"ތި ކުރެވެނީ ކުށްހީއެއް. މަންމަ ތިވަނީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގަ. ތި ގިސާމަތަކީ ބައްޕަގެ ދޮށީ އަނބި" އިއްޒުއްދީން ބުންޏެވެ.
****
މުޅިން އައު ދުވަހެކެވެ. ހެނދުނު ހޭލީއްސުރެ ފެށިގެން ރޫޔާ ފަޒީލާގެ ބައިން ނުނިކުމެއެވެ. އީނާއާ އެކު އޭނާ ވަގުތު ހޭދަކުރަމުން ދިޔައެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އީނާ އާއި ރޫޔާއާ މެދު ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. ދެ ކުދިން ބަދިގޭގައި ކޮފީ ބޯން ތިއްބައި ފަޒީލާ އައިސް ހުއްޓުނެވެ.
"މާމަކޮޅު ރޫއަށް އެބަގޮވާ" ފަޒީލާ ބުންޏެވެ.
ރޫޔާގެ ހިނިތުންވުން ފަނޑުވިއެވެ. ދާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މަންމަގެ ބަސްތައް ހަނދާންވެފައި ދާން ހިނގައިގަތެވެ.
ރޫޔާ ސިޓިންރޫމަށް ވަތްއިރު ގިސާމަތު ބޮޑު ގޮނޑީގައި އިނެވެ. ފަރުވާކުޑަ ގޮތަކަށް ހިނގާފައި އައިސް ރޫޔާ އިށީނީ އަޖުވަދު ކައިރީގައެވެ. ރޫޔާ ކައިރިވުމާއެކު ރޫޔާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ރޫޔާ އަޖުވަދުގެ މޫނަށް ބަލައިލާފައި ހީލިއެވެ. އެ މަންޒަރުން ގިސާމަތަށް ވެސް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
"ނޯކަރުންގެ ބައިގަ ދަރިފުޅު އަބަދު ކޮންކަމެއްގަ ތި އުޅެނީ؟" ގިސާމަތު އެހިއެވެ.
"އެއީ ނޯކަރުން ކަމެއް ނުދެނަހުރިން. އެހެންނޫނަސް އަހަރެން އެބަޔަށް ދަނީ މިތަނަށް ވުރެ އެތަނުން ލިބޭ ހިތްހަމަޖެހުން ބޮޑުވީމަ. ފަޒިއްތަ އަހަރެންގެ ގައިގަ ފިރުމާލާ ގޮތުންވެސް އަހަންނަށް ހީވަނީ މަންމަ ފިރުމާލާހެން" ރޫޔާ ވާހަކަދެއްކިއެވެ. ގިސާމަތުގެ ހިތްހަމަޖެހުން ފަނޑުވިއެވެ. އަޖުވަދަށް އޭނާ ބަލައިލިއެވެ. މިފަހަރު އަޖުވަދުވެސް ހީލައިގެން އިންގޮތުން ގިސާމަތުގެ ނިތަށް ހިތްހަމަނުޖެހުމުގެ ދެތިން ރޫ އަރައިގެން ދިޔައެވެ.
"މާދަމާގެ ވަގުތެއްގަ ދަރިފުޅުގެ ކައިވެނީގެ ހެދުން އަންނާނެ" ގިސާމަތު ބުންޏެވެ. އެއްޗެއް ބުނަން ރޫޔާ އުޅުނެވެ. އެހެންނަމަވެސް މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާފައި އެއްޗެއް ނުބުނެއެވެ. އޭނާގެ ޕްލޭން އެނގެނީ އޭނާއަށެވެ.
"އަޖުވަދު ވާނެ އެނގޭ ޔޫރަޕްގެ ގައުމުތަކަށް މި ކުދިން ހަނީމޫނަށް ދާން ހުރިހާ ތައްޔާރީތަކެއް ވެދޭން" ގިސާމަތު ބުންޏެވެ. މިފަހަރުވެސް ފާޑަކަށް ރޫޔާ ހީލައިފިއެވެ. ޝައުންއާ އެކު ހަނީމޫނަށް ދާހިތުން ލޮލުފިޔަ ޖަހާނުލެވެޔޭ އޭނާގެ ހިތަށް އެރިއެވެ.
"ދަރިފުޅާ ހަނާން..." ގިސާމަތު ގޮވާލިއެވެ.
