ވާހަކަ

ނުފޫޒަކުން - 38

5

ނިހާން ހީލާފައި އެއްޗެއް ނުބުނެ ކަޅި އެކި ދިމާލަށް އުކަން ފެށިއެވެ. އޭނާ އެންމެންނާވެސް ބައްދަލުކުރަން ބޭނުމެވެ. އެކަމަކު ފުރަތަމަ ރޫޔާއެވެ. ރޫޔާ ކޮބާ ހެއްޔެވެ؟ ދެރައީ އެކަކު ކައިރީގައިވެސް ރޫޔާގެ ވާހަކަ އަހަން ނުކެރުމެވެ.

****

ކުއްލިއަކަށް އީނާ ދޮރުހުޅުވާލުމާއެކު ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި ރޫޔާ ބަލައިލިއެވެ. އީނާ ރޫޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. ރަތާއި ހުދު އެކުލެވޭ ކަކުލަށް ވުރެ ތިރިއަށް ހުރި ހެދުމުގައި ރޫޔާ ހާދަ ނަލައެވެ. ތިރިން ލައިގެން ހުރީ ދެފަޔަށް ހިފާލާފައި ހުރި ހުދު ކުލައިގެ ޓައިޓެކެވެ. އެގެއަށް އައިފަހުން ރޫޔާ އަދި އެހާ ރީތިވެފައެއް ނުވެއެވެ.

"ކޮންކަހަލަ ނުބައި ހަބަރަކައިގެން" ތުންފަތުގައި ލިޕްގްލޮސް ހާކާލަމުން ރޫޔާ ބުންޏެވެ.

"އަހަރެން އަންނަނީ އަބަދުވެސް ނުބައި ހަބަރެއް ހިފައިގެންތަ؟" އީނާ ބުންޏެވެ.

"ގިނައިން އަންނާނީ އެހެން. ޕްލީޒް.. އަހަރެން މިހެރީ ވަރަށް ރަނގަޅު މޫޑެއްގަ. މިދަނީ ފަޒިއްތަ ގޮވައިގެން ފިހާރައަކަށް ދާން. އީނު ދާނަންތަ؟" ރޫޔާ އެހިއެވެ.

"ތި ފިހާރައަށް ދިޔުން އިހަށް ކެންސަލްކޮށްފަ ހިނގާބަ އަހަންނާއެކު" ރޫޔާގެ އަތުގައި ހިފަމުން އީނާ ބުންޏެވެ.

"މަޑުކޮށްބަ ދާނަމޭ... ހެދުން އަޅައިގަތީ.. މިއީ ވަރަށް ސްޕެޝަލް ހެދުމެއް. އަހަންނަށް ނިހާން ޕްރޮޕޮސްކުރީ މި ހެދުމުގަ ހުއްޓަ. އެދުވަހު ވާދީގަ އުޅޭ ކުދިން އަހަރެން ވަރަށް ރީތިކޮށްލި. ދައްކަންތަ ފޮޓޯތައް" ރޫޔާ އުޅުނީ ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގަންދާށެވެ.

"ތި ހެދުން މިއަދު މިވަގުތު ލައިގެން ހުރިކަން ހާދަ ރަނގަޅޭ. ފޯނު ބާއްވާފަ ހިނގާބަލަ" ރޫޔާގެ އަތުގައި ހިފައިގެން އީނާ ނިކުތެވެ.

****

އީނާ އެތެރެއަށް ވަތް ވަގުތު ބަލާފައި ފަޒީލާ ދިޔައީ އަޖުވަދާ ބައްދަލުކުރާށެވެ. އޭނާ ވިސްނާފައި ނިންމި ގޮތް މިއަދު އަޖުވަދު ކައިރީގައި ބުނަން ޖެހެއެވެ. ސޯފާގައި އިން ގިސާމަތަށް ނުފެންނާނެހެން ފާރު ކައިރިން އޭނާ ނިކުތީ އަޖުވަދުގެ ކޮޓަރި ކުރިމަތީގައި އޮތް ހުސްތަނަށެވެ. ޖޯލީގައި އިން އަޖުވަދު ފަހަތަށް ބަލައިލިއެވެ. ދެން ތެދުވެގެން އައިސް ފަޒީލާ އިށީންނަންވީ ތަން ދެއްކިއެވެ.

"ނޫނޭ. ރަނގަޅުވާނެ" ފަޒީލާ ބުންޏެވެ.

