'ވިލިނީ' އޭރުގެ ވިލީ، މިހާރުގެ ލާނާ
21 އަހަރުގެ ވިލިނީ ދޫނިދޫއަށް ގެނައީ ބުދަ ވިލޭރެއެއްގެ މެންދަމުން އަލިވެ ދޭއް ޖަހައި ބޮޑުވި ފަހުންނެވެ. އާންމު ގޮތެއްގައި ރޭގަނޑުގެ އެންމެ ލަހުން ގެންނަ ބަންދު މީހުންވެސް ދިހައެއްގެ ފެރީ އިން ގެންނާނެއެވެ. މެންދަމުގެ އެހާ ލަސްގަޑިއެއްގައި ސިއްރުން އައިސް ޑިއުޓީ ގޮވާލި ގޮތުންވެސް ގެންނަނީ ބޮޑު ކުށެއްގެ މީހެއްކަން އެނގުނެވެ.
"އާ ކުއްޖަކު އެބަގެނޭ، ވަރަށް ހިމަތޮޅި މަންޖެއެއް، އޭނާގެ އުނަގަނޑުގައި ހިފަހައްޓާލެވޭނެ ވަރުގެ ސޯޓެއް ހަރުވާޅެއް ނަމަވެސް ހޯދައި ރެޑީ ކޮށްލަބަލަ، ބުނަން ތި ތިން މީހުން ގާތުގައި ބާއްވާތި، ނޫނީ ލަޝްލީއާ ޖެހިގެން ކުނާ އަޅައިދޭތި، ތަންކޮޅެއް ވީވީއައިޕީ މަންޖެއެއް ހެން ހީވަނީ، ޗާލީ އެންގި ގޮތް،" އެރޭގެ ޑިއުޓީގައި ހުރީ އަފްނާންއެވެ.
އަފޫ އާއި ނަންދާ އަދި ޖީހާނާއި ސުޒުނާ އަކީ މި ޝިފްޓުގައި ތިބޭ ހަތަރު ޑިއުޓީންނެވެ. އަދި ޒޭނާމެންގެ ބެސްޓް ޑިއުޓީޝިފްޓު ދެ ނަންބަރުގެ އޮފިސަރުންނެވެ. އެހެން ޑިއުޓީންނާ ތަފާތު ހިތްހެޔޮ ކުދިންކޮޅެކެވެ.
"އޭތް، އަފޫ، ސީރިއަސްކޮށް ބުނެބަލަ، ކީއްވެ މި ގަޑީގައި އެ ގެންނަނީ، މުއްދަތު ޖަހައިފިތަ؟" ރޫހީން އަހާލިއެވެ.
"ކޮންބައެއް ހޭލާ އުޅެނީ...؟"
އަފްނާން ރޫހީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ތޭރިތަކުގެ ދެމެދުން ގޮޅި ތެރެއަށް ބަލައިލަމުން އަހާލިއެވެ. ރޭގަނޑު ދިހަގަޑި ބައި ވުމަށްފަހު ޑިއުޓީ ޕޯސްޓްގެ ބޭރުގައި ގޮޅީގެ އެތެރެއަށް އަލިވާނެހެން ދިއްލާފައި ހުންނަ އަލިގަދަ ބޮކި ނިވާލުމަށްފަހު ގޮޅި ތެރެއަށް އަލިވަނީ ފާހާނާގެތެރެއިން ބޭރަށް ނުކުންނަ ފަނޑުފަނޑު އަލިންނެވެ. އެނޫން އެހެން އެއްވެސް އައްޔެއް ނުހުންނާނެއެވެ.
