ދަބަހެއް ކޮނޑު އަޅުވައިގެން ހުރި މީހަކު ގޭ ދޮރު ކައިރީގައި ހުއްޓައި ފެނުމާއެކު ކުޑަކުދިންތަކަށް ކިޔަވައިދޭން އިން ނައުރީން ބަލައިލިއެވެ. ކުކުޅު ބިސް ކުލައިގެ އަތްދިގު ގަމީހަކާއެކު ލައިގެން ހުރި ކަޅު ކުލައިގެ ޖީންސުގައި އެމީހާގެ މުޅި މޫނު އޮތީ ތުނބުޅި އާއި މަތިމަހުގެ އިސްތަށިތަކުން ފުރިފައެވެ. ވަޅުވަދެފައިވާ ދެލޮލާއި ބޯ ވެފައިވާ އިސްތަށިގަނޑު ފެނުމުން ނައުރީން ގަތީ ބިރެވެ. އެއީ އޭނާ މީގެ ކުރިން ރަށުން ދެކެފައިވާ މީހެއް ނޫނެވެ.
"މަންމާ..." ނައުރީން ވަގުތުން މަންމައަށް ގޮވާލިއެވެ.
މައިގެއާ ދުރުން ހަދާފައި ހުންނަ ބަދިގޭ ދޮރުމަތީ ހުރި ޖޯއްޔެއްގައި ހަނޑޫ ދޮލަނގެއް އުނގަށް ލައިގެން އިން ޝީރީނަށް ނައުރީންގެ އަޑު އިވުމާއެކު ތެދުވިއެވެ. އޭނާ މައިގެއާ ދިމާލަށް ހިނގައިގަތީ ހަނޑޫ ދޮލަނގު ކިހިއްޔަށް ޖަހައިގެންނެވެ. ބަދިގެ ފަރާތުން އައިސް ގޭތެރެއަށް ވަނުމާއެކު ޝީރީނަށް ދޮރުމަތީގައި ހުރި ޒުވާނާ ފެނިއްޖެއެވެ. އޭނާގެ ނިތަށް ރޫ އަރައިގެން ދިޔައީ އެއީ ކާކުކަން ފުރަތަމަ ނަޒަރުން ނަގައިގަންނަން އުނދަގޫވުމުންނެވެ. އެހެންނަމަވެސް ޒުވާނާއަށް ޝީރީން ފެނުމާއެކު ބޭއިހުތިޔާރުގައި ގޭތެރެއަށް ވަދެވިއްޖެއެވެ. ކޮނޑުގައި އޮތް ދަބަސް ތިރިއަށް ދޫކޮށްލާފައި އޭނާ ދިޔައީ ކުރިއަށެވެ.
"މަންމާ" އެއީ އޭނާގެ މޭގެ އެތިކޮޅު ފަދަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަން އެނގުމާއެކު ޝީރީނަށް ހަށިގަނޑަށް ހަރަކާތެއް ގެންނަން ފުރަތަމަ ނޭނގުނެވެ. މައިވަންތަ އިހުސާސްތަކާއެކު އޭނާގެ ހިތުގެ ވިންދަށް ބަދަލު އައިސްގެން ދިޔައެވެ. ހަރަކާތް ހުއްޓިފައި ޝީރީނަށް ހުރެވުނީ އިރުކޮޅަކުއެވެ. ކިހިލީގައި ހުރި ހަނޑޫ ދޮލަނގު ތިރީގައި ޖެހުމުގެ ކުރިން ނިހާންގެ އަތުތެރެއަށް ޝީރީން ދެމިއްޖެއެވެ.
"މަންމާ...." ނައުރީން އެ ދިމާލަށް ދުއްވައިގަތެވެ. "ދޮންބޭ.."
ނިހާންގެ އަތްމައްޗަށް މަންމަ އުފުލާލިއެވެ. ނައުރީން ދުއްވައިގަތީ ފޯނު ހޯދާށެވެ. ކޮޓަރީގައި ހުރި ނިމްރާ ވެސް ނިކުތީ އެވަގުތުއެވެ.
