ވާހަކަ

ނުފޫޒަކުން - 40

2

"ތިއީ މިހާރު ނިމިފަ އޮތް ކަމެއްނު. ބޭނުންތަ މަންމަ ކައިރިއަށް ދާން. އަހަރެން ގެންގޮސްދީފާނަން" ނިހާން ބުންޏެވެ.

"އެހެންތަ. ނިކަން ހަދާލަބަ މެޖިކެއް" ނިހާންގެ ކަކުލުގައި ދަތްދޮޅި އަޅުވައިލަމުން ރޫޔާ ބުންޏެވެ.

"އޯކޭ. ދެލޯ މަރާލާ" ނިހާން ބުންޏެވެ.

ދެލޯ މަރާލައިގެން އިން ރޫޔާއަށް ބަލަހައްޓައިގެން ނިހާން އިނެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ ހިނިތުންވުމެވެ. ދެލޯ މަރަލައިގެން އިންއިރު ރޫޔާ ކިހާ މައުސޫމު ހެއްޔެވެ؟ ދެލޯ މަރާލައިގެން އޭނީ ނިހާން މެޖިކް ހަދަންދެކަށެވެ. އެކަމަކު އެ މެޖިކް ނިހާނަށް ހެދޭކަށް ނެތެވެ. ދައްތަ އާއި ބޭބެގެ ހުއްދަނެތި އަދި އެގެއަށް ރޫޔާ ގެންދެވޭކަށް ނެތެވެ. މައިންބަފައިން ބޭނުންވަނީ ރޫޔާ އަށް ސަޕްރައިޒެއް ދޭށެވެ. އަދި ރޫޔާ އަށް ލިބޭނެ އެންމެ ބޮޑު ސަޕްރައިޒަކީ ކުށްވެރިން މަޅީގައި ޖެހިގެންދާ ވަގުތު ލޮލަށް ފެންނަ މަންޒަރެވެ.

"މަޝާﷲ" މަޑުމަޑުން ނިހާން ބުންޏެވެ.

ރޫޔާ ދެލޯ ހުޅުވލިއެވެ. ދެން މޫނު ހަދާލާފައި އަލުން އިންގޮތަށް ނިހާންގެ މޭގައި ލައްވެލިއެވެ.

"ތީ މެޖީޝިއަންއެއް ނޫން" ރޫޔާ ބުންޏެވެ.

ނިހާން ހިނިއައެވެ.

"ނޫނޭ. މެޖިކެއް ހަދައިގެން ތި ހިތް މިލްކު ކުރީ" ހީލަމުން ނިހާން ބުންޏެވެ.

ނިހާންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް ރޫޔާގެ އިނގިލިތައް މަހާލިއެވެ. ދެން އަނެއްކާވެސް ނިހާންގެ މޭގައި ބޯލައްކޮށްލާފައި ފުންނޭވައެއް ދޫކޮށްލިއެވެ.

"ހިތަށް އަރަނީ އަހަރެން މެރީކުރުމުގެ ކުރިން ބައްޕަގެ ފެނުމުގެ ނަސީބު ލިބޭނެބާއޭ. ބައްޕަ ހުރީ ކޮން ހާލެއްގަ ބާއޭ" މަޑުމަޑުން އިނދެފައި ރޫޔާ ބުންޏެވެ. ހަބީބްގެ ހިޔާލުތައް ރޫޔާގެ ސިކުނޑިއަށް ވަދެގަތީ ހަމަ ކުއްލިއަކަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް. ދެން މި އުފާވެރި ވަގުތުގަ ތި ވާހަކަ ދައްކައިގެން އަމިއްލައަށް ދެރަނުވެބަލަ" ނިހާން ބުންޏެވެ.

"އަބަދުވެސް ވަރަށް ހަނދާންވޭ ބައްޕަމަތިން. ވަރަށް ދެރަވޭ އެމީހުން ބައްޕައަށް އެ ހާލު ޖެއްސީމަ. އެ ގިސާމަތު ބައްޕަ ހެދިގޮތެއް އަޖޫބައްޕަ އަށް ވެސް ނޭނގޭ. ބައްޕަ ވަރަށް މަސައްކަތްކުރި އެނގޭތޯ. މިހާރު އެންމެ ދެކެން ބޭނުންވަނީ ގިސާމަތާ އެނާގެ ފިރިއެކޭ ބުނާ މީހާ ފުލުހުން އައިސް ގެންދާތަން" ރޫޔާ ވާހަކަ ދެއްކިއެވެ.

"ވަރަށް އަވަހަށް. މާދަމާވެސް ނޫނީ މިއަދުވެސް ތި މަންޒަރު ފެނިދާނެ" ރޫޔާގެ މޫނަށް ބަލައިލަމުން ނިހާން ބުންޏެވެ.

