(އިއްޔެގެ އަދަދާ ގުޅޭ...)
މަދީހާ މިއަދު އެދެއްކީ ކޮންކަހަލަ ވާހަކަތަކެއްބާއެވެ؟ ޝިހުނާގެ ކޮން އުފަންދުވަހުގެ ކާޑެއް ހެއްޔެވެ؟ ޝިހުނާގެ ހުރިހާ ވާހަކަތަކެއް ޝާހިދު މަދީހާއާ ރައްޓެހިވުމުގެ ކުރިންވެސް އޭނައަށް ކިޔައިދިނެވެ. ޝިހުނާއާ އޭނާ ރައްޓެހިވެގެން އުޅުނު ދުވަސްތަކުގެ އެއްވެސް ހަގީގަތެއް އޭނާ މަދީހާއަކަށް ނުފޮރުވައެވެ. އަދި މަދީހާއާ ރައްޓެހިވުމަށްފަހު ޝިހުނާއާ ލޯބީގެ ގުޅުން ކީއްކުރަންހެއްޔެވެ؟ އެއްވެސް ކަހަލަ ގުޅުމެއް އޭނާ މަދީހާއާ ގުޅުމަށްފަހު ޝިހުނާ އަކާ ނުބާއްވައެވެ. ޝިހުނާ އަކީ ޝާހިދުގެ ފުރަތަމަ ލޯބިވެރިޔާއެވެ. ގާތްގަނޑަކަށް ތިން އަހަރުދުވަސް ވަންދެން ޝިހުނާއާ ރައްޓެހިވެގެން ޝާހިދު އުޅުނެވެ. ޝިހުނާގެ އުފަންދުވަހަކީ މަދީހާއާ އެއްދުވަހެވެ.
*****************************
ޝާހިދުގެ ހިޔާލުތައް މަދީހާއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރުގެ ތެރެއަށް އުދުއްސައިގަތެވެ. މަދީހާގެ އުފަންދުވަހު ކާޑު ތައްޔާރުކުރި ރޭގެ މަތިން އޭނާ ކުއްލިއަކަށް ހަނދާންވިއެވެ. އެއީ ހުކުރު ވިލޭރެއެކެވެ. އެރޭ އޮފީހުގައި އުޅުނީ ޝާހިދުއާ އޭނާގެ އެކުވެރި އިރުޝާދުއާ އަކްރަމެވެ. އިރުޝާދާއި އަކްރަމަކީ ވަރަށް ގާތް ދެ ރަހުމަތްތެރީންނެވެ. އެދެމީހުންނަށްވެސް ޝާހިދުގެ ލޯބީގެ ވާހަކަތައް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި އުފަންދުވަހުގެ ކާޑު ތައްޔާރުކުރަން ދިޔައިރު މިއީ ޝިހުނާގެވެސް އުފަންދުވަހެއްނޫންހޭ އޭނާގެ މަތިން ހަނދާނެއް ނުވޭހޭ ކިޔައި އެމީހުން ޝާހިދާ ދިމާކޮށްވެސް ހެދިއެވެ.
ޝާހިދަށް ކޮންމެވެސް އެއްޗެއް ވިސްނެންފެށިއެވެ. އަދި އަކްރަމްގެ އެކްސްޓެންޝަނަށް ފޯނަށް ގުޅާލުމަށްފަހު އެތެރެއަށް އައުމަށް އެދުނެވެ. ހަގީގަތުގައި އިރުޝާދާ ބައްދަލުކުރަންވެސް ޝާހިދު ބޭނުންވެއެވެ. އެހެންނަމަވެސް އޮފީހުގައި ޖެހުނު ފައިސާގެ މައްސަލައެއްގައި ޝާހިދުވަނީ އިރުޝާދު އޮފީހުން ވަކިކޮށްފައެވެ. އެހެންކަމުން ކޮންމެ ގޮތެއް ވިއަސް މިހާރު ބައްދަލު ކުރެވެން އޮތީ އަކްރަމާއެވެ. އަދި އެއީ އިރުޝާދުގެ އެންމެ ގާތް އަދި އޭނާގެ ހުރިހާ ހަގީގަތެއް އެނގޭ އެކުވެރިޔާވެސް މެއެވެ. އެރޭ އުފަންދުވަހުގެ ކާޑު ދީފައި ޝާހިދު ފޮނުވީވެސް އަކްރަމެވެ.
އަކްރަމް އެތެރެއަށް ވަނުމުގެ ކުރިން މޭޒުގެ އެއްފަރާތެއްގައި ހުރި މިނީފްރިޖުން ކުޑަ މިނެރަލްވޯޓާ ފުޅިއެއް ނަގައިގެން ޝާހިދު އެއިން ފެންފޮދެއް ބޯލިއެވެ. އަދި ވެގެން މިއުޅޭ ގޮތާއި މިކަން ހިނގައިގެން މިއުޅެނީ ކޮންއިރަކު ކަމާއި މިހުރިހާ ވާހަކަތަކެއް އަކްރަމަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި މިކަމުގައި އަކްރަމަށް އެނގޭ އިތުރު ހަގީގަތެއް ވޭތޯ އާއި އެރޭ ކަންތައްތައް ވީގޮތް ކިޔައިދިނުމަށް އެދުނެވެ.
