ފަޒީލާ ކާރަށް އަރަންދެން ބަލަހައްޓައިގެން ތިބެފައި ރޫޔާ ނޫން ބާކީ ތިބި ކުދީން އެތެރެއަށް ހިނގައިގަތެވެ. އެއްޗެއް ނުބުނެ އެކުދީން ދިޔުމުންވެސް ގިސާމަތު ހިތްހަމަނުޖެހުނެވެ. އެ ރުޅިގަނޑު ބޭލީ ރޫޔާ އަށެވެ.
"ޝްޝްޝް... އެހާ ރުޅިގަދަނުވޭ. މިރޭ އަދި ކޭކު ކާންޖެހޭ. އެހެންވީމަ ރުޅި މައިތިރިކޮށްގެން ހުރޭ. އެހެންނޫނީ ޕްރެޝަރާ ހަކުރާ ދެން ހުރި އެއްޗެހި މަތިވެގެން ގޮސް މިރޭގެ އުފާވެރި ޕާޓީގަ ބައިވެރިނުނެވިދާނެ" ރޫޔާ ބުންޏެވެ.
ގިސާމަތު ދެބުމަ ގޮށްޖަހާލާފައި ރޫޔާ އަށް ބަލައިލިއެވެ. އިތުރު ސުވާލެއް ރޫޔާ އާ ކުރިމަތިކުރުމުގެ ކުރިން ހީލާފައި އެތަނުން ރޫޔާ ދުރަށް ޖެހުނެވެ. ގިސާމަތު ރޫޔާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި މަޑުމަޑުން އައިސް އެނދުގައި އިށީނެވެ. މިގޭތެރޭގައި މި ހިނގަނީ ކޮންކަމެއް ހެއްޔެވެ؟ އެހާ ނަލަކޮށް މިގެއިން އެދިޔައީ ފަޒީލާ ހެއްޔެވެ؟ ގައިމުވެސް ހަނާން ފަޒިއްތަ އޭ ބުނެފިއެވެ. ފަޒީލާ އަހަރެންގެ ހުއްދަނެތި އެހާ ޗާލުވެގެން އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ މިގޭތެރޭގައި އަހަންނަށް ނޭނގޭ ކަންތައްގަނޑެއް އެބަހިނގައެވެ.
****
ހަންނާ އާއި އަޖުވަދު ކައިވެނިކޮށްގެން ކޯޓުން ނިކުތްއިރު ކޯޓު ކައިރީގައި ހަބީބް އާއި ހަންނާ މަޑުކޮށްގެން ތިއްބެވެ. ވަގުތުން ހަބީބްގެ ކާރުގައި ހުރިހާ މީހުން ދިޔައީ ރެސްޓޯރަންޓް އަށެވެ. އެއީ ހަބީބް އާއި ހަންނާގެ ފަރާތުން އަޖުވަދުގެ ދެމަފިރިންނަށް ދޭ ކައިވެނީގެ ހަދިޔާއެވެ. އަގުބޮޑު ރެސްޓޯރަންޓްއަކަށް ފުރަތަމަ ފަހަރަށް ވަންނަން ޖެހުމުން ފަޒީލާ ޖެހިލުންވިއެވެ. އެވަގުތުވެސް އޭނާގެ ޒަމީރު އޭނާ އަށް ހަނދާންކޮށްދިނީ އަގުބޮޑު ރެސްޓޯރަންޓްތަކާއި އަގުބޮޑެތި ހަދިޔާތަކަކީ އޭނާގެ ހައިސިއްޔަތެއް ނޫންކަމެވެ. އެފަދަ ތަނަވަސް ދިރިއުޅުމަކަށް ހަންނާ އާދަވެފައި ހުއްޓަސް ފަޒީލާ އާދަވެފައެއް ނެތެވެ.
"ކިހިނެއްވީ ފަޒީ" ފަޒީލާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައުމުން ފަހަތަށް އެނބުރި އަޖުވަދު އަހާލިއެވެ.
އެތަނުން ނިކުންނަން ބޭނުންވާކަމަށް ބުނެފައި އެހިޔާލު ފަޒީލާ ދޫކޮށްލިއެވެ. އަޖުވަދުގެ ހިތުގައި ނުރުހުމެއް ނުވަތަ ނުތަވަސްކަމެއް އުފައްދަން ބޭނުންނުވާތީ އޭނާ އެއްޗެއް ނުބުނެ ހުރެފައި ހިނިތުންވެލިއެވެ.
"ހެދުމާ ހެދި އުނދަގުވަނީތަ؟" މަޑުމަޑުން އަޖުވަދު އަހާލިއެވެ.
