ނިހާން ހިނގައިގަތެވެ. ރޫޔާ ހުރީ ގަބުވެފައެވެ. ފަހުން ބުނި ދެތިން ޖުމްލަ އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާ ހެންނެވެ. ނިހާނާ މެދު ވިސްނުނީކީ އަދި މާ ރަނގަޅަކަށް ނޫންކަން ރޫޔާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ދޮރުން ނުކުންނަން ދިޔަ ނިހާނަށް ރޫޔާ ބަލައިލުމަށްފަހު ހަށިގަނޑަށް ހަރަކާތެއް ގެނައެވެ. ދެވަނަ ސިކުންތުގައި ދޮރު ނުހުޅުވެނީސް އޭނާ ފަހަތުން ނިހާންގެ ގައިގައި އޮޅުލައިގަތެވެ.
ނިހާން ހުއްޓުން އެރިއެވެ. ރޫޔާގެ ދެއަތުގައި ހިފައި ކައިރިއަށް ގެނެސް އޭނާގެ މޭގައި ރޫޔާ ބޮނޑިކޮށްލިއެވެ. އޭނާގެ ބުރަކަށިން ރޫޔާގެ ދެއަތުން ވަށާލާފައިވާ އިރު ނިހާން ހުރީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ.
"ވަރަށް ދުރުގައި ހުރެވިއްޖެ. ހިތަށް ވަރަށް ތަކުލީފު ލިބިއްޖެ. ރޫ... އަދިވެސް ބާރަށް ބައްދާލަބަލަ" ނިހާން ބުންޏެވެ.
ރޫޔާ ކުރިއަށްވުރެ ބާރުކޮށްލިއެވެ.
"އަދިވެސް" ނިހާން ބުންޏެވެ.
މިފަހަރު ރޫޔާ ކުރިއަށް ވުރެވެސް ބާރުކޮށްލިއެވެ.
ހިނދުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅަކަށްފަހު ރޫޔާ ދުރުވެލަން އުޅުނެވެ. އެހިނދު ރޫޔާގެ ގަޔަށް ނިހާން ބާރުކޮށްލިއެވެ. އޭނާ ދުރަށްދާން އަދިވެސް ބޭނުންނުވާ ކަހަލައެވެ. ނިހާން ބޭނުންވާ ވަގުތު ރޫޔާ ދީގެން ހުއްޓެވެ. މިނެޓުތަކަށް ފަހު ނިހާން ރޫޔާ ދުރުކޮށްލިއެވެ. ރޫޔާގެ މޫނަށް ނިހާން ބަލައިލިއެވެ. ދެއަތުން ރޫޔާގެ މޫނުގައި ހިފާ އުފުލާލުމަށްފަހު އޭނާގެ މޫނާ ގާތްކޮށްލިއެވެ. ކަރުނައިގެ އަސަރުގަދަ ފެނުން ތަތްކަމެއް އެކުލެވިގެންވާ ރޫޔާގެ ދެލޮލުގެ އެސްފިޔައިގައި ނިހާން ބޮސްދިނެވެ. ރޫޔާގެ ކޯތާފަތުގައި ނިތުގައި ބޮސްދިނެވެ.
"އަހަންނަށް މާފްކުރޭ ރޫ. އަހަރެން ގަސްތުގަ އެއްވެސް ކަމެއް ނުކުރަން" ނިހާން ބުންޏެވެ. ނިހާންގެ އަޑުގައި ރިހުމެއްގެ އަސަރުވިއެވެ.
"އަހަރެންގެ ޝަކުވާއެއްނެތް" ރޫޔާ ބުންޏެވެ.
ނިހާން އަނެއްކާވެސް ރޫޔާ ގަޔާ ކައިރިކޮށްލިއެވެ.
"ދެންމެ ބުނެވުނު އެއްޗިއްސަށް އަހަރެންވެސް ސޮރީ ބުނަން ބޭނުން... އައިމް ސޮރީ... އެންޑް އައި ލަވް ޔޫ މޯ..." ރޫޔާ ބުންޏެވެ. އިތުރަށް ނިހާން ތަޅުވަން ރޫޔާ ބޭނުމެއްނުވިއެވެ.
