ވާހަކަ

ނުފޫޒަކުން - 37

4

އިތުރު ބަހެއް ނުކިޔައި ބާރު ހިނގުމުގައި ފަޒީލާ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ރޫޔާ ބަލައިލީ އަޖުވަދަށެވެ. އަޖުވަދު ވެސް ހުރީ ކަންބޮޑުވެފައެވެ.

"ފަޒިއްތަ އެއްބަސްވާނެ. ފަޒިއްތައަށް ވަގުތުދީ" ރޫޔާ ބުންޏެވެ.

އަޖުވަދު ބޯޖަހާލިއެވެ.

****

ފޯނު އެލާމްވި އަޑަށް ނިހާނަށް ހޭލެވުނެވެ. ލޮލުން އެއްކޮށް ނިދި ނުފިލިއެއް ކަމަކު އޭނާ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އޭނާ އެންމެ ފުރަތަމަވެސް ލޯގަނޑުން އަމިއްލަ ސިފަ ބަލައިލިއެވެ. އިސްތަށިގަނޑާ ތުނބުޅި މަތިމަސް އެއްވަރަކަށް ކޮށާފައި ހުރުމުން ކުރީގެ ސިފަ އަނބުރާ ލިބިއްޖެއެވެ. އެއީ މުޅި ރޭ އޭނާ ވިސްނާފަ ނިންމި ނިންމުމެވެ. ރޫޔާއާ ބައްދަލުކުރަން ދާން އޭނާ ބޭނުންވަނީ ރޫޔާގެ ނިހާންގެ ގޮތުގައެވެ. ސިފަ ހުތު މީހެއްގެ ގޮތުގައެއް ނޫނެވެ. ހަށިގަނޑަށް އައިސްފައިވާ ބަދަލާ މެދު ނިހާނަށް ވިސްނާލެވުނީ ފަހުވަގުތުގައެވެ. ރަނގަޅަށް ނުކެވޭތީ ހަށިގަނޑު ކުރިއަށްވުރެ އަނަރޫފައެވެ.

ފެންވަރައިގެން ނިކުމެ އޭނާ ދަމު ނަދާމަށް އެރިއެވެ. ދިރިއުޅުމަށް އޭނާ ގެނައީ ވަރަށް ރަނގަޅު ބަދަލެކެވެ. އޭނާ ކޮޓަރިން ނިކުތީ މިސްކިތަށް ދިޔުމަށެވެ. އުޑުމަތި ސާފު ދުވަހެއްކަން އޭނާއަށް އަންގައިދިނީ ގައިގައި އައިސް ބީހިލި އަރާމު ވައިރޯޅިއެކެވެ.

ގެއަށް ނިހާނަށް ވަދެވުނީ ހަބީބްއާ އެކުގައެވެ. ފުރަތަމަ ނިހާން ފެނުމުން ހަބީބަށް ނޭނގުނެވެ. ނިހާނަށް ބަދަލު އައިސްފައި ހުރިތަން ފެނުމުން ހަބީބަށް ހެވުނެވެ. ނިހާން ގަޔާ ކައިރިކޮށްލާފައި ބުރަކަށީގައި ޖަހާލިއެވެ. ގޭތެރެއަށް ވަދެގެން އައި ނިހާންގެ ކޮނޑަށް އެއް އަތް އެއްލައިގެން ހުރެއެވެ.

"ކޮންކަމެއް އޮތީ؟" ބެލްކަނީގައި ހުރި ޖޯލީގައި އިށީންނަމުން ހަބީބް އެހިއެވެ.

"ރޫ ކައިރިއަށް ދާން ބޭނުމީ. އެގެއަށް ދާނީ ސައިބޮއެގެން" ނިހާން ބުންޏެވެ.

"ބޭބެ ދާނީ ބަޔަކާ ބައްދަލުކުރަން. މި ހަފުތާ ތެރޭގައި މިކަން ނިންމަން އެބަޖެހޭ" ހަބީބް ބުންޏެވެ.

