ވާހަކަ

އަލިވިލުން - 1

7

އާދައިގެ މަތިން، ފަތިސްވެ އިރުއަރައިފިކަން އިއުލާން ކުރުމުގެ ގޮތުން ކާޅުތަކުގެ ކާކާކީންކީންގެ އަޑުގަދަވަމުންދާއިރު ދޭތެރެއަކުން ނަލަނަލަ ރާގަކަށް ކޮވެއްޔެއް ގޮވާ އަޑުން މުޅި ރަށުތެރެ ހޭލައްވާލައިފިއެވެ. ދުވަހަކީ ހަފުތާ ފެށޭ އާދީއްތަ ދުވަސްކަމަށްވާތީވެ ރަށުތެރޭގައި އެންމެންވެސް ހޭލަމޭލަ ވާން ފެށީ އަވަސް ހަރަކާތްތަކަކުންނެވެ. ޗެކްޕޯސްޓުގައި ތިބި ރޭގަނޑުގެ ޑިއުޓީން ބަދަލުވާ ޑިއުޓީއާ ހަވާލު ކުރަން ޖެހޭ ކަންކަން ނިންމުމުގައި އަތްމަތި އަވަސްކޮށްލައިގެން އުޅޭއިރު ބަދިގެއިން ހެނދުނުގެ ނާސްތާ ބަރޯތަކަށާއި ގާޑިޔާތަކަށް އަރުވަމުން ނެރެނީއެވެ. ބަދިގެއާ ދިމާލުން ބޭރުގައި ފައްޗަކަށް އަތުރާފައިވާ ކާތަކެތި ގާޑިޔާތައް ކައިރީގައި ޒުވާން ފިރިހެނުންތަކަކާއި ތިން އަންހެނަކު އާދައިގެ ހެދުމުގައި ތިބިއިރު، ޔުނީފޯމުގައި ތިބި ފުލުހުންގެ ދެމީހަކު ކާތަކެތި ޗެކްކުރަން ތިއްބެވެ.

"އޮސްކާ އޮސްކާ ޗާލީ،" "ސެންޑްއޯވަރ،" "އޮސްކާ ކާންދޭއަށް ގޮވަނީ،"

"ހަތެއްހަތެއް، ޗާލީ،" "ބާރަތޭރަ ބާރަތޭރަ ޗާލީ،" "ލިބޭ، ލިބޭ ސެންޑްއޯވަރ،" "ކާންދޭ ވައްދަނީ، ސެންޑްއޯވަރ،"

"އެކެއް، އެކެއް ޗާލީ،" ބަދިގޭ ދޮރުމަތީ ހުރި ފުލުސްއޮފިސަރު ޓޯކީން އެކި ނަންބަރުތަކަށް ގޮވައި ކާއެއްޗެހި ގެންދާ ވާހަކަ ބުނަމުންގޮސް އެންމެ ފަހުން ހުރި ދެ ބަރޯ ކައިރީ ހުރެގެން ގޮވާލިއެވެ. އެކޮޅަކުން ޖަވާބެއް ނުލިބުނެވެ.

"އެކެއް، އެކެއް، އެކެއް، ޗާލީ،" ހައެއްކަ ފަހަރު ގޮވުމަށްފަހު އެކޮޅުން "ޗާލީ ޗާލީ އެކެއް، ސެންޑްއޯވަރ،" ބުނި އަޑު އިވިއްޖެއެވެ.

"ސާބަހޭ އަފޫ، ނިދާފަތަ؟ ކާއެއްޗެހި އެބަދޭ، މާލެދާ ލިސްޓުވެސް އެބައޮތް، އަލްފާއިން ގޮވިއަޑު ވެސް ނާހަންދޯ؟" އެކޮޅުން ޖަވާބުދިން ފަރާތާ ވާހަކަދައްކަމުން އޮފިސަރު ކާތަކެތި ގެންދަން ތިބި ދެ އަންހެނުންނަށް އިޝާރާތްކޮށްލިއެވެ.

