ވާހަކަ

ނުފޫޒަކުން - 34

1

"ގުޅިދާނެ. އެކަމަކު ބޭބެއަށް ވެސް ރޫ ވީތަނެއް މިހާރު އެނގޭނެހެނެއް ހިއެއް ނުވޭ. ބޭބެއާ ދައްތަ ސަލާމަތުން ތިބި ކަމެއްވެސް ނޭނގޭ. އެމީހުން މިހާރު ރޫ ގެންގޮސްދާނެ. އެއީ ތާއަބަދު ބޭބެ ފިކުރުކުރި ކަމަކީ. ބޭބެ ހުރިހާ ވާހަކައެއް ކިޔައިދިން" ނިހާން ވާހަކަދެއްކިއެވެ.

****

ގެއިން ނިކުތްގޮތަށް ފަޒީލާ މިސްރާބު ޖެހީ ޓެކްސީއެއް ހޯދުމަށެވެ. މަގުމަތިން ދާހާ ކާރަކަށް އަތް ހޫރަން ހުއްޓައި ފަހަތުން މީހެއްގެ ހިލަންވެގެން ބަލައިލިއެވެ. ސައިކަލުގައި އިން އަޖުވަދު ހުރީ ފަޒީލާއަށް ބަލަހައްޓައިގެންނެވެ. ފަޒީލާ ގަތީ ބިރެވެ. އޭނާ ތަނަކަށް ދާން ނިކުތީ ގިސާމަތު ކައިރީގައި ނުބުނެއެވެ. އަޖުވަދުގެ ފަރާތުން ގިސާމަތަށް އެނގިދާނެތީ އޭނާ ގަތީ ބިރެވެ. ގެއަށް އަލުން ވަންނަންވެސް ހިތަށް އެރިއެވެ. ގޮތެއް ނުނިންމިފައި ހުއްޓައި ފަޒީލާއަށް ހައިރާންކަން ލިބުނީ އަޖުވަދު ސައިކަލު ޕާކުކޮށްފައި ފައިބައިގެން އައިސް ކާރެއް ހޯދުމުގައި ފަޒީލާއަށް އެހީވާން ފެށުމުންނެވެ. އަޖުވަދަށް އެކަން ކާމިޔާބުވެސް ވިއެވެ.

"އަރާ މި ކާރަށް" އަޖުވަދު ބުންޏެވެ. ޑްރައިވަރަށް ފައިސާ ދިނީ ވެސް އަޖުވަދެވެ.

ޓެކްސީއަށް އަރަމުން ފަޒީލާ އަޖުވަދަށް ބަލައިލީ ޝުކުރު އަދާކުރުމަށެވެ.

"އަހަރެން މަސައްކަތް މިކުރަނީ ހުރިހާ ކަމެއް ރަނގަޅު ކުރެވޭތޯ. ﷲ އިރާދަކުރެއްވިއްޔާ ފަޒީލާއަށް ވެސް އަދި ފަޒީލާ ގެންގުޅޭ ތިން ކުދިންނަށްވެސް ލިބެންޖެހޭ ހައްގު ހޯދައިދިނުމަށް އަހަރެން މަސައްކަތް ކޮށްދޭނަން" އަޖުވަދު ބުންޏެވެ.

ކާރު ކުރިއަށް ދުއްވާލުމާއެކު ފަޒީލާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވިއްޖެއެވެ. އަޖުވަދު ބަދަލުވެފައި އެވަނީ ހާދަ ބޮޑަކަށެވެ. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ކަމެއް ގޯހެއް ނުވާނެއެވެ. ގިސާމަތުގެ ކަރަށް މަޅި އެދަނީ މެހެމުންނެވެ.