ރޫޔާވެސް އުފުލިލާފައި ނިހާންގެ މޫނުގައި ތުންފަތް ޖައްސާލިއެވެ. އެހިނދު ނިހާން އިތުރަށް ރޫޔާ ގަޔާ ކައިރިކޮށްލިއެވެ. ދެމެދުގައި ރުހުމާއެކު ލޯބީގެ ހަދިޔާއެއް ބަދަލުވެގެން ދިޔައެވެ. އިތުރަށް ރޫޔާ އާ ގާތްވާން ނިހާން ހިތްއެދެން ފެށިއެވެ. އެންމެ މިނެޓަކުވެސް ބަންދު ކޮޓަރި ތެރޭގައި ރޫޔާ ގޮވައިގެން އެކަނި ހުންނަން ޖެހިއްޖެނަމަ އަތުންފައިން ގޯސް ހެދިދާނެކަން ނިހާނަށް ވިސްނުނެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ހިއްސެއް އެދެމުން ދަނީ އެހެން ކަމަކަށެވެ. އޭނާ ރޫޔާގެ އަތްތިލައިގައި ހިފަހައްޓާލާފައި އަތްތިލައިގައި ބޮސްދިނެވެ.
"ހިނގާ މިތަނުން ނިކުންނަން. އަހަންނަކަށް އިތުރަކަށް ކެތެއްނުވާނެ" ނިހާން ބުންޏެވެ.
ރޫޔާ ހީލަމުން ބޯޖަހާލިއެވެ. އިހުސާސްތައް ހިފަހައްޓަން މިފަހަރު ނިހާން މަސައްކަތްކުރީތީ އޭނާ ހިތްހަމަޖެހުނެވެ.
****
"އެކަމުވެސް ފަޒިއްތަ ވަރަށް ހިތްހަމަނުޖެހިއްޖެ އެދެކުދިން ކޮޓަރިއަށް ވެއްދީމަ. ލޯބިވާ ދެމީހަކު އެއްތަންވިއްޔާ ތިންވަނަ މީހަކަށް ދެކުދިން މެދުގައި ޝައިތާނާ އިންނާނެ. ޒުވާން ޖޯޝުގައި ޖަޒުބާތުގައި ޖެހި ގޯސް ހެދޭނެ. ނުލާހިކު ގިނަ ދުވަސްފަހުން އެކުދީން ބައްދަލުއެވީ"
ކުރިމަތީގައި އިން އީނާ އާ ފަޒީލާ ވާހަކަދެއްކިއެވެ. ރޫޔާ އާއި ނިހާން އެކުގައި ކޮޓަރިން ނިކުތީވެސް އެވަގުތުގައެވެ. ފަޒީލާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާގިނަ އިރެއްނުވެ ދެކުދިން ބޭރަށް ނިކުތުމުންނެވެ. ފަޒީލާ އަށް ފާހަގަނުވިޔަސް ރޫޔާގެ ތުންފަތުގައި ލިޕްސްޓިކް ފޭދިފައި ހުރިތަން އީނާ އަށް ފެނުނެވެ.
"އޯ އީނޫ..." އީނާ ކައިރިއަށް އަންނައިރަށް ރޫޔާ އީނާގެ ގައިގައި ބައްދާލައިފިއެވެ. ފަޒީލާ އުނދުން ކައިރިއަށް ލެފުނު ވަގުތު ރޫޔާ ގެ އަތުގައި ހިފައިގެން އީނާ ކާމޭޒު ކައިރިއަށް ޖެހުނެވެ. ކާމޭޒު މަތީގައި ހުރި ޓިޝޫ އެތިން ޓިޝޫއެއް ދަމައިގަތް ގޮތަށް ރޫޔާގެ ތުންފަތް ކައިރި ސާފުކޮށްދިނެވެ. އީނާގެ އެ ހަރަކާތުން ލަދުގަތީ ނިހާނެވެ. ނިހާން އަވަސް އަވަހަށް އެހެން ދިމާލަށް ބަލަން ފެށިއެވެ.
"ޔަގީންތަ އެހެން ކަމެއް ނުކުރާކަން" އީނާ ޔަގީންކުރަން ބޭނުންވިއެވެ.
އީނާގެ އަތުގައި ރޫޔާ ޖަހާލިއެވެ.
"ތިހާ ބޮޑު އުފަލެއް ލިބުމުން ފަޒިއްތަ މަތިން ހަނދާނެއްނުވި ދޯ" ހުރިހާ ކުދިންނަށް ކޮފީ ހިފައިގެން އައިސް ހުއްޓުނު ފަޒީލާ ބުންޏެވެ.