"ތޭންކްސް. ނިހާންގެ ތިކަހަލަ ވާހަކަތަކުން އަސްލު ވަރަށް ހިތްވަރު ލިބޭ" ރޫޔާ ބުންޏެވެ.

"އެހެންތަ. ތި ހިތްވަރުގަ އަހަރެންގެ މައިންބަފައިންނާ ބައްދަލުކުރަން ކެރޭނެތަ؟" ނިހާން އަހާލިއެވެ.

"މާލޭގަ އެބަތިބިތަ؟ ޔަގީން ވަރަށް އުފާވާނެ ބައްދަލުކޮށްދިނިއްޔާ" ރޫޔާ ބުންޏެވެ.

ނިހާން ބޯޖަހާލިއެވެ.

****

އަޖުވަދަށް ކޮފީ ތަށި ދީފައި ވަކިން ހުރި ގޮނޑީގައި ފަޒީލާ އިށީނެވެ. ދެއަތްދެއަތާ ފަޒީލާ މޮޑެމުން ދިޔަގޮތުން އަޖުވަދު ހިތުގައި ސުވާލު އުފެދުނެވެ. ފަޒީލާއާ މެދު އުފެދުނު ގުޅުމެއްގައި ހޭދަކުރެވުނު މަދު ވަގުތުކޮޅު ތެރޭގައި ފަޒީލާގެ ގިނަ ކަންކަން އަޖުވަދަށް އެނގިއްޖެއެވެ.

"މަންމަ އެއްޗެއް ބުނީތަ؟" އަޖުވަދު އެހިއެވެ.

ފަޒީލާ ސިހިފައި އަޖުވަދަށް ބަލައިލިއެވެ.

"މިފަހަރު އެއްޗެއް ބުނީ އަހަރެން" ފަޒީލާ ބުންޏެވެ.

އަޖުވަދު ހީލިއެވެ. ކުރިމަތީ ހުރި މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ފަޒީލާއަށް އަޖުވަދު ބަލައިލިއެވެ.

"މިހާރު ތިވަނީ ރަނގަޅަށް. ފަޒީ ނުޖެހޭނެ މަންމަގެ އަޅަކަށް ވެގެން މަންމަގެ ފައިދަށުގަ އޮންނާކަށް. ފަޒީ ތިއީ އިންސާނެއް. މަތިވެރިކަމާ އިއްޒަތް ހޯދައިގެން އުޅެނީ މަންމަ އަމިއްލައަށް. މިހާރު މަންމަ އެވަނީ ނާށިގަނޑު ހިފައިގެން ބޭރަށް ނިކުންނަ ދަރަޖައަށް ވެއްޓިފަ. މަންމަ އާއި ޝައުކަތު ވަރަށް އަވަހަށް ހައްޔަރުވެދާނެ. އޭރުން މިގޭގަ ރާނީއަކަށް ވާނީ ފަޒީ" އަޖުވަދު ވާހަކަދެއްކިއެވެ.

ފަޒީލާ ހީލިއެވެ.

"އެކަމަކުވެސް ފުރަތަމަ ފަހަރަށް އޭނަ އާ ދެކޮޅަށް އެއްޗެއް މިބުނީ. އަސްލު އެއީ ކޮންމެކަހަލަ އިންސާނަކަސް އިހުތިރާމާ ގަދަރު ލިބެންޖެހޭ. އަނެއްމީހާ އެކަން ނުދަތަސް އަހަރެން ވިސްނަން" ފަޒީލާ ވާހަކަދެއްކިއެވެ.

"އަހަރެން ފަޒީއާ އެންމެ ގަޔާވާ ސިފައަކީ ތިއީ" އަޖުވަދު ބުންޏެވެ.

ފަޒީލާ ލަދުގަތެވެ. އަވަހަށް އެތަނުން ދާން ތެދުވިއެވެ.

"އިހަށް މަޑުކޮށްބަލަ" އަޖުވަދު ބުންޏެވެ.

"ފަޒީ ލަދުގަތީމަ އަދި އަހަންނަށް މާ ކަމުދޭ" އަޖުވަދު ބުންޏެވެ.

ފަޒީލާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ލޯބީގެ އެފަދަ ލާނެއް ސަމާސާތައް އަޑުއަހާ ވަރަށްވުރެ އޭނާގެ އުމުރު މައްޗަށް ޖެހިލިހެން ހީވެ އެކަން މަނާކުރަން ބޭނުންވިއެވެ. އެކަމަކުވެސް ހަގީގަތަކީ އަޖުވަދުގެ އެފަދަ ސަމާސާތަކުން އޭނާ ހިތަށް ހިތްހަމަޖެހުން ލިބޭކަމެވެ.

"ތިހެން ކޮޅަށް ނުހުރެ އިށީނދެބަ" އަޖުވަދު ބުންޏެވެ.

