ވާހަކަ

ނުފޫޒަކުން - 42

"މި ދުވަހުގެ އުފަލުގައި ބައްޕަވެސް ތި ކުދީންނަށް ކަންތައްތަކެއް ކޮށްދެން ބޭނުން. އެންމެ ފުރަތަމަ ހިނގާ އަލަށް ބައްޕަގެ ޒިންމާގެ ދަށަށް އައި ކުދީންނަށް ކަންކަން ކިޔައިދެމާ. މިއަދު ތިންކުދިންވެސް ވާނެ މިބަޔަށް ބަދަލުވާން. މަތީ ބައިގަ ރޫޔާގެ ކޮޓަރި އާ ޖެހިގެން ހުރި ފަސް ކޮޓަރިގެ ތެރެއިން ތިން ކުދިންނަށް ހާއްސަކޮށްފައި ހުންނާނެ ވަކި ތިންކޮޓަރި. އެތަނުގައި ތަޅުލާފައި އެހުންނަނީ ޝައުންގެ ކޮޓަރި. ފަޒީ ވާނެ އެކޮޓަރިތައް ތައްޔާރުކޮށްލާފައި އެކުދީންނަށް ތަޅުދަނޑި ހަވާލުކޮށްދޭން. ޝައުންގެ ކޮޓަރިވެސް ކޮންމެދުވަހަކު ސާފުކޮށްލަދިނިއްޔާ ވަރަށް ރަނގަޅު. އެއީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. މިއަދު ހުރިހާ އެއްޗެއް މިބަޔަށް ބަދަލުކުރަންވާނެ. އެބައި އެއްކޮށް ހުސްކޮށްފަ އެތަން ތަޅާލާފަ ހަދަން ފަށާނަން" އަޖުވަދު އޭނާ ވިސްނާފައިވާ ގޮތް ކިޔައިދެމުން ދިޔައެވެ.

"ދެން ބުނެބަލަ. ބައްޕަގެ ޕްރިންސަސް އެންމެ އުފާވާނީ ކޮންކަމެއް ކޮށްދިނިއްޔާ" ރޫޔާ އަށް ބަލައިލަމުން އަޖުވަދު ބުންޏެވެ.

އަޖުވަދުގެ މޫނަށް ބަލައިލާފައި ރޫޔާ ހިނިތުންވެލިއެވެ. ބައްޕަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުލްގު ހެޔޮ ނިކަމެތި އަންހެނަކާ ކައިވެނިކުރަން އެންމެ ބޮޑަށް ބާރު އެޅީވެސް ރޫޔާ އެވެ. އޭނާ އެދޭކަމެއް އަދިވެސް އެބައޮތެވެ. އެއީ ބައްޕައަށް ވާނެ ކަމެއްކަން ނުވަތަ ނޫންކަން ޔަގީން ނުވިޔަސް ބުނެލައިގެން ހިތަށް ތަސައްލީއެއް ހޯދިދާނެއެވެ.

"ބޭނުންވަނީ މަންމަ އާ ބައްޕަ އާ ބައްދަލުކުރަން" ރޫޔާ ބުންޏެވެ.

އެހިނދު އަޖުވަދާއި ފަޒީލާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ރޫޔާގެ އަޑު އައިގޮތުންވެސް އެ އަޑުގައި އެކުލެވިގެންވި ރިހުން އަޖުވަދަށް އަންދާޒާ ކުރެވުނެވެ. ރޫޔާގެ ހިނިތުންވެފައިވާ މޫނުގެ ފަހަތުގައި އަދިވެސް ވޭނެއް ފޮރުވިފައިވާކަން އަޖުވަދަށް އެނގުނެވެ. ވާނީވެސް އެހެންނެވެ. އެއީ ރޫޔާ އަށް ދުނިޔެ ދަސްކޮށްދިން ހުލްގު ހެޔޮ ދެމަފިރިންނެވެ. ދަރިން އުފަންކުރާ މައިންބަފައިންނަށް ވުރެ ވިހޭންސުރެ އެދަރިން ބަލާ ބޮޑުކުރާ މީހުންނަކީ މައިންބަފައިންނަށް ވުރެ ދަރަޖަ ވަކި ކުޑަ ބައެއް ނޫނެވެ.

"ބައްޕަ ވައުދުވަން. ވަރަށް އަވަހަށް ދަރިފުޅު ތިއެދުން ފުރިހަމަވާނެ" އަޖުވަދު ބުންޏެވެ.