ރޫޔާ ފަޒީލާ ކައިރިއަށް ގޮސް ފަޒީލާގެ ގައިގައި ބައްދާލިއެވެ.
"ރޫ އަށް އެނގޭތަ ނިހާން ކުރިން ފަޒިއްތަ އާ ދިމާވިއޭ ދޯ މިގެއިން" ފަޒީލާ ބުންޏެވެ.
ރޫޔާ އަށް ލިބުނީ ހައިރާންކަމެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ނިހާން މިގެއަށް އަންނަންޖެހުނީ ކިހިނެއް ހެއްޔެވެ؟ ރޫޔާ ބަލައިލީ ނިހާނަށެވެ.
"ސީރިޔަސްލީ. ކިޔައިދީބާ" ރޫޔާ ބުންޏެވެ.
ހުރިހާ ކުދީންނާއެކު ފަޒީލާ މޭޒު ކައިރީގައި އިށީނެވެ. ކޮޓަރީގައި ތިބި ދެ އަންހެންކުދީންވެސް ގެނައެވެ. ރޫޔާގެ ލޯބިވެރިޔާގެ ގޮތުގައި އެކުދީންނަށް ނިހާން ތައާރަފްކޮށްދިނީ އީނާ އެވެ.
"އެހެންވިއްޔާ ތިހާ ދުރުގަ އިންނާނެ ކަމެއްނެތް. މިތާ އިނދޭ" ޒޫނާ ބުންޏެވެ.
އޭނާ ތެދުވެގެން ގޮސް ރޫޔާ އަތުގައި ހިފައިގެން ގެނެސް ބޭންދީ ނިހާނާ ޖެހިގެންނެވެ. ހުރިހާ އަންހެނުންތަކުގެ ތެރޭގައި އެކަނި ފިރިހެނަކަށް އިނުމުން ނިހާން އިނީ ރަކިވެފައެވެ.
އުފާވެރި ދުވަހެކެވެ. ފަޒީލާގެ ދިރިއުޅުމަށް އަންނަން އުޅޭ ބޮޑު ބަދަލުގެ ވާހަކަ ހުރިހާ ކުދީން ކައިރީގައި ދައްކަން އޭނާ ބޭނުންވިއެވެ. ފަހުން އެ ހިޔާލު ދޫކޮށްލިއެވެ. އެއީ އެންމެ މުނާސަބު ވަގުތެއް ނޫނޭ ހިތަށް އެރުމުންނެވެ.
****
އެނދުގެ ހެޑްބޯޑުގައި ލެގިގެން އިން ގިސާމަތުގެ މޫނުމަތި ހިނދަކަށްފަހު ހިނދެއް ފުފެމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އަތުތެރޭގައި އޮތް ފޯނަށެވެ. އެ ފޯނަށް ގުޅަމުން ދިޔައީ ޝައުން އެވެ. އެތައް ފަހަރަކު ކޯލު މިސްވެ އަލުން ރިންގުވާން ފަށައެވެ. އެންމެފަހުން ރުޅިއައިސްގެން އަތުގައި އޮތް ފޯނު ދުރަށް ހޫރާލައިފިއެވެ. ސޯފާގައި ބޮލުގެ ދެފަރާތުގައި އަތް އަޅައިގެން އިން ޝައުކަތު ސިއްސައިގެން ދިޔައީ އަޑުފަށްގަނޑަށެވެ. ދުމެއްހެން އައިސް އޭނާ ގިސާމަތު ކައިރީގައި އިށީނެވެ.
"ކިހިނެއްތިހެދީ؟" ޝައުކަތު ބުންޏެވެ.
"މިހެދީ ރަނގަޅަށް. ނުޖެހޭ މަށަށް ގުޅާކަށް. މަގޭ ދަރިއަކު މިދުނިޔެއަކު ނެތް" ގިސާމަތު ބުންޏެވެ.