ފަޒީލާ އިށީނެވެ. އެކަމަކު އަޖުވަދާ ހަތަރުކަޅި ހަމަކޮށް ބަލައިލާކަށް ނުކެރުނެވެ.

"އަހަރެން އިތުރަށް ފަޒީ ލަދުގަންނަވާކަށް ނެތިން" އަޖުވަދު ބުންޏެވެ.

ފަޒީލާ ބަހެއް ނުކިޔައެވެ. އެހެން ދިމާލަށް ބަލަހައްޓައިގެން އިނެވެ.

"ދެން ކިޔާދީބަލަ މަންމަގެ ވާހަކަތައް. އެނގޭ ފަޒީ އަށް މިގޭތެރޭގަ ވަރަށް ގިނަ ވާހަކަތައް އެނގޭކަން" އަޖުވަދު ބުންޏެވެ.

"ތިބުނީ ރަނގަޅަށް. އަހަންނަށް އެނގޭ. ކަމާލުބެ ދުނިޔޭގަ ގިސާމަތު އުޅުނީ ވަރަށް ވިޔާނުދާ އުޅުމެއް. ކަމާލުބެގެ ބޭސްތަކާ އަހަރެން ހަވާލުވުމުން އެ ވަޒީފާ އިން ގިސާމަތު އަހަރެން ދުރުކުރީ. ކަމާލުބެއަށް އޭނަ ބޭސްދިނީ ހިތަށް އެރި ގޮތަކަށް. ކަމާލުބެ ރަނގަޅުވާކަށް އޭނާ ބޭނުމެއްނުވޭ. މިހެން ބުނާކަށްވެސް ނުވާނެ. އެކަމަކު ކަމާލުބެ މަރުގައި އިހުމާލުތަކެއް އެބަހުރި. އިހުމާލުވީ ހަމައެކަނި.... " ފަޒީލާ އަޖުވަދަށް ބަލައިލިއެވެ.

ދަރިއެއްގެ ހިތުގައި މަޔަކާ މެދު ރުޅިވެރިކަމާ ފިތުނަ އުފެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ފަޒީލާ އަށް ވިސްނުނެވެ. އެހެންކަމުން އިތުރަށް އެވާހަކަތައް އޭނާ ނުދެއްކިއެވެ.

"އިތުރަށް އަހަރެން ކައިރީގަ ނާހާ" އިސްޖަހާލަމުން ފަޒީލާ ބުންޏެވެ.

"އެންމެރަނގަޅު. އެކަމަކު ތިވަރަށް ބުނެދިންކަމަށްޓަކައި ވެސް ޝުކުރަން" އަޖުވަދު ބުންޏެވެ.

ފަޒީލާ ދާން ހިނގައިގަތެވެ. ހުއްޓުނީ އަނެއްކާވެސް އަޖުވަދު ގޮވާލުމުންނެވެ.

"މާދަމާ ކޯޓުގައި ކައިވެނި ކުރެވޭއިރު އެއްވެސް ވިޔަފާރިއެއް ކުރަން ފަޒީ ބޭނުންތަ؟" އަޖުވަދު އަހާލިއެވެ.

ފަޒީލާ ދެފަރާތަށް ބޯހޫރާލިއެވެ. އަޖުވަދު ހައިރާންވިއެވެ. އޭނާ އަތުން އެއްވެސް ހަރަދެއް ކުރަން ފަޒީލާ ބޭނުންނުވާތީއެވެ.

"މާދަމާ ހެނދުނު ސައިގެ ކަންތައް ނިންމާފައި ފަޒީ ވާނެ ތަނަކަށް ދާން. ތިންކުދިންވެސް ގޮވައިގެން" އަޖުވަދު ބުންޏެވެ.

"ކޮންތާކަށް. އެކުދިންނަށް އަދި އެއްވެސް ކަމެއް ނޭނގޭނެ" ފަޒީލާ ބުންޏެވެ.

"ޕާސްޕޯޓު ހައްދަން. އެކުދިން ކައިރީގަ ކީއްވެ ނުބުނެ ތިއުޅެނީ؟" އަޖުވަދު ބުންޏެވެ.

"އަދި ބުނާނެ ރަނގަޅު ފުރުސަތެއް ނުލިބޭތީ" ފަޒީލާ ބުންޏެވެ.

"ފުރުސަތަކީ ހޯދީމަ ލިބޭ އެއްޗެއް" އަޖުވަދު ބުންޏެވެ.

"މިރޭ އެކުދިން ކައިރީގަ މިވާހަކަ ދައްކާނަން. އެހެންނޫނަސް ޕާސްޕޯޓު ހައްދަން އުޅެންޏާ އެކުދީން ސުވާކުކުރާނެ" ފަޒީލާ ބުންޏެވެ.

