ވާހަކަ

ކުރު ވާހަކަ: ހުކުރުވިލޭރޭ - 2

2

(އިއްޔެގެ އަދަދާ ގުޅޭ....)

ހަމަޖެއްސި ގަޑިއަށް ތުނޑިއަށް ދިއުމަށްޓަކައި ރީޝާ ތައްޔާރުވަމުން ދިޔައެވެ. އަދި ގަޑިން ހައެއް ޖެހުމުގެ ކުރީން ތުނޑިއަށް ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ. އިރުއޮއްސުމުގެ ކުރިން ތުނޑި އޮންނަނީ ފުދޭވަރަކަށް އަލިކޮށްކަމުން ގިނަ ދުވަސްދުވަހު އެދެމީހުންވެސް އެތަނަށް ދަނީ ދެމީހުން ވަކީންނެވެ.

*************

"އައްދޭ... މިއަދު ހުވަފެނެއް ފެނުނީތަ؟ ހާދަނުވާ ކަމެކޭ. ކީއްކުރަން ގަޑީގެ މާކުރިން އައިސް ތިހުރީ.؟.." ރީޝާއަށް ދެވުނު އިރު މުހުސިން ތުނޑީގައި ހުރުމުން ހައިރާންވިއެވެ. އެއީ އާންމު ގޮތެއްގައިވެސް މުހުސިން ގަޑިއަށް ނާންނާތީ އެވެ. އޭނާ އަންނާނީ ގަޑިޖެހިގެންނެވެ.

"އަނެއްކާ ވެސް ގޭގަ ހިތްހަމަނުޖެހޭ ކަމެއް ދިމާވީތަ؟ ކީއްވެ އަނގައިން ނުބުނެ ތިހިރީ؟ ފުރަގަހަށް އެނބުރިގެން ރުކެއްގައި ލެގިލައިގެން މާމަޑުމަޑުން މުހުސިން ހުރުމުން ރީޝާ އަނެއްކާވެސް ސުވާލު ކުރިއެވެ.

"އަހަރެން ގަޑިއެއްވެސް ނުޖެހެއެއްނު؟... ބަލާބަލަ... އަދި އެބަހުރި ގަޑި ޖެހެން 10 މިނިޓް..."

މިފަހަރުވެސް ވާހަކަ ދައްކަން ޖެހުނީ ރީޝައަށެވެ.

"ދެން ވަރަށް ފޫހިވޭ. މިފަރާތަށް ބަލާލަބަލަ..." ރީޝާ މުހުސިންގެ އަތުގައި ހިފައި އޭނާއާވީ ފަރާތަށް އަނބުރައިލަން މަސައްކަތް ކުރިއެވެ.

"ލޮލަށް ކިހިނެއްވެފަ ތިހިރީ؟ ހާދަރަތޭ؟ މިތަނުން ކޮން ވަހެއްތަ މިރޭ މިދުވަނީ؟ ހާދަ ވައިވެސް ގަދަވެއްޖޭ ދޯ؟" އޭރުވެސް މުހުސިން އަނގައަކުން ނުބުނެއެވެ. އޭނާ ހުރީ ޖަހާފައި ހުރި ބުދެއްހެންނެވެ.

************

"ކޮބާ މުހުސިން؟"

"އެބަ އޮތް ކޮޓަރީގަ ނިދާފަ. އަނެއްކާ ކިހިނެއްވީ؟.."

އާންމުކޮށް ނާންނަ ދަންގަޑިއެއްގަ މުހުސިންމެން ގެއަށް ރީޝާގެ ބައްޕަ ޖަމީލު އައުމުން މުހުސިންގެ ބައްޕަ ފައިސަލް އޭނާއާ ސުވާލު ކުރިއެވެ.

"މިއުޅެނީ ރީޝާ އަދިވެސް ގެއަށް ނާންނާތީ. މިހާރު އެއޮއް އެކެއް ޖަހަނީ. ނުލާހިކު ވިއްސާރަ. މިއަދުވެސް ބުނިން މާ ދަންވަންދެން ބޭރުގަ ނުއުޅެއްޗޭ.." ޖަމީލުގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ.

"އަހަރެން ހީކުރީ ރީޝާ ވާނީ މުހުސިންއާ އެކު ކަމަށް. އެހެންވެ މިހާ ދަންވަންދެން އަޅާނުލައި ހުރެވުނީވެސް." ޖަމީލު މިފަހަރު މުހާތަބުކުރީ މުހުސިންއާ އެވެ.

މުހުސިންވެސް ހާސްވެއްޖެއެވެ. އޭނާ ގަޑި ބަލައިލިއެވެ. އޭރު އެކެއްޖަހަން ހުރީ އެންމެ ދެތިން މިނެޓެވެ. އެވަގުތު އޭނާ ހަނދާންވިއެވެ. ތުނޑިއަށްދާން ދެމީހުން ގަޑިކީ ކަމެވެ. އެކަމަކު ހަވީރު ވަރަށް ބުރަކޮށް އުޅުމަށްފަހު އަރާމުކޮށްލަން އޮށޯތުމުން އޭނާއަށް ނިދުނީއެވެ.