ޝައުކަތު ދެރަވެއްޖެއެވެ. ހީވެސްނުކުރާ ކަހަލަ ގޮތަކަށް ގިސާމަތުގެ އަތުން ބާޒީ ދޫވާން ފެށުމުން ހުދު އޭނާވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ކަންކަން ރަނގަޅުކުރަން އިތުރަށް ކުރާނެ ކަމެއް އޭނާގެ ވިސްނުމަކަށް ވެސް ނާދެއެވެ. ހުދު އޭނާގެ އުފަން ދަރި ކެހި ދީފައި ދިޔަތަނެއް އޭނާއަށް ނޭނގެއެވެ. ގިސާމަތަށް ހިޔާލެއް ނުވަތަ ހިތްވަރެއްދޭން އޭނާއަށް ނޭނގެނީ އެހެންވެއެވެ.
"ފުރޭނެ ގޮތެއް ހަމަ ނެތްތަ؟" ޝައުކަތުގެ ކޮނޑުގައި ބޯ އަޅައިގެން އިނދެފައި ގިސާމަތު އެހިއެވެ.
"ނެތް. ކުއްލިއަކަށް މިވީގޮތެއް ނޭނގޭ. އަހަރެންގެ ވޮލެޓް ހުސްވެއްޖެ. ބޭރުގެ އެކައުންޓުތައް ބޭންކްތަކުން ހިފަހައްޓައިފި. އަތުގައި ލޯ ލާރިއެއްވެސް ނެތް. އަނެއްކޮޅުން އަޖުވަދު.... ޒަމާންވީ ބޮޑު ފިހާރަ ބަންދުކޮށްފި. އަހަރެން ހަމަ ހައިރާންވެއްޖެ. ކިހިނެއްވާންބާ މިއުޅެނީ؟ އިއްޒު ވީތަނެއް ނޭނގޭ. މެހެރީން ވީތަނެއް ނޭނގޭ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންގެ ފައިދަށުގައި ގުދަށް އޮތް އަހަރެންގެ ދަރިފުޅު އެގޮތަށް ރައްކާވާނެކަމަކަށް. ދިޔަ ތާކަށް އެދިޔައީ އަމާވެސް ގޮވައިގެން. ކުރިންވީ ޝައްކު. މިހާރު ޔަގީންވެއްޖެ. މިކަމުގައި އަޑި ނޭނގޭ ކަންތައްގަނޑެއް އެބައުޅޭ" ޝައުކަތު ވާހަކަދެއްކިއެވެ.
"އަޖުވަދަށް އެ އުޅެނީ މަގޭ ހުރި ވަރެއް އަދި ނޭނގިގެން. ދަރިއަކަސް ހެޔޮ. މަށަށް ގޮތްގޮތެއް ނުދެއްކޭނެ" ގިސާމަތު ބުންޏެވެ.
"ކިހިނެއް ހަދަން ތިވިސްނަނީ؟" ޝައުކަތު އެހިއެވެ.
"ހުރޭ ބަލަން. ސިހުރަކީ ވޭން ހުރި އެއްޗެއްކަން އަންގައިދޭނަން" ގިސާމަތު ބުންޏެވެ.
****
އަނބިމީހާ ސައި މޭޒު ކައިރީގައި ހަރަކާތްތެރިވީހާއިރު ކައިރީގައި އަތްގާތް ކޮށްދެން ހަބީބް ހުއްޓެވެ. ގެއަށް ބަޔަކު ސަޔަށް އަންނާނެ ވާހަކަ ބުނިއިރުން ފެށިގެން ހަބީބް ބޭރަށް ނުދެއެވެ. އަނބިމީހާގެ ހާއްސަ މެހްމާނުންނާ ބައްދަލުކޮށްފައި ނޫނީ އޭނާ ހުރީ ގެއިން ނުނިކުންނާށެވެ.
"އެ އައީ ކަންނޭނގެ" ފުރިޖު މަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ހަންނާ ބުންޏެވެ.
ހަންނާ ފޯނުން ވާހަކަދައްކަމުން ދޮރާ ދިމާލަށް ދިޔައެވެ. ހަބީބް މަޑުކޮށްލީ ސޯފާގައެވެ. ހުޅުވާލި ދޮރުން އެތެރެއަށް ވަތް އިއްޒުއްދީން ފެނުމާއެކު ހަބީބް ފުންމައިގެން ތެދުވިއެވެ. ހަބީބްގެ މޫނުމަތިން ފުރަތަމަ ހިނދުން ހިތްހަމަނުޖެހުން ފެނިލިއެވެ. އެހެންނަމަވެސް އަނބިމީހާގެ އުޖާލާވެފައިވާ މޫނާއި ލޮލުން ކޮށްލި އިޝާރަތަކާއެކު ހަބީބް ގަދަކަމުން ހިނިތުންވެލިއެވެ.
