މާފަށް އެދި ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނުމުގެ ބަދަލުގައި ދެކުދިންގެ މަންމަ ޖަލަށް ފޮނުވާލީއެވެ. ކުށަށް އިއުތިރާފުވުމުގެ ސަބަބުން ޒޭނާގެ ހުކުމް ލުއިވިއެވެ. 8 އަހަރާއި 6 މަސްދުވަހުގެ ޖަލުހުކުމެއް ޒޭނާއަށް އިއްވީ މީގެ ފަސް ދުވަސް ކުރިންނެވެ.
ބަންދު ދުވަސްތަކަކަށް ފަހު ސަރުކާރު ހުޅުވުނީ މިއަދެވެ. އެހެންކަމުން، މިހާރު އޭނާއަށް ކޮންމެ ވަގުތަކު ވެސް ގޮވައި ތަކެއްޗާއެކު ތައްޔާރުވުމަށް އަންގަފާނެއެވެ. މާފުށީ ޖަލަށް ގެންދިއުމަށްޓަކައެވެ. މިއީ 36 އަހަރުގެ ޒޭނާގެ ވާހަކަ އެވެ.
ތަސްނީމް، އެންމެން ދަންނަ ނަމުން ނަމަ ތާތިގެ ވާހަކަ ވެސް ގުޅެނީ ލޯބީގެ ނާކާމިޔާބާއެވެ. އަލަތު ލޯބީގެ ބޭވަފާއިން ހިތް ހަލާކު ވެފައި އިން ތާތިއަށް ހެޔޮ ނުބައި އޮޅުނީއެވެ.
ކައިވެންޏަށް ފަހު ބަލިވެ އިން ކަން އެނގުނު ވަގުތުވީ އުފަލަށްވުރެ އެ ދުވަހު ދެރަވެ، ހިތުގައި ޖެހުނު ވަރު މާ ބޮޑުވީއެވެ. ލޯބިވާ އަލަތު ފިރިމީހާ ދިން ކެހީގެ އަސަރުގައި ތިމާއަށް ލިބުނު ހަމަ އެންމެ ދަރިފުޅާ މެދު އިހުމާލު ވެވުނު ގޮތަށް، މައިންބަފައިންނާއި އާއިލާގެ މީހުން އޭނާ ދެކެ ވާ ލޯތްބާ މެދު ވެސް ދެލޯ ކަނުވީއެވެ.
ރެއެއް ދުވާލެއް ވަކި ނުވެ ރަލުގެ މަސްތީ ދުނިޔެއެއްގައި ޒުވާން ވަމުން އައި ތާތިގެ އުއްމީދުތަކާއި ހުނަރު ވަޅުލީ ހުދު އޭނާ އަމިއްލައަށެވެ. މަސްތުގެ އެ ދުނިޔެއަށް ލޯހުޅުވާލިތާ ހަމަސް ވީއިރު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ހެރޮއިންއާއި ބަނގުރާތަކަކާއެކު ތާތިއާއި އޭނާގެ ދެ އެކުވެރިއަކު ހައްޔަރު ކުރިއެވެ.
ދެ އެކުވެރިން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެ ފަރުވާއަށް ދިއުމަށް އެދުނު އިރު ތާތިއަށް ވެސް ނަސޭހަތްތެރިވިއެވެ. އެކަމަކު ތާތި އިނީ އެއްވެސް އެއްޗެއް ވިސްނޭ ވަރަށް ވުރެ މާބޮޑަށް ވެސް ހައިރާންވެ ގަބު އަރާފައެވެ.
ފުލުހުންނަށް ރިޕޯޓު ކުރީ އޭނާގެ ލޯބިވާ ވަރިކުރިފުޅުކަން އެނގުމުން އުފާވީ އޭނާއަށް ހެޔޮމަގު ދެއްކުމަށް ކުރި ކަމެއް ކަމަށް ހީކޮށްފައެވެ. އެކަމަކު އެ ކޮޓަރި ތެރެއިން ފުލުހުން ނެގި ހެރޮއިންއަކީ އޭނާގެ އަތުން ފެނުނެއް ކަމަކު އޭނާގެ އެއްޗެއް ނޫނެވެ.
