ވާހަކަ

ނުފޫޒަކުން - 43

2

"ހަމަމިހާރު މިވަގުތު ނޯކަރުން ތިބޭ ބައިގައި އަލިފާންޖަހާ. މިގޭގަ އުޅޭ ފެންވަރު އޮޅިގެން އުޅޭ ބައިގަނޑުގެ ދުވަސްދުއްވާލާ" ގިސާމަތު ވާހަކަދެއްކިއެވެ.

"އެންމެފަހުގެ ޕޭމަންޓްވެސް ނުދޭ. ތިކަމެއް ނެތްވާކަށް" ފިރިހެނެއްގެ އަޑު އިވުނެވެ.

ރުޅިއައިސްފައި ގިސާމަތު އެނދުމައްޗަށް ފޯނު ހޫރާލިއެވެ. އަތުގައި ލާރިއެއްގެ ނެތްއިރު އެކައުންޓް މުޅިން ސާފުވެއްޖެއެވެ. ލައިގަންނަންޖެހެނީ ހުރިހާ މުސީބާތެއް އެއްފަހަރާ ހެއްޔެވެ؟

****

ފެންވަރައިގެން ރޫޔާ ފާހާނައިން ނިކުތްއިރު ސޯފާމަތީގައި އޮތް އޭނާގެ ފޯނު ރިންގުވަމުން ދިޔައެވެ. އަވަސް އަވަހަށް ފޯނު ނެގީ ގުޅަނީ މަންމަ ކަން އެނގުމުންނެވެ. ވީޑިޔޯ އަށްލުމާއެކު ހީލައިގެން އިން ހަންނާ ރޫޔާ އަށް ފެނިއްޖެއެވެ. އެހިނދު ރޫޔާގެ ހިނިތުންވުން ދެލޮލާ ހަމައަށް ފޯރައިގެން ދިޔައެވެ. މަނަމް އެފެނުނީ ހާދަ ދުވަހެއް ފަހުންނެވެ.

"މަންމަ. ކިހާ ދުވަހެއްކޮށްފަ ވީޑިޔޯ ކޯލެއް ކުރީ" ރޫޔާ ފުރަތަމަވެސް ޝަކުވާކޮށްލިއެވެ.

"ޝަކުވާތަ ދަރިފުޅު ކުރަނީ. ނިކަން އަހާބަލަ މަންމަ މިހާ އުފަލުން މިހުރީ ކީއްވެގެންތޯ" ހަންނާ ބުންޏެވެ.

"ކީއްވެ؟ ބައްޕަގެ ހަބަރެއްވީތަ؟" ކެތްތެރިކަން ކުޑަވެފައި ރޫޔާ އެހިއެވެ.

އެވަގުތު ފޯނުން ފެންނަން އިން ހަންނާ މޫނު އެއްފަރާތަކަށް އަނބުރާލާފައި ހީލި މަންޒަރު ފެނުނެވެ. ކައިރީގައި އިން މީހަކަށް ބަލައިލާފައި ހީލިކަން ރޫޔާ އަށް އެނގުނެވެ. ވަގުތުން ރޫޔާގެ ހިތް ތެޅިފޮޅެން ފެށިއެވެ.

"ބައްޕަ އައީދޯ މަންމާ" ރޫޔާ އެހިއެވެ.

ފަހުވަގުތު ރޫޔާގެ އާދޭސްތަކުގައި ހަންނާއަށް ނުހިފެހެއްޓުނެވެ. އޭނާ އަށް މަޖުބޫރުވީ ރޫޔާ ކައިރީގައި ބުނާށެވެ. މަޑުމަޑުން ފޯނުގެ ސްކްރީން ހަންނާ އަނބުރާލިއެވެ. ނަންބަރު އައިނު ދަށުން ފައިބަމުންދިޔަ ކަރުނަތައް ފޮހެން އިން ހަބީބް ފެނުމާއެކު ރޫޔާ ހީވީ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔަހެންނެވެ. އެއީ ހުވަފެނެއް ނޫންކަން އޭނާ ޔަގީންކުރިއެވެ. ފޯނު ހިފަހައްޓައިގެން ހުރިއިރު އޭނާގެ ދެއަތުގައިވެސް ތުރުތުރު އަޅަމުން ދިޔައެވެ.

"ބަ...ބައްޕަ...." ރޫޔާ ގޮވާލިއެވެ.

ރޫޔާ އާ ހަތަރުކަޅި ހަމަކޮށް ހަބީބް ބަލައިލިއެވެ.