ހަންނާ ކޮފީ ހިފައިގެން އައިސް ހަބީބްއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ކޮފީ ތަށި ހިފައިގެން އޭނާ އިނީ ފިކުރެއްގައެވެ. ފަޒީލާގެ ކޯލެއް އޭނާއަށް ލިބުނީ ރޭ ވަރަށް ދަންވި ފަހުންނެވެ. ބައްދަލުކޮށް ވަރަށް މުހިންމު ވާހަކައެއްދައްކަން ބޭނުންވާކަމަށް ފަޒީލާ ބުންޏެވެ. ހަންނާ ކަންބޮޑުވީ ރޫޔާއާ ގުޅޭ ވާހަކައެއް ކަމަށް ފަޒީލާ ބުނުމުންނެވެ. ކިތަންމެ ގަދަވެގެން އުޅުނަސް ގިސާމަތު ފަދަ ހައްދުފަހަނަ އަޅާފައި ހުރި މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

"ކޮން ވިސްނުމެއްގަ" ކޮފީ ތަށި ހުސްކޮށްގެން ނިހާން ދިޔުމުން ހަބީބްގެ ސަމާލުކަން ދެވުނީ މާ މަޑުން އިން އަނބިމީހާ އަށެވެ. އެއްޗެއް ނުބުނެ ދެފަރާތަށް ހަންނާ ބޯހޫރާލިއެވެ.

"ހެޔޮތަ ބްރެކްފާސްޓް ނަގަން ތަނަކަށް ދިޔަސް. ފަޒީ އަންނާތީ" ހަންނާ ބުންޏެވެ.

ހަބީބް ބޯޖަހާލިއެވެ.

****

އޮފީސް ބަންދުކުރަން އަޖުވަދު ބޭނުންވެފައިވާތީ އޭނާ އޮފީހުގެ ގުދަނުގައި ހުރި ހުރިހާ ފައިލްތައް އެއްތަން ކުރިއެވެ. ޒަމާންވީ ގިނަ ލިޔުންތައް ފުންޏަކަށް ޖަމާކޮށްފައި ހުއްޓެވެ. އެ ހުރިހާ ކަރުދާސްތަކުގެ ތެރެއިން އޭނާގެ ލޮލުގައި އަޅައިގަތީ ވިދާ އޮރެންޖު ކުލައިގެ ފައިލެއް އޮތްތަން ފެނުމުންނެވެ. އަޖުވަދުގެ ލޮލުގައި އެ ފައިލް އަޅައިގަތީވެސް އެހެން ފައިލްތަކާ ވަކި ކުލައެއްގައި އެ ފައިލް އޮތުމުންނެވެ. އޭނާ އެ ފައިލް ނަގައިގެން ކުޑަކޮށް ފޮޅާލިއެވެ. ހުޅުވާފައި އޭގައި އޮތް އެއްޗެއް ބެލުމުގެ ކުރިން އޭނާ ވަނީ އޭނާގެ އޮފީހަށެވެ.

މޭޒު ކައިރީގައި އިށީނދެފައި އޭނާ އެ ފައިލް ހުޅުވާލިއެވެ. ބައެއް ކަރުދާސްތައް ބާވެ ވީދި ލޯވަޅު އެޅިފައި ހުރިއިރު އަނެއްބައި ކަރުދާސްތަކުގައި ފީ ކުލައެއް ޖެހި ލިޔެފައިވާ ލިޔުންތައް ކިޔަންވެސް ނޭނގޭ ވަރު ވެފައެވެ. ފަހަރަކު ގަނޑެއް އުކަމުން އޭނާ ދިޔައެވެ. ބައްޕަގެ އަތު ލިޔުމުން ލިޔެފައިވާ ލިޔުމެއް އޭނާއަށް ފެނުނެވެ. ޖެހިގެން އޮތް ގަނޑާ ދެން ޖެހިގެން އޮތް ގަނޑުވެސް އޭނާ ބެލިއެވެ. ނަންބަރު އައިނު އެޅުމުން ސާފުވެފައި ކިޔަންވެސް ފަސޭހަވިއެވެ.