އަދި އޭނާގެ އެކުވެރިންގެ އެއްޗެއް ވެސް ނޫނެވެ. އެހެނީ އެ 0.99 ގްރާމްގެ ހެރޮއިން ނެގީ ތާތިގެ އަތްދަބަހުން ކަމަށް ވާތީއެވެ. ނަސީބު ރަނގަޅުކަމުން އެންމެ ގްރާމެއް މަދު ވުމުން އެއްގްރާމުގެ ބަރުދަން ހަމަނުވެއެވެ. އަދި ފަންސަވީސް އަހަރުގެ ބޮޑު ހުކުމަކުން ސަލާމަތްވީއެވެ.
ތާތިގެ ޝަރީއަތުގެ ފަހު އަޑުއެހުން އޮތީ ޒޭނާގެ އަޑުއެހުން ބޭއްވުމުގެ އެއްދުވަސް ކުރިންނެވެ. މަސްތުވާތަކެތި ބޭނުން ކުރި ކަމަށާއި ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަން ސާބިތުވުމުން 6 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވުނީއެވެ.
ޒޭނާއެކޭ އެއްގޮތަށް ތާތިއަކީވެސް މިހާރު ދޫނިދޫގައި ވަގުތީ ބަންދު މީހުންނާއެކު އުޅުނަސް ބަންދުމީހެއް ނޫނެވެ. އެކަމަކު ކުށްވެރިއެކެވެ.
މާގިނަ ދުވަހެއް ނުވެ ޒޭނާއާއެކު ތާތިއަށްވެސް ގޮވައި ތައްޔާރުވުމަށް އަންގަފާނެއެވެ. މާފުށީ ޖަލަށް ގެންދިއުމަށްޓަކައެވެ. މިއީ 25 އަހަރުގެ ތާތިގެ ވާހަކައެވެ.
މި އެންމެންގެ ތެރެއިން އެންމެ ތަފާތު މިޒާޖެއްގެ އަދި އެންމެން އެމީހެއްގެ ހިޔާލާއި ބުނެދިނުމާ ނުލައި އެއްވެސް ކަމެއް ނުނިންމާ، އަދި އެންމެން އެމީހުންގެ އެންމެ އިސް އަދި ދޮށީ ދައްތައެއްގެ ގޮތުގައި ދެކޭ މީހަކީ 23 އަހަރުގެ ރޫހީނެވެ.
އެންމެންވެސް ރޫހީނަށް ގޮވައި އުޅެނީ ދައްތަ މާނަވާ ނަމަކުންނެވެ. އެހެންވާނެ ނޫންހެއްޔެވެ. ކަންކަމުގައި ރޫހީގެ ހިޔާލު ހުންނަ ގޮތުންނާއި ބޮޑެތި ދަތި ކަންކަމުގައިވެސް ހައްލު ހޯދުމުގައި ރޫހީންގެ ބުއްދި މަސައްކަތް ކުރާ ގޮތުން އެހެން މީހުންގެ ކުރިމަތީގައި އޭނާއަށް ދޭން އެންމެ އެކަށީގެންވާ ނަމަކަށްވީ ރޫހީދައްތަ ނޫނީ ދައްތައެވެ.
މަދު ފަހަރެއްގައި ނަމުން ގޮވައި އުޅުނަސް އާންމުކޮށް އެންމެން ވެސް ގޮވާނީ ރޫހީދައްތަގެ ނަމުންނެވެ.
ކުރިންވެސް ބުނިހެން އުމުރުން ކިތަންމެ ހަގަސް އެންމެ މޮޅު ވިސްނުމާއި ކަންކަމުގައި އެންމެ ބުއްދިވެރި ނިންމުން ނިންމުމުގައި ރޫހީން އެންމެނަށްވުރެ ތަޖުރިބާ ރަނގަޅެވެ. އޭނާގެ މައްސަލަވެސް އެހާ ތަފާތުވީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.
ޒޭނާއާއި ތާތިއެކޭ އެއްގޮތަށް ރޫހީންގެ ލޯބީގެ ވާހަކަވެސް ހިތާމަވެރިއެވެ. ތަފާތަކީ ޒޭނާއާއި ތާތިގެ ފިރިމީހާ އަށްވުރެ ދެތިން ފިޔަވަޅު ކުރީގައި އުޅޭ ފިރިއަކަށް ރޫހީންގެ ހިތުގެ ރާޖާ ވިކަމެވެ.