އެކަކަށްވެސް ބަހެއް ނުކިޔުނެވެ. ހާލަތުގެ ޖަޒުބާތުގައި ޖެހި ފޯނުގެ ދެފަރާތުގައި ތިބި ދެމީހުންނަށް ރޮވެމުން ދިޔައެވެ.

"ހޫން... މިގަޑީގަ ދެން އިމޯޝަނަލް ވާނެކަމެއް ނެތް" ހަބީބް އަތުން ހަންނާ ފޯނު އަތުލިއެވެ.

ކަރުނަތައް ފޮހެލާފައި ރޫޔާ ހީލިއެވެ.

"ޕްލީޒް މަންމާ. ބައްޕަ އަތަށް ދީބަލަ" ރޫޔާ ބުންޏެވެ.

ހަންނާ ބަލައިލިއރު ދެލޯ ފޮހ ެމުންވެސް ހަބީބް ދިޔައީ ރޮމުންނެވެ. އެމަންޒަރު އިތުރަށް ރޫޔާ އަށް ދައްކަން ހަންނާ ބޭނުމެއްނުވިއެވެ.

"ބައްޕަ އެދިޔައީ ފާހާނައަށް. އަންނާނެ އިރުކޮޅަކުން. ދަރިފުޅު ހަމަޖެހިބަލަ. މިއީ އުފާވާންވީ ވަގުތު" ހަންނާ ވާހަކަދެއްކިއެވެ.

"ބައްޕަ އާ ވާހަކަދައްކަން ބޭނުމީ. ކިހާ ދުވަހެއް. މަންމާ! ކޮންއިރަކުން ދެން މާލެއަށް އަންނާނީ. އަވަހަށް އާދޭ" ރޫޔާ ބުންޏެވެ.

"ވަރަށް އަވަހަށް ދަރިފުޅާ ބައްދަލުކުރާނަން" ހަންނާ ބުންޏެވެ.

ދެން ފާއިތުވެގެން ދިޔަ ވަގުތުތަކުގައި ގޭތެރޭގައި ހިނގާ ދިޔަ ހުރިހާ ވާހަކަތަކެއް ހަންނާ އަށް މަޖާވެފައި ރޫޔާ ކިޔައިދެމުން ދިޔައެވެ. ގިސާމަތު އޭނާ އެގެއިން ފޮނުވާލަން ބޭނުންވެފައި ހުރި ވާހަކަ ރޫޔާ އަށް ބުނެވުނީ ހެމުންނެވެ.

"ވަރަށް އަވަހަށް ދަރިފުޅާ ބައްދަލުކުރާނަން" ހަންނާ ބުންޏެވެ.

ދެން ފާއިތުވެގެން ދިޔަ ވަގުތުތަކުގައި ގޭތެރޭގައި ހިނގާ ދިޔަ ހުރިހާ ވާހަކަތަކެއް ހަންނާ އަށް މަޖާވެފައި ރޫޔާ ކިޔައިދެމުން ދިޔައެވެ. ގިސާމަތު އޭނާ އެގެއިން ފޮނުވާލަން ބޭނުންވެފައި ހުރި ވާހަކަ ރޫޔާ އަށް ބުނެވުނީ ހެމުންނެވެ.

****

ބަދިގޭ މަސައްކަތްތައް ނިންމާފައި ފަޒީލާ ކޮޓަރިއަށް ވަތްއިރު އެނދުގައި އަޖުވަދު އިނެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން މައްޗަށް ބަލަހައްޓައިގެން އިންގޮތުން އަޖުވަދު އިނީ ކަމަކާ ފިކުރުކުރަންކަން ފަޒީލާ އަށް އެނގުނެވެ. އެހެންނަމަވެސް ފިރިމީހާ ބައްދަލުވުމުގެ ކުރިން އޭނާ ބޭނުންވީ ގައިން ތާހިރުވާށެވެ. ބަދިގޭ މަސައްކަތުގައި އުޅުނު ހެދުން ބަދަލުކުރާށެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ފިރިމީހާ އާ ޒީނަތްތެރިވެގެން ބައްދަލުކުރާށެވެ. ކައިވެންޏަށްފަހު ޒީނަތްތެރިވުމަކީ ފިރިމީހާގެ ހިތް އެގޮތުގައި ބޭއްވުމަށް ނުހަނު ބޭނުންކަމެއްކަން އޭނާ އަށް މިހާރު ވިސްނިއްޖެއެވެ.

އިރުކޮޅަކުން ފަޒީލާ ފާހާނައިން ނިކުމެގެން އައިސް އެނދުގައި އިށިންއިރުވެސް އަޖުވަދު އެއިން ގޮތަށް އިނެވެ. ފަޒީލާ މަޑުމަޑުން އަޖުވަދުގެ އަތްމަތީގައި އަތް ބާއްވާލިއެވެ. އެހިނދު ސިހިފައި އަޖުވަދު ފަޒީލާ އަށް ބަލައިލިއެވެ.