"ކިހިނެއްތަ؟" އިއްޒުއްދީންގެ ފަހަތުން އެތެރެއަށް ވަތް މެހެރީން ބުންޏެވެ. އެއީ ގާތްގަނޑަކަށް ހަންނާ އާ އެއް އުމުރެއްގެ އަންހެނެކެވެ.
"ހަބީބް!" އިއްޒުއްދީން ގޮވާލިއެވެ.
ހަބީބް އަތުންކޮށްލި އިޝާރާތަށް އިއްޒުއްދީން މަޑުޖެހުނެވެ. އެހިނދު ހަންނާ އާއި މެހެރީންވެސް ހުއްޓުން އެރިއެވެ. ހަބީބްގެ ހިތްހަމަނުޖެހި އެއްޗެއް ބުނެދާނެކަމަށް ހަންނާ ހުރީ ކަންބޮޑުވެފައެވެ.
"އަހަރެން ކައިރީގަ މައާފަށްއެދޭކަށް ނުޖެހޭނެ. އަހަންނާ މެދު ގޯސްކޮށް ކަންތައްކުރި ކޮންމެ މީހަކަށް އަހަރެން ހިތް ސާފުކޮށްފިން. އެއްވެސް މީހަކަށް ހިތްބުރަކަމެއް ނެތް" ހަބީބް ވާހަކަދެއްކިއެވެ. އެވަގުތު ހަންނާގެ ދެތުންފަތް ދެފަރާތަށް ދެމިލިއެވެ.
"ތިއީ މާތް އިންސާނެއް. އެކަމަކުވެސް އަހަރެންނަށް ފުރުސަތެއްދީ. އަހަރެން މައާފަށްނޭދޭހާ ހިނދަކު އަހަރެންގެ ނަފްސަށް ހަމަޖެހުމެއް ނުލިބޭނެ" އިއްޒުއްދީން ބުންޏެވެ.
އިއްޒުއްދީން ސަލާމަށް ދިއްކޮށްލި އަތުގައި ހަބީބް ހިފާލިއެވެ. ހިނިތުންވެލުމަށް ފަހު ދެ ރަހްމަތްތެރިން ފަދައިން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ.
"ހިނގާ ސައިބޯން" ހަންނާ ބުންޏެވެ.
ހަންނާ އަތުން ތައްޔާރުކޮށްފައި ހުރި އެއްޗިއްސަށް މެހެރީން ތައުރީފް ކުރިއެވެ. އޭނާގެ ދަރިފުޅު އުމުރުން ދެބައިވާން ކައިރިވެފައި ހުއްޓާ އަލަށްވެސް ލޯބިވެވުނު އަންހެނަކީ ހަންނާ އަށް ވުމުން އޭނާއަށް އިންތިހާއަށް އުފާކުރިއެވެ. ތަގުދީރުގައި ކަންކަން ރޭވިފައިވާ ގޮތަކީ ދުވަހަކުވެސް ބަދަލުކުރެވޭނެ ކަންކަމަށް ނުވާތީ އޭނާގެ ދަރިފުޅަށް ހަންނާ ލިބުމެއް ނެތްކަން އޭނާ ގަބޫލުކުރިއެވެ. ކައިރީގައި އިން އިއްޒުއްދީންގެ އަތުގައި މެހެރީން ފިރުމާލިއެވެ.
"އެކޮޅަށް ފުރަނީ ކޮންއިރަކު؟" ހަންނާ ވާހަކަދެއްކީ އިއްޒުއްދީނާ އެވެ.