****
އީނާގެ އަތުގައި ހިފައިގެން ސިޑިން ފައިބައިގެން އައި ރޫޔާ ފެނުމުން ސޯފާގައި އިން ގިސާމަތަށް ނުބައި ގޮތެއް ވިއެވެ. އޭނާގެ ކުރިމަތިން ރޫޔާ ދިޔުމުން ފުންމައިގެން ތެދުވިއެވެ. އިހުތިރާމާއި ގަދަރު ރޫޔާގެ ކިބައިން ފަހަނައަޅައި ގޮސްފައިވި ތަން ފެނުމުން ގިސާމަތުގެ ލޭ ކެކިގަތެވެ. އެއްޗެއް ނުބުނީ މީހާގެ ހަކަތަ ދިއުން ނޫން ކަމެއް ނުވާނެކަން ވިސްނުމުންނެވެ. ހިތްހަމަނުޖެހިފައި ގިސާމަތު ގޮވީ ފަޒީލާ އަށެވެ. ދުމެއް ޖަހާފައި ފަޒީލާ އައިސް ގިސާމަތުގެ ކުރިމަތީގައި ހުއްޓުނެވެ.
"މީގެ ފަހުން އެ އަންހެންކުއްޖާއަށް އަންގާ މިގޭގަ ނުހުރެވޭނެ ކަމަށް" ގިސާމަތު ބުންޏެވެ.
އޭނާ އެ ބުނީ އީނާގެ ވާހަކަކަން ފަޒީލާއަށް ފަހުމުވިއެވެ. މާބޮޑު ކަންބޮޑުވުމެއް ފަޒީލާގެ މޫނުމަތިން ނުފެނުނެވެ. ރޫޔާ އައުމަށްފަހު އެގޭތެރޭގައި ގިސާމަތުގެ ބާރު ދަށްވަމުންދާކަން ފަޒީލާއަށް އެނގެއެވެ. އީނާ އެގޭގައި ހުންނާނެކަންވެސް އޭނާއަށް އެނގެއެވެ.
"އަހަރެންގެ ހަނާނަކީ ވިސްނައިދޭން އަދި ތަންކޮޅެއް އުނދަގޫ ކުއްޖެއް. އެކަމަކު އެ އީނާ... ލަދެއްވެސް ނުގަނޭތަ! ކާކުގެ ދަރިއެއް ކަމެއް، ކޮން އާއިލާއެއްގެ މީހަކު ކަމެއް އެއްވެސް ހައިސިއްޔަތެއް ނެތް ބައެއް އަހަރެންގެ ދަރިއަކާ ހަމައަށްވެސް އައިސްގެން ނުވާނެ. އެހެންވީމަ އެ އަންހެނާއަށް އަންގާ ހަނާނާ ދުރުގަ ހުންނަން" ފަޒީލާ ވާހަކަދެއްކިއެވެ.
"ލައްބަ. އަޅުގަނޑު އަންގާނަން" ފަޒީލާ ބުންޏެވެ.
****
ފޯނެއްގައި އިން އަޖުވަދު ބަލައިލީ އޭނާގެ އޮފީހުގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުންނެވެ. އަތުން އިޝާރާތްކޮށްލުމާއެކު ޝައުން އެތެރެއަށް ވަދެއްޖެއެވެ. އޭނާ އައީ އަޖުވަދު ބައްދަލުކޮށްލަން އެދުމުންނެވެ.
"ބޮޑުބޭބެ ކަމަކުތޯ؟" ޝައުން ބުންޏެވެ.
އަޖުވަދު ހައިރާންވިއެވެ. ކުރީގައި ނުހުންނަ މަޑުމައިތިރިކަމެއް ޝައުންގެ ކިބައިގައި ވީތީއެވެ.
އެކަމާ ސުވާލުނުކޮށްވެސް އަޖުވަދަށް ފަރުނުޖެހުނެވެ.
"ހާދަ ފާޑަކަށް ބަލީތަ؟" އަޖުވަދު އެހިއެވެ. ޝައުން ދެފަރާތަށް ބޯ ހޫރާލިއެވެ.
"ބޮޑުބޭބެ މުހިންމު ވާހަކައެއް ދައްކަން ގެނައީ. އެކަމަކު އެ ވާހަކަތައް ދައްކަން މިއީ އެންމެރަނގަޅު މާހައުލެއް ނޫން. ހިނގާބަލަ ބޭރަށް ނިކުމެލަން" އަޖުވަދު ބުންޏެވެ.