"ކޮން ވިސްނުމެއްގަ" ފަޒީލާ އަހާލިއެވެ.

އަޖުވަދު ފުން ނޭވައެއް ދޫކޮށްލާފައި އެނދުން ދެފައި ބާލައިގެން ފަޒީލާ އިންގޮތަށް އިށީނދެލިއެވެ.

"ވަރަށް ތަދުވިތަ؟" ފަޒީލާގެ އަތްތިލައިގައި ހިފަހައްޓައިލަމުން އަޖުވަދު އެހިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުމެއްގެ އަސަރުވިއެވެ.

"ނުވޭ. އެހާ ބާރަކަށް ނުހިފާ" ފަޒީލާ ބުންޏެވެ.

އަޖުވަދު ހީލީ ފަޒީލާގެ ގޮތް އެނގޭތީއެވެ.

"ކޮބާ އެކުދީން؟" އަޖުވަދު އެހިއެވެ.

"އެބަތިބި. ކުޑަކޮށް ކަންބޮޑުވެފަ ތިބީ. ރޫ ގޮސް އަނގަ ހަލުވަން ފެށީމަ މިހާރު ކުޑަކޮށް ހަމަޔަކަށް އެޅިއްޖެ" ފަޒީލާ ބުންޏެވެ.

"އެމީހުން ގުޅިތަ؟ މާދަމާ ބޮޑުދުވަހެއްނު" އަޖުވަދު ބުންޏެވެ.

"އާނ. އެކަމަކު ކީއްކުރާނީ. ދުނިޔޭގައި ތިބީތީ އެބަޖެހޭ މާދަމާ އާ ވެސް ކުރިމަތިލާން" ފަޒީލާ ބުންޏެވެ.

"ކީއްކުރާނީ ފަޒީ. އަހަރެންގެ މަންމަ އެގެއްލެނީ ލޯމަތިން" އަސަރާއެކު އަޖުވަދު ބުންޏެވެ.

ފިރިމީހާއަށް ހިތްވަރެއް ދިނުމުގެ ގޮތުން ފަޒީލާ އަޖުވަދުގެ އަތުގައި ފިރުމަމުން ދިޔައެވެ.

****

"ބުނަން ރަނގަޅު ވާހަކައެއް. މީގެފަހުން މަގޭ ފޯނަށް ގުޅައިގެން ނުވާނެ. މަގޭ ދަރިއެއް ދުނިޔޭގެ އެއްވެސް ތަނެއްގަ ނުހުންނާނެ" ޝައުކަތު ކޮޓަރިއަށް ވަދެ ފާހާނާއަށް ވަތްއިރު ގިސާމަތު ކިޔަމުން ދިޔައެވެ. އޭނާ ވާހަކަދައްކަމުން ދިޔައީ ޝައުން އާއެވެ. ޝައުންގެ ފޯނު އޭނާ ނެގީ އެތައްފަހަރަކު ޝައުން ގުޅައިގެންނެވެ. އެނދުމަތީގައި ފޯނު ބާއްވާފައި ގިސާމަތު ބަލަމުން ދިޔައީ ފާހާނައިގެ ދޮރާ ދިމާލަށެވެ. އޭނާ އިނީ ޝައުކަތު ފާހާނައިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހިތްހަމަނުޖެހިފައެވެ. ހެނދުނު ގެއިން ބޭރަށް ނިކުތްމީހާ އަދި އެވަނީއެވެ. ފަހުވަގުތު ޝައުކަތުވެސް އެދަނީ އޭނާގެ އަތުން ދޫކުރަމުންނެވެ.

"ޝައުކަތު ކިހިނެއްވެގެން ތިއުޅެނީ؟" ފާހާނައިން ނިކުމެ ހަރުގައި އޮތް ތުވާލިން ޝައުކަތު މޫނު ފޮހެން ހުއްޓެވެ.

"ތިއީ ބޮޑުވަރެއްނު" ޝައުކަތު ބަހެއް ނުބުނުމުން އަނެއްކާވެސް ގިސާމަތު ބުންޏެވެ.

ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޝައުކަތު އައިސް ނެގީ އޭސީ ރިމޯޓެވެ. ފިނި އެންމެ ގަދަކޮށްލާފައި ކޮޓަރީގައި އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ.