އެކަމަކީ އޭނާއަށް އުނދަގޫ ކަމަކަށް ނުވާނެކަން އެނާއަށް އެނގެއެވެ. ހަބީބް އާއި ހަންނާ ހެޔޮހާލުގައި މާލޭގައި އުޅޭކަން އެއީ އޭނާއަށް ސއްރުވެފައި އޮތްކަމެއް ނޫނެވެ.

"އަޅުގަނޑުވެވެސް މީހަކާ ބައްޕަ އާ ބައްދަލުކޮށްދޭންވެފަ އެބައޮތް" ރޫޔާ ބުންޏެވެ.

އަޖުވަދު ލޯބިން ފުރިގެންވި ބެލުމަކުން ރޫޔާ އަށް ބަލައިލިއެވެ. ރޫޔާގެ ހަޔާތަށް މީހަކު އައިސްފައިވާކަން އަޖުވަދަށް ކިޔައިދިނީ ފަޒީލާ އެވެ. އެއީ ކާކުކަން ނުބުނީ ރޫޔާ އަށް އެ ފުރުސަތު ދޭންވެގެންނެވެ.

"ތިހެންވީމަ މިތަނުން ފުރައިގެން ބައްޕައަށް ދެވޭނީ ދަރިފުޅުގެ ކައިވެނީގެ ކަންކަން ނިންމާފަތާ" ސަމާސާ އެކުލެވޭ ރާގެއްގައި އަޖުވަދު ބުންޏެވެ.

އެހިނދު ރޫޔާ ރަކިވެފައި އަޖުވަދުގެ ކޮނޑުގައި ބޯ އަޅާލިއެވެ.

****

އެނދުގައި އިށީނދެގެން އިން ޝީރީނާ ގެ އުނގުގައި ބޯ އަޅައިގެން ނިހާން އޮތެވެ. ވަކިން ހުރި ސޯފާ ގޮނޑީގައި ކުޑަ ރޭޑިޔޯ ހުޅުވައިގެން ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ދިޔަ ޕްރޮގްރާމެއް އަޑުއަހަން އިން ދާއޫދު ރޭޑިޔޯގެ އަޑު ކުޑަކޮށްލީ ނިހާން ދައްކަމުންދިޔަ ވާހަކަތައް އެހުމަށެވެ. ހަބީބް އާއި ހަންނާ އަށް ދިމާވި ކަންތައްތައް ނިހާން ކިޔައިދެމުން ދިޔައެވެ. ދުޝްމިނެއްގެ އެއްވެސް ނުފޫޒެއްނެތި އުފަން ވަޒަނުގައި ދިރިއުޅެން އާދަވެފައި ތިބި ދާއޫދުގެ ދެމަފިރިންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދުނިޔޭގައި އެހާ ނުބައިނުލަފާ މީހުންވެސް އުޅޭތާއޭ ދާއޫދު ބުނެލިއެވެ. ބޮޑުވެގެން އައިރު މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުދާގަނޑު އެއްބަނޑު މީހުންނަށް ދޫކޮށްލުމަށްފަހު އަމިއްލަ މަސައްކަތަށް ނިކުމެ އަމިއްލައަށް އަތުން ރާނައިގެން އަނބި ދަރީންނަށްޓަކައި ގެދޮރު ބިނާކުރެވުނުކަމަށްޓަކައި އެހިނދު ދާއޫދު ހެއްދެވިފަރާތަށް ޝުކުރު ދަންވާލިއެވެ. ފިތުމަވެރިންގެ ކިބައިން ދަރީންނާ އަނބިމީހާ ރައްކާތެރިކުރެވުނީ އޭނާގެ ވިސްނުންތޫނު ސިކުނޑިއަށް އޭރު އާދާވާތްތެރިންނާ ހެޔޮ އެދޭމީހުންން ދެނެގަންނަން އެނގުމުންނެވެ.

"މިގޭތެރެއިން އެ މަންޖެ ނުފެންނަނީ މިހެންވެތާ ދޯ" ޝީރީން ބުންޏެވެ.

"ލައްބަ މަންމާ. ހަންނާއްތަމެން މިހާރު އެންމެފަހު މަރުހަލާގަ އެ އުޅެނީ. ލައްކަ ދުވަހު ކެތްކޮށްފިއެއްނު" ނިހާން ބުންޏެވެ.

"މިހާރު މާ ލަސްވެއްވެއްޖެ. އިންސާފަކީ ހަމައެކަނި ބާރުހުރި މީހާ އަށް ލިބެންޖެހޭ އެއްޗެއް ނޫން" ޝީރާނާ ބުންޏެވެ.