"އަހަންނަށް ކިޔަނީ ހަނާނެއް ނޫން. ރޫޔާ. އަހަރެންގެ މައިންބަފައިން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ބަކަރި ކަތިލައިގެން އަހަންނަށް ދިން ނަމަކީ ރޫޔާ. އެނޫން ނަމަކުން އަހަންނަށް އެއްވެސް މީހަކު ގޮވާކަށް ބޭނުމެއް ނޫން" ރޫޔާ ހިތްހަމަނުޖެހުނެވެ.
"މިހާރު މާމައަށް ގޮތްވެސް ކިޔައިދޭން ފެށީތަ؟" ގިސާމަތު ބުންޏެވެ.
އަޖުވަދު އިނީ ދެފަރާތުން ބަހުގެ ހަމަލާތައް ބަދަލުކޮށް ޒުވާބު ހޫނުވެދާނެ ކަމަށް ވަރަށް ވިސްނައިގެންނެވެ.
"އަހަރެން މިދަނީ. އީނާ އިންނާނީ މިހާރު ލަސްވެފަ. ބައްޕާ އަޅުގަނޑު ދަނީ އިނގޭ" އަޖުވަދުގެ ފައިގެ ފަލަމަސްގަނޑު މަތީގައި އަތް ޖައްސާލާފައި ރޫޔާ ބުންޏެވެ. އަޖުވަދު ބޯޖަހާލުމާއެކު ތެދުވެގެން ރޫޔާ ހިނގައިގަތެވެ.
ގިސާމަތު ހިތްހަމަނުޖެހުމާއެކު އަޖުވަދަށް ދެލޯ އަޅާލިއެވެ. މިފަހަރު އަޖުވަދު އޭނާގެ ކޮޅަށް ވާހަކަނުދެއްކީތީ އޭނާގެ ގައިގައި ރޫރު އަޅަމުން ދިޔައެވެ.
"އަޑު އިވިއްޖެތަ؟ އަޖުވަދަށް ހަނާނުގެ ހިތް ހޯދުނު އިރު އަހުލާގެއް ދަހެއް ނުކޮށްދެވޭ ދޯ. ދަރި މިތަނަށް ގެނައީ ހައްތާ ތުއިކުރަން ދޯ. ރޫޔާއޭ ބުނެފިއެއްނު. ކޮން ރޫޔާއެއް. އަހަރެން ކިޔާނީ ހަނާން. ކަލޭވެސް ކިޔަންޖެހޭނީ އެ ނަމުން. ހަބީބާއި ހަންނާ އަހަރެންނާ އެއްމަގަކުން ހިނގޭހާވެސް ނުވޭ. ވީއިރު އެމީހުން ދިން ނަމުން އަހަރެން ގޮވާނެތަ؟" ގިސާމަތު ވާހަކަދެއްކިއެވެ.
އަޖުވަދު ފުން ނޭވައެއް ދޫކޮށްލިއެވެ. ރޫޔާ ކައިރިން ވީ ވައުދުމަތިން އޭނާ ހަނދާން ނުނެތެއެވެ. މަންމައާ ދެކޮޅަށް އެއްޗެއް ބުނާ ވަގުތު ޖެހުނީއެވެ. މަންމަ އެ ދައްކަނީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. މަންމަ ޖެހޭނީ އެކަން ގަބޫލުކުރާށެވެ.
"މަންމާ، އެ މަންޖެ އެ ބުނީކީ ދޮގު ވާހަކައެއް ނޫނެއްނު" ހަބީބް ބުންޏެވެ.
ގިސާމަތު ހައިރާންވިއެވެ.
"އަޅުގަނޑުމެން އެ މަންޖެއަށް ކުކުޅެއް ނޫނީ ހާލެއް ނޫނީ ބަކައްޓެއް ކަތިލާފަ ނަމެއް ކިއިންތަ؟ ހަނާނަކީ މަންމަ ދުލަށް ފަސޭހައަށް ދިން ނަމެއް ނޫންތަ؟ ދަރިފުޅަށް ހަތް ދުވަސް ވާ ދުވަހު ނަން ކިޔަންޖެހޭއިރު އެ ވާޖިބު އަދާނުކޮށް އަޅުގަނޑަށް ކުރެވުނީ އަޅުގަނޑު ފާފަވެރިވާނެ ކަމެއް ނޫންތަ؟ އެ މަންޖެ ނުބަލާ އަޅުގަނޑު ހަބީބުއާ ހަވާލުކުރީމަ އެ ދެމަފިރިން އެ މަންޖެ ގެންގޮސް އިސްލާމްދީނުގަ އޮތް ގޮތަށް ނަން ކިޔައިގެން ބަލައި ބޮޑުކޮށް އެވަރު ކުރީމަ މަންމަ ކިތަންމެ ބޭނުންވިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ" އަޖުވަދު ވާހަކަދެއްކިއެވެ.