"ކަންފަތް ބީރުވީތަ؟ ނޫނީ އަހަރެން ކިޔާ އެއްޗެއް އަޑުއަހަން ބޭނުންނުވަނީތަ؟" ގިސާމަތު ބުންޏެވެ. އެވަރުންވެސް އަޖުވަދު ބަހެއް ނުކިއިއެވެ. ކުރިއަށް ވުރެ ހިނގުން ބާރުކޮށްލިއެވެ. ކުއްލިއަކަށް ކޮޓަރިން އަޑުފަށްގަނޑެއް އިވުނެވެ. ޝައުކަތު ސިހިފައި ބަލައިލިއެވެ. ސައިޑްކަބަޑު މަތީގައި ހުރި ބިއްލޫރި ޖަގު ފެންތަކާއެކު ގޮސް ޖެހުނީ އެއް އަރިމަތީގައި ބަހައްޓާފައި ހުރި ގިސާމަތުގެ ބޮޑު ގޮނޑީގައެވެ. ޖަގު އޮތީ ފުނޑުފުނޑުވެފައެވެ.

"ހޭބަލިވީތަ؟" ޝައުކަތުގެ އަޑު ގިސާމަތަށް އިވުނީ މީގެކުރިން ނުއިވޭހާ ބާރަށެވެ.

"މިއީ ކިހާ ބޮޑު މުސީބާތެއް. ކާކު ތަން ސާފުކުރަން އަންނާނެ ކަމަށްތަ؟ އަމިއްލައަށް ޖެހޭނީ ސާފުކުރަން" ޝައުކަތު ބުންޏެވެ.

އެހާ ރުޅިއައިސްފައި ޝައުކަތު ހުއްޓާ ފެނުމުން ގިސާމަތު ދެރަވެއްޖެއެވެ. ރުޅިއަކީ ހަމައެކަނި އޭނާ އަންނަންޖެހޭ އެއްޗެއް ނޫންކަން ގިސާމަތަށް ވިސްނުނެވެ. އެނދުން މަޑުމަޑުން ތެދުވެގެން ގިސާމަތު އައެވެ. ކޮޅަށް ހުރި ޝައުކަތުގެ އަތުގައި ހިފައި އަނބުރާލުމަށްފަހު ކުޑަކޮށް ބައްދާލިއެވެ.

"މިހާރަކަށް އައިސް އަހަރެންނާ ވާހަކަތިދައްކަނީ ކޮންގޮތަކަށް. ޝައުކަތެކޭ އެއްފަދައިން މިއީ އަހަންނަށްވެސް ފަސޭހަ ދުވަސްތަކެއް ނޫނޭ. އަހަރެންވެސް ވަރަށް ކަންބޮޑުވޭ. ޝައުކަތު ތިހެން ކަންތައްކުރީމަ އަހަރެން ކިހާ ދެރަވާނެ. މީގެކުރިން އަހަރެމެން ދެމީހުން މެދުގައި މިކަހަލަ މައްސަލަތަކެއް ނުޖެހޭ. ޝައުކަތު ތިހެން ހެދީމަ އަހަންނަށް އަޅާލާނީ ކާކު؟ ޝައުކަތު ނޫނީ މިހާރު އަހަރެންގެ ހުރީ ކާކު؟"

ގިސާމަތުގެ ވާހަކަތައް އަހާފައި ޝައުކަތުގެ ހިތް މަޑު ހެވާކޮޅަކަށް ވެގެން ދިޔައެވެ. ގިސާމަތުގެ ދެއަތުގައި ހިފާ ދުރުކޮށްލާފައި ގޮވައިގެން އައިސް އެނދުގައި އިށީނެވެ. އޭނާއަށް ރުޅިއާދެވުނީތީ މާފަށްއެދުނެވެ.

"ގިސާ ބޭނުންވަނީ ކޮންގޮތެއް؟" ޝައުކަތު ބުންޏެވެ.

"ތިބުނި އެއްޗެއް ނޭނގުނު" ގިސާމަތު ބުންޏެވެ.

"މިބުނީ ހައްޔަރުވުމުގެ ކުރިން ވަރިވާން ބޭނުންހޭ" ޝައުކަތު ބުންޏެވެ.

"ހައްޔަރޭ. ކޮން ހައްޔަރެއް. ވަރިކުރާށޭ... ޝައުކަތު ތިހެން ބުނި އަޑު މިއެހީ ހަޔާތުގައި އަލަށް" ގިސާމަތު ބުންޏެވެ.

އަހަރެމެންނަށް އެހެން ގޮތެއްނެތް. ވަރަށް ދުވަހު އެކީގަ އުޅެވިއްޖެއްނު. ހައްޔަރަށްފަހު ދެމީހުން އެއްތަނެއްގަ ނުހުންނާނެ. މަރުވުމުގެ ކުރިން ލޮލަށް ފެނުމަށް ވުރެ ނުފެނުން ގާތީ" ޝައުކަތު ބުންޏެވެ.