"އަޅުގަނޑު ބުނިން ރޫޔާ ކައިރީގަ މަންމަމެންނާ ބައްދަލުކުރަން. ވަރަށް ބޭނުންވެފަ ހުރީ" ނިހާން ބުންޏެވެ.

"ތިހެންވިއްޔާ ލަސްކުރަނީ ކީއްކުރަން. ރޫޔާ އުޅޭ ގެއަށް މަންމަމެންނަށް ނުދެވޭނެތަ؟" ޝީރީން އަހާލިއެވެ.

"ރޫ ގެންނާނަން މިގެއަށް. ނައި އާ ނައު ކައިރީގަވެސް ބުނާތި. އަޅުގަނޑު މިދަނީ ބުކްޝޮޕަށް ދާން. ވަގުތީގޮތުން ލިބުނު ވަޒީފާއެއް ވިޔަސް އެތަނަށް ގޮސްގެން އަތަށް ލާރިއެއް އަރާނީ" ނިހާން ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ. އިރުކޮޅަކުން ނިކުމެ މޫނާއި ބޮލުގެ އިސްތަށިގަނޑުގައި ޖެހިފައިވާ ފެންތައް ތުވާލިން ސާފުކޮށްލިއެވެ. ބޮލުގައި ޖެލް ހާކާފައި މޫނުމަތި ރީތިކޮށްލިއެވެ. ދެން އަލަމާރި ކައިރީގައި ހުރެ ލައިގެން ހުރި ޓީޝާޓް ބަދަލުކޮށްގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"ދަރިފުޅާ..." ޝީރީނާ ގޮވާލީ ދޮރުން ނިކުމެނިކުމެ އޮށްވައެވެ.

"ތިދެކުދީންގެ ކައިވެނީގެ ކުރިން މަންމަގެ ރަންފަށް އެމަންޖެއަށް ދިނަސް އެންމެރަނގަޅުތަ؟" ޝީރީނާ އަހާލިއެވެ.

ނިހާނަށް ހެވުނެވެ.

"ލައްބަ މަންމާ. މަންމަ ބޭނުން އެއްޗެއް ދެވިދާނެތަ؟ ރޫ ވަރށް އުފާވާނެ" ނިހާން ބުންޏެވެ. ދެން ދޮރުލައްޕާލިއެވެ.

****

ޝައުކަތުގެ ހަބަރެއްނުވެ ގިނައިރު ވުމުން ގިސާމަތު މަޑުމަޑުން ހިނގާފައި ދޮރާ ދިމާލަށް ދިޔައެވެ. ހެނދުނު ހިތްހަމަނުޖެހިގެން ގެއިން ދިޔަގޮތަށް އަދި ޝައުކަތުގެ ހަބަރެއް ނުވެއެވެ. ގިސާމަތު ދޮރާ ދިމާލަށް ދިޔައީ ބޭރުން ޝައުކަތު ފެންނަން ހުރިތޯ ބެލުމަށެވެ. ބޭރުން ވަދެގެން އައި ހަތަރު އަންހެންކުދީން ގިސާމަތުގެ ގައިގައި ޖެހިގަނެފައި ދިޔުމުން ގިސާމަތު ކުދި ކިޔާލިއެވެ. އެގޭ ދިރިއުޅޭ ހުރިހާ އަންހެނުން ވެގެން އޭނާގެ ދިރިއުޅުން އަޒާބަކަށް ހަދައިފިއެވެ. ބޭރުހުރި ގަސްތަކަށް ފެން ދޭން ހުރި ފަޒީލާ ފެނުމުން ގިސާމަތު އެދިމާލަށް ދިޔައެވެ.

"މިގޭގަ ހިތަށް އެރިގޮތކަށް ކަލޭމެންނަށް ނޫޅެވޭނެކަން ހަނދާންކުރައްޗޭ" ފަޒީލާ ބަލައިލީ ފަހަތުން ގިސާމަތު ވާހަކަދެއްކި އަޑަށެވެ. ފެން ހޮޅި ނިއްވާލާފައި އެ އޮންނަ ތަނުގައި ބާއްވާފައި ގިސާމަތާ ދިމާލަށް ފަޒީލާ އެނބުރިލިއެވެ. ފަޒީލާ އަޅައިގެން ހުރި ހެދުމަށް ގިސާމަތު ބަލައިލިއެވެ. އަނގައަށް ގޮތެއް ހަދާލިގޮތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ކިތަންމެ ފާޑަކަށް ހެދުން އަޅާފައި ހުއްޓަސް އެތެރެ އޮތް އެއްޗެއް ބަދަލެއްނުވާނެ" ގިސާމަތު ބުންޏެވެ.

