"ފަޒިއްތަ ދުވަހަކުވެސް މީހަކާ ނީނދޭތަ؟" ރޫޔާ އެހިއެވެ.
"ހިއެއް ނުވޭ. އަމިއްލަ ދިރިއުޅުމާ މެދު ފަޒިއްތައަށް ވިސްނާލެވޭނީވެސް އެ ގިސާމަތުގެ އުނދަގުލުން ސަލާމަތްވެގެނެއްނު" އީނާ ބުންޏެވެ.
"ފަޒިއްތައަށް ވެސް އުފާވެރިކަން ލިބެންޖެހޭ. އެ އުފާވެރިކަން ފަޒިއްތައަށް ހޯދައިދޭނީ އަހަރެން" ރޫޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
****
ބޭރުގައި ހިއްކަން އަޅުވާފައި ހުރި އަންނައުނުތައް ހިފައިގެން އައިސް ހަންނާ ކޮޓަރިއަށް ވަންއިރު ހަބީބް އެނދުގައި އިނެވެ. އަތުގައި އޮތް ދުވަސްވީ އަލްބަމެއް ބަލަން އޭނާ އުއުމުން ހަންނާ ހީލިއެވެ. އަލްބަމުގައި ހުރި ރޫޔާގެ ކުޑައިރުގެ ފޮޓޯތައް ބަލަން އެހެން ކިތަންމެ އިރަކުވެސް އޭނާ އިނދެދާނެއެވެ. ގެނައި އަންނައުނުތައް ފަތްޖަހާފައި އަލަމާރިއަށް ލާފައި ހަބީބް ކައިރީގައި ހަންނާ އިށީނެވެ.
"ތި ނިމުނީތަ؟" ހަބީބް އަހާލިއެވެ.
"އާނ. މި ނިމުނީ. ދެން ފެންވަރައިގެން ނިދަންވީ" ހަންނާ ބުންޏެވެ.
"މިއަދު ދާއޫދޫގެ ފޯނު ކޯލެއް ލިބުނު" އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ހަބީބް ބުންޏެވެ.
"ހާދަ ދުވަހެއްފަހުން. ކަމެއްވީތަ އަނެއްކާ. ނިހާންގެ ހަބަރެއްވިތަ؟ އެކަހަލަ ވާހަކައެއް ބުނިތަ؟' ހަންނާ ހުރިހާ ސުވާލެއް އެއްފަހަރާ އަހާލިއެވެ.
"އަޑުއަހާބަލަ އަނބި ކަމަނާ" ހީލަމުން ހަބީބް ބުންޏެވެ.
"ނިހާން އަތުވެއްޖެ. ދާއުދޫ ބުނި ނިހާން ވަރަށް ހިތާމަކުރާ ވާހަކަ. އަބަދު ރޫޔާގެ ވާހަކަދައްކާ ވާހަކަ. ނިހާން ބޭނުންވެޔޯ ރޫޔާ ހޯދަން" ހަބީބް ވާހަކަދެއްކިއެވެ.
"އަލްހަމްދުލިއްލާހް. މި ހުރިހާ ދުވަހު ކޮންތާކު އުޅުނީ. ކަމެއްނުވާނަމަ އެގޮތަށް ރޫޔާއަށް ހަބަރެއްނުވެ ނުހުންނާނެ" ހަންނާ ބުންޏެވެ.
"ރޫ އާއެކު ކިޔެވިއެއްނު ޝާނާ ކިޔާ މަންޖެއެއް....." ނިހާނާ ދިމާވި ކަންތައްތައް ހަބީބް ހަންނާއަށް ކިޔައިދިނެވެ. އަދި މިހާރު ނިހާން މާލެ އަންނަން ބޭނުންވާ ވާހަކަ އާއި ރޫޔާއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުންޏެވެ.
"ހީވޭތަ ރޫ އެ ސޮރަށް މައާފުކޮށްފާނެހެން" ހަބީބް ބުންޏެވެ.
"އަހަންނަށް ހަމަ ޔަގީން. ދާއޫދު ކައިރީގަ އަވަހަށް ބުނޭ ނިހާން ފޮނުވާށޭ. މިގޭގަ ހުރެވޭނެއްނު" ހަންނާ ބުންޏެވެ.
****
ހެނދުނު ހޭލައިގެން ރޫޔާ ތިރިއަށް ފޭބިއިރު ހުރިހާ މީހުން މޭޒު ކައިރީގައި ތިއްބެވެ. ރޫޔާ ގޮނޑީގައި އިށީނެވެ. ޝައުކަތާއި ގިސާމަތުގެ ނަޒަރުން ސަލާމަތްވުމަށް އޭނާ އިނީ އަވަހަށް އެތަނުން ދާން ބޭނުންވެފައެވެ.