އެއީވެސް ފަޒީލާ އަށް އުނދަގުވަމުންދާ އެއްކަންތަކެވެ. އޭނާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
"ގެއަށް ހަމަ ދެވުމާއެކު ތިހެދުން ހަށިގަނޑާ ވަކިކޮށްދޭނަން" އަޖުވަދު ބުނީ ފަޒީލާގެ ކަންފަތާ ކުޑަކޮށް އަނގަ ކައިރިކޮށްލާފައެވެ. އެހިނދު ފަޒީލާ ލަދުން މޫނު ރަތްވެގެން ދިޔައެވެ. ބިންފަޅާފައި ހުރި ދިމާލުން އަޑިއަށްދާނެނަމައޭ ހިތަށް އެރިއެވެ. އަޖުވަދަށް އެފަދަ ލާނެއް ސަމާސާތައް ކުރަން އެނގޭބާއޭ ހިތަށް އެރިއެވެ. ފަޒީލާ ލަދުގަތްކަން އެނގުމުން އަޖުވަދަށް ހެވުނެވެ. އޭނާ ލައިގެން ހުރި ކޯޓު ބޭލުމަށްފަހު ފަޒީލާ އަށް ދިއްކޮށްލިއެވެ. ފަޒީލާ އަށް ހަމްދަރުދީވެ މިވަގުތު އޭނާއަށް ކުރެވެން އޮތީ އެވަރެވެ.
"މީތި މަތިން ލައިގެން ހުރޭ" އަޖުވަދު ބުންޏެވެ. އިތުރަށް ފަޒީލާ ކައިރީގައި ނުހުރެ އޭނާ ހުއްޓުނީ ރިސެޕްޝަނުގައި ހުރި ހަބީބް ކައިރީގައެވެ. ފަޒީލާ ކައިރީގައި ހަންނާ އައިސް ހުއްޓުނީ އެވަގުތުއެވެ.
"ކިނބުލެއްހެން ހިނިއައިސްފަ އިނދެ އަޖޫ އަށް ތިބަލަނީ. ކީކޭތަ ފަޒީގެ ހިތަށް އަރަނީ. ޝެއާކޮށްބަލަ" ހަންނާ ބުންޏެވެ.
"ހުސް އެއްކަހަލަ މީހުން. ހަންނުވެސް" ކުރިއަށް ހިނގައިގަންނަމުން ފަޒީލާ ބުންޏެވެ.
"އެކުވެރިޔާ. އަހަރެން ބުނަންތަ ވާހަކައެއް. ދުވަސްވާވަރަކަށް ފިރިހެނުންގެ ހިތް ދާނީ ޒުވާންވަމުން. އަޅާލާ އޯގާތެރިވާނެ ހަޔާތުގެ ބައިވެރިއެއް ލިބިއްޖިއްޔާ ހިތުގައި އޮތް ލޯބި ދާނީ ކުރިފަޅާ މޫލާ ވަރުގަދަވަމުން. އަޖޫވެސް އެހެންވެފަ އެހެރީ" ހަންނާ ވާހަކަދެއްކިއެވެ.
"އެއްކަލަ ހަންނު. ދެންހެޔޮ. އަސްލު މިހާރު ބޭނުންވަނީ ގެއަށް ގޮސް ހަށިގަނޑަށް ތަންކޮޅެއް އަރާމު ހެދުމެއްލާން. ހާދަ އުނދަގުލެކޭ މިވަނީ" ފަޒީލާ ބުންޏެވެ.
"ފިރިސޮރު އެދިޔައީނު ތީގެ މަތިން ލާން އެއްޗެއް ދީފަ. ދެންވެސް ތިލައިބަލަ" ހަންނާ ބުންޏެވެ.
ފަޒީލާ ލަސްލަހުން ޖެކެޓް ހުޅުވާލިއެވެ. ހަންނާ ދެފަރާތަށް ބޯހޫރާލާފައި ޖެކެޓް ފަޒީލާ އަތުން އަތުލިއެވެ. ދެން ފަޒީލާގެ ފުރަގަހުގައި ހުއްޓިފައި ފަޒީލާގެ ދެއަތުން ޖެކެޓް ލައްވާލިއެވެ. ދެން ފަޒީލާގެ ކުރިމައްޗަށް އައިސް ހުއްޓިފައި ޖެކެޓްގެ ދެފަރާތުގައި ހިފާފައި ގަޔާ ކައިރިކޮށްލިއެވެ.
'އަސްތާ... މިހާރު އަދި މާލަދުގަނޭ" ފަޒީލާ ބުންޏެވެ.
"ސަލާމަތެއް ނެތެއްނު... ކޮން ލަދެއްތަ؟ ހަބީ އާ އަހަރެން މެރީކުރިއިރު ބުރުގާވެސް ނާޅަން. ކަކުލަށް ވުރެ މައްޗަށް ހުރި ހެދުން ބުރިއެއް އަހަރެން ލެއްވީ ފަޒީ... ފަޒީ ތިގަންނަހާ ލަދެއް އަހަރެން ނުގަނޭ" ހަންނާ ބުންޏެވެ.