ސުކޫލު ނިންމި ގޮތަށް ރޫހީން އާއިލާއާ ދެކޮޅަށް ކައިވެނި ކޮށްގެން ފިރިމީހާއާއެކު ވަކި ދިރިއުޅުމަކަށް ދިޔައީ އެހެން އެއްޗެއް ނެތަސް ލޯބި ވަންޏާ އުފަލުގައި އުޅެވޭނެ ކަމަށް ކުރި އިތުބާރުގައެވެ. އެހެންނަމަވެސް އިތުބާރު އޮޔާވަޔާ ދާކަށް މާގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ.
އެއްމާބަނޑު ދެކުދިން ކިހިލީ ލައިގެން ފޮށިތަންމަތި ހިފައިގެން ރޮމުން ވިހޭ މަންމައާއި ލިބުނު ބައްޕަ ގާތަށް ދިޔައީ ލޯބިވާ ފިރިމީހާ ވީނުވީ ތަނެއް ނޭނގި ގެއަށް ނާންނަތާ މަސް ދުވަސްވީ ފަހުން ގޭގައި ކާނެ އެއްޗެއް، ކަރަންޓެއް ނެތި އުޅެން ޖެހުމުން ހަދާނެ ގޮތް ހުސް ވެގެންނެވެ. ކިރިޔާ އަށް މަސްވީ ދެކުދިންނަށް ދޭނެ ކާއެއްޗެއްވެސް، ކުޑަމިނުން ފެންފޮދެއްހާ މިންވަރު ވެސް ގޭގައި ނެތިގެންނެވެ.
އާއިލާގެ އެންމެންގެ ފަރާތުން ވެސް ލިބުނީ އިންތިހާ ލޯތްބާއި ތަރުހީބާއި އަޅައިލުމެވެ. އެކަމަކު އޭނާގެ ޅައުމުރާއި ލިބިފައި ހުރި ހިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފައި ބޭކާރު ވަގުތުތަކެއް ހަޔާތުން ވޭތުކޮށްލެވުނު ކަމުގެ ހިތި އަސަރު ރޫހީންގެ ހިތާއި ސިކުނޑިން ފިލައި ނުދިޔައެވެ. ކުދިންގެ ބައްޕަ ދެކެ ވެވުނު ލޯތްބަށްވުރެ ހަގީގަތް އެނގުމުން ހިތުގައި އުފެދުނު ނަފުރަތުގެ ބާނި މާބޮޑެވެ.
އަންގައިވެސް ނުލައި ދެއަނތްބަށް ކައިވެނި ކޮށްގެން ވަކިން މާދުރުގައި ދިރިއުޅުމެއް އާބާދު ކުރި އިރު، ރޫހީން ފަކީރަށް ނޭނގުނަސް މައިދައިތައަށް ހުރިހާ ކަމެއް އޮތީ މާކުރިން ވެސް އެނގިފައެވެ.
ހަގީގަތަކީ ރޫހީނަކީ ތިމާގެ ދަރިފުޅުގެ އަނބިމީހާ ކަމާއި ދެކުދިންނަކީ މާމަ ދަރިން ކަމަށް އެ މައިދައިތަ ގަބޫލު ނުކުރި ކަމެވެ. އެހެންކަމުން ދަރިފުޅު ރޫހީނާ ވަކިކޮށްލުމަށް މައިދައިތަ ކުރި މިންނެތް މަސައްކަތުން އެކަން ކާމިޔާބުވެ މަންމަ އެދުނު މީހަކާ ކައިވެނި ކުރުމަށް ކުޑަކުޑަ ދެކުދިންނާއި ރޫހީން ދޫކޮށްލާފައި ދިޔައީއެވެ.