"އަ ޖު ވަ ދު...." ގިސާމަތު ހިތްހަމަނުޖެހިފައި ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭނާގެ ދަރިއަކު އޭނާއާ ދެކޮޅަށް އޭނާ އެހާ ނަފްރަތުކުރާ ބަޔަކާ އެއްކޮޅަށް ވާހަކަދެއްކުމަކީ އެއްގޮތަކަށްވެސް އޭނާއަށް ބަލައިގަނެވޭ ކަމެއް ނޫނެވެ.
"މަންމާ! ތިހެން އަޑުގަދަކޮށްގެން މައިތިރިކުރެވޭވަރުގެ ކުޑަކުއްޖެއް ނޫން އަޅުގަނޑަކީ" އަޖުވަދު ބުންޏެވެ. ވާހަކަދެއްކުމުގައި އޭނާ ހިޔާރުކުރީ މަޑުމައިތިރިކަމެވެ.
"ކަލޭގެ ލަދު ކޮބާ؟ ތިއީ ކޮންއިރަކު ދަސްކުރި ކަމެއް. އެނގޭތަ ތި ވާހަކަދެއްކެނީ ކާކާ ކަމެއް. ތީގެ އަދަބު ކަލެއަށް އޮންނާނެ" ގިސާމަތު ބުންޏެވެ.
"އަޅުގަނޑު މިއުޅެނި މަންމައާ ޒުވާބުކޮށް ގަދަބަސް ބުނާކަށް ނޫން މަންމާ. އަދި މަންމަ ދޭ އެއްވެސް އަދަބެއް އަޅުގަނޑުވެސް ގަބޫލެއް ނުކުރާނަން. މަންމަ ކިތަންމެ ނުރުހުނަސް އެ މަންޖެއަށް އަޅުގަނޑު ގޮވާނީ ރޫޔާގެ ނަމުން. އެހެން ހުރިހާ ކަމަކަށް ވުރެ އަޅުގަނޑަށް އެ މަންޖެގެ ހިތްހަމަޖެހުން މުހިންމު" އަޖުވަދު ވާހަކަދެއްކިއެވެ. ދިޔުމުގެ ކުރިން އޭނާ މަންމަގެ ދެކޮނޑުގައި ހިފަހައްޓާލަން އުޅުނެވެ. އެ ފުރުސަތު ގިސާމަތު އޭނާއަށް ނުދިނެވެ. އަޖުވަދު ދާ ދިމާލަށް ބަލަހައްޓައިގެން ގިސާމަތު ހުރީ ބަސްހުއްޓިފައެވެ. ދާދި ދެންމެއަކު އޭނާގެ ލޯމަތިން ނިއުޅުވިގެންދިޔަ އަޑުތަކާ މަންޒަރު ގަބޫލުނުކުރެވިފައެވެ.
****
ގަޑިން މެންދަމު ބާރަޖަހައި ބޮޑުވެއްޖެއެވެ. ރޫޔާ ކޮޓަރިން ނިކުތްގޮތަށް މިސްރާބު ޖެހީ ފަޒީލާ އުޅޭ ބަޔަށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އޭނާ މަޑުމަޑުން ދޮރުގައި ޓަކި ޖަހާލިއެވެ. އެއާއެކު ފަޒީލާ ދޮރު ހުޅުވައިފިއެވެ. ފަޒީލާ ކައިރީގައި އީނާ ވެސް ހުއްޓެވެ.
"ސޮރީ މިގަޑީގަ ގުޅާފަ ގެނެވުނީމަ" ރޫޔާގެ އަތުގައި ހިފައިގެން އެތެރެއަށް ވައްދާފައި ފަޒީލާ ބުންޏެވެ.
"ހެދުން ލިބުނީތަ؟ އަޅެ ވަރަށް ބަލައިލާ ހިތްވެއްޖެ" ރޫޔާ ބުންޏެވެ.