"އޭރު ހަންނުގެ އެންމެ ޒުވްނާ އުމުރޭ" ފަޒީލާ ބުންޏެވެ.
"އުމުރަކީ ހަމަ ނަންބަރެއް. ދެން އާދޭ. ކުޑަކޮށް ސެލެބްރޭޓްކޮށްފައެއްނު ދާނީ" ހަންނާ ބުންޏެވެ.
"ތިހެންވިއްޔާ މިރޭ އަހަންނަށް އޮތީ މުޅިންވެސް ސެލެބްރޭޓްކުރުންތާ. ގޭގަ ތިބި ކުދިންވެސް ރާވާފަ އޮންނާނީ މޮޅުކަމެއް" ފަޒީލާ ބުންޏެވެ.
އެހިނދުވެސް ހަންނާގެ ހިތުގައި ރޫޔާ ދުށުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ރޫޔާ ގެ ސޫރަ ދެކިލާހިތުން އޭނާގެ ހިތަށް ކެތްނުވެއެވެ. ޔަގީނުންވެސް އަޖުވަދާއި ފަޒީގެ މިކައިވެނީގެ ސަބަބުން ރޫޔާ ހުންނާނީ ވަރަށް އުފަލުންނެވެ.
****
ގިސާމަތާއި ޝައުކަތު ކޮޓަރިން ނިކުތީ ނުވައެއްޖަހަން އުޅެނިކޮށެވެ. މޭޒުމަތި ހުސްކޮށް އޮތްތަން ފެނުމުން ގިސާމަތު އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތު ޖެހިގެން ދިޔައިރު މޭޒުމަތީގައި ސަމްސަލެއްހާ ހިސާބުވެސް ނެތެވެ. އަނެއްކޮޅުން އޭނާ ބަނޑުހައިވެގެން ގައިގައި ރޫރު އަޅަމުން ދިޔައެވެ.
"ފަޒީލާ..." ނިކަން ބާރަށް ގިސާމަތު ގޮވާލިއެވެ.
އަނެއްބައިގައި ހުރި އީނާ އައީ ގިސާމަތު ދެތިންފަހަރަކު ގޮވާލި ފަހުންނެވެ.
"ކޮބާ ފަޒީލާ؟" ގިސާމަތު އެހިއެވެ. އޭރު ގޮނޑި ދުރުކޮށްލާފައި ޝައުކަތު އިށީނދެއްޖެއެވެ.
"އަނގަ ނަގައިގެން އަސްދޫންޏެއްހެން ހުންނާކަށްނޫން ކަލޭ ވީކީ. ކޮބާހޭ ފަޒީލާ؟" އަނެއްކާވެސް ގިސާމަތު ވާހަކަދެއްކިއެވެ.
"ފަޒިއްތަ ހޯދަނީ ކީއްކުރަން. ތިކުރަން އުޅޭކަމެއް އަމިއްލައަށް ވެސް ކުރެވޭނެއްނު. ޒޫނައްތަ ހުރީ ކައްކާފަ. ތި އަސާ ހިފައިގެން މުޅި ގޭތެރޭގަ މުގޯލި އެޅެންޏާ ބަދިގެއަށް ވަދެ ތައްޓަށް ކާއެއްޗެ އަޅައިގެންވެސް ކެވޭނެއްނު" އީނާ ވާހަކަދެއްކިއެވެ.
އެއްޗެއް ނުބުނަން އީނާ އެތައް ދުވަހަކު ކެތްކޮށްފިއެވެ. މިރޭ އޭނާ އެއްޗެއް ބުނީ އޭނާ އާ ދެކޮޅަށް ގިސާމަތަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ޔަގީންވާތީއެވެ.
"ކަލޭ..." އުމުރުން ދުވަސްވީއެއް ކަމަކު އީނާ އާ ދިމާލަށް ގިސާމަތު ފުންމައިގަތެވެ. ހީވީ ކުކުޅު ބަނޑުދޮށުން ފިޔޮށް ޖަހައިގަނެގެން މައި ކުކުޅު ފުންމައިގަތް ހެންނެވެ. ގިސާމަތުގެ އަތުގައި އަޅާފައި އޮތް ރަންކުލައިގެ އުޅާގަނޑުން ޖެހި އީނާގެ ނިތްކުރިން ތަންކޮޅަކުން ހަން މަށައިގެން ގޮސް ލޭ ފޭދިއްޖެއެވެ. ޝައުކަތު ނުހިފެހެއްޓިނަމަ އީނާގެ ކަރުގައިވެސް ގިސާމަތު ހިފީހެވެ.