"މާމަ މި ހިތަށް އަރަނީ މިއަދު ހާދަ ލަހުން ދަރިފުޅު ހޭލި ދުވަހެކޭ. އަނެއްކާ ރޭގަ މާގިނައިރު ހޭލާ އުޅުނީތަ؟" ގިސާމަތު ވާހަކަދެއްކީ ލޯބިންނެވެ.
"ބައްޕާ، އަޅުގަނޑު ސައިބޯން މިދަނީ ފަޒިއްތަ ކައިރިއަށް. ފަޒިއްތަވެސް ކުޑަކޮށް ބަލިކޮށް އުޅޭތީ" ގިސާމަތުގެ ވާހަކައަށް ރޫޔާ ޖަވާބެއް ނުދިނެވެ. ވީ ދެރައިންނާއި އައި ރުޅިން ގިސާމަތު ބަލައިލީ ކައިރީގައި އިން ޝައުކަތަށެވެ. ލިބުނު ފޯނު ކޯލަކަށް ފަހު އަދިވެސް ޝައުކަތު އިނީ ހަމައިގައެއް ނޫނެވެ.
"އެއީ އަހަރެން ބުނާ ވާހަކައަކީ. ކައިވެންޏަށް ރަން ކިޔާފަ އޮތްއިރު ޝައުންއަށް ވެސް މިހާރު ކޮންމެވެސް ވަރެއްގެ ބާރެއް އެ މަންޖެގެ މައްޗަށް އޮންނާނެ. ކީއްވެ އެއްޗެއް ނުބުނެ އިންނަނީ. މިހާރަކަށް އައިސް އަބަދު ވަދެ އެ އޮންނަނީ ނޯކަރުން ކައިރީގަ. މާދަމާ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އޮންނާނީ ވަދެފަ" ގިސާމަތު ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.
"މަންމާ، އެ މަންޖެ އެ ބުނީނު ފަޒީލާ އުޅެނީ ބަލިވެއޭ. އެތަނަށް ދިއުމަކީ އެހާވަރުގެ ކަމެއްތަ؟" އަޖުވަދު ބުންޏެވެ.
"އަހަރެން ވާހަކަ މި ދެއްކީ އަޖުވަދަކާ ނޫނެއްނު" ގިސާމަތު ބުންޏެވެ.
ގިސާމަތު ރުޅި އައިސްގެން އަޑުގަދަކޮށްފާނެތީ ޝައުކަތު ހަތިޔާރު ބެހެއްޓިއެވެ. އަޖުވަދަށް ޝައުކަތު ބަލައިލިއެވެ.
"މަންމައާ ކޮންމެ ފަހަރަކު ދެކޮޅަށް ވާހަކަދެއްކުމަކީ ރީތިގޮތެއް ނޫން" ޝައުކަތު ބުންޏެވެ.
"އަހަރެން މަސައްކަތް މި ކުރަނީ މަންމައަށް ރީތި ގޮތް ވިސްނައިދެވޭތޯ. ރީތިގޮތަކީ މަންމަ ކުރާ ހުރިހާ ނުބައި ކަމެއްގަ އެހީވުންތަ؟ މަރުވަންދެން އުޅެންވީ އެހެންތަ؟" އަޖުވަދު ބުންޏެވެ. އަޖުވަދު ތެދުވެގެން ހިނގައިގަތެވެ. ޝައުކަތު އިނީ ހައިރާންވެފައެވެ. މީގެކުރިން އޭނައާ އެ މޭރުމުން އަޖުވަދު ވާހަކަދައްކައިފައެއް ނެތެވެ.
"ޝައުންވެސް ސައިނުބޮއެ ދަނީތަ؟" ޝައުން ތެދުވެގެން ހިނގައިގަތުމުން ގިސާމަތު އެހިއެވެ.
"މިތަނުގަ މީހަކަށް ހަމަޖެހިގެން އިނދެ ސައިބޮވޭ ވަރެއް ނޫނެއްނު މާމާ" ޝައުން ބުންޏެވެ.