ރޫޔާގެ ކައިވެންޏަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް ފޮނުވީ ހަންނާއެވެ. ހެދުމާއި ބުރުގަލުގެ އިތުރުން ބޫޓާއި ބޭނުންކުރާނެ ގަހަނާތައް ވެސް ފޮނުވީ ހަންނާ އާއި ހަބީބްގެ ހަރަދުގައެވެ. އެތަކެތި ބަލައި ދިޔައީ ފަޒީލާއެވެ. ގިސާމަތަށް އެނގުމެއް ވެދާނެތީ އޭނާއަށް އެތަކެތި ހިފައިގެން ރޫޔާއާ ހަވާލުކުރަން ދާން ނުކެރުނީއެވެ.
"ވޯއު... މަންމަގެ ޗޮއިސް... ވަރަށް އުފާވެއްޖެ.... އޯ ފަޒިއްތާ..." ކައިވެނީގެ ހެދުން ގައިގައި ޖައްސާލާފައި ރޫޔާ ބުންޏެވެ. ރޫޔާ އެހާ އުފާވެފައި ހުއްޓައި ފެނުމުން ފަޒީލާވެސް ހިތްހަމަޖެހިއްޖެއެވެ. ރޫޔާ ހިތްހަމަޖެހުނީ އޭނާގެ ކައިވެނިވެވޭތީ ނޫންކަން ފަޒީލާއަށް އެނގެއެވެ. އޭނާގެ ކައިވެންޏަށް ބޭނުންވާ ސާމާނު ހަންނާ ފޮނުވީތީއެވެ.
"މަންމައަށް ތެންކިޔު ބުނަން ބޭނުން. އޭރުވެސް އެނގޭ މަންމައަށް ވެސް ކަމުދާނީ އަޅުގަނޑަށް ކަމުދާ އެއްޗެހިކަން. މަންމަ ހާދަ މޮޅޭ...." ރޫޔާ ވާހަކަދެއްކިއެވެ.
"ހުރިހާ ޝުކުރެއް މަންމައަށް އެކަނިތަ؟" ފަޒީލާ ބުންޏެވެ.
"ދެން ކާކު ހުރީ؟ ބައްޕަވެސް ހުރިނަމަތާ..." ރޫޔާ ބުންޏެވެ. ބައްޕަ މަތިން ހަނދާންވުމާއެކު ރޫޔާ ހިމޭންވިއެވެ. އެ ބައްޕަ ވީ ކޮންތާކު ހެއްޔެވެ؟ ބައްދަލުވާނީ ކޮންއިރަކު ހެއްޔެވެ؟ ވީތަނެއްގައި ސަލާމަތާއި ރައްކާތެރިކަމާއެކު ލައްވާށިއެވެ. ރޫޔާ ހިތާހިތުން ދުއާ ކޮށްލިއެވެ.
ރޫޔާއަށް އައި ބަދަލު ފަޒީލާއަށް ފާހަގަވިއެވެ. މަންމަ އާއި ބައްޕަ ބައްދަލުވެ ކައިވެނިކުރުމަށް ތައްޔާރުވަމުންދާ އުފާވެރި ހަބަރު އޭނާ ރޫޔާއަށް ދޭން ބޭނުންވިއެވެ. އެހެންނަމަވެސް ހަންނާ އޮތީ އަދި އެވާހަކަ ރޫޔާ ކައިރީގައި ނުބުނުމަށް އެދިފައެވެ. ކައިވެންޏަށް މައިންބަފައިން އަންނަ ވާހަކަ އެއީ ފަޒީލާ ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭ ބޮޑު ސިއްރެކެވެ.
"ރޫ ތިއީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް" އީނާ ވެސް ބުނެލިއެވެ.
****
ތައްޔާރުވާން ހުއްޓައި ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު ޝައުންއަށް އިވުނެވެ. އޭނާ ފަހަތް ބަލައިލިއެވެ. ހިނިތުންވެގެން ދޮރުކައިރީގައި ހުރީ މާމައެވެ. ޝައުން ހީލުމާއެކު އަސާގަނޑު ވިއްދައިގެން ގިސާމަތު އައިސް ޝައުން ކައިރީގައި ހުއްޓުނެވެ. އޭނާގެ ދެ އަތުން ޝައުން ލައިގެން ހުރި ސޫޓްމަތިން އަތް ހާކާލިއެވެ. އެއީ ރަންކިޔުމުގެ ހާއްސަ ހަފުލާއަށް ސީދާ އޭނާ ފެއްސި ސޫޓެކެވެ. ރޫޔާއަށް ވެސް ހަމަ އެ ކުލައިގެ ހެދުމެކެވެ.