"ތިއީ ކޮންކަމެއް؟" ރޫޔާ އައީ އީނާ ނައިސް ލަސްވެގެންނެވެ. އީނާ ނިތުގައި އަތްހާކަމުން ދިޔަތަން ރޫޔާ ބަލައިލިއެވެ. އެހިނދު ރޫޔާ އިންތިހާ އަށް ހިތްހަމަނުޖެހި ގިސާމަތަށް ދެލޯ އަޅާލިއެވެ.
"ސާބަހޭ. މީހާ މިހާރުވެސް ތިހެރީ އަމިއްލަ ހާލައިގެން ނޫޅެވޭވަރުވެފަ. ތިމާ އަކީ މާމޮޅު މީހަކަށްވެގެން ގައްޑާވެގެން އަނެއްމީހާ އަށް އަނިޔާކުރަމުން ދާއިރު ހަނދާންނެތުނީތަ ގައިގައި ބާރު ހުރި ޒުވާން މީހާ އަށް ތިހާ މުސްކުޅި މީހަކު ގައިގައި ޖަހަންޖެހޭނީ އެންމެ ފަހަރަކުކަން. އެންމެފަހަރަކު ކަރުދާސްކޮޅަކުން ޖެހުނަސް މީހާ ބިންމައްޗަށް ވެއްޓޭނެ. ދެން މިހެން ބުނީމަވެސް ބުނާ މީހާ ގޯސްވާނީ. ހަމަ މިހާރު އީނާ ކައިރީގަ މައާފަށްއެދޭ. ގަބޫލުކުރޭ މީހެއްގެ ގަޔަށް އަތްލައިގެން ތިމާ އަށް ގޯސްހެދިއްޖެކަން" އީނާގެ ގައިގައި ހިފަހައްޓައިގެން ހުރެ ރޫޔާ ވާހަކަދެއްކިއެވެ.
"ކަލޭ އަހަންނަށް އަޑުލުމަކުން އަހަރެން ހައިރާނެއްނުވޭ. ކަލެއަށް ލިބިފައި ތިވަނީ އެ ހަންނާގެ މުޑުދާރު އަނގަ" ގިސާމަތު ބުންޏެވެ.
"އަދި މާމަގެ އަނގަ ލިބުނުނަމަ މިއަށް ވުރެވެސް ގޯސްވީސް" ރޫޔާ ވަގުތުން ރައްދު ދިނެވެ.
"ކަލޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވެއްޖެ. މިގެއަށް ކަލޭ ގެނެވުނު މޮޔަހީވޭ މިހާރު. ކަލޭ މިހާރު މިވަގުތު މިގެއިން ދިޔަސް އެންމެ ރަނގަޅު" ގިސާމަތު ވާހަކަދެއްކިއެވެ.
އީނާ އާ ރޫޔާ އަށް އެއްފަހަރާ ހެވުނެވެ. މިފަހަރުވެސް ގިސާމަތު ރުޅިއައީ އީނާ ހީގަތުމުންނެވެ.
"ހާދަ އަވަހަށޭ އުނބަށް ޖެހީ. އެކަމަކު ބުނަން. އަހަރެން ނުދާނަން. މިއީ އަހަރެންގެ ބައްޕަގެ ގެއެއް. މިގެއިން ދާންޖެހޭ މީހަކީ ތިއީ. ދެންވެސް މައިތިރިވެގެން ކަންޏާ ކައިގެން ނުކަންޏާ ނުކައި މިތަނުންދޭ. އަޑުގަދަކޮށް ހަޑި ޒުވާބުކޮށް މީހުންގެ ގަޔަށް ބޮލަށް އެރުމަކީ އަހަރެމެންގެ އުސޫލެއްނޫން" ރޫޔާ ބުންޏެވެ.
ގިސާމަތަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދަތްކުޑި ވިކަމުން ދަނިކޮށް ޝައުކަތު ގިސާމަތު ގޮވައިގެން އައިކޮޅަށް ހިނގައިގަނެއްޖެއެވެ.
"އަދި އެއްވާހަކަ އަޑުއަހާލާފަ ދޭ. މިއަދަށްފަހު މިގޭގައި އެއްވެސް މީހެއްގެ ނޯކަރެއް ނުހުންނާނެ. ފަޒިއްތަ އަކީ މިރެއަށް ފަހު މި ގަނޑުވަރުގެ ރާނީ. މިކަންވެސް ހަޖަމުކޮށްލައިގެން ނިދާތި" އިތުރަށް ރޫޔާ ބުންޏެވެ.
****
ގިސާމަތު އެނދުގައި ބައިންދާފައި ޝައުކަތު ޖައްސާލީ ސޯފާގައެވެ. އެކަކު އެކަކާވެސް ބަހެއް ނުކިޔައެވެ. ކުއްލިއަކަށް ޝައުކަތު ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ.