ކުއްލި ހައިރާންކަމެއް ލިބި އޭނާގެ އަތުން ގަނދުތައް ދޫވީ އަމިއްލަ މައިމީހާގެ މަކަރުވެރިކަން ހަނދާންވެފައެވެ. މި ހުރިހާ ދުވަހު މަންމަ ސިއްރުކޮށްގެން އުޅުނު ކަންތައް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ލޮލަށް ފެނި ސާފުވީއެވެ. މީގެކުރިން އޭނާ ހީކޮށްގެން ހުރީ މުޅިން އެހެން ގޮތަކަށެވެ. މަންމަގެ ކޮންމެ ބަހަކަށް އޭނާ އިތުބާރު ކުރިއެވެ. ކޮންމެ އެއްޗެއް ތެދުކުރިއެވެ. މަންމަ ކިޔައިދިން ގޮތުގައި މަންމައަށް ހަސަދަވެރިވީ އެ ލިޔުމުގައި ބުނެފައިވާ އަންހެންމީހާއެވެ.

އަޖުވަދުގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ގަނޑުތައް އެއްކޮށްލާފައި އަލުން ފައިލަށް ކޮށްޕާލިއެވެ. ތެދުވެގެން ގޮސް އަމިއްލައަށް ކޮފީއެއް ހަދާލިއެވެ. އޭނާ ބޭނުންވީ ބޮލުގައި ރިހެމުންދިޔަ ރިހުމެއް ވަގުތީ ފަރުވާއެކެވެ. މަންމައާ އޭނާ ބައްދަލުކުރާނެއެވެ. މަންމަގެ އެ ދޮގު އޭނާއަށް ފަޅާ އަރައިފިކަންވެސް ބުނާނެއެވެ. މަންމަގެ ބާރު ކެނޑެނީކަން ވެސް އަންގާނެއެވެ. އޭނާގެ ރަހްމަތްތެރިޔާ އާއި ލޭގެ ގުޅުމެއްވާ އަޚާ ވީތަނެއްވެސް އޮޅުންފިލުވާނެއެވެ.

****

ކުރިމަތީގައި ހުރި ގްރީން ޓީ ތަށިން ކޯވަރެއް ބޯލާފައި ހަންނާ ބަލައިލިއެވެ. ފަޒީލާ ހަމަ ޖެހި ބުދެއްހެން އިނެވެ. އެންމެ ޖުމްލައެއް ބުނިގޮތަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ގެނައި ކާއެއްޗެހި ތަށި ވެސް ހުރިގޮތަށް ހުއްޓެވެ. ފަޒީލާ ބަލައިލީ މޭޒުމަތީގައި އޮތް އަތުގައި ހަންނާ ހިފަހައްޓާލުމުންނެވެ.

"މީހަކު އިންނަން އެހުމަކީ މީހަކު އަދި ތިހާ ބޮޑަށް ފިކުރުކުރަންޖެހޭ ކަމެއް ނޫން" ހަންނާ ބުންޏެވެ.

"އެނގޭތަ ކާކުކަން އެހީ" ފަޒީލާ ބުންޏެވެ.

"ކޮންމެ މީހަކު ނަމަވެސް އެމީހެއްގެ މަގުސަދަކީ ރަނގަޅު ދިރިއުޅުމެއް އުޅުން ނަމަ ބުނޭ އާއެނކޭ. ފަޒީއަށް ރަނގަޅު ގޮތްވުމަކީ އަހަރެން ނުހަނު އުފާވާނޭ ކަމެއް" ހަންނާ ބުންޏެވެ.

"އަޖުވަދު އެހީ" ފަޒީލާ ބުންޏެވެ.

ހަންނާގެ ދެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"އޭނައަށް ވަރަށް ބަދަލު އަތުވެއްޖެ. މިހާރު ސީދާ ގިސާމަތަށް ނޫނެކޭ ބުނޭ. ވިސްނައިދޭން މަސައްކަތްކުރޭ. ހީވަނީ ކުރިއަށް އޮތް ތަނުގައި ހުރިހާ ކަމެއް ރަނގަޅުވާން އުޅޭހެން. އެކަމަކު... އަހަރެން ކިހިނެއް...." ފަޒީލާ ވާހަކަދެއްކިއެވެ.