ފަޒީލާ ކޮޅަށް ހުރުމުން އަޖުވަދުވެސް އިށީންނަ ހިޔާލެއް ނުކުރިއެވެ.

"އަޅުގަނޑު ގަބޫލުވެއްޖައިން" ފަޒީލާ ބުންޏެވެ.

އަޖުވަދު ބޯޖަހާލިއެވެ. ހިތްހަމަޖެހުނުވަރުން ހީލެވެން އުޅުނެވެ.

"އެކަމަކު މިއީ ޝަރުތެއް ނޫން. އަޅުގަނޑު އެދޭ ދެތިން ކަމެއްގެ ވާހަކަ ބުނެލާނަން" ފަޒީލާ ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް މިއަދަށްފަހު އަހަންނާ ވާހަކަދައްކާއިރު އަޅުގަނޑު ނުކިޔުން އެދެން" އަޖުވަދު ބުންޏެވެ.

ފަޒީލާ ބޯޖަހާލިއެވެ. އަތުގެ އިޝާރާތުން އެދޭ ކަންކަން ބުނުމަށް އަޖުވަދު ބުންޏެވެ.

"އަޅުގަ.... އަހަރެން ބޭނުންވަނީ ކައިވެންޏަށްފަހު ގިސާމަތަށް މިކަން އެނގެން. އަދި ގިސާމަތުގެ ކޮންމެ ހަމަލާއަކުން އަހަރެން ހިމާޔަތްކޮށްދޭން. އަހަރެން އެކަންޏެއް ނޫން. އަހަރެންގެ ތިން ދަރީން. އަހަންނަށް ޔަގީން މި ހަބަރު ލިބޭއިރަށް މިގޭގަ ބޮމެއް ގޮވާނެކަން" ފަޒީލާ ވާހަކަދެއްކިއެވެ.

އަޖުވަދު ފަޒީލާއާ ގާތަށް އެއް ފިޔަވަޅު އެޅިއެވެ. އޭނާ ބޭނުންވީ ފަޒީލާއަށް ޔަގީންކަން ދޭށެވެ.

"މަންމައާ މެދު ފަޒީލާ ވިސްނާކަށް ނުޖެހޭނެ. އަހަރެން މި ނިކުންނަނީ ވަރަށް ކެރިގެން. މަންމަ ކިތަންމެ ނުފޫޒު ގަދަވެފައި ކިތަންމެ ބާރެއް ދެއްކިޔަސް މިފަހަރު މަންމަ ޖެހޭނީ އަހަރެން ކުރިމަތީގައި ކުޑަކަކޫ ޖަހަން. މަންމަ ފިޔަވަޅު އަޅަމުން އެދަނީ ގެއްލުމާ ހަލާކާ ދިމާލަށް. މަންމަ ހުރީ އަހަރެންނަށް ހިމާޔަތެއް ދެވޭވަރަށް ވުރެ މާ ދުރަށް ގޮސްފައި. އެހެންވީމަ ފަޒީލާ ވިސްނާކަށް ނުޖެހޭނެ. އަހަރެން ވައުދުވަން. ފަޒީލާގެ ދަރިން ކަމުގައި ތިބުނާ ކުދިން އެއީ އަހަރެންގެވެސް ދަރީން"

އަޖުވަދު ދިން ޔަގީންކަން ފަޒީލާ ލޮލާ ބޮލުން ގަބޫލުކުރިއެވެ. އޭނާގެ ނަސީބު ބަދަލުވެގެން ދިޔަގޮތް ހިތަށް އެރުމުން ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. ކުރިއަށް އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް އޭނާ އުންމީދުކުރަން ފެށިއެވެ. ދެކެން ބޭނުންވާ ދުވަހަކީ އަޅާލާނެ އެއްވެސް މީހަކު ނެތް އެ ތިންކުދިންގެ މުސްތަގުބަލު އުޖާލާވެގެންދާތަނެވެ. މި ހުރިހާ ދުވަހު އޭނާ ހުރީ އެކަނި ދަތިހާލުގައި އުޅެންޖެހުމުން އެކުދީންގެ ބޮޑެތި އެދުންތައް ފުއްދައިނުދެވި ކަންބޮޑުވެފައެވެ. މިއަދު އޭނާގެ އަތުގައި އޯގާތެރިޔަކު ހިފައިފިއެވެ. އެކުދީންގެ މުސްތަގުބަލު މިހާރު އޭނާއަށް ފެންނަނީ ދިއްލިފައިވާ ހުޅުކޮޅެއް ފަދައިންނެވެ.