އަނެއްކާވެސް ގިސާމަތު ފަހަތް ބަލައިލީ ބޭރުތެރެއިން ކުދީންގެ ހޭ އަޑު އިވުމުންނެވެ.

"މިއީ ކިހާބޮޑު މުސީބާތެއް. ތިއިން އެއްވެސް އެއްޗެއް މަގޭ ކުރިމައްޗަށް ނާރާތި" ގިސާމަތު ހަޅޭއްލަވައިގަތެވެ. ޝައުކަތުގެ ހަބަރެއްވޭތޯ ބޭރަށް ނިކުތަސް ފަޒީލާ އާ ކުދީން ފެނުމާއެކު އޭނާ ބޭރަށް ނިކުތް ކަންތައްމަތިން ހަނދާންނެތިއްޖެއެވެ.

"ގެއަށް އުފަލެއް ލިބުނީމަ ފާހަގަކުރާނެއްނު. އެކުދީން އެކަމުގަ އެ އުޅެނީ" ފަޒީލާ ބުންޏެވެ.

"އުފަލެކޭ. އަހަރެން ނުދެނަހުރިން. އެ ހަނާނު ހުރިތަނަކަށް އުފަލެއް ވަންނާނެތަ؟ ފަޒީލާ، ކަލޭ ހަނާނަށް ވިސްނައިދީ. ބުނޭ އޭނަ އައިތަނަކަށް ދާށޭ. ބުނޭ މިހާރު މިގެއަށް އޭނަ ބޭނުމެއްނުވެއޭ. އަހަރެންގެ މުޅި ދިރއުޅުން އިދިފުށަށް ޖެހިގެން މިދިޔައީ އޭނާގެ ސަބަބުން" ގިސާމަތު ބުންޏެވެ.

"އެހެން ކިހިނެއްބުނާނީ. މިއީ އެމަންޖެގެވެސް ގެއެއްނު" ފަޒީލާ ބުންނެވެ.

"ކަލޭ ކައިރީގަ ބުނާގޮތަށް ކަންތައް ކުރީމަ ނިމުނީ. ކޮންބޭކާރު ވާހަކައެއް" ގިސާމަތު ބުންޏެވެ.

"ނުވާނެ ތިކަމެއް. މަންމާ، މަންމަގެ ވިސްނުން ބަދަލުކުރަންވެއްޖެއްނު" ފަޒީލާ ބުންޏެވެ.

ގިސާމަތަށް ހީވީ މޫނުމަތީގައި ތަރި ބުރައިގެން ދިޔަހެންނެވެ. އޭނާގެ ކުރިމަތީގައި އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު 'މަންމަ' އޭ ކިޔުމުން މޭނުބައިކޮށް ހޮޑުލަވައިގަތެވެ. އެހާ ރުޅިވެސް އައެވެ. ފަޒީލާގެ އަނގައަށް ކުޅުޖަހާނަމޭ ހިތަށް އެރިއެވެ.

"ކީކޭ؟ އައްޗީޑި. މަންމަ އޭ. ކަލޭގެ މަންމައަށް އަހަރެންވީ ކޮންއިރަކު؟" ގިސާމަތު ވާހަކަދެއްކީ ފާޑަކަށެވެ.

އިތުރަށް އެއްޗެއް ބުނަން ފަޒީލާ އަށް ނުކެރިހުއްޓާ ދޮރުން ނިކުތް އަޖުވަދު ފެނިއްޖެއެވެ. މިއަދު ގެއިން ބޭރަށް ނުނިކުމެ އަޖުވަދު މަޑުކުރީވެސް ގިސާމަތުގެ ދުއްތުރާ ފަޒީލާ އަށް ޖެހިދާނެ ކަމަށެވެ.

"ފަޒީ އެބުނީ ރަނގަޅަކަށްނު މަންމާ" ގިސާމަތާ އަރާ ހަމަކޮށްލަމުން އަޖުވަދު ބުންޏެވެ.

"މަށަކީ މިގޭ އެއްވެސް ނޯކަރެއްގެ މައެއް ނޫން. ލަދެއް ހަޔާތެއްވެސް ނެތީތަ؟ ކަލޭ ބިމަށް ފައިބާ އެންމެފުރަތަމަ" އިނގިލިން ފަޒީލާ އަށް އީޝާރާތެއްކޮށްލަމުން ގިސާމަތު ބުންނެވެ.