"އެހެންވިއްޔާ އަށެއް ޖަހަންވާއިރަށް ތައްޔާރުވާތި. އެގަޑިއަށް އަންނާނެ ކާރުގަ މީހަކު. އަހަރެން ބައްދަލުކުރާނަން އެތަނުން" އަޖުވަދު ބުންޏެވެ.

ފަޒީލާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

****

ހުޅުވުނު ދޮރުން އެތެރެއަށް ވަން ނިހާން ފެނުމުން ސޯފާގައި ތިބި ހަންނާ އާއި ހަބީބް އެކުގައި ކޮޅަށް ތެދުވިއެވެ. ނިހާންގެ މައިންބަފައިންނާ ދެ ކޮއްކޮ ގޭތެރެއަށް ވަނުމާއެކު ފުރަތަމަ ހިނގައިގަތީ ހަބީބް އެވެ. ދުވަސްވެ ގައިބާރުދެރަވެފައި އެހެރީ އޭނާގެ ޒަމާންވީ ރަހްމަތްތެރިއެކެވެ. ދިރިއުޅުމުގައި ދިމާވި އަޑިގުޑަންތަކުން އަރައިގަންނަން އޭނާއަށް އެހީތެރިވި މިތުރެކެވެ. އެކަކު އަނެކަކަށް ފެނުނީ އެތައް ޒަމާނަކަށް ފަހުގައެވެ. ނުރަވެފައިވާ އިސްތަށިތަކާ ތުނބުޅި އަދި މަތިމަސް ހުއްޓަސް ދާއޫދުގެ މޫނުމަތީގައި މާތްގޮތެއް ހުއްޓެވެ. ހުދު ގަމީހަކާ ނޫކުލައިގެ ގޮޅިޖެހި މުންޑެއް އަނދެގެން ހުއްޓަސް ބަލާބެލުމަށް ދާއޫދު ފެނުނީ ސިއްހަތު ރަނގަޅުކޮށެވެ. ހަބީބް ސަލާމަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފައި ސަލާމްކޮށްލި ގޮތަށް ދާއޫދުގެ ގައިގައި ހަބީބް ބައްދާލިއެވެ.

"ކިހިނެއްތަ؟ ވަރަށް އުފާވެއްޖެ ފެނުނީމަ" ޝީރީންގެ ގައިގައި ހަންނާވެސް ބައްދާލިއެވެ. ނިހާންގެ ހަގަށް ތިބި ދެ ބެއިންނަށް ވެސް ހަންނާ މުހާތަބްކުރީ ދަރިފުޅުގެ ނަމުންނެވެ. ނިހާނަށް އުފަލުން ރޮވުނެވެ. ހަބީބްގެ ދެމަފިރިންގެ ސާދާކަމާއި ހިތްތިރިކަން ފެނިފައެވެ.

"ދަތުރެއްކޮށްފަ އައިމަ ވަރަށް ބަލިވެފައެއްނު ތިބޭނީ. ހިނގާ އެއްޗެއް ކާލައިގެން ކުޑަކޮށް އަރާމުކޮށްލަމާ" ހަންނާ ބުންޏެވެ.

"އާނ. ވަރަށް ހައިވެފަ މި މަންޖެމެން ތިބޭނީ. މިތިބަ ދެބެން ބޯޓު މަތީގައި ހޮޑުވެސްލި. ކައިގެން ކުއްޔަށް ހިފި ތަނަށް ދާނީ ދޯ ޝީރީނާ" ދާއޫދު ވާހަކަދެއްކިއެވެ.

ހަންނާ އާއި ހަބީބް އެކަކު އަނެކަކަށް ބަލައިލިއެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރެއްވިއެވެ. އެދެމަފިރިން ދެން ބަލައިލީ ދުރުގައި އިން ނިހާނަށެވެ.

"އަޅުގަނޑު ބުނިން ދައްތަ އާއި ބޭބެ ބުންޏޭ މިގޭގަ ތިބެވޭނޭ. އެކަމަކު ބައްޕަ ގަބޫލެއްނުވި" ނިހާން ބުންޏެވެ.

"ދާއޫދުބޭ. މިގެ ނޫން އެހެން ތަނެއްގަ ތިބޭކަށް އަހަރެމެން ހުއްދައެއް ނުދޭނަން. ކަނޑުމައްޗަށް ބަލި ކުދިބައެއް ގޮވައިގެން ކަނޑު ބޯޓަކުން އައިކަމެއް ނޭނގޭ. ނިހާން ކައިރީގަ އަހާލީމަ ބުނި މަތިންނޭ އަންނަނީ. މިއަދު ވަރަށް ދެރަވެއްޖެ" ހަބީބް ވާހަކަދެއްކިއެވެ.