ގިސާމަތަށް މަރާމެދު ވިސްނުން ހިނގާލެވުނީ ދެނެވެ. ފުރަތަމަވެސް ހިތަށް އެރީ އޭނާ މަރުވާނެ ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އޭނާ ސިކުނޑި އެ ވިސްނުން ނުއަތަށް ޖެހިއެވެ.

"އަހަރެން އަދި މަރުވާކަށް ބޭނުމެއްނޫން. އަހަރެން މިހުރިހާ ދުވަހު ދުނިޔޭގައި ހުރެގެން އަހަރެން ބޭނުންވާ ހުރިހާ ކަމެއް ހާސިލްކުރީމު. އަދިވެސް ކުރާނަން. އަހަރެމެން ބޭނުމިއްޔާ އަދިވެސް ބާޒީ އަނބުރާ ހޯދިދާނެ. އަހަރެން ބޭނުންވަނީ ޝައުކަތުގެ އެއްބާރުލުން." ގިސާމަތު ބުންޏެވެ.

"މިއަދު ބޭރަށް ނިކުތީ މަސައްކަތެއް ލިބޭތޯ. ބާޒާރުމަތިން ހިނގާފައި ދަނިކޮށް ފެންބޮވައިގަނެގެން ކައިރީގައި ހުރި ތަރުކާރީ ވިއްކާ ފިހާރައަކަށް ވަދެލީ. އެނގޭތަ އެފިހާރައިން އަހަންނާ ބައްދަލުވީ ކާކު ކަން" ޝައުކަތު ވާހަކަދެއްކިއެވެ. މިފަހަރު ކުރިއާ ހިލާފަށް ޝައުކަތުގެ އަޑު މަޑުވެފައި ހިތްދަތިގޮތެއް ހުއްޓެވެ. މުޅި މީހާ އެއްކޮށް ހިމޭންވެއްޖެއެވެ.

"ކާކު؟" ގިސާމަތު އެހިއެވެ.

"އަހަރެންގެ ދަރިފުޅު އިއްޒު. ކައިރީގަ މހެރީން ވެސް ހުރި. އެގައުމު ދޫކޮށްފަ ދެމައިން މާލޭގަ ތިބޭތާ ކިތަންމެ ދުވަހެއް. އެނގޭތަ އަހަންނަށް ފެންދިނީ އިއްޒު. ފެން ދިނަސް އަހަންނަށް އާ ދިރިއުޅުމެއް ހޯދައިދޭން އިއްޒު ބޭނުމެއްނުވޭ. ހިތްހެޔޮކަމާއެކު އަނގައިން ބުނެލިޔަސް އަހަންނަށް މާފްކުރާކަށްވެސް ބޭނުމެއް ނުވި. އެކަމަކު މާފްކުރި. އިއްޒު ބުނި ފުލުހުންނަށް އަހަރެމެންގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް. އަހަރެން މިއައީ ލަދުން. ކޮބާ އަހަރެން ލައި އުޅުނު އަގުބޮޑެތި ސޫޓުތައް؟ ކޮބާ އަތުކުރީގަ އޮތް އަގުބޮޑު ގަޑި؟ ފައިދަށުގައި ހުރި އޮފް އަރާ އެކި ބްރޭންޑްތަކުގެ ބޫޓުތައް ކޮބާ؟ ބަލާބަލަ ނިކަން. އަހަރެންގެ ޖީބު މިއޮތީ ހުސްކޮށް. މިއަދު މި މާލޭގަވެސް އަހަންނަށް ވުރެ ނިކަމެތި އިންސާނެއް ނެތް. އަހަރެން މާރުކޭޓުގަ ހުއްޓަ އަހަންނަށް އެއް އުމުރުގެ ކިތައް ފިރިހެނުން ޖީބުން ލާރި ނަގާފަ ލޯބިވާ އާއިލާއަށް ތަރުކާރީ ގަނެލައިގެން ނިކުމެގެންދަނީ. އެވަރުވެސް އަހަރެންގެ ނެތް. މިއަދު އަހަންނަށް އިހުސާސްވެއްޖެ ބާރާއި ނުފޫޒަކީ ހިނދުކޮޅަކަށް އިންސާނާގެ ހިތް އުފާކޮށްދޭން ޒިޔާރަތްކޮށްލާ މެހެމާނެއްކަން. އަހަރެން މިއައީ އެތަނުން މެހެރީން ވަރިކޮށްފަ. އަހަރެންގެ ސަބަބުން އެކަކުވެސް ވޭނެއް ތަކުލީފެއް އުފުލާކަށް ބޭނުމެއްނޫން. އަހަރެން މިހާރު ބޭނުންވަނީ ހައްޔަރުވާން. އޭރުން ތިން އިރުގަ ބަނޑުފުރާ ކާލާނެ އެއްޗެއް ލިބޭނެ. އަތުން އެއްވެސް ހަރަދެއްނުކޮށް ފެންފޮދެއް ބޯލަން ލިބޭނެ. ހިތަށްއަރާ ކޮން އިރަކުންބާއޭ ފުލުހުން އަހަރެން ބަލާ އަންނާނީ؟" ޝައުކަތުގެ ކޯތާފަތުން ތިރިއަށް ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބައިގެން ދިޔައެވެ.