"ފަޒީ..." ފަޒީލާ ބަލައިލިއެވެ. އެފަދަ ނަމަކުން އަޖުވަދު މުހާތަބު ކުރުމުން ފަޒީލާ ލަދުގަންނަ ގޮތް ވިއެވެ.

"އަހަރެންނާ އިންނަން މިއަދު ރަން ކިޔާފާނަންތަ؟" އަޖުވަދު ބުންޏެވެ. ފަޒީލާ ބޯޖަހާލިއެވެ.

"މިއަދު ހެކިވެރިން ދާނެ. އިންތިޒާރުކުރާތި" އަޖުވަދު ބުންޏެވެ.

ފަޒީލާ ހީލާފައި ހިނގައިގަތެވެ.

****

އަލަމާރި ކައިރީގައި ހުރި ހަބީބް އަތަށް އިސްތިރިކޮށްފައި އޮތް ގަމީސް ދިއްކޮށްލާފައި ތެތް ތުވާލި ހިފައިގެން ހަންނާ ނިކުތީ ބޭރަށެވެ. މިއަދު އޭނާއަށް ވުރެ ކުރިން ހަންނާ ހުރީ ތައްޔާރުވެގެންނެވެ. އޭނާ ލަސްވީ ބައްދަލުކުރަންދާން އުޅޭ މީހާއަށް ދާންވީ ތަން ނުބުނެވި އޮތުމުން އެކަމާ އުޅެންވެގެންނެވެ.

"މި ނިމުނީ" ގަޔަށް ސެންޓް ބުރުވާލަމުން ހަބީބް ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ" ދޮރުން ނިކުންނަން އުޅުނު ހަބީބް އަތުގައި ހަންނާ ހިފެހެއްޓިއެވެ.

"ޔަގީންތަ އަޖުވަދު އަންނާނެކަން" ހަންނާ ބުންޏެވެ.

"ޔަގީނެއް ނޫން. އެ އޮފީހުގެ އެންމެ އިސްމީހަކަށް ހުރީ ނިޔާޒު. ބުނި މީހަކު ބައްދަލުކުރަން އެދޭ ވާހަކަ އަޖުވަދަށް ފޯރުކޮށްދިން ވާހަކަ. ބުނި އެ އޮފީސް މަތީގަ ހުރި ރެސްޓޯރަންޓްގެ ބައްދަލުކުރާ ކޮޓަރިއަށް ދާނެ ވާހަކަ. ދެން ހިނގާ ބައްދަލުވާނެކަމަށް ބަލަމާ" ހަބީބް ބުންޏެވެ.

ގިސާމަތަށް ހައްގު އަދަބު ދިނުމުގެ ކުރިން ހަބީން ބޭނުންވީ އަޖުވަދާ ބައްދަލުކުރާށެވެ. އޭނާގެ ފުށުން ކުށެއް ކުރެވިފައިވާނަމަ މައާފަށް އެދޭށެވެ. ލޭގެ ގޮތުން ދޮށީ ހަބީބަށް ވީތީ އޭނާ ކުރިން ވާހަކަދައްކާށެވެ. ގިސާމަތުގެ ނުބައި ރޭވުމުގެ ހަގީގަތް އަޖުވަދަށް އޮޅުންފިލުވައިދޭށެވެ. ފަޒީލާ ފަދަ ނިކަމެތި އަންހެނަކާ ކައިވެނިކުރަން އަޖުވަދު ނިންމި ނިންމުމަށް މަރުހަބާ ކިޔާށެވެ. ކެނޑިފައިވާ އެކުވެރިކަމުގެ ގުޅުން އަލުން ބަދަހިކުރާށެވެ. ނޭނގެނީ އޭނާ ފެނިފައި އަޖުވަދު އަމަލުކުރާނެ ގޮތެކެވެ.

****

ސިޓިންގރޫމަށް ވަދެފައި ރޫޔާ ދެފަރާތަށް ބަލައިލިއެވެ. ހައިރާންވެފައި އީނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ރޫޔާ ހުއްޓެވެ. މުހިންމު ކަމަކުއޭ ކިޔާފައި އޭނާ ގޮވައިގެން އައި މީހާ އެވަނީ ބަދިގެއަށެވެ.

"ކިހިނެއްވީ ތި ފާޑަށް ތި ބަލަނީ" ރޫޔާ ހުރިގޮތުން އީނާ ބުންޏެވެ.

