީބްގެ ދެލޮލުންވެސް ކަރުނައެއް ފައިބައިގެން ހިނގައްޖެއެވެ. އެވަގުތަށް އޭނާވެސް ކިހާ އިންތިޒާރެއްކޮށްފި ހެއްޔެވެ؟
"ދެން ނިމުނީ... ދަރިފުޅު... ރޫ ބަލާބަލަ މަންމައަށް" ރޫޔާ ގެ ބުރަކަށީގައި ފިރުމައިލަމުން ހަންނާ ބުންޏެވެ.
ހަބީބްގެ ގައިން ދޫކޮށްލުމަށްފަހު މަންމަގެ ގައިގައި ރޫޔާ ބައްދައިގަތެވެ. އެވަގުތު ހަބީބް އެތެރެއަށް ހިނގައިގަތެވެ. އޭނާ ދިޔައީ މީހާ އެއްކޮށް ހަމަޔަކަށް އެޅުމަށްކަން ހަންނާއަށް އެނގުނެވެ. ހަންނާއަށް ވެސް ރޫޔާގެ ގައިގައި ހިފަހައްޓައިގެން ހުރެވުނީ ދުވަހަކުވެސް ދުރުކޮށްލަން ބޭނުންނުވާ ފަދައިންނެވެ. ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު ހަމަ ލޮލަށް ފެނިގެން އެދިޔައީ އަހަރެއް ވާން އުޅެނިކޮށެވެ. ކާމިޔާބާ ހަމައަށް ވާސިލްވާން މައިންބަފައިން ކުރި ހަނގުރާމައިގައި އެންމެބޮޑު ހިތްވަރެއް ކުރީ ރޫޔާ ކަން ހަންނާ އަށް އެނގެއެވެ. ރޫޔާ ހިތްވަރުދެރަ ކުރިނަމަ މިއަދު އެކަކަށް އެކަކުވެސް ނުފެނުނީހެވެ.
"އަލްހަމްދުލިއްލާޙް. ތި އާއިލާ އެއްތަންކުރައްވައިފި" ދާއުދޫ ބުންޏެވެ.
އެ އަޑަށް ރޫޔާ ބަލައިލިއެވެ. މާގިނައިން ރުއިމުގެ ސަބަބުން ރޫޔާގެ ދެލޯ ރަތް ފިޔައަކަށް ވެއްޖެއެވެ. ނޭފަތުކޮޅު ވަކިން ރަތްވެއްޖެއެވެ. މޫނުމަތީގައި ދުޅަކަމެއް ހުއްޓެވެ. އުފާވެރި ޖަޒުބާތުތައް ކަރުނައިގެ ސިފަ ހިޔާރުކޮށް ހާލަތު ބަދަލުކޮށްލައިފިއެވެ.
"ބަލާބަލަ ދަރިފުޅު. މިތިބީ ކޮންބައެއް؟" ނިހާންގެ އާއިލާ ދައްކައިލަމުން ހަންނާ ބުންޏެވެ.
ރޫޔާ ބަލައިލިއެވެ. އޭނާ ހަނދާންވީ ދެނެވެ. އެގެއަށް އޭނާ ނިހާން ގެނައީ ނިހާންގެ އާއިލާ އާވެސް ބައްދަލުކުރުވާށެވެ. ދާއުދާއި ޝީރީނާގެ ކޮނޑަށް އެއް އަތް އެއްލައިގެން ނިހާން ހުރިގޮތުން ރޫޔާ އަށް ހެވުނެވެ. އޭނާ ލަދުގަތީ ދެނެވެ. ކަރުނައިގެ ތެރެއިން ރޫޔާ ހޭން ފެށުމުން އެންމެންނަށް ހެވުނެވެ. ނިހާން މަޑުމަޑުން ކުރިއަށް ޖެހިލާފައި ރޫޔާ އަށް އަތްދިއްކޮށްލިއެވެ. ރޫޔާ ގަޔާ ކައިރިކޮށްލާފައި ރޫޔާގެ ދެލޯ ކައިރިން ފައިބަމުންދިޔަ ކަރުނަތައް ނިހާންގެ އިނގިލިތަކުން ފޮހެދިނެވެ. އެހިނދު ނިހާންގެ އިނގިލިތަކުގެ ތެރެއަށް ރޫޔާގެ އިނގިލިތައް މަހާލިއެވެ. ކުރިއަށް ހިނގައިގަތުމުގެ ކުރިން ރޫޔާ ފަހަތް ބަލައިލިއެވެ. އޭނާގެ ދެލޯ ހޯދާލީ ބައްޕަ އެވެ.