ދާން ބޭނުންވާ މިސްރާބަށް ކާރު ހުއްޓާލުމާއެކު ފަޒީލާ ކާރުން ފޭބިއެވެ. ކުރިމަތީގައި ފެންނަން ހުރި ހަތްބުރީގެ އިމާރާތަށް އޭނާ ބަލައިލިއެވެ. އެނާ އަރަން ޖެހެނީ ހަތްވަނަ ބުރިއަށެވެ. އެއްފަރާތުގައި ހުރި ލިފްޓު ބޭނުންކޮށްގެން އޭނާ ހަތްވަނަ ފަންގިފިލާއަށް އެރިއެވެ. ދޮރުގައި ރަނގަބީލު ޖަހައިލުމާއެކު މާގިނައިރެއް ނުވެ ދޮރު ހުޅުވައިފިއެވެ.

****

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އޮތް ޝައުންގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. ނިތްމަތީގައި އެއް އަތް އޮތް އިރު އޭނާގެ ހިތާއި ސިކުނޑި ވަނީ ވިސްނުންތަކުން ފުރިފައެވެ. ބޮޑުބޭބެ ދެއްކި ވާހަކަތަކާ އޭނާއަށް އެއްބަސް ވެވިއްޖެއެވެ. ރޫޔާ އަކީ ހަމައެކަނި އޭނާގެ ލޯތްބެއް ނޫނެވެ. ރޫޔާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާ ބޭނުންވީ ރޫޔާ ހާސިލުކުރާށެވެ. އެއީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ރޫޔާއަށް މަޖުބޫރުން އެ ކައިވެނި ކުރުވައިގެން ނުވާނެއެވެ. އެ މައުސޫމު އަންހެންކުއްޖާ އުފަލާ އަރާމުގައި ނުލާހިކު ހިތްހަމަޖެހިން އުޅެނިކޮށް ގެނައީ މާމަގެ ނުބައި ރޭވުމުންނެވެ. ހިތްހަމަޖެހުމާ އުފާވެރިކަން ރޫޔާއަށް ވެސް ހައްގެވެ. ޝައުންގެ އެދުމެއް ހާސިލުކުރުމަށް ރޫޔާގެ އުފާތަކުގައި ހުޅު ރޯ ކުރުމަކީ އެކަމުގެ ހިތާމަ ތާ އަބަދު އޭނާ ކުރާނޭ ކަމެކެވެ. ނޫނެކެވެ. މި ކައިވެނި ޖެހޭނީ މި ހިސާބުން ހުއްޓާލާށެވެ. ބޮޑުބޭބެ ބުނިހެން ފުރައިގެން ދާންވީއެވެ. ކާމިޔާބު މީހަކަށް ވުމަށް އިލްމު އުނގެނެންވީއެވެ. ވަގުތު ފާއިތުނުވަނީސް ވިސްނުނުކަން ކިހާ ރަނގަޅު ހެއްޔެވެ؟

ހަށީފުރާ ނޭވައެއް ދޫކޮށްލާފައި ޝައުން އެނދުގައި އިށީނެވެ. ކައިވެނި ނުކުރާނެ ވާހަކަ ބުނިއްޔާ މާމަ ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ. މާމައާ ކުރިމަތިލާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެކަމަކު ވެސް މައްސަލައެއް ނެތެވެ. މާމަގެ ކައިވެންޏެއް ނޫނެވެ. ބޮޑުބޭބެ ބުނިހެން އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމަން އެހެން މީހުންނަށް ފުރުސަތު ދީގެން ނުވާނެއެވެ. ކުއްލިއަކަށް ޝައުން ބަލައިލީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނަށް އަރާފައި އޮތީ އޭނާގެ ޒަމާންވީ ރަހުމަތްތެރިއެއްގެ ނަމެވެ. މިވީ ދުވަސްތަކުގައި އޭނާ އަށް ރަނގަޅު ރައްޓެހިންވެސް ދުރުކޮށްލެވިއްޖެކަން ހަނދާންވުމުން ދެރަވެއްޖެއެވެ. އެންމެ ރަނގަޅު ރައްޓެއްސަކަށް އޭނާއަށް ލިބުނު ފައިކު ވެސް އަތުން ބީވެއްޖެއެވެ. ވާނީވެސް އެހެންނެވެ. ފައިކުގެ ހުރި ހަމައެކަނި ކޮއްކޮގެ ދިރިއުޅުމާވެސް ކުޅެވުނީއެވެ. ދެން އިތުރަށް އެއްވެސް ކަމެއް ގޯސްވާކަށް ޝައުން ތަނެއް ނުދޭނެއެވެ. އޭނާ ފޯނު ނެގިއެވެ.

