ވާހަކަ

ކުރު ވާހަކަ: ހުކުރުވިލޭރޭ - 1

"މިހާރު މާދަންވެއްޖެ އެއްނު! ދެން ހިނގާބަލަދާން. އަހަރެން ބިރުވެސް ގަންނަން ފަށައިފި،" ރީޝާއަށް އެހެން ބުނެވުނު އިރު އޭނާގެ އަޑު ހަގީގަތުގައިވެސް ތުރުތުރު އަޅައެވެ.

"އައްދޭ! ބުނީމެއްނު ތިމަންނަ ބިރެއް ނުގަނޭ. މިހާރު ކިހިނެއް ތިވީ؟" މުހުސިން ބޭނުންވީ އަދިވެސް ސަމާސާ ކޮށްލާށެވެ. "އާދެބަލަ އަހަރެން ކައިރިއަށް! އޭރުން ތި ބިރުވެރިކަން ކެނޑިދާނެ" މުހުސިން ރީޝާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.

"އަހަރެން ދަނީ. މުހުސިން ހުރޭ މިތަނުގަ.. އިނގޭތަ މިހާރު ގަޑިން ވީއިރެއް؟" ރީޝާގެ އަޑުގައި މިފަހަރު ހުރީ ޝަކުވާގެ ރާގެވެެ.

"ކޮންއިރަކުތަ އާގޮތަކަށް ވާހަކަދައްކަން ދަސްކުރީ؟ ހާދަ ލޯތްބޭ ތިގޮތަށް ވާހަކަ ދައްކާއިރު..." ރީޝާގެ ކޮލުގައި ހިފާލަމުން މުހުސިން އަނެއްކާވެސް އިތުރު ސަމާސާއެއް ކޮށްލިއެވެ. އެއީ މުހުސިންގެ ގޮތެވެ. ސަމާސާކުރުމަކީ އޭނާގެ އާދައެވެ. ކޮންމެ ކަމެއްގައިވެސް އެގޮތް އިސްކުރާނެއެވެ. ރުޅިއައުމާއި ނުރުހުން ވުމަކީ މުހުސިން ދަންނަ ކަމެއްނޫނެވެ. އަހުލާގަށް ބަލައިފިނަމަ އެފަދަ ދެވަނަ މިސާލެއް ހޯދުމަކީ އުނދަގޫކަމެކެވެ. ގަޑިން ގަޑިއަށް ނަމާދުކުރުމާއި، ވާހަކަދެއްކުމުގައި ހުންނަ މަޑުމައިތިރި އަދި އޯގާރެތިކަމާއި، ހިތްދަމައިގަންނަ ގޮތަކީ ރީޝާގެ ހިތް އެއްވެސް ހިފެހެއްޓުމެއް ނެތި މުހުސިންގެ މައްޗަށް ލެނބިގެން ދިޔުމުގެ އެންމެ ބޮޑު ސިއްރެވެ. ދުވަހަކުވެސް ހިތްހަމަ ނުޖެހިގެން ނުވަތަ ރުޅިއައިސްގެން މުހުސިން ރީޝާއާ ދިމާއަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އެދެލޮލުން އަބަދުވެސް ރީޝާއަށް ފެނިފައިވަނީ ލޯތްބެވެ. އޯގާތެރިކަމެވެ. އެއީ ހަމައެކަނި ރީޝާއަށް ހާއްސަ ކުރެވިފައިވާ އެއްޗެކެވެ.