"ފަޒީ އަކީ މިގޭ ނޯކަރެއްނޫން. އަދި މިގޭ އެއްވެސް ތަނެއްގައި އެކަކުގެ ނޯކަރެއްވެސް ނުހުންނާނެ. ފަޒީ އަކީ އަޅުގަނޑުގެ އަނބިމީހާ. އަޅުގަނޑު ފަދައިން ފަޒީ އަކީވެސް މިހާރު މަންމަގެ ދަރިއެއް" އަޖުވަދު ވާހަކަދެއްކިއެވެ. އަޖުވަދު ކުރިއަށް އަރައިގެން ގޮސް އިސްޖަހާލައިގެން ހުރި ފަޒީލާގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާ ކައިރިކޮށްލިއެވެ. ގިސާމަތަށް ހީވީ އުޑު ބޮލަށް ވެއްޓުނުހެންނެވެ. ލިބުނު ނުބައި ހަބަރެއްގެ ސަބަބުން އޭނާގެ ދެފައި އެއްތަނެއްގައި ހަރުނުލައެވެ. ދުރުގައި ހުރެ ގައިގައި އަތްނުލާ އަޖުވަދު ވިހެލި އެތިފަހަރުގެ ދިލަށް މިފަހަރު ހަމަރަނގަޅަށްވެސް މުޅި ހަށިގަނޑަށް އަރައިގެން ހިނގައްޖެއެވެ. ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"ފަޒީ އާ އަޅުގަނޑުގެ ކައިވެނިކުރެވުނީ ރޭގަ. ފަޒީގެ ބެލުމުގެ ދަށުގައި ތިބި ތިންކުދީންނަކީ އަޅުގަނޑުގެ ޒިންމާގެ ދަށުގައި ތިބި އަޅުގަނޑުގެ ދަރީން" އަޖުވަދު ބުންޏެވެ.

ގިސާމަތުގެ އެތެރެހަށީގެ ލޭ ހޫނުވަމުންދާކަމެއް އޭނާ ނުދެނަހުއްޓެވެ. އެތެރެހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި އެއީ އޭނާ ގަބޫލުކުރާނެ ކަމެއް ނޫނެވެ. އޭނާގެ ފައިދަށުގައި އޭނާގެ ގުލާމަކަށް ވެގެން ހުރި ނިކަމެތި އާދައިގެ އަންހެނެއް އޭނާގެ ދަރިއަކާ ހަމައަށްވެސް އާދެވިގެން ނުވާނެއެވެ. އެހެރީ ހަމަރަނގަޅަށްވެސް މަގުއޮޅިފައެވެ.

"މަރުހަބާ މާމާ... އަން ކޭކު ކޮޅެއް ކާލަންވީނުން" ރޫޔާ ބުންޏެވެ. ގިސާމަތު ބަލައިލިއިރު ފަތި ތައްޓެއްގެ ތެރެއިން ކޭކު ކޮޅެއް ސަމްސަލަކުން ގިސާމަތަށް ދިއްކޮށްގެން ރޫޔާ ހުއްޓެވެ. އެމަންޒަރު ފެނުމުން އަޖުވަދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ހަމަ އެހިނދު އެހިނިތުންވުން ފިލައިގެން ދިޔައީ ރޫޔާގެ އަޑު އިވިފައެވެ.

"އައުޗް..." ރޫޔާގެ އަތުގައި ގިސާމަތު ވިހެލީ އަތުގައި އޮތް އަސައިންނެވެ. އެހިނދު ރޫޔާގެ އަނގައިން އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އަތުތެރޭގައި އޮތް ކޭކުކޮޅާ އެކު ތައްޓާ ސަމްސާވެސް ދުރަށް ބުރައިގެން ދިޔައެވެ. ތަދުވީވަރުން ރޫޔާ އަށް ހުރެވުނީ ރޮވެން ކައިރިވެފައެވެ.

"މަންމާ..." އަޖުވަދުގެ އަޑު ނިކަން ބާރެވެ. ރޫޔާ އާ ދިމާލަށް ދިޔައީ ފަޒީލާ އާ އަޖުވަދާ އެކުގައެވެ.

"ތިކަހަލަ ޖަނަވާރުންގެ ފެންވަރު މިފެންނަނީ" ރޫޔާ އާ ދިމާލަށް ގިސާމަތު ބުންޏެވެ.

"ލައްކަ ދުވަހު އަނގަ ދިޔާކޮށްގެން އުޅެވިއްޖެއްނު. ހަމަމިހާރު ކަލޭ މިގެއިން ނިކުމެގެން ދާންއުޅޭ. ކަލޭމެންވެސް މަގޭ ހިޔާވަހިކަމުން ރައްކާވޭ" ދުރުގައި ތިބި ތިން އަންހެންކުދީންނަށް އިޝާރާތްކޮށްފައި ގިސާމަތު ހަޅޭއްލަވަމުން ދިޔައެވެ.