"އާދެބަ އެއްކަލަ ކެފޭއަށް" ރަހުމަތްތެރިޔާ ބުންޏެވެ.

ޝައުން އާއެނކޭ ބުނެފައި ފޯނު ބޭއްވިއެވެ. ދެން ތައްޔާރުވާން ފެށިއެވެ.

****

ކޮޓަރިއަށް ވަންގޮތަށް ނިހާނަށް ހުރިހާ ދިމާލަށް ނަޒަރު ހިންގައިލެވިއްޖެއެވެ. އޭނާގެ އަރާމު މަޑު ތަންމަތި ފެނުމުން ދެލޮލުން ފައިބައިގަތީ ކަރުނަތަކެވެ. މި ހުރިހާ ދުވަހު އޭނާ ނިދީ ފިނި މުށިތަކުގެ މަތީގައި ތުނި އެންމެ ބާލީހެއްގައި ބޯ އަޅައިގެންނެވެ. ނުވެސްކުރާ ކުށަކަށް އޭނާއަށް އެވަރުގެ ސަޒާއެއް ދިނީ ޝާނާއެވެ. ވަރަށް ރަނގަޅު މަޅިއެއްގައި ޝާނާ އޭނާ ހައްޔަރުކޮށްލީއެވެ. ބަދަލު ހިފުމުގެ ރޫހުގައި އިންސާނަކު ކިތަންމެ ދަށު ދަރަޖައަކަށް ވެއްޓިދާނެކަން މިހާރު ނިހާނަށް އިހުސާސު ކުރެވިއްޖެއެވެ. ދުނިޔެ އަކީ ކެހިވެރިން ގިނަ ތަނެއްކަން މީހުން ބުނަނީ ހަމަ ހަގީގަތަށެވެ.

މަންމަ އާއި ބައްޕަ އުމުރާއަށް ފުރުވަން ރާއްޖެ އަންނަން އެއް ދުވަހަށް ވެފައި ވަނިކޮށް ރާއްޖޭގެ ނަންބަރަކުން އޭނާއަށް ފޯނު ކޯލެއް ލިބުނެވެ. އެއީ ޝާނާގެ ކޯލެއްކަން އޭނާއަށް އެނގުނީ އަޑުޖެހުމުންނެވެ. ގުޅީ ކީއްކުރަންތޯ އެހުމުން ކުރެވުނު ހުރިހާ ކަމަކަށް ޝާނާ މައާފަށް އެދުނެވެ. ރޫޔާ އާއި ނިހާނަށް އުފާވެރި މުސްތަގުބަލަކަށް އެދޭ ވާހަކަ ބުންޏެވެ. ޔުނިވާސިޓީން ވަކިކޮށްގެން މަންމަ އޭނާ ރާއްޖެ ގެނައުމުން އެކަމާ ނުލާހިކު ދެރަވާ ކަމަށް ބުންޏެވެ. އެއީ ނުވިސްނުމުގެ ނަތީޖާ ކަމަށްވެސް ބުންޏެވެ. ނިހާނަކީ މަޑުމައިތިރި ސާދާ ހިތެއްގެ ވެރިޔަކަށް ވީތީ އެކަމުގެ ނާޖާއިޒު ފައިދާ ވަރަށް ރަނގަޅަށް ޝާނާ ނެގިއެވެ.