ބުނެވުނު އެއްޗަކާ ބުނެވުނު ގޮތަކާ މެދު އޭނައަށް ވިސްނާލެވުނީ ހިނގައިގަތް ފަހުންނެވެ. އެގޮތަށް މާމައާ މުހާތަބުކުރީ ހަމަ އޭނާ ބާއޭ ހިތާ ސުވާލުކޮށްލިއެވެ. ދެވަނަ ފަހަރަށް މާމަ ގޮވާލާފާނެ ކަމަށް އޭނާ ހިނގުން ބާރުކޮށްލިއެވެ. އޭނާއަށް މި ދެވެނީ ފަޒީލާ އުޅޭ ބަޔާ ދިމާލަށްކަން ނޭނގޭ ހާލު ކުރިއަށް ދިޔައެވެ.
"ޝައުކަތު އަހަރެން މިތަނުން ގެންދޭ. މިތާ މިހާރު އަހަރެން މީ އެއްވެސް މީހެއް ނޫން. ކުއްލިއަކަށް މިއައި ބަދަލެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ. ހަނާނު ނުގެނެވުނުނަމަ ކިހާ ރަނގަޅުވީސް" ގިސާމަތުގެ އަޑުގައި ރިހުމެއް ވިއެވެ.
ޝައުކަތު އިނީ ފިކުރެއްގައެވެ. މިވާގޮތެއް ގިސާމަތަށް ނުވިސްނުނަސް އޭނާގެ ހަވަނަ ހިއްސު އޭނާއަށް ކަމެއް އަންގައިދޭން މަސައްކަތް އެބަކުރެއެވެ. ޖެހެމުންދާ ވައިރޯޅިން ހޫނެއްގެ އިހުސާސް އޭނާގެ ހަށިގަނޑަށް ވާން ފަށައިފިއެވެ. މި ވެގެން އުޅޭ ގޮތެއް ސާފުނުކޮށް ދެން ހުރެގެން ނުވާނެއެވެ. ކުއްލިއަކަށް އޮފީހުން އިއްޒުއްދީން ވަކިވުމާއި އޭނާގެ އެކައުންޓުގައި ހުރި ފައިސާތައް ޔަތީމުހާނާއަކަށް ހަދިޔާ ކުރުމާ މިއީ މިއަދު އިރުއެރިތަނާ ޝައުކަތަށް ލިބުނު ފޯނު ކޯލަކުން ލިބުނު ހަބަރުތަކެވެ. ވަގުތުން އޭނާ އިއްޒުއްދީންގެ ނަންބަރަށް ގުޅިއެވެ. އެ ފޯނަށް ނުގުޅެއެވެ. ގެޔަށް ފޯނު ކުރުމުން ފޯނަށް ޖަވާބުދިނީ އޭނާގެ ނޯކަރެކެވެ. އޭނާއަށް ލިބުނީ ނުބައި ހަބަރެކެވެ. ގެއަށް އައިގޮތަށް މެހެރީން ގޮވައިގެން އިއްޒުއްދީން ކޮންމެވެސް ތަނަކަށް ދިޔަ ވާހަކަ ބުންޏެވެ. ފަހުން ގެއަށް ނާންނަ ވާހަކަވެސް ބުންޏެވެ. އިއްޒުއްދީނަށް ދީފައިވާ ދެ ކާރުވެސް ގަރާޖުގައި އޮތް ވާހަކަ ބުންޏެވެ. އެއްވެސް އަންނައުނެއްވެސް ނުގެންދާ ވާހަކަ ބުންޏެވެ. އަނެއްކޮޅުން މެހެރީން ވެސް އޭނާގެ ފޯނަށް ޖަވާބު ނުދެއެވެ.
"ކޮން ވިސްނުމެއްގަ ތި އިންނަނީ؟" ޝައުކަތުގެ އަތްމަތީގައި އަތް ބާއްވާލަމުން ގިސާމަތު އަހާލިއެވެ.
"އެކޮޅަށް ފުރަންވީ ކަންނޭނގެ" ޝައުކަތު ބުންޏެވެ.
"ހަގު އަނބި މަތިން ހަނދާންވަނީތަ؟ ބަލަ އެއީ ނަމެއްގަ އިން އަންބެއްކަން ހަނދާންނެތުނީތަ؟" ގިސާމަތު ހިތްހަމަނުޖެހުނެވެ.
ޝައުކަތު ގިސާމަތަށް ބަލައިލާފައި އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. މިއިން އެއްވެސް ކަމެއް އަދި ގިސާމަތަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.
****
ފަޒީލާގެ ފައިކޮޅުގައި އިށީނދެގެން ރޫޔާ އިނެވެ. އިރުކޮޅަކާ ފަޒީލާގެ ފައި މޮޑެލާނެއެވެ. ރޫޔާ އުޅޭގޮތުން ފަޒީލާ އިނީ ހީލަހީލައެވެ.