"އެކަމަކު މިހާ ދަންވަންދެން ރީޝާ ތުނޑީގައި ހުރެދާނެބާ؟..." މުހުސިންގެ ހިތް ބިރުގަންނަން ފެށިއެވެ. ބިރުން މުޅި މީހާ ރޫރޫ އަޅައިގަތެވެ. އެހާހިސާބުން މުހުސިން ބާރުދުވެލީގައި ތުނޑިއާ ދިމާއަށް ދުއްވައިގަތެވެ. އެއީ ކަޅުފޮއިރެއެކެވެ. އޭރުވެސް ބޮޑު ތިކި ވާރޭ ވެހެމުން ދިޔައެވެ. ޖެހޭ ގަދަ ވަޔާއެކު ގަސްތައް ވެސް ހީވަނީ މުލުން ލުހެލައިފާނެހެންނެވެ.

ތުނޑީގެ އަތިރިމައްޗާވީ ކޮޅަށް ދާން އޮތް ހަނިމަގާ އަރައި ހަމަވިއިރު އާދަޔާ ޚިލާފު އަލިކަމެއް އެދިމާލުން މުހުސިނަށް ފާހަގަކުރެވުނެވެ.

އެވަގުތު އިތުރު ބިރުވެރިކަމެއް އޭނާގެ ހިތަށް ވަދެގެން ދިޔައެވެ. ތުނޑީގެ ކޮޅުން އަތިރިމައްޗަށް ނިކުންނަން އޮތް މަގަށް ނިކުމެވުނުއިރު މުހުސިން ހުރީ މާނޭވާ ލެވިފައެވެ. ދެލޯވަނީ ބޮޑުވެފައެވެ. އެވަގުތު އާދަޔާ ހިލާފު ވަހެއް އޭނާގެ ނޭފަތުގައި އައިސް ޖެހުނެވެ. ސިއްސައިގެން ގޮސްފައި ކަހަލަ ގޮތަކަށް މުހުސިނަށް އެދިމާއަށް ބަލައިލެވުނެވެ.

އޭނާ ބިރުން ފިއްކަނޑައިގެން ނުދިޔައީ ކިރިއާއެވެ. ރެދަންލާފައި ހުރި އެއްޗެހިތަކެއް ތުނޑީގެ ދޮންވެލިގަނޑު މަތީ ފެންނަން ހުއްޓެވެ. އޭނާއަށް އެއެއްޗެހިތަކާ ދިމާއަށް ދެވުނީ ކޮންކަހަލަ ބާރެއްގައި ކަމެއް ނޭނގެއެވެ. ވަކިހިސާބަކަށް ގޮސް ހުރި ފިޔަވަޅުގެ މައްޗަށް ހުއްޓެވިއްޖެ އެވެ. ފެންނަމުންދާ މަންޒަރުތައް ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ.

އެވަގުތު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެކަމަކުވެސް އެއީ ހަގީގަތެވެ. އެތަނުގައި އޮތީ ރީޝާގެ ބޯބުރިއެވެ. އެބޯބުރިން އޭރުވެސް ލޭތިކި ފައިބައެވެ. ރީޝާގެ ރަން އަނގޮޓިއާއި، ކެވެލިކޮޅާއި ކަރުގައި އަޅާ ފަށް ވެސް އެތަނުގައި އޮތެވެ. ގިނަ އަދަދެއްގެ ލޭ މުޅި ދޮންވެލިގަނޑު މައްޗަށް ފައިބައިފައި ހުއްޓެވެ. މާދުރުންވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ.

މުހުސިންގެ ކަޅި ތަންކޮޅެއް ދުރަށް ހުއްޓުނެވެ. އޭނާގެ ބިރުވެރިކަން އަނެއްކާވެސް އިތުރުވެގެން ދިޔައެވެ. އެތަނުން އޭނާއަށް ފެނުނީ ރީޝާގެ ބޮޑުވައި އިނގިއްޔާއި ކަށި އިނގިލީގެ އެއްބުރިއެވެ. އެދެއިނގިލިބުރިން ވެސް ލޭތިކިތަޅަމުންދިޔައެވެ. ރީޝާގެ ކަށިއިނގިލީގައި އޭނާގެ އުފަންދުވަހު މުހުސިން އަޅުވައިދިން ރިހި އަނގޮޓި އެ އިނގިލި ބުރީގައި އޭރުވެސް އޮތެވެ. ލެޔާ އެކު ފެންނާން ހުރި ނިޝާންތައް ގޮސް ހުސްވެފައި ހުރީ މޫދުތެރެޔަށެވެ.

-ނިމުނީ-

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