"ކޮންތާކަށް؟" ގިސާމަތު އެހިއެވެ.
"ބޭރަށް" ޝައުކަތު ބުންޏެވެ.
"ޝައުކަތުވެސް އަހަރެން މިހާލަށް ދޫކޮށްލާފަ ދަނީތަ؟ ހަމަ އެކައްޗެއްވެސް ހިތަށް ނާރާތަ؟" ގިސާމަތު ވާހަކަދެއްކިއެވެ.
"އެއްޗެހި ހިތަށް އަރާއަރާ ނުލަފާ ވިސްނުންތަކާ ފިކުރުތައް ކޮށްކޮށް އަހަރެން ބޯފަޅައިގެންމިދަނީ. މިހާރު އަހަރެންގެ ހިތެއް ނުބުނެ މިކޮޓަރީގެ ހަތަރުފާރުން އެތެރޭގަ އިނަސް ބޯހަޖަމަޖައްސާލަން ބޭރަށް ނިކުތަސް އަހަންނަށް ރައްކާތެރިކަމެއް އޮންނާނެއެކޭ. މާދަމާ ނޫންކަމެއް ނޭނގެ ފުލުހުން އައިސް ގެންދާނީ. ގިސާމަތުގެ ސަބަބުން އަހަރެން މި މޮޔަވަނީ. މިހާރު ހިތަށްއަރާ އެއްވެސް ކަމެއްގަ އަހަންނަށް ބައިވެރިނުވެވުނުނަމައޭ. މިތަނަށް ނާދެވުނުނަމައޭ" އެހެންފަހަރުތަކާ ހިލާފަށް މިފަހަރު ޝައުކަތުގެ އަޑު ބާރެވެ.
"ކީކޭ؟ ޝައުކަތަށްޓަކައި އަހަރެންވި ގުރުބާނީ ހަނދާންނެތުނީތަ؟" ގިސާމަތު ބުންޏެވެ.
ޝައުކަތު ބޮލުގެ ދެފަރާތުގައި އަތްއެޅިއެވެ. މީހާގެ ބޮލަށް އެނބުރުންއަރާ އެނދުގައި އަލުން އިށީނެވެ.
"ހާދަ އަވަހަކަށޭ މީހާ ފިނޑިތިވީ. އަމިއްލަ ނަފްސަށް ހާދަ އިތުބާރެއްނެތޭ ދޯ. އަހަންނާ ހަމައަށް އަންނަންކެރޭނެ ފުލުހެއް ނޯންނާނެ. ހުރިހާ ފުލުހުން ތިބީ އަހަރެން އަތުން ރިޝްވަތު ކައިގެން. ހަރާން ފައިސާއިން ފެންވަރައިގެން" ގިސާމަތު ހިތުން ބުނެލީ މޮޅު ބަހެކެވެ.
"އަބަދު ދުނިޔެ އެއްގޮތަކަށް ނޯންނާނެ. ހުރިހާ ފުލުހުންނޭ ބުނާއިރު ގިސާމަތު ފައިސާ ބެހި އިސް އޮފިސަރުންގެ ތެރެއިން މިވަގުތު ވަޒީފާގަ ތިބީ އިނގިލިން ގުނާލެވޭހާވެސް މަދު ފުލުހުން. ތިބިއްޔާ ތިބި ބަޔަކުވެސް އެތިބީ މަގާމުން ދުރުކޮށްފަ. މާ ފުއްޕާފަ މޮޅެތި އެއްޗެހި ބުނެލިޔަސް އަހަންނަށް މިހާރު އެނގިއްޖެ ތިއީ ސިކުނޑީގަ އެއްވެސް ތެތްކަމެއް ހުރި މީހެއް ނޫންކަން. ލޯމަތިން ފެންނަ މަންޒަރުތައް މިހާރު ވިސްނެން ވެއްޖެއްނު. އެ އެންމެން އެއްބައޭ. އަހަރެމެން ދެމީހުން އެކަނި. އެވެސް އުނު ނިވާކޮށްލާނެ ފަދަވެސް ނެތި. ހަޔާތުގެ ބާކީ ދުވަސްތައް ޖަލުގަ ގުނަން ތައްޔާރުވޭ. މިތިބީ ޖެހޭނެ ތަނެއްގަ ޖެހިފަ" ޝައުކަތުގެ ވާހަކަތަކުން ގިސާމަތުގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. އެއްޗެއް ނުބުނެ އެއްދިމާލަކަށް ބަލަހައްޓައިގެން އޭނާ އިނެވެ.
"މިހާރު ކޮންތާކަށް ތިދަނީ؟" ޝައުކަތު ތެދުވެގެން ހިނގައިގަތެވެ.