"ކޮބާ ބައްޕަ؟" ރޫޔާ އަހާލިއެވެ. އޭނާ އަދިވެސް ބޭނުންވަނީ ބައްޕަ ދެކޭށެވެ. ހިތް ފުރެންދެން ބައްޕަ ބަލާށެވެ.
"ބައްޕަ ހަމަޖެހިލަން އެދިޔައީ. އިރުކޮޅަކުން އަތުވެދާނެ. ނިހާންގެ މަންމަމެންނާ ވާހަކަދައްކާލާފަ އާދެބަލަ ކޮޓަރިއަށް" ހަންނާ ބުންޏެވެ.
ރޫޔާގެ އަތުގައި ހިފައިގެން ގޮސް ނިހާން މަޑުކޮށްލީ ޝީރީނާ ކައިރީގައެވެ. ފަހަރަކު މީހެއް ތައާރަފްކޮށްދޭން ނިހާން އުޅުމުން ރޫޔާ މަނާކުރިއެވެ.
"މިއީ ނިހާން މަންމަ. މިއީ ބައްޕަ" ރޫޔާ ބުންޏެވެ. ދެން ބަލައިލީ ނައިރާ އާއި ނައުރީންއަށެވެ. ފޯނުން ދެބޭން ފެނިފައި ވިޔަސް ހަމަލޮލަށް ފެނުމުން ދެބޭން ވައްތަރުކަމުން ވަކިކުރަން އުނދަގޫވިއެވެ. އެންމެފަހުން ދެބޭންގެ ނަން އޭނާއަށް ބުނެވުނީވެސް ނުބައިކޮށެވެ. ނިހާނާއި ދެ އަންހެންކުދީން އެއްކޮށް ހެވުނެވެ.
"ދެން ކޮންއިރަކު މަންމަމެންގެ ދަރިއަކަށް ވެގެން މަންމަމެންގެ ރަށް ބަލައިލަން ދާނީ؟" ޝީރީނާ އަހާލިއެވެ.
ރޫޔާ ލަދުގަތެވެ. ޖަވާބެއްނުދެވި އޭނާއަށް ބަލައިލެވުނީ ނިހާންގެ މޫނަށެވެ. ނިހާން ކައިރީގައި އެސުވާލު ކުރާށޭ ބުނި ކަހަލައެވެ.
"ވަރަށް އަވަހަށް އިންޝާﷲ" ނިހާން ބުންޏެވެ.
ސޯފާގައި އޮތް ދަބަސްތެރެއިން ޝީރީން ނެގީ ހުދުކުލައިގެ ކުޑަކުޑަ މަތިޖެހި ތައްޓެކެވެ. ތަށީގެ ތެރޭގައި އޮތް ރަން ފަށް އަތުތެރޭގައި އޭނާ ފަތުރާލިއެވެ.
"މިއީ މަންމަ ދޭ ހަދިޔާއެއް" ރޫޔާގެ ކަނާއަތުގެ މުށުތެރެއަށް ފަށް ލައިދެމުން ޝީރީނާ ބުންޏެވެ.