"ކޮންކަމަކު އަހަރެން ދަމާފަ މިތަނަށް ތި ގެނައީ" ރޫޔާ ބުންޏެވެ.

"ކޮފީ ބޯނަންތަ؟" އީނާ އަހާލިއެވެ. އޭނާ އަރި ލޮލަކުން އޭނާގެ ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ. އޭނާ ވިސްނާލީ އެ ކޮޓަރިއަށް ރޫޔާ ވައްދާނެ ގޮތަކާމެދުގައެވެ.

"ނުބޯނަން. އީނޫގަނޑު... ކޮބާތަ ފަޒިއްތަ؟ ރެޑީވެއްޖެތަ؟" ރޫޔާ ބުންޏެވެ.

"ރެޑީވަނީހެން ހީވަނީ. ދޭބަލަ" ކޮޓަރިއާ ދިމާލަށް އިޝާރާތްކޮށްލަމުން އީނާ ބުންޏެވެ.

ރޫޔާ ހިނގައިގަތީ ފަޒީލާގެ ކޮޓަރިއާ ދިމާލަށެވެ.

"ތި ކޮޓަރީގައެއް ނޫން. އަހަރެން ކޮޓަރީގަ" އީނާ ބުންޏެވެ.

އީނާއާ ދިމާލަށް ފާޑަކަށް ބަލައިލުމަށްފަހު ރޫޔާ ދިޔައީ އީނާގެ ކޮޓަރިއާ ދިމާލަށެވެ.

އޭރު ރޫޔާގެ ހިތުގެ ވިންދަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް ކޮޓަރި ތެރެއިން އިސްކޮޅުން ދިގު ފިރިހެނެއް ފެނުމުން ރޫޔާގެ ހިތް ތެޅިލިއެވެ. މީގެކުރިން ނުފެންނަ މަންޒަރަކަށް ވުމުންނެވެ. މޭގައި އަތް އަޅާލުމަށްފަހު ރޫޔާ އެތެރެއަށް ވަނެވެ. އެވަގުތު ބޭރުގައި ހުރި އީނާ ކޮޓަރި ދޮރުލައްޕައި ތަޅުލިއެވެ.

"ކާކު... ރޫޔާތަ؟ ކީއްވެ ތަޅުލީ" ބޭރުން ވަދެގެން އައި ޒޫނާ ބުންޏެވެ.

"އެތެރޭގަ ރޫޔާގެ ބީއެފް. ދެކުދިން އަހަރެއް ފަހުން އެ ދިމާވީ" އީނާ ބުންޏެވެ.

ޒޫނާ ހީލާފައި ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ.

"އަޅޭ. އެތެރޭގަ އެ ދެމީހުން ހާދަ ރޮމޭންސެއް ކުރާނޭ ދޯ. ހައު ސްވީޓް... އެކަމު އީނޫ ރަނގަޅުކަމެއް ނޫން އެނގޭ. ބޮޑުކަމެއް ކޮށްފިއްޔާ ދެން؟" ޒޫނާ ބުންޏެވެ.

"ނުކުރާނެ. އެއަށްވުރެ ފައިޓް ގިނަވާނެ" ހީލަމުން އީނާ ބުންޏެވެ.

****

ސައިކަލުން ފައިބާފައި ކުރިމަތީގައި ހުރި ބޮޑު އިމާރާތަށް އަޖުވަދު ބަލައިލިއެވެ. އެތަނަށް ވަންނަން އޭނާ އެދަނީ އެތައް ދުވަހަކަށް ފަހުގައެވެ. އެ ވިޔަފާރިއަކީ އޭނާގެ ހިއްސާއެއް އޮތް ވިޔަފާރިއެއް ނަމަވެސް އާއިލާގެ މަސްލަހަތާއި ރޫޔާގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ކަމަކާ އޭނާ ދުރުވެލީއެވެ.