ތަހުގީގު ކުރަން ބާއްވާ އެއްވެސް ގޮޅިއެއްގައި ކަރަންޓުގެ ސާމާނު ބޭނުންކުރަން ޖެހޭ އެއްވެސް އެއްޗެއް ބެހެއްޓުމަކީ ތަނުގައި ހަދާފައި އޮންނަ ގަވާއިދުގައި މަނާކަމެކެވެ. ވަކި ގޮޅިތަކަށް އަލިކުރާ ބޮކި ހަރުކޮށްފައި ހުންނަނީ ގޮޅިން ބޭރުގައި ވަންނަ ދޮރާ ދިމާލުން މަތީގައެވެ.
އެހެންނަމަވެސް މިއީ ގިނަ މީހުން އެއްފަހަރާ ލެވޭ ގޮތަށް ހަދާފައި ހުރި ބޮޑު ގޮޅިއަކަށް ވާތީ މިތަނަށް އަލިކުރަން ބޭރުން ލާފައި ހުންނަނީވެސް ތަންކޮޅެއް ވޯޓު މަތީ، އަލިގަދަ ބޮތްކެކެވެ. އަދި ފާހާނާގައި ހުންނަނީ އޭގެ ޒާތުގައި އެތެރޭގައި ހުންނަ ބޮތްކާއި ކަރަންޓު ނަރުގައިވެސް އަތްނުޖެހޭނެހެން ހަރުކޮށްފައި ހުންނަ ވޯޓަރޕްރޫފް ޓެމްޕަރޕްރޫޕް، މެރިން ބޮކިތަކެކެވެ. ސަބަބަކީ މިއީ އެކިއެކި ތަފާތު މައްސަލަތަކުގައި ގެނެސްފައި ތިބޭ ވަގުތީ ބަންދު މީހުން ބައިތިއްބާ ތަނަކަށް ވާތީއެވެ. ކަމަކުން ހާސްވެގެން، ކަންބޮޑުވެގެން ނުވަތަ ރުޅި ގަދަވެގެން އަމިއްލަ ނަފުސަށް، ތަނަށް ނުވަތަ އެހެން މީހަކަށް އަނިޔާއެއް ދިނުން ފަދަ އެއްވެސް ކަމެއް ކޮށްފާނެތީވެ އެފަދަ ކަންތައްތަކުން ރައްކާތެރިވުމުގެ ގޮތުން، ބޮކިތަކާއި ފަންކާ ހަރުކޮށްފައި ވަނީ ކަރަންޓު ނަރުފަދަ އެއްވެސް އެއްޗެއް ބަންދު މީހެއްގެ އަތުގައި ނުޖެހޭ ގޮތަށެވެ.
އާންމު ގޮތެއްގައި ތަހުގީގަށް ބަންދުކުރާ ގޮޅިތަކުގައި ފަންކާ ނުހުރެއެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު ތައްޔާރުކުރި ގޮޅިތަކުގައި ހުންނަނީ ފަންކާ ހަރުކޮށްފައެވެ. އެގޮތުން ދޫނިދޫގެ އަންހެނުން ތިބޭ އެއް ނަންބަރު ބޮޑު ގޮޅީގެވެސް ދެފަރާތު ސީލިންގގައި ހުންނަނީ ވޯލްމައުންޓް ދެ ފަންކާ ހަރުކޮށްފައެވެ.
"ހޭލާ އުޅެނީ އަހަރެމެން ހަތަރު މީހުން، ލަޝީވެސް އެ އުޅެނީ އޮށޯންނަން،"
ފާހާނާއިން ނުކުމެގެން އައި ލަޝްލީއަށް އިޝާރާތްކޮށްލަމުން ތާތި ބުންޏެވެ.
ތިން މީހުންވެސް ތިބީ ޑިއުޓީ ޕޯސްޓާ ދިމާލުން ތޭރިތައް ކައިރީގައެވެ. އެމީހުން ނިދަން ތިބެނީ، ދެމީހުން އެކަނުގައި، އަނެއް ދެމީހުން އެކަކު އަނެކަކާ ކުރިމަތިވާ ގޮތަށެވެ. އެއީ އަބަދުވެސް ޑިއުޓީން ކައިރިވާ ދިމާވުމުގެ އިތުރަށް ގޮޅިތެރޭގައިވެސް އެންމެ ހަމަޖެހިގެން ތިބެވޭ ތަނަށް ވާތީވެސްމެއެވެ.