"މަންމަވެސް ވަރަށް ވަގުވެއްޖެ. ވަރަށް މަދުން ގުޅަނީ" ރޫޔާ ބުންޏެވެ.
ފަޒީލާއަށް ހެވުނެވެ.
"ފަޒިއްތައަށް މަންމަ ގުޅިތަ؟" ރޫޔާ އެހިއެވެ. ފަޒީލާ ދެފަރާތަށް ބޯހޫރާލިއެވެ.
"ފަޒިއްތާ! ކޮންއިރަކުން އެ ހެދުން ދޮންނާނީ. ހިތްހަމަނުޖެހޭ ކައިވެންޏެއް ވިޔަސް އަޅުގަނޑު ބޭނުން ވަރަށް ރީތިވާން. އޭރުން ދޯ އެކަނި ޕްރިންސަސްއެއްހެން ފޮޓޯ ނެގޭނީ. ފޮޓޯތައް މަންމައަށް ވެސް ފޮނުވަންވާނެއްނު" ރޫޔާ ވާހަކަދެއްކިއެވެ.
"ކާކު ބުނީ ރޫ އެ ހެދުން ލާނީ މާދަމާ ރޭގައޭ" ފަޒީލާ ބުންޏެވެ.
ރޫޔާ ހައިރާންވިއެވެ. ކައިވެންޏަށް ހާއްސަކޮށް މަންމަ ފޮނުވި ހެދުމެއް ލާނީ ކައިވެނިކުރާ ދުވަހު ނޫން ދެން ކޮން ދުވަހަކު ހެއްޔެވެ؟
"ވަޓް...؟ ފަޒިއްތަ ތިބުނީ މާދަމާ ރޭ އަޅުގަނޑު ލާނީ މަންމަ ފޮނުވި ހެދުމެއް ނޫނޭތަ؟" ރޫޔާ އަހާލިއެވެ.
"ނޫނޭ. ކައިވެނީގެ ހެދުމާ ބޭނުންކުރާނެ އެހެނިހެން ސާމާނަކީ ރޫގެ ކައިވެންޏަށް ހާއްސަކޮށް ރޫގެ މަންމަމެން ފޮނުވި އެއްޗެހި" ފަޒީލާ ބުންޏެވެ.
"މަންމަމެން..." ރޫޔާ ކިޔާލިއެވެ. އަނެއް ސުވާލު ފަޒީލާއަށް އަމާޒުކޮށްލަން އުޅުނު ވަގުތު ދޮރު ކައިރިން މީހަކު ކަރުކެހިލައިފިއެވެ. ރޫޔާ ފަހަތަށް އެނބުރި ބަލައިލިއެވެ. ޝައުން ހުރީ އެތެރެއަށް ނުވަދެއެވެ.
"ޝައުން... ކިހިނެއްވެފަ ތި ހުންނަނީ. އަވަހަށް އާދޭ އެތެރެއަށް" ފަޒީލާ ބުންޏެވެ.
ޝައުން ވަދެގެން އައިސް ފަޒީލާގެ އަނެއްފަރާތުން ހުއްޓުނެވެ. ޝައުން އިށީންނަން ފަޒީލާ ޖާގަ ދެއްކިއެވެ.
"ކޮފީ ބޮވައިގަތީތަ؟" ފަޒީލާ އެހިއެވެ.
"ނޫން. ފަޒިއްތަ ބަލިކޮށް އުޅޭ ވާހަކަ ބުނީމަ" ޝައުން ބުންޏެވެ.
"އަނެއްހެން ބައްޔެއް ނޫން. އުނަގަނޑަށް ފާޑެއްގެ ތަދެއް އަރައިގެން" ފަޒީލާ ބުންޏެވެ.
"ފަޒިއްތާ! އަޅުގަނޑު މިދަނީ" ރޫޔާ ދާން ތެދުވިއެވެ. އޭނާ މަޑުޖެހުނީ ޝައުން ގޮވާލުމުންނެވެ.
"އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އެބައޮތް" ޝައުން ބުންޏެވެ.
ރޫޔާއަށް ބަލައިލެވުނީ ފަޒީލާއަށެވެ. އެ ހިނދު ފަޒީލާ އިޝާރާތުން އިށީނދެލަން ރޫޔާ ކައިރީގައި ބުންޏެވެ.