އޭގެފަހުން ގަޑިއިރުތަކެއް ފަހުން އަނެއްކާވެސް ޝާނާގެ ކޯލެއް ނިހާނަށް ލިބުނެވެ. ޝާނާއާ މެދު ނިހާންގެ ހިތް ސާފުވެފައި ވީތީ އެ ކޯލަށް ވެސް ނިހާން ޖަވާބުދިނެވެ. މިފަހަރު ޝާނާ އެދުނީ ލަވީރާ ހަވާލުކުރާ ފޮށިގަނޑެއް އޭނާއަށް ގެނެސްދިނުމަށެވެ. އެ ފޮށިގަނޑާ ހަވާލުވުމަށް ނިހާން ދިޔައީ ލަވީރާގެ އެޑްރެހަށެވެ. އެހެންނަމަވެސް ފޮށިގަނޑު ހަވާލުކުރީ ލަވީރާއެއް ނޫނެވެ. ލަވީރާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ޝާނާގެ ޖެހި ވަރުގަދަ އެ މަޅީގައި އޭނާ ޖެހުނީ ވިސްނާނުލައި އެ ފޮށިގަނޑާ ހަވާލުވެގެން އެއާޕޯޓާށް ދިޔަ ހިސާބުންނެވެ.

އެ ގައުމުގެ އިމިގްރޭޝަނުން ނިހާން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރިއިރުވެސް ނިހާން ހުރީ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އޭނާ ފުލުހުންގެ މަރުކަޒަށް ގެންގޮސް ސުވާލު ކުރުމުން އެތައް ފަހަރަކު އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުންޏެވެ. ޝާނާގެ ނަންބަރާ އޭނާއާ ފޮށިގަނޑު ހަވާލުކުރި މީހާގެ ނަންބަރު ވެސް ދިނެވެ. ދެކެވިފައިވާ ވާހަކަތަކުގެ ކޯލް ރެކޯޑިން ނެގުމަށް ނިހާންގެ ފޯނު ވަގުތުން އަތުލިއެވެ. ވީ ދެރައާ ގަތް ބިރަށް ވުރެ ބޮޑަށް ނިހާން، އަމިއްލަ ނަފްސު ދެކެ ރުޅި އައެވެ. އޭނާއަށް ނުވިސްނުނީމައެވެ. ދުވަހަކުވެސް ޖަލުން ސަލާމަތްވާނެކަމުގެ އުންމީދު ނެތި އޭނާއަށް މުއްދަތަކަށް ފަހު މުއްދަތެއް ޖަހަމުން ދިޔައެވެ. ރާއްޖޭގައި ތިބި އާއިލާ މީހުންނަށް އޭނާ ހައްޔަރުގައި ހުރިކަން އެނގުނީ ވެސް ހައްޔަރުކުރިތާ މަހެއްވާން އުޅެނިކޮށެވެ. ނިހާންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް އައީ ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައެވެ. ކާފަރުންގެ ތެރޭގައި މުސްލިމަކަށް ހުރީ އޭނާ އެކަންޏެވެ. އެހެންކަމުން އެ ދަތި ހާލުގައި އޭނާ ހެއްދެވިފަރާތާ ގާތްވިއެވެ. އަޅުކަން ކުރުމުގައި ހުރިހާ ވަގުތެއް ހޭދަކުރިއެވެ. ޒިކުރު ކުރުމުގައި އޭނާގެ ދޫ ހުރިހާ ވަގުތެއްގައި ހަރަކާތްތެރިކުރިއެވެ. ތަހައްޖުދު ނަމާދުކޮށް އެކަލާނގެއަށް ދުއާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ.