"ތިއީ މަންމަ އުމުރާ ގޮސް އައިރު ނިހާންގެ އަންބަކަށްވާނެ ކުއްޖަކަށް ހާއްސަކޮށް ގެނައި ފަށެއް. މިޒަމާނު ކުދިންނަކީ އެހާ ރަން ބޭނުންކުރާ ކުދިންނެއްނޫން ކަންނޭނގެ. އެހެންވެ ރޫ ގެ ކަރު ނާޅުވާ އަތަށް މިދިނީ. ތިފަށް ބޭނުންކޮށްގެން ރޫ ބޭނުން ގަހަނާއެއް ހެދިދާނެ. މަންމަގެ އެއްވެސް މައްސަލައެއްނެތް" ރޫޔާ ގާތްކޮށްލާފައި ނިތުގައި ބޮސްދެމުން ޝީރީނާ ބުންޏެވެ.
****
އިސާހިތަކު ގޭތެރެ ހަމަޔަކަށް އެޅި އުފަލާއި މަޖަލުގެ ހާއްޔަކަށް ބަދަލުވެގެން ދިޔައެވެ. ރޫޔާ ސޯފާގައި އިނީ ހަބީބްގެ ގާތުގައެވެ. ދެބަފައިންގެ އަތްވަނީ ގުޅުވާލެވިފައެވެ. އެއްވެސް މީހަކު ރޫޔާ ދުރުކޮށްލަން ބޭނުމެއް ނުވެއެވެ. ރޫޔާ ބޭނުންވާ ވަގުތު ރޫޔާ އަށް ދީގެން އިނެވެ. ދެ އާއިލާ ބޭރަށް ކާންދިޔަ ވަގުތު ފަޒީލާގެ ދެމަފިރިންނާ ރޫޔާގެ އެކުވެރި އަންހެންކުދީންތައް ވެސް ބައިވެރިވިއެވެ. އެވަގުތުތައް ރޫޔާއަށް ސިފަވީ ދުނިޔޭގެ ހުރިހާ އުފާތަކެއް އޭނާއަށް ލިބިގެން ދިޔަހެންނެވެ. އެތައް ދުވަހަކަށްފަހު އެހާ ބޮޑު އުފާވެރިކަމެއް ލިބުމުން ރޫޔާ ހެއްދެވިފަރާތް މަތިން ހަނދާންވެ ހިތް ނުތަނަވަސްވެސްވިއެވެ. އެހެންނަމަވެސް އޭނާ ނުބައިގޮތަށް ވިސްނަން ސިކުނޑިއަށް ޖާގަނުދީ ވިސްނުން އަނބުރާލިއެވެ.
"ބައްޕާ، މިރޭ މިގޭގަ މަޑުކޮށްލިޔަސް ހެޔޮތަ؟" ރޫޔާ ވާހަކަދެއްކީ އޭނާގެ ކުރިމަތީގައި އިން އަޖުވަދާއެވެ.
"ދަރިފުޅު ބޭނުންގޮތެއް" ހީލަމުން އަޖުވަދު ބުންޏެވެ.
ހަބީބް އާއި ހަންނާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ. ރޫޔާގެ އެއްވެސް އުފަލަކަށް އެދެމަފިރިން ހުރަސް އަޅަން ބޭނުންނުވާތީ ރޫޔާ ގެއަށް ފޮނުވަން ބޭނުމެއް ނުވިއެވެ. ރޫޔާ މިރޭ އެގެއަށް ނިދަން ނުދާނެކަން މާކުރިންވެސް އެދެމަފިރިންނަށް އެނގެއެވެ.
ގެއަށް ދާން ތެދުވެފައި އަޖުވަދާއި ފަޒީލާ ރޫޔާ ގެ ގައިގައި ބައްދާލިއެވެ. ރޫޔާގެ މޫނުގައި ބޮސްދިނެވެ. ގެއަށް ދާން ދިޔަ އެންމެންނާއެކު އޭނާ ދޮރާ ހަމައަށް ނިކުތެވެ. އޭނާ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ އެތައް ބަޔަކު ތިބިކަން ހަނދާންވެފައެވެ. އެހުރިހާމީހުންނަށް ﷲ ގެ ތަނަވަސް ރަހުމަތުން ހެޔޮގޮތް އަބަދުވެސް މިންވަރު ކުރެއްވުމަށް އޭނާ ހިތާހިތުން ދުއާކޮށްލިއެވެ.