"ފަޒިއްތަ އަންނާނަން" ދެކުދިންނަށް ވާހަކަދައްކަން ފުރުސަތު ދީފައި ފަޒީލާ ދާން އުޅުމުން ޝައުން އާއި ރޫޔާ އެއްކޮށް ފަޒީލާ ހިފެހެއްޓިއެވެ.
"މިހާތަނަށްވެސް އަހަންނަށް މާ ރަނގަޅު ކަންކަން ކުރެވިފަ ނެތް. އެކަމަކު ރަނގަޅު ކަންކަން ކުރެވޭތޯ މިހާރު މަސައްކަތް އެބަކުރަން. ރޫޔާ! ވަރަށް ބޮޑަށް ސޮރީ. އަހަންނަށް ކުރެވުނު ހުރިހާ ކަމަކަށް. އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް" ޝައުން ބުންޏެވެ.
ހައިރާންކަމާއެކު ރޫޔާއަށް ޝައުންއަށް ބަލައިލެވުނެވެ. ފަޒީލާއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
"އަހަރެން ހިތްހަމަޖެހުން ބޭނުންވަނީ ރޫގެ އުފާތައް ގެއްލުވާލައިގެނެއް ނޫން. އަހަރެން ބޭނުންވަނީ ރޫ އުފަލުގަ ހުންނަން. ރޫގެ ބޯއީ ހޯދަންވީނުން. ހެލްޕުވާން އަހަރެން ވަރަށް ހުންނަ ހިތްވޭ. އެކަމަކު... ހުރެވޭކަށް ނެތް. މާދަމާ އިރާދަކުރެއްވިއްޔާ އަހަރެން ފުރާނަން. މިދަނީ އަހަރެންގެ މަންމައަށް ނުލިބުނު މަގާމު އަހަރެން ހޯދަން" ޝައުން ވާހަކަދެއްކިއެވެ.
ރޫޔާއަށް މިވާގޮތެއް އަދި ނުވިސްނުނެވެ. ކުއްލިއަކަށް އިންސާނަކަށް އެހާބޮޑު ބަދަލެއް އައިސްދާނެ ހެއްޔެވެ؟ ރޫޔާއަށް ގަބޫލެއް ނުކުރެވެއެވެ.
"ޝައުން، ދަރިފުޅު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟" އެންމެފަހުން ފަޒީލާ އެހިއެވެ.
"މިއީ ހަމަ ރަނގަޅު ވާހަކައެއް. މާމަ އަކީ ރަނގަޅު މީހެއް ނޫން. އަޅުގަނޑަށް ވިސްނައިދިނީ ބޮޑުބޭބެ. ހީވަނީ މިގޭތެރޭގަ ވަރަށް ބޮޑު ކަމެއް ވާން އުޅޭހެން. މާމައަށް ނޭނގޭނެ އަދި މިކަމެއް. މާމައަށް ނޭނގި މި ފުރަނީ. އެނގުނިއްޔާ މާމަ އުޅޭނެ ވައްތަރެއްވެސް ނޭނގޭ. މިހާރު އަޅުގަނޑަށް އެނގުނީ. އަދި ކައިވެނިކުރުން މުހިންމެއް ނޫން. ބޭނުމީ ކިޔަވަން. މުޖުތަމައު ލޯބިވާ ކިޔަމަންތެރި ދަރިއަކަށް ވާން. މިފަހަކަށް އައިސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ހަށިގަނޑުން އެއްބައި މަދުހެން. ވިސްނާލީމަ އެނގުނީ މަދުވަނީ އީމާތެރިކަން ކަން...."
ރޫޔާއަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ހެވުނެވެ. ހީވީ ބޮލުން ބޮޑު ބުރައެއް ނެއްޓިގެން ދިޔަހެންނެވެ.
"ސީރިޔަސްލީ ޝައުން... ތެންކިޔު ސޯ މަޗް..." ރޫޔާ ބުންޏެވެ.
"ރޫ އަހަރެންގެ އެކުވެރިކަން ގަބޫލުކޮށްފާނަންތަ؟" ޝައުން ބުންޏެވެ. އޭނާ ރޫޔާއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ރޫޔާ ހިފިއެވެ. އޭނާގެ ހިތް ޝައުން މައްޗަށް ސާފުވެއްޖެއެވެ. އެ ހިނދު ދެ އެކުވެރިން ދެމެދުގައި އެކުވެރިކަމުގެ ހިނިތުންވުމެއް ބަދަލުވެގެން ދިޔައެވެ.