"ބޭރަށް. ހަމަޖެހުމުގެ ނޭވައެއްލާން. ގޮހޮރަށް އެއްޗެއް ލާން" އަދިވެސް ޝައުކަތުގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.
ޝައުކަތު ކޮޓަރިން ނިކުތުމުން ގިސާމަތު ޗޮކެއް ކަނޑާލިއެވެ. ޝައުކަތުގެ ރުޅިގަނޑުން އޭނާގެ ސިކުނޑި ކަސިޔާރުވެ ފަޒީލާ އަށް ޝައުގުވެރިކަން ދެވުނެވެ. މި ގަނޑުވަރުގެ ރާނީ އަށް ފަޒީލާ ވާނޭ ހަނާނު އެބުނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާ ދުނިޔޭގައި ހުއްޓާ އެފަދަ ކަމެއް ނުވާނެއެވެ. އެއްވެސް ހައިސިއްޔަތެއް ނެތް ނިކަމެތި އިންސާނަކަށް ދުވަހަކުވެސް އެ ފެންވަރަކަށް ނާދެވޭނެއެވެ. ފަޒީލާ ޖެހޭނީ އަހަރެންގެ ފައި ބުޑުގައި އޮވެގެން އަހަރެން ދިނީމަ ކައިގެން އަހަރެން ދިނީމަ ލައިގެން މައިތިރިވެގެން އޮންނާށެވެ. އަދި މާރީތިވެގެން ތަންތަނަށް ވެސް ދާންފެށީއެވެ. މީހާ ރީތިވާނީ ހައިސިއްޔަތެއް އޮވެގެނެއް ނޫން ހެއްޔެވެ؟ މާދަމާ ހުރިހާ ނޯކަރުންނަށް އެމީހުންގެ ހައިސއްޔަތު ދައްކާނަމެވެ. ކުޅުކުޅެލެވޭނީ އެހެން މީހުންނާއެވެ.
****
މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ފަތިސްނަމާދަށް ހޭލިގޮތަށް އަޖުވަދު މިސްކިތަށް ދިޔުމުން ނަމާދުކޮށްގެން ކުޑަކޮށް ގުރުއާން ކިޔަވާލަން ފަޒީލާ މަޑުކޮށްލިއެވެ. އެތައް ދުވަހަކަށްފަހު ނިދާތަން ބަދަލުވުމުން ފަޒީލާ އަށް ރަނގަޅަށް ނިދޭގޮތެއް ނުވިއެވެ. އަންބެއްގެ ވާޖިބުތައް އަދާކުރުމުގައި ވަގުތުތަކެއް ހޭދަކޮށްފައި ދެން ލިބުނު ވަގުތުގައިވެސް ގިނައީ އޭނާ އެނދުގައި ދެފަރާތަށް ފުރޮޅުނު ވަގުތެވެ. ނަސީބަކުން ގެއަށް އައިވަގުތު ގިސާމަތާ ކުރިމަތިލާން ނުޖެހުނެވެ. މުޅި ގޭތެރެ އޮތީ ނިދާފައެވެ. ހަތަރުކުދީން ވެގެން އޭނާއަށް ރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރީ އަޖުވަދުގެ ކޮޓަރިއަށް ވައްދާފައެވެ. އެހެންކަމުން ކޮޓަރިއަށް ވަތްގޮތަށް އިތުރަށް އޭނާ ނިކުންނާކަށްވެސް ނުޖެހުނެވެ. ގިސާމަތާ ކުރިމަތިލަން ނުޖެހުނަސް އެވަގުތު އަދި އަންނާނެކަން އޭނާގެ ސިކުނޑި ތަކުރާރުކޮށް ހަނދާންކޮށްދެއްމުން ދިޔައެވެ. އޭނާޖެހޭނީ ވަރަށް ހިތްވަރުކުރަންކަން ވެސް އޭނާއަށް އެނގެއެވެ. އަޖުވަދުގެ އެދުމަށް އާންމުކޮށް ލައި އުޅޭ ހެދުންތައް ބަދަލުކުކޮށް ބޮޑެތި ތިނެސްކަނަށް ވާގޮތަށް ބޮޑެތި ބުރުގަލަށް ފަޒީލާ ބަދަލުކުރީ ކޮޓަރިން ނިކުތުމުގެ ކުރިންނެވެ. މުޅިގޭތެރެ މީހަކަށް ދެން ހަދާނީ އޭނާ ކަން އޭނާ ހަނދާނުގައި ހުއްޓެވެ. ގިސާމަތުގެ އުނދަގުލަކާ ކުރިމަތިލާން ޖެހިއްޖެނަމަ ގިސާމަތަށް ދޭނީ ކޮންކަހަލަ ޖަވާބެއްކަން ވެސް އަޖުވަދު އޮތީ ބުނެދީފައެވެ.