"ބަލާބަލަ! މިހާރު އެވެހިގަތީ ވާރޭ. އަހަރެން ގެއަށްގޮސް ބުނާނީވެސް ކީކޭ؟ ދެންވެސް ހިނގާބަލަ ދެވޭތޯ ބަލަން..." ރީޝާ ކޮޅަށް ތެދުވިއެވެ. މުހުސިން ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ. ގަޑިން އޭރު އެގާރަޖަހާ ބޮޑު ވެއްޖެއެވެ. މުހުސިން ހިފީ ރީޝާގެ އަތުގައެވެ. "އަދިވެސް ދާން ނުވަނީތަ؟" ރީޝާއަށް މިފަހަރު ހީކުރެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. މުހުސިން ދުއްވައިގަތީ ރީޝާގޮވައިގެން އެއްގަމަށެވެ. އަދި އެދިމާލުގައި ހުރި ބޯކަށިކެޔޮ ގަސްތަކެއްގެ ހިޔާވަހިކަން އެދެމީހުން ހޯދިއެވެ. އެދިމާ އެއްކޮށް އޮތީ ހިޔާވެފައި ކަހަލަ ގޮތަކަށެވެ.

"މި ހާދަ ރީތި ތަނެކޭދޯ؟" މުހުސިން މާނޭވާއެއް ލިއެވެ.

"އަދިވެސް މިތަން ރީތިވާހަކަ ދޯ ދައްކަންވީ؟ މިހާރު ބައްޕަ ނޭނގެ އަހަރެން ހޯދަން ނުނިކުންނަ ކަމެއްވެސް...."

"ހިނގާވާރެއާ ތެމެން. މިތާތިއްބަސް މިއޮއް ތެމެނީނު؟..." ބޯކަށިކެޔޮގަސްތަކުގެ ފަތްތަކުގެ ތެރެއިން ފޭދެމުން ރީޝާގެ މޫނުމައްޗަށާއި ކޮނޑުމަތިން ގަޔަށް ފައިބަމުންދިޔަ ފެންތަކަށް އިޝާރާތްކޮށްލަމުން މުހުސިން މިފަހަރުވެސް ކޮށްލީ ސަމާސާއެކެވެ.

"ހާދަ ވައި ބާރުވެއްޖޭ! މަންމާ......." އެވަގުތު ޖެހި ބާރު ގުގުރިއާ އެކު ރީޝާއަށް މުހުސިންގެ ގައިގައި ބައްދައި ގަނެވުނެވެ. "ބިރުނުގަނޭ ރީޝާ... އަހަރެން މިހުރީނު... އެއީ އެއްވެސް ކަމެއްނޫނޭ... އިރުކޮޅަކުން ވާރޭވެސް ހުއްޓަފާނެ!" މުހުސިން ރީޝަގެ ހިތް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ.

އެވަގުތު އަނެއްކާވެސް ބާރަށް ގުގުރާލިއެވެ. ވިދާލިވިދުވަރާއެކު މުޅިދުނިޔެ އަލިވެގެން ދިޔައެވެ. ޖެހެމުންދިޔަ ރޯޅިވެސް އާދަޔާ ޚިލާފަށް ބާރުވާން ފަށައިފިއެވެ.

"ހިނގާ ގެއަށްދާން. އަހަރެންނަށް އެންމެ ރަނގަޅު ތެމުނަސް." މުހުސިންގެ އަތުގައި ހިފައިގެން ރީޝާ ބޯކަށިކެޔޮ ވަލުތެރެއިން ނިކުންނަން އޮތް ހަނިމަގާ ދިމާއަށް ހިނގައިގަތެވެ.

*************

"ވާރޭވެހުނަސް މިހާރުދެން އަންނަން ވެއްޖެއެއްނު. މިއީ ހައްތާވެސް ފަރީޝާގެ ކަންތައް. އަބަދުވެސް އަހަރެން ބުނަން އެހާ ދަންވަންދެން އޭނަ ބޭރުގަ އުޅުނަ ނުދޭށޭ. މިހާރު އެއޮތް ބާރަޖަހަނީ ވިއްޔަ!" ރީޝާގެ ބައްޕަ ޖަމީލު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ރީޝާއަކީ ޖަމީލުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ޖަމީލު ރީޝާދެކެ އިންތިހާއަށް ލޯބިއެވެ. ޖަމީލަކީ އޭނާގެ މިޒާޖުގައިވެސް ރުޅިވެރިގޮތެއް ހުންނަ މީހެކެވެ. އޭނާގެ އަސްލު ރުޅިގަނޑު މިހާރު ހާމަނުކޮށް ކެތްކުރަނީ ވަކި ސަބަބަކަށްޓަކައެވެ. ރީޝާ ބޭރަށް ދިއައީ މުހުސިންއާއެކު ގައިކަން އެނގޭތީއެވެ. އެދެކުދިން ގުޅުމަށް ޖަމީލު މަރުހަބާކިޔައެވެ. މުހުސިންގެ އާއިލާއިންވެސް އެދެކުދިންގެ ލޯބީގެ ގުޅުމަށް މަރުހަބާ ކިޔައެވެ.