"ނުދާނަން. ހަޔާތުގެ ބާކީ މިއޮތް ދުވަސްތައް މަންމަ އާއެކު މާލޭގަ ހޭދަކުރާނީ. އަހަންނަކީ މިހާރު ހަމައެކަނި އަހަންނަށާއި މި މަންމަގެ ހުރިހާ ހަރަދުތަކެއްގެ ބެލެހެއްޓުންތެރިޔާ. ބައްޕަގެ ހުރިހާ އެއްޗެއް އަހަރެން ދޫކޮށްލައިފިން. އެނބުރި ބައްޕަގެ ފައިސާތަކުގެ މަތީގައި އުދުހޭކަށް ނެތިން. ބައްޕަގެ ވަގު ޑޮލަރުތަކާ މަކަރާއި ހީލަތުން މީހުންގެ ދިރިއުޅުމާ ކުޅެގެން ހޯދާފައިވާ ފައިސާތަކުގެ ތަފްސީލުވެސް އަހަރެން ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފިން. މިހާރު ބައްޕައަކީ ހޯދާ މީހުންގެ ލިސްޓުގައިވާ މީހެއް. ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ނުބައި ކަމެއްގެ އަދަބު ލިބެންޖެހޭނެ. އެމީހަކު އެކަމަކަށް ތައުބާ ނުވަންޏާ ހެއްދެވިފަރާތުންވެސް އެމީހަކު ދޫނުކުރައްވައެއްނު. އަހަންނަށްވެސް ހެދުނު ގޯސް ރަނގަޅުކޮށްފިން. އަދި ތައުބާވެސް ވެއްޖައިން. އިރާދަކުރެއްވިއްޔާ އަބުރުވެރި ދިރިއުޅުމެއްވެސް އުޅޭނަން. ދަރިންވެސް ހޯދާނަން. އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރުގަދަވެއްޖެ. އަލްހަމްދުލިއްލާހް" އިއްޒުއްދީން ވާހަކަދެއްކިއެވެ.
ދަރިފުޅުގެ ވާހަކަތައް އަހާފައި މެހެރީންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެއް އަތް އުފުލާލުމަށްފަހު އިއްޒުއްދީންގެ ބުރަކަށީގައި ފިރުމާލިއެވެ.
"އިއްޒު ނުކިޔައިދިންނަމަ ޝައުކަތާ ގިސާމަތުގެ ކަންތައް އަހަންނަށް ދުވަހަކުވެސް ނޭނގުނީސް. އަހަންނަކީ ދުވަހަކުވެސް މީހަކާ މެދު ހަސަދަވެރިކަމެއް ހިތުފިތުނައެއް ލައިގެން އުޅޭ މީހެއްނޫން. އެކަމަކު އާހިރު ކަންނިމުނުއިރު އަހަރެންގެ ދިރިއުޅުންވެސް މިދިޔައީ ބޮއްސުންލައިގެން. މިހާރު އަހަރެން މިހެރީ އިއްޒުއާއެކު. އަހަންނަށް ޔަގީން އިއްޒު ދުވަހަކުވެސް އަހަރެން އަތުން ދޫކޮށްނުލާނެކަން" މެހެރީންވެސް ވާހަކަދެއްކިއެވެ.
ހެދިކާއެއްގައިވެސް އަދި ކޮފީތަށީގައި ވެސް އަތްނުލާ އިން ހަންނާ ހިނިތުންވެލިއެވެ. އިއްޒުއްދީންގެ ފަރާތުން އޭނާ އަޑުއަހަން ބޭނުންވި ހުރިހާ އެއްޗެއް އަޑުއިވިއްޖެއެވެ. ދެން އޭނާ އެންމެ ދެކެން ބޭނުންވަނީ އިއްޒުއްދީންގެ ދިރިއުޅުން ފުރިހަމަވެގެންދާ މަންޒަރެވެ.
"ކޮބާ ދަރިފުޅު؟ އިތުރު މީހަކު ނުފެނޭ" އިއްޒުއްދީން އަހާލިއެވެ.
"އަހަރެމެން ދިމާވިކަމާ އަލުން މެރީކުރިކަން ރޫޔާ އަށް ނޭނގޭނެ. ދަރިފުޅަށް ސަޕްރައިޒެއްދޭން އެގެއަށް ދާންކަމަށް މިއުޅެނީ. ގިސާމަތާއި ޝައުކަތުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިން. ހެކި ހޯދަން އެންމެ އެތެރެއަށް ފީނާކަށް ނުޖެހޭނެ. ހުރިހާ ހެކިތަކެއް ފެންމަތީގައި ހާމައަށް އެބަހުރި. ގިސާމަތަށް އެއްކަމެއްވެސް ނުކުރެވޭނެ. ފުލުހުންނާއެކު އިސްޖަހައިގެން ރައްޔިތުން ކުރިމަތީން ބިޑިއަޅައިގެން ދިޔުން ނޫންގޮތެއް އޭނާ އަށް ނެތް. ވަކީލެއް އޭނާ ހަމަޖައްސަން ޖެހޭނީ ދައުލަތުގެ ހަރަދުގަ. އަމިއްލައަށް ފެންފުޅިއެއް ގަނެލެވޭހާވެސް މިންވަރު އޭނާގެ އަތުގައި މިހާރު ނޯންނާނެ. އަހަރެމެންގެ ތިބީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ވަކީލުންގެ ޓީމު. ﷲ އިރާދަކުރެއްވިއްޔާ މި ވާހަކަ މިނިމެނީ. މިވާހަކަ ނިމޭނީ ނުބައި ހެދި އެންމެންނަށް ހައްގު އަދަބު ލިބިގެން" ހަންނާ ވާހަކަދެއްކިއެވެ.