ޝައުންގެ ވާހަކަތަކުން ފަޒީލާއަށް ވެސް ލިބުނީ ހިތްހަމަޖެހުމެވެ. ރޫޔާ ފަދައިން ޝައުން އަކީ ވެސް ފަޒީލާގެ ދަރިއެއް ފަދަ ކުއްޖެކެވެ. ޝައުންއަށްޓަކައި އޭނާ އުފާކުރިއެވެ. ލަހުން ވިޔަސް އަޖުވަދާ އެއްފަދައިން ޝައުންއަށް ވެސް ހެޔޮ ވިސްނުން ލިބިއްޖެއެވެ. އިސްލާހު ނުވާނީ ގިސާމަތެވެ. އެއީ ދައްޖާލަށް މަރުހަބާ ކިޔަން ތައްޔާރަށް ހުރި ނުބައި ޝައިތޯނެކެވެ. އެކަމަކު ދެން ފޯރި ހުންނާނެތާއެވެ. ފަޒީލާގެ އެއް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
****
ކޮޓަރިއަށް ވަތްގޮތަށް ރޫޔާއަށް ހެވިއްޖެއެވެ. ކޮޓަރި ތެރޭގައި އޭނާ ނަށަން ފެށިއެވެ. ޝައުންއަށް ހިތުން އަދި އެއްފަހަރު ޝުކުރުކޮށްލިއެވެ. މިހާރު އެގޭގައި ހުރުމުގެ ބޭނުމެއް ނެތެވެ. މާމައަށް އެއްވެސް އެއްޗެއް ދެން ނުލިބޭނެއެވެ. އުފާވެރި ހަބަރު މަންމައަށް ދޭންވާނެއެވެ. ފޯނު ހޯދާލާފައި ރޫޔާ އެނދުގައި އިށީނެވެ. މަންމަގެ ނަންބަރަށް ގުޅިއެވެ. ބޭރުގެ ނަންބަރަށް ނުގުޅޭ ގޮތް ވުމުން ރޫޔާ ކަންބޮޑުވިއެވެ. ބޭރު ނަންބަރަށް ނުގުޅޭތާ ހަފުތާއެއް ވާން ގާތްވެއްޖެއެވެ. މަންމަ އިނީ އޮންލައިގަތޯ ބަލާފައި ރޫޔާ ވަޓްސް އެޕް އިން ގުޅާލިއެވެ. ފޯނު ރިންގުވާން ފެށުމުން ރޫޔާ ހީލިއެވެ. އެ އަޑު ކޮޓަރިއަށް ފާޅުވެގެން ދިޔައީ ހަންނާގެ އަޑު ކަންފަތުގައި ޖެހުނު ހިސާބުންނެވެ.
"މަންމައަށް އެނގޭތަ. މާދަމާ ޝައުން ފުރަނީ. މި ކައިވެނި ނުކުރާނަމޭ ޝައުން ބުނީ. ޝައުން ބުނީ އަޅުގަނޑަކީ އޭނާގެ އެކުވެރިއެކޭ" ރޫޔާ ކިޔަމުން ދިޔައެވެ. އެހާ ދުވަސްފަހުން ހަބަރެއް ނުވެ މަންމަ ހުރީތީ އެ ޝަކުވާ ކުރާކަށްވެސް އޭނާ ހަނދާނެއް ނެތެވެ.
"އެހެންތަ. ތިވީ ހާދަ އުފާވެރި ގޮތެކޭ. ދަރިފުޅު ވަރަށް އުފަލުންދޯ ތިހުރީ" ހަންނާ ބުންޏެވެ.
"ވަރަށް ވަރަށް އުފާވެއްޖެ މަންމާ" އުއްޑުން އެނދުގައި އޮށޯވެ ބަނޑުމަތީގައި ކުޝަން ބާއްވަމުން ރޫޔާ ބުންޏެވެ.
"މަންމަވެސް އަދި ބައްޕަވެސް" ހަންނާ ބުންޏެވެ.
"ބައްޕަ...." ރޫޔާ ބުންޏެވެ.
"މަންމަ މިބުނީ ބައްޕަވެސް ވަރަށް އުފާވާނޭ" ހަންނާ އޮޅުވާލިއެވެ.
"މަންމާ، އަދި ކިހާ ދުވަހެއް ވަންދެން މިތާ އަޅުގަނޑު ހުންނަންޖެހޭނެތަ؟" ޝަކުވާގެ ރާގެއްގައި ރޫޔާ އަހާލިއެވެ.
"ވަރަށް އަވަހަށް. ތިގެއަށް ފުލުހުން ވަންނަންދެން" ހަންނާ ބުންޏެވެ.