"ނަސީބެއްނު އެހެންމީހުން ހޭލާ ނޫޅޭކަން، ބުނަން އެ ގެންނަ އަންހެން ކުއްޖާއަކީ އެމްޕީ އެއްގެ ކޮއްކޮއެއް، އެހެންވީމަ ތަންކޮޅެއް ބަލައިގެން އުޅެން ވާނީ، އަހަރުމެންނަށްވެސް ވަރަށް ހަރުބަހުން އަންގާފައި އޮތީ،" އަފްނާން ކިޔައިދިނެވެ.
"އަރަތެއްތާ. ކޮންތާކުން ވަޑައިގެންނެވި މެޑަމް އެއްބާ؟" ޒޭނާ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.
"ލަޝީ ކަހަލަ މައްސަލައެއްގައި އެ ގެންނަނީ، އެކަމަކު ލަޝީއަށްވުރެ އެޑްވާންސް،" އަފްނާން ތޭރިތަކާ އިތުރަށް ކައިރިވެލަމުން ބުންޏެވެ.
"ތިބުނީ، ފިރިމީހާއަށް ހަމަލަދީގެން...؟" ތާތި ވައި އަޑަކުން އަހާލިއެވެ.
"ފާޑަކަށް، ލަޝީ ފިރިމީހާ ސަލާމަތްވެއްޖެ އެއްނު، މި ކޭސްގައި ވިކްޓިމް އިޒް ޑެޑް،" އަފްނާން ވާހަކަ ދެއްކީ ވަރަށްވެސް މަޑުމަޑުންނެވެ.
"އެހް... މަރުގެ އެއްޗެއްގައި....؟!"
ތިން އެކުވެރިންނަށް ވެސް އެކަކު އަނެކަކާ ދިމާއަށް ބަލައިލާފައި ދެން ބަލައިލެވުނީ ރޯނުގައި ތުވާލި އަޅަން ހުރި ލަޝްލީއަށެވެ.
"ޑަރލިންގސް، ލަޝީ އޮށޯވެލާނަން، ކަމެއް ބޭނުން ވެއްޖެ ނަމަ ގޮވާތި."
ރޫހީންމެން ހުއްޓިގެން ތިބި ދިމާލުން ކުރިމަތީ ކަނުގައި އޮތް ކުނާ މަތީ އިށީންނަމުން ލަޝްލީ ބުންޏެވެ. އަފްނާން ދެއްކި ވާހަކަ ލަޝްލީއަށް އަޑުނީވޭކަން އެނގުމުން އެ އެންމެން ވެސް ހިތްހަމަޖެހުނެވެ.
"އޯކޭ ގުޑްނައިޓް..." ރޫހީން ލަޝްލީއަށް ބަލައިލަމުން ބުންޏެވެ. ލަޝްލީވެސް އެންމެނަށް ގުޑްނައިޓް ކިޔަމުން ގައިމަތީގައި އޮތް މުންޑުފަޅިން މޫނާއެކު އަޅައި ނިވާވެގަތެވެ.