ހައްޔަރުކުރިތާ އަށް މަސް ވެފައި ވަނިކޮށް އޭނާ ހައްޔަރުން ދޫކޮށްލީ އެ ފޮށިގަނޑުގައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަން ސާބިތުވާވަރަށް ހެކި ނުލިބިގެންނެވެ. އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާ އެއްވެސް އެއްޗަކަށް ޕޮޒިޓިވް ނުވާތީއެވެ. ފެނުނު ތަކެތިން އޭނާގެ އިނގިލީގެ ނިޝާން ފެނިފައިނުވާތީއެވެ. ފުލުހުންގެ މަރުކަޒުން ނިކުތް ގޮތަށް އޭނާ އެކަލާނގެއަށް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ވަގުތުން އޭނާ މިސްރާބު ޖެހީ ރޫޔާއާ ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. އެހެންނަމަވެސް އޭނާއަށް ދެވުނީ ބޮޑު ތަޅު އަޅުވައި ބަންދުކޮށްފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. ރޫޔާގެ އާއިލާ ވިއްސި ވިހާލިވެފައިވާކަން ވެސް އޭނާއަށް އެނގުނެވެ. އޭނާއަށް ފޯނަކުން ވެސް ރޫޔާއާ ބައްދަލުވާގޮތެއް ނުވިއެވެ. ހިތްދަތިވެ ރޮވިފައިވާ ހާލު އޭނާ ދެން މިސްރާބު ޖެހީ ރޫޔާއާ އޭނާގެ ލޯބި ފެށިގެން އައި މައިދާނަށެވެ. އެ ގަހުގައި ބައްދައިގެން ހުރެ އޭނާ އެތައް އިރަކު ރުޔެވެ. ތަން ބަލަހައްޓާ މީހާ ނިހާނަށް ހިތްވަރުދިނެވެ. ރޫޔާ ވެސް ހަމަ އެ ހާލުގައި ގަސް ކައިރީގައި ރުއި ވާހަކަ އެމީހާ ބުންޏެވެ. ވީ ކިހިނެއްތޯ އެމީހާ ސުވާލުކުރުމުން ނިހާން ކިޔައިދިނެވެ.

އެނބުރި އޭނާ ރާއްޖެ އައީ ދީވާނާވެފައިވާ ހާލު މޮޔައެއް ފަދައިންނެވެ. ހިތްވަރެއްނެތި މުޅި ދިރިއުޅުން ފަހަތަށް ސޮއްސާލާފައިވާ ހާލުގައެވެ. އަލުން ދިރިއުޅޭނެ ގޮތެއް ސިކުނޑިއަށް ނުވެސް އަންނަ ކަހަލައެވެ.

"ދޮންބެ ހިނގާ ކާން"

ފަހަތުން އިވުނު ކޮއްކޮގެ އަޑަށް ނިހާން ފަހަތަށް ބަލައިލިއެވެ.

****

ފަޒީލާ ފެނުމާއެކު ހަންނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެއީ އޭނާގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. ފަޒީލާގެ ގައިގައި ބައްދާލިގޮތަށް ދޫކޮށްލަންވެސް ހަންނާއަށް ނޭނގުނެވެ. އިސާހިތަކު ހަންނާއަށް ރޮވިއްޖެއެވެ. ފަޒީލާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. ފަޒީލާ އަންނަންވާއިރަށް ހަންނާ ހުރީ ކެއުމެއް ތައްޔާރުކޮށްފައެވެ. އޭނާ ފަޒީލާ ގޮވައިގެން ދިޔައީ ކާމޭޒު ކައިރިއަށެވެ.

"މާގިނަ އިރު ނީނދެވޭނެ. މިއައީ ގިސާމަތު ކައިރީގަ ނުބުނެ" ފަޒީލާ ބުންޏެވެ.

"ކޮބާ މަގޭ ދަރިފުޅު. ދެކިލާހިތުން މައި ލަގނޑިއަށް ކެތްނުވޭ" ހަންނާ ބުންޏެވެ.

"އަހަރެން އައި އިރު އެބައިން އީނާއާ އެކު. ހަންނާމެން ތިބިކަން އެނގުނިއްޔާ އެންމެ ސިކުންތަކު ވެސް އެގޭގަ އޭނަ މަޑުނުކުރާނެ" ފަޒީލާ ބުންޏެވެ.