"މާމަ މިއަދު ހާދަ އުފަލެއް އެބަވެޔޭ" ގިސާމަތުގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޝައުން ހީލާފައި އެއްޗެއް ނުބުނެ ލޯގަނޑާ ދިމާލަށް އެނބުރިލިއެވެ.
"ދަރިފުޅު އުފަލެއް ނުވޭތަ؟" ގިސާމަތު އަހާލިއެވެ.
"ކައިވެނި ކުރެވޭތީ ވަރަށް އުފާވޭ. އެކަމަކު އެއްކޮޅުން ވެވޭ ލޯތްބަކުން ފަށާ ދިރިއުޅުމެއް. ލިބެންވާ ހިތްހަމަޖެހުމެއް ނުލިބޭނެއެއްނު" ޝައުން ބުންޏެވެ.
"ކައިވެނި އެބަ ކުރެވެއެއްނު. ހަނާނު ފިއްތާލާތި ނިކަން. އެހާ މިނިވަންކަން ނުދޭތި. ވީ އެންމެ އަވަހަކަށް ދަރިން ހޯދާފަ ހަނާންގެ ބޮލުގަ އަޅުވާފަ ބަހައްޓާ. އޭރުން ނުކެރޭނެ ލޯބިނުވެޔޭ ކިޔާފަ ބަޗާކަށް" ގިސާމަތު ވާހަކަދެއްކިއެވެ.
"އެއަށްވުރެ މާ ލޯބިވޭ ރޫޔާ ދެކެ. ނަހަދާނަން ދެރަގޮތެއް" ޝައުން ބުންޏެވެ.
"ޝައުން ވެސް ކިޔަނީ ރޫޔާތަ؟ ބަލަ އޭނާއަށް ކިޔަނީ ހަނާނު" ގިސާމަތު ރުންކުރުވިއެވެ.
"އޯކޭ މާމާ... ހިނގާ ދާން" އިތުރަށް ބަހުސްނުކޮށް ގިސާމަތާއެކު ޝައުން ނިކުތެވެ.
****
ރަންކިޔުމުގެ މަޖިލީހުގައި ރޫޔާ ކަންތައް ކުރި ގޮތުން ގިސާމަތު އިނީ ވަރަށް ބޮޑަށް ނުރުހިފައެވެ. އެއްޗެއް ނުބުނެ އިނީ ވަގުތުގެ ގޮތުންނެވެ. ކޯޓުގެ ގަދަރުވެރި ބަޔަކު އެވަގުތު ގޭތެރެއަށް ހާޒިރުވެ ތިބުމުންނެވެ. ހުރިހާ ކަމެއް ނިމި ގޭތެރެ ހިމޭންވުމާއެކު ގިސާމަތުގެ ރުޅިގަނޑު ރޫޔާއަށް އަމާޒުވިއެވެ.
"ހަނާން... ހީނުކުރާތި ހިތަށް އެރި ގޮތަކަށް ކަންތައްކުރަން އަހަރެން ރުހިގެން ހުންނާނެއޭ. ކޮން ވައްތަރަކަށް ތިއުޅެނީ. ތިއީ ހަމަ އެ ހަންނާ ދިން ތަރުބިއްޔަތުތަ؟" ގިސާމަތު އަޑުލައިގަތެވެ.
"އަހަރެން މިހެން ހިމޭނުން ހުރުމަކީ އަހަރެންގެ މަންމަ ދިން ތަރުބިއްޔަތަކީ... އެހެންނޫނަސް އަހަރެންގެ ރަންކިޔުމުގެ ހަފުލާގަ އަހަރެން ބޭނުންގޮތަކަށް ކަންތައްކުރާނީ" ރޫޔާ ހަމަޖެހިލިއެވެ.
"މަންމާ އަޅައިނުލާބަލަ" އަޖުވަދު ބުންޏެވެ.