"ނިހާން ބުނި. އެކަމަކު ދާއޫދުބެމެންނަކީ އާއިލާ އެކު ގޮވައިގެން މަތިންދާބޯޓުން ދަތުރުކުރެވޭހާ ތަނަވަސް ބަޔަކަށް ނުވާތީ. އެހެންނޫނަސް އަބަދު މިހެނެއްވެސް ނުވާނެ. ނިހާންވެސް ވަޒީފާ އަށް ނިކުންނަން ފެށީމަ ރަނގަޅުވާނެކަމަށް މިބަލަނީ. އެކަމަކު މިގޭގަ ތިބޭ ވާހަކަ ދެން ނުބުނައްޗޭ. ދާއޫދުބެ ކިހިނެއް އާއިލާ ގޮވައިގެން މިގޭގަ. ދާއޫދުބެ ލަދުގަނޭ" ދާއޫދު ވާހަކަދެއްކިއެވެ.

މީގެ ދުވަސްތަކެއް ކުރިން ދާއޫދުބެވެސް ވަނީ އަހަންނަށް އިހުސާންތެރިކަމެއްވެދީފައި. ހުރިހާމީހުން އަހަންނަށް ދިނީ ފުރަގަސް. އަހަރެންގެ އަތުގައި ހިފީ ހިތްހެޔޮ އިންސާނަކީ ދާއޫދުބެ. އެހެންވީމަ އެ އިހުސާންތެރިކަމުގެ ބަދަލު މިއަދު އަހަރެން އަދާކުރިޔަދީ. ނިހާނަކީ އަހަރެމެންނަށް ހަމައެކަނި ދާއޫދުބެގެ ދަރިއެއް ނޫން. އެއީ އަހަރެންގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅުގެ ހިތުގެ ވިންދު. އަހަރެމެން ނުދެކެން ނިހާނަކީ ދަރިފުޅު ލޯބިވާ މީހާގެ ގޮތުގަ. ނިހާނަކީ އަހަރެމެންގެ ދަރިއެއް. އުފަން ދަރިއެއް ފަދައިން ނިހާނާ މެދު ދެކެނީ. ދާއޫދުބެގެ އާއިލާ ތިބެންޖެހޭނީ މިގޭގަ. މިތަނުގަ ތި އާއިލާ އަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ. މިތިބަ ދެކުދިންނަށްވެސް އަމިއްލަ ގޭގަ އުޅެވޭހެން މިގޭގަ އުޅެވޭނެ" ހަބީބް ވާހަކަދެއްކިއެވެ.

ލޮލުގައި އަޅާފައި އޮތް ނަންބަރު އައިނު ހިއްލާލާފައި ދެލޮލުން ފޭދުނު ކަރުނަތައް ދާއޫދު ފޮހެލިއެވެ. އޭނާގެ ފައިމަތީގައި އޮތް ހަބީބްގެ އަތުގައި ހިފާލާފައި ބޯޖަހާލިއެވެ.

ކުއްލިއަކަށް ނިހާން ހީލި އަޑަށް ހުރިހާ މީހުން އެދިމާލަށް ބަލައިލިއެވެ. އޭރު ނައުރީން ނިހާންގެ ކަންފަތްދޮށުގައި އެއްޗެއް ބުނެފައި ހީލައިގެން އިނެވެ.

"ދޮންބެ ކައިރީގަ ހާދަ ސިއްރެއް ތިކިޔައިދިނީ. ހަންނަދައްތަ ކައިރީގަވެސް ނިކަން ބުނެނަލަ" ހަންނާ ބުންޏެވެ.

"ނައު ބުނީ ފަހަރި ކޮބާހޯ. ގޭގަ އެބައުޅޭހޯ. ގޮވާ ބަލާށޭ" ނިހާން ބުންޏެވެ.

"އެއީ ތެދެއް. ކޮބާ އެމަންޖެ. އަހަރެން އެމަންޖެއަށް ދޭންޖެހޭ އެއްޗެއްވެސް އެބައޮތް" ޝީރީންވެސް ބުންޏެވެ.

"އެމަންޖެ ހުންނަނީ މިގޭގައެއް ނޫން. ކަންދިމާކުރި ގޮތުން މިވަގުތު އެމަންޖެހުރީ މާމަ ކައިރީގަ. އެކަމަކު ވަރަށް އަވަހަށް މިގެއަށް އަންނާނެ" ހަންނާ ބުންޏެވެ.

"ދާއުދޫބެގެ ދެމަފިރިން ކައިރީގަ ދައްކަންޖެހޭ ވަރަށް ބައިވަރު ވާހަކަތައް އެބަހުރި. އެކަމަކު އިހަށް ހިނގާ އެއްޗެއް ކާންދަމާ" ހަބީބް ބުންޏެވެ.

