"މިހާރު ދެން ފުދިއްޖެ. ތިވާހަކަ ވަރަށް ގިނަ އިރު ދެއްކިއްޖެއެއްނު. އަހަރެންނަށް ހީވަނީ ފަޒީލް މޮޔަވީހެން" އަޝްރަފް ވާހަކަ ދެއްކީ ނުރުހުންވެފައި ހުރި ފާޑު ދައްކަމުންނެވެ. ހަގީގަތުގައި ފަޒީލް މިހާރަކަށް އައިސް އެދައްކާ ވާހަކަތަކަކީ ފޫހިނުވާ ކަހަަލަ ވާހަކަ ތަކެއްވެސް ނޫނެވެ.
"އެންމެ ރަނގަޅު. އަޝްރަފަށް މިކަހަލަ ހުވަފެނެއް ފެންނަންޏާ އެވާހަކަ ނުދައްކާ ހުރެވޭނެތަ؟ އަހަރެންނަށް ހަމަ ޔަގީނުންވެސް އެނގޭ އަޝްރަފް މާގިނައިން އެވާހަކަ ދައްކާނެކަން. ވިސްނާލަބަލަ! އަހަރެންނަށް މިހާރު މިހުވަފެން މިފެނުނީ ޖެހިޖެހިގެން ތިން ވަނަ ރެއޭ....." ފަޒީލް ގަސްދުކުރީ އަދިވެސް އެވާހަކަ ހުއްޓާނުލާށެވެ.
"އެންމެ ރަނގަޅޭ. އަހަރެން ދުއާ ކޮށްދޭނަން ފަޒީލަށް ހުވަފެނުން ތިފެންނަ އަންހެން ކުއްޖާ ލިބޭތޯ. އަދި ނުލިބުނަސް ތިއީ ހުވަފެނެންނު. ހުވަފެނެއްގައި ތަނެއްގައި އަންހެން ކުއްޖަކު ހުރެގެން ހިތާމަކުރާތީއޭ ކިޔާފަ ފަޒީލް ދެރަވެ ކަންބޮޑު ވާންވީ ސަބަބެއް އަހަންނަކަށް ހަމަ އެއް ގޮތަކަށްވެސް ނުވިސްނޭ. ދެން މާބޮޑު ވަރުވަންޏާ ފަންޑިތަވެރިޔަކު ހޯދައިގެން ތިކަން ރަނގަޅުކުރެވޭތޯ ކިޔަވަންވެސް ވެއްޖެހެން މަށަަށް ހީވަނީ." އަޝްރަފްގެ ވާހަކައިގައި މިފަހަރު ހުރީ މަލާމާތުގެ ރާގެވެ.
މިއީ ކޮންމެ ދުވަހަކުވެސް މިހާރަކަށް އައިސް ފަޒީލްއާއި އަޝްރަފުގެ ވާހަކަ ނިމޭ ހިސާބެވެ. އެހެންކަމުން އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އަޝްރަފުގެ ވާހަކަ މިހާހިސާބަށް ދިއުމުން ފަޒީލް ހަތިޔާރު ބެހެއްޓީއެވެ. އެވާހަކަ އިތުރަށް ދައްކަން އުޅެފިނަމަ ޒުވާބަކަށް ވެދާނެތީ ހުއްޓާލީއެވެ. އެހެންނޫނަސް އަޝްރަފު މިއަދު އައީ ފަޒީލަށް ފެންނަ ހުވަފެނާ ބެހޭގޮތުން ބަހުސްކުރަކަށް ނޫނެވެ. އޭނާ އައީ މިރޭ ޝްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމަށް ދިޔުމަށް ފަޒީލް ބަލައެވެ. ފަޒީލް ފާހާނައަށް ވަދެ ކުޑަކޮށް ތައްޔާރުވެލައިގެން އަޝްރަފާއެކު ފިލްމަށް ދިއުމަށް ހިނގައިގަތެވެ.