"މިގެއިން އެކަކު އެއްތާކަށްވެސް ދާކަށްނުޖެހޭނެ. ދާތާކަށް ދާންޖެހޭ މީހަކީ މަންމަ" ފަޒީލާ ބުންޏެވެ.

ރޫޔާގެ އަތުގެ މުލައްދަނޑިން ނޫފައިގެންފައިވާ ތަނުގައި ފިރުމަން ހުރި އަޖުވަދު ހުރީ ރޮވެން ކައިރިވެފައެވެ. އޭނާގެ މޭގެ އެތިކޮޅު ފަދަ ލޯބިވާ ދަރިފުޅުގެ ގައިގައި މަންމަ އެލައްވާލި ޒަހަމަށް ދުވަހަކުވެސް އޭނާއަށް މަންމައަށް މާފެއްނުކުރެވޭނެއެވެ.

"ހަބަރުދާރު. ކަލޭ...." ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ގިސާމަތު ހިފީ ފަޒީލާގެ އިސްތަށިގަނޑުގައެވެ. ބުރުގަލަށް ވާންވެގެން ގޮސް ފަޒީލާ ބިންމައްޗަށް ވެއްޓުމުގެ ކުރިން އަޖުވަދު ފަޒީލާގެ ގައިގައި ހިފެހެއްޓިއެވެ.

"މަންމާ..." ގިސާމަތުގެ އަތުގައި ހިފިގޮތަށް ދުރަށް ފޮޅުވާލާފައި އަނބިމީހާގެ ގައިގައި އަޖުވަދު އޮޅުލައިގަތެވެ. އަޖުވަދަށް ރޮވުނީ ދަރިފުޅަށާއި އަނބިމިހާ އެއްވަގުތެއްގައި ހިމާޔަތްކުރަން އޭނާ ނުކުޅެދުމުންނެވެ.

"މޮޔަވީތަ މަންމާ... ކަންކަން ހަޖަމުކުރަން ނޭނގެންޏާ މަންމަ ދުނިޔޭގައި ނޫޅެންވީނުން. މަންމަ އުޑުޖެހިފަ ބިމުގަ ޖެހުނަސް މިހަގީގަތް ބަދަލެއްނުވާނެ. ފަޒީލާ އަކީ އަޅުގަނޑުގެ އަނބިމީހާ. މުޅި އުމުރަށްވެސް" އަޖުވަދު ވާހަކަދެއްކީ މަޑުން ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ބުނެދިނީ މަންމަ އާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ނިމުމެއްނެތް ޝަކުވާއެވެ.

"އަހަރެން ކަލޭ މަރާލާނަން" އަނެއްކާވެސް ގިސާމަތު ފުފިލައިވާ ފުއްލާއެއް ފަދައިން އައީ ފަޒީލާ އާ ދިމާލަށެވެ. މިފަހަރުވެސް ހިފެހެއްޓީ އަޖުވަދެވެ. އަޖުވަދު ހުރީ ގިސާމަތުގެ ދެއަތުގައި ހިފައިގެންނެވެ. އަނގައިން ފާޑެއްގެ އަޑެއް ލައްވަމުންދިޔަ ގިސާމަތުގެ ގައިގައި ތުރުތުރުލުމެއް ހުއްޓެވެ. އަޖުވަދު ނުހިފެހެއްޓިނަމަ އޭނާ ފަޒީލާ މަރާލަންވެސް ފަސްނުޖެހުނީހެވެ.

"ފަޒީ، ކުދީން ގޮވައިގެން އެތެރެއަށް ވަދޭ" އަޖުވަދު ބުންޏެވެ.

ވަގުތުން ފަޒީލާ އަޖުވަދުގެ ބަހަށް ކިޔަމަންވިއެވެ. ފަޒީލާ ގާތްކޮށްލީ ރޫޔާ އެވެ. އެހެނީ އެވަގުތު ވޭނެއްގައި ހުރީ ރޫޔާ އެވެ.

"ދޫކޮށްލާ އަހަރެން އަތުން..." ގިސާމަތުގެ އަޑުން މުޅި ސަރަހައްދު ގުގުމައިގެން ދިޔައެވެ.