އަޖުވަދު ފަހަތުން ޝައުން އޮފީހުން ނިކުތެވެ. ކާރަށް އެރުމުގެ ބަދަލުގައި މިފަހަރު އަޖުވަދު އެރީ ސައިކަލަކަށެވެ. ޝައުން ހައިރާންވިއެވެ. މިއީ ދުވަހަކުވެސް އޭނާއަށް ފެނުނު މަންޒަރެއް ނޫނެވެ. ސައިކަލުގައި ބޮޑުބޭބެ އުޅޭތަން އެއްވެސް އިރެއްގައި އޭނާއަށް ފެނިފައެއް ނެތެވެ. މީގެކުރިން އޭނާ ހީކުރީ ބޮޑުބޭބެއަށް ސައިކަލް ދުއްވަން ނޭނގެނީ ކަމަށެވެ. އެކަމަކު މިވީ އެހެނެއް ނޫނެވެ. ސައިކަލަށް ވެސް ބޮޑުބޭބެ ނިކަން ފަރިތައެވެ.
"މެންދުރު ނަމާދުކުރިންތަ؟" ދިޔަ މަގުމަތީގައި އަޖުވަދު އެހިއެވެ.
ޝައުންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހީވީ މުޅި އުމުރުގައި ވެސް 'ނަމާދު' މި ލަފްޒު އޭނާއަށް އިވުނީ އަލަށް ހެންނެވެ. އެއްޗެއް ނުބުނެ ޝައުން އިނެވެ. އިހުސާސްވީ ލަދުވެތިކަމެކެވެ.
"މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ދޯ ދާނީ""
****
ދަރިފުޅު ނައުރީންގެ ކޯލު ލިބުމާއެކު މިސްކިތުގައި މަޑުނުކޮށް ދާއޫދު އައީ ގެއަށެވެ. ކުއްލިއަކަށް ޝީރީނާ އަނބުރައިގަތީ ކޮން ސަބަބަކާ ހުރެ ކަމެއް ނައުރީން ގާތު ނާހައި އޭނާ ފޯނު ކަނޑާލިއެވެ. ބޭނުންވީ އަވަހަށް ދަރިންނާ އަނބިމީހާ ކައިރިއަށް ދާށެވެ. ގޭތެރެއަށް ވަނުމާއެކު ފުރަތަމަވެސް ދާއޫދުގެ ލޮލުގައި އަޅައިގަތީ ކޮޓަރި ދޮރު ކައިރީގައި ހުރި ފިރިހެނެކެވެ. އެއީ ނިހާންކަން ދާއޫދަށް ނޭނގުނެވެ. ނިމްރާ ކައިރިކޮށްލައިގެން ހުރެ ކޮނޑުގައި ފިރުމަމުން ދިޔަގޮތް ފެނި ދާއޫދަށް އޭނާގެ ހަވަނަ ހިއްސު އެއްޗެއް އަންގައިދީފިއެވެ. ވަގުތުން ދާއޫދުގެ ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ. ޝީރީނަށް ވީގޮތް ވެސް ދާއޫދަށް އެނގިއްޖެއެވެ.
ދާއޫދަށް ކުރިއަށް އެއް ފިޔަވަޅު އެޅުނެވެ. ދެވަނަ ސިކުންތުގައި ދެބަފައިން އެކަކު އަނެކަކުގެ ގައިގައި ބައްދައިގަނެފައި ރޯން ފަށައިފިއެވެ. އެކަކުވެސް އަނގައިން ނުބުނެއެވެ. އުމުރުން ދުވަސްވެފައިވާ ބައްޕަގެ ހަށިގަނޑުގައި ނިހާން ހިފަހައްޓާލައިގެން ނިހާން ހުރީ ނިކަން ބާރަށެވެ.
"ކޮބާ މަންމް؟" އިރުކޮޅަކުން ނިހާނާ ދުރުވެލާފައި ދާއޫދު އެހިއެވެ.
"ޑޮކްޓަރާއެކު ކުޑަދައްތަ ވެއްޖެ އެތެރޭގަ" ނިމްރާ ބުންޏެވެ.
ތިންބަފައިން ބޭރު ގޮނޑީގައި އިށީނދެގެން ތިއްބެވެ. ތިންބެއިންގެ ތެރެއިން އެންމެ ދޮށީ މީހަކީ ނިހާނެވެ. އެންމެ ހަގު މީހަކީ ނިމްރާއެވެ. ރަށަށް އަލަށް އައި ޑޮކްޓަރު ދިރިއުޅެނީ އެގޭ ދޮރުމަތީގައި ހުރި ގެއިން ކޮޓަރިއެއްގައެވެ. ނައުރީނަށް އަވަހަށް ޑޮކްޓަރު ގެނެވުނީ އެހެންވެއެވެ.