ޝޯއަށް ދިޔަ މަގުމަތީގައި އަޝްރަފް ފަޒީލްއާ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އަޝްރަފްމެންގެ ގޭތެރޭގައި ދިމާވާ ތަފާތު މައްސަލަތަކާ ދޮންމަންމަގެ ސަބަބުން މިހާރަކަށްއައިސް ލިބޭ ހިތްދަތިކަމާ މިފަދަ އެތައް ވަހަކަތަކެއް އޭނާ ފަޒީލްގާތުގައި ދެއްކިއެވެ. މިވާހަކަތައް އަޝްރަފު ދައްކަމުން ދިޔައިރު ފަޒީލް ވަރަށް ރަނގަޅަށް އެވާހަކަތައް ކަނުލާ އަޑުއަހަމުން ދާކަމަށް އޭނާ ހީކުރިއެވެ. ފަޒީލް ހުރީ އެހާވެސް މަޑުމަޑުންނެވެ. ދޭތެރެދޭތެރެއިން މަޑުމަޑުން ބޯވެސް ޖަހައިލައެވެ. އެކަމަކު އަޝްރަފުގެ ވާހަކަތައް ފަޒީލް އަޑުއަހަމުންދާކަމަށް އެ ހީކުރާހީއަކީ މުޅިން ކުށް ހީއެކެވެ. އޭނާއެދައްކާ ވާހަކަތަކަށް ހާއްސަ ސަމާލުކަމެއް ކީއްކުރަންހެއްޔެވެ. އެއިން އެއްވެސް ވާހަކައެއް ފަޒީލަކަށް އަޑެއް ވެސް ނީވެއެވެ. އޭނާ އެވިސްނަމުންދަނީ މުޅިން އެހެން ކަމަކާ މެދުގައެވެ. އާއެކެވެ. މިހާރަކަށް އައިސް ތަކުރާރުކޮށް އޭނާއަށް ފެންނަމުންދާ ހުވަފެނާ މެދުގައެވެ.
އެ ހުވަފެން ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އޭނައަށް ހަތަރު ފަސް ފަހަރު ވަނީ ފެނިފައެވެ. އެއްކުލައެއްގައި އެއްސިފައެއްގައެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. އެކަމަކު އެއީ ކިހާ އެކަނިވެރި ކުއްޖެއް ހެއްޔެވެ؟ އެމައުސޫމާ އެފަދަ މާހައުލެއްގައި އެކަނި މާއެކަނި އިނދެގެން ހިތާމަކުރަންޖެހޭ ފަދަ އަނިޔާތަކެއް ދިނީ ކާކުބާއެވެ؟
"އަހަރެން ސިކުނޑި މިކަމުގައި ސުމަކަށް ހިނގައްޖެ. ހަނދާނެ ގޮތް މުޅިން ހުސްވެއްޖެ. ބައެއްފަހަރު ހިތަށްއަރާ ގެއިން ނުކުމެގެން ހިނގައިދާނެމޭވެސް. ފަޒީލްގެ ހިޔާލަކީ ކޮބާ؟... އޭ ފަޒީލް .... ކިހިނެއްވެފަ ތިހިރީ..؟" އަޝްރަފު ސުވާލު ކުރީ ފަޒީލް އޭނޭގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހަން ހުރި ކަމަށް ހީކޮށެވެ. ފަޒީލް އިރުއިރުކޮޅުން ބޯޖަހާލަނީ އޭނާގެ އަމިއްލަ ހިތަށް އަރާ ފައިބާ އެއްޗެހިތަކެއްގެ ސަބަބުން ކަމަށް ފަހަރެއްގައިވެސް އަޝްރަފް ހީއެއްނުކުރެއެވެ.
ފަޒީލަށް ހަމަހޭވީ އަޝްރަފު މިސުވާލު ތިން ހަތަރު ފަހަރު ކުރުމަށްފަހު އެންމެފަހުން އޭނާގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުންނެވެ. "ހާދަވަރެއްވެފައޭ ދޯ ތިހިރީ؟ ބަލަ ކިތަންމެ ވަރަކަށް ވިސްނިއަސް ހުވަފެނުން ތިފެންނަ ކުއްޖާއެއް ނުލިބޭނެ. ތިކަން ވެއްޖެއެއްނު ދެން ހުއްޓާލަން. މިހާރު ތިދަނީ މާމައްޗަށް ވިއްޔާ" ދަނޑިވަޅާދިމާކޮށް އަޝްރަފު ފަތިވަރު އަމުނާލިއެވެ. އެހެންނޫނަސް ކިތަންމެ ކުޑަކަމެއް ފަޒީލަށް ދިމާވިއަސް އޭނާއާ ދިމާކޮށްލުމަކީ އަޝްރަފުގެ އާދައެވެ. އެހެންނަމަވެސް އަޝްރަފުގެ މިވާހަކަތަކަކަށް ފަޒީލު އިތުރު އެއްޗެކޭ ނުބުނެއެވެ. އިތުރަށް އޭނާއާ ދިމާކުރުމުގެ ފުރުސަތު ދިނުމަށް ބޭނުން ނުވާތީއާވެސް އެކުގައެވެ.