މީހެއްގެ ހުއްދައަކަށް ހަބީބް ބޭނުމެއް ނުވެއެވެ. އޭނާ ރެސްޓޯރަންޓަށް ވަދެގެން ގޮސް އެރީ މައްޗަށެވެ. ބައްދަލުކުރާ ކޮޓަރިއަށް ވަނުމާއެކު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑެވެ. އެއީ އޭނާއާއި އަޖުވަދު، ބައްޕަ މެދުގައި ބަހައްޓައިގެން ހުރެ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެކެވެ. އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކަމާލް ފުރި ދުވަހެވެ. އެ ތަސްވީރުން ހަބީބްގެ ހިތަށް ލިބުނީ ތަކުލީފެވެ. ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ކުރީގެ އުފާވެރި ދިރިއުޅުން ހަނދާންވެގެން ދިޔުމުން އޭނާ މާޔޫސްވިއެވެ. ހަރުފައެއް ފަދައިން ހޮރަކުން ނިކުމެ ގިސާމަތު ހުރިހާ ކަމެއް ވިހަކޮށްލީއެވެ. ހީވީ ކަމާލްގެ ފުރާނަ ވަކިވަންދެން އިންތިޒާރުގައި ހުރި ހެންނެވެ. ހަބީބަށް ހަމަހޭވެރިކަމެއްވީ ފަހަތުގައި ހުރި ހަންނާ އޭނާގެ އަތުގައި ހިފަހައްޓައިލުމުންނެވެ.

ޓިޝޫއަކުން ކަރުނަ ފޮހެލާފައި ހަމަޖެހިލިތަނާ ފާހާނައިގެ ތަންޑު ނައްޓާލި އަޑު އިވުނެވެ. އެތެރެއިން އެ ނިކުތީ އަޖުވަދެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެފައި ކުރިއަށް ހިނގައިގަތީ ދެމީހުން އެކުގައެވެ. އަޖުވަދުގެ ތުންފަތް ދެފަރާތަށް ދެމިލީ ލަސްލަހުންނެވެ. އޭނާ ހުރީ ވާހަކަދައްކަން ލަދުގެންފައެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ކުރިން ސަލާމަށް އަތް ދިއްކޮށްލީ ހަބީބެވެ. އެހެނީ ދޮށީ ހަބީބެވެ. އޭނާ ކުރިން ނަމޫނާ ދެއްކީ އެހެންވެއެވެ. ހަބީބްއާ ސަލާމްކޮށްލުމަށްފަހު އެކަކު އަނެކަކުގެ ގައިގައި ބައްދައިގަތެވެ. ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުން އަޖުވަދަށް ރޮވެން ފެށުނެވެ. ކުރިއަށް އޮތް ތަކުލީފުތަކުން ފުރިގެންވާ ވަގުތުތައް ހަނދާންވެފައި އޭނާއަށް ހުއްޓައެއްވެސް ނުލެވުނެވެ. ގިސާމަތާ މެދު ކަންތައްތައް ވާނެގޮތް މިހާރުވެސް އޭނާއަށް ފެންނަ ކަހަލައެވެ. ހަބީބް އެ އައީ އޭނާ އެންމެ އުންމީދުނުކުރާ ވަގުތުގައެވެ. މަންމައާ ޝައުކަތު ޖެހި ދަންތުރައިން ހަބީބް ސަލާމަތްވިކަން އެނގުނިއްޔާ ފޯރި ހުންނާނެއެވެ.

"އަހަރެން ހުރިހާ ކަމަކަށް މައާފަށް އެދެން. އަހަންނަށް ހުރިހާ ކަމެއް ވިސްނިއްޖެ. އަހަންނަށް ވިސްނައިދިނީ އަހަރެމެންގެ ދަރިފުޅު" އަޖުވަދު ވާހަކަދެއްކިއެވެ.

ފަހުވަގުތު ހަބީބްގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ. އޭނާ އުފަލާއެކު އަޖުވަދަށް މައާފުކުރިއެވެ. އޭނާގެ ފުށުންވެސް ކުށެއް ކުރެވިފައި އޮވެދާނެކަމަށް ބުންޏެވެ. އެ ހުރިހާ ކަމަކަށް އޭނާގެ އަޖުވަދުގެ ހިތްހަލާލު ހޯދިއެވެ. ދެމީހުންގެ ވާހަކަތަކަށް ލަސްކަމެއް އައީ ރޫޔާގެ ވާހަކަތައް ދެކެވެން ފެށުނު ހިސާބުންނެވެ.

"އެއީ އަހަރެން ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލާފައި ބޭރަށް ދޫކޮށްލާ ނޭވާ. އެ މަންޖެ ނުފެންނަ ހިސާބުގަ އަހަރެން ހޭދަ މިކުރާ ހިތްދަތި ދުވަސްތައް އެންމެ ފަރާތަކުން ދެނެވޮޑިގެންވަނީ. އަހަރެ...." ހަބީބްގެ ވާހަކަތައް އަޖުވަދު ހުއްޓުވިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މައާފަށް އެދެން ޖެހޭ މީހާ އަކީ އޭނާއެވެ. އޭނާ މައާފަށް އެދުނެވެ.