****
އާދައިގެމަތިން ނިދުމުގެ ކުރިން ރޫޔާ އޮތް ކޮޓަރިއަށް ހަންނާ އާއި ހަބީބް ވަނެވެ. ލިޔާ މޭޒު ކައިރީގައި އިނދެގެން ލެޕްޓޮޕުން އެއްޗެހިތަކެއް ލިޔަން އިނދެފައި މައިންބަފައިން ފެނުމާއެކު ރޫޔާ ތެދުވެ ހިނިތުންވުމަކާއެކު މައިންބަފައިންނާ ބައްދަލުކުރިއެވެ.
"ދަރިފުޅު ނިދިތޯ ބަލައިލަންވެގެން" ހަންނާ ބުންޏެވެ.
"އަދި ނިދި ނާދޭ. އެއްޗެއް ލިޔާތީ" ރޫޔާ ބުންޏެވެ.
"ކޯޗެއް ތިހާވަރަށް ތި ލިޔަނީ" ހަންނާ އަހާލިއެވެ.
"އެއީ އީނޫ ބުނެގެން އެއްޗެއް ދިވެހިބަހަށް ތަރުޖަމާކޮށްލަނީ. މިއީ ވަރަށް ރީތި ވާހަކައެއް. މިވާހައިގައި އުޅެނީ ބާޒިލް އާ މެލެކް. ކުރިއަށް އޮތީ މިދެކުދީންގެ ވާހަކަ" ރޫޔާ ބުންޏެވެ. ހަންނާ ބޯޖަހާލާފައި ރޫޔާ ގެ މޫނުގައި ފިރުމާލިއެވެ.
ހަބީބް ރޫޔާ އާ ގާތަށް ޖެހިލިއެވެ. ރޫޔާގެ ނިތުގައި ބޮސްދިނެވެ. ރޫޔާގެ ކިބައިން މާފަށްއެދެން ހަބީބް ބޭނުންވެގެން އުޅޭތާ އިރުކޮޅެއް ވެއްޖެއެވެ.
"ދަރިފުޅު މި ބައްޕައަށް މާފްކުރައްޗޭ" ހަބީބް ބުންޏެވެ.
ރޫޔާ ހައިރާންވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.
"ކޮންކަމަކަށް. ތިހެން ނުބުނޭ ބައްޕާ" ރޫޔާ ބުންޏެވެ.
"ބައްޕަ މިއީ ދަރިފުޅުގެ ހަގީގީ ބައްޕަ ނޫންކަން ސިއްރުކުރެވުނީމަ. ދަރިފުޅާ މަންމަ ބައްޕަ އަށް އެންމެ ބޭނުންވި ވަގުތު ތިދެމައިން ހިމާޔަތްކޮށްދޭން ބައްޕައަށް ނުހުރެވުނީމަ. ބައްޕަ މަސައްކަތްކުރީމު. ފަހުވަގުތު ބައްޕަވެސް ބަލިކަށިވީ" ހަބީބް ބުންޏެވެ.
ރޫޔާ ހަބީބްގެ ގައިގައި ލައްވެލިއެވެ. ދެއަތުން ހަބީބްގެ ގައިގައި ވަށާލިއެވެ.