"މޮޔަވީތަ؟ ވިސްނުން ތިދަރަޖައަށް ގެންދަން އަދި ނުވޭ. އަދި އަހަރެމެން ސަލާމަތުން އެބަތިބީމު. އަދިނުޖެހޭ ގޮސްހުސްވާކަށް. އަދިވެސް ހުރިހާ ބާރެއް ހޯދިދާނެ. ކޮބާ އަހަރެން ބުނި ކަންތައް؟ ކޮބާ ސިހުރު ހަދާ މީހާ؟ އަހަރެން އަތުގަ އެބައޮތް ރަން އުޅައެއް. ވިއްކާލީމަ ކޮންމެސް ވަރަކަށް ރުފިޔާކޮޅެއް ލިބޭނެ" ގިސާމަތު ވާހަކަދެއްކިއެވެ.

ކަރުނަތަކާއެކު ގިސާމަތުގެ މޫނަށް އަޖުވަދު ބަލައިލިއެވެ.

"އަދިވެސް ސިހުރުތަ ހަދަންވީ؟ އަހަންނަކަށް މިހާރު އެހެންމީހެއްގެ ކަމަކާ ނޫޅެވޭ. ފިކުރުކޮށްކޮށް އަހަރެން ފަނާމިވަނީ. އަހަންނަށް އިހަށް އުނދަގުނުކޮށްފާނަންތަ؟ މިތާ އޮށޯވެލަން އަހަރެން ބޭނުން" ޝައުކަތު ބުންޏެވެ.

ޝައުކަތު އޮށޯންނަން ތަންދައްކާފައި ގިސާމަތު މަޑުމަޑުން ތެދުވިއެވެ. އަލަމާރި ކައިރިއަށް ގޮސް އޭނާގެ ރަން އުޅާ ނެގިއެވެ. ޝައުކަތު ގޮސްހުސްވިޔަސް އޭނާ އަދި ގޮތް ހުހެއް ނުވިއެވެ. ކިތަންމެ ކުޑަ ފައިސާކޮޅެއް ލިބުނަސް އެއް ރުފިޔާ ދެ ރުފިޔާއަށް ހަދާލެވޭނެ ގޮތް އޭނާއަށް އެނގެއެވެ. ވަގުތުން ފޯނު ނަގާފައި އޭނާ ހޯދާލީ ޒަމާންވީ އެކުވެރިއެއްގެ ނަންބަރެވެ. ފޯނުގެ ހިދުމަތް ކަނޑާލާފައިކަން އެނގުނީ ކަންފަތުގައި ފޯނު ޖެހުމުންނެވެ.

****

ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުމާއެކު އަޖުވަދު ދޮރު ހުޅުވާލިއެވެ. ރާނީ އެއް ފަދައިން ތައްޔާރުވެގެން ހުރި ލޯބިވާ ދަރިފުޅު ފެނުމާއެކު އަޖުވަދުގެ ދެލޯ ވިދައިގަތެވެ. އެއީ އޭނާގެ ދެލޮލުގެ ފިނިކަމެވެ.

"ބައްޕާ..." އަޖުވަދުގެ ގައިގައި ރޫޔާ ކުޑަކޮށް ބައްދާލިއެވެ.

ކޮންމެވެސްކަމަކާ ރޫޔާ ވަރަށް އުފަލުން ހުރިކަން އަޖުވަދަށް އިހުސާސްވިއެވެ. އެހިނދު ބޭއިހްތިޔާރުގައި އަޖުވަދަށް ހިނިތުންވެވުނެވެ.

"ވަރަށް ވަރަށް އުފަލުން މިހުރީ" ރޫޔާ ބުންޏެވެ.

އެވަގުތު އެއީ ފާހާނައިން ފަޒީލާ ނިކުތްވަގުތެވެ.