"އެ މަންޖެ މި ދުނިޔެއަށް އައުމުގެ އެންމެ ބޮޑު އަސްލަކީ އަހަރެން ކަމުގައި ވިޔަސް މި ދުނިޔެއަށް އެ މަންޖެގެ ލޯ ހުޅުވައިދިނީ ތި ދެމަފިރިން. އާއިލީ ގޮތުން ތިއީ އެ މަންޖެގެ ބޮޑުބޭބެއަށް ވިޔަސް ހެވާ ނުބައި އެ މަންޖެއަށް ދަސްކޮށްދިނީ ވެސް ތި ދެމަފިރިން. އެންމެ ތުއްތު އިރުން ފެށިގެން ބަފައެއްގެ ގޮތުގައި ފެނިފައި ހުރި މީހަކީ ތިއީ. ދާދި އިހަކަށް ދުވަހު އެ މަންޖެގެ ހިތާ އަހަރެންގެ ހިތް ގުޅިލާމެހިފައި ވިޔަސް އެ މަންޖެ ތި ދެމަފިރިން ދެކެ ލޯބިވާނެވަރު އަހަންނަށް އިހުސާސްކުރެވޭ. ތި ދެމަފިރިން އެ މަންޖެއަށް ދިން ތަރުބިއްޔަތުގަ ކުޑަވެސް ލޯވަޅެއް އެޅިފައިވިނަމަ އެހާ ފަސޭހައިން އެ މަންޖެގެ ހިތް އަހަންނަށް ހެޔޮ ނުވީސް. މަންމަގެ އެ ނުބައި އުޅުމަށް ކެތްތެރިވެގެން މިގޭތެރޭގަ ނުހުރީސް. އަހަރެން ދުވަހަކުވެސް ތި ދެމަފިރިން އަތުން އެ މަންޖެ ފޭރި ނުގަންނާނަން. ރޫޔާ އަކީ ތި ދެމަފިރިންގެ ދަރިއެއް. އަހަންނަށް އެ ދަރީގެ އިތުރުން ތިން އަންހެން ދަރިން ދެއްވައިފި. މިފަހަރު ބަފައެއްގެ މަގާމުން އަހަރެން ފެއިލް ނުވާނަން" އަޖުވަދުގެ އަސަރުގަދަ ވާހަކަތަކުން ހަންނާއަށް ރޮވުނެވެ. އޭނާ އަޖުވަދަށް ޝުކުރު އަދާކުރިއެވެ.

"މިއަދު ދާންވާނީ އަހަރެން މިދޭ ކެއުމުގަ ބައިވެރިވެފަ" ދެލޮލުން ފޭދިފައިވާ ކަރުނަތައް ފޮހެލުމަށްފަހު ހިނިތުންވެލަމުން އަޖުވަދު ބުންޏެވެ.

އިރުކޮޅަކުން ތިންމީހުން ނިކުތީ ރެސްޓޯރެންޓަށެވެ. ދިރިއުޅުމާ ގުޅޭ އިތުރު ވާހަކަތައް ދެއްކީ ކެއުމުގައި ތިބެގެންނެވެ. އެ ވާހަކަތަކުގެ ތެރެއިން ފަޒީލާއާ ކައިވެނި ކުރުމަށްފަހު ކުރިއަށްދާން އަޖުވަދު ރާވާފައިވާ ގޮތްތައް ކިޔައިދިނެވެ.

****

ނިހާން އެނބުރިލުމާއެކު ރޫޔާގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ނިހާންގެ ފައިން ފެށިގެން ބޮލާ ހަމައަށް އަވަސް ނަޒަރެއް ރޫޔާ ހިންގާލިއެވެ. އެއީ ނިހާން ކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ޔަގީންކުރަން މަޖުބޫރުވެއްޖެއެވެ. ހިތުގެ ތެޅުން އާދަޔާ ހިލާފަށް ބާރުވާން ފެށުމުންނެވެ. އިސާހިތަކު ރޫޔާގެ ދެ ލޮލުގައި ކަރުނަތައް ބަރާވާން ފެށިއެވެ. ރަނގަޅަށް އިސްތިރިކޮށް ނުލެވެނީސް އެ ކަރުނަތައް އޭނާގެ ކޯތާފަތް މަތީގައި ކޯރު ހަދައިފިއެވެ. ލަސްލަހުން ހިނގާފައި އައިސް ނިހާން ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ. އޭނާ ދެއަތް އުފުލާލުމަށްފަހު އަމިއްލަ ދެ ކަންފަތުގައި ހިފަހައްޓާލިއެވެ.