"އާނ. އެހެންވެ ނުބުނީ. އަދި ހަބީ ހުރިކަން އެނގުނިއްޔާ މޮޔަވެސްވެދާނެ" ހަންނާ ބުންޏެވެ.

"ކޮބާ ހަބީބް؟ ނޫޅެނީތަ ގޭގަ" ދެފަރާތް ބަލައިލަމުން ފަޒީލާ ބުންޏެވެ.

"އެހާ ގިނަ ދުވަސްކޮށްފަ އައީމަ ދިރިއުޅެން އަލުން ފަށަން ޖެހުނީ. އެހެންވެ ބައެއް އެއްޗެހި ގަންނަން ގޮސްވީ. ފަޒީ އަންނަ ވާހަކަ އަހަރެން ބުނީމަ ބުނި އަދި އިރާދަކުރެއްވިއްޔާ ދިމާވާނޭ" ހަންނާ ވާހަކަދެއްކިއެވެ.

ވާހަކައިގައި ތިބެ ދެ ރަހުމަތްތެރިން ސައިބޮމުން ދިޔައެވެ. ޝައުކަތާއި ގިސާމަތުގެ ކައިވެނީގެ ވާހަކަ ހަންނާއަށް އައު ވާހަކައަކަށް ނުވިއެވެ. އެއަށްވުރެ އިތުރަށް ވެސް ހަންނާ ކިޔައިދިނެވެ. ފަޒީލާ އިނީ ގަބޫލުކުރަން ދަތިވެފައެވެ.

"ތިކަން އަޖުވަދަށް އެނގޭބާ" ފަޒީލާ ބުންޏެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން ދެމަފިރިން ވަރަށް އަވަހަށް ތިގެއަށް ދާނަން. އެ ދުވަހަކުން ދާނީ ފުލުހުންވެސް ގޮވައިގެން. އެ ދުވަސް ވާނީ ގިސާމަތާއި އެ ޝައުކަތަށް ވެސް މިނިވަންކަމުގައި އުޅެވޭނެ އެންމެ ފަހު ދުވަހަށް" ހަންނާ ބުންޏެވެ.

"އަހަރެން ހާދަ ތި ދުވަހެއް ދެކެން ބޭނުންވެޔޭ" ފަޒީލާ ބުންޏެވެ.

****

ކެފޭއަށް ވަދެގެން ގޮސް އެކުވެރިން ތިބި ތަނުގައި ޝައުން އިށީނެވެ. އެއީ އޭނާ ސްކޫލު ދައުރުގެ އެންމެ ގާތްކޮށް އުޅުނު ގުރޫޕެވެ. ޝައުންގެ އުޅުން ވިޔާނުދާވެގެން ދުރުވީ އެ ކުދީން އަމިއްލައަށެވެ. އޭރުގައި އެކުދީން ވަނީ އެކަކު އަނެކަކަށް އެތައް ކަމެއް ކުރަން ރާވާފައެވެ. ރަހުމަތްތެރީން ދިން ހަރުދަނާ ވިސްނުންތައް ބަލައިނުގަތީ ޝައުންއެވެ. އޭނާ ބޭނުންވީ ޒުވާން އަންހެންކުދީންނާ އެކު ވަގުތު ހޭދަކުރާށެވެ. އޭނާގެ ޖާދޫގައި އަންހެންކުދީން ޖައްސާށެވެ. ޒުވާން ޖޯޝުގައި އާ މާތަކުން ފޮނި ބޯށެވެ.

"ތި އެންމެން ފެނުނީމަ ވަރަށް ހައިރާންވެއްޖެ" ގޮނޑީގައި އިށީންނަމުން ޝައުން ބުންޏެވެ.

"ޝައުން ކިހިނެއްތަ؟ ކިތަންމެ ދުވަހެއް ވިޔަސް އަހަރެމެން ބަދަލެއް ނުވޭ. ޝައުން ބަދަލުވީ" މާޒް ބުންޏެވެ.

