"އަދި ރަނގަޅަށް އިރުވެސް ނާރަނީސް ވަރަށް މުހިންމު ކަމެއްގައި ނޫނީ ދަރިފުޅު ނާންނާނެ. ބައްޕަ އަށް އެހާ ވަގުތެއްވެސް ނެތް. ޝައުން އެއާޕޯޓަށް ގެންދަންވެސް ޖެހޭ. އެކަމުވެސް ދާނީ ދަރިފުޅު ތިބުނާ ކަމެއް ކޮށްދީފަ" އަޖުވަދު ވާހަކަދެއްކިއެވެ. ރޫޔާ އައިސް އިށީނީ އަޖުވަދާ ޖެހިގެންނެވެ. އޭނާ އަޖުވަދުގެ ކޮނޑުގައި ބޯ އަޅާލާފައި އަޖުވަދުގެ އަތް މަތީގައި އަތް ބާއްވާލިއެވެ.
"ބައްޕަ... މެރީކުރަންވީނުން" ރޫޔާ ބުންޏެވެ.
އަޖުވަދަށް ހެވުނެވެ.
"ކާކު ބައްޕައާ އިންނާނީ" އަޖުވަދު ބުންޏެވެ.
"ބައްޕައާ މެރީކުރާނެ މީހުން ބައިވަރު ތިބޭނެއްނު. ބައްޕަ ނުވިސްނަންތަ؟ މުޅި ދިރިއުޅުން އެކަނިވެރިކަމުގައި ބޭކާރު ކުރަނީ ކީއްކުރަން. އެއަށްވުރެ މާ ރަނގަޅެއްނު ބައްޕައަށް އަޅާލާނެ އޯގާތެރިވާނެ ބައިވެރިއެއް ހޯދައިގެން އާޚިރަތަށްޓަކައި މަސައްކަތްކުރުން" ރޫޔާ ވާހަކަދެއްކިއެވެ.
ދަރިފުޅުގެ ވާހަކަތަކުން އުފަލުން އަޖުވަދުގެ ދެލޯ ފެންކަޅިވާ ގޮތް ވިއެވެ.
"ދަރިފުޅު ބައްޕަގެ ހަޔާތަށް އައުމުގެ ކުރިން ނުވިސްނަން. އެކަމަކު މިފަހުން މީހަކާ އިންނަން ވަރަށް ވިސްނަން. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އިންނާނަން" އަޖުވަދު ބުންޏެވެ.
"ކޮންމެވެސް ދުވަހަކުން ނޫން. ވަރަށް އަވަހަށް" ރޫޔާ ބުންޏެވެ.
"ދަރިފުޅު ބައްޕަ އިންނާނެ މީހަކު ހޯދައިދޭންވީނު" އަޖުވަދު ބުންޏެވެ.
"ހޯދައިފިން" ރޫޔާ ބުންޏެވެ.
"ކާކު؟" ހައިރާންވެފައި ރޫޔާގެ މޫނަށް އަޖުވަދު ބަލައިލިއެވެ.
****
ހެނދުނުގެ ނާޝްތާއަށް އަޖުވަދު އައި އިރު ގިސާމަތާއި ޝައުކަތު އިނީ މޭޒު ކައިރީގައެވެ. ބޮޑެތި މީހުންނާ ހެނދުނުގެ ސަލާން ކުރުމެއްނެތި އަޖުވަދު ސައިބޯން ފެށުމުން ގިސާމަތު ބަލައިލީ ޝައުކަތުގެ މޫނަށެވެ.
"އަދި އެންމެން ހަމައެއްވެސް ނުވެއެއްނު. ޝައުން އާއި ހަނާނު އަދި ނާދެއެއްނު" ގިސާމަތު ބުންޏެވެ.
"ރޫ ނާންނާނެ. ވަރަށް ފަތިހާ ހޭލައިގެން އުޅެފަ ދެންމެ އެ ނިދީ. ވަރަށް ހައިވެފަ މިއިނީ. މަންމަ އާއި ޝައުކަތު އަންކަލް ސައިބޮއެގެން ރެސްޓްކޮށްލާ" އަޖުވަދު ބުންޏެވެ.
"ރެސްޓް ކުރެވޭތަ؟ މިރޭ މިއީ ކިހާ ހާއްސަ ރެއެއް. ކޮބާ ޝައުން؟ ކައިވެންޏެއް ކުރަން އުޅޭއިރު އެކުއްޖާ ވެސް ތަންކޮޅެއް ޒިންމާދާރުވާންވެއްޖެ" ގިސާމަތު ބުންޏެވެ.