ބަދިގެއާ ވިއްސަކަށް ފިޔަވަޅުގެ ދުރުމިނުގައި ހުރި ޓިނު ދޮރާށްޓެއް ހިއްލާލި ގަދަ އަޑުފަށްގަނޑާއެކު، އެތެރެއިން އެ ނުކުތީ ނޫކުލައިގެ ޔުނީފޯމުގައި ގަދަނޫކުލައިގެ ބުރުގާ އަޅައިގެން ތިބި ދެ އަންހެން އޮފިސަރުންނެވެ.

"އަވަހަށް ކާއެއްޗެހި ބަހާ، މާލެދާ ލިސްޓެއްވެސް އެބައޮތް،" ކާންދޭ މީހުންނަށް އެތެރެއަށް ވަންނާނޭ ޖާގަ ދެމުން އޮފިސަރުން އެއްފަރާތަކަށް ޖެހިލިއެވެ. އަދި އެމީހުން އެތެރެއަށް ވަދެ ނިމުމުން އެއްކަލަ ޓިނުދޮރާށި ވައްޓާލިއެވެ.

"ކޮބާ އެންމެން. އަވަހަށް ސައި ބޯން އާދޭ، މުގު ރިހައާއި ބިސް، ކޮބާ ޒޫނާ، އަނާރާ، ރަހުޒާ، ޖޫލީ، ލަޝްލީ، ޕޫރުމާ، ވެނެޒީ،" ކާންދޭ އަންހެންމީހާ އެންމެންގެ ނަންތަކުންވެސް ގޮވާލީ ފަރިތަކޮށްނެވެ. ހީވާގޮތުން ދޫނިދޫގައި މަސައްކަތުގައި އުޅޭތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ.

"އޯއި، އައިންދައްތާ، މިހިރީ ތަށިތައް،"

ބޮޑު ގޮޅީގެ ތޭރިތަކުގައި ހިފަހައްޓައިގެން ދިގަށް ކިއުލައިން ހަދައިގެން ތިބީ އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ދޫނިދޫގައި ބަންދުކޮށްފައި ތިބި ބަންދުމީހުންނެވެ. އޭގެ ތެރޭގައި ހަތަރުވަރަކަށް ބިދޭސީ އަންހެނުންވެސް ތިއްބެވެ. ދިގަށް އެތުރިގެން އެ ކިއުގައި ގާތްގަނޑަކަށް ހަތް އަންހެނުން ތިބި އިރު ގޮޅީގެ އެއްކަނުގައި ބޮލާއެކު މުންޑުފޮތިގަނޑެއް އަޅާ ނިވާކޮށްގެން އަންހެނަކު ނިދާފައި އޮތެވެ. އަދިވެސް އެހެން ދެ އަންހެނަކު ވެސް ނިދާފައި ތިއްބެވެ.

ކާންދޭ މީހުންގެ ތެރެއިން އެކަކު ތަށިތަށްޓަށް ސައި އަޅައިދެމުންދާ އިރު، ދެން ހުރި މީހާ ތަށިތަކަށް ކާއެއްޗެހި އަޅައިދެނީއެވެ. ކިއުލައިންގައި ތިބި އަންހެނުންގެ ތެރެއިން ދެ އަންހެނަކު ތަށިތަކަށް ކާތަކެތި އަޅައިދެމުންދާ ވަރަކަށް ގޮޅިތެރޭ، ބިންމަތީގައި އަތުރަމުންދެއެވެ.

"ކޮބައިތަ ވިލިނީ؟" ޑިއުޓީގައި ހުރި ފުލުސް އަންހެން އޮފިސަރު އަހާލިއެވެ.

"ނިދާފައެއްނު އޮންނާނީ، ކިހިނެއްވީ؟ މާލެދާން އެންގީތަ؟" ގޮޅީގެ ތޭރިދޮރާ ކައިރީގައި ހުރި އަންހެނަކު އަހާލިއެވެ. މެދުއުމުރެއްގެ އަންހެންމީހާ ލައިގެން ހުރީ އާދައިގެ ހަރުވާޅަކާއި ޓީޝާޓެކެވެ. ގޮޅިތެރޭގައި ތިބި ހުރިހާ އަންހެނުންވެސް ތިބީ ޓީޝާޓާއި ހަރުވާޅު ނޫނީ ޓީޝާޓާއި ހަރުވާޅުގައެވެ.