"މިހާރު މެރީކުރީތަ ތި މީހުން" ޝައުން އެހިއެވެ.

"އެކަކުވެސް ނުކުރޭ. އަދި ތިއީ ފަހުގެ ކަމެއްނު. ޝައުން މެރީނުކުރާކަން އެނގޭ" ހާމިން ބުންޏެވެ.

ކައިވެންޏެއް ކުރަން ރަން ކިޔާފައިވި ވާހަކަ ބުނަންވީ ބާއޭ ޝައުން ހިތަށް އެރިއެވެ. އެހެންނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލިއެވެ. އެ ކައިވެނި އޭނާ ނުކުރާނެކަން އޭނާއަށް ޔަގީނެވެ.

"ކޮންކަމަކުއޯ މި ބައްދަލުވެލީ އެންމެން" ޝައުން ބުންޏެވެ.

"ހަނދާންވޭތަ އެންމެފަހު އަހަރު އަހަރެމެން އެންމެން ޕްލޭނެއް ހެދީމެއްނު. އެންމެން ނިންމީ ކިޔަވައި ނިމިގެން އެކުގަ ކިޔަވަންދާކަށްނު. އެވެސް އެއް ތަނަކަށް. މިހާރު އެކަން ހަގީގަތަކަށް ހަދަންވެގެން. ހިނގާ ނައްޓާލަމާ. މާޒްއަށް ވެސް ސްކޮލާޝިޕް ލިބިފަ އިންނަތާ ކިހާ ދުވަހެއް. އަހަންނަށް ބައްޕަ ހުރީ ކިޔައިވައިދޭން ތައްޔާރަށް. ޝައުންއަށް މިއީ ނުވާވަރުގެ ކަމެއް ނޫންކަން ޔަގީން" ހާމިން ވާހަކަދެއްކިއެވެ.

ޝައުން ހައިރާންވިއެވެ. ބޭރަށް ކިޔަވަން ފުރަން ބޮޑުބޭބެ ހިޔާލު ދިންތާ އަދި ސައުވީސް ގަޑިއިރު ވެސް ނުވެއެވެ. ކަންތައްތައް މިގޮތަށް ފަހިވާނީ މިކަމުގައި ކޮންމެވެސް ހިކުމަތެއް އޮތީމައެވެ. މިއީ އެންމެ ރަނގަޅު ގޮތެވެ. ރަނގަޅު އެކުވެރިން ނުބައި ނަސޭހަތް ނުދޭނެކަން ޔަގީނެވެ.

"އަހަރެން ތައްޔާރު" ޝައުން ބުންޏެވެ.

އެހިނދު ތިން އެކުވެރިން އެކަކު އަނެކަކަށް ބަލައިލާފައި ހީލައިފިއެވެ.

****

ފޯނުން ކަލަންޑަރު ހުޅުވައިގެން އިން ރޫޔާގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ. އޭނާ އިނީ ފަޒީލާގެ ބައިގެ މޭޒު ކައިރީގައެވެ. އީނާ ރޮށި ކާން އިންއިރު ރޫޔާ އިނީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ދެކުދީންގެ ވާހަކަތައް އިވޭ ހިސާބުގައި ޒިންކު ކައިރީގައި ފަޒީލާ ހުއްޓެވެ.

"މާދަން ރޭ ނޫން އަނެއް ރޭ. އަޅެ އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް" ރޫޔާ ބުންޏެވެ.

"ދެން ބޭނުންވިޔަސް ނޫނަސް ކުރާނެ ކަމެއް ނެތެއްނު. ޝައުން އެ ހުންނަނީ ރޫ ނޫނީ މީހަކާ ނީންނަން ނަދުރު ބުނެގެން. އަނެއްކޮޅުން އެ މާމަގަނޑު" އީނާ ވާހަކަދެއްކިއެވެ.