އަޖުވަދުގެ ހަރަކާތްތަކަށް ލަސްކަމެއް ވިއެވެ. ޝައުން ފުރައިފިކަން މަންމަ ކައިރީގައި ބުނަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގުނެވެ. ބިސްގަނޑު ކާން އިން އޫ ތަށި ތެރޭގައި ބާއްވާފައި މަންމައަށް އަޖުވަދު ބަލައިލިއެވެ. ދެން މަޑުމަޑުން މަންމަގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"މަންމާ، ޝައުން ފުރައިފި" އަޖުވަދު ބުންޏެވެ.
އިވުނު ގޮތް ކަމަށް ހީކޮށް ގިސާމަތު ދެލޯ ވަށްކޮށްލަމުން އަޖުވަދަށް ބަލައިލިއެވެ.
"އާނ މަންމާ. ޝައުންއަށް ވިސްނިއްޖެ އެއްފަރާތުން ވެވޭ ލޯތްބަކުން ދިރިއުޅުމެއް ނުލިބޭނެކަން. ޝައުންއަށް ވިސްނިއްޖެ އެކަކުގެ އުފާތަކުގައި އަލިފާން ޖަހައިގެން އޭނާގެ އަމިއްލަ ދިރިއުޅުން އާރާސްތު ނުކުރެވޭނެކަން. އެންމެ ބޮޑަށް ޝައުންއަށް ދަސްވީ އަމިއްލަ އެދުން އިސްކޮށްގެން ލޯތްބެއް ނުލިބޭނެކަން" އަޖުވަދު ވާހަކަދެއްކިއެވެ. މިހާރު ކޮންމެ ވާހަކައެއްވެސް ގިސާމަތު ކައިރީގައި ބުނާކަށް އޭނާ ފަހެއް ނުޖެހޭނެއެވެ.
"ކީކޭ ތި ކިޔަނީ؟" އަޖުވަދުގެ އަތް ދުރަށް ފޮޅުވާލަމުން ގިސާމަތު ބުންޏެވެ. އޭނާގެ ރުޅިގަނޑު މައިތިރިނުވެ މޭޒުމަތީގައި ހުރި ތަށިތައް އަތުން ބުރުވާލިއެވެ. ގިސާމަތުގެ ގައިގައި ރޫރު އަޅަމުން ދިޔައެވެ. ޝައުކަތު އޭނާގެ ގައިގައި ނުހިފެހެއްޓިނަމަ އެއަށްވުރެ ބޮޑު ގޯހެއްވެސް ހެދީހެވެ.
"ކަލޭ އަދި މަ ދުނިޔޭގަ ހުއްޓަ ވަޅުލާނެ. އަހަރެންގެ ހިޔާވަހި ކަމުގައި ހުރެ ކޮންފަދަ ބޮޑު ދެރައެއް. އަހަރެންގެ ފަސްފަހަތުގައި ހުރެ ކިހާ ބޮޑު އޮޅުވާލުމެއް. ޝައުން ފުރުވާލާފަ ހުންނާނީ ކަލޭ. މަގޭ މައުސޫމު އެދަރިފުޅުގެ ބޮލަށް އެރިފައި ހުންނާނީ ކަލޭ. ކަލޭގެ ހަޔާތްކުޑަކަން. އެކުއްޖާގެ ކައިވެންޏަށްޓަކައި މިހާ ބޮޑެތި ހަރަދުތައް ކޮށްފަ ކައިވެނިކޮށްދޭ މީހުންނަށް ވަގުތާ ތަނާ އަންގާފަ މެހެމާނުންނަށް ކާޑު ބަހާފަ ނުވީތާކަށް އަހަރެންގެ އުންމީދުތައް... ކަލޭ ވެއްޔާ މޮޑެލީ ތި. އަހަރެންގެ ހިތް ކަލެއަށް ދުވަހަކުވެސް ހެވެއްނުވާނެ" ގިސާމަތު ކިޔަމުން ދިޔައެވެ. ކަޅު ކުލައިގެ އަނދުނުން ފަވާލާފައިވާ އޭނާގެ ދެލޮލަށް ރުޅިއައިވަރުން ކަރުނަ ހިލިގެން ދިޔައެވެ.