"ކަލޭ މަޑުން ހުރޭ... މިއީ ކަލޭގެ ކަންތައް. ކަލޭގެ ސިކުނޑިއަށް ކިހިނެއްވެފަ ތިހުރީ. މި އެންމެންގެ ކުރިމަތީގައި އެންމެ ރުފިޔާއަކަށް ރަންކިޔީ އަހަރެން ލަދު ގަންނަވާކަށްނު. އަހަރެން ނުބުނަންތަ ރަން ކިޔަންވީ އަދަދެއް. ޝައުން އަތުން ކިތަންމެ ލާރިއެއް ދިޔަޔަސް ހަނާނު ވިސްނާކަށް ނުޖެހޭނެ. އަނެއްކޮޅުން ޝައުންގެ ސޫޓާ އެއްކުލައެއްގެ ހެދުމެއް އަހަރެން ފައްސައިދިނީމަ އެހެރީ އޭނާ ލައިގެން އައި ހެދުން. ފާޑެއްގެ ދިގު ހެދުމެކޯ... މިއީ ހަމަ އެ ނުބައި ދެމަފިރިންގެ ނުބައިކަމުގެ އަސަރު" ގިސާމަތު މައިތިރި ނުވެއެވެ. ފުން ނޭވާތަކެއް ލަމުން ރޫޔާ ދިޔައެވެ. އޭނާގެ ކެތްތެރިކަން ކޮޅޫންލީ މައިންބަފައިންނާ ތަކުރާރުކޮށް ގިސާމަތު ކިޔަން ފެށުމުންނެވެ.
"ކޮން ހަނާނެއް؟ ކިހާ ދެރަކަމެއްތަ މިއީ ދެން" ރޫޔާގެ އަޑުވެސް ބާރުވިއެވެ. އެހިނދު އަޖުވަދު އައިސް ރޫޔާ ކައިރީގައި ހުއްޓުނެވެ.
"މިއީ މީނަގެ ރަންކިޔުންތަ؟ ނޫނީ އަޅުގަނޑުގެތަ؟" އަޖުވަދަށް ބަލައިލިއިރު ރޫޔާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
"ވަރަށް ސާފުކޮށް މިބުނަނީ. އަހަރެންގެ ކައިވެނީގެ އެއްވެސް ކަމަކާ މީނަ ބެހިގެން ނުވާނެ. އެއްޗެއް ނުބުނަން އަހަރެންވެސް ކެތްކޮށްފިން. މި ހުރިހާ ދުވަހު އަހަރެން އެއްޗެއް ނުބުނެ އުޅުނީ އެގޮތް މަންމަ ބޭނުންވީމަ. މީނަ ބުނާނެ ގޮތް އަހަރެން ހަދާނީ ހަމަ މިހާރުން މިހާރަށް އަހަރެންގެ މަންމަ އާއި ބައްޕަ މިތަނަށް ގެނައި ދުވަހަކުން. އެހެން ނޫނީ ދުވަހަކުވެސް އަހަރެންގެ ހިތް މީނައަށް ހެވެއް ނުވާނެ" ރޫޔާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ބަސްތައް އަމާޒުވަމުން ދިޔައީ ގިސާމަތަށެވެ. ރޫޔާ މައިތިރިކުރެވޭތޯ އަޖުވަދު ހުރީ މޭގައި ރޫޔާ ޖައްސާލައިގެންނެވެ. އޭނާގެ ހިތުގައިވެސް ވީ މަންމައާ މެދު ޝަކުވާއެވެ.
"ލަދެއްވެސް ނުގަނޭތަ؟ އަދި ކިރިޔާ މި އެނގެނީ އެމީހުންގެ ވައްތަރު. އަޖުވަދު ކަލޭ ކައިރީގައި މަ ނުބުނަންތަ ހަނާނު މާ ގާތް ނުކުރާށޭ. އެހެރީ ތިމާއަށްވުރެ ބޮޑެތި މީހުންނަށް ކިޔާ އެއްޗެހި. މާދަމާ ކަލޭވެސް ނުވާނެ މި ނުލަފާ ކުއްޖާ ކުރިމަތީ އެއްވެސް އެއްޗަކަށް" ގިސާމަތު ދުލެއް ނުކުރެއެވެ.