"ފަޒިއްތާ! އަޅުގަނޑު ބުނީ މިގެއަށް އައިސް އެ އުޅޭ އުސްކޮށް ހުންނަ މީހާ އެއީ ކާކުތަ؟ އެމީހާ ހުންނަ ތަނަކުވެސް ހުންނަހިތެއް ނުވޭ" ރޫޔާ ބުންޏެވެ.

ޓިޝޫއަކުން ދެއަތް ފޮހެމުން އައިސް ކުދިން ކައިރީގައި ފަޒީލާ ހުއްޓުނެވެ.

"ވެދާނެއްނު ގިސާމަތު އިނދެގެން އުޅޭ މީހާއަށް ވެސް" ފަޒީލާ ބުންޏެވެ.

"ވަޓް...؟ އެހެން ނުވާނެއްނު" ރޫޔާއަށް ގަބޫލުކުރަން ދަތިވިއެވެ.

"ފަޒިއްތަ ނެތިން އެއްޗެއް ބުނާކަށް. ދެކުދީން މާ ލަސްނުކޮށް ނިދަން އުޅޭތި އެނގޭ. ފަޒިއްތަ މިދަނީ ކޮޓަރިއަށް. މިއަދު ހޭލިއިރު އުނގަނޑަށް އަރާފަ ހުރި ތަދު އަދިވެސް ނުފިލާ. މިހާރު ހީވޭ ނޭވާލާއިރު ވެސް ތަދުވާހެން" އުނަގަނޑުގައި އަތް އަޅައިގެން ހުރެ ފަޒީލާ ހިނގައިގަތެވެ.

"އަހަރެން ވަރަށް ދެރަވޭ ފަޒިއްތަ އެ ހާލުގަ އުޅޭތަން ފެނުނީމަ. ފިރިއެއްގެ އޯގާތެރިކަމާ ދަރިއެއްގެ ހިތްހެޔޮކަން ނުލައި މުޅި އުމުރު އެހެން އެ އުޅެނީ. ދަރިންހެން އަހަރެމެން ގެންގުޅެ ބޮޑުކުރީ. މިހާރުވެސް ގޭތެރޭގަ ގިނަ މަސައްކަތް އެކުރަނީ ފަޒިއްތަ. އަހަރެން ބޭނުން ފަޒިއްތަގެ ހަށިގަނޑަށް އަރާމެއް ދޭން. ފަޒިއްތައަށް އަރާމު ދިރިއުޅުމެއް ހޯދައިދޭން. ފަޒިއްތައަށް އަޅައިލާނެ ފިރިއެއް ފަޒިއްތަގެ ހަޔާތަށް އަންނަން. ފަޒިއްތަ އަކީ ހުތުރު މީހެއް ނޫން. ނުލާހިކު ލޫޅާފަތިކޮށް އެ ހުންނަނީ. ހިތްހަމަޖެހުމާ އޯގާތެރިކަން މީހެއްގެ ފުށުން ލިބެން ފެށީމަ ފަޒިއްތަގެ އަސްލު ރީތި ސިފަ އަންނާނީ. ނޫންތަ؟" ފަޒީލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ އީނާ ވާހަކަދެއްކިއެވެ.

"ފަޒިއްތަ ދުވަހަކުވެސް މީހަކާ ނީނދޭތަ؟" ރޫޔާ އެހިއެވެ.

"ހިއެއް ނުވޭ. އަމިއްލަ ދިރިއުޅުމާ މެދު ފަޒިއްތައަށް ވިސްނާލެވޭނީވެސް އެ ގިސާމަތުގެ އުނދަގުލުން ސަލާމަތްވެގެނެއްނު" އީނާ ބުންޏެވެ.

"ފަޒިއްތައަށް ވެސް އުފާވެރިކަން ލިބެންޖެހޭ. އެ އުފާވެރިކަން ފަޒިއްތައަށް ހޯދައިދޭނީ އަހަރެން" ރޫޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