*************

"ދަރިފުޅާ ރީޝާ ކިހިނެއްތަވީ؟ ހަމަޖެހިބަލަ! ޖަމީލް!....." ފަރީޝާއަށް ހޭލެވުނީ ރީޝާ މަންމާއޭ ކިޔާފައި ބާރުބާރަށް ގޮވާއަޑަށެވެ. އޭނާގެ އަޑުގައި ވަނީ ތުރުތުރުލުމެއް އެކުލެވިފައެވެ. ދެލޯހުރީ އާދަޔާޚިލާފަށް ބޮޑުވެފައެވެ. މުޅިމީހާ އޮތީ ދާހިތްލައި ފޯވެފައެވެ. ފަރީޝާއަށް ރީޝާގެ ކޮޓަރިއަށް ވަދެވުނުއިރު ރީޝާ އޮތީ އެނދުމަތިން ވެއްޓި ތަޅުންގަނޑު މަތީގައެވެ. އޭރުވެސް އޭނާ ރޯމަހެއް ތެޅޭހެން ތެޅެއެވެ. މާނޭވާ ލާވަރުން ހީވަނީ އެތައްއިރަކު ދުވެދުވެ ވަރުބަލިވެފައިވާ މީހެއް ހެންނެވެ.

"ކިހިނެއްވީ؟....." ދުވަމުން ކަހަލަ ގޮތަކަށް އައިސް ރީޝާގެ ކޮޓަރިއަށް ވަންނަމުން ޖަމީލު އެހިއެވެ.

"ނޭނގެ. ހީވަނީ ބިރުވެރި ހުވަފެނެއް ފެނުނީހެން. ގެނެސްދީބަލަ ފެންފޮދެއް....." އޭރުވެސް ރީޝާ ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހުޅުވިފައިވާ ބޮޑު ދެލޯ އަމާޒުވެފައިވަނީ ކޮޓަރީގެ ބޮޑު ދޮރާދިމާއަށެވެ. އެސްފިޔަވެސް ޖަހައިނުލައެވެ. އެދިމާލުން ކޮންމެވެސް އެއްޗެއް އޭނާއަށް ފެންނަ ކަހަލައެވެ.

"އަން މިހިރީ ފެންތަށި...." ޖަމީލު ފެންތައްޓެއް ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ.

"ދަރިފުޅާ ރީޝާ! ދަރިފުޅާ!....." ރީޝާގެ މޫނު މައްޗަށް ފެންބުރުއްސަމުން ފަރީޝާ ރީޝާއަށް ގޮވާލިއެވެ. "އަހަރެން މަރާލަން އެއުޅެނީ، މަންމާ! ބައްޕާ! އަހަރެން ސަލާމަތްކުރޭ!" ރީޝާގެ އަޑު މިފަހަރު މާބާރެވެ. މި ޖުމުލަ އާއެކު ކަނޑާފައި ވައްޓާލި ރުކެއްހެން ރީޝާ ހޭނެތިގެން ވެއްޓިއްޖެއެވެ.