"ދެރަނުވޭ ދަރިފުޅާ. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ ކޮޅަށް ކުޅިފަސް ލިބެން ވަރަށް ގާތްވެއްޖެ. މަންމަ ވަރަށް މަސައްކަތް އެބަކުރަން"
ރޫޔާ ހިނިތުންވެލިއެވެ. އެ ދުވަސް ޖެހެންދެން އަދިވެސް އިންތިޒާރުކުރަން ރޫޔާ ބޭނުންވިއެވެ. މިހާރުވެސް ކަންތައްތައް ވަމުންދަނީ އޭނާ އެދޭ ގޮތަށެވެ.
****
ފަޒީލާ ދިއްކޮށްލި ބޭސްކާޑުގައި ހިފަމުން ގިސާމަތު ފުސް މޫނު ދައްކާލިއެވެ. މަޑުނުކޮށް ފަޒީލާ އެ ކޮޓަރިން ނިކުތެވެ. ގިސާމަތު ބަލައިލީ އެނދުގައި ދެލޯ މެރިފައި އޮތް ޝައުކަތަށެވެ. ކުއްލިއަކަށް އޭނާއަށް ވުރެ ބޮޑަށް ޝައުކަތުގެ ހާލު ގޯސްވެއްޖެއެވެ. ޝައުކަތުގެ ފަރާތުން އަދި އެއްވެސް ކަމެއް ސާފުވާގޮތް އޭނާއަށް ނުވެއެވެ. ޝައުކަތުގެ މަގަތުން އޭނާ އިށީނދެލިއެވެ. އަދި ޝައުކަތުގެ ނިތްމަތީގައި އޭނާގެ އަތް ބާއްވާލާފައި މަޑުމަޑުން މަސާޖްކުރަމުން ދިޔައެވެ. އެވަގުތު ކުޑަކުޑަކޮށް ޝައުކަތު ދެލޯ ހުޅުވާލިއެވެ.
"އަދިވެސް ރިއްސާތަ؟ މި ބޭސްގުޅާ ކާލަންވީނުން" ގިސާމަތު ބުންޏެވެ.
ދެފަރާތަށް ބޯހޫރާލާފައި ޝައުކަތު ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ.
"އަހަރެންގެ ބޮލުގެ މި ރިހުން މިތަނުގައި ހުންނަހާ ހިނދެއްގައި ރަނގަޅެއް ނުވާނެ" ޝައުކަތު ބުންޏެވެ.
ގިސާމަތު ދެބުމަ ގޮށްޖަހާލިއެވެ. ޝައުކަތުގެ ބަހުގެ މާނަ އޭނާއަށް ފަހުމު އަދި ނުވެއެވެ. ގިސާމަތުގެ މޫނަށް ބަލައިލާފައި ޝައުކަތު ފުން ނޭވައެއް ދޫކޮށްލިއެވެ. ދެން ގިސާމަތުގެ އަތުގައި ހިފާލާފައި ކައިރީގައި ބޭންދިއެވެ.
"ކަންތައްތައް ވަމުންދަނީ އެހާ ރަނގަޅަކަށޭ އަހަރެންގެ ހިތެއް ނުބުނޭ. އަހަންނަށް މިވަގުތު ތި އަނބިމީހާ ވަރަށް މުހިންމު. އަހަރެންގެ ބަހެއް ގަބޫލުކުރަންޏާ ހިނގާ އެކޮޅަށް ދާން ފުރަމާ" ޝައުކަތު ބުންޏެވެ.
"ކީއްވެ؟ ކޮންކަމެއް ގޯސްވީ؟" ޝައުކަތުގެ އަތް ފޮޅުވާލަމުން ގިސާމަތު ބުންޏެވެ.
"ގަބޫލުކުރޭ. މިކޮޅުން އަޖުވަދުވެސް އުޅެނީ ފާޑަކަށްނު. އެކޮޅުން އިއްޒު އަކަށްވެސް ނުގުޅޭ. ކޮންމެވެސް ކަމެއް އެބައުޅޭ. ނުވިސްނޭތަ އެއްވެސް އެއްޗެއް. ކަމެއް ގޯސްނުވާނަމަ އަހަރެންގެ މި ސިކުނޑި ނުބައި ސިގްނަލެއް ނުދޭނެ"
ގިސާމަތު ހިތްހަމަނުޖެހުނެވެ. ޝައުކަތުގެ އެ ވާހަކަތައް އިތުރަށް އަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ތެދުވެ ޝައުކަތަށް ފުރަގަސްދިނެވެ.