"މަންމާ، މަންމާ. ހަމަޖެހިބަލަ" އަޖުވަދު ގިސާމަތު ކައިރިއަށް ދާން އެއް ފިޔަވަޅު އަޅާލިއެވެ.
އެ ހިނދު އެކަން މަނާކުރީ ޝައުކަތެވެ.
"އަޖުވަދު ކަންތައްތައް ތިކުރީ ރަނގަޅަކަށް ނޫން. ތިއަށް ކިޔަނީ އަމަޔަށް ހަރާންކޯރުވުން. ކަލޭގެ ލަދު ކޮބާ؟" ޝައުކަތު ވާހަކަދެއްކިއެވެ.
އަޖުވަދު ހިތްހަމަނުޖެހުނެވެ. ޝައުކަތަށް އޭނާއަށް ރަނގަޅު ގޮތް ބުނެދޭކަށް ނޭނގޭނެއެވެ. މަންމަގެ ފަހަތުގައި ހުރެ ނުބައި ކަންކަން ކުރަން އެންމެ ބޮޑަށް މަންމަ އަށް ބާރުއަޅަނީ ޝައުކަތެވެ. ޝައުކަތުގެ ކިބައިން މަންމަ ސަލާމަތްކުރުން މިވަގުތަށް އެންމެ މުހިންމު ކަމެވެ.
"ޝައުކަތު އަންކަލް ޕްލީޒް. އަޅުގަނޑަށް އަޅުގަނޑުގެ މަންމަގެ ހުރިހާ ކަމެއް ބެލެހެއްޓޭނެ. ޝައުކަތު އަންކަލް ދެން ދިޔަސް އެންމެ ރަނގަޅު" އަޖުވަދު ބުންޏެވެ.
"އަޖުވަދު..." ގިސާމަތުގެ އަޑު ބާރުވިއެވެ.
"ހަބަރުދާރު... ކަލޭ ތިއީ މީގެފަހުން މަގޭ ދަރިއެއް ނޫން" ގިސާމަތު ބުންޏެވެ.
އަޖުވަދު ހައިރާންވިއެވެ. ޝައުކަތު ހުރީ ގިސާމަތު އޭނާގެ މޭގައި ޖައްސާލައިގެންނެވެ. އެ މަންޒަރު އަޖުވަދަށް ވީ ގަބޫލުކުރަން ދަތި މަންޒަރަކަށެވެ. ގިސާމަތާއި ޝައުކަތާ ދެމެދު އޮތީ ކޮން ގުޅުމެއްތޯ ބަލަން އޭނާ ބޭނުންވިއެވެ.
"ޝައުކަތަކީ ދުރުހިލޭ މީހެއްނު. އެއީ މަގޭ ފިރިމީހާ" ގިސާމަތު ބުންޏެވެ.
އަޖުވަދަށް ހީވީ ނުފެންނަ އަތަކުން އޭނާގެ މޫނުމަތީގައި އެތިފަހަރަކުން ޖެހިހެންނެވެ. އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ގިސާމަތު ގޮވައިގެން ޝައުކަތު ހިނގައިގަތީ އެ ހައިރާންކަމުގައި އަޖުވަދު ހުއްޓައެވެ.
"އެބުނީ ތެދެއް. އެ ކައިވެންޏަށް އެތައް އަހަރެއްވެއްޖެ. މިއީ އަޖުވަދަށް ނޭނގޭ ބޮޑެތި ސިއްރުތައް. ކަމާލުބޭބެ ވެސް މަރުވެ ދިޔައީ ގުދުރަތީ މަރެއްގަ ކަމަކަށް ނުބެލެވޭ"
އަޑު އައި ދިމާލަށް އަޖުވަދު ބަލައިލިއެވެ. ކާ މޭޒު ކައިރީގައި ހުއްޓިގެން ހުރީ ފަޒީލާއެވެ. ހައިރާންކަމުގެ މައްޗަށް ހައިރާންކަމެވެ. އެ ހުރިހާ ކަމެއް ފަޒީލާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ މަރުވީ ގުދުރަތީ މަރަކުން ނޫނޭ އެ ބުނީ ދެން ބައްޕަ މަރުވީ ކިހިނެއް ހެއްޔެވެ؟ މަރާލީ ހެއްޔެވެ؟
****
މެންދުރު ކެއުން މޭޒުމަތީގައި އަތުރާލުމަށްފަހު ސޯފާގައި އިން ހަބީބަށް ހަންނާ ގޮވާލިއެވެ. ރިމޯޓް ކުޑަމޭޒުމަތީގައި ބާއްވާފައި ހަބީބް އައިސް މޭޒު ކައިރީގައި ހުއްޓުނެވެ. ކާން ތައްޔާރުކޮށްފައި ހުރުމުން ކާން އިށީންނަންވީކަން އޭނާއަށް އެނގުނެވެ.