"ފަޒީ. ނޫނެކޭ ނުބުނައްޗޭ. ފަޒީގެ އާ ބަހަކީ ގިސާމަތަށް ލިބޭ ވަރަށް ރަނގަޅު ފިލާވަޅަކަށް ވާނެ. އޭރުން އޭނަ ހަތަރު އުދަރެސް ފެނުޖެހޭނެ. މޮޅު ލިބޭނެ ހުރިހާ ކޮޅެއް ބަންދުވާނެ. މިހާރުވެސް މަޑުމަޑުން އެދަނީ ބާރު ކެނޑެމުން" ހަންނާ ވާހަކަދެއްކިއެވެ.

"މިއީ ރޫގެ ކަންތަކޭ. ރޫއޭ އަހަރެންގެ ނަން ހުށަހެޅީ" ފަޒީލާ ބުންޏެވެ.

"ރޫޔާ އޭ. އަހަރެން ކައިރީގައި ތިކަހަލަ ވާހަކައެއް ނުވެސް ބުނޭ. އެހެންވިޔަސް އެ ދަރި އެކުރީ ވަރަށް ރަނގަޅު ކަމެއް. ފަޒީ. އިސްތިޚާރާ ކޮށްފަ އަޖުވަދަށް އާބަސް ދީ. ތިކަން ލަސްނުކުރޭ" ހަންނާ ބުންޏެވެ.

ފަޒީލާ ބޯޖަހާލީ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަނުވަނީހެވެ.

****

އެނދުގައި ފޮތެއް ހިފައިގެން އިން ގިސާމަތު ކުއްލިއަކަށް ބަލައިލީ މާ ބާރަށް ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އޭރު ދޮރުން އެތެރެއަށް އަޖުވަދު ވަދެއްޖެއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ގިސާމަތު އަޖުވަދަށް ބަލައިލީ ނުރުހިފައެވެ.

"އަދަބެއް އަހުލާގެއްވެސް ނެތީތަ؟" ގިސާމަތު ބުންޏެވެ.

"އަދަބު އަހުލާގުގެ ވާހަކަ ބާއްވާ މަންމާ" އަޖުވަދު ބުންޏެވެ. އަޖުވަދުގެ އަޑުގައިވި ހަރުކަށިކަން ގިސާމަތަށް ފާހަގަވިއެވެ.

ގިސާމަތު އެނދުން ތެދުވެ ހިންދެމިލިއެވެ. އެއާއެކު އަޖުވަދު ކައިރިވެފައި ގިސާމަތު އަތަށް ފައިލު ލައިފިއެވެ.

"މީ... މި ފައިލު އޮތީ ކޮންތާކު؟ ކަލޭ މި ހޯދީ ކޮންތާކުން؟ މިހާރު މި ކޮޓަރިން ސިއްރުން އެއްޗެހިވެސް ގެންދަން ފެށީތަ؟" ހިތްހަމަނުޖެހިފައި ގިސާމަތު ބުންޏެވެ.

"ބޭކާރު ވާހަކަނުދައްކާ މަންމާ" އަޖުވަދު ބުންޏެވެ. ފުން ނޭވައެއް ދޫކޮށްލާފައި އޭނާ ގިސާމަތަށް ފުރަގަސްދިނެވެ. އިރުއިރުކޮޅުން އޭނާގެ އެތެރެހަށީގައިވާ ލޭ ހޫނުވެއެވެ. ރުޅި އައިސްގެން މީހާ ފަޅައިގެންދާވަރުވެއެވެ. އެ ހުރިހާ ރުޅިވެރިކަމެއް ހިންދާލާ މީހަކާ ހަމަޖެހެން އޭނާ މަސައްކަތްކުރަނީ އެއީ މަންމަ ކަން ހަނދާންވެފައެވެ. ހިތާއި ސިކުނޑީގައި އުފެދެމެންދިޔަ އިހުސާސްތައް އޮބަހައްޓަން އޭނާ މަސައްކަތްކުރަމުން ދިޔައީ ހަނގުރާމައަކުން މޮޅުވާން މަސައްކަތްކުރާ ފަދައަކުންނެވެ.

"މިހާ ބޮޑު އޮޅުވާލުމެއް. ކީއްވެ މަންމާ. މީހަކާ ހަސަދަވެރިވިޔަސް ތިއީ ބޮޑުވަރު. ހަބީބް މަންމައަށް ދިނީ ކޮން ގެއްލުމެއް. އެއީ ބައްޕަގެ ދަރިއަކަށް ވީމަތަ؟" އަޖުވަދު ބުންޏެވެ.