****
ކޮފީ ތަށި ހިފައިގެން ގިސާމަތުގެ ކުރިމަތިން ހުރަސްކޮށް ފަޒީލާ ދިޔައެވެ. ގިސާމަތު އިނީ ހައިރާންވެފައެވެ. އޭނާ އަށް ބަލައިލުމެއް ބޯގުދުކޮށްލުމެއް އެއްވެސް އަދަބެއް އިހުތިރާމެއް ނުކޮށް ފަޒީލާ ދިޔުމުން ގިސާމަތު ހިތްހަމަނުޖެހުނެވެ.
"މަޑުކުރޭ" ގިސާމަތު ބުންޏެވެ.
ވަގުތުން ފަޒީލާ ހުއްޓުނެވެ. އެހެންނަމަވެސް ފަސްއެނބުރި ނުބަލައެވެ.
"ކަލޭ ކޮން ހިތްވަރެއް ލިބިގެން ތިއުޅެނީ" ގިސާމަތު ބުންޏެވެ.
ފަޒީލާ ބަހެއް ނުބުނެ ފުންކޮށް ނޭވައެއް ލިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"ކަލޭ ހަމަ މިހާރު މިކޮޅަށް އެނބުރޭ" ގިސާމަތު އަމުރުކުރިއެވެ.
"ކީއްކުރަން" ފަޒީލާގެ ޖަވާބު އައެވެ. ގިސާމަތަށް ގަބޫލުނުކުރެވި އަނގަ ތަންމިނަށް ހުޅުވުނެވެ.
"އެތަނަކަށް ބެލުމުން އަހަރެން ހިތްއެދޭ މަންޒަރު ނުފެންނަ ތަންތަން ބެލުން އަހަރެން ހުއްޓާލައިފިން. ހުރެވޭކަށް ނެތް. އަޖޫ އިންނާނީ މިހާރު ލަސްވެފަ" ފަޒީލާ ހިނގައިގަތެވެ.
ގިސާމަތަށް ހީވީ ހޫނު ފެން އެއްޗެއްގެ ތެރެއަށް މީހާ ވެއްޓިގެން ދިޔަހެންނެވެ. ގައި ހިރުވައިގަނެ ދެލޮލުން ދިލަ އަރައިގެން ދިޔައެވެ. ނޭވާ އަށް ބަދަލުއައިސް ނުފެންނަ އަތަކުން އޭނާގެ ކަރުގައި ބާރަށް ހިފިހެން ހީވިއެވެ. ހީވީ ހިނދުކޮޅަކަށް ދަންމަޅިއެއް ލޯމައްޗަށް ވެއްޓުނުހެންނެވެ. ސޯފާއަށް މީހާ އަށް ވެއްޓިގަނެވުނީ އެހެންވެއެވެ. ހަމަޔަކަށް އެޅެން އޭނާ އެތައް ވަގުތެއް ނެގިއެވެ. މާޒީވެ ގޮސްފައިވާ ދުވަސްތައް އޭނާގެ ސިކުނޑީގައި ފަހަތަށް ރޯލްވެގެން ދިޔައެވެ. ބަދަލު ހިފުމުގެ ރޫހުގައި ރޫޔާ ގެއަށް ގެނައުމުގެ ކުރިން އޭނާގެ ދިރިއުޅުމެވެ. އަދި ރޫޔާ ގެނައިފަހުން ކުއްލިއަކަށް އޭނާގެ ދިރިއުޅުމަށް އައި ބަދަލެވެ. އޭނާގެ ނާކާމިޔާބީގެ ފެށުން އައީ ރޫޔާ އައި ހިސާބުންނެވެ. ފުރަތަމަ އުފަން ދަރިފުޅެވެ. ދެން މާމަ ދަރިފުޅެވެ. ދެން ފައިސާ ހޯދޭނެ މަގު އޮތް އޮތް ޒަމާންވީ ބޮޑު ވިޔަފާރިއެވެ. އެއަށްފަހު ގޭގައި މަސައްކަތްކުރަން ގެންގުޅޭ ނޯކަރެވެ. ދުވަސްކޮޅަކުން ނޯކަރުންގެ މަގާމުގައި އޭނާ ހުރެދާނެކަމުގެ ބިރު ހީވިއެވެ. ފޯނުގެ އަތްގަނޑު އުފުލާލިގޮތަށް އޭނާ ނަންބަރު ޖަހަން ފެށިއެވެ. ފޯނު ހުރީ ކަނޑާލާފައިކަން އެނގުނީ އެތައް ފަހަރަކު މަސައްކަތްކުރި ފަހުންނެވެ. އިންތަނުން ތެދުވެގެން އޭނާ ކޮޓަރި އާ ދިމާލަށް ދިޔައެވެ. ބޭނުންވީ އަވަހަށް ޝައުކަތު ގެއަށް ގެންނާށެވެ.