"އާނ، ޒޭނާ އޭނާއަށް ގޮވާ ތެދުކޮށްބަލަ، ވަރަށް އަވަހަށް ސައިބޮއިގެން ތައްޔާރުވާށެ ބުނޭ، ފެރީ ފުރާނެ ހަތްގަޑި ބައިވާ އިރު، މިހާރު ހަގަޑި ފަނަރަ ވެއްޖެ،" ޑިއުޓީ އޮފިސަރު އެ އަންހެންމީހާއަށް ޖަވާބުދެމުން ބުނެލިއެވެ.

"އާނ، ނޭނގޭނެއެއްނު، ކޯޓަށް ގެންދާކަމެއް، ރޭގަ އަންގާނެކަމަށް ޑިއުޓީ ބަދަލުވީއިރުވެސް ހޭލާ އުޅުނޭ، އެކަމަކު ރޭގަ ނޭންގީމަ ކޯޓު ކެންސަލްވީ ކަންނޭނގެއޭ ކިޔާފައި އޮށޯތީ، ނިދުނީ ވަރަށް ލަހުންހެން ހީވަނީ، ދަންވަރު އިވޭ ލަޝްލީއާ ވާހަކަ ދައްކާ އަޑު،"

ޒޭނާ އޭނާގެ އަތުގައި ހުރި ރިހަ އަޅާފައި ހުރި ތަށި ކުޑަކޮށް އެއްފަރާތުގައި އަތުރާފައި ހުރި އެހެން ގައިދީންގެ ތަށިތައް ކައިރީ ބަހައްޓަމުން ވާހަކަދެއްކިއެވެ.

"މި ގޮވަނީ... ނެރެން ގޮވާއިރަށް ތައްޔާރުކޮށްލާނަން،" ޒޭނާ ހެވިލާފައި ބުނެލިއެވެ.

ދޫނިދޫގެ އަންހެނުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ބޮޑު ގޮޅީގެ ދޮރު ހުންނަނީ މެދަށް ވާ ގޮތަށެވެ. އެ ދޮރަކީ ދަގަނޑުތޭރިތަކުންނެވެ. ދޮރުގެ ދެފަރާތުން ފާރު ރާނާފައި ހުރީ މެދާ ހަމައަށެވެ. މެދުންމައްޗަށް ފުރާޅާ ދެމެދެ ހުރީ ދަގަނޑު ތޭރިތަކެވެ.

ގޮޅީގެ އެތެރެއިން ވަދެވޭ ދެފަޅިއަކަށް ވާގޮތަށް ދެފާހާނާ ހުރިއިރު ފާހާނާ ނިވާ ކުރުމަށް އެތެރެއިން ދަމާފައި ހުރީ ފޮތިފަރުދާއެކެވެ. ފާހާނާއިން ނުކުންނައިރު އެއްފަރާތުގައި ބޮޑު ކަފޭރާއެއް ހުއްޓެވެ. ބައިބަޔަށް ބަހާލާފައި ހުރި ފޮތް ބަހައްޓައި ހަރުގަނޑެއް ކަހަލަ ގޮތަކަށް ތައްޔާރުކޮށްފައި ހުރި ކަފޭރާގެ އެކި ބައިތަކުގައި އަންނައުނާއި ކޮސްމެޓިކްސްގެ ސާމާނުގެ އިތުރުން އެންމެ މަތީބައިގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެންމެ ތިރީގައި ހުރީ ފައިވާންތަކާއި ބޫޓުތަކެކެވެ.

މި ކަފޭރާގެ އިތުރަށް އެއްވެސް އެހެން ސާމާނެއް ނެތެވެ. ގޮޅީގެ އެއްބިތު ފާރުގައި ދަމާފައި ހުރި ރޯނުގައި ތުވާލިތަކެއް އަޅާފައި ހުއްޓެވެ. ބާރަވަރަކަށް ތުވާލި އޮތެވެ. ދެން ބިންމަތީގައި އަތުރާފައި ހުރި ކުނާތަކުގެ މަތީގައި، ކޮންމެ ކުނަލަކަށް ބާލީހެއް، އޮތެވެ. އެއްކުނަލާ ޖެހިގެން އަނެއް ކުނަލެވެ.