މިބުނީނު ދޫކޮށްލާށޭ. އަހަރެން ކުރިމަތީގައި މިހާރު ކަލޭގެ އެއްވެސް އަގެއްނެތް. އެނޫނީ ކަލޭ އިންނާނެ މީހަކު ނުވީތަ؟ މިހާރު އެކަހަލަ ނަޖިސްގަނޑަކާ ކަލެއާ ދެމެދު ހުރީ ކޮންތަފާތެއް. ނަޖިސްގަނޑާ އެކުވެ ކަލޭވެސް މިހާރު ތިހެރީ ނަޖިސްވެފަ. ދުރަށްދޭ މަގޭ ކުރިމަތިން" ގިސާމަތު ހަޅޭއްލަވަމުން ދިޔައެވެ.

"މަންމަ ތިބުނާ ދަރަޖައިގައި ހުރީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ. މަންމަ އަމިއްލައަށް މަންމަގެ ދުވަސް ތިދުއްވާލަނީ. ބޮޑާކަމާ ކިބުރުވެރިކަން... ޔާރައްބީ... މިއަޅާގެ މަންމައަށް ހެޔޮވިސްނުން ދެއްވާށީ" އަޖުވަދުގެ އަޑު ކުރެހިގެން ދިޔައެވެ. ގިސާމަތު މޫނުހަދައިގެން ހުއްޓާ އަޖުވަދު މަޑުމަޑުން ގިސާމަތު ކައިރިއަށް ޖެހިލިއެވެ.

"މަންމައަށް ރަނގަޅަށް އެނގޭނެ މިގެއަކީ މަންމަގެ ތަނެއް ނޫންކަން. ބައެއްގެ މުދަލަށް މަންމަ ތި ދަގަވެގަންނަނީ. މިތަނަކީ އަހަންނާ ހަބީބްގެ ތަނެއް. އެހެންވީމަ މަންމައަށް މިތަނުގައި ތިހުރެވެނީ މަންމަގެ މޮޅުކަމަކުން ނޫން. އަހަރެމެން ބޭނުންވެގެން. މަންމާ، ރަނގަޅަށް އަޑުއަހާ. މިފެށޭ ހަފްތާތެރޭގައި އަހަރެން ފަޒީ އާ އެކު ކުދިން ގޮވައިގެން ޖަރުމަނަށް ފުރާނަން. އެއަށްފަހު މިތަން ތަޅާލެވޭނެ. މިތަނަށް ހަދާނެގޮތް އަހަންނާ ފަޒީ އަދި ހަބީބް ވިސްނައިފިން. ކުންފުންޏަކާ ހަވާލުވެސްކޮށްފިން. އަޅުގަނޑު ދާއިރު މަންމަ ގެންދާކަށް ނުވިސްނަން. މަންމަ އާ ހަވާލުވަނީ ދައުލަތުން. އެބަ އިނގޭތަ މިކިޔޭ އެއްޗެއް މަންމާ. މިހާރު މަންމައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އަޅުގަނޑު ދެރަވޭ. ވަރަށް ދެރަވޭ ތިމަންމައަށް ވީތީ. އެކަމަކުވެސް.... މިވަގުތު މަންމައަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ" އަޖުވަދު ވާހަކަދެއްކިއެވެ.

"ހަބީބް އޭ" ގިސާމަތުގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.

"ބަލަ ހަނދާންނެތުނީތަ ހަބީބް މަތިން. ކަލެއަށްޓަކައި އަހަރެން ހަބީބް ބޭރަށް ނިކުންނާނެ ހުރިހާ މަގެއް ބަންދުކުރީ. އެ ހަބީބް އަށް ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ" ގިސާމަތު ވާހަކަދެއްކިއެވެ.