ކަންތައް ވެގެން ދިޔަ ގޮތް އެނގުމުން ފުރަތަމަވެސް ފިރިމީހާ ހޯދަން ރޫހީ މާލެ އައެވެ. ބައިބޯ މީހުންނާއި ދުއްވާތަކެތީގެ ކާރޫބާރޫ ބޮޑު މާލޭގޭ މަގުތައް މަތިން ރޫހީން އެނާގެ މަންޒިލު ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އަދި ތިންވަނައަށްވީ ދުވަހު އެކަމުގައި އޭނާއަށް ކާމިޔާބުވެސް ލިބުނެވެ.
އެހެންނަމަވެސް ދެން ކަންތައްވީ ހުވަފެނެއްގައިވެސް ހީކުރެވިފައި ނެތް ބިރުވެރި، އެހާމެ ހަޑިހުތުރު ގޮތަކަށެވެ.
ފުރާވަރުގެ އުމުރުގައި ފުރަތަމަ ނަޒަރުން ލޯބިވެވި އެމީހަކާއެކު ރައްކާތެރިކަމާއި އަމާންކަން އިހުސާސް ކުރެވުނު މީހާ ހުރީ އެހާ ބޮޑަށް މުޑުދާރު ވެފައިކަން އެނގުނުނަމަ ޔަގީނުން ވެސް އެ ރޫހީނެއް އެފަދަ މަޅިއެއްގައި އަމިއްލަ ދެފައިން ހިނގާފައި ގޮސް ނުޖެހުނީހެވެ.
ސަބަބަކީ އޭނާއަކީ އެއްވެސް އިރެއްގައި ގަމާރު ކަންތައް ކުރާ ކަހަލަ އަންހެން ކުއްޖަކަށް ނުވާކަމެވެ. އެކަމަކު ގައިމުވެސް ރޫހީނަށް ހަޔާތުގައި އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފު ނުކުރެވޭނެ އެއްކަމެއް އޮތީ ކުރެވިފައެވެ.
ފިރިހެނެއްގެ އެތައް ސިފައެއް ވާނެކަން ނުވިސްނައި، ހަމަ އެންމެ ދެތިން މަސްދުވަހުގެ ބައްދަލުވުމަށްފަހު އެއީ މުޅި ހަޔާތުގެ ވެރިޔާ ކަމުގައި ހީކުރުން އެއީ އޭނާއަށް ކުރެވުނު މޮޔަ ކަމެކެވެ. އެ މޮޔަކަމުގެ ތެރެއިން އެއްމާބަނޑު ދެކުދިން ލިބުނުކަމީ ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތެކެވެ.
ދެކުދިން އޭނާގެ މަންމައާއި ދައްތަ އާއި ބޭބެއާ ހަވާލުވީ އޭނާގެ ޅަކަމާއި ހަޔާތުގެ ބާކީ އޮތް ޒުވާންކަން ގެއްލި ނެތިދާން އެމީހުން ބޭނުން ނުވާތީއެވެ. އެކަމަކު އެއީ އެހާ ހިތި ނަތީޖާއެއް ނުކުމެދާނެ ވަރުގެ ބިރުވެރި ކަމެއްކަން އެނގުނުނަމަ ޔަގީންވާ ކަމަކީ ހިލިހިލާ ޖަހައި ބަންދުކޮށްގެން ވެސް ލޯބިވާ ރޫހީން އެމީހުންނާ ދުރަށް، މިހާ ދުރަށް ދާން ދޫކޮށްނުލާނެ ކަމެވެ.
ރޫހީން މާލެ އައިކަމާއި ތިމާއަށް ފާރަލާކަން ރޫހީންގެ ހިތުގެ ރާޖާއަށް އެނގުނީ ކިހިނެއްކަމެއް ނޭނގެއެވެ. އެނގޭ ވަރަކީ ރޫހީނަށް އިންތިޒާރުގައި އެ ކޮޓަރީގެ ދޮރު ހުޅުވައި މަރުހަބާ ކިޔަން ތައްޔާރަށް އޭނާ އިން ކަމެވެ.
ރޫހީނަށް ކުޑަ ހިނދުކޮޅަކަށް އެ އިންސާނާގެ ކެހިވެރިކަމާއި މަކަރުވެރިކަން ހަނދާން ނެތުމަކީ އެއީ ތާއަބަދުމެ އެކަމަކަށްޓަކައި އަމިއްލަ ނަފުސަށް މަލާމާތް ކުރާ ކަމަކަށް ވީ، ސަބަބެއް ނެތި ނޫނެވެ.