ސައި ބުއިމަށްޓަކައި ހަދާފައި ހުރި ޖާގައަކީ މިވަގުތު ގޮޅީގައި މީހުން މަދުވުމުން އޮތް ތަންކޮޅެއްކަން ޔަގީނެވެ.

އެންމެން ވަށްބުރަކަށް އިށީނދެ ތިބެ ހެނދުނުގެ ނާސްތާއަށް ހުރި ރޮށްޓާއި މުގުރިހައާއި ބިސްގަނޑަށް އިންސާފު ކުރަނީއެވެ.

ކޮންމެ މީހެއްގެ ތަށްޓަށްވެސް ހުރީ މުގުރިހަ އަޅާފައެވެ. ރޮށިތަކާއި ބިސްގަނޑުތައް ހުރީ މެދުގައި ހުރި ތަށްޓެއްގައެވެ. ތަށީގެ އެއްފަރާތުން ހުރީ ކުޑަކޮށް ފަޅައިގެން ގޮސްފައެވެ.

ޒޭނާ އޭނާގެ ރޮށިސެޓުން ރޮށްޓެއްގެ ތެރެއަށް ބިސްގަނޑުލުމަށްފަހު އޮޅާލިއެވެ. އަދި އެތިކޮޅެއް ކަމުން ގޮޅީގެ ކަނުގައި ނިދާފައި ތިބި މީހުންނާ ދިމާއަށް ހިނގައިގަތެވެ.

"އޭތް ލާނާ..... ކޯޓަށް ދާން ޖެހޭ ދުވަސްކަން އެނގޭއިރު ތި އޮންނަނީ ބޮޑު ގުގުރީގަ..."

ގޮޅީގެ އެންމެ ކަނުގައި ބޮލާއެކު މުންޑުފަޅިއެއް އަޅައި ނިވާކޮށްގެން އޮތް އަންހެން މީހާއާ ގާތަށް ހުއްޓިލަމުން ބާރަށް ގޮވާލިއެވެ. އަންހެންމީހާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ.

"ދެން ތިބި ދެމީހުން ވެސް އެތިބީ ނު، އޭހ ކަލޭމެން ތެދުވެ ލާނާއަށް ގޮވާ އޭނާ ތެދުކޮށް ތައްޔާރު ކުރުވަން އުޅެންވީނު، މިއަދަކީ އޭނާއަށް ފަސޭހަ ދުވަހެއް ނޫންކަން އެނގޭއިރު ކަލޭމެން ބޮޑުގުގުރީގަ، ކިހާބޮޑު ބަޖިޔަލެއް. އޭތް،" ޒޭނާ ރުޅި އަތުވެއްޖެއެވެ. އެކަމަކު ކުއްލިއަކަށް އޭނާގެ ޖުމްލައިގެ ފަހުބަސްތައް އިވުމާއެކު ފުންމައިގެން ތެދުވި ދެ އަންހެނުންނަށް ބަލައިލުމާއެކު ރުޅީގެ ބަދަލުގައި ހިނިތުންވެލެވުނެވެ.

"ހާސްނުވޭ. މި ހޭލައްވަނީ، ތާތި ދާންވީނު ލާނާގެ ހެދުން ނަގައި ރެޑީ ކުރަން، މަ މި ގޮވަނީ، ޒޭނައްތާ، ރޮށްޓެއް މޮޑެންވީނު. ކާންނުދީ ފޮނުވާ ކަހަލަ ދުވަހެއް ނޫން، ގައިގެ ވަރު ޖައްސާފަ ފޮނުވަން ވާނީ، ފިރޯށްޓެއްވެސް ޖަހަން ޖެހޭނެނު ދޯ؟"

މަޑު ފެހިކުލައެއްގެ ނިދާހެދުމެއްގައި ހުރި އަންހެނެކެވެ. ހީވާގޮތުން ފަންސަވީހަކަށް އަހަރެވެ.

"އާނ، މިއަދު އޭނައަށް ވަރަށް އެހީ ބޭނުންވާނެ، އުޅޭނެ ވަރަށް ބޮޑޭ ވާން، ރޫހީނަށް ތިކަން ވާނީ، އެކަމަކު އެހެންމީހުންނަށް އާޓު ދެއްކިއަސް ކަލޭ ކުރިމަތީގަ ކުޑަކުއްޖެއް، އަހަރެމެން ފިރޯށި ކަންތައްވެސް ސެޓު....."