"ކޮބާ ނިހާން؟" ހަބީބް އެހިއެވެ.
"ހަވީރު އެ އައިގޮތަށް ކޮޓަރިއަށް ވަނީ. އެފަހުން ހަބަރެއް ނުވޭ. މާގިނަ ވާހަކައެއްވެސް ނުދައްކާ. ގޮވާލަންވީނުން ކާން" ހަންނާ ބުންޏެވެ.
ހަބީބް މިސްރާބު ޖެހީ ނިހާން ހުންނަ ކޮޓަރިއަށެވެ. އޭނާ ދޮރު ކައިރީގައި ހުއްޓިފައި ޓަކި ޖަހާލިއެވެ. ނަސީބަކުން ވަރަށް އަވަހަށް ނިހާން ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި ހުރި ހަބީބް ފެނުމުން ނިހާން ހީލިއެވެ.
"ހިނގާ ކާން" ހަބީބް ބުންޏެވެ.
ނިހާން ބަނޑުހައެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. އެހެންނަމަވެސް ހަބީބަށް އިންކާރު ކުރަން އޭނާއަށް ނުކެރުނެވެ. އޭނާ ހަބީބް ފަހަތުން ހިނގައިގަތެވެ. ދެ މީހުން ގޮނޑީގައި އިށީނުމާ އެކު ހަންނާ ތަށި ކައިރިކޮށްދިނެވެ.
"ދުނިޔޭގައި އުޅޭއިރު ކަންކަމާ ދިމާވާނެ. ބޭބެ އާއި ނިހާނާ ކަންތައްތައް ދިމާވީ ދާދި އެއްކަހަލަ ގޮތަކަށް. ﷲ އިރާދަކުރެއްވީތީ ބޭބެވެސް މިހާރު މިހުރި އާއިލާ އާ އެކު. އަދި ނިހާންވެސް ތިހުރީ ސަލާމަތްވެގެން އާއިލާ ކައިރިއަށް އާދެވިފަ. އުމުރުން ދުވަސްވެފައި އެތިބަ މައިންބަފައިން ހާދަ އުންމީދެއް ކުރާނޭ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތި ސިފައިގައި ހުންނަ ތަން ބަލާކަށް އެމީހުން ބޭނުމެއްނުވާނެ. ނިކަން ތި ދުނިޔެއިން ނިކުމެބަލަ. އަލުން ލޯ ހުޅުވަބަލަ"
އުފަން ދަރިއަކަށް ދޭހެން ކުރިމަތީގައި އިން ނިހާނަށް ހަބީބް ވިސްނައިދެމުން ދިޔައެވެ. އެހެނީ ނިހާން އިނީ އޭނާގެ ލޮލަށްވެސް ބަލަން އެހާ ފަސޭހަ ސިފައެއްގައެއް ނޫނެވެ. އެތައް ދުވަހަކު ބަލި ތަންމަތީގައި އޮވެފައި ތެދުވެ އުޅޭ މީހެކޭ ނިހާނެކޭ އެއްވެސް ތަފާތެއް ނެތެވެ. ނިހާންގެ ދުލުން ބަސް ހުސްވެފައިވާ ކަހަލައެވެ.
"ރޫ... ރޫ އަށް ގުޅޭނެ ނަންބަރެއް" ނިހާން ބުންޏެވެ.
ހަންނާ އާއި ހަބީބް އެކަކު އަނެކަކަށް ބަލައިލާފައި ހީލިއެވެ.
"ރޫ އާއި ނިހާންގެ ލޯތްބަށް ހުރަހަކަށް ވާނެ އެއްވެސް ބާރެއް އެކަލާނގެ ނޫނީ ނުވޭ. ހިތްވަރުކުރޭ. ނިހާން ބޭނުމިއްޔާ މިހާރުވެސް ރޫ އާ ބައްދަލުކުރެވޭނެ. ފޯނުން ވާހަކަވެސް ދެއްކޭނެ" ހަންނާ ވާހަކަދެއްކިއެވެ.