"ބައްޕާ، މަންމަ... " ނިހާން ބުންޏެވެ.
ދާއުދު ނިހާންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. މިވަގުތު ނިހާނަށް ވެސް ޖަޒުބާތީވެވޭނެކަން އޭނާއަށް އެނގެއެވެ. ދަރިންނަށް ހިތްވަރުދީގެން ކެތްތެރިކަމާއެކު އޭނާ ގޮނޑީގައި އިނެވެ.
****
ކެފޭއަށް ވަދެގެން ގޮސް އަޖުވަދު އިށީނެވެ. ކޮފީއަށް އޯޑަރުކޮށްފައި އޭނާ ދައްކަން އުޅުނު ވާހަކަ ފޮތުގެ ފުރަތަމަ ސަފްހާ ހުޅުވާލިއެވެ.
"ކައިވެނި ކުރެވޭތީ ޝައުން އުފަލުންތަ ތި ހުންނަނީ؟" އަޖުވަދު އެހިއެވެ.
ޝައުންއަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. އޭނާ އުފާވޭ ހެއްޔެވެ؟ މަޑުމައިތިރިކަމެއް މިޒާޖުގައި އުފެދިއްޖެކަން ޔަގީނެވެ. ހަށިގަނޑުން އެއްބައި މަދުކަން ކޮންމެ ސިކުންތަކު އިހުސާސް ކުރެވެމުން އެބަދެއެވެ. ބަސްމަދުވެ ކުރިން ކުރަމުން އައި ބައެއް ކަންކަން ދޫވެސްކޮށްލެވިއްޖެއެވެ. ޔަގީނުންވެސް ކައިވެންޏެއް ކުރެވެން އުޅޭތީ ލިބެންވާ ހިތްހަމަޖެހުމެއް އޭނާއަށް ނުލިބެއެވެ.
"ލައްބަ އުފާވޭ" ޝައުން ބުނީ ފާޑަކަށެވެ.
"ބޮޑުބޭބެ މިއުޅެނީ ރޫޔާއާ ގުޅޭ ވާހަކައެއް ދައްކަންވެގެން" އަޖުވަދު ބުންޏެވެ.
ހަތަރުކަޅި ހަމަކޮށް ޝައުން ބޮޑުބޭބެއަށް ބަލައިލިއެވެ.
"ފުރަތަމަ ކަމަކީ އޮފީހަށް ޝައުން އައުމުގެ ކުރީގައި ބޮޑުބޭބެ ގެއަށް ދިޔައިން. އެއީ ރޭގައި މަސައްކަތެއް ނިންމަންވެގެން ގެންގުޅުނު ލިޔުންތަކެއް ބާއްވާފައި އާދެވުނީމަ އެ ބަލައި. ގެއިން ނިކުތުމުގެ ކުރިން ބޮޑުބޭބެ ރޫޔާ ކޮބައިތޯ ބަލައިލިން. އެކަމަކު... ފެނުނީ ރޫޔާ ރޮނިކޮށް. ބޮޑުބޭބެ ހިތުގަ ހާދަ ބޮޑަކަށޭ ރިއްސައިގަތީ" އަޖުވަދު ވާހަކަދެއްކިއެވެ.
"ރޫޔާ ދެރަވަނީ މާމަ އޭނަ ގަދަކަމުން ގެނައީމަ. އަދިވެސް އެ ހިތާމަ ކަންނޭނގެ އެ ކުރަނީ" ޝައުން ބުންޏެވެ.