"ތިއީ މަންމަގެ ކޮށި ވިސްނުން. މިހާރު މަންމަގެ އޮތީ ކޮންބާރެއް. ހެއަރާބަލަ މަންމާ. މަންމަ އަތުން ބާޒީ ގެއްލިއްޖެ. މަންމަ ކުރި ހުރިހާ ނުބައިކަމެއްގަ އަހަރެން ހިމޭނުން ހުރެ އެއްބާރުލުން ދިނަސް ރަނގަޅު މަގު އަހަންނަށް ފެނުނުތާ ކޮންދުވަހެއް. އަހަރެންގެ ދަރިފުޅު އަހަރެންގެ ލޯ މައްޗަށް މަންމަ ގެނެސްދިން ގެނެސްދިނުން އެއީ އަހަންނަށް ހެޔޮވިސްނުން ލިބުމަށް އެކަލާނގެ މެދުވެރިކުރެއްވި އެންމެބޮޑު ސަބަބު. އަދި ބުނަންތަ މަންމާ، ހަބީބް މާލެ އައިތާ ކިތަންމެ ދުވަހެއް. އަހަރެމެން ދެމީހުން އެއްބައިވެއްޖައިން. އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހިތް ހަލާސްކޮށްފިން. އޮފީސް ހުރި އިމާރާތް ހަބީބްގެ ނަންމަތީގަ ބޮޑު ގެސްޓްހައުސް އެއް ހުޅުވުމަށް އެދަނީ ތައްޔާރުވަމުން. މަންމައަށް ކޯޗެއް އެނގެނީ. އެހެންވެ މިބުނަނީ ﷲ ގެ އިރާދަފުޅު ކުރިމަތީގައި ބާރާ ނުފުޒު އެއީ އެއްވެސް އެއްޗެއް ނޫނޭ. މައިވެރިކަން މަންމައަށް ދީގެން އުޅުނީ މަންމަ އަމިއްލައަށް. ހަގީގަތުގަ މަންމައަކީ އެންމެ ފަގީރު މީހާ ފަދަ އާދައިގެ އިންސާނެއް. މަންމަ ނިކަން ވިސްނާލަބަ. އުމުރުން ދުވަސްވެ ގައި ބާރުދެރަވަންދެން މަންމައަށް ހެޔޮކަމެއް ކުރެވުނުތަ؟" އަޖުވަދު ވާހަކަދައްކަމުން ދިޔައިރު ގިސާމަތުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

"ބޭކާރު ވާހަކަނުދައްކާ. އަހަރެންނަށް މިހާލު ޖެއްސީ ކަލެ އާ ހަނާނު. އަހަރެން ކަލޭމެން ދުލެއްނުކުރާނަން. މުޅި ތަނުގައި އަލިފާން ޖަހާނަން. އަހަރެން މިގެއިން ދާއިރު ތިއިން އެކަކުވެސް ދުލެއް ނުކުރާނަން" އަދިވެސް ގިސާމަތު ހުރީ ގޮތުގައެވެ.

އަޖުވަދު މަޑުމަޑުން ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. މާތްﷲ އިރާދަކުރެއްވި އަޅަކަށް ހެޔޮވިސްނުން ދެއްވައެވެ. ގެއްލި ހަލާކުވާން އިރާދަކުރައްވާފައިވާ މީހަކު ދާނީ ގެއްލި ހަލާކުވަމުންނެވެ. އަޖުވަދު ހިތުގައިޖެހި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.

"އަހަންނަށް ކާކަށް ކޮންކަމެއް ކުރެވޭނީ. ކުރެވޭނަމަ މިހާރު އޮންނާނީ ކޮށްފައެއްނު. ލާހިކެއްނޫން މިގޭތެރޭގަ ހަމަޖެހިގެން ފަޒީލާ އަށް އުޅޭކަށް. ހަނާނު މިގެއަށް ފާވުމާއެކު ހައިސިއްޔަތު އޮޅުނުލެއް އަވަހެއްނު" އަމިއްލަ ނަފްސަށް ގިސާމަތު ވާހަކަދައްކަމުން ދިޔައެވެ. އަރައިގަނެފައި ހުރި ރުޅިގަނޑުގައި މަޑުމަޑުން ހިނގާފައި ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. އެނދުމަތީގައި އޮތް ފޯނު ނަގާފައި އޭނާ ފަރިތަކަމާއެކު ނަންބަރެއް ޖަހާލިއެވެ. ފޯނު ނެގުމާއެކު އެމީހަކަށްވެސް އޭނާ އަމުރު ހިންގާލިއެވެ.

"ހަމަމިހާރު މިވަގުތު ނޯކަރުން ތިބޭ ބައިގައި އަލިފާންޖަހާ. މިގޭގަ އުޅޭ ފެންވަރު އޮޅިގެން އުޅޭ ބައިގަނޑުގެ ދުވަސްދުއްވާލާ" ގިސާމަތު ވާހަކަދެއްކިއެވެ.

"އެންމެފަހުގެ ޕޭމަންޓްވެސް ނުދޭ. ތިކަމެއް ނެތްވާކަށް" ފިރިހެނެއްގެ އަޑު އިވުނެވެ.

ރުޅިއައިސްފައި ގިސާމަތު އެނދުމައްޗަށް ފޯނު ހޫރާލިއެވެ. އަތުގައި ލާރިއެއްގެ ނެތްއިރު އެކައުންޓް މުޅިން ސާފުވެއްޖެއެވެ. ލައިގަންނަންޖެހެނީ ހުރިހާ މުސީބާތެއް އެއްފަހަރާ ހެއްޔެވެ؟

****

(ނުނިމޭ)