****

ތިން ދަރީން އެއްކޮށްލައިގެން ކޮޓަރީގައި ފަޒީލާ އިނެވެ. އޭނާ އިނީ ރޫޔާ އަންނަންދެކަށެވެ. މާގިނައިރެއް ނުވެ ރޫޔާވެސް ވަދެގެން އައެވެ. ރޫޔާ އިށީނީ އީނާ އާ ޖެހިގެންނެވެ.

"ކިހިނެއްވެގެންތަ މި އެންމެން ކޮށިގަނޑަށް ހާޒިރުކޮށްފަ" މަޖާވެފައި ރޫޔާ ބުންޏެވެ.

"ފަޒިއްތަ ކޮންމެ ވާހަކައެއް ދެއްކިޔަސް އެތަނެއްގައި ރޫޔާ އިންނަން ބޭނުންވާތީ ރޫ ކައިރީގަ އަންނަން ބުނީ" ފަޒީލާ ބުންޏެވެ.

ރޫޔާ ހިނިތުންވެލައިގެން އިނެވެ.

"ފަޒިއްތަ ސަސްޕެންސް ނުހިފަހައްޓަ ދެން ބުނެބަލަ" އީނާ ބުންޏެވެ.

"މިވާހަކައަކީ ރޫ އަށް އާކަމެއް ނޫން. އެކަމަކު ތި ތިންކުދިންނަށް އާ ވާހަކައެއް ދައްކަން މިއުޅެނީ. މާދަމާ އަށެއް ޖަހާއިރަށް ތަނަކަށް ދެވޭގޮތަށް ތައްޔާރުވެގެން ތިބޭތި. މޫނުގަ މާގިނައިން ފާޑުފާޑުގެ އެއްޗެހި ނަހާކާތި. ޝޯލް އަޅާނީ ދެލޮލުގެ ބުމަ އެއްކޮށް ފެންނަގޮތަށް. ނިތްމަތި އެއްކޮށް ފޮރުވައިގެނެއްނޫން ޒޫ އަންނާނީ" ފަޒީލާ ވާހަކަދެއްކިއެވެ.

ހައިރާންވެފައި އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލައިލިއެވެ. އެހާ ގަވައިދު ބޮޑުކޮށް ކޮންތާކަށް ގެންދަން ހެއްޔެވެ؟ އެންމެފަހުން އެއްޗެއް ނުބުނެ ނީނދެވުނީ އެންމެ އަނގަ ގަދަ އީނާ އަށެވެ.

"އެކަކުވެސް އައިޑީ ކާޑު އަދި މުއްދަތު ހަމައެއްނުވޭ. ކޮން މައްސަލައެއްގަ ތިއުޅެނީ ކޯޓަށް ގެންދަން" އީނާ ބުންޏެވެ.

"ސާބަހޭ އަނގަ ގަދަ މިތުރާ. އެ އުޅެނީ ތިއެންމެން ޕާސްޕޯޓު ހައްދާކަށްނު. ވަރަށް އަވަހަށް ތިއެންމެން ރާސް...." މަތިންދާ ބޯޓެއް އުދުހިފަ ދާގޮތަށް އެއް އަތުން ވައިގެ ތެރޭގައި އިޝާރާތެއްކޮށްލާފައި ރޫޔާ ބުންޏެވެ. ފަޒީލާ އިނީ ހެވިފައެވެ.

ތިންކުދިންނަށް ގަބޫލެއްނުކުރެވުނެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެއީ ރޫޔާ މަޖަލަކަށް ބުނި އެއްޗެކެވެ. ފަޒިއްތަގެ ވިސްނުމަކީ އެއެއް ނޫނެވެ.

"ދެން ބުނެބަލަ ފަޒިއްތާ" ޒޫނާ ބުންޏެވެ.

"ފަޒިއްތަ މާދަމާ ރޭ މިހަކާ އިންނަން. އޭނަ ބޭނުންވަނީ ކައިވެންޏަށްފަހު ތިކުދީން ރާއްޖެއިން ބޭރަށް ގެންދަން. އެކުއްޖަކު ބޭނުން ރޮނގަކުން ބޭނުން ޔުނިވާސިޓީއަކުން ކިޔަވައިދޭން. އެހެންވެ ޕާސްޕޯޓު ހައްދަނީ" ފަޒީލާ ވާހަކަދެއްކިއެވެ.

އެވާހަކަތައް ގަބޫލުކުރަން ދަތިވެ ދެލޯ ތަންމިނަށް ހުޅުވައިގެން އެސްފިޔަޖަހާވެސްނުލާ ތިން ކުދީން ތިއްބެވެ. އިވުނު ގޮތްބާއޭ ހިތަށް އަރާފައެވެ. ތިންކުދީންގެ ތެރެއިން ދޮއްޓަށް ހުރި މީހާ ތެދުވެގެން އައިސް ފަޒީލާގެ ގައިގައި ބައްދާލިއެވެ. ތިންކުދީންގެ ތެރެއިން ފަޒީލާގެ ނަސީބާ މެދު އަބަދުވެސް އެންމެ ހިތާމަކުރާ އެކަކީ އެންމެ ދޮށީ މީހާއެވެ. ފަޒީލާގެ ދިރިއުޅުން ރަނގަޅުވުމަށް އެދި އެންމެ ގިނައިން ދުއާކުރަނީވެސް އޭނާ އެވެ.