"ނޫން. ފުރަތަމަ ބޮޑުބޭބެވެސް ހީކުރީ ތިހެން. އެކަމަކު... ރޫޔާ ލޯބިވާ އެހެން ޒުވާނެއް އެބަހުރި. މި ކައިވެނިކުރަން ރޫޔާ ބޭނުމެއް ނުވޭ. ރޫޔާ ހީލާފަ ހުއްޓައި އަހަރެމެންނަށް ފެނުނަސް އެ މަންޖެގެ ހިތްވަނީ ހަލާކުވެފަ. ބޮޑުބޭބެ ހިތަށް އަރަނީ އެ ހާލަތުގައި ހުއްޓައި ތި ދެކުދިން ކައިވެނިކޮށްގެން ދެ ކުދިންނަށް ވެސް ލިބޭނީ ކޮން އުފަލެއްބާއޭ. ރޫޔާ އަކީ ބޮޑުބޭބެގެ އުފަން ދަރިއެއް. ހަމަ އެގޮތަށް ޝައުން އަކީ ވެސް ބޮޑުބޭބެގެ ދަރިއެއް ފަދަ ކުއްޖެއް. ރޫޔާއަށް ދެރައެއް ލިބެން ނޭދޭގޮތަށް ޝައުންއަށް ވެސް ލިބެން ނޭދެން" އަޖުވަދު ވާހަކަދެއްކިއެވެ.
"އެނގޭ ތިހުރިހާ ވާހަކައެއް. ރޫޔާ ކިޔައިދިން. ހަގީގަތުގަ މިހާރު އަޅުގަނޑުވެސް މި ހުންނަނީ ގޮތެއް ނިންމަން ނޭނގިފަ. ރޫޔާ އައިފަހުން ކުއްލިއަކަށް އަޅުގަނޑުގެ ދިރިއުޅުންވެސް ބަދަލުވެއްޖެ. ކަންތައްތައް މިވީ އަޅުގަނޑު ވިސްނައިގެން ހުރި ގޮތަކަށް ނޫން. މިވީ ގޮތެއް ނޭނގޭ..." ޝައުން ވާހަކަދެއްކިއެވެ.
"ބޮޑުބޭބެ ހިޔާލެއް ދީފިއްޔާ ގަބޫލުކުރާނަންތަ؟" އަޖުވަދު އެހިއެވެ.
ޝައުން ބޯޖަހާލިއެވެ.
"ކައިވެނީގެ ވިސްނުން ދޫކޮށްލާ. އިންސާނަކަށް އުފާވެރި މުސްތަގުބަލެއް ހަމައެކަނި ލިބޭ ވަސީލަތަކީ އަވަހަށް ކައިވެންޏެއް ކޮށްގެންނެއް ނޫން. ރަނގަޅު ތައުލީމެއް ލިބިފައި ހުރުމަކީވެސް މުހިންމު ކަމެއް. ޝަމްސުކޮއްކޮ ރާއްޖެއިން ބޭރަށް ފުރީ މޮޅު ޑޮކްޓަރަކަށް ވުމުގެ އުންމީދުގަ. ކިޔެވުން ރަނގަޅަށް ފުރިހަމަ ނުވަނީސް ކޮއްކޮ އެކްސިޑެންޓްވެއްޖެ. ނަސީބު ކަންދިމާކުރިގޮތުން ބޮޑުބޭބެމެންނަށް ޝައުން ހަވާލުކޮށްފަ ކޮއްކޮ ދިޔައީ. އެހެންވީމަ ޝައުންގެ މަންމަގެ ފުރިހަމަ ނުވި އެ ހުވަފެން ޝައުން ފުރިހަމަކުރަން ބޭބެއަށް ފެންނަނީ. ދިރިއުޅުމެއްގަ އެންމެ މުހިންމު އެއްޗަކީ މުޖުތަމައުގައި އެމީހަކީ މީހުން ބަލައިގަންނަ މީހުންގެ ލޯބި ލިބިފައިވާ ތައުލީމީ ޒުވާނަކަށްވުން. ޝައުން ޔޫކޭއަށް ފުރުވާލަން ބޭބެ ބޭނުންވަނީ. ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރަން ބޭބެ މިހުރީ ތައްޔާރަށް. މިކަމުގަ ޝައުންގެ އާބަސް ވަރަށް މުހިންމު" އަޖުވަދު ވާހަކަދެއްކިއެވެ.