"އަނެއްކާ ބިރުވެރިކަމެއް ދިމާވީބާ؟" ރީޝާގެ ބައްޕަ ޖަމީލު ހުރީ ފެންކަޅިވެފައެވެ. އޭނާގެ ދަރިފުޅު އެފަދަ ހާލަތެއްގައި އޮއްވައި ދުށުމަކީ ދަވަހަކުވެސް އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

***********

"އެއްވެސް ކަމެއް ނުވެއޭ ބުނެފީމެންނު!... ހީވަނީ ހުވަފެނެއް ފެނުނީހެން. ހަނދާނެއް ނެތް އެއްވެސް ކަމެއް..." އިރުއެރިއިރު ރީޝާ ހުރީ މުޅިން ހަމަޖެހިފައެވެ. ރޭ ހިނގި އެއްވެސް ކަމެއް ހަގީގަތުގައިވެސް އޭނާ މިހާރަކު ހަނދާނެއް ނެތެވެ. އޭނާ ހަނދާން ހުރީ ގެއަށް އައިސް އެނދުގައި އޮށޯތްކަމެވެ. އަދި ގެއަށް ދިޔައިރު ދަންވަރު ބާރަޖަހާ ބޮޑުވެއްޖެ ކަމެވެ. މުހުސިން އޭނަ ގެއަށްލާން އެގެއާ ހަމައަށް ދިޔަކަމެވެ.

***********

"މުހުސިން މިހާރު ކޮންމެ ރެއަކުވެސް މާލަސްކުރަނީ. މިއަދުވެސް ބައްޕަ ހުރީ ނުރުހުންވެފަ. މިރޭ ވާނެ ތަންކޮޅެއް އަވަހަށް ގެއަށް އަންނަން..." ރީޝާ މިފަހަރު މުހުސިންއާ ޝަރުތެއް ކުރިމަތި ކުރުވިއެވެ. "ހާދަ ފޮންޏެއްވެސް ވެއްޖެއޭދޯ މިހާރު...." މުހުސިން އޭނާގެ މަޖާ މިޒާޖުގައި ބުނެލިއެވެ.

"މަލާމާތް ނުކުރިއަސް އެންމެ ރަނގަޅޭ. ރޭވެސް އޭގެ ކުރީރޭވެސް އާދެވުނީ ބާރަޖަހާބޮޑުވިފަހުން" ރީޝާ ފަތިފައްޗަަށް ޝަކުވާ ބޮނޑި އަމުނާލިއެވެ.

"އެކަމަކު މާދަމާއަކީ ހުކުރު ދުވަހެއްނު. އޮފީހަށް ދާކަށް ވެސް ނުޖެހޭނެ."

"ދެން ތިބުނީ އޮފީހަށް ނުދަންޏާ އަހަރެން އޮންނާނީ ނިދާފައޭދޯ!...." މުހުސިން މިފަހަރު ދެއްކި ވާހަކައާ މެދު ރީޝާ މުޅިން ހިތްހަމައެއް ނުޖެހުނެވެ.

"ކިހާ އިރަކަށް ދާން ހަދާނީ؟...." މުހުސިން ލަފާ އެހީ ރީޝާ ކުރެންނެވެ. "ހައެއް ޖަހާއިރު އޯކޭއެންނު...." ރީޝާ ބުންޏެވެ.

"މަށަށް އޯކޭ. މަ ގަޑިއަށް ދާނަން. ރީޝާވެސް ގަޑިއަށް ދެވޭތޯ ބަލައްޗޭ؟..." މުހުސިން ޖަވާބު ދިނެވެ.

"ވަރަށް ރަނގަޅު މުހުސިން ތިހެން ބުނަން. އެންމެ ދުވަހަކުވެސް ގަޑިޖެހުނު ނަމަ އަދި ކިހާވަރެއް ހުންނާނެ. ރޭވެސް އިތުރު ބައިގަޑިއިރު ވަންދެން އިންތިޒާރު ކުރަން ޖެހުނީ މަދޯ..." ރީޝާ މުހުސިންއާ ދިމާއަށް ބަހުގެ އެތިފަހަރެއް ފޮނުވާލިއެވެ.

"ދެން އެވަރު ކަމެއް ވެދާނެދޯ! އެކަމަކު މިރޭ އިރާދަކުރެއްވިއްޔާ ގަޑިއަށް ދާނަން." މުހުސިންވެސް ދުލެއް ނުކުރެއެވެ. އެއީ އެދެމީހުންގެ އާދައެވެ.

(ނުނިމޭ)