"މަންމަ ކައިރީގަ އަޅުގަނޑު ނުބުނަންތަ ރޫޔާގެ ކަންކަމުގަ ތި ވައްތަރަށް ނޫޅޭށޭ. ހުރިހާ ކަމަކާ މަންމަ ނުޖެހޭނެ ބެހޭކަށް. މަންމަވެސް ހުރެބަލަ މަންމަގެ މަގާމުގަ. މި ދަރިފުޅުގެ ދެލޮލުން އެންމެ ކަރުނައެއްވެސް ވެއްޓޭތަން ބަލާކަށް އަހަރެން ބޭނުމެއް ނޫން. މިކަން މިގޮތަށް ތަކުރާރު ވަންޏާ މަންމައަށް ވިޔަސް އަހަރެން ހިމޭނުން ނުހުންނާނަން" އަޖުވަދުގެ ރުޅިގަނޑު މިފަހަރު އޭނާއަށް ކޮންޓްރޯލު ނުކުރެވުނެވެ. ރޫޔާގެ ވާހަކަތައް ހަމަ ރަނގަޅަށް އޭނާގެ ހިތާއި ސިކުނޑީގައި ހަރުލައިފިއެވެ. ހެވާއި ނުބައި އޭނާއަށް ވިސްނިއްޖެއެވެ. މަންމަ ކުރާ ކޮންމެ ނުބައި ކަމެއްގަ އެއްފަރާތުގައި އޭނާ ނުހުންނާނެކަން ސާބިތުކޮށްދީފިއެވެ. ގަބޫލުކުރަން ދަތިވެފައި ހުރީ ގިސާމަތާއި ޝައުންއެވެ. ގިސާމަތަށް ވެފައި ހުރިގޮތެއް ނުބަލައި ރޫޔާ ގަޔާ ކައިރިކޮށްލައިގެން ހުރެ އަޖުވަދު ހިނގައިގަތެވެ. މާމަ ހުރިގޮތް ފެނުމުން ޝައުންގެ ހިތަށް ތަދުވެލިއެވެ. އޭނާ ގިސާމަތާ ކައިރިވެލިއެވެ. އެހިނދު ގިސާމަތު ޝައުންއަށް ބަލައިލިއެވެ.
"މާމާ އަތުގަ ވައުދުވޭ. ކައިވެންޏަށް ފަހު ހަނާނަށް ވަރުގަދަ ލަގާއެއް ދޭން. ވައުދުވޭ. މާމަ ބޭނުންވަނީ ހޭއަރުވާލަން އޭނަ. މާ އަނގަ ދިޔާވެގެން އުޅެވޭނީ ކައިވެނި ކުރެވެންދެން. މާމަ އަތުގަ ވައުދުވޭ"
ޝައުން ވައުދެއް ނުވެއެވެ. މާމަގެ ހިތަށް ކޮށްފައިވާ އަސަރު މޫނާ ދެލޮލުން ފާޅުވާން ހުރުމުން ޝައުންއަށް ކުރެވުނުހާ ވެސް ކަމަކީ މާމަގެ ގައިގައި ބައްދައިލުމެވެ.
****
އެނދު މަތީގައި ހުރި ފޮށްޓަށް ހެދުންތައް އަޅަން ހުރި މެހެރީން ފަހަތަށް ބަލައިލިއެވެ. ދޮރުފަތުގައި ލެނގިލައިގެން އިއްޒުއްދީން ހުރީ މަންމަގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އޭނާ ހީކުރި ވަރަށްވުރެ މަންމަ ހިތްވަރުގަދައެވެ.
"މި ނިމުނީ" މެހެރީން ބުންޏެވެ.
އެއް އަތުން ފޮށްޓާ އަނެއް އަތުން މެހެރީންގެ އަތުގައި ހިފައިގެން އިއްޒުއްދީން ބޭރަށް ނިކުތެވެ. އޭނާ މަގުމަތިން ހޯދީ ކުލީ ޓެކްސީއެކެވެ. ޝައުކަތުގެ އެއްވެސް އެއްޗެއް ބޭނުންކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ އެކައުންޓުގައި ހުރި ޝައުކަތުގެ ފައިސާތައް އޭނާ ދޫކޮށްލައިފިއެވެ. ޝައުކަތުގެ ހަގީގަތް އެނގުނު ހިސާބުން އޭނާ ބޭނުންކުރަން ފެށީ ހަލާލު މަސައްކަތުން މީހުންނަށް ފޯނާއި ލެޕްޓޮޕް ފަދަ އެއްޗެހި ހަދައިގެންނާއި އިންޓީރިއާ ޑިޒައިން ކޮށްދީގެން އޭނާ ހޯދާފައިވާ ފައިސާއެވެ.