"ފަޒިއްތާ! ކާކުތަ އެއީ. އެއީ ހާދަ ރަނގަޅު މީހެކޭ. އަލްހަމްދުލިއްލާހް. ހެޔޮ ރަހްމަތް ލައްވާށި" ޒޫނާ ބުންޏެވެ.

"ތިކުދީން ރަނގަޅަށް އަޑުއަހައްޗޭ. އެއީ އަޖުވަދު. ފަޒިއްތަ މިހުންނަނީ ތިކުދިން ކައިރީގަ މިވާހަކަތައް ދައްކާނެ ރަނގަޅު ފުރުސަތެއް ނުލިބިފަ. އެކަމަކު މިހާރު މިބުނެވުނީ. އެހެންވީމަ ތިކުދީން ތައްޔާރުވޭ. ތިކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ފަޒިއްތަ މި ނިންމި ނިންމުން ﷲ އިރާދަކުރެއްވިއްޔާ ނިމިގެންދާނީވެސް އުފާވެރިކޮށް. މިފަދަ ބަދަލެއް ފަޒިއްތަގެ ދިރިއުޅުމަށް އައިސްދާނެ ކަމަކަށް ފަޒިއްތަވެސް ހިއެއްނުކުރަން. އެކަމަކު އަލްހަމްދުލިއްލާހް. ކަމެއް ބަދަލުކުރައްވަން އެކަލާނގެ އިރާދަފުޅު ކުރައްވައިފިނަމަ ލަހެއްފަހެއްވެސް ނޯންނާނެ. އެކަލާނގެ އެއީ ހިނދުކޮޅެއްގެ ތެރޭގައި އަހަރެމެން ހިތަށްވެސް ނާރާގޮތަށް ހުރިހާ ކަމެއް ބަދަލުކުރައްވާ ރަސްކަލާނގެ" ފަޒީލާ ވާހަކަދެއްކިއެވެ.

ތިންކުދީންގެ މޫނުމަތި އުޖާލާވިއެވެ. އެމީހުންނަށްޓަކައި ފަޒީލާ ވަމުންދާ ގުރުބާނީގެ އަގު އަދާކުރާނެ ގޮތެއް އެއިން ކުއްޖެއްގެ ވިސްނުމަކަށްވެސް ނައެވެ.

"ސެލެބްރޭޓްކުރަން ބޭނުން. ރީތިވެގެން ކޯޓު ކައިރިއަށް ދެވޭނެތަ؟" އީނާ ބުންޏެވެ.

"އުނހު ތިއިން ކުއްޖަކު ދާނެ ކަމެއްނެތް. ގޭތެރޭގަ ކުރާ ކަމެއް ކުރޭ. މިރޭ މިއީ މިގޭތެރޭގަ ތިންވަނަ ބޮޑު ހަނގުރާމަ ފަށާ ރޭ" ފަޒީލާ ބުންޏެވެ.

****

ގިސާމަތާއި އަޖުވަދު ފިޔަވައި ގޭތެރޭގައި ބާކީ ތިބި އެންމެން އެންމެ އިންތިޒާރުކުރި ވަގުތު އައިސް ޖެހިއްޖެއެވެ. އަލަތު ކައިވެނި ކުރެވެން އުޅޭތީ ރޯމަހެއް ތެޅޭހެން ފަޒީލާގެ ހިތް ތެޅެމުން ދިޔައެވެ. ހަތަރެސްފައި ފިނިވެ ގިސާމަތު މަތިން ހިތަށް އަރާ ކޮންމެ ފަހަރަކު ނޭވާ ހާސްވާހެން ހީވެއެވެ. ކައިވެންޏަށްފަހު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް ކައިރީގައި އަބަދުވެސް ހިމާޔަތްދޭން އަޖުވަދު ހުންނާނޭކަން އަމިއްލަ ހިތަށް ވިސްނައިދީފައި ހިތްހަމަޖެހެން މަސައްކަތް ކުރިޔަސް ހަގީގަތުގައި ހިތުގެ ކަނެއްގައި ނުތަނަވަސްކަމެއް ވިއެވެ.