ރުޅި އައިސްގެން ގިސާމަތު ގައިން ދާހިއްލަން ފެށިއެވެ. އެ މޭރުމުން އަޖުވަދު ވާހަކަދެއްކީތީ އޭނާ އެތެރެހަށި ހުޅު ރޯވަމުން ދިޔައެވެ. ފަހުން ބުނި ޖުމުލައާއެކު އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އާނ. އަހަރެން ހަބީބަށް ނަފުރަތުކުރާތީ. އެއި ކަލޭގެ ބަފާ މިގެއަށް ވެއްދި މުސީބާތެއް" ގިސާމަތު ބުންޏެވެ.

އަޖުވަދަށް ކިޔާނެ ބަހެއްވެސް ނޭނގުނެވެ. ގިސާމަތުގެ ބަހުރުވަ އެވަނީ އެންމެ ދަށު ދަރަޖައިގައެވެ.

"ކަމާލުއްދީން މަރުވުމުގެ ކުރިން މިގޭ ކަލޭމެން ދެމީހުންނަށް ހިބައިން ދީ ވަސިއްޔަތް ކުރިޔަސް އަހަރެން އެކަން ގަބޫލެއް ނުކުރަން. މި ފައިލު އެއްވެސް މީހަކަށް ނުފެންނާނެހެން އަހަރެން ރައްކާކުރީވެސް އެކަން އަހަރެން ގަބޫލުނުކުރާތީ. މަރުވިއިރުވެސް އަހަރެން މިއީ އޭނާގެ އަނބިމީހާ. އެހެންވިއްޔާ މިގެއަށް ބާރު އޮންނާނީ އަހަންނަށް. އަޑުއިވިއްޖެތަ؟ ހަބީބަށް މިގެއިން ބައި އިންޗި ވެސް އަހަރެން ދުނިޔޭގައި ހުއްޓައި ލާހިކެއް ނޫން ލިބޭކަށް" ގިސާމަތުގެ އަޑު ބާރެވެ.

އަޖުވަދު ދެފަރާތަށް ބޯހޫރާމުން ދިޔައެވެ. ހަސަދައިގެ ގިނީގައި އޭނާގެ ލޯބިވާ މަންމަ އަނދައި އަޅިއަށްވަމުންދާތަން ބަލަން ހުންނަން އޭނާގެ ހިތަށް ކެތްނުވެއެވެ. އެކަމުގައި މަންމަ ނިމިދިޔުމުގެ ކުރިން މަންމަ ސަލާމަތްކުރަން އޭނާ ބޭނުންވިއެވެ. އެކަމަކު އާހް....

"މަންމާ... ހެޔޮނުވާނެ މަންމާ" އަޖުވަދު އައިސް ގިސާމަތުގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

"މަންމާ. ހެއްދެވިފަރާތަށް ބިރުގަނޭ. ތިމާއަށް ހައްގު ނޫން އެއްޗެއް ގަދަބާރުން ހޯދަން ނޫޅޭ. އިންސާނަކަށް މި ދުނިޔެ މަތިން ލިބޭނެ މިންވަރު އެކަލާނގެ ވަނީ ކަނޑައަޅުއްވާފަ. މަންމާ. އެމީހަކަށް ލިބެން ހުރި މިންވަރަށް ލިބިފަ ނޫނީ ނުގެންދަވާނެ. މަންމަ ތިގޮތް ދޫކޮށްލާ. އިސްލާހުވޭ މަންމާ" އަޖުވަދުގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ދުރަށްދޭ. ކަލޭ ތިއީ މަގޭ ދަރިއެއް ނޫން" ގިސާމަތު ބުންޏެވެ. އޭނާގެ ދެ އަތުން ނިކަން ބާރަށް އަޖުވަދު ފަހަތަށް ކޮށްޕާލިއެވެ.

"މަންމަ..." ގިސާމަތު އަރިއަޅާލިތަން ފެނުމުން އަޖުވަދަށް ބުންޏެވެ.

"ކައިރިނުވާތި. ހަގީގަތް އަޑުއަހަން ކަލެއަށް ކެރޭނެތަ؟ އެހެންވިއްޔާ އަޑުއަހާ" ގިސާމަތު ވާހަކަދެއްކިއެވެ.