"ކިހިނެއްވީ އަނެއްކާ؟ ފަޒިއްތައަށް ވެސް އަންގާލަބަލަ" ފަޒީލާ ވާހަކަދެއްކި އަޑަށް ރޫޔާ ބަލައިލިއެވެ. ދެން ދިޔަގޮތަށް ފަޒީލާގެ ގައިގައިވެސް ބައްދާލިއެވެ.

"ބައްޕަ ސަލާމަތްވެގެން އަތުވެއްޖެ. މަންމަ އާއި ބައްޕަ މާލެ ވަރަށް އަވަހަށް އެބައާދޭ" ފަޒީލާގެ ގައިގައި ބައްދާލިގޮތަށް ރޫޔާ ބުންޏެވެ.

އެއްއަތުން ރޫޔާގެ ބުރަކަށީގައި ފިރުމާލަމުން ފަޒީލާ ބަލައިލީ އެދެމައިންނަށް ބަލަހައްޓައިގެން ހުރި އަޖުވަދަށެވެ. ރޫޔާ އަށް އެހަބަރަކީ އައު ހަބަރަކަށް ވިޔަސް އަޖުވަދާއި ފަޒީލާ އަށް މާކުރިން އެނގޭ ކަމެކެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު ފަޒީލާ ރޫޔާގެ މޫނަށް ބަލައިލިއެވެ.

"އަސްލުވެސްތަ؟ ތިއީ ހާދަ އުފާވެރި ހަބަރެކޭ" ފަޒީލާ ބުންޏެވެ.

"އަލްހަމްދުލިއްލާހް.... ބައްޕަގެ ތިދަރިފުޅަށް މިއަދުވެސް ، މާދަމާވެސް، އަބަދުވެސް އިތުރު ހިތްހަމަޖެހުން ދެއްވާށި" އަޖުވަދު ވެސް ބުންޏެވެ.

"ބައްޕާ، އެނގެއެއްނު ނިހާން. ނިހާން މިރޭ އަޅުގަނޑު ބަލާ އަންނާނެ. ނިހާންގެ މަންމަމެން މާލޭގަ އެބަތިބި. އިރާދަކުރެއްވިއްޔާ ހަމަ މިރޭ ބައްޕަ އާ ނިހާން ބައްދަލުކޮށްދޭނަން" ރޫޔާ ބުންނެވެ.

****

މަގުކޮޅުން ނިހާން ދައްކާލީ ގޭޓު ކައިރީގައި ރޫޔާ ހުންނަތާ އިރުކޮޅެއް ފަހުންނެވެ. ނިހާން ސައިކަލް ކައިރިކޮށްލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ލަސްވީ ފަސްވަރަކަށް މިނެޓެވެ.

"ސޮރީ ލަވް. ލަސްވީ ސައިކެއް ނުލިބިގެން" ނިހާން ބުންޏެވެ.

ހަގީގަތުގައި ވެސް އޭނާ ލަސްވީ ސައިކަލެއް ނުލިބިގެންނެވެ. އެންމެފަހުން އޭނާ އެއައީ ހަބީބްގެ ސައިކަލުގައެވެ. އެކަމެއް ރޫޔާ އަށް ނޭނގެއެވެ.

"ވަރަށް ވަރަށް ހޭޕީ ނިއުސްއެއް ދެންތަ؟" ސައިކަލު ފަހަތަށް އަރާ އިށީންނަމުން ރޫޔާ ބުންޏެވެ.

"ތިހާ ހެޕީ ނިއުސް ސައިކަލު ދުއްވާ ގަޑީގަ ދޭކަށް ނުވާނެ. އިހަށް މަޑުކޮށްލާ" ނިހާން އެއްކައިރިއަކަށް ސައިކަލް މަޑުކޮށްލިއެވެ.

"ކިޔާބަލަ" ސައިކަލު މަތީގައި އިނދެ ރޫޔާ އާ ދިމާލަށް އެނބުރިލަމުން ނިހާން ބުންޏެވެ.

"ތިބެވުނީ މަގުމަތީގައި ކަމެއް ނޭނގި ސައިކަލު މަތީގައި އިނދެފައި ކުއްލިއަކަށް ނިހާންގެ ގައިގައި ރޫޔާ ބައްދާލިއެވެ. ނިހާންގެ ލައިގެން އިން ޓީޝާޓްމަތިން ކޮނޑުގައި ބޮސްވެސްދިނެވެ. ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑަކުން އުޅެވޭ ނޫޅެވޭ ގޮތެއް ރޫޔާ އަށް ނޭނގެއެވެ.