"ސޮރީ" ނިހާން ބުނެލިއެވެ.

ރޫޔާ ދެލޯ މަރާ ބާރުކޮށްލިއެވެ. އެއީ ހަމަ ނިހާން ހެއްޔެވެ؟ ލޯބިވެޔޭ ބުނެ ބޮޑު ހިތްދަތިކަމެއް ދީފައި އެހެން މީހުން ބުނާހެން ސޮރީ ބުނީއެވެ. ސޮރީ އަކީ ހުރިހާ ކަމެއްގެ ހައްލު ހެއްޔެވެ؟ އެ ލަފްޒު ހަމައެކަނި އަޑުއަހާލައިގެން ހިތުގައި ލަކުނަށް ނުވެ ހުރި ޒަހަމްތައް ފަސޭހަވާނެ ހެއްޔެވެ؟

"ކީއްކުރަން ތިއައީ" ރޫޔާ ބުންޏެވެ.

ނިހާން ދެރަވިއެވެ. ރޫޔާ އެފަދައިން ބުނީތީއެވެ.

"އައި ލަވް ޔޫ ރޫ... ކެތްނުވެގެން މިއައީ. ރޫ ކައިރިއަށް" ނިހާން ބުންޏެވެ.

"މިހާރު އަހަރެން ބޭނުމެއް ނޫން" ރޫޔާ ބުންޏެވެ.

ކޮންމެ ލަފްޒެއް އޭނާ ބޭރުކުރަމުން ދިޔައީ ހިތާ ދެކޮޅަށެވެ. ހިތުގައިވި ޝަކުވާތައް އޭނާ ބޭނުންވީ ބޭރުކުރާށެވެ.

"ތިހެން ނުބުނޭ ލަވް" ރޫޔާގެ ދެއަތުގައި ނިހާން ހިފަހައްޓާލިއެވެ.

"ނިހާން ތިއައި ތަނަކަށް ދޭ" ރޫޔާ ބުންޏެވެ. އޭނާ ނިހާނަށް ފުރަގަސްދިނެވެ.

"އަހަރެން ކައިރީގަ ނުވެސް އަހާނަންތަ؟ އެއްވެސް ސުވާލެއް ނުކުރާނަންތަ؟" ނިހާންގެ އަޑު އައީ ކުރެހިގެންނެވެ.

"ތި ހުރިހާ ކަމެއް ބެލުން މުހިންމެއް ނޫން" ރޫޔާ ބުންޏެވެ.

ނިހާން ހިންދިރުވާލިއެވެ. ރޫޔާ ވާހަކަދައްކަނީ ރުޅި އައިސްގެން ނޫންކަން ނިހާނަށް އެނގުނެވެ. އެއީ ޝިކާޔަތެވެ. ކެތްނުވާ މިންވަރަށް ވެވޭ ލޯބީގެ އިންތިހާއެވެ.

"އައިމް ސޮރީ ރޫ. ހުރިހާ ކަމަކަށް. އަހަރެން ބިޓްރޭ ނުވަން. ހަނދާން ނައްތައެއް ނުލަން. އަހަރެންގެ ކޮންމެ ދުވަހެއް، ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް ރޫ މަތިން ހަނދާންކުރިން. އިންތިޒާރުކުރިން އަވަހަށް ރޫ ކައިރިއަށް ދެވޭތޯ. ރޫ... އަހަރެން...."

"ދެން ހެޔޮ. އަހަރެން ތި ވާހަކަތައް އަހާކަށް ބޭނުމެއް ނޫން" ރޫޔާ ބުންޏެވެ.

ނިހާން އިސްޖަހާލިއެވެ. ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ދެއަތުން ފޮހެލިއެވެ. ރޫޔާ ރުއްސަން އޭނާ އެތައް މަސައްކަތެއް ކުރަންޖެހޭނެކަން އެނގި ރޫޔާއާ ގާތަށް ފިޔަވަޅެއް އެޅިއެވެ. ރޫޔާގެ އަތުގައި ހިފަން މަސައްކަތްކުރިއެވެ.

"އަހަންނާ ކައިރިނުވޭ" ރޫޔާ ދުރަށްޖެހުނެވެ.