"ބޭބެމެން ރޫއާ ދިމާވެއްޖެތަ؟ ރޫ ހުރީ ވަރަށް ރުޅި އައިސްފަތަ؟" ނިހާން އެހިއެވެ.
"ބޭބެ އަދި ލޮލުންވެސް ނުދެކެން. ބޭބެ ސަލާމަތްވެގެން މާލެ އައިކަމެއް ނޭނގޭނެ. ދައްތަ އާ ވާހަކަދައްކާއިރު ފޯނުން އެ މަންޖެގެ އަޑު އިވޭ" ހަބީބް ބުންޏެވެ.
ރަނގަޅަށް ކެވުނު ކަމެއްވެސް ނިހާނަށް ނޭނގުނެވެ. ރޫޔާ މިހާރު ގެންގުޅޭ ނަންބަރު ހަންނާ ދިނުމުން އޭނާ އަވަހަށް ވަނީ ކޮޓަރިއަށެވެ. ޗާޖަރަށް ޖަހާފައި އޮތް އޭނާގެ ފޯނު ހިފައިގެން އެނދަށް އެރިގޮތަށް އެ ނަންބަރަށް އޭނާ ގުޅިއެވެ. ކޮންމެ ރިންގަކާއެކު ނިހާންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އެންމެފަހުން ނިހާންގެ ހިތަށް ހަމަޖެހުމެއް ނުލިބި ފޯނު ކެނޑުނެވެ. ކެތްތެރިކަމެއްނެތި ދެވަނަ ފަހަރަށްވެސް އޭނާ ގުޅިއެވެ. ހިތް އަވަސްވީ ވަރުން ތެދުވެ އެނދުގައި އިށީނެވެ. މީހާއަށް ހަމަޖެހުމެއް ނުލިބިފައި ތެޅުވެމުން ދިޔަ ކަމެއްވެސް އޭނާއަށް ނޭނގުނެވެ. ކުއްލިއަކަށް ފޯނު ނަގާފައި އެކޮޅުން 'ހެލޯ' އޭ ބުނުމާއެކު ނިހާނަށް ހީވީ ހަށިގަނޑުގެ ލޭ ނާރުތަކުގައި ފިނިގަނޑެއް ހަރަކާތްތެރިވިހެންނެވެ. މީހާއަށް ޝޮކެއް ލިބި ދެއަތުން ފޯނުގައި ހިފަހައްޓާލިއެވެ. ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. އަޑު ބޭރު ނުވިޔަސް އޭނާގެ ހިތުން ރޫޔާއަށް ގޮވަމުން ދިޔައެވެ. އެތައް ފަހަރަކު ރޫޔާ 'ހެލޯ' އޭ ގޮވަމުން ދިޔަސް ނިހާނަށް ޖަވާބެއް ނުދެވުނެވެ. ރޫޔާގެ އެ އަޑަށް އޭނާ އިނީ ގެއްލި ހުސްވެފައެވެ. ބޭނުންވީ ގިނަ އިރު ވަންދެން އެ އަޑު އަހާށެވެ.
"ނިހާން..." އެންމެފަހުން ރޫޔާ ބުންޏެވެ.
****
އީނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ރޫޔާ އަތުން ފޯނު އަތުލާފައި ކަނޑާލިއެވެ. ކުއްލިއަކަށް ރޫޔާއަށް ވީގޮތެއްވެސް ނޭނގުނެވެ. 'ނިހާން' އޭ ބުނިގޮތަށް ރޫޔާ އިސްއޮބާލިއެވެ. އޭނާގެ އެސްފިތަކުގެ ތެރެއިން ކަރުނައެއް ފައިބާކަށް ގިނައިރެއް ނުނެގިއެވެ. ޑްރެސިންގޓޭބަލް ކައިރީގައި ހުރި އީނާ ގޮސް ރޫޔާ ކައިރީގައި އިށީނެވެ.
"ކިހިނެއް ތިވަނީ؟ ނުދަންނަ ނަންބަރަކުން ކޮންމެފަދަ މީހަކުވެސް ގުޅާފާނެ. މީހަކަށް އޮޅިންގެންވެސް ގުޅާފާނެ. އަނެއްކޮޅުން ސްކޭމް ކޯލެއްވެސް ލިބިދާނެ. މިތާ ގިނަވެގެން އުޅޭ ބިދޭސީންގެ މީހަކުވެސް ގުޅާފާނެ. އޭގެ މާނައެއް ނޫން ދޯ އެއީ އެއީ ނިހާނޭ" އީނާ ވާހަކަދެއްކިއެވެ.