ތާތިއަށް އެ ހިސާބަށް ބުނެވުނުތަނާހެން ގައިމަތީގައި އޮތް މުންޑާއެކު ފުންމައިގެން އެ ތެދުވީ ވިލިނީއެވެ. އަސްތަ ނޫން، ޖަލު ނަމުންނަމަ ލާނާ އެވެ.

"ސައެއް ނުބޯނަން، އެކަމަކު ފިރޯށި ބޭނުން، ނިކަން ޗާލުވެލައިގެން ކޯޓަށް ދާން ބޭނުމީ، މަންމައާ ދިމާވާ ދުވަހެއްނު،"

ކަނދުރާއާ ހަމައިން ކޮށާލާފައި އޮތް ބުޅި އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ލާނާ އުފާވެރި ރާގަކަށް ބުންޏެވެ. އޭނާގެ ގަދަމުށި ކުލައިގެ ލޮލުގައި ހުރީ ބުނެދޭން ނޭނގޭ ފަދަ ވިދުމެކެވެ.

އަޅިކުލައެއްގެ ކޮނޑުކެނޑިއަކާއި ކަޅުކުލައިގެ ގޮޅިޖެހި ސޯޓެއްގައި ހުރި ލާނާގެ ރީތި ކަމަށް ވުރެ އޭނާގެ މޮޅުކަމުގެ ވާހަކަ އެންމެންގެ މެދުގައިވެސް ދެކެވެއެވެ. މައުލޫމާތު މުއްސަނދި ވާހަކައެވެ. އެހާ ޅައުމުރުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ޑިގްރީ ފާސް އޮތް ވާހަކައެވެ.

"މިހިރީ މޮޑެފަ.... އެންމެ ރޮށްޓެއް... ހުސްކުރަން ވާނެ...."

ޒޭނާ ދިއްކޮށްލީ ރިހަކޮޅަކާއެކު މޮޑެފައި ހުރި ރޮށިތަށްޓެކެވެ. ބިސްގަނޑު ލައިގެން މޮޑުނުއިރު ފޮރުވާފައި އޮތް ލުނބޯކޮޅަކުން ލުނބޯހުތް ފެލާފައި މޮޑުނީ އެއީ ލާނާއަށް މީރު ގޮތަކަށް ވާތީއެވެ.

ވޭތުވެދިޔަ އެއްއަހަރުގެ ތެރެއިން އެންމެ ތިންމަސްދުވަސް ފިޔަވައި ބާކީ ހުރިހާ ދުވަހެއް، މި ހަތަރު އެކުވެރިން އެކުއެކީގައި ހިއްސާކޮށްފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ސައުވީސް ގަޑިއިރެވެ. ކަނޑައެޅިގެން މާފުށްޓަށް، ޖަލަށް ދާން ޖެހޭނެކަން ޔަގީންވުމުން ރޫހީނާއި ތަސްނީމް (ތާތި) ތިންމަސްދުވަހުގެ ގޭބަންދަކަށް ބަދަލުކުރީ އެމީހުންގެ ޝަރީއަތުގެ ގާޒީއަށް ދަންނަވައިގެންނެވެ. ދެމީހުންގެ އާއިލާގެ ހާލަތު ހުރި ގޮތުން އާއިލީ ބައްދަލުވުންތަކަށް ނާދެވޭނެ ކަމަށާއި އާއިލާއާއެކު ދުވަސްކޮޅެއް ހޭދަކޮށްލުމަށް ބޭނުންވާތީ އެ ވާހަކަ ގާޒީއަށް ސިޓީއަކުން ދެންނެވުމުން ވަކިން ބައްދަލުކޮށް، އެ ދެމީހުންނަށް އެދުނު ގޮތަށް ފުރުސަތު ދެވުނެވެ.