"ވީވީއަޕީއޭ މި ބުނީ އެހެންވެ. މި ގެންނަ އަންހެން ގޮލާގެ ދަރި ބައްޕަޔޯ، ވަރިކޮށްފައި ހުންނަނީ، މީނަޔޯ ޖެހީ، ވަޅިތިލަ ހުރި ގޮތަށް ފޫއަޅުވާފައި ހުރީ، ހޮސްޕިޓަލުގައި އޮއްވައި ޗެޕްޓަރ ނިމުނީ، ވިކްޓިމް ހިމްސެލްފް އިޒް އަ ބްރޯބަޑީ، ދެން ވިސްނާލާ ކަންތައް ވާނެ ގޮތް، މި އަންހެންގޮލާ އަމިއްލައަށޯ ކޮޕަށް ގުޅީވެސް، ވިކްޓިމް ހޮސްޕިޓަލަށް ގެންދިޔައީ މަގުމަތިން ދިޔަ ކާރެއްގަޔޯ އޭރު މީނަ ހުރީ ކޮޕްގަ، ހަވީރު ހިނގި ކަމެއް. މި ގޮލާ ގެންނަން މި ޖެހުނީވެސް މާލެތެރެ ވަރަށް ގޯސް ވެގެން. މީނަ އަތޮޅުވެހީގަ ހުރިއްޔާ އެތަނަށް ވަދެ ކަންތައްގަނޑެއް ހިންގަފާނެތީ ވީއައިޕީގައި އެ ގެނައީ،"
އަފްނާންގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ، ޓޯކީގެ ބޮކި ދިއްލިއްޖެއެވެ.
"އެކެއް، އެކެއް އެކެއް، އޮސްކާ..."
ޓޯކީން ގޮވި އަޑާއެކު އަފްނާން އަވަހަށް އެއަށް ޖަވާބު ދިނެވެ.
"އޭތް، އެ ގެންނަނީ...!"
އަފްނާން އެހެން ބުނެފައި ހިނގައިގަތެވެ. ތިން މީހުންވެސް ތޭރިފެންސުތަކުގައި ހިފަހައްޓައިގެން ތިބެ އެކަކު އަނެކަކަށް ބަލައިލިއެވެ. ވާންވީ ގޮތް އެމީހުންގެ އެ ނަޒަރު ބަދަލުކޮށްލުމުން އެކަކު އަނެކަކަށް ވިސްނިއްޖެއެވެ. ތާތި އާއި ޒޭނާ ދިޔައީ އަންނައުނު ފަދަ ތަކެތި ބަހައްޓާފައި ހުންނަ ކަފޭރާއާ ދިމާއަށެވެ. އެ ދެމީހުންގެ އަންނައުނާއި އެހެނިހެން ސާމާނު ބަހައްޓާފައި ހުރި ބައިން މެދު ސައިޒެއްގެ ތުވާއްޔަކާއި އަޅިކުލައެއްގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ނަގައިފިއެވެ. އަދި އެތަކެތި ހިފައިގެން ރޫހީން ގާތަށް ދިޔައެވެ.
"އެ ދޮރު ހުޅުވި އަޑު."
ޓިނު ދޮރު ހުޅުވާލި އަޑާއެކު ރޫހީނަށް ބުނެވުނެވެ. ތިން މީހުން އަވަސް އަވަހަށް ބޮޑު ދޮރާ ދިމާއަށް ހިނގައްޖެއެވެ. އަފްނާނާއި ޖީހާންއާ އެކުގައި އެ ދެމީހުންގެ މެދުގައި ހުރެގެން އައިސް ގޮޅީ ދޮރުމައްޗަށް ހުއްޓުނީ..... އެއީ ފުރަތަމަ ފަހަރަށް މި ތިން އެކުވެރިންނަށް އެމީހުންގެ ލޯބިލޯބި ރަހުމަތްތެރިޔާ ވިލިނީ ފެނުނު ވަގުތެވެ. ހިމޭން މެންދަމެއްގެ ދެގަޑި ބައިވަމުން ދިޔަ ވަގުތުގައެވެ. ހިފައިގެން ހުރި ކުނަލާއި ބާލީސް އެއްއަތުން މެއާލައި ބޮނޑިކޮށްގެން ހުރެ ބޮޑުބޮޑު ދެލޮލުން އެސްފިޔަ ލަސްލަހުން ތަޅުވަމުން، އެއްފަހަރު ބަލައިލީ ގޮޅި ތެރޭގައި ތިބި ތިން އަންހެނުންނަށެވެ. އަދި ދޮރުގައި ހުރި ބޮޑު ތަޅު ހުޅުވާލި މަންޒަރަށް އަނެއްފަހަރު ބަލައިލިއެވެ.