"ކޮންތާކަށް މިދަނީ؟" މަޑުމަޑުން މެހެރީން އަހާލިއެވެ.
"މިރޭ ހޮޓަލެއްގަ މަޑުކޮށްފަ މާދަމާ ފުރާނީ. މާލެ ގޮސް ތަނެއް ހޯދާނީ. ބައްޕަގެ އަގުބޮޑު އެއްވެސް މުދަލެއް މަންމަވެސް އަދި އަޅުގަނޑުވެސް ބޭނުމެއް ނޫން. މި ގައުމުގަ އެހުރި ބައްޕަގެ ގަނޑުވަރެއް ފަދަ އެގެއަކީ ގިސާމަތުގެ ކައިވެނީގެ ހަދިޔާއަކަށް ބައްޕަ ދިން ތަނެއް. އެތަނުގަ މަންމަ ހުންނަނީ ބައްޕަ ބޭނުންވެގެން. ގިސާމަތު ބޭނުންވެގެނެއް ނޫން. ހުރިހާކަމެއް އަޅުގަނޑަށް ވަރަށް ސާފުކޮށް ހަންނާ ކިޔައިދީފި. މިއީ އަދި މަންމައަށް ކިޔައިނުދޭ ވާހަކަތަކެއް. ﷲ އިރާދަކުރެއްވިއްޔާ މަންމައާ އަޅުގަނޑުގެ ދިރިއުޅުން ރާއްޖޭގަ ހަމަޔަކަށް އެޅުނީމަ ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދޭނަން" އިއްޒުއްދީން ވާހަކަދެއްކިއެވެ. އޭނާ އިނީ މަންމަގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ. މަންމަގެ ހިތްވަރަކަށް ވެގެންނެވެ.
"އެކަމަކު ޝައުކަތު އެހާވަރަށް ގިސާމަތާ ބައްދަލުކުރޭބާއޭ ހިތަށް މިއަރަނީ. ގިސާމަތު ދޭތެރެއަކުން އަންނާނެ. ހުންނާނީވެސް މިގޭގަ. އެކަމަކު ޝައުކަތު ރާއްޖެ ދާކަމެއް ނޭނގޭ. ދަތުރަކު ދާންވިޔަސް މަންމަ ސުވާލުކޮށްފިއްޔާ ބުނާނީ ގަތަރަށް ނޫނީ ޑުބާއީއަށް އެހެން ނޫނީ ލަންޑަނަށް. މިހާރު މި އެނގެނީ ގިސާމަތު މަންމައާ ވާހަކަދެއްކުމުގައި ވަރަށް އަމުރުވެރިވާނެ. ގިސާމަތު އެތަނަކަށް އައިއްޔާ މަންމަ ދުރަށްލާނެ. މިފަހަރުވެސް ބަލައިބަލަ ކަންތައްކުރި ގޮތް. ގިސާމަތު އައި ދުވަހު މަންމަ ފުރުވާލައިފި. މަންމަގެ ކޮން ކުށެއް އޮވެގެންތަ ޝައުކަތު އެހާވަރުގެ ދެރައެއް މަންމައަށް ދިނީ؟ މެހެރީންއަށް ރޮވޭގޮތް ވިއެވެ.
****
ދަބަހެއް ކޮނޑު އަޅުވައިގެން ހުރި މީހަކު ގޭ ދޮރު ކައިރީގައި ހުއްޓައި ފެނުމާއެކު ކުޑަ ކުދިންތަކަށް ކިޔަވައިދޭން އިން ނައުރީން ބަލައިލިއެވެ. ކުކުޅު ބިސް ކުލައިގެ އަތްދިގު ގަމީހަކާއެކު ލައިގެން ހުރި ކަޅު ކުލައިގެ ޖީންސުގައި އެމީހާގެ މުޅި މޫނު އޮތީ ތުނބުޅި އާއި މަތިމަހުގެ އިސްތަށިތަކުން ފުރިފައެވެ. ވަޅުވަދެފައިވާ ދެލޮލާއި ބޯވެފައިވާ އިސްތަށިގަނޑު ފެނުމުން ނައުރީން ގަތީ ބިރެވެ. އެއީ އޭނާ މީގެކުރިން ރަށުން ދެކެފައިވާ މީހެއް ނޫނެވެ.
"މަންމާ..." ނައުރީން ވަގުތުން މަންމައަށް ގޮވާލިއެވެ.
(ނުނިމޭ)