"ކަލޭގެ ބަފާ އަހަރެން ދެކެ ލޯތްބެއް ނުވޭ. ކައިވެނިކުރީ ދެފަރާތުގެ އާއިލާ ބޭނުންވެގެން. އަހަންނާ އިނދެގެން ހުރެ އެހެންމީހަކާ އިނީ. ހަބީބަކީ އެ ކައިވެންޏަށް ލިބުނު ދަރިއެއް. އަހަރެންވެސް ބެލީ ފުރުސަތަކަށް. އޭރުވެސް އަހަރެންގެ ލޯބިވެރިޔާއަކީ ޝައުކަތު. ކަލޭގެ ބަފާ މަރުބަލީގަ އިތުރު ފަރުވާއަށް ބޭރަށް އަހަރެން ނުފުރީ ހަމަ ގަސްތުގަ. އަހަރެން ބޭނުންނުވީ އޭނަ ގަދަވާކަށް. އެއީ އަހަންނަށް ދެރަދޭން އޭނަ ގަސްތުކުރީތީ. ހަބީބް އެގެއަށް ގެނައި ދުވަހުވެސް އަހަރެން ކަލޭގެ ބައްޕައާ ދެބަސްވާން ޖެހުނު. އެ ދުވަހުން ފެށިގެން އަހަރެން ހަބީބަށް ނަފުރަތުކުރަން. ހަނާނު ބަލަން ހަވާލުކުރީވެސް އެނޫން ގޮތެއް ނެތިގެން. އަހަރެންގެ މާމަ ދަރިފުޅު ގޮވައިގެން ނުޖެހޭ ބަޗާކަށް. ދަރިން ނުލިބެންޏާ ލިބެންދެކަށް ބޭސްކުރިނަމަ. އަނެއްކޮޅުން އެ ހަންނާ އަކީ މިގޭ ފަޒީލާއާ އެކު މިގެއަށް އައިސް އުޅުނު ނޯކަރެއް. ހަބީބު ފެނިފަ ހޭބަލިވެގެން އިނީ. އެހާ ދަށުދަރަޖައިގެ ދެމީހުން މަގޭ ހަނާނު މަށަށް ފޮރުވީ. އަހަރެން މުޅި އުމުރަށްވެސް އެ ދެމަފިރިންނަށް ނަފުރަތު ކުރާނަން" ގިސާމަތު ވާހަކަދައްކަމުން ދިޔައެވެ.

މަންމަގެ ހަގީގަތް ލޯމަތިން ނިއުޅުވެން ފެށުމުން އަޖުވަދު ހުރީ ބަސް ހުއްޓިފައެވެ. ދެލޮލުން ކަރުނައަކަށް ފަހު ކަރުނައެއް ފައިބައިގެން ދިޔައީ ބައްޕައަށް މަންމަ އިހާނެތިވީ މިންވަރު މަންމަގެ ދުލުން ކިޔަމުން ދިޔުމުންނެވެ. މަންމަ އިންސާނުންގެ ތެރޭގައިވެސް ނުގުނޭނެއެވެ. އިންސާނެއްވިއްޔާ އިންސާނިއްޔަތުކަން ހުންނަންވާނެއެވެ.

"ދެން ކަލޭގެ ބަފާ... މަރުވުމާއެކު އަހަންނަށް އީދު އައި ކަހަލަ. މި ވިޔަފާރި. އެ މަގާމު.... މީހުންގެ އިތުބާރާއި ޔަގީންކަން. ނުފޫޒާ ބާރު ބޭނުންކޮށްގެން އަހަރެން އަމިއްލައަށް ކުރިއަށް ދިޔައީ. އޭރު ކަލޭ ކުޑަ. އަހަރެން ހުރިހާ ކަމެއް ކުރީ ކަލެއަށްޓަކައި. މިއަދު ތި އުޅެނީ ފާޑެއްގެ ހަބީބެއް ފެނިގެން. އެއީ ކަލެއަށް ހެޔޮއެދޭ މީހެއް ނޫން. ހެޔޮ އެދޭނަމަ ދުނިޔޭގައި އޮތް ކަލޭގެ ހަމައެކަނި ފުރާނަ ގޮވައިގެން ފިލައިގެން ރައްކާނުވީސް. އަދިވެސް އެއްޗެއް ވިސްނެން ނުވޭތަ؟ ކަލެއަށް އެންމެ ފައިދާ ބޮޑީ ކުރިންވެސް އުޅުނުހެން މިގޭތެރޭގަ އުޅުން. ތި ފާޑަށް އުޅެގެން އަހަރެން ކަލޭވެސް މިގެއިން ބޭރުކުރާނަން" ގިސާމަތު ވާހަކަދެއްކިއެވެ.