ބީރައްޓެހި އެ ދެލޮލުގެ ކަޅިން ރޫހީނަށް ބިރުގެންފައިވާ ކުޑަކުޑަ އަންހެންކުއްޖެއްގެ މައުސޫމު، ކުށެއްނެތް ސޫރަ ސިފަވީ ކިހިނެއް ކަމެއް ނޭނގެއެވެ. ތޫލި "ތޫވްވްރް" ފާޑެއްގެ އަޑަކާއެކު ހުޅުވިގެން ދިޔަ ދޮރުގެ ފަހަތުން ގޮޅީގެ އެތެރެއަށް އަޅާލި ފިޔަވަޅާއެކު އަރި އަޅާލަން ދިޔަ ވަގުތު ތިން އެކުވެރިން އެކުއެކީގައި ދިއްކުރި ތިން އަތުގައި ހިފެހެއްޓީ، އެއް އަތުގައި ހުރި ސާމާނު ގޮޅި ތެރެއަށް ދޫކޮށްލަމުންނެވެ.
"ކަލޭމެނާ ހަވާލު، އަހަރެމެން މިދަނީ ދާން،"
ޑިއުޓީން ގޮޅީ ދޮރު ތަޅުލުމަށްފަހު އެތަނުން ހިނގައްޖެއެވެ. އޭރު ޒޭނާ ވިލިނީ ގެނައި ކުނަލާއި ބާލީސް ގެންގޮސް ރޫހީންގެ ކުނަލާއި ތާތިގެ ކުނަލާ ދެމެދުން ޖާގައެއް ހެދުމަށްފަހު އެތަނުގައި ވިލިނީގެ ކުނާ ފަތުރާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ބާލީސް އުރަ ބާލީހަށް ލެއްވިއެވެ. އަދި ވިލިނީ ގެނައި އުރަ ހިފައިގެން ތާތިމެން ގާތަށް ދިޔައެވެ.
ތާތިއާއި ރޫހީން ތިބީ ވިލިނީ ގޮވައިގެން ކަފޭރާއާ ދިމާލުން ތޭރިފެންސު ކައިރީގައެވެ.
"ކޮންނަމެއް ކިޔަނީ...؟ މިއީ ތާތި، މިއީ ޒޭނާ، ދެން އަހަރެން މީ އެންމެންގެ ދައްތަ.... އަފޫ ބުނީ ކަނބުލޮއަށް ކިޔަނީ.... ވިލިނީ...."
ރޫހީނަށް އެހިސާބަށް ބުނެވުނުތަނާ އޭނާގެ ޖުމްލަ މެދުކަނޑާލުމަށްފަހު ވިލިނީ ވާހަކަ ދެއްކިއެވެ. ވިލިނީގެ އަޑު ފުރަތަމަ އިވުނު ވަގުތުވެސް ތިންމީހުންނަށް ލިބުނު ހައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"އުނހު، ނޫން، މަށަށް ކިޔަނީ، ލާނާ...." ލާނާ... ވިލިނީ، ލާނާ... އެއްވެސް ގުޅުމެއް ނެތަސް އެމީހަކަށް މުހާތަބު ކުރާނީ އެމީހަކު ރުހޭ ނަމަކުންތާއެވެ.
ލާނާގެ އަޑު ހާދަހާ ރީއްޗެވެ. މާޝާﷲ ... ހީވީ ލަވައެއްގެ ރާގެއް އިވުނުހެނެވެ.
"މަ ގެނައީ ކީއްވެތޯ އެންމެން އަހާނެ ދޯ... އެތިބީ ނިދާފަތަ...؟" ލާނާ ގޮޅީގައި ނިދާފައި ތިބި މީހުންނަށް ބަލައިމުން އަހާލިއެވެ.