"ނޭނގެ ވީގޮތެއް. ހަމަ ހިތަށް އެރީ ނިހާނޭ އެއީ. ވެދާނެއްނު މިހާރު ނިހާނަށް ވިސްނުނީ ކަމަށްވެސް. ވެދާނެއްނު އަހަންނަށް ގުޅާފަ ސޮރީ ބުނަން ބޭނުންވަނީ ކަމަށްވެސް. އަޅެ އަހަރެން ގުޅަންތަ އެ ނަންބަރަށް" ރޫޔާ ބުންޏެވެ.
"ތިބުނާހެން ވެދާނެ ނިހާނަށްވެސް. އެކަމަކު ޔަގީނެއް ނޫން. އެމީހަކު ނިހާނަށް ވިއްޔާ އަހަންނަށްވެސް ރަނގަޅީ" އީނާ ބުންޏެވެ.
ކުއްލިއަކަށް ރޫޔާ ހިމޭންވުމުން އީނާއަށް ކަމަކު ނުދިޔައެވެ. އެ ކޯލު ރޫޔާއަށް އައުމުގެ ކުރިން ނުލާހިކު މަޖާކޮށް ވާހަކަދެއްކިއެވެ. މިހާރު މީހާއެކޭ މަރުވެފައި އިން މީހެކޭ އެއްގޮތެވެ.
"އޯކޭ. އެއީ ނިހާނަށް ވިއްޔާ އެގޮތަކަށް ނޫން ކަންތައް ކުރާނީކީ. ހަގީގަތުގައިވެސް ރޫ ދެކެ ނިހާން ލޯބިވަންޏާ، ސޮރީ ބުނަން ބޭނުންވިއްޔާ އެގޮތަށް ގުޅާފަ ވާހަކަ ނުދައްކާ ފިނޑިވެގެން ހުންނާނީކީ ނޫން. ނިހާނަކީ ފިރިހެނެއް. ކީއްވެ ރޫ ހޯދަން ރޫ ހުރި ހިސާބަކަށް ނާދެވެންވީ. ހިނގާ ބަލަމާ. އެއީ ނިހާނަށް ވިއްޔާ ކުރިއަށް މިއޮތް ސައުވީސް ގަޑިއިރު ތެރޭގަ ރޫ ހޯދަން ނިހާން މިގެއަށް އަންނާނެ" އީނާ ބުންޏެވެ.
ރޫޔާ ދެރަވެފައި އިނުމުން އީނާ ކަމަކު ނުދިޔައެވެ.
"އަހަރެން ދުއާކޮށްދޭނަން ތި ދެ މީހުން ދިމާވޭތޯ" އީނާ ބުންޏެވެ.
****
ފަޒީލާ ވަނުމާ އެކު އަޖުވަދު މަޑުމަޑުން ހިނގާލާފައި ގޮސް ދޮރު ލައްޕާލިއެވެ. ފަޒީލާ ކަންބޮޑުވިއެވެ. މި ނޫނީ އޭނާ އަޖުވަދާ އެކު އެއްތަނެއްގައި ބަންދުވެގެން ނުހުރެއެވެ. އެންމެ އުނދަގޫވީ ފަޒީލާއާ ދާދި ގާތުގައި އަޖުވަދު ހުއްޓުމުންނެވެ.
"އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން މި އުޅެނީ" އަޖުވަދު ބުންޏެވެ.
ފަޒީލާ ބޯޖަހާލިއެވެ. ހަތަރުކަޅި ހަމަކޮށް އަޖުވަދަށް ބަލައިލާކަށް ނުކެރުނެވެ. އެއީ އޭނާގެ ބޮޑު މީހާއަށް ވީތީ އޭނާއަށް ލަދުވެތިކަމެއް އިހުސާސްވަމުން ދިޔައެވެ.
"ހާސްނުވޭ. އަހަރެން މި އުޅެނީ ދެންމެ ފަޒީލާ ބުނި އެއްޗަކާ ގުޅުވައިގެން ވާހަކަދައްކާކަށް ނޫން. އެ ވާހަކަތައް ފަޒީލާ ބުނަން ޖެހުނު ސަބަބެއް އޮޅުންފިލުވަން އަހަރެން ބޭނުން. އެކަމަކު މިހާރު ދައްކަން މިއުޅޭ ވާހަކަ މާ މުހިންމު" އަޖުވަދު ބުންޏެވެ.