"އަހަރެން މިގެއިން ބޭރުކުރުމުގެ އެއްވެސް ހައްގެއް މަންމައަކަށް ނޯންނާނެ. މިގެއިން ދާންޖެހޭ މީހަކީ މަންމަ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވާން ބޭނުންނުވަންޏާ މަންމަ މިތަނުން ދޭ" އަޖުވަދުގެ އަޑު އައީ ކުރެހިގެންނެވެ.

"ހުއްޓާލާ..." ގިސާމަތު އަޖުވަދަށް އެންގިއެވެ.

އަޖުވަދަށް އިތުރަށް ކެތެއްނުވިއެވެ. އެތެރެހަށީގައި ކެކިއުތުރި އަރަމުން ދިޔަ ޖަޒުބާތުތަކާއެކު ހަތަރެސްފައިން ގޯހެއް ހެދި ދުލުގެ ނުބައި އާފާތެއް ޖެހިދާނެ ބިރު އޭނާ ހީވިއެވެ. ދެއަތް މުށްކަވާލައިގެން ހުރެ އޭނާ ކޮޓަރިން ނިކުތެވެ. އެވަގުތަށް ހިތްހަމަޖައްސާލައިގެން ހުރެއެވެ. މަންމައަށް ރައްދުދޭނެ ރަނގަޅު ވަގުތަކަށް އިންތިޒާރުކުރަމުންނެވެ. އަޖުވަދު ނިކުތްތަން ފެނުމުން ގިސާމަތަށް އުފަލެއް ލިބުނު ކަހަލައެވެ. އޭނާގެ ބަސްތަކުން އަޖުވަދުގެ ދުލުގައި ތަޅެއް އެޅުވިއްޖޭ އޭނާއަށް ހީވިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެނގިލާފަ ދެފައި ކުރިއަށް ދަމާލިއެވެ. ކުއިލްޓުން ދެފައިގެ ބައެއް ނިވާކޮށްލުމަށްފަހު ހެޑްބޯޑުގައި ބޯ ލައްކޮށްލިއެވެ. ދެން ދެލޯ މަރާލުމަށްފަހު އަތުފަންކާ އިން މޫނަށް ވިހެން ފެށިއެވެ.

****

ގޭޓުން އެތެރެއަށް ވަދެފައި ނިހާން ހުއްޓުނެވެ. ހުރެވުނީ ރޫޔާއާ ވަރަށް ގާތުގައޭ ހީވެފައި މުޅި މީހާ އެއްކޮށް ފިނިވިއެވެ. މަޑުމަޑުން އޭނާ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ގިސާމަތާ ދިމާވެ އޭނާ ނިކުންނަން ދޮރު ދައްކަފާނެކަމަށް އޭނާ ހުރީ ވިސްނައިގެންނެވެ. ކުއްލިއަކަށް އޭނާ ސިހުނީ ބަގީޗާ ގަސްތައް ކައިރީގައި ގަސްތަކަށް ފެންދޭން ހުރި އަންހެންކުއްޖާ ފެނިފައެވެ.

ނިހާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއީ ކާކުކަން އޭނާއަށް އެނގުނީ އެ ކުއްޖަކު އޭނާއަށް ބަލައިލުމުންނެވެ. ނަން ހަނދާން ނުވިޔަސް ފަޒިއްތަ އާއެކު އުޅޭ ތިން ކުދިންގެ ތެރެއިން ކުއްޖެއްކަން އޭނާ ހަނދާންވިއެވެ.

"ތި... ތިއީ ނިހާން ދޯ" ފެން ހޮޅި ދުރުގައި ބާއްވާފައި އައިސް އީނާ ހުއްޓުނީ ނިހާން ކުރިމަތީގައެވެ.