"މަގުމަތި އިނގޭ" ދެފަރާތް ހޯދައި ބަލައިލަމުން ނިހާން ބުންޏެވެ.

"އެނގެއޭ. ހަމަ ނުހުރެވިގެން. އެނގޭތަ ބައްޕަ އަތުވެއްޖެ. މިއަދު މަންމަ ގުޅާފަ ބުނީ. ބައްޕަވެސް ފެނުނު. މަންމަ ބުނި މާލެ ވަރަށް އަވަހަށް އަންނާނަމޭ" ހުރިހާ ފައްޗަކަށް ރޫޔާ އަމުނާލިއެވެ.

ކަޅިޖަހާވެސްނުލާ ރޫޔާގެ މޫނަށް ބަލަހައްޓައިގެން ނިހާން އިނެވެ. ރޫޔާ އެއީނި ހާދަ ބޮޑަކަށް އުފާވެފައެވެ. ބައްޕަގެ ވާހަކަތައް ކިޔައިދީ ނިމުނުއިރު ރޫޔާގެ ސާފު ބިއްލޫރިކޮޅެއްފަދަ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވިދަމުންދިޔަ މަންޒަރު ނިހާނަށް ފެނުނެވެ. ކުރިން އެއްވެސް ކަމެއް އެނގޭކަމަށް ހަދައިގެން ރޫޔާ ގެ އުފާވެރިކަން ގެއްލުވާލަން ނިހާން ބޭނުމެއްނުވިއެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ރޫޔާގެ ފިނި ދެއަތްތިލައިގައި ހިފަހައްޓާލާފައި ދެއަތުގައި ބޮސްދިނެވެ.

"މިވަރަކުން އަދި ނުފުދޭ. ވަރަށް ހަގްކޮށްލާހިއްވޭ. އެއީ ރޫ ތިހާ ހެޕީވެފަ އިނީމަ. ތި ހިނިތުންވުން ރޫގެ ތުންފަތްމަތިން ގެއްލޭކަށް ދުވަހަކުވެސް ނޭދެން" ނިހާން ބުންޏެވެ.

ރޫޔާ ބޯޖަހާލުމާއެކު ނިހާން ކުރިއަށް ސައިކަލު ދުއްވާލިއެވެ. މޫނުގައި ޖެހި އެކިދިމާލަށް ބުރައިގެންދާ ވަޔަށް ލޯމަރާލައިގެން ރޫޔާ އިންއިރު އޭނާ އިނީ ކޮންމެސްވަރަކަށް ނިހާންގެ ބުރަކަށީ ލެގިގެންނެވެ. އޭނާ ހިތާހިތުން ވާހަކަދައްކަމުން ދިޔައެވެ.

"ހެއްދެވިފަރާތަށް ނިމުމެއްނެތް ޝުކުރެވެ. އިއްޔެ އެއީ ކޮންފަދަ ހިތާމަވެރި ދުވަހެއް ހެއްޔެވެ؟ ކުއްލިއަކަށް ދިރިއުޅުމަށް ބިންދާލި ރާޅުގެ ބާރުގަދަކަން އަދިވެސް އިހުސާސްވުމުން ގައިން ހީބިހި ނަގައިގެންދެއެވެ. ލޯބިވާ ބަޔަކު ކުއްލިއަކަށް ލޯމަތިން ގެއްލުމުން އޭނާ ހިތަށް ކުރި ފުންއަސަރު ދެނެވޮޑިގެންވާނީ އެންމެފަރާތަކުންނެވެ. ރަހުމުކުޑަ އިންސާނެއްގެ ނުފޫޒުން އޭނާ ރާއްޖެ ގެނައި ދުވަސް އަދިވެސް ހަނދާނުގައި ހުއްޓެވެ. އެ ދިރިއުޅުމަށް ހޭނެން އެތައް ހިތްވަރެއް އޭނާ ކުރަންޖެހުނެވެ. މަންމަގެ ނަސޭހަތްތަކާ ފަޒިއްތަގެ ލޯތްބާ ބީރައްޓެއްސެއް ފަދައިން ދެކުނު އުފަން ބައްޕަގެ ދެލޮލުން ފެނުނު އޯގާތެރިކަމާއި ލޯބީގެ ސަބަބުން ދިރިއުޅެން ރޫޔާ ހިތްވަރު ހޯދިއެވެ. އޭނާ ކެތްތެރިވިއެވެ. އޭނާ ކެތްތެރިވީތީ އެކަމުގެ ނަތީޖާ މިއަދު އެފަރާތުން ދެއްވައިފިއެވެ. އޭނާއަށް ގެއްލުނު ދެމީހުންނާ ބައްދަލުވެއްޖެއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