ބޮޑުބޭބެ ދެއްކި ވާހަކަތައް ޝައުންގެ ސިކުނޑިން ނެރެ އެއްލައިނުލެވުނެވެ. މިފަހަރު އޭނާ ވިސްނަން މަޖުބޫރު ވެއްޖެއެވެ. މިވީހާ ދުވަހު އޭނާ ކަންތައް ކުރީ އޭނާގެ ސިކުނޑި ވިސްނައިދޭ ގޮތަށެވެ. އުމުރުން ފަންސަވީސް އަހަރަށް އެޅުނުއިރު ދިރިއުޅުމުގައި މުޅިންވެސް އޭނާއަށް ކުރެވިފައި ހުރީ ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނެވެ. މަގު ދައްކަން ހުރި މާމަވެސް އޭނާއަށް އަންގައިދިނީ ދުނިޔޭގައި އުފަލާއި އަރާމު މިލްކުވެގެން ވަނީ ހަމައެކަނި މުއްސަނދިންނަށް ކަމެވެ. މި ޒަމާނުގައި އެއް ރުފިޔާ އޮންނަ މީހަކީ އެއްވެސް މީހެއް ނޫންކަމެވެ. މީހާ އަކީ ފައިސާވެރިއެއްކަން އެނގެންޖެހޭނީ ހަމައެކަނި ވޮލެޓުގައި ފައިސާ ބޮނޑިތައް އިތުރުވެގެން ނޫން ކަމެވެ. މީހާ ލައިގެން ހުންނަ ހެދުމުންވެސް އެކަން އެނގެން ޖެހޭނެކަމެވެ. ހިތުލައިފިކަމެއް ކޮށްފައި ނޫނީ ހުއްޓާނުލުމަށެވެ. ހަގީގަތުގައި ރޫޔާ އަކީ އޭނާގެ ލޯބި ނޫންކަން އޭނާއަށް އަދި ވިސްނުނީއެވެ. އޭނާ ބޭނުންވީ ހާސިލުކުރާށެވެ.
"އެކަމަކު.. މިހާރު ރަންވެސް ކިޔައިފިން. ތިން ދުވަސްފަހުން ކައިވެނި. އަނެއްކޮޅުން މާމަ..." ޝައުން ބުންޏެވެ.
"މާމަގެ ވާހަކަނުދައްކާ. ޝައުން ކައިރީގަ ބޮޑުބޭބެ ވާހަކައެއް ބުނެފާނަން. ބޮޑުބޭބެ ބޭނުންވަނީ އޮފީސް މަސައްކަތް މި ހިންގާ އިމާރާތް އެއްކޮށް ބަންދުކޮށް މަންމަގެ ކުނި ފައިސާތަކުން އަތްފޮޅާލަން. މިއީ މިހާތަނަށް ބޮޑުބޭބެ ވިސްނި އެންމެ ހަރުދަނާ އެއް ވިސްނުން. ޝައުން ވެސް މަންމަގެ އަމުރަށް ތަބާވުން ހުއްޓާލާ. އެހެން ނޫނީ ދުވަހަކުވެސް މަންމަގެ އަތްދަށުން ސަލާމަތެއް ނުވާނެ. އަމިއްލަ ހިތުގެ ވާހަކަތައް އަޑުއަހައިގެން، ބޮޑުބޭބެ މި ދެއްކި ވާހަކަތައް އަހައިގެން އަމިއްލަ މުސްތަގުބަލު އުޖާލާކުރަން ފުރަތަމަ ފިޔަވަޅު އަޅާ. ޝައުން އާއެކު ބޮޑުބޭބެ ހުންނާނަން" އަޖުވަދު ވާހަކަދެއްކިއެވެ.
"މާމަ އަސްލު ގޯސް ދޯ" ޝައުން އެހިއެވެ.
އަޖުވަދު ޝައުންއަށް ބަލަހައްޓައިގެން އިނދެފައި ލަސްލަހުން ބޯ ޖަހާލިއެވެ.