ބައި ގަޑިއެއްހާއިރު ގުރުއާން ކިޔަވަން އިނދެފައި ހެދުން ބަދަލުކޮށްލައިގެން ފަޒީލާ ކޮޓަރިން ނިކުތެވެ. ގޭތެރެއިން އެއްވެސް ހިލަމެއް ނުވެއެވެ. ބަދިގެއަށް ވަދެ ސަޔަށް ތައްޔާރުކުރާނެ އެއްޗެހިތަކުން ކޮށަންޖެހޭ އެއްޗެހި މޭޒު މައްޗަށް ނަގާފައި އޭނާ ދިޔައީ ކުދީން ނިދާ ބަޔަށެވެ. ރޭގައި އޭނާ އަންނާނެ އިރަކަށް އިންތިޒާރުކޮށްފައި ކުދިންވެސް ނިދާނީ ލަހުންކަން އެނގެއެވެ. ވީވެސް އޭނާ ހީކުރި ގޮތަށެވެ. ހުރިހާ ކުދީން ތިބީ އެއް ކޮޓަރިއެއްގައެވެ. އޭނާ ނެތުމުން އެކުދީން އެކަނިވެރިކަމުގައި އެއް ކޮޓަރިއެއްގައި ހޭދަކުރީކަން ފަޒީލާ އަށް އެނގުނެވެ. އެންމެ ހައިރާންވީ އެނދުގައި އޮތް ބޮޑު ގޮދަޑި ތިރިއަށް ވައްޓާލައިގެން ތިންކުދީން ތިބިއިރު މެދުގައި ރޫޔާ އޮތްތަން ފެނިފައެވެ. އެމަންޒަރު ފެނުމުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކޮންފަދަ ހިތްތިރި ނަމޫނާއެއް ހެއްޔެވެ؟
ފަޒީލާ ކޮންމެ ކުއްޖަކަށް ވަކިވަކިން ގޮވިއެވެ. ދަތްއުނގުޅާ ތައްޔާރުވެގެން ސައިބޯން އަންނަން ބުނެފައި އޭނާ ނިކުތީ ބޮޑު ބަޔަށެވެ. އޭރު މިސްކިތުން އައިސް އަޖުވަދު ގޭތެރެއަށް ވަންނަނީއެވެ. ފަޒީލާ އަށް ހިނިތުންވުމެއްދީފައި ކާމޭޒު ކައިރިން ގޮނޑިއެއް ބޭރަށް ދަމާލާފައި އަޖުވަދު އިށީނެވެ.
"ކޮބާ އެކުދީން؟ ބުނިންތަ އަހަރެން ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ" އަޖުވަދު ބުންޏެވެ.
ފަޒީލާ ބޯޖަހާލިއެވެ. ބަދިގެ ބަޔަށް ވަދެފައި ދެން އޭނާ ނިކުތްއިރު އަތުގައި އަޖުވަދުގެ ކޮފީތަށި ހުއްޓެވެ. އަޖުވަދުގެ ދުވަސް ފެށުމަށް ބޭނުންވާނީ ކޮންކަހަލަ ކޮފިއެއްކަން އޭނާއަށް އެނގެއެވެ. އެހެނީ މިހުރިހާ ދުވަހުވެސް އެކަން ކޮށްފައިވަނީ އޭނާއެވެ.
'އާދެބަލަ" ކޮފީތަށި ހިފުމުން ފަޒީލާ ހިނގައިގަތެވެ. އެހިނދު އަޖުވަދު އެއްލި އަތުން ފަޒީލާގެ އަތުގައި ހިފިއެވެ.
"ފަޒީ އެއްވެސް އެއްޗެއް ބޭނުންތަ؟" ފަޒީލާ ބަލައިލުމުން އަޖުވަދު ބުންޏެވެ.