"ރޫ... ހިތަށް ތަދުވާ ތިފަދަ އެއްޗެހި ބުނެފަ ހުއްޓާނުލާ. ވަރަށް އަނިޔާވޭ. ތި ހިތުގަ އޮތް އެއްޗެއް ބޭރުކުރޭ. އަހަރެން އަޑުއަހާނަން. އެއްވެސް ޝަކުވާއެއް ނުކުރާނަން" ނިހާން ބުންޏެވެ.

"އަހަރެން... އަހަރެން ކީކޭ ކިޔާނީ. މިހާރު ހަނދާނެއް ނުވޭ ބުނާނެ އެއްޗެއް. ލޯބިވެއޭ ބުނެ އަހަރެންނާ އެހާ ގާތަށް އައިސްފަ ހުވަފެންތަކެއް ދައްކާފަ އެތައް ފޮނި ވާހަކަތަކަކުން އަހަރެންގެ މޮޔަކުރުވާފަ މައިންބަފައިން އަޅުކަމަށް ފުރުވަން ބުނެ ފިލީ. ނިހާން ބޭނުންވީ އަހަރެން ޔޫސްކުރަން. ޓައިމް ޕާސްކުރަން. އެކަން ވަރަށް ރަނގަޅަށް ނިހާނަށް ހާސިލުވި. ދެރައީ އަހަރެންނަށް ވިސްނާނުލާ އަހަރެންގެ ހުރިހާ އެއްޗެއް ނިހާނަށް ހަދިޔާ ކުރެވުނުކަން. ކޮބާތަ އަހަރެންގެ ކުށަކީ؟ އަހަންނެއް ނޫނޭ ރައްޓެހިވާށޭ ކިޔާފަ ނިހާން ފަހަތުން ދުވީ. ނިހާން ހީކުރީ އަހަރެންނާ ތި ނޫނީ މީހަކު ދުވަހަކުވެސް ނުލިބޭނެކަމަށްތަ؟ އަހަރެން މިހާރު ނިހާން ބޭނުމެއް ނޫން.... ބޭނުމެއް ނޫން.... ނިހާން މިތަނުން ދޭ"

ރޫޔާ ރޯން ފެށުމުން ނިހާން ދެރަވިއެވެ. އެންމެ ދެރަވީ ރޫޔާ ދެއްކި ވާހަކަތަކުންނެވެ. ރޫޔާއަށް އޮޅުވާލުމަކީ އޭނާ ހިޔާލުވެސް ކުރި ކަމެއް ނޫނެވެ.

"އޯކޭ... ރޫ ބޭނުންގޮތެއް. އަހަރެން މިދަނީ.... އެކަމަކު އަހަރެންގެ ތެދުވެރި ލޯތްބަށް ރޫ ތިގޮތަށް ޝައްކުކުރީތީ ވަރަށް ދެރަވެއްޖައިން. މިދަނީ ދާހިތަކުން ނޫން. ރޫ އަހަރެން ފޮނުވާލަން ބޭނުންވީމަ. އަށް މަސްދުވަހު ޖަލުގައި ލޯބިވާ އާއިލާއާ ނުލައި އަހަރެންގެ ފުރާނަ ފަދަ ތި އަންހެންކުއްޖާއާ ނުލައި ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް. ވަރަށް ވަރަށް ވޭންހުރި ވަގުތުތަކެއް. އަހަންނަށް މީހަކު އެހާ ބޮޑު ދެރައެއް ދިނީ ވަކި އަހަރެންގެ ކޮން ކުށެއް އޮވެގެން... އަހަރެން މިދަނީ. ރޫ ބޭނުމިއްޔާ ކޮންމެތާކު ހުއްޓަސް އަހަރެން އަންނާނަން..."

ނިހާން ހިނގައިގަތެވެ. ރޫޔާ ހުރީ ގަބުވެފައެވެ. ނިހާން ފަހުން ބުނި ދެތިން ޖުމުލަ އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާ ހެންނެވެ. ނިހާނާ މެދު ވިސްނުނީކީ އަދި މާ ރަނގަޅަކަށް ނޫންކަން ރޫޔާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ދޮރުން ނިކުންނަން ދިޔަ ނިހާނަށް ރޫޔާ ބަލައިލުމަށްފަހު ހަށިގަނޑަށް ހަރަކާތެއް ގެނައެވެ. ދެވަނަ ސިކުންތުގައި ދޮރު ނުހުޅުވެނީސް އޭނާ ފަހަތުން ނިހާންގެ ގައިގައި އޮޅުލައިގަތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