ރޯޔަލް ބުލޫ ކުލައިގެ ވިދާ ފޮތީގެ ދިގު ހެދުމުގައި ފަޒީލާ ލޯގަނޑު ކުރިމައްޗަށް އަރާފައި ލަދުން މޫނުމަތީގައި އަތް އެޅިއެވެ. ކޮންފަދަ ލަދުވެތި ހެދުމެއް ހެއްޔެވެ؟ ހަޔާތުގައި ދުވަހަކުވެސް މިހާ ފުރިހަމައަށް އޭނާ ތައްޔާރެއް ނުވެއެވެ. ދިގުހެދުމަކީ ހަށިގަނޑުގެ ބައްޓަންތައް އެނގޭގޮތަށް ފަރުމާކޮށްފައިވާ ހެދުމަކަށް ވާއިރު އެ ހެދުމުގައި ކުރިއަށް ވުރެވެސް އޭނާ ހިކިކަމަށް ދައްކައެވެ. ކައިވެނީގެ އުފަލުގައި ދޭ ކައިވެނީގެ ހެދުމޭ ހަންނާ ބުންޏަސް މިކަހަލަ ހެދުމެއް ހަންނާ ހިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ލަދުގަންނާނެކަން ހަންނާ އަށް އެނގޭނެއެވެ. މިކަހަލަ ހެދުމެއް އަޅައިގެން ކައިވެނިކުރަންދާ އުމުރަށް ވުރެ މިހާރު މިވަނީ މައްޗަށް ގޮސްފައެވެ. އަނެއްކޮޅުން ހަތަރު ކުދީންވެގެން އޭނާ ތައްޔާރުކޮށް ނިމުނުއިރު އެއީ އޭނާ ކަން ހުދު އޭނާއަށް ވެސް އޮޅިއްޖެއެވެ. މަގުމަތިން އެކުވެރިޔަކަށް ފެނުނަސް ކިހާ މަލާމާތެއް ކުރާނެ ހެއްޔެވެ؟ ގެއިން ނިކުންނަ ވަގުތު ގިސާމަތަށް ނުފެނުނިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

"މާޝާﷲ. ފަޒިއްތަގެ ރީތިކަމާ ލޫޅާފަތިކަން އަދި ކިރިޔާ މިފެނުނީ. ވަރަށް ދެރަވެއްޖެ. ތި ރީތިކަން މިހުރިހާ ދުވަހު ފޮރުވައިގެން އުޅުނީ ކީއްވެ؟ " ޒޫނާ ބުންޏެވެ.

ތެދެކެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން އެއީ އޭނާކަން ހުދު އޭނާ އަށް ވެސް ގަބޫލުކުރަން ދަތިވެއްޖެއެވެ. ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާން ހުރުވުން ކޮޓަރިން ނިކުންނަން އޭނާގެ ފިޔަވަޅު ގުޑާވެސް ނުލިއެވެ. އެގޮތަށް އަޖުވަދުގެ ކުރިމައްޗަށް އަރަން އޭނާއަށް ހަމަހިލާވެސް ނުކެރޭނެއެވެ. މީހުން ބަލާނެކަން ޔަގީނެވެ. ކައިވެންޏަކާ އެއްގޮތަށް ކައިވެނީގެ ހެދުމަކީވެސް މިއީ ހާދަ ފާޑެއްގެ އެއްޗެކެވެ.

"ނުދާނަން މިހެދުން ލައިގެނެއް. ދީބަލަ އީނޫގެ އުފަން ދުވަހުގެ ޕާޓީގަ ކޭކު ފަޅަން ފަޒިއްތަ ފެހި ހެދުން" ފަޒީލާ ބުންޏެވެ.

'އައްދެ އައްދެ... އަޅުގަނޑުގެ ލޯބިވާ ފަޒިއްތައަށް ވެސް ލަދުގަންނަން އެނގޭތަ" ފަޒީލާގެ ގައިގައި ބައްދައިލަމުން ރޫޔާ ބުންޏެވެ.

ހުރިހާކުދީން އެއްކޮށް ދިމާކޮށްލުމުން ފަޒީލާ ލަދުން މޫނު ރަތްވެގެން ދިޔައެވެ. ކުދީން ކުރުނުކުރުމުން އެންމެފަހުން ފަޒީލާ ހިނގައިގަތެވެ. ކާރުގައި މަޑުކޮށްގެން އިން އަޖުވަދު އޭރުވެސް ހުއްޓާނުލާ ގުޅަމުން ދިޔައެވެ.

"މިއީ ކޮންކަމެއް؟" ގޭ މައިދޮރުން ނިކުންނަން ދިޔަ ފަޒީލާ ހުއްޓުން އެރީ ގިސާމަތުގެ އަޑަށެވެ. ހީކުރިގޮތަށް އެންމެފަހު ވަގުތު ހަންޑި ފާޅުވިއެވެ.

"ފަޒިއްތަ އަޅާނުލާ. ދޭ ކާރަށް އަރަން. އަޅުގަނޑު ހަންޑި ފަހާލާނަން" ރޫޔާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