އިސްއޮބާލައިގެން ހުރި ފަޒީލާގެ ދެލޮލުގެ ކަޅި ހުއްޓުމެއްނެތި ދެކޮޅަށް ދަތުރުކުރަމުން ދިޔައެވެ. އަޖުވަދު އޭނާ ކައިރީގައި ބުނަން އުޅޭ ބޮޑު ވާހަކައަކީ ކޮބައިކަމެއް އޭނާގެ ވިސްނުމަކަށް ވެސް ނާދެއެވެ.
"މިހެން އެކަނިވެރިކަމުގައި ހުރެ ދިރިއުޅުން ބޭކާރުކޮށްލަން ނުވާނެކަން އަހަންނަށް ރޫޔާ ވިސްނައިދީފި. އެ ދަރި ބޭނުންވަނީ އަހަރެން މީހަކާ ކައިވެނިކުރަން. އަދި އެއީ ފަޒީލާ ކަމަށް ރޫޔާ ބުނި" އަޖުވަދު ވާހަކަދެއްކިއެވެ.
ވަގުތުން ފަޒީލާ އަނެއްފަރާތަށް އެނބުރުނެވެ. ކޮންފަދަ ބޮޑު ލަދެއް ހެއްޔެވެ؟ ރޫޔާ އެހާ މައުސޫމު ކުއްޖެއް އެދެއްކި ވާހަކައެއް ނިކަން ބަލާށެވެ. ފަޒީލާއަށް ވީގޮތް ފެނި އަޖުވަދު ކަންބޮޑުވިއެވެ. އެފަދަ ވާހަކައެއް ފަޒީލާ ކައިރީގައި ބުނެވުނީ ގޯސްކޮށްބާއޭ ހިތަށް އެރިއެވެ.
"ރޫޔާ އެ ވާހަކަދެއްކީމަ އަހަރެން ވަރަށް ވިސްނިން. އަހަރެންގެ ހިތާ ސިކުނޑި ގޮތް ނިންމަން ވަރަށް ގިނައިރު ނެގި. އަހަންނަށްވެސް އިހުސާސްވޭ އަހަރެން ކައިވެނިކުރަން ބޭނުންވާ މީހަކީ ފަޒީލާ ކަން" އަޖުވަދު ވާހަކަދެއްކިއެވެ.
ފަޒީލާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އެ ކައިވެންޏަށް އޭނާއަށް އެއްބަހެއް ނުވެވެއެވެ. އޭނާގެ ހިތާއި ސިކުނޑި ދުވަހަކުވެސް އެކަމަށް އާބަހެއް ނުބުނާނެއެވެ.
"ނޫން. ތިއީ ރަނގަޅު ނިންމުމެއް ނޫން. އަލުން ވިސްނަން އަޅުގަނޑަށް ފެންނަނީ" ފަޒީލާ ބުންޏެވެ.
"މި ވިސްނުން ދެން ބަދަލެއް ނުވާނެ. ފަޒީލާއަށް މަޖުބޫރެއް ނޫން" އަޖުވަދު ބުންޏެވެ.
"ހެޔޮނުވާނެ. އަޅުގަނޑާ މެދު ހަމްދަރުދީވޭ. އަޅުގަނޑަކީ ވަރަށް ބޮޑު ނިކަމެއްޗެއް. އުފަން ދަރިއެއް، އެއްބަނޑު މީހެއް ގާތްތިމާގެ އެކަކުވެސް މި ދުނިޔޭގައި ނެތް. އަޅުގަނޑަކި އަޖުވަދުގެ ނޯކަރެއް. މި މަގާމުގަ އަޅުގަނޑު ހުއްޓަދީ. އަޅުގަނޑު މިކަން ކުރަނީ އުފަލުން. މިގޭ ހަތަރުފާރުން އެތެރޭގައި މިގޭގަ ކައްކާ އެއްޗެހި ކައިގެން މިގޭ ފުރާޅު ދަށުގަ އަޅުގަނޑު ހުންނަނީ. ތިފަދަ ވިސްނުމެއް އަޖުވަދު ގެންގުޅުނީތީވެސް ތިކަމުގެ އަދަބު ލިބޭނީ އަޅުގަނޑަށް. ގިސާމަތު އަޅުގަނޑު ދިރިހުއްޓާ ވަޅުލާނެ.... އަޅުގަނޑަށް މާފުކުރޭ..." ފަޒީލާއަށް ރޮވިއްޖެއެވެ. އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ފަޒީލާގެ އެ ވާހަކަތައް ގަބޫލުކޮށްގެން އަޖުވަދު ހުއްޓެވެ. އެހެނީ ފަޒީލާގެ މައްޗަށް އެއްވެސް މަޖުބޫރެއް ނެތެވެ. ފަޒީލާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ނިންމާނީ ފަޒީލާއެވެ. ފަޒީލާ އެ ދިޔައީ އޭނާއަށް ޖަވާބުދީފައެވެ. ފަޒީލާގެ އެ ނިންމުމަށް އޭނާ އިހުތިރާމު ކުރާނެއެވެ.