"ބުނެބަލަ ތިމަންނަ މެހެރީން މަތީން ހަނދާންވަނީއޭ. އެހެންވެގެން ދާން ތި އުޅެނީ. ޝައުކަތު ދަންޏާ އެކަނިދޭ. އަހަރެން ގެންދަން އުޅޭނެކަމެއް ނެތް. އަޖުވަދަށް ތިބުނާ ކަހަލަ ނުބައި ބަދަލެއް ނާދޭ. ކިތަންމެ ބޮޑު ބަދަލެއް އަޔަސް އަހަންނަށް ދެރަގޮތެއްވާކަށް އެ ދަރި ނޭދޭނެ. ދެން އިތުރަށް ކޮންކަމެއް ގޯސްވާނީ. މީގެކުރިން އެއްވެސް ކަމެއް ގޯހެއް ނުވޭ. ދެން ކީއްވެ ކުއްލިއަކަށް ކަންކަން ގޯސްވާންވީ" ގިސާމަތު ވާހަކަދެއްކިއެވެ.
ޝައުކަތަށް މާކުރިންވެސް ގިސާމަތު އެއްބަސްކުރުވަން އުނދަގޫ ވާނެކަން އެނގުނެވެ. ގިސާމަތު ބުނިހެން އަދި ގޯސްކޮށް ވިސްނަން ކައިރިނުވެޔޭ އޭނާއަށް ހީވެއްޖެއެވެ. އިއްޒުއްދީނަށް ނުގުޅެނީ ކަމެއް ވެގެން ކަމަށްވެސް ވެދާނެއެވެ. ޖަލުގައި ހަބީބް ހުރިތޯ ޔަގީން ކުރުމަށް އޭނާ ކުރި އެއްވެސް ކަމެއް އަދި ކާމިޔާބެއް ނުވެއެވެ. އޭނާއާއެކު އެ ރޭވުމުގައި ބައިވެރިވި މީހެއް ވިއްޔާ އޭނާއަށް ވުރެ ބޮޑަށް ގާތީ އިއްޒުއްދީނާއެވެ. އޭނާއަށް ޖަވާބެއް ނުލިބިގެން އެ އުޅެނީ ކޮންމެވެސް ކަމެއްވީމައެވެ. ޝައުކަތުގެ ސިކުނޑި ވިސްނަނީ މިނެޓަކު ގޮތަކަށެވެ. އޭނާގެ ބޮލުގައި ރިހުން ގަދަވަނީ އެހެންވެއެވެ.
****
އަޖުވަދުގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ރޫޔާ މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ކޮޓަރި ތަޅުގައި މަޑުމަޑުން ހިފާލިއެވެ. އެތެރެއިން ތަޅުނުލައި ހުރުމުން މަޑުމަޑުން ދޮރު ހުޅުވިއްޖެއެވެ. އޭރު މުސައްލަ މަތީގައި އިން އަޖުވަދު ސަލާމް ދެނީއެވެ. ރޫޔާ ހިނިތުންވެލިއެވެ.
"ދަރިފުޅު ކަމަކުތަ؟" އަޖުވަދު އަހާލިއެވެ.
"ވަރަށް ބޮޑު ކަމަކު މިއައީ" ރޫޔާ ބުންޏެވެ.
"އަދި ރަނގަޅަށް އިރުވެސް ނާރަނީސް ވަރަށް މުހިންމު ކަމެއްގައި ނޫނީ ދަރިފުޅު ނާންނާނެ. ބައްޕައަށް އެހާ ވަގުތެއްވެސް ނެތް. ޝައުން އެއާޕޯޓަށް ގެންދަންވެސް ޖެހޭ. އެކަމުވެސް ދާނީ ދަރިފުޅު ތިބުނާ ކަމެއް ކޮށްދީފަ" އަޖުވަދު ވާހަކަދެއްކިއެވެ. ރޫޔާ އައިސް އިށީނީ އަޖުވަދާ ޖެހިގެންނެވެ. އޭނާ އަޖުވަދުގެ ކޮނޑުގައި ބޯ އަޅާލާފައި އަޖުވަދުގެ އަތް މަތީގައި އަތް ބާއްވާލިއެވެ.
"ބައްޕަ... މެރީކުރަންވީނުން" ރޫޔާ ބުންޏެވެ.
އަޖުވަދަށް ހެވުނެވެ.
"ކާކު ބައްޕައާ އިންނާނީ" އަޖުވަދު ބުންޏެވެ.
(ނުނިމޭ)