ތިންމަސްދުވަހު ގޭގެ ބަންދަށް ބަދަލުކޮށްދިނެވެ. ތިންމަސްދުވަހަށްފަހު އަނެއްކާވެސް އެ ދެމީހުން ގެނައީ ޝަރީއަތް ފެށޭތީއެވެ. އޭގެ ފަހުން ދެމީހުންގެ ޝަރީއަތުގެ ދެ އަޑުއެހުން ނިމި ފަހު އަޑުއެހުމުގެ ތާރީހު އަންނަންދެން އިންތިޒާރު ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މި ހަތަރު އެކުވެރިންގެ ރައްޓެހިކަން ފެށުނީވެސް މި ހަތަރުފާރުގެ އެތެރެއިންނެވެ. ހަތަރު މީހުންނަކީވެސް މިތަނުން މާފުށީ ޖަލަށް ދާންޖެހޭ ހަތަރު މީހުންނެވެ. އެކަން އެމީހުންނަށްވެސް އެނގެއެވެ. އެކަކަށްވުރެ އަނެކަކުގެ ކުށް ތަފާތުކަން ޔަގީނެވެ. އެކަކަށް އަންނަ ހުކުމް އަނެކަކަށް ނާންނާނެކަން ވެސް އެނގެއެވެ. އަދި ދޫނިދޫގެ މިވަގުތީ ބަންދުގޮޅިން މާފުށްޓަށް ދާން ޖެހޭނެކަމުގެ ޔަގީންކަން އޮތުމާއެކުވެސް ހަތަރުމީހުން އެތަނަށް ދެން އަންނަ މީހުންނާއި އައިސްގޮސްވާ ތަނުގެ ދާއިމީ ކަސްޓަމަރުންގެ ލަގަބު ލިބިފައި ތިބޭ މީހުންގެ ކަރުނަ ފޮހެދީ އެމީހުންނަށް ހިތްވަރުދެއެވެ. އެމީހުންގެ ހިތް އެހާވެސް ތަނަވަހެވެ.

ހަތަރު ރަހުމަތްތެރިންގެ ނަމޫނާ ގުޅުމަށް ބަންދުމީހުންނެކޭ އެއްވަރަށް ތަނަށް އަންނަ ޑިއުޓީ އޮފިސަރުންވެސް ގަދަރުކުރެއެވެ.

ޒޭނާ

އެންމެ ދޮށީ ޒޭނާއަކީ ހުރިހާ ކަމެއްގައިވެސް އެހީތެރިޔާއެވެ. ބާރު އަޑެއްގެ ވެރިއަކަށް ވިޔަސް ފިސާރި ހިތްހެވެވެ.

ދެކުދިންގެ މަންމައެކެވެ. ލޯބިން ކުރި ކައިވެނިން ލިބުނު ދެކުދިންނާ ވަކިވާން ޖެހުނީ ފިރިމީހާ ހިޔާނާތްތެރިވެ އެހެން ކަންހުޅިއެއްގެ އަސީރަކަށް ވިކަން އެނގުމުންނެވެ. ދެކުދިންގެ މާމަ ގާތަށް މެލޭޝިޔާއަށް އެކުދިން ދާން ޒޭނާ އެއްބަސްވީ ކުދިންގެ މުސްތަގުބަލަށާއި ތައުލީމަށް ވިސްނާފައެވެ.

މީނާއަކީ ސިއްރުން ވަގު ކަންތައް ކުރުމުގެ އެއްވެސް އުކުޅެއް އެނގޭ އަންހެނެއް ނޫނެވެ. އެހެނެއްކަމަކު ޅަފުރާގެ، ފުރާވަރުގެ، ޒުވާން އުމުރުގެ ލޯބި، އޭނާގެ އަލަތު ލޯބި އަތުން ބީވެގެން ދިޔައީ އޭނާގެ އެއްވެސް ކުށެއް ނެތިކަން އެނގޭތީ ހިތުގައި ރޯވީ ބޮޑު ހުޅުގަނޑެކެވެ. ދެކުދިންގެ ބައްޕައަށްވިޔަސް ދިން އަނިޔާއަށް އަނިޔާ ދިނުމަށް ބޭނުންވީއެވެ. އަމުދުން ކޮންމެ އަންހެނެއްގެ ބަހަށްވެސް ފިސާރިއަވަހަށް ހެއްލޭ މީހެއްކަން އެނގުނު ވަގުތު ހިތުގައި ރޯވި ހުޅުގަނޑު މާބޮޑުވީއެވެ.