****
ގޭތެރެއަށް ވަން އިސްކޮޅުން ދިގު ބިޔަ މީހާ ފެނުމާއެކު އެއީ ކާކުކަން ބަދިގެއާ ދިމާލަށް ދިޔަ ފަޒީލާއަށް އެނގުނެވެ. މީހާގެ ހަށިގަނޑުން ބޭރަށް ނިކުމެފައިވާ ބަނޑުމަތިން ލައިގެން ހުރި ކޯޓު ރަނގަޅު ކުރަމުން އެމީހާ އަރައިގެން ދިޔައީ މައްޗަށެވެ. ގިސާމަތުގެ ކޮޓަރިއަށް ޝައުކަތު ވަނީ ޓަކި ޖަހައިލުމެއްވެސް ނެތިއެވެ. ފަޒީލާ ހައިރާންވިއެވެ. އޭނާ އަވަސްވީ މެހްމާންދާރީ އަދާކުރުމަށެވެ. އެހެން ނޫނީ ގިސާމަތު ހިތްހަމަނުޖެހޭނެއެވެ. ބަދިގެއަށް ވަދެ ޝާހީ ބިއްލޫރި ތަށިތަކުން ތައްޓެއް ނަގައި ތަބަކުގައި އަތުރާލިއެވެ. ގިސާމަތުގެ އެހާ ގާތުގައި ވާނީ ޔަގީނުންވެސް ފެންވަރުގެ މީހެއްކަން ފަޒީލާއަށް ވިސްނުނެވެ. ތަބަށް ހިފައިގެން މަޑުމަޑުން ހިނގާފައި ގޮސް ފަޒީލާ ހުއްޓުނީ ގިސާމަތުގެ ކޮޓަރި ދޮރު ކައިރީގައެވެ. ދޮރު އެއްކޮށް ނުލެއްޕި ހުރުމުން އޭނާއަށް ކުރިމައްޗަށް އަރަން ނުކެރިފައި ހުއްޓެވެ. އެތެރެއަށް ކުޑަކޮށް އޭނާ ބޯދިއްކޮށްލީ އިރުކޮޅަކު ހުރެފައެވެ. އެވަގުތު އޭނާއަށް ފެނުނީ ފުރަގަހަށް ހުރި ޝައުކަތުގެ ގައިގައި ބައްދައިގެން ހުރި ގިސާމަތެވެ. ފެނުނު މަންޒަރެއްހެން ހީވެ ދެތިން ފަހަރަށް ފަޒީލާ އެސްފިޔަ ވެސް ޖަހާލިއެވެ.
"އަހަރެންގެ އަނބިމީހާގެ ދެލޮލުން ކަރުނަ ދެކޭކަށް ބޭނުމެއް ނޫން" ޝައުކަތު ބުންޏެވެ.
ފަޒީލާ އަތުން ތަބަށް ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ހުޝިޔާރުވެ އޭނާ ތަބަކުގައި ބާރަށް ހިފެހެއްޓިއެވެ. އެވަގުތު އޭނާ އެތަނުގައި ހުރުން ރަނގަޅު ނޫންކަން އެނގި އައިކޮޅަށް އަނބުރާލިއެވެ. އެހެނީ ގިސާމަތު އަންގާފައި އޮތީ ގެއަށް އަންނަ މެހެމާނުންނަށް ހެޔޮކޮށް ހިތުމަށެވެ. ޝައުކަތަކީ ގިސާމަތުގެ މެހެމާނެއް ނޫނެވެ.
"އަހަރެން މޮޔަވެއްޖެ. މިހާރު ހަނާނު މިގެއަށް ނުގެނެވުނުނަމައޭ ހިތަށް އަރާ" ގިސާމަތު ބުންޏެވެ.
ޝައުކަތު ގިސާމަތުގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.
"އެއްވެސް ކަމަކާ މަގޭ ރާނީ ވިސްނާކަށް ނުޖެހޭނެ. އަހަރެން މި އައީނު. މިތަނުން އަހަރެން ފުރާނީ ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާފަ" ޝައުކަތު ބުންޏެވެ.
އެވަރަކުން ގިސާމަތު ހިތްހަމައެއް ނުޖެހެއެވެ. އޭނާ ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ނުދާތީ ތާއަބަދު މިހާރު އެދަނީ ފިކުރު ކުރަމުންނެވެ. ބޮލެއްގައި ރިއްސާތާވެސް ތިން ދުވަސް ވެއްޖެއެވެ. އޭނާގެ ހާލު ބަލައިލާކަށް އެއްވެސް ދަރިއަކު ނާދެއެވެ. އަޖުވަދާ ކުރިމަތިލައި ވާހަކައެއް ދައްކަން އޭނާ ބޭނުންވެސް ނުވަނީއެވެ.
"ކޮން ވިސްނުމެއްގަ" ގިސާމަތުގެ މޫނާ ދިމާލުން ވައިގެ ތެރޭގައި އަތް ހިންގައިލަމުން ޝައުކަތު ބުންޏެވެ.
"ނުވިސްނަން... އެކޮޅު ކަންތައް ކިހިނެއްވަނީ؟" ގިސާމަތު އަހާލިއެވެ.