"އެކަމާ ނުވިސްނާ، މިހާރު އިހަށް ފެންވަރަން ހިނގާ ދޯ، ފެންވަރައިގެން ނިދާނީ، ލާނާ އޮންނާނީ އަހަރެމެން ކައިރީގައި، އެއްވެސް މީހަކަށް ޖަވާބު ދޭކަށް ލާނާ ނުޖެހޭނެ... ދައްތަ މިހުރީނު...!"
އެދުވަހު ރޫހީން ލާނާގެ އަތުގައި ހިފައި އެހެން ބުނީ ހަމައެކަނި ނަމަކަށް ބުނި ބުނުމަކަށް ނޫނެވެ. އެކަމަކު މުޅި އުމުރު ދުވަހަށްވެސް ލާނާއަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭ ދައްތައެއްގެ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް ވީ ވައުދެއްގެ ގޮތުގައި ބުނި ބުނުމެކެވެ.
އެއީ ލާނާ އާއި މި ތިން އެކުވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. އެރޭ ލާނާ ނިދެންދެން ރޫހީނާއި ތާތި އޭނާގެ ގާތުގައި ހޭލާ ތިއްބެވެ. ނިދެމުން ދިޔައިރު ލާނާގެ ތުރުތުރުއަޅާ ތުންފަތުން ބޭރުވި އެ ބަސްތައް، ނިދީގައި ގިސްލަމުން ލާނާ ގޮވި ގޮވުން، ނިދީގައި ފިނިވެ ބިރުގަތް ވަގުތު ރޫހީން މަންމައަކު ދަރިފުޅަކު ގައިގައި ރަޖާ އަޅައި ބޮލުގައި ފިރުމަމުން ނިންދަވަން ނަނަނާނާނަނާނާނަނާނާނަނާ، ނާނާ ކިޔައިދިން ގޮތް، މުޅި ރޭ ހަތަރު ދަމު ފާރަވެރިއެއްހެން ލާނާ ގާތު ހޭލާ ކުރުއަތް މައްޗަށް އޮށޯވެގެން އޮތްއިރު ހިތަށް އަރައި ފޭބިހާ އެއްޗެހި، ރޫހީންގެ ހިތުގައި ލާނާއަށްޓަކައި އޮތީ ކިހާ ވަރެއްގެ ކުލުނަކާއި ގަދަރެއްކަން ސާފުކޮށް ހާމަވެއެވެ. އުމުރުގެ މާބޮޑު ތަފާތެއް ނެތެއްކަމަކު ރޫހީނަށް ލާނާ ފެނުނީ ކުޑަކުޑަ ކުއްޖެއްގެ ގޮތުގައެވެ.
ހަޔާތުގައި އެމީހެއް ދެކެ އިންތިހާއަށް ލޯބިވި އަލަތު ލޯބިވެރިޔާ، އަލަތު ފިރިމީހާ، އަލަތުދަރިފުޅުގެ ބައްޕަ.... އަންހެންކުއްޖަކު އެންމެ 20 އަހަރުގައި އެ އިންސާނާ މަރާލާފައި ޖަލަށް އައުން، މި ވާހަކަ ރޫހީން ކީއްކުރަން ހެއްޔެވެ. ތާތިއާއި ޒޭނާ ކީއްކުރަން ހެއްޔެވެ. ކިރިޔާވެސް ލާނާގެ ވާހަކައިގެ ކުޑަމިންވަރެއް އެނގޭ މީހަކަށްވެސް ގަބޫލު ކުރާކަށް ފަސޭހައެއް ނުވާނެއެވެ. އަދި އަމުދުން އަމިއްލައަށް ފުލުހުންނާ ހަވާލުވެ އުމުރަށް ޖަލަށް ދާން ހުށަހެޅި ގަންނާނީ ސަބަބެއް ނެތި ކާކުހެއްޔެވެ.
(ނުނިމޭ)