"މަންމައާއިބައްޕަ ކޮންމެ ގުރުބާނީއެއްވީ އަޅުގަނޑަށްޓަކައި. ތިކަން ސިއްރެއްގެ ގޮތުގައި އޮތީ އެކަން ހާމަވާން އެކަލާނގެ ހަޟްރަތުގައި ރަނގަޅުވަގުތެއް ފޮރުވިފަ އޮތީމަ. އެކަން އަޅުގަނޑަށް ހާމަވެގެން ދިޔައީ އެންމެ ރަނގަޅު ވަގުތުގަ. މަންމައާއި ބައްޕައަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. އަޅުގަނޑަށް އެނޭ އެއްޗަކީ މަންމައާއި ބައްޕަ ނުލާ އަޅުގަނޑަށް ނޫޅެވޭނެކަން. އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑުގެ ހަޔާތުގައި މިވޭތުވެދިޔަ ދުވަސްތަކުގައި ތަހައްމަލުކުރި ހިތްދަތިކަމެއް ދެން ދުވަހަކުވެސް ތަހައްމަލުކުރަން ނުޖެހުން" ރޫޔާގެ ދެލޮލުން ކަރުނައެއް ނީރާލިއެވެ.
"ތެދަށް ބުނަންޏާ ބައްޕައަށް އަޅުގަނޑު އެންމެ ބޭނުންވި ދުވަސްތަކުގަ ބައްޕަ ކައިރީގައި ހުރެގެން އަޅުގަނޑު ހިމާޔަތްކުރީމު. އަޅުގަނޑު ޅަފަތުގައި އުފަން މައިންބަފައިންގެ ލޯބިން މަހުރޫމުވެގެން ދިޔަ. އެލޯބި އެންމެ ތަންފުކެއްވެސް އުނިނުކޮށް ހޯދައިދިނީ މަންމަ އާ ބައްޕަ. އެހެންވީމަ އަޅުގަނޑެއް ނޫންތަ ޝުކުރުވެރިވާންޖެހޭ މީހަކީ" ރޫޔާ ވާހަކަދެއްކިއެވެ.
ހަބީބް ރޫޔާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ނުބައި ބައެއްގެ އަތްދަށުވެ އޭނާ ލޯބިވާ ދެމީހުންގެ މޫނު ނުފެނި މަރުނުވިކަމަށްޓަކައި އޭނާ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ.
"ދެން އަވަހަށް ނިދާ. ﷲ އިރާދަކުރެއްވިއްޔާ މާދަމާ އަކީ ވަރަށް އުފާވެރި ދުވަހެއް" ރޫޔާގެ އިސްތަށިގަނޑުގައި ހަންނާ ފިރުމާލިއެވެ.
****
މިއަދުވެސް ގިސާމަތު ދެލޯ ހުޅުވާލިއިރު ޝައުކަތު ފެންނަން ނެތެވެ. މިފަހަރު ޝައުކަތު ދެކެ އޭނާ ރުޅިއެއް ނައެވެ. ބަނޑަށް ކާއެއްޗެއް ލާން ގިނަފަހަރަށް ލިބެނީ އެގޮތަށް ޝައުކަތު ބޭރަށް ގޮސްފައި އައުމުންނެވެ. ފަޒީލާ ރޯ ފިލުވާ އެއްޗެއް ނުކާން އޭނާ އިނީ އަމިއްލަ ނަފްސަށް ހުވާކޮށްގެންނެވެ. ފާހާނާއަށް ވަދެލާފައި ނިކުމެ އޭނާ މަޑުކޮށްލީ ގޭޓު ކައިރީގައެވެ. ގޭޓާ އެންމެ ދުރުން ބަދިގޭ ބިތްދަށު ފާރާ ދެމެދު އަސާ ހިފައިގެން އޭނާ ހިނގަން ހުރީ ޝައުކަތު އަންނަ ވަގުތާ ދިމާކުރާށެވެ. ގޭތެރޭގައި ހުރެގެން ފަޒީލާ އާ އޭނާގެ ގެންގުޅޭ ކުދިންތަކާ ބައްދަލުވެދާނެތީއެވެ. ކުއްލިއަކަށް ގިސާމަތު ބަލައިލީ ގޭޓު ކުރިމައްޗަށް ސައިކަލެއް މަޑުކޮށްލިތަން ފެނުމުންނެވެ. އޭގެއިން އަންހެންކުއްޖަކާ ފިރިހެންކުއްޖަކު ފޭބިތަން އޭނާ އަށް ފެނުނެވެ. ސާފުކޮށް އެބައެއް ނުފެންނާތީ އޭނާ ގޭޓާ ގާތަށް ޖެހިލިއެވެ.
އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ސަމާސާކުރަމުން ވަދެގެން އައި ރޫޔާ އާ ނިހާން މަޑުޖެހުނީ ގިސާމަތު ބަލަހައްޓައިގެން ހުރި ގޮތުންނެވެ. މިއީ ގިސާމަތާ ނިހާން ބައްދަލުވި ދެވަނަ ފަހަރެވެ. ނިހާނަކީ ކާކު ކަން އެނގުމާއެކު ގިސާމަތުގެ ނިތަށް އެތައް ރުލެއް އެއްފަހަރާ ވެރިވެގެން ދިޔައެވެ.
"ހިނގާ އެތެރެއަށް. ފަޒިއްތަ ހުންނާނީ ސައިހަދާފަ މިހާރު" ނިހާން ހުއްޓުމުން ރޫޔާ ނިހާންގެ އަތަށް ދަމާލިއެވެ.
"ކަލޭ... ކަލޭ އަނެއްކާ މިގެއަށް ވަނީތަ؟ މިގެއަށް ވަންނަން ކަލެއަށް ހުއްދަ ދިނީ ކާކުތަ؟ އަދި މަގޭ ދަރިއެއް އަތުގައި ހިފައިގެން އެބަހުއްޓެއްނު. ހަނާން، ހަމަމިހާރު މި ޝައިތާނު އަތުން ދޫކުރޭ. މިއީ އެއްވެސް އަދަބެއް އަހުލާގެއް ހުރި އިންސާނެއް ނޫން." ގިސާމަތު އަސާ ދިއްކުރަމުން އައީ ނިހާނާ ދިމާލަށެވެ.
"އެންމެ އަދަބު އަހުލާގު ހުރި މީހާ ވިއްޔާ މާމަ ތިއީ" ރޫޔާ ބުންޏެވެ. އެހިނދު ދެލޯ ވަށްކޮށްލަމުން ރޫޔާ އަށް ގިސާމަތު ބަލައިލިއެވެ.
"އަނހާ މާމަތަ؟ މާމަ ކިހިނެއްތަ؟ މިހާރު ކުރިއަށް ވުރެވެސް އުމުރުން ދުވަސްވެއްޖެ ދޯ. މާމަ އަށް އެނގޭތަ މިއުޅެނީ ރޫ އާ މެރީކުރާކަށްނު. ދެން މިގެއަށް ނައިއްޔާ ކޮން ގެއަކަށް ދާނީ. ރޫ ބުނި މިގެއިން ދެބައިކުޅަ އެއްބައި އަހަންނަށޭ. އަހަރެންގެ ބައިގަ މާމައަށް ހުރެވޭނެ. އެކަމަކު ހުރެވޭނީ އަޑުގަދަނުކޮށް ބަސްއަހައިގެން ހުންނަމަތިން" ގިސާމަތުގެ ގޮތް އެނގޭތީ ނިހާން ހަމަ ގަސްތުގައި ގިސާމަތު ރުޅިއަރުވާލިއެވެ.
ނިހާން ވާހަކަދެއްކި ގޮތުން ރޫޔާ ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހަމަކަށް ވައިޖެހުމުން ފުފޭ ފަދައިން ގިސާމަތުގެ ނޭވާ އަވަސްވެ ފުފޭތަން ފެނުމުން ނިހާން އުޅުނީ ރޫޔާ ގޮވައިގެން އަވަހަށް ދުރަށް ދާށެވެ.