ފާރަލީ އަމިއްލައަށެވެ. ލޯބިވާ ކުރީގެ ފިރިމީހާގެ އާ ލޯބިވެރިޔާއާ ބައްދަލުކުރަންދާ ކޮޓަރި ތެރޭ ކެމެރާ ހަރުކުރީ ވެސް އަމިއްލައަށެވެ.

ހުރިހާ ކަމެއް ކުރުމަށްފަހު ލޯބިވާ އެކްސްހަބީއާއި ހަބީގެ ހަތްވަރަކަށް ބިޓުންނަށް ގުޅައިގެން ބައްދަލުކޮށް، އެ ހުރިހާ މަންޒަރެއް ބޮޑުސްކްރީނުން ދެއްކީވެސް ހަމަ އަމިއްލައަށެވެ. ކުރީގެ ފިރިމީހާގެ ވަޒީފާއަކީ ސިފައިންގެ މީހެއްކަން ނޭނގި ނޯންނާނެތާއެވެ.

އެ ފިލްމުގެ ޕްރޮޑަކްޝަނުން ފެށިގެން ޑައިރެކްޝަނާ ހަމައަށް ހުރިހާ ކަމެއް ކުރިއިރު ކުޅުނު ފިލްމުގެ ނިމުން އަންނާނީ މި ހިސާބަށް ކަން ޒޭނާއަށް އެނގެއެވެ. ޒޭނާ އެ ހުރިހާ ކަމެއް ކުރީ، އޭނާއަށް މަދުވެގެން ދިހަ އަހަރުގެ ޖަލުހުކުމެއް އަންނާނެކަން ފުރަތަމަ ވަގުތުވެސް އެނގި ހުރެއެވެ. ވަރިހަމަތާ އެވެ. އެކްސްހަބީގެ އަގު، ހަބީގެ ލަވްދޫނިތަކުގެ ކުރިމަތީގައި ވައްޓާލެވުނެވެ.

އެއްފަހަރާ ހައްދައިގެން ގެންގުޅުނު ހަތް އަންހެންކުދިންނަށް ހަދިޔާއެއްގެ ގޮތުން ނުހަނު ލޯބިން ދެ ލޯބިވެރިއަކު "ހަނީމޫން" ރެއެއްގެ ހޭދަކުރާ މަންޒަރު ސާފުކޮށް ފެންނާނެހެން އެންމެން އެއްތަނަކަށް ގެންގޮސް ބޮޑު ސްކްރީނުން ދެއްކީ، އެކުރު ރޮމޭންސް ކުޅުނު ކުޅަދާނަ ހަރަކާތްތަކުގެ ވެރި އެކްޓަރާއި އެކްޓްރެސްގެ ހާޒިރުގައެވެ. ފުލުހުންނަށް ރިޕޯޓް ކުރީ ދެކުދިންގެ ބައްޕައެވެ.

މާފަށް އެދި ދެން އެފަދަ ކަމެއް ނުކުރާނެކަމަށް ބުނުމުގެ ބަދަލުގައި ދެކުދިންގެ މަންމަ ޖަލަށް ފޮނުވާލީއެވެ. ކުށަށް އިއުތިރާފު ވުމުގެ ސަބަބުން ޒޭނާގެ ހުކުމް ލުއިވިއެވެ. 8 އަހަރާއި 6 މަސްދުވަހުގެ ޖަލުހުކުމެއް ޒޭނާއަށް އިއްވީ މީގެ ފަސް ދުވަސް ކުރިންނެވެ. ބަންދު ދުވަސްތަކަކަށްފަހު ސަރުކާރު ހުޅުވުނީ މިއަދެވެ. އެހެންކަމުން، މިހާރު އޭނާއަށް ކޮންމެ ވަގުތަކުވެސް ގޮވައި ތަކެއްޗާއެކު ތައްޔާރުވުމަށް އަންގަފާނެއެވެ. މާފުށީ ޖަލަށް ގެންދިއުމަށްޓަކައެވެ. މިއީ 36 އަހަރުގެ ޒޭނާގެ ވާހަކައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