ފޮނި ބަސްތައް، މަކަރާއިހީލަތުން ފުރިފައިވާ ހިނިތުންވުމާއި ދޮގާއި ކެހިވެރިކަމުން ޒީނަތްވެގެންވާ ކަރުނަ، އެއީ ރޫހީނަށް އޮޅުވާލުމުގައި ބޭނުން ކުރި ހަތިޔާރުތަކެވެ. އަޑު އިވުނު ގޮތާ ހިލާފަށް އެ ކޮޓަރީގައި އެއްވެސް އަންހެނަކު ނެތެވެ.
މާފަށް އެދި ރޮއިފައި ރޫހީންގެ މައުސޫމު ހިތުގެ ތެރެއަށް ފީނައިގަތް ގޮތަށް ކެހިވެރި ލޯބިވެރިޔާ އެ ކޮޓަރި ތެރޭގައި ރޫހީން ގައިދުކޮށްލީއެވެ. ރޫހީނަށް ހިނދުކޮޅަކަށް ހަނދާން ނައްތާލެވުނީތީ ލިބުނު އަދަބު ބޮޑެވެ. އޭނާގެ އިއްފަތާއި އަބުރާއި ގަދަރާއި އިއްޒަތް ނީލަމުގައި ވިއްކާލީ އޭނާ އެމީހެއް ދެކެ އެންމެ ލޯބިވި އިންސާނާއެވެ.
އެ ކޮޓަރީގެ ފަރުދާއެއްގެ ފަހަތުގައި އެހެން މީހަކުވެސް ހުއްޓެވެ. އެމީހެއްގެ އަތުގައި އޮތް ކެމެރާ ހުރީ ސީދާ އޭނާއާ ދިމާއަށް ކަން ރޫހީނަށް އެނގޭނީ އެތަނުގައި ހުރި މީހާގެ ސިފަ ސާފުކޮށް އެނގިގެންތާއެވެ.
އެމީހަކީ ކާކުކަން ރޫހީނަށް އެނގޭ ވަރަށްވުރެ އޭނާއަށް ދިން ޖޫސްތަށީގައި ނިދާ ބޭހުގެ އަސަރު ހުރިވަރު ބޮޑެވެ. މެރެމުން ދިޔަ އެސްފިޔަތަކުގެ ހަނި ދާއިރާގެ ތެރެއިން ރޫހީނަށް ފެނުނު މަންޒަރު ސާފެވެ. އެކަމަކު ދެކޮޅު ހަދައި ގަދަ ދައްކާނެ ހިތްވަރެއް ނިކަމެތި ރޫހީންގެ ގަޔަކު ނެތެވެ. އިސާހިތަކު ރޫހީން އޮތީ ލޯމެރި ގައިގެ ބާރު ދޫވެފައެވެ.
ހޭވެރިކަން ވީއިރު އޮތީ މާލޭ އަތޮޅުވެހި ތެރޭ ބަންދުކޮށްފައި ހުރި ގޮޅިއެއްގައެވެ. ލޯ ހުޅުވާލުމާއެކު ތެދުވަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ބޮލުގައި ހީވަނީ ބަރު އެއްޗަކުން ތަޅަމުންދާ ހެނެވެ. މުޅި ހަށގަނޑުގައި ވެސް ރިއްސަނީއެވެ. އޮތް ގޮތަށް ބަންޑުން އޮވެވުނީ ބަނޑުގައި ރިއްސާ ވަރުން ހަށިގަނޑު ކޮޅަށް ނުނެގިގެންނެވެ.
މައްސަލަ ތަހުގީގު ކުރާ ދެ އިންވެސްޓިގޭޓް އޮފިސަރުން އައިސް ރޫހީނަށް ގޮވައި ތެދު ކުރިއެވެ. އެ ދިމާލުން އެތެރެއަށް ހުރި ތަގުގީގު ކުރާ ކޮޓަރިއަށް ރޫހީން ވެއްދީ އަންހެން ފުލުސް އޮފިސަރެއްގެ އެހީގައެވެ. ތަހުގީގުގައި ރޫހީން ދައްކާނެ އެއްވެސް ވާހަކައެއް ނެތް ވަރަށް ހެކި ހުރީ ކުރިމަތީގައި ފެންނާށެވެ.