"އަހަރެންގެ ރާނީ ބޭނުންވަންދެން ހަބީބު ހުންނާނީ ޖަލުގަ. ހަންނާ ހުންނާނީ އިއްޒުއްދީންގެ ބާރުގެ ދަށުގަ. މިހާރު ކައިވެނި ނުކުރާ ކަމެއްވެސް ނޭނގޭ" ބޮޑު ހިނިގަނޑަކާއެކު ޝައުކަތު ބުންޏެވެ. ގިސާމަތުގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
"އަހަރެން މިހާރު ބޭނުންވަނީ ވީއެންމެ އަވަހަކަށް ޝައުން އާއި ހަނާނު ކައިވެނި ކުރުވަން. ޝައުންގެ ވެސް ދަރިން މިގޭގަ އުޅޭތަން ބަލަން ބޭނުންވަނީ" ގިސާމަތު ބުންޏެވެ.
"ތިކަން އޮތީ ކުރިޔަކަށްނު. އަހަރެން މިއައީ ކައިވެންޏަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހިފައިގެން. މަދު އެކައްޗެއްވެސް ނުހުންނާނެ. ފެންވަރުގެ ކައިވެންޏަކަށް މި ކައިވެނިވާނެ" ޝައުކަތު ބުންޏެވެ.
****
ފެންޑާގެ މެދުގައި އެލުވާފައި ހުރި ލަކުޑި ބޮޑު އުނދޯލީގައި ދާއޫދާއި ޝީރީން އިނެވެ. ނިހާން އިނީ މެދުގައެވެ. އަދިވެސް ނިހާންގެ ބަސްމަދެވެ. އޭނާގެ މިޒާޖުގައި ހަމަހިމޭންކަމެއް ވިއެވެ. މާގިނަ ވާހަކަދައްކާ ހިތެއް ނުވިއެވެ. އޭނާ ފަދަ ވިސްނުންތޫނު ޒުވާނެއް ޝާނާ ކަހަލަ މަކަރުވެރި އަންހެނެއްގެ ދަލުގައި ޖެހުނީތީ އޭނާ އިނީ އަދިވެސް ގަބޫލުކުރަން ދަތިވެފައެވެ. ސަލާމަތްވިކަން އެއީ ހެއްދެވި ފަރާތުގެ ރަހުމަތެވެ.
"ތިހެން ނީނދެބަލަ ދަރިފުޅާ" ނިހާން އިންގޮތުން ޝީރީނާގެ ލަގޮނޑިއަށް ބާރުވެގެން ދިޔައެވެ.
"އަޅުގަނޑުގެ ރޫ... ރޫޔާ... ވީތަނެއްވެސް ނޭނގޭ" ހިމޭނުން އިނދެފައި ނިހާން ބުންޏެވެ. އެހިނދު ދާއޫދާއި ޝީރީން އެކަކު އަނެކަކަށް ބަލައިލިއެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ ދަރިފުޅު ތި އެދޭ ހުރިހާ ކަމެއް ދަރިފުޅަށް ހާސިލުވާނެ. އެންމެ ފުރަތަމަ ދަރިފުޅުގެ ތި ބިރުވެރި ސިފަ ބަދަލުކުރޭ. ތިއީ ބައްޕަގެ ނިހާން ހުންނަ ގޮތެއް ނޫން" ނިހާންގެ ބުރަކަށީގައި ފިރުމާލާފައި ދާއޫދު ބުންޏެވެ.
"ރޫ ވީތަނެއް އެނގި ރޫގެ ހަބަރެއް ލިބުނުހާ އަވަހަކަށް ތިކަން ކުރާނަން" ނިހާން ބުންޏެވެ.
"ބައްޕަ ގުޅަންތަ ހަބީބަށް" ދާއޫދު ބުންޏެވެ.
"ގުޅިދާނެ. އެކަމަކު ބޭބެއަށް ވެސް ރޫ ވީތަނެއް މިހާރު އެނގޭނެހެނެއް ހިއެއް ނުވޭ. ބޭބެ އާއި ދައްތަ ސަލާމަތުން ތިބި ކަމެއްވެސް ނޭނގޭ. އެމީހުން މިހާރު ރޫ ގެންގޮސްދާނެ. އެއީ ތާއަބަދު ބޭބެ ފިކުރު ކުރި ކަމަކީ. ބޭބެ ހުރިހާ ވާހަކައެއް ކިޔައިދިން" ނިހާން ވާހަކަދެއްކިއެވެ.
(ނުނިމޭ)