އަކްރަމް ވަރަށް އަދަބުވެރިކަމާއެކު އޭނާގެ ވެރިމީހާކަމަށް ވާތީ ޖެހިލުންވެހުރެ ކަހަލަ ގޮތަކަށް ވާހަކަ ފެށިއެވެ. އެވާހަކަތައް އިވެމުން ދިޔަ ވަރަކަށް ޝާހިދުގެ ހާސްކަން އިތުރުވެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އަދި އަކްރަމްގެ ވާހަކަތައް ނިމުނުއިރު ޝާހިދުގެ ދެލޮލުން ހީވަނީ ދެންމެ ދެންމެ ކަރުނަ އޮހިގެންފާނެ ހެންނެވެ. އެފަދަ ގޮތަކަށް ކަންތައްތައް ހިނގާފައި އޮވެދާނެ ކަމަށް ޝާހިދުގެ ހިތަށްވެސް ގެނެވިފައެއް ނުވެއެވެ.
ޝާހިދުގެ ހިތަށް އެރިއެވެ. އަހަރެންގެ ކުށަކީ ކޮބައިބާއެވެ؟ އެއްވެސް ކުށެއްނެތެވެ. އިރުޝާދާ ދޭތެރޭ އޭނާ ކަންތައްތައް ކުރަނީ ވެރިއެއްގެ ގޮތަކުންނޫނެވެ. އެއަށްވުރެ މާގާތް ކޮށެވެ. އެންމެ ގާތް ރަހުމަތްތެރިއަކާވެސް ނުބާއްވާފަދަ ގާތް ގުޅުމެއް އިރުޝާދާ އަކްރަމާ ދެމީހުންނާ ދޭތެރޭ އޭނާ ބޭއްވިއެވެ. އޮފީހުގެ ހުރިހާ ބާރަކާއި ކަންތައްތައް އެދެމީހުންގެ އަތްމައްޗަށް އޭނާ ދޫކޮށްލިއެވެ. އިރުޝާދު ވަޒީފާއިން ވަކިކުރި ދުވަހުވެސް އިރުޝާދާ ދޭތެރޭ ޝާހިދު ކަންތައްކުރީ އެހެން މީހަކު ހަމަގައިމުވެސް ނުކުރާނެފަދަ ގޮތަކަށެވެ.
އަކްރަމްގެ ވާހަކައިން އެނގުނު ގޮތުގައި އިރުޝާދު އޮފީހަށް ވަނީވެސް ޝާހިދުގެ ކިބައިން ބަދަލުހިފުމުގެ ބޭނުމުގައެވެ. އެއީ މާކުރީއްސުރެ ފެށިގެންވެސް އޭނާ މަދީހާދެކެ ލޯބިވާތީއެވެ. މަދީހާ ޝާހިދާ ރައްޓެހިވެގެން އުޅޭތަން ދެކެން އިރުޝާދަށް ކެތް ނުވީއެވެ.
އަދި ޝާހިދުގެ ކުރީގެ ލޯބިވެރިޔަކީ ޝިހުނާކަމާ ޝިހުނާއާ މަދީހާގެ އުފަންދުވަހަކީ އެއް ދުވަހެއްކަން އެނގުމުން އެކަމުގެ ފައިދާ އޭނާ ނެގީއެވެ. ޝާހިދު މަދީހާއަށް ފޮނުވުމަށް ތައްޔާރުކުރި އުފަންދުވަހުގެ ކާޑު ނެގުމަށްފަހު އެސިޓީއުރައިގެ ތެރެއަށް ޝާހިދު ޝިހުނާއަށް ފޮނުވާ އުފަންދުވަހުގެ ކާޑެއްގެ ގޮތުގައި ކާޑެއް ތައްޔާރުކުރުމަށްފަހު އެސިޓީއުރައިގެ ތެރެއަށް ލީ އިރުޝާދެވެ. އަދި ޝާހިދަށް ފަހުން އެވަރު ބަލައިނުލެވުމުގެ ސަބަބުން އެކާޑު ގޮސް މަދީހާ އަތަށް އެރީއެވެ. އަކްރަމް އެކާޑު ގެންގޮސް ބުނީވެސް ޝާހިދުދިން އެއްޗެއް ކަމުގައެވެ. އެހާހިސާބުން މަދީހާ އިރުޝާދުގެ ރޭވުމުގައި ޖެހުނީއެވެ. އޭނާއަށް ގަބޫލުކުރެވުނީ މިހާރުވެސް ޝާހިދު ޝިހުނާއާ ގުޅުން ބާއްވަނީ ކަމުގައެވެ. އަދި ޝާހިދު ޝިހުނާއަށް ފޮނުވަން ތައްޔާރުކޮށްފައި އޮތް ކާޑުގައި ލިޔެފައިވާ އިބާރާތްތައް ފެނުމުން މަދީހާގެ ހިތް ފުނޑުފުނޑުވެ އުއްމީދުތައްވެސް ގެއްލިދިޔައީއެވެ. އަދި އިތުރަށް ޝާހިދާ ގުޅުން ބޭއްވުން ކީއްކުރަން ހެއްޔެވެ. ވާހަކަ ދެއްކުންވެސް އޭނާ ހުއްޓާލީއެވެ. އޭނާގެ ނަޒަރުގައި ޝާހިދަކީ މަކަރުވެރި ކެހިވެރި ބޭވަފާތެރިއެކެވެ.
މިއަދު މަދީހާއަކީ އިރުޝާދުގެ އަނބިމީހާ އެވެ. ޝާހިދަށް މިއަދުވެސް އޮތީ ޝުކުރުކޮށްލައިގެން ހުރުމެވެ. އެއްކޮޅުން އޭނާ އެންމެ ލޯބިވާ މަދީހާއެވެ. އަނެއް ކޮޅުން ދެރައެއް ދޭން ބޭނުން ނުވާ އެކުވެރި އިރުޝާދު އެވެ.