****
ގޯތީގައި ހެދިފައިވާ ބަގީޗާ ގަސްތަކުގެ ތެރޭގައި ހުރި އަޅި ކުލައިގެ ގާތަކުގެ މަތީގައި އިން ނިހާންގެ އަތުތެރޭގައި ރޫޔާ އިނެވެ. ކައިރިން ގަހަކުން ބިނދެލާފައި ކުޑަ މަލެއް ރޫޔާ އަށް ނިހާން ދިއްކޮށްލިއެވެ. އެ މަލުން ވަސްބަލައިލުމަށްފަހު ނިހާންގެ ނޭފަތުގައި ޖައްސާލިއެވެ. އެހިނދު ނިހާން ކޮށްލި އިޝާރާތަކާއެކު ރޫޔާގެ ތުންފަތުގައި ތުންފަތް ޖެހުނެވެ.
"ސާބަހޭ. މިއީ ދުވާލުގެ ވަގުތޭ" ރޫޔާ ދުރަށް ޖެހިލާފައި ބުންޏެވެ.
"ނުހުރެވެނީ ދުރުގަ. މިހާރު މިއުޅެނީ ސްޓޭޖް ހަތަރެއްގަ. މިހާލަތުގަ ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ. މި ހާލަތުގަ މަގުމައްޗެއް ހޮޓަލެއް ރެސްޓޯރަންޓްއެއް ޕާކެއް އޮފީހެއް ނޯންނާނެ. އަދި މީގެ އެންމެ ނުރައްކާތެރި ކަމަކީ މައިންބަފައިން ކުރިމަތީގައިވެސް ހިފި ނުހުރެވޭނެ" ނިހާން ލާނެއް އަޑަކުން ވާހަކަދެއްކިއެވެ.
"އޯ އެމް ޖީ. ތިހެންވިއްޔާ ޑޮކްޓަރަކަށްވެސް ރަނގަޅެއް ނުކުރެވޭނެއްނު. ކިހިނެއްހަދާނީ ރަނގަޅުކުރަން" ހީލަމުން ރޫޔާ ބުންޏެވެ.
"މެރީ މީ. އަހަރެން މިހާރު މިވަގުތުވެސް އަނބި ގަބޫލުކުރަން ތައްޔާރަށް މިހުރީ" ނިހާން ބުންޏެވެ.
"އޯ މަގޭ ރޯމިއޯ. އަޑުއަހާބަލަ. މަންމަ އައިމަ ތިކަން ވާނީ" ނިހާންގެ މޭގައި ލެގިލަމުން ރޫޔާ ބުންޏެވެ.
"ތިއީ މިހާރު ނިމިފަ އޮތް ކަމެއްނު. ބޭނުންތަ މަންމަ ކައިރިއަށް ދާން. އަހަރެން ގެންގޮސްދީފާނަން" ނިހާން ބުންޏެވެ.
"އެހެންތަ. ނިކަން ހަދާލަބަ މެޖިކެއް" ނިހާންގެ ކަކުލުގައި ދަތްދޮޅި އަޅުވައިލަމުން ރޫޔާ ބުންޏެވެ.
"އޯކޭ. ދެލޯ މަރާލާ" ނިހާން ބުންޏެވެ.
(ނުނިމޭ)