ޝްވެކް ސިނަމާގެ ހޯލުތެރެއަށް ވަންއިރު މުޅި ހޯލު އޮތީ ފުރިބާރުވެފައެވެ. ދެޖިންސުގެ ޒުވާނުން އެމީހުންގެ ހަށިގަނޑާއި ހެދުންތަކަށް ބުރުއްސާލާފައިވާ މީރުވަސްދުވާ ސެންޓުތަކުން މުޅިހޯލު އޮތީ އެއްވަސްވެފައެވެ. ފިލްމު ފެށުނީ އާންމު އުސޫލާ އެއްގޮތަށް އަސްލުވަގުތަށްވުރެ ކުޑައިރުކޮޅެއް ފަހުންނެވެ. ފިލްމު ފެށިގެން ފުރަތަމަ ބައިގަޑިއެއްހާއިރު ހޯލުގައި ތިބި އެންމެންވެސް ތިބީ ފިލްމަށް ގެއްލި ހުސްވެފައެވެ. ދޭތެރެއަކުން މީހަކު ކިނބިއްސެއް އަޅައިލާ އަޑު ފަދަ އަޑެއްފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ.
ފިލްމު ބަލަންތިބި އެހެން އެންމެންގެ ސަމާލުކަން ފިލްމަށް ހުސްކޮށްފައި ވީނަމަވެސް ފަޒީލްގެ ހިޔާލާ ވިސްނުން މިވަގުތުވެސް ހުރީ އެހެން މިސްރާބަކަށެވެ. ފިލްމު ދައްކަމުންދާ ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް ހިތަށް ސިފަވަމުން ދަނީ މުޅިން އެހެން ކަމެކެވެ. ލޮލަށް ފެންނަނީ އެހެން މަންޒަރެކެވެ. އެއަންހެންކުއްޖާއެވެ. ގަޔަށް ކުރުކުރު ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި އެކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީން ފެންނަން އޮތް ބޮޑު ފެންގަނޑު ތެރެއަށެވެ. އެފެންގަނޑާ އެކުއްޖާއާ ކޮންމެވެސް ކަހަލަ ގާތްގުޅުމެއް ވާކަހަލައެވެ.
ފިލްމު ނިމުމަށްފަހު ޖެހިގެން އަންނަ ހުކުރު ދުވަހު ދަތުރު ދިޔުމަށް ފަޒީލްމެން ރޭވިއެވެ. މިދަތުރަކީ މިހާރު ދެމީހުންނަށްވެސް ކުރިމަތިވެފައިވާ ހާސްކަމާއި ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ރޭވި ދަތުރެކެވެ. ދަތުރު ދިއުމަށް ހަމަޖެއްސީ މެދުރާއްޖެތެރޭގެ ރަށަކަށެވެ. އާދައިގެ ދޯންޏެއްގައި ދަތުރުދާނަމަ ކަނޑުމަތީގައި މާގިނަ ވަގުތު ހޭދަކުރަންޖެހޭތީ ދަތުރަށް ފަޒީލް ހަމަޖެއްސީ ސްޕީޑް ލޯންޗެކެވެ. ދަތުރަށް ހިނގާނެ ހުރިހާ ހަރަދެއް ބަލައިހެދުމަށްފަހު ފައިސާއާ ހަވާލުވެ ހުރިހާ އިންތިޒާމުތަކެއް ކުރުމުގެ ކަންތަކާ ފަޒީލް ޒިންމާކުރުވީ އަޝްރަފަށެވެ.
ހުކުރުދުވަހުގެ ފަތިހު ހަތަރެއް ޖެހިއިރު ފަޒީލްމެންގެ ލޯންޗު މާލޭ ފަޅުން ނިކުމެއްޖެއެވެ. ދެގަޑިއިރަށްވުރެ ކުޑަތަންކޮޅެއް ދިގު ދަތުރެކެވެ. ފަޒީލްއާއި އަޝްރަފުގެ އިތުރުން ހަ އެކުވެރިން މިދަތުރުގައި އެމީހުންނާއެކު ބައިވެރިވިއެވެ.
(ނުނިމޭ)