"ނިހާންކަން ޔަގީން" ނިހާން އެއްޗެއް ނުބުނަނީސް އަނެއްކާ އީނާ ވާހަކަދެއްކިއެވެ.

ނިހާން ހީލާފައި ބޯޖަހާލިއެވެ. ނަސީބަކުން ފުރަތަމަ ބައްދަލުވީ ރަނގަޅު ކުއްޖަކަށް ވީތީ ނިހާން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ރޫޔާގެ ވާހަކަ އަހަން އުޅެފައި ނިހާން ފަސްޖެހުނެވެ. ކުއްލިއަކަށް އީނާ ކައިރީގައި އެހެން ބުނަން އޭނާއަށް ނުކެރުނެވެ.

"ފަ... ފަޒިއްތަ އެބައުޅޭތަ؟" ނިހާން އެހިއެވެ.

އީނާ ހިނިތުންވެލިއެވެ. ނިހާން އެ އައީ ފަޒިއްތަ ހޯދަން ނޫންކަން ކަނޑައެޅިގެން އޭނާއަށް އެނގެއެވެ. ނިހާނަށް ބުނަން ނުކެރުނީއެވެ. އަނެއްކޮޅުން ނިހާން އައިސް ހުރިކަން ރޫޔާއަށް އެނގުނިއްޔާ އުފަލުން މޮޔަވާނެއެވެ. ރޫޔާ ކޮބާ ހެއްޔެވެ؟ ދެންމެ މިތާ އިންސްޓްގްރާމަށް ފޮޓޯ އަޅަން ހުއްޓެވެ.

"ފަޒިއްތަ ދޯ. ހިނގާ އެތެރެއަށް" އީނާ ބުންޏެވެ.

އީނާ ފަހަތުން ނިހާން ހިނގައިގަތެވެ. ގޭ އެކި ދިމާލަށް ބަލަމުންނެވެ. މައިދޮރު ހުރަސްކޮށް އެހެން ދިމާލަކަށް އީނާ ދާން ފެށުމުން ނިހާން ހައިރާންވިއެވެ.

"އެ ދޮރުން ވަދެގެން މިގޭ ސަންތި ކުރިމައްޗަށް އެރިދާނެ. އެހެންވެ އަނެއްކޮޅުން ވަންނަން މިދަނީ. އޭރުން ސީދާ ނުކުމެވޭނީ އަހަރެމެން ތިބޭ ތަނަށް" އީނާ ބުންޏެވެ.

ނިހާން އިށީންނަން ބޭރުގައި ހުރި ޖޯލިފަތި ދައްކާފައި އީނާ އެތެރެއަށް ވަނެވެ. އިރުކޮޅަކުން އައީ ފަޒީލާ ގޮވައިގެންނެވެ. ނިހާން ފެނުމާއެކު ފަޒީލާ ކޮލުދަތް ފެންނަވަރަށް ހީލިއެވެ. އަމިއްލަ ދަރިއެއް ފަދައިން ނިހާން ކައިރީގައި އިށީނދެފައި ނިހާންގެ އަތުގައި ފިރުމަން ފެށިއެވެ.

"ހާދަ އުފާވެއްޖޭ ފެނުނީމަ. އެކަމަކު... ހާދަ ހިކިފަ. ކޮންތާކު އުޅެއުޅެފަ ތިއައީ. ފަޒިއްތަ ހީކުރީ ދެން ދުވަހަކުވެސް ބައްދަލުނުވާނެކަމަށް" ފަޒީލާ ވާހަކަދެއްކިއެވެ.

ނިހާން ހީލާފައި އެއްޗެއް ނުބުނެ ކަޅި އެކި ދިމާލަށް އުކަން ފެށިއެވެ. އޭނާ އެންމެންނާވެސް ބައްދަލުކުރަން ބޭނުމެވެ. އެކަމަކު ފުރަތަމަ ރޫޔާއެވެ. ރޫޔާ ކޮބާ ހެއްޔެވެ؟ ދެރައީ އެކަކު ކައިރީގައިވެސް ރޫޔާގެ ވާހަކަ އަހަން ނުކެރުމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