އެކަމަކު އެ އޮފިސަރުންނަށް އެ ވީޑިޔޯއިން ހަމަ އެ ހަގީގަތް ނުފެނުނީ ކީއްވެގެން ހެއްޔެވެ. ސާފުކޮށް ރޫހީންގެ ބޮލުން ފެށިގެން ފަޔަށް އެއޮތީ ފެންނާށެވެ. ހުރަހެއް ނެތިއެވެ. އެކަމަކު ރޫހީންގެ ހަށިގަނޑުގައި އެވަރަށް ގޯޅިވި މީހާގެ މޫނު އެމީހުންނަށް ފެންނަން ނެތުމަކީ ކަނޑައެޅިގެން ރޭވުމެއް ކަން ނޭނގުމަކީ އަޖައިބެއްތާއެވެ.
ކުރާނެ ކަމެއް ނެތެވެ. އަޑަށް ބާރުލާފައި ވަރުވަރުން ﷲ ގަންދީ ހުވާ ކުރިޔަސް އެ ވީޑިޔޯގައި ރޫހީންއާއެކުގައި އެ އޮތީ އޭނާގެ ފިރިމީހާ ކަން ގަބޫލު ކުރާކަށް ފުލުހުންގެ ތަހުގީގު ޓީމު ބޭނުމެއް ނޫނެވެ.
ސަބަބު ސާފެވެ. ރޫހީން ހަށިވިއްކާ ކަމުގެ ރިޕޯޓު ކުރީ ހުދު ރޫހީން އެ ބުނާ ފިރިމީހާއެވެ.
ރޫހީންގެ އަތްދަބަހުން ފެނުނު ފައިސާ އަކީ އެ ވީޑިޔޯއިން ފެންނަ މީހާ ދިން ފައިސާތޯ ކުރި ސުވާލަށް އާއެކޭ ބުނުމަކީ އެވަރުގެ ބޮޑު ތުހުމަތަކަށް ދެވުނު ހެކި ބަހަކަށް ވެދާނެކަން ރޫހީން ފަކީރަށް އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ.
ވަގުތީ ބަންދަށް ގޮތެއް ނިންމުމަށް ކޯޓުގެ މުއްދަތު ކޮމިޓީއަށް ހާޒިރުކޮށް މައްސަލައިގެ ބާވަތާއި ހެކި ބުނެދިނުމާއެކު އިތުރު އެއްވެސް ބަހެއް އެހުމަކާ ނުލައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރުމުން ރޫހީން ހައިރާންވެފައި ގަބު އަރާފައި ހުރެ ރުޔެވެ.
އެކަމަކު އެއީ އޭނާ މި މައްސަލައިގައި ރުއި ހަމައެކަނި ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ހަމަ އެރޭގެ ފެރީއިން ރޫހީން ދޫނިދޫއަށް ފޮނުވާލެވުނެވެ. ރޫހީނަށް މަރުހަބާ ކިޔަން އެ ދަންވަރު ހޭލާ ތިބީ ޒޭނާއާއި ތާތިގެ އިތުރުން ލަންކާގެ ލަޝްލީ ކިޔާ އަންހެންކުއްޖެކެވެ. އެރޭ ދޫނިދޫ ގޮޅީގެ ފާހާނާ ތެރޭގައި ބަހައްޓައިގެން ރޫހީންގެ ބޮލަށް ފެން އަޅައި ބޭނުންވަރަކަށް ރުއިމަށް ބުނެދީ އެހީތެރިވީ ތާތި އާއި ޒޭނާއެވެ. ލައިގެން ހުރި އެ ކަޅު އަނދިރި ހާދިސާގެ ހަނދާންތަކުން ފުރިފައި އޮތް ފިނިފެންމާކުލައިގެ ލޭސްފޮތީގެ ހެދުން ވީދާ ކުޑިކުޑި ކުރަން ރޫހީނަށް ހިތްވަރު ދިނީ އެދެމީހުންނެވެ.
ރޫހީންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ސިނގިރޭޓެއް ތުބުގައި ޖެހީ އެ ރެއެވެ. ގޮޅީގައި މަނާކަމެއް ކަން އެނގުމުން ވެސް ސިއްރުސިއްރުންވެސް އެކަމުގައި ބައިވެރިވީއެވެ. ދުވަހަކުވެސް ނުރަނގަޅު ފިކުރެއްވެސް ކުރަން ނުވިސްނައި މައުސޫމު ރޫހީން ހުރީ ފުނޑުފުނޑުވެފައެވެ. އެކަމަކީ ގޯސްކަމެއްކަން އެނގުނަސް ފަޅުވީރާނާ އަނދިރި ގޮޅިއެއްގެ ތެރޭގައި ގާތުގައި ތިބި މުޅިން އާ ދެ އެކުވެރިންނާއެކު ހަޔާތުގެ ގަބޫލުކުރަން ބޭނުން ހިތިވޭން އަރުން އެތެރެއަށް ދިރުވަން އެހީތެރިވެ ދިނީ އެ ސިނގިރޭޓުގެ ދުމެވެ.
ރޫހީންގެ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ފެށުނެވެ. މަންމަމެން ތެޅިފޮޅިގެން ވަކީލަކު ހޯދައި ރޫހީން އެ ޖަލުން މިނިވަން ކުރަން އުޅުނެވެ. އެކަމަކު ރޫހީން އިތުރަށް މައްސަލަ ދިގުލާނެ އެއްވެސް ކަމެއް ކުރާކަށް އެއްބަހެއް ނުވިއެވެ. ވީހާވެސް އަވަހަކަށް، އަވަސް ނިޔާގެ ދަށުން މައްސަލަ ނިންމައި ދިނުން އެދި ސިޓީ ލިޔުނީވެސް ރޫހީން އަމިއްލައަށެވެ.
ރޫހީން މަންމަމެން ކުރެން ވައުދެއްގެ ބަސް ހޯދިއެވެ. ދެކުދިންނަކީ މަންމައާއި ބައްޕައާއި ދައްތަމެންގެ ބެލެހެއްޓުމަށް ދޫކޮށްލި އޭނާގެ އަމާނާތެއް ކަމަށާއި އެކުދިންނަށް އަބަދުވެސް އޭނާގެ ނަމާއި ތަސްވީރުން ކާކުކަން ބުނެދިނުމަށް އެދުނެވެ. އަދި އެކުދިން ގޮވައިގެން ޖަލުގެ އަނދިރިކަމުގެ ތެރެއަށް ނުގެނައުމަށް އަހުދުކަށަވަރު ކުރުވިއެވެ.
ރޫހީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ތާތިގެ ޝަރީއަތަށްފަހު ހަމަ އެ ދުވަހުގައެވެ. މިހާރު ޒޭނާއާއި ތާތިއެކޭ އެއްގޮތަށް ރޫހީނަކީވެސް މި ބަންދުމީހުންގެ ތެރޭގައި ހުރި ކުށްވެރިއެކެވެ. ކޮންމެ ވަގުތަކުވެސް ދާން ގޮވައި އަންގަފާނެއެވެ. މާފުށީ ޖަލަށް ގެންދިއުމަށްޓަކައެވެ. މިއީ 23 އަހަރުގެ ރޫހީންގެ ވާހަކައެވެ.
21 އަހަރުގެ ވިލިނީ ދޫނިދޫއަށް ގެނައީ ބުދަ ވިލޭރެއެއްގެ މެންދަމުން އަލިވެ ދޭއް ޖަހާ ބޮޑުވި ފަހުންނެވެ. އާންމުގޮތެއްގައި ރޭގަނޑުގެ އެންމެ ލަހުން ގެންނަ ބަންދުމީހުންވެސް ދިހައެއްގެ ފެރީ އިން ގެންނާނެއެވެ. މެންދަމުގެ އެހާ ލަސްގަޑިއެއްގައި ސިއްރުން އައިސް ޑިއުޓީ ގޮވާލި ގޮތުންވެސް ގެންނަނީ ބޮޑު ކުށެއްގެ މީހެއްކަން އެނގުނެވެ.
(ނުނިމޭ)