ފަޒީލާ ދޮރު ހުޅުވާލި އިރު ރޫޔާ ހުރީ ކުރިމަތީގައެވެ. ފަޒީލާގެ ރޮވިފައިވާ މޫނާއި ކަންބޮޑުވެފައިވާ އަޖުވަދުގެ މޫނު ފެނުމުން ރޫޔާއަށް ވިސްނުނެވެ. ރޫޔާ ފަޒީލާ ހުއްޓުވިއެވެ. ފަޒީލާގެ އަތުގައި ހިފައިގެން އަލުން އޭނާ ކޮޓަރިއަށް ވަނެވެ.
"ފަޒިއްތާ. އަޅުގަނޑުގެ ބައްޕައަށް އިތުބާރުކުރޭ" ރޫޔާ ބުންޏެވެ.
ފަޒީލާ އިސްޖަހާލައިގެން ހުއްޓެވެ. އެއީ އޭނާއަށް ގަބޫލުކުރަން ފަސޭހަ ހުށަހެޅުމެއް ނޫނެވެ.
"އަދި އެންމެ އެއްޗެއް ބުނެލާނަން" އަޖުވަދު ބުންޏެވެ.
"އަހަރެން ހީކުރީ ދިރިއުޅުމަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ފަޒީލާ ފަދަ ހުލްގު ހެޔޮ އަންހެނަކާ ކައިވެނިކުރަން އަހަރެން ބޭނުންވުމަކީވެސް އަހަންނަށް ކުރެވުނު ހެޔޮކަމެއްގެ ގޮތުގަ. އަހަރެން ވައުދުވަން. ފަޒީލާ އާއި ފަޒީލާގެ ބެލުމުގެ ދަށުގަ ތިބި ކުދިންނާ އަހަރެން ޒިންމާވެއްޖައިން. އެއީ އަހަރެންގެ ދަރިން ކަމުގަ ދެކޭނަން. މިކަން ސާބިތުކޮށްދޭން އަހަންނަށް ފުރުސަތުދީ" އަޖުވަދު ވާހަކަދެއްކިއެވެ.
"އަޅުގަނޑު... އަޅުގަނޑު ބޭނުމެއް ނޫން... ބިންމަތީގައި ހުރެގެން އުޑުގައި ހުރި ތަރިތަކުގަ އަޅުގަނޑު ކިހިނެއް އަތްލާނީ... ހެޔޮނުވާނެ. ތިފަދަ ވާހަކަތައް ނުދައްކާ" އަދިވެސް ފަޒީލާއަށް އެއްބަހެއް ނުވެވެއެވެ.
"ދެން އެންމެ ރަނގަޅު. ފަޒީލާ މިކަމާ ވިސްނާނެ ކަމަށް އަހަރެން އުންމީދު ކުރަން" އަޖުވަދު ބުންޏެވެ.
އިތުރު ބަހެއް ނުކިޔައި ބާރު ހިނގުމުގައި ފަޒީލާ ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ރޫޔާ ބަލައިލީ އަޖުވަދަށެވެ. އަޖުވަދު ވެސް ހުރީ ކަންބޮޑުވެފައެވެ.
"ފަޒިއްތަ އެއްބަސްވާނެ. ފަޒިއްތައަށް ވަގުތުދީ" ރޫޔާ ބުންޏެވެ.
އަޖުވަދު ބޯޖަހާލިއެވެ.
(ނުނިމޭ)