"ކަލޭމެން ތިއުޅެނީ އަހަރެން ދުނިޔޭގައި ހުރެގެން އުނދަގޫވެގެންތަ؟ ތިނޫނީ ކަލެއަށް ފިރިހެނަކު ނުވީތަ؟ ކަލެ އާ ކަލޭގެ ބަފާގެ ދެލޮލަށް ވާލުގޮރު އެޅުނީ ކޮންއިރަކު؟ ބޮޑުވަރެއްނު. ހަމަމިހާރު މިގެއިން ނިކުމޭ" ގިސާމަތު ހަޅޭއްލަވަން ފެށިއެވެ.
"މާމަ ދޭބަލަ ކޮޓަރިއަށް. އަހަރެމެން ކަހަލަ ޒުވާން ލޯބިވެރިންނަށް ތިހެން ހުރަސްއެޅީމަ ވާނެގޮތް އެނގޭތަ؟" ނިހާން އައީ ރޫޔާ ގެ އަތުގައި ހިފައިގެން ގިސާމަތާ ގާތަށެވެ.
"ވާނެގޮތަކީ މާމައަށް ތެޅޭނީ ހުސްއަނގަ. ތިހާ ސިޔާސަނުވެބަލަ މާމާ. އެހެންނޫނީ މާމަގެ އަނގަމަތީގައި ޓޭޕްއަޅަން ޖެހިދާނެ. ތިހާ ކިއުޓް މާމައަކަށް އެހެން ހަދާކަށް ނުވާނެއްނު. މާމަ ދުއާކޮށްބަލަ އަހަރެމެންގެ ވެޑިންނައިޓާ ހަމައަށް މިގޭގަ ހުރެވޭތޯ. އެހެންނޫނީ އެއްކަލަ ނޫކުލައިގެ ގަމީހުގަ ތިބޭ ކުދިން މިހާރުވެސް އައިސްދާނެ" ގިސާމަތަށް އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ނިހާނާއި ރޫޔާ އެތަނުން ދިޔައެވެ. އެއްވެސް ކަމެއްނުކުރެވެ ގައިން ދާނީ ހަކަތަކަން އެނގުމުން ގިސާމަތު އަމިއްލައަށް ހަމަޔަކަށް އެޅެމުން މަޑުމަޑުން ހިނގާފައި އައީ ގޭތެރެއަށް ވަންނާށެވެ.
****
ފަތިސް ނަމާދަށްފަހު ފަޒީލާ ބަދިގެފަރާތަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ސަލާމަތުން ހުރި އެކައްޗެއްވެސް ނެތެވެ. ތަށިތައް ހުރީ ތަޅާލާފައެވެ. ކަރަންޓް ވާތައް ހުރީ ބުރިކޮށްފައެވެ. އައިސްއަލަމާރީގައި ހުރި ކާއެއްޗިއްސާއި ކެއުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތައް ހުރީ ބިންމަތީގައެވެ. މުޅި ތަނުގައި ހިފާފައި ހުރީ ނުބައި ވަހެކެވެ. ފަޒީލާގެ ބޮލުގައި ރިއްސައިގަތެވެ. އެއީ ގިސާމަތުގެ ކަމެއްކަން ފުރަތަމަވެސް އޭނާ އަށް އެނގިއްޖެއެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ބޭނުމެއް ނެތްކަން އެނގުމުން ފަޒީލާ އައީ ކޮޓަރިއަށެވެ. އެނދުގައި އިށީނދެގެން އިންނަތާ މާގިނަ އިރެއް ނުވެ އަޖުވަދު އައިސް ވަނެވެ. އެހެން ދުވަސްތަކު ނުފެންނަ ވަގުތެއްގައި ފަޒީލާ ކޮޓަރީގައި އިނުމުން ކައިރީގައި އިށީނދެފައި ފަޒީލާ އާ ސުވާލުކުރިއެވެ.
(ނުނިމޭ)