ފަޒީލާ ހިނިތުންވެލާފައި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
"އަހަރެން ބޭނުންވަނީ އަޖޫގެ ލޯތްބާ އަޅާލުން. އިތުބާރާ އެއްބާރުލުން. އަހަރެންވީ ކޮންމެ ހާލެއްގަ އަހަރެންނާ އެންމެ ކައިރީގައި ހުންނަން. މީގެކުރިން އަހަރެންގެ ދިރިއުޅުމަށް ދުވަހަކުވެސް ފިރިހެނަކު ނާދޭ. އަހަރެން ހިއެއްނުކުރަން ދެބައި އުމުރަށް ދިޔައިމަ އަހަރެން އަލަތު ކައިވެނި ކުރާނެއެކޭ. އަހަންނަކީ އަންހެނެއްކަމާއި އަންހެނަކަށް ކައިވެންޏެއްގެ ތެރެއިން ލިބެންޖެހޭ ހައްގުތަކާ އަންހެނަކަށްވެސް ހަލާލު ގުޅުމެއްގެ ތެރެއިން ލޯބި ބޭނުންވާކަން އަޖޫ ރޭގަ ހަނދާންކޮށްދީފި. ތެދަށް ބުނަންޏާ އަހަރެން ހުރީ އަހަންނަކީ އަންހެނެއްކަން ހަނދާންނެތިފަ. އަހަރެންގެ މިގުޅުން ލޯތްބާ އޯގާތެރިކަމަކުން ފަށައިދިނީތީ އަޖޫ އަށް ހިތުންގެ އެންމެ އަޑިން ޝުކުރުއަދާކުރަން. އަހަރެން ބުނާނީ އަހަންނަށް އަޖޫ ވަރަށް ވަރަށް ހާއްސައޭ. އަޖޫއަށް އަހަންނަށް އިތުބާރުކުރެވިއްޖޭ. މި އިތުބާރުގެ ވާފަށް ދުވަހަކުވެސް ކަނޑާނުލައްޗޭ. ކައިވެނީގެ މިގޮށް ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްޗޭ. އަހަންނާ މެދު އަޖޫ ޝަކުވާކުރާނެ ފުރުސަތެއް އަހަރެން ނުދޭނަން" މިނޫނީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފަޒީލާ ވާހަކަދައްކާފައި ނުވެއެވެ. ލަދުގެ ފަރުދާ ކަހާލާފައި ހަލާލު ފިރިމީހާގެ ކުރިމައްޗަށް އޭނާ ނިކުމެއްޖެއެވެ. މިހާރު އޭނާ ފިރިމީހާ ކައިރީގައި ދައްކަން ނުކެރޭނެ ވާހަކައެއް އޮވެގެން ނުވާނެއެވެ.
"އަހަރެން ވައުދުވަން. އަހަރެންނަށް ފަޒީދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ" އަޖުވަދު ބުންޏެވެ.
ފަޒީލާގެ އަތްތިލައިގައި އަޖުވަދު ބޮސްދޭން އުޅުމުން އެ އަތް ފަޒީލާ ދަމައިގަތީ ކުދީން އަންނަ އަޑު އިވުމުންނެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ގޮސް މޭޒުގެ އަނެއްފަރާތުގައި ހުއްޓުނެވެ.
"ދަރިފުޅުމެން. އަވަހަށް އާދޭ ކޮފީ ބޯން" ހުރިހާ ކުދީން ފެނުމުން އަޖުވަދު ބުންޏެވެ.
އަޖުވަދު ކައިރިއަށް ގޮސް އަތުގައި ބައްދާލަން ކެރުނީ އެކަނި ރޫޔާ އަށެވެ. ބާކީ ތިބި ތިން ކުދީން ގޮސް ހުއްޓުނީ ފަޒީލާ ކައިރީގައެވެ. އެކުދީންނަށް ފުރަތަމަ ފަހަރަށް ބަފައެއްގެ ނަޒަރުން އަޖުވަދު ބަލައިލިއެވެ. އުމުރުން ފަންސާސް އަހަރު ނުފުރެނިސް ޒުވާން ހަތަރު އަންހެން ދަރީންގެ ބައްޕައަކަށް އޭނާ ވެއްޖެއެވެ.
"ކީއްވެ ދުރުގައި ތި ތިބެނީ. ރޫޔާ ފަދައިން ތިއީވެސް މި ބައްޕަގެ ދަރީން. ތިކުދިންގެ ޒިންމާ އާ އަޖޫބެ ހަވާލުވެއްޖައިން" އަޖުވަދު ބުންޏެވެ. އަޖުވަދު ބޭނުންވަނީ ތިންކުދީންގެ ބީރައްޓެހިކަން ކަނޑުވާލާ އިހުތިރާމާ ގަދަރުގެ ތެރެއިން އެތިން ކުދިންނާ ގުޅުމެއް އުފައްދާށެވެ.
"ބައްޕަ މިއަދު ނުވާނެއް އެއްވެސް ތަނަކަށް ގޮސްގެނެއް. މިއަދު ގޭ ބަންދު" ރޫޔާ ބުންޏެވެ.
ލޯތްބާ އޯގާތެރިކަމުގެ ބެލުމަކުން ރޫޔާގެ މޫނަށް އަޖުވަދު ބަލައިލިއެވެ.
"ޔަގީނެއްނު. އެކަމަކު ކަމެއް އޮތީތަ؟" އަޖުވަދު އެހިއެވެ.
"އަޅުގަނޑުމެބން ކަމެއް ރާވައިގެން މިއުޅެނީ. ދޯ ޒޫނާއްތާ" ރޫޔާ ދޯ ދިނީ ހުރިހާ ކަމެއްގައި އެންމެ ނަގާ ކިޔައިގެން އުޅޭ ޒޫނާ އަށެވެ.